އަދުގެ ޚާއްސަ

Print

ކުޅަދުންވަންތަކަން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

1982 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހެވެ. އަޅުގަނޑު ހުރީ އެފްރިކާގެ ފަރުބަދަ މަތީ ރަށެއްގައި، ގަހެއްގެ ހިޔަލުގައެވެ. މި ގަހަކީ އަޅުގަނޑަށް މުޅިން އާ ގަހެކެވެ. މީގެ ކުރިން އަޅުގަނޑު ދުވަހަކުވެސް މި ކަހަލަ ގަހެއް ނުދެކެމެވެ.

މި ގަހަކީ ކަލާނގެ ވޮޑިގެންވާ ކަމުގެ ފުރިހަމަ ނަމޫނާ އެކެވެ. ގަހުގެ ހުރިހާ އެއްޗެއް އަޅުގަނޑަށް ވީ ޢަޖައިބުވާ ކަހަލަ އެއްޗަކަށެވެ. ގަހުގެ ނާޒުކު މަލާއި، މީރު މޭވާއާއި، ފުރިހަމަ ޑިޒައިނަކަށް ހެއްދެވިފައިވާ ފަތްތައް ފެނުނީމާ ހިތަށް ވަންނަނީ މުޅިން ތަފާތު ޚިޔާލެކެވެ. އެ ތަކެތި އަންގައިދެނީ އެއީ އަމިއްލައަށް އުފެދި، ހެދި ބޮޑުވެފައިވާ ގަހެއް ނޫން ކަމެވެ. ކޮންމެވެސް ފަރާތެއްގެ ބާރާއެކީ ހެދިފައިވާ ގަހެއް ކަމެވެ. މި ދުނިޔޭގައި ލައްވާފައިވާ ހުރިހައި ގަހަކުންވެސް އަންގައިދެނީ ހަމަ މި ވާހަކައެވެ. އެއީ ކަލާނގެ ކުޅަދުންވަންތަކަމުގެ ނަމޫނާ ތަކެއް ކަމެވެ. ކުރިންވެސް ދެންނެވި ފަދައިން މިގަހަކީ އަޅުގަނޑަށް މުޅިން އާ ގަހެކެވެ. އެހެންވީމާ އަޅުގަނޑަށް ޢަޖާއިބަކަށް ވީއެވެ.
އެފްރިކާގެ ޢަޖާއިބު ވަނިވި، އަދި ރީތި ގަސް ފެނުމުން އަޅުގަނޑުގެ ދުލުން ބޭ އިޚްތިޔާރުގައި ނުކުތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ މި ދުނިޔޭގައި ލައްވާފައިވާ ކޮންމެ އެއްޗެއް ހައްދަވާފައި އެ އެއްޗެއްގައި ލިޔުއްވަނީ މި ފަދައިންނެވެ. "މިއީ ﷲ ހައްދަވާފައިވާ އެއްޗެކެވެ."
Made by God.

އެހެންނަމަވެސް މި ޢިބާރާތްވަނީ އިންސާނުންގެ ލޯ މައްޗަށް ނުފެންނަ ގޮތް ހައްދަވައިފައެވެ. އެއީ ހައްދަވައިފައިވާ ތަކެތި ފެނުނީމާ، މީހެއްގެ ބުނުމަކާ ނުލައި މީސްތަކުންނަށް އެ ތަކެތި ހެއްދެވި ފަރާތް އެނގޭނޭ ގޮތް ހައްދަވަން ވެގެންނެވެ.

މެޝިނުގެ މާހިރަކަށް މެޝިނެއް ފެނުމާއެކު އެއީ ކޮން ޤައުމެއްގައި އުފެއްދި އެއްޗެއްކަން ދަނެގަނެއެވެ. އެއީ ރޫސީވިލާތުގައި ނުވަތަ އެމެރިކާގައި ނުވަތަ އިނގިރޭސި ވިލާތުގައި ނުވަތަ ޖަޕާނުގައި ހަދާފައިވާ މެޝިނެކޭ ބުނާކަށް ޖެހިލުމެއް ނުވެއެވެ. ކާއިނާތުގެ ހުރިހާ ތަކެއްޗެއްގެ ޙާލުވެސް ހުރީ މިފަދަ ގޮތަކަށެވެ. އަޅުގަނޑުމެން މި އުޅެނީ ޤުދުރަތީ "މެޝިން" ތަކުން ފުރިފައިވާ ދުނިޔެ އެއްގައެވެ. މި ހުރިހާ މެޝިނެއް ބަރާބަރަށް މަސައްކަތް ކުރަމުން ދެއެވެ. އެކަމަކު އެއިން އެއްވެސް މެޝިނެއްގައި ހެއްދެވި ފަރާތުގެ ސިއްކަ ޖަހާފައެއް ނުހުރެއެވެ. މަސައްކަތް ކުރާލެއް ފުރިހަމަ ކަމުންނާއި، ޑިޒައިންގެ ރީތި ކަމުން އެއީ ކޮން ފަރާތެއްގެ އީޖާދެއްކަން އަޅުގަނޑުމެންނަށް އެނގެނީއެވެ. މަޚުލޫޤުންނަށް ޚާލިޤު ފަހުމްވާ ގޮތް ވަނީއެވެ.

ކާއިނާތުގެ އެއްވެސް އެއްޗެއްގައި ހެއްދެވި ފަރާތުގެ ނަމެއް ފާޅުވާހެން ލިޔެވިފައެއް ނޯވެއެވެ. އެހެންނަމަވެސް މަޢުނަވީ ގޮތަކަށް ލިޔެވިފައި އޮވެއެވެ. ބަލާ މީހަކު ފުންކޮށް ވިސްނައިފި ނަމަ މި "ޢިބާރާތް" ރަނގަޅަށް އެނގޭނެއެވެ. "މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އުފެއްދެވުމެކެވެ. އެހެން އެއްވެސް ފަރާތަކަށް މި އުފެއްދުމުގެ ކުޅަދާނަކަން ލިބިފައެއް ނެތެވެ."

(ނިމުނީ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ