އަދުގެ ޚާއްސަ

Print

ސުވާލުގެ ޖަވާބު

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙައްމަދު ނަސީމު ތ. ކިނބިދޫ
 
އިބްރާހިމް ޢަލީ އާއި ޢާއިޝަތު ޝެޒްލީން އިނދެގެން އުޅޭތާ ބާރަވަރަކަށް އަހަރު ވެދާނެއެވެ. ދެމީހުންގެ ކައިވެންޏަށް ބާރަ އަހަރު ވީއިރު އެ ދެމަފިރިންނަށް ހަތަރު ކުދިން ލިބިފައިވެއެވެ. އެންމެ ދޮށީ ކުއްޖާގެ ޢުމުރަކީ ދިހަ އަހަރެވެ. އަދި އެންމެ ހަގުކުއްޖާގެ ޢުމުރަކީ ހަތަރު އަހަރެވެ.
    
އާދައިގެ މަތީން އޮފީހުގެ މަސައްކަތަށްފަހު އިބްރާހީމް ހަވީރު ގެއަށް އައެވެ. ގޭގެގޯތި ތެރެއަށް ވަނުމާއެކީ އެފެނުނު މަންޒަރަކުން އިބްރާހީމް ދިޔައީ ސިއްސައިގެންނެވެ. ދެމަފިރިންގެ ކައިވެނި ވީފަހުން މާޟީވެ ދިޔަ ދިގު ތާރީޚްގައި މިއަދު މިފެނުނު ކަހަލަގެ މަންޒަރެއް މީގެ ކުރިއަކުން ދުވަހަކުވެސް އިބްރާހީމަށް ފެނިފައެއްނުވެއެވެ.

ގޭގެގޯތި ތެރޭގައިހުރި ކުކުޅުކޮށީގެ ދޮރުހުރީ ހުޅުވާލާފައެވެ. ކޮށީގައި އެންމެ ކުކުޅެއްވެސް ނެތެވެ. އެންމެ ކުޑަ ދަރިފުޅު އަޙްމަދު އިނީ ކުކުޅު ކޮށީގެތެރޭގައެވެ. ހެދުނު ތެދުވިގޮތަށް ނެޕީގަޑުވެސް އަދި ނުނައްޓައެވެ. ކުއްޖާގެ މުޅި ގައިގެ އެތަން މިތާގައި ތަތްލާފައިވަނީ ކުކުޅުގެ ނަޖިހާއި ފަތްތަކެވެ. މި ފެނުނު މަންޒަރުން އަލީގެ ބޮލުގައިހުރި ހުރިހާ އިސްތަށި އެއްފަހަރާ ކޮޅަށްޖެހުނު ކަހަލައެވެ. އޭނާ ހިތާހިތާ ކިޔާލިއެވެ. ހަމަ ޔަޤީނުންވެސް މަގޭ އަންހެނުންގެ ޙާލު ރަގަޅެއްނޫނެވެ. ނޫނީ މަގޭ އަންހެނުންނަށް ކޮންމެވެސް ކަމެއްވެއްޖެއެވެ.
    
ވަރަށް ހާސްވެ ކަންބޮޑުވެހުރެ ހަގު ދަރިފުޅު އަޙްމަދު ކުކުޅުކޮށިން ނެރެގެން ގެއަށް ވަނުމަށް އިބްރާހީމް ހިގައިގަތެވެ. ގޭގެ ދޮރުމައްޗަށް އެރުމާއެކު އަންހެނުންނަށް ކޮންމެވެސް ކަމެއް ވެއްޖެކަން އިބްރާހީމްއަށް ޔަޤީންވިއެވެ. ސިޓިންގރޫމްގައިހުރި ޓީވީ ހުރީ ހުޅުވާފައެވެ. އެންމެ ދޮށީ ދަރިފުޅު އިމްތިޔާޒު އިސްކޫލުން އައިގޮތަށް ޔުނީފޯމުވެސް ނުބާލައި ބޫޓާއެކީ ސޯފާގައި ޓީވީބަލަން އޮތެވެ. މުޅި ޔުނީފޯމްގައި އޮތީ އޮރެންޖު ކުލަ ޒާތުގެ ކުލައެއް އުގުޅިފައެވެ. ސިޓިންރޫމްގައި ހުރި މޭޒުމަތީގައި ލުއިކާނާ ހުސްކުރި ޕެކެޓްތަކާއި މައިލޯ ހުސްކުރި ދެ ޕެކެޓް އޮތެވެ. މޭޒުގެ ފައިގައި ފޮތިގަޑަކުން ބަދެފައި ކުކުޅެއް އިނެވެ. ޓީވީ ރެކުމަތީގައި ބަޑިކޮށްލާފައި އޮތް ކޯކް ހުސްކުރި ދަޅެއް އޮތެވެ. ސިޓިންރޫމްގެ އެތަންމިތާގައި ކޮންމެވެސް ވަރަކަށް ކުކުޅުގެ ނަޖިހާއެކު މަސްހުނިވެފައިހުރި ވެލި ހުއްޓެވެ.
    
އިބްރާހީމް ގޭގެ އެތަންމިތަނަށް ނަޒަރު ހިންގާލިއެވެ. މެދަށްތިބި ދެކުދިން (އުލްފާއާއި ފާތިމަތު) ބަދިގޭ ކާމޭޒުކައިރީގައި ކާންތިއްބެވެ. ކާމޭޒު މަތީގައި އެގޮތް މިގޮތަށް ހުރީ ކާތަކެއްޗެވެ. ބަތާއި ރިހައެވެ. ޕާނާއި ދޮންކޭލުގެ ތޮށްޓެވެ. ބިސްތޮށްޓާއި ގަރުދިޔަވެސް މެއެވެ. ނުދޮވެހުރި ތަށިތައް ސިންކްތެރޭގައާއި ސިންކް މަތީގައި ފުނިޖެހިފައި ހުއްޓެވެ. މިހާ ހިސާބުން އަންހެނުން ބަލިވީކަން ޢަލީއަށް ކަށަވަރުވެއްޖެއެވެ.
    
މަގޭ އަންހެނުންނޭ ގޮވަމުން ދުވަމުން ކަހަލަ ގޮތަކަށް ޢަލީ ނިދާ ކޮޓަރިއަށް ވަނެވެ. ކޮޓަރިތެރޭން ފެނުނު މަންޒަރަކީ އޭނާގެ އަންހެނުން ޝެޒްލީން ނިދާހެދުންވެސް ބަދަލު ކުރުމެއްނެތި ވާހަކަ ފޮތެއް ހިފައިގެން އެދުގައި އޮތްތަނެވެ. ފިރިމީހާ ހަމަ ފެނުމާއެކު ނުލަފާ ޒާތަކަށް ހިނިތުންވެލިއެވެ. އެހިދު އިބްރާހިމް ރުޅިއައިސްގެން އަޑުގެ ކޮޅަށް ބުންޏެވެ. "ކިހިނެއްވެފައިތަ ތިޔައޮތީ، މުޅި ގޭތެރެއާއި ގޯތިތެރެ ހީވަނީ ތޫފާނެއް އަރާފައި އޮތްހެން، ކުޑަ ދަރިފުޅުގެ ނެޕީވެސް އަދި އެހެރީ ބަދަލުނުކޮށް" އިބްރާހިމްގެ ރުޅިގަޑު ކޮންޓްރޯލުން ނުނެއްޓީ ހަމަކިރިޔާއެވެ. "ކިހިނެއްވީތަ، އަނެއްކާ ކޮންކަމެއް ލައިގަތީތަ؟ ، އިބްރާހިމް އަބަދުވެސް ކުރާ ސުވާލެއްނު އަންހެނުންނަކީ ކީތްކުރާ ބައެއް ހޭ؟ އަދި ބުނަމެންނު...އަންހެނުންނަކީ ގޭތެރޭގައި ތިބެގެން އެއްވެސް ކަމެއް ކުރާ ބައެއް ނޫނޭ، ހުރިހާ ކަމެއްވެސް ކުރަނީ ފިރިހެނުންނޭ، އެހެންވެ ހިތައް އެރީ އަންހެނުން ގޭތެރޭގައި ތިބެގެން ކުރާ ކަންތައްތައް އިބްރާހިމަށް ވިސްނައިދިނުމުގެ ގޮތުން މިއަދު އެއްވެސް ކަމެއް ނުކުރާނަމޭ " ޝެޒްލީން ހިނިތުންވެލާފައި ފަރުވާކުޑަ ގޮތަކަށް ބުންޏެވެ.

(ނިމުނީ)

އިދާރާ

ވާހަކަ