އަދުގެ ޚާއްސަ

Print

ޝަކުވާ ގިނަ މަކުނު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ވާހަކަ

 
މުޙައްމަދު ލަޠީފު ށ. މިލަންދޫ
 
އެފްރިކާގެ ޖަންގަލީގައި އުޅުނު ރާމާ މަކުނެކެވެ. ޝަކުވާ ގިނަ ދަޢުވާ ގިނަ މަކުނެކެވެ. މިކަމާހުރެ ޖަންގަލީގައިއުޅޭ އެހެން ޖަނަވާރުތަކާއި މި މަކުނާ އެކުއުޅުމަކީވެސް އޮންނަނީ ވަރަށް ދަތިކަމަކަށް ވެފައެވެ. އެއްދުވަހަކު ފުއްލާތައް ފެންކޯރުކައިރިއަށް ދަމުން މަކުނުގާތު ބުންޏެވެ. އަހަރުމެނާއެކު ފެން ކޯރު ކައިރިއަށް މަޖާކޮށްލަން ހިނގާށެވެ. ޖަވާބުގައި މަކުނު ބުންޏެވެ. އަހަރެންނަކަށް ކަލޭމެންނާއެކު ދާކަށް ނުކެރޭނެއެވެ. ކަލޭމެނަށް ލިބިފައިވާފަދަ ރީތި ދެލޮލެއް އަހަރެންނަކަށް ލިބިފައެއް ނުވެއެވެ. އަދި ތިއަކަހަލަ ރީތި ދަޅެއްވެސް އަހަރެންގެ ބޮލަކު ނެތެވެ. ޖަވާބުގައި ފުއްލާއެއް ބުންޏެވެ. އެލޮލުގެ ރީތިކަމުގެ ސަބަބުން މިނިކާވަގު އަހުރެމެނަށް ދަހިވެތިވެފައިވެއެ. އަދި އެދަޅުތަކުގެ ސަބަބުން އަހަރުމެން ކިތަންމެ ފަހަރަކު ޖަންގަލީގެ ގަސްތަކުގެ ގޮފިތަކުގައި ތާށިވެ މިނިކާވަގުގެ ޝިކާރައަކަށް ވެއެވެ. މަކުނު ބުންޏެވެ. ވަރިހަމައެވެ. މަށަށް ތިއަކަހަލަ ދެ ލޮލާއި ދަޅުތަކެއް ނުލިބެނީހެއް ކަލޭމެނާއެކު ލަދުންވެސް ދާކަށް ނުކެރޭނެއެވެ.

ޖެހިގެން އައިދުވަހު ހަރުފައެއް މަކުނުގާތު ބުންޏެވެ. މަށާއެކު ޖަންގަލީގައި މަޖާކޮށްލަން ހިނގާށެވެ. މަކުނު ބުންޏެވެ. މަށަކަށް ލާހިކެއްނޫނެވެ. ހަރުފަ ތިޔަ ދުވާގޮތަށް ސަޅިކޮން ގުދުގުދުލައްވާފައި ދުވާކަށް މަށަކަށް ނޭނގެއެވެ. ހަރުފަ ބުންޏެވެ. ކޮންމެ މަޚްލޫޤަކަށްވެސް ޙާއްޞަ ސިފަތަކެއް ލިބިގެން ވެއެވެ. މަކުނު އުޅޭހެން ގަސްގަހުގައި އެލި އަތުން އެއްޗެތީގައި ހިފައިގެން ކައިބޮއި އުޅުމުގެ ކުޅަދާނަކަމެއް އަހަރެންނަކަށް ލިބިފައެއް ނުވެއެވެ. އަދި ތިއަކަހަލަ ރީތި ކެހެރިގަނޑެއްވެސް މަށަކަށް ލިބިފައެއް ނުވެއެވެ. އެކަމާ ޝަކްވާކުރާކަށް ނުޖެހެއެވެ. މަކުނު ތިއަހެން އުޅެންޏާ މަކުނަކަށް ރައްޓެއްސަކުވެސް ނުލިބޭނެއެވެ. މަކުނު ބުންޏެވެ. ވަރިހަމައެވެ. ދުވަހަކު ނުލިބުނަސް ވަރިހަމައެވެ.

ދުވަސްތައް މިގޮތަށް ފާއިތުވަމުން ދަނިކޮން އެއްދުވަހަކު ހަވީރު ބުޅާތަކެއް ހަވީރު ހިނގާލަންދަމުން މަކުނުގާތު ބުނެފިއެވެ. މަކުނާއެވެ! އަހުރެމެންނާއެކު ހިނގާލަން ނުދާނަންހެއްޔެވެ؟ ވަރަށް މަޖާވާނެއެވެ. ޖަވާބުގައި ޝަކުވާގިނަ މަކުނު ބުންޏެވެ. ކަލޭމެން ތިއަގޮވާ ގޮތަށް މަށަކަށް "މިޔޮ މިޔޮ " ގޮއްވާކަށް ނޭނގެއެވެ. އަދި އަހަރެންނަށް ލިބިފައިވަނީ ވަރަށް ހުތުރު އަޑެކެވެ. ހުތުރު ސިފައެކެވެ. އަދި ކަލޭމެންނަކީ ޖަންގަލީގެ ރަސްގެފާނު މިނިކާވަގާއި ސިފައިގެގޮތުން އެންމެ ވައްތަރު މީހުންނެވެ. ތަފާތަކީ ހަށިގަނޑުން ކުޑަކަމެވެ. ވީމާ ތިއަފަދަ ނިޢްމަތްތަކެއް ލިބިފައިވާ ބަޔަކާއެކު ދާކަށް ނުކެރޭނެއެވެ.

ޖަވާބުގައި އެތަނުން ބުޅަލެއް ބުންޏެވެ. މަކުނާއެވެ. ކަލެއަށް ލިބިފައިވާ ނަޞީބު ވަކިންކުޑަހެއްޔެވެ. ކަލެއަކީ މާތް ﷲ ހެއްދެވި އެންމެ މާތް އެންމެ ފުރިހަމަ އިންސާނުންނާއި ވައްތަރު ޖަނަވާރެވެ. އިންސާނުންފަދައިން ދެއަތުން ކައިބޮއި ހެދުމުގެ ކުޅަދާނަކަންވެސް ކަލެއަށް ދެއްވާފައިވެއެވެ. ވީއިރު އަހަރުމެނަށްވުރެ މާތް ސިފަތަކެއް ލިބިގެންވަނީ ކަލެއަށެވެ. ޝަކުވާ ނުކުރާށެވެ. ހުރިހާ ނިޢުމަތެއް އެއްވެސް މަޚްލޫޤަކަށް ލިބިފައެއް ނުވެއެވެ. މިވާހަކަތައް އިވުމުން މަކުނުގެ ހިތަށް ކޮންމެވެސްވަރެއްގެ ބޮޑާކަމެއް ވަދެއްޖެއެވެ. އަދި ފަޚްރުވެރިކަމާއެކު ބުންޏެވެ. އޭ ބުޅަލާއެވެ. އަހަރެންނަކީ ބިމުގެ ޚަލީފާ، އިންސާނާއާއި އެންމެ ވައްތަރު ސިފަތައް ލިބިފައިވާ މާތް މަކުނަށްވީތީ ކަލޭމެނާއެކު ލަދުންވެސް ދާކަށް ނުކެރޭނެއެވެ. އޭރުން އަހަރެންގެ ޤަދަރާއި ޝަރަފްވެސް ގެއްލިދާނެއެވެ. ވަގު ބުޅާތަކާއެވެ. ހަމަ މިހާރު މިތަނުން ދުރައްދާށެވެ. ޖަވާބުގައި އެތަނުން ބުޅަލެއް ބުންޏެވެ. އޭ! ނިޢުމަތައް ޝުކުރުވެރި ނުވާ ކިބުރުވެރި މަކުނާއެވެ. ކަލެއަކަށް ބޮޑާވެ ކިބުރުވެރިވުމުގެ އެއްވެސް ޙައްޤެއް ނެތެވެ. ކަލޭގެ ސަބަބުން އެތައް މިލިއަން އިންސާނުންނަކަށްވަނީ އެއިޑްސް ބަލި ޖެހިފައެވެ. އެމީހުން އެބަލިން ސަލާމަތްވާނޭ ގޮތެއްނެތި އެތައް މިލިއަންބަޔަކު އެދަނީ މަރާ ހަނގުރާމަކުރަމުންނެވެ.

މިވާހަކަ އަޑުއިވުމުން މަކުނު ހިތައް އެރިއެވެ. އާނއެކެވެ. ޝަކްވާކުރާކަށް ނުޖެހެއެވެ. އަދި ކިބުރުވެރި ބޮޑާވާކަށްވެސް ނުޖެހެއެވެ. އެހެން މަޚްލޫޤުންނަށް ލިބިފައިނުވާ އެތައް މާތްކަމެއް އަހަރެންނަށްވަނީ ލިބިފައެވެ. އަހަރެންނަށް ލިބިފައިނުވާ އެތައްކަމެއް އެހެނިހެން މަޚްލޫޤުންނަށްވަނީ ލިބިފައެވެ. އަހަރެންގެ ފަރާތުން އިންސާނުންނަށް ލިބިފައިވާ ގެއްލުމަކީވެސް ކުޑަގެއްލުމެއް ނޫނެވެ. ހުރިހާ ވަގުތެއްގައިވެސް ހުރިހާ ޙާލަތެއްގައިވެސް ﷲ އަށް ޙާމްދުކޮށް ޝުކުރުވެރިވާންވީއެވެެ. ޝަކުވާނުކުރަންވީއެވެ.

(ނިމުނީ)

އިދާރާ

ވާހަކަ