ކިބުރުވެރި ހައިވަކަރު ގަސް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ގަސްގަހާގެހީގެ ބުސްތާނެއްގައި، ހައިވަކަރު ގަހެއް ހެދިބޮޑުވަމުން ދިޔަ އެވެ. އެ ގަހުގެ ވަށައިގެން، ހެދިފޯދިފައިވާ ގަސްތަކާއި ހެދެމުންދާ ގަސްތައްވި އެވެ.
ހައިވަކަރު ގަސް ހެދިބޮޑުވެ، ފުރާފުރިހަމަވުމުން، ވަށައިގެންވާ އެހެން ގަސްތަކަށް ކަޅިއަޅާލި އެވެ. ހައިވަކަރު ގަހަށް ފެނުނީ އެހެން ގަސްތަކަށްވުރެ، އެ ގަސް މާ މޮޅުކަމަށެވެ. ދެން ނުހަނު ކިބުރުވެރިކަމާއެކު ބުންޏެވެ.
"މިހިރަ ވައްތީނި ގަހާ ހެދި މަށަށް އެބަ އުނދަގޫވެ އެވެ. މިގަސް އުފުރާލާށެވެ!"
ދެން އެ ގަސް އުފުރާލެވުނެވެ.
އެޔަށްފަހު އެހެން ދުވަހަކު، ހައިވަކަރު ގަސް، އެހެން ގަސްތަކަށް ބަލާފައި ބުންޏެވެ.
"މީންދަ ރުކުން ފައިބާ ކުނިބުނިން މަށަށް އެބަ އުނދަގޫވެ އެވެ. މި ރުއް ކަނޑާލާށެވެ!"
ދެން އެ ރުއް ކަނޑާފައި އެއްލާލެވުނެވެ.
ދެން އެހެން ދުވަހަކު، ހައިވަކަރު ގަސް، ބުސްތާން ތެރަށް ނަޒަރު ހިންގާލާފައި ބުންޏެވެ.
"އޭންދަ އާފަލު ގަހުގެ ހިޔަލާ ހެދި މަށަށް އަތްވެއް ނުލިބެ އެވެ. އެގަސް މަރާލާށެވެ!"
ދެން އެގަސް މަރާލެވުނެވެ.
ކިބުރުވެރި، ރުންކުރުން، ހައިވަކަރު ގަސް، ގަހަކަށްފަހު ގަހެއް އުފުރައި، ކަނޑައި، މެރުމަށް އަމުރުކުރަމުން ގެންދިޔަ އެވެ. އެގޮތުގައި ދުވަސްތަކެއް ފާއިތުވެދިޔަ އިރު، ބުސްތާނުގައި ހުރީ ހަމައެކަނި ހައިވަކަރު ގަސް ކަމުގައި ވެއްޖެ އެވެ. އެކަމަށްޓަކައި އެ ގަސް ނުހަނު ކިބުރުވެރިކަމާއެކު ދުވަސްތައް ގުނަމުން ގެންދިޔަ އެވެ.
ނަމަވެސް ދާދިއަވަހަށް މޫސުމް ބަދަލުވެއްޖެ އެވެ. ބާރުވަޔާއެކު ކޮޅިގަނޑުތައް އަންނަން ފަށައިފި އެވެ. ދުވަހެއް ދުވަހަކަށްވުރެ ދިޔައީ ވައި ބާރުވަމުންނެވެ. އެއްދުވަހަކު ވަރަށް ބާރަށް ވައިޖެހެން ފަށައިފި އެވެ. ވަށައިގެން ހެދި ފޯދެމުން ދިޔަ އެހެން ގަސްތައް ނެއްތައިލެވުނު ކަމީ، މޮޅުކަމެއް ނޫންކަން އެދުވަހު ހައިވަކަރު ގަހަށް ވިސްނުނެވެ.
ބާރުގަދަ ވައިރޯޅިތައް އައިސް ހައިވަކަރު ގަހުގައި ހިފައި، އެގަސް އަތްއަތަށް ހަލުވާލި އެވެ. އަދި އެސާހިތަކު މުލުން ލުހެލާފައި އެގަސް ބިންމައްޗަށް ވައްޓާލި އެވެ. އެހެން ގަސްތައް ބުސްތާނުގައި ހެދި ފޯދުމަށް ފުރުޞަތު ނުދެވުނީތީ ހައިވަކަރު ގަސް އެދުވަހު ހިތާމަކުރި އެވެ. ނަމަވެސް އެދުވަހު ހިތާމައަކުން ކުރާނެ ފައިދާއެއް ނެތެވެ. މަރުވުމުގެ ކުރިން ހައިވަކަރު ގަހަށް ބުނެލެވުނެވެ.
"އަނެކުންނަށް ފުރުޞަތު ނުދިނުމަކީ، ތިމާގެ ހަލާކެވެ."
މަޞްދަރު:
އަލްބިޝާރާ ފޯރަމް.