އަދުގެ ޚާއްސަ

Print

ހިތްހަމަޖެހިގެން އުޅެން ބޭނުންތަ؟ (10)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ބިންމާ އިބްރާހީމް ވަޙީދު

30 ޖުލައި(ހުކުރު) އާ ގުޅޭ....

މައްސަލަ އަކީ، އެ ގެ އަށް ދިޔުމަށްޓަކައި ނުކުތް ގޮތަށް، ޓްރެފިކުގައި އަހަރެން ތާށިވުމެވެ. އެއީ ވަންވޭ މަގެކެވެ. އަހަރެންގެ ފަހަތުގައި ޓްރެފިކު އޮތީ ކިޔުޖެހިފަ އެވެ. ފަހަތަށް ނުވަތަ ކުރި އަށް ވިޔަސް އަހަންނަށް ދެވޭކަށް ނެތެވެ. ދުވަހަކީ ނުލާހިކު ހޫނުގަދަ ދުވަހެކެވެ. އައިރުޅިން އަހަރެން، ހުއްޓާނުލައި ބަރުގޮނުއަޅަންފެށީމެވެ. ހިތަށް އައިހާ އެއްޗެއް ގޮވަންފެށީމެވެ.

މި ލިޔެވުނީ ހަޔާތުން އެއް ދުވަހު ދިމާވިހާ ކަންތައްތަކެވެ. އެ ކަންތައްތަކާ މެދުގައި ވިސްނާލަން ހިނގާށެވެ. ހެނދުނު ތެދުވީ ހަގަޑި ބައިގަ އެވެ. އެއީ ތެދުވަން އެންމެ އެކަށީގެންވާ ވަގުތު ހެއްޔެވެ؟ އެ އަށް ވުރެ ފަތިހު ތެދުވަން މަޖުބޫރެއް ނޫން ހެއްޔެވެ؟ ތެޅެމުންފޮޅެމުން އޮފީހަށް ދާން ނުކުމެގެން، ދުއްވަން ހުއްދަ ނޫން ސްޕީޑެއްގައި ސައިކަލު ނުވަތަ ކާރު ދުއްވާފައި ދިޔުމުން، ޔަގީނުން ވެސް ނުރައްކަލެއް ދިމާވުމުގެ ފުރުޞަތު ބޮޑުވާނެ އެވެ. އޭގެ ބަދަލުގައި، ފަތިހުގެ ހިމޭންކަމުން ހިތަށާއި ސިކުނޑި އަށް ތާޒާކަމާއި އަރާމު ހޯދައިގެން މަގުމައްޗަށް ނުކުތުން މާ ބުއްދިވެރި އެވެ. ފިނިފެންމަލުގެ ހިތެއްގެ ވާހަކަ ކުރިން ދެކެވި ނިމިއްޖެ އެވެ. އެ ކަން ތަޖުރިބާކޮށްލުން ކިހިނެތްވާނެބާ އެވެ؟ އަނބިދަރިން ނިދާފައި ތިއްބައި ޑިއުޓީ އަށް ނުކުތުމުގެ ބަދަލުގައި، އެ މީހުންނާ އެކުގައި ހެނދުނުގެ ނާސްތާއެއް ކޮށްލައިގެން ދިޔުން މާ ރަނގަޅުވާނެ އެވެ. ހަމައެކަނި ކޮފީތައްޓެއް ބޯލުން ވިޔަސް ވެހެވެ. ވަޒީފާގައި ބުރަކޮށް އުޅޭ މީހުންނަކީ، ޢާއިލާއާ އެކުގައި ހޭދަކުރަން ލިބޭ ވަގުތު ނޯންނަ ނުވަތަ މަދު މީހުންނެވެ. އެކަމަކު، ހެނދުނު އެންމެން އެކުގައި ނާސްތާކޮށްލުމުން، ދުވަހުގެ ފެށުން މާ ހަރުދަނާވާނެ އެވެ.

އެއްވެސް އިރެއްގައި، ޒަމާނަކީ، އެކަކުގެ ވެސް ދުޝްމަނެއް ނޫނެވެ. ދުނިޔެ އަކީ، އެކަކަށް ވެސް ކެހިވެރި ތަނެއް ނޫނެވެ. "ކެހިވެރި" އަދި "ދުޝްމަން" ފަދަ ބަސްބަހަކީ، އިންސާނުންނަށް ނިސްބަތްވާ އެއްޗެކެވެ. އިންސާނުން އުފައްދާފައިވާ، އިންސާނުންގެ ހަތިޔާރުތަކެވެ. ދުނިޔެ ބަދަލެއް ނުވާނެ އެވެ. ބަދަލުވާނީ މުޖުތަމަޢު އެވެ. އިންސާނުންނެވެ. ތިމާ ބަދަލުނުވާހާ ހިނދަކު، ތިމާގެ ހާލަތެއް ބަދަލެއް ނުވާނެ އެވެ. އެއީ ރަނގަޅުން ގޯހަށް ކަމުގައި ވިޔަސް ނުވަތަ ގޯހުން ރަނގަޅަށް ކަމުގައި ވިޔަސް ވެހެވެ. ތިމާގެ ހަޔާތް ބާއްޖަވެރިކުރުމުގެ ލަގަން އޮންނާނީ ހަމަ ތިމާގެ އަތުގަ އެވެ. ބިނާކުރަނިވި، ހަރުދަނާ، ބުއްދީގެ އަހުލުވެރިއަކަށް ތިމާ ހެދުމުގެ ކުޅަދާނަކަން ތިމާގެ ކިބައިގައި ހުންނާނެ އެވެ. ދެރަކަމެއް މެދުވެރިވާއިރަށް "އެއީ އެ ކަން ހަމަޖެހިފައިވާ ގޮތޭ" ބުނެލާފައި، މޮޅު ކަމެއް މެދުވެރިވާއިރަށް "އެއީ ތިމާ ކުރި މަސައްކަތުގެ ނަތީޖާއޭ" ބުނުމަކީ، ހިނިއައިސްގެން ބަނޑުގައި އަތްއަޅަންޖެހޭ ވަރުގެ ޖޯކަކަށް ނޫނީ ނުވާނެ އެވެ.

އޮފީހަށް ދިޔައިރު ތިމާއާ ބައްދަލުކުރަން އައިސް އިން މީހާ ޝަކުވާކުރުމުން ތިމާ ބަހަނާ ދެއްކުމުގެ ބޭނުމެއް ނެތެވެ. ދެން ފަހަރަކުން، އެ މީހާގެ ޝަކުވާތައް އަޑުއަހާފައި، މައާފަށް އެދުމުގެ އާދައެއް ހަރުލައްވާށެވެ. ފަރުވާކުޑަކުރީ ތިމާ އެވެ. ގަޑި އަށް އޮފީހަށް އައި މީހާއެއް ނޫނެވެ. ހަމަ އެ ގޮތަށް، ވެރިޔާގެ ސެކްރެޓަރީއާ އަރާރުން ވުމުގެ އެއްވެސް ޙައްޤެއް ތިމާއަކަށް ނެތެވެ. އަދި، މަގުމަތީގައި ޓްރެފިކު ގިނަވެ، އެއްވެސް ކޮޅަކަށް ތިމާ އަށް ނުދެވުމުން ބަރުގޮނުއެޅީމައި، އެހެން މީހުންގެ ކަންފަތަށް ވާނެ އުނދަގޫ އިހުސާސްކޮށް، އެ ނުބައި އާދަ ޖެހޭނީ ވަގުތުން ހުއްޓާލާށެވެ. ރުޅިއައިސްގެން ތިމާ ހަޅޭއްލެވުމުން އަޑުއިވޭނީ، ތިމާގެ ކުރި އަށް އިން މީހާއަށެވެ. އެހެންނަމަވެސް، މައްސަލައިގެ އަސްލަކީ އޭނައެއް ނޫނެވެ. ހަޅޭއްލެވުމުން ތިމާގެ ކަރުން ހަމެއްދިޔުމާއެކު، އެ މަންޒަރު ފެންނަ މީހުންގެ ކުރިމަތީގައި ތިމާގެ އަގުވެއްޓުން ނޫން އެހެން ކަމެއް ނުވާނެ އެވެ. އަމިއްލަ ނަފުސް ދެނެގަތުމޭ މި ބުނަނީ، އެ ފަދަ ކަންކަމަށެވެ. ތިމާ އަށް ކުރެވޭ ނުރަނގަޅު ކަންތައްތައް ދަނެގަނެ، އެ ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށެވެ.

ތިމާ އަށް ކުރެވޭ ކަންތައްތައް ދަނެގަނެ، ތިމާ ދުވަސް ވެއަތުކުރާގޮތާ މެދު ވިސްނާ، ތިމާގެ ބުއްދި އަށް އަރާފައިބާ ކަންކަން އިޞްލާޙުކުރުމުން، ތިމާގެ އަމިއްލަ ނަފުސް ހަރުދަނާކުރެވޭނެ އެވެ. މާދަމާ އަރާސްތު ކުރެވޭނެ ހަމަ އެކަނި ގޮތަކީ، މިއަދު ތިމާ އަށް ގޯސްކޮށް ކުރެވުނު ކަންތައްތައް އެނގުމެވެ. އެ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ތިމާ އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމެވެ. ގޯސްކޮށް ކަމެއް ކުރެވުމަކީ މައްސަލައެއް ނޫނެވެ. ހަޔާތަކީ ސިޑިއެއް ނަމަ، ގޯސްކޮށް ކަންކަން ކުރެވުމަކީ، އެ ސިޑީގެ އެއް ހަރުފަތެވެ. އެ ހަރުފަތަށް އަރައިގެން ނޫނީ، އޭގެ މައްޗަށް ހުރި ހަރުފަތަކަށް ނޭރޭނެ އެވެ. އުފަލުގައި އުޅެވޭނީ، ތިމާ ނިންމާ ނިންމުންތައް ރަނގަޅު ވެގެންނެވެ. ނިންމުންތައް ރަނގަޅު ކުރެވޭނީ ތަޖުރިބާ ލިބިގެންނެވެ. ތަޖުރިބާ ލިބޭނީ، ގޯސްކޮށް ވެސް ކަންކަން ކުރެވިގެންނެވެ. ވިސްނާލަންވީ ހަމައެކަނި ނުކުތާ އަކީ، ތަކުރާރުކޮށް، އެއްވެސް ކަމެއް ގޯސްކޮށް ނުކުރެވުމެވެ. އެ ގޮތަށް ކުރެވޭ ނަމަ، އޭގެ މާނަ އަކީ، ބުއްދީގެ ބޭނުން ކުރެވޭލެއް ކުޑަ ކަމެވެ. އިންސާނުންނާއި ޖަނަވާރުންގެ، އެންމެ މުހިންމު އިންފާހަގަ އަކީ ވެސް ބުއްދި އެވެ.

6. ފަތިހު ތެދުވުން

ރަނގަޅު ފެށުމަކުން ދުވަސް ފަށައިގަތުމަށްޓަކައި، އިރަށް ވުރެ ކުރިން ތިމާ ހޭލަންވާނެ އެވެ. ތިމާ އަށް ބޭނުންވާ ވަރަށް ވުރެ މާ ގިނަ ވަގުތު، ގިނަ މީހުން ނިދައެވެ. އެވްރެޖު ގޮތެއްގައި ނިދި ބޭނުންވަނީ 6 ގަޑިއިރު އެވެ. އެ ވަރަށް ނިދައިގެން ތިމާ އަށް ލިބޭނެ އެއްވެސް ދެރައެއް ނުވަތަ އުނިކަމެއް ނެތެވެ. ނިންޖަކީ، އެހެން ވެސް އާދަތައް ފަދައިން، ތިމާ ބޭނުން ގޮތަކަށް ބައްޓަން ކުރެވިދާނެ އާދައެކެވެ. މަދުން ނިދަން ބޭނުން ވިޔަސް ނުވަތަ ގިނައިން ނިދަން ބޭނުން ވިޔަސް، އެ ގޮތަކަށް ހަށިގަނޑު ހޭނުވޭނެ އެވެ.

އަވަހަށް ނިދާހޭލައިފި ނަމަ، ރޯނާވާނެޔޭ ނުވަތަ ކަންކަމަށް ޝައުގުވެރިކަން ދެވޭލެއް ކުޑަވާނެޔޭ ހީވެދާނެ އެވެ. އާނއެކެވެ. ގިނައިން ނިދާ މީހެއްގެ ނިދި މަދުކުރަން މަސައްކަތް ފަށައިފި ނަމަ، ފުރަތަމަ ދުވަސްވަރު ވަރުބަލިވާނެ އެވެ. މިސާލަކަށް، ބައްޔަކުން ސަލާމަތްވުމަށްޓަކައި، އިންޖެކުޝަން ޖަހާ ވަގުތު ތަދުވާނެ އެވެ. އެ ތަދަކީ، ފަހުން ލިބޭނެ ހިތްހަމަޖެހުމަށްޓަކައި ތިމާ ވާންޖެހޭ ޤުރުބާނީއެކެވެ. އަލަށް އާދައެއް ތިމާ ހަރުލައްވަން މަސައްކަތްކުރާއިރު، ކުޑަކޮށް އުނދަގޫވާނެ އެވެ. އެއީ ތަބީޢީ ކަމެކެވެ. އަލަށް ފައިވާނަކަށް ނުވަތަ ބޫޓަކަށް އަރާއިރު ވެސް، ފައިތިލައިގެ ބައެއް ތަންތަނުގައި ރިހުމެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު، ވަރަށް އަވަހަށް ފައިތިލަ ހޭނޭނެ އެވެ. ކުރިން ބުނެފައިވާނެ ފަދައިން، ތަދަކީ ވެސް، ބައެއް ފަހަރު، އަޖައިބެއްހާ މޮޅު މުދައްރިސެކެވެ. ތިމާގެ ހިތްވަރަށް ދެވޭ ފަރުވާއެކެވެ. އެ ކަމަށް ބިރުނުގަންނާށެވެ. ރަތް ދޫލައަކުން މަރުޙަބާ ކިޔާށެވެ.

އިތުރަށް ވިސްނަންވީ ބައެއް ނުކުތާތައް ބުނެދޭނަމެވެ. މުހިންމީ ނިދީގެ މިންވަރެއް ނޫނެވެ. ނިދީގެ ފެންވަރެވެ. ރަނގަޅަށް ހަމަނުޖެހި ނިދާ 9 ގަޑިއިރަށް ވުރެ، ހަމަޖެހިލައިގެން ނިދާ 6 ގަޑިއިރުގެ ފައިދާ ބޮޑުވާނެ އެވެ. ނިދީގެ ބޭނުމަކީ ހަށިގަނޑަށް އަރާމުދިނުމެވެ. އިރުއިރުކޮޅާ ހޭލެވިފައި ނިދުމުން އެ އަރާމުން ތިމާ މަޙްރޫމުވާނެ އެވެ. މިސާލަކަށް، ރޭގަނޑު 8 ޖެހުމުގެ ކުރިން ކެއުމަށް އާދަކުރާށެވެ. ކެއުމާއި ނިދީގެ ދޭތެރެ އަވަސްވުމަކީ، އެއިން ނިންޖަށް ނުބައި އަސަރުކުރާނެ ކަމެކެވެ. އަދި، ނިދަން އޮށޯތުމުގެ ކުރިން، އެންމެ ފަހަށް ކުރާ ކަމަކީ، މަޑުމައިތިރި މިޔުޒިކެއް އަޑުއަހާލުން ކަމުގައި ހަދާށެވެ. އޮށޯތުމަށްފަހު، ނިދުމުގެ ކުރިން، ތިމާ އަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުކޮށް، ތިމާ ހެއްދެވި ފަރާތް ހަދުމަކޮށް، ރަޙުމަތަށް އެދި ދުޢާ ކުރާށެވެ.

ނިދުމުގެ 10 މިނެޓު ކުރި އާއި، ނިދާހޭލުމަށްފަހު 10 މިނެޓު ވަންދެން ވަރަށް ބޮޑަށް ސަމާލުވާންވާނެ އެވެ. އެ ވަގުތުކޮޅަކީ، ސިކުނޑި އަށް ވަރަށް ބޮޑު ނުފޫޒެއް ފޯރާ ވަގުތުކޮޅެކެވެ. އެ ވަގުތުކޮޅު ސިކުނޑި އަށް ވެރިވާންޖެހޭނީ، ރަނގަޅު އަދި ހިތްހަމަޖެހޭ ކަހަލަ ފިކުރުތަކެވެ. ސިކުނޑި އަކީ ކޮންޕިއުޓަރެއް ކަމުގައި ވިސްނާށެވެ. ކުރުކޮށް ބުނާ ނަމަ، ސިކުނޑިން ނުކުންނާނީ ސިކުނޑި އަށް ވެއްދި އެއްޗެކެވެ. ތިމާގެ ސިކުނޑި ޕްރޮގްރާމް ކުރަނީ ތިމާ އެވެ. ސިކުނޑި އަށް ވަންނަ ފިކުރުތަކުން ތިމާ ފީހޮވާ ނަމަ، ސިކުނޑިން ބޭރަށް ނުކުންނާނީ ވެސް ތާޒާ ފިކުރުތަކެވެ. ވުމާއެކު، ނިދުމުގެ ކުރިން، ހަލަބޮލިވެފައިވާ މުޖުތަމަޢުގެ ޚަބަރު ބަލަން އާދަނުކުރާށެވެ. އެއްވެސް މީހަކާ ދެބަސްވެ، ޒުވާބުނުކުރާށެވެ. ތިމާ އަށް ކުރެވިފައިވާ ގޯސް ކަންތައްތަކާއި، ހިތްދަތި ތަޖުރިބާތަކުގެ މަތިން ވެސް، އެ ވަގުތު ހަނދާންކޮށްގެން، އެ ކަމާ ނުވިސްނާށެވެ. ހަމަޖެހިލާށެވެ. ފެހި ސައިފަތުގެ ސައިތައްޓެއް ބޯލުމަކީ ވެސް ރަނގަޅު ކަމެކެވެ. އަދި ނިދީގެ ފުންކަނޑުގައި ދަތުރު ފެށުމަށް ތައްޔާރުވެލާށެވެ. ނިދީގެ ފެންވަރު ރަނގަޅުވާ ވަރަކަށް ނިދި ބޭނުުންވާ މިންވަރު ވެސް މަދުވާނެ އެވެ. ވިދިވިދިގެން 21 ދުވަހު ކަމެއް ފަރިތަކޮށްފިއްޔާ އެ އާދަ ހަރުލާނެ އެވެ. މާނަ އަކީ، އުނދަގޫހެން ހީވިޔަސް، ތިން ހަފުތާ ވަންދެން، ފަތިހު ތެދުވަން އާދަކުރެވޭތޯ މަސައްކަތް ކުރާށެވެ. އޭރުން ފަތިހު ފަސްގަޑި ބައިގަ ހޭލުމަކީ ދަތިކަމަކަށް ނުވާނެ އެވެ. އަދި 5 ޖަހާއިރު ހޭލުމަކީ ވެސް އުނދަގޫ ކަމަކަށް ނުވާނެ އެވެ. ހިތަށްއަރާފާނެ އެވެ. ފަތިހު ފަހެއް ޖަހާއިރު ހޭލާފައި ކުރާނީ ކޮން ކަމެއް ހެއްޔެވެ؟

ފަތިހު ތެދުވުމަށްފަހު ފުރަތަމަ ކަމަކަށް ވާންޖެހޭނީ ތިމާ އަށް ވާޖިބުވެފައިވާ ކަންތައް ކުރުމެވެ. ކުރިން ވެސް ބުނެފައިވާނެ ފަދައިން، ކޮންމެ ދުވަހެއްގައި ވެސް އާންމުކޮށް ކުރާ ކަންތައްތައް ކުރުމުގައި، އިސްކަންދޭނެ ތަރުތީބެއް ރޭވެންޖެހޭނެ އެވެ. އެންމެ ކުރި އަށް އޮންނަންވާނީ އެންމެ މުހިންމު ކަންތަކެވެ. އެ އަށް ފަހު، އެ ދުވަހަކީ، ތިމާ އާއި ތިމާގެ ޢާއިލާ އަށް ބާއްޖަވެރި ދުވަހަކަށް ވުމަށް އެދި ދުޢާ ކުރުމަކީ އެންމެ ރަނގަޅު ފެށުމެވެ. ވީއިރު، އެންމެ ރަނގަޅު ފެށުމުން ފަށަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ހަނދާންބަހައްޓައްޗެވެ. ނިދާހޭލުމަށްފަހު ފުރަތަމަ 10 މިނެޓު ތެރޭގައި ކުރާ ނުވަތަ ވިސްނާ ކަންތަކުން، ސިކުނޑި އަށް ވަރަށް ބޮޑު ނުފޫޒެއް ފޯރާނެ އެވެ. ފަތިހު ހޭލާގޮތަށް ފުރަތަމަ ކުރަން ވަކި ކަމެއް ވާޖިބުވެފައި އޮންނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ވަގުތުކޮޅު ފިކުރު ހިންގަންވާނީ، ހަރުދަނާ އަދި ބިނާކުރަނިވި ކަންކަމާ މެދުގަ އެވެ. ތިމާ އަށް ލިބިފައިވާ މިންވަރަށް ޝުކުރު ކުރުމަކީ، ނިހާޔަތަށް މުހިންމު ކަމެކެވެ. ހަމަހިމޭން މިޔުޒިކެއް ނުވަތަ ޢިބުރަތުން ފުރިފައިވާ، ފުރިހަމަ މަދަޙައެއް އަޑުއަހާލާށެވެ. ވެގެންވަންޏާ، އިރުއަރާ މަންޒަރު ބަލާށެވެ. ޖައްވަށް ވެރިވެފައިވާ ހިތްގައިމު ކުލަތަކާއި، ކުޅަދުންވަންތަކަމާ މެދުގައި ވިސްނާށެވެ. އިރުގެ ފުރަތަމަ ދޯދިތައް ގައިގަ ބީހުނަދޭށެވެ. ގާތުގައި މީހަކު ވާ ނަމަ، އުފާވާ ކަހަލަ ވާހަކަތަކުން ހިތްހަމަޖެހުން ހޯދާށެވެ. ހިނިތުންވާށެވެ. އުމުރުން 4 އަހަރުގެ ކުދިން، އެވްރެޖުކޮށް، ދުވާލަކު 300 ފަހަރު ހިނިތުންވެއެވެ. އެކަމަކު، އަހަރުމެންގެ މުޖުތަމަޢުގައި، ބޮޑެތި މީހުން، އެވްރެޖުކޮށް، ދުވާލަކު 15 ފަހަރު ވެސް ހިނިތުމެއް ނުވެވެއެވެ. ހިނިތުންވުމަކީ ފަރުވާއެކެވެ. މި ބުނަނީ، އަޑުވީއްލައި ހޭށެކޭ ނޫނެވެ. އެ ކަން ހަނދާންބަހައްޓައްޗެވެ. ހިނިތުން ނުވެވޭ ފަދަ ހާލަތެއް ތިމާ އަށް ދިމާވެފައިވާ ނަމަވެސް، އުފަލުގައި އުޅެން ބޭނުން ނަމަ، ލޯގަނޑެއް ކައިރިީގައި ހުއްޓިގެން ހުރެ، ދެތިން މިނެޓު ވަންދެން ހިނިތުންވެވޭތޯ ބަލާށެވެ. އިންސާނުން ހިނިތުންވަނީ އުފާވީމައެއް ނޫނެވެ. އެކަމަކު، އިންސާނުން އުފާވަނީ ހިނިތުންވީމަ އެވެ. އެހެންކަމުން، އުފާކުރާށެވެ. ހިނިތުންވާށެވެ. ޝުކުރު ކުރާށެވެ. އޭރުން އުފަލުގައި އުޅެވޭނެ އެވެ.
 
ފަތިހު ހޭލުމަށްފަހު، ކޮންމެހެން ކުރަން ވާޖިބު ކަންތައް ކުރުމަށްފަހު، ހަމަ އެ ފިޔަވަޅުމަތީގައި ހުރެފައި، މި ސުވާލު އަމިއްލަ ހިތާ ކުރާށެވެ. "މިއަދަކީ އަހަރެންގެ އެންމެ ފަހު ދުވަސް ކަމުގައިވާ ނަމަ، މިއަދު އަހަރެން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟" އެ އަށްފަހު، ކުރާނެ ކަންތައް ރާވައި، ތަރުތީބުކުރާށެވެ. ބައްދަލުކުރާނެ މީހުންގެ ނަންތައް ވެސް ވިސްނައި ތަރުތީބުކުރާށެވެ. ރޭވި ކަންތައް ތިމާ ކުރާ ތަނާއި، ބައްދަލުކުރަން ނިންމި މީހުންނާ ބައްދަލުކުރާތަން ތަސައްވުރު ކުރާށެވެ. މި އަދަކީ ތިމާގެ އެންމެ ފަހު ދުވަސް ކަމުގައިވާ ނަމަ، ތިމާއާ ބައްދަލުވާ ބީރައްޓެހިން ނުވަތަ ނުދަންނަ މީހުންނާ ބައްދަލުކުރާނީ ކިހިނެތް، ކޮން ގޮތަކަށް ކަން ވެސް ޚިޔާލަށް ގެންނާށެވެ. މިއަދަކީ، ދިރިއުޅުމަށް ތިމާ އަށް ލިބިފައިވާ އެންމެ ފަހު ދުވަސް ކަމުގައި ދެކިގެން އުޅޭ މީހަކު، ބޭކާރު ކަންތަކެއް ނުކުރާނެ އެވެ. ކޮންމެ ސިކުންތެއް، ކޮންމެ މިނެއްޓަކީ ވެސް ކިހާ އަގުހުރި އެއްޗެއްކަން އޭނަ އަށް އެނގޭނެ އެވެ.

7. ރީތި ރާގު އަޑުއެހުން

ކޮވެއްޔާއި ހާލަކީ ވަކި ރާގަކަށް ގޮވާ ދޫންޏެކެވެ. ރާޅުޖެހުމުގައި ވެސް ވަކި ކަހަލަ ރާގެއް އެކުލެވިފައިވާނެ އެވެ. ވައިރޯޅި ފަތްތަކުގައި ބީހުމުން ވެސް ރާގެއް ފާޅުވެއެވެ. ފެންގަނޑަށް ފެންތިއްކެއް ޖަހާ އަޑާއި، ވާރޭވެހޭ އަޑަކީ ވެސް ވަރަށް ހިތްގައިމު ރާގެކެވެ. އެ ފަދަ އަޑުތަކުގެ އެކުވެރިއަކަށް ތިމާ ވާށެވެ. ހީވެސް ނުކުރާ ކަހަލަ ހިތްހަމަޖެހުމެއް ލިބޭނެ އެވެ. ސިކުނޑި ތާޒާކޮށްދޭނެ އެވެ.

8. ތަސްބީހަ ކިޔަން ލޯބިކުރުން

އެއް ކަމެއް ތަކުރާރުކޮށް، މަޑުމަޑުން ކިޔުމަކީ ވަރަށް ފައިދާ ބޮޑު ކަމެކެވެ. ހެނދުނާއި، މެންދުރާއި، ރޭގަނޑު ވެސް ތަސްބީހަ ކިޔާށެވެ. އަރަބި ބަހުންނެވެ. ދިވެހިބަހުންނެވެ. އޭގެ ސަބަބުން، އުފާވެރިކަން ލިބި، މުރާލިވެ އަދި ކަންކަމަށް ސަމާލުކަންދީ، ޝައުގުވެރިވާން ފަސޭހަވެ އެވެ. ތަކުރާރުކޮށް، އެއްގޮތަށް ކިތައް ކަންތައް ތިމާ ކުރަން ހެއްޔެވެ؟ ވިސްނާލާށެވެ. ހިނގުން، އެސްފިޔަޖެހުން، ނޭވާލުންފަދަ ކަންކަމަކީ، ނުވެސް އެނގި ތިމާ އަށް ކުރެވޭ ކަންތަކެވެ. އެ ކަންކަމާއި ތަސްބީހައިގެ ހުރި ތަފާތަކީ، ތަސްބީހަ އަށް، މާނަ ދޭހަވާ ބަސްތަކެއް ލިބިފައިވާ ކަމެވެ. އެކަމަކު، ތަސްބީހަ ކިޔުމުގެ ފައިދާ އާއި މުހިންމުކަން ކުޑައެއް ނުވާނެ އެވެ. ތަސްބީހަ ކިޔުމަކީ ތިމާގެ އެކުވެރިއަކަށް ހަދާށެވެ. ތަނަކަށް ދާ މަގުމަތީގައި، ދަތުރުމަތީގައި، ހުއްޓި ހުންނައިރު ވެސް ތަސްބީހަ ކިޔާށެވެ. ތިމާ ދިރިއުޅޭ މުޖުތަމަޢުގައި، ތިމާ ވާން ބޭނުންވަނީ ކޮން ކަހަލަ މީހަކަށް ހެއްޔެވެ؟ ހަރުދަނާ މީހަކަށް ހެއްޔެވެ؟ އިތުބާރުކުރާ މީހަކަށް ހެއްޔެވެ؟ ނުވަތަ ކެރޭ މީހަކަށް ހެއްޔެވެ؟ އެ ކަމަށް މަގުފަހިވާ ގޮތަށް ތަސްބީހައިގެ ބަސްތައް އަތުރާށެވެ. އެ އަށް ފަހު، މަޑުމަޑުން އެކަމަކު ގިނަގިނައިން ކިޔާށެވެ. އޭރުން ތިމާގެ ވިސްނުން އެ ގޮތަށް ބަދަލުވާނެ އެވެ. އެހެންކަމުން، އެ މިޒާޖު ތިމާގެ ކިބައިގައި ހަރުލާނެ އެވެ. ތިމާގެ ބޭރުފުށް ބަދަލުވާނީ އެތެރެފުށް ބަދަލުވެގެންނެވެ. ބަދަލެއް އަބަދު ވެސް އަންނަންވާނީ އެތެރެއިން ބޭރަށެވެ. ބޭރުން އެތެރެއަކަށް ނޫނެވެ. މައިންބަފައިން ބުނީތީ އެވެނި ކަމެއް ކުރުމަކުން، ތިމާ އެ ކަމަށް ޝައުގުވެރި ނުވެދާނެ އެވެ. ޝައުގުވެރިކަން އުފެދޭނީ ތިމާ އެ ކަމަކަށް ބޭނުންވެގެން ކުރީމަ އެވެ.

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ