ތަޤްރީރެއް ދޭން ޖެހިއްޖެނަމަ...
މުޙައްމަދު ވަޙީދު މަޑުލު –
ތަނެއްގައި ތަޤްރީރެއް ދޭންޖެހިއްޖެ ނަމަ، ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއްބަސް ވެވިއްޖެނަމަ، ހާސްވެ ކަންބޮޑުވުމުގެ ބޭނުމެއް ނެތެވެ. ހަމަޖެހިލައިގެން ތައްޔާރުވެލާށެވެ. އެކަމަށްޓަކައި ބޭނުންވާ ބައެއްކަންތައްތައް ތިރީގައި ނޯޓްކުރަމެވެ.
އަޑުއަހަން ތިބޭނެ މީހުންނަކީ ކޮބައިކަން ވިސްނައިގެން މައިގަނޑު ނަމެއް ކަނޑައަޅާށެވެ.
އެތަނަށް ޙާޟިރުވަނީ ކޮންބައެއްތޯ ވިސްނާލާށެވެ. އެމީހުން ޝައުޤުވެރިކަން ދޭނެ ރޮނގުތަކަކީ ކޮބައިތޯވެސް ވިސްނާލާށެވެ. އެމުނާސަބަތާއި ގުޅުވައިގެންވެސް، އަޑުއަހަންތިބޭ މީހުންނަށް ޝައުޤުވެރިވެވޭ ފަދަ މައިގަނޑު ނަމެއް ކަނޑައެޅިދާނެއެވެ. އެހެނެއް ނޫނެވެ. ވާހަކަ ދައްކަންވީ މައިގަނޑު ނަން ދީފައިވާނަމަ، ދެން ވިސްނަން ވާނީ އެމައިގަނޑުނަމުގެ ދަށުން ދައްކާނެ ވާހަކަ ތަކަކަށެވެ. ފުރަތަމަ ވިސްނަންވީ އަޑުއަހަން ތިބޭ މީހުންނަށެވެ.
ވާހަކަ ދައްކަން ކަނޑައަޅާ މައިގަނޑުނަމަކީ މުނާސަބަތާގުޅޭ މައިގަނޑު ނަމަކަށްވާން ވާނެއެވެ.
ވާހަކަ ދައްކަން ޖެހިފައިވާ ތަނަކީ، ކޮން މުނާސަބަތެއްގައި ކީއްވެގެން ބާއްވާ ބައްދަލުވުމެއްތޯ ވިސްނާލާށެވެ. ނޫނީ ސާފުކުރާށެވެ. ބައްދަލުވުންތަކާއި ޖަލްސާތައް ބާއްވާފަރާތަކީ ކަމަށް ލޯހުޅުވިފައިވާ ފަރާތެއް ނަމަ، ތަޤްރީރު ދޭން ޙަވާލުކޮށްފައި ނިންމައެއް ނުލާނެއެވެ. ޖަލްސާއާބެހޭ ތަފްޞީލުތައް ވެސް ދޭނެއެވެ. އަދި ޙާޟިރުވާނެ މީހުންނާއި، ޖަލްސާގެ މަޤްޞަދާއި ދިގުމިނާއި ވާހަކަދައްކާންތިބި މީހުންނާއި އެމީހުން ވާހަކަ ދައްކާނެ މައިގަނޑު ނަންތަކާބެހޭ ތަފްޞީލުތައް ދޭނެއެވެ. މަދަރުސާއެއްގެ އިނާމުދޭ ޖަލްސާއެއްނަމަ، އިޤްތިޞާދާމެދު ވާހަކަދެއްކުން ރަނގަޅެއް ނުވާނެއެވެ. ދައްކާ ވާހަކަތައް އެއީ ކިތަންމެ މޮޅު ވާހަކަ ތަކަކަށްވިނަމަވެސް ވަގުތާ ނުގުޅޭ ގޮތެއް ހުންނާނެކަން ކަށަވަރެވެ.
ދައްކާ ވާހަކައާއި އެދުވަސްވަރަކާ ގުޅުވާށެވެ.
ދައްކާ ވާހަކައާއި އެދުވަސްވަރަކާ ގުޅުމެއް ހުންނަންޖެހޭނެއެވެ. މިނިވަންކަމުގެ މައްޗަށް ވާހަކަދައްކާ މީހަކު، ހަމައެކަނި މިނިވަންކަން ލިބުނު ގޮތުގެ ތާރީޚުގެ މައްޗަށް ބަލާލާފައި ހުއްޓާލުން ރަނގަޅެއް ނޫނެވެ. އެ މިނިވަންކަމާއި މިއަދުގެ ޙާލަތާމެދު ހުރި ގުޅުމެއްގެ މައްޗަށް ބަލާލުން ރަނގަޅުވާނެއެވެ. އެހެން ނޫނީ، ޙާލަތާ ނުގުޅޭ، ޒަމާނަށް ނުފެތޭ ވާހަކައަކަށް ވެގެން ހިގައިދާނެއެވެ.
ވަގުތަށް ފައްތާށެވެ.
ވާހަކަ ދެއްކުމަށް ލިބިފައިވަނީ، ކިހާ ވަގުތެއް ހެއްޔެވެ. ދިހަ މިނިޓްނަމަ، އެވަގުތަށް ނުފެއްތޭހާ ފުޅާކޮށް ވާހަކަ ފަށައިގެން ކުރިޔަށް ގެންދިއުން ރަނގަޅެއް ނޫނެވެ. ވަގުތަށް ނުފެތި ދިގުވުމަކީވެސް، ކަނޑައެޅިފައިވާ ވަގުތަށްވުރެ މާކުރުވުމަކީވެސް ރަނގަޅުކަމެއް ނޫނެވެ.
އަޑުއަހަންތިބި މީހުން ޤަބޫލުކުރާނެފަދަ ގޮތަކަށް ވާހަކަ ދައްކާށެވެ.
ތަޤްރީރެއް ދިނުމުގައި މަޤްޞަދެއް އޮންނަންވާނެއެވެ. އެތަޤްރީރުން މީހުންނަށް ރައްދުކޮށްދޭން ބޭނުންވާ މެސެޖެއް އޮންނަންވާނެއެވެ. އެހެންވީމާ ދައްކާ ވާހަކައިން ތިމާގެ ބޭނުން މަޤްޞަދު ޙާޞިލު ކުރެވޭތޯ ބަލަންވާނެއެވެ. އެހެންވާނީ ދައްކާ ވާހަކަ މީހުންނަށް ޤަބުލުކުރެވޭ ނަމައެވެ. އެހެން މީހުން ދަންނަ ޙަޤީޤަތްތަކެއް އޮޅުވާލައިގެން ދައްކާނަމަ، އެވާހަކަ މީހުން ޤަބުލެއް ނުކުރާނެއެވެ. ދޭންބޭނުންވާ މެސެޖަށް އަޑުއަހާމީހުންގެ ކަންފަތްތައް ބަންދުވާނެއެވެ. މީހުންނަށް ކަމެއްގެ މަޢުލޫމާތުދޭން ޤަޞްދުކުރިނަމަވެސް، އެތަޤުރީރަށްފަހު އެކަމާބެހޭ މަޢުލޫމާތު އިތުރަށް ހޯދުމަށް ޝައުޤުވެރިކަން އުފެދެން ވާނެއެވެ. ކަމެއް އިޞްލާޙުކުރަން އެދުނުނަމަވެސް އެކަން ތަޖުރިބާއަށް ނަމަވެސް އަޖުމަބަލާލަން ކުރާނެގޮތް ހެއްދެންވާނެއެވެ. އެހެންވާނީ ދައްކާވާހަކައިގާ ހުންނަ ބާރަކުންނެވެ. ގެނެސެދެވުނު ޙަޤީޤަތްތަކަކުންނެވެ.
ބުނާއެއްޗެއް ކަނޑައަޅައި ބުނާށެވެ.
ތަޤްރީރުގައި ބުނަން އުޅޭ އެއްޗެއް ސާފުކޮށް ކަނޑައަޅައިބުނާށެވެ. ދާއިރާ ފުޅާކުރި ކުރީނުން، ނޫނީ ހަނިކުރި ކުރީނުން އަޑުއަހާ މީހުންގެ ހިތުގައި ޝައްކެއް އުފެދިގެން ނުވާނެއެވެ. އަދި ބުނަން އެއުޅެނީ އެހެން ބާވައޭ، މިހެން ބާވައޭ، ހިތަށްއަރާގޮތްވާނެ ގޮތަށް ވާހަކަދެއްކުމަކީ، ތަޤްރިރުގެ މަޤްޞަދު ޙާޞިލް ނުވާނެކަމެކެވެ. ދައްކާ ވާހަކަ ސާފުވާން ވާނެއެވެ.
ތިމާ ޝައުޤުވެރިވާ ރޮނގެއް ހިފާށެވެ.
ވާހަކަ ދައްކަން ހޮވާލާ މައިގަނޑު ނަމަކީ، ތިމާ ޝައުޤުވެރިކަންދޭ މައިގަނޑު ނަމަކަށްވުން ބޭނުމެވެ. ތިމާއަށް މަޢުލޫމާތު ލިބިހުރި ތިމާ ފިކުރުކޮށް ވިސްނާ ކަމެއްގެ މައްޗަށް ވާހަކަ ދައްކާށެވެ. އެހެންނޫނީ ބޭޒާރެއް ވެދާނެއެވެ. އެހެނޫނީ، އަޑުއަހާ ހިތްވާ ވާހަކައަކަށް އެވާހަކައެއް ނެހެދޭނެއެވެ.
ތިންބަޔަކަށް ބަހާލާށެވެ.
ތަޤްރީރު ބައިކުރަންވާނީ މައިގަނޑު ތިންބައެއްގެ މައްޗަށެވެ. އެއީ (ހ) ތަޢާރުފްގެ ވާހަކަ ކޮޅާއި (ށ) ދައްކަން ޤަޞްދުކުރާ މައިގަނޑުވާހަކަ އާއި (ނ) ނިންމާލުމެވެ. ތަޤްރީރާ ބެހޭގޮތުން މަޢުލޫމާތާއި ޕޮއިންޓް ނޯޓްކުރަމުން ގެންދާއިރު މިތިންބަޔަށް ފެތޭގޮތަށް ނޯޓް ކުރާށެވެ.
ވާހަކަ ފަށައިގަތުމުގައި ޝައުޤުވެރިކަން ހޯދައިގަންނާށެވެ.
ތަޤްރިރުގެ ތަޢާރުފަކީ ވަރަށް މުހިއްމު ބައެކެވެ. އެބައި ގެނެވޭ ގޮތަކުން އަޑުއަހާ މީހުންގެ ސަމާލުކަން ދަމައިގަނެވިދާނެއެވެ. އެމީހުން ތަޤްރިރުގެ މައްޗަށް ޝައުޤުވެރި ކުރުވިދާނެއެވެ. ތަޢާރުފުގެބައި ގެންނަ ގޮތަކުން ތަޤްރީރުގައި ދެން ދައްކާނެ ވާހަކަ ތަކަކަށް ޝައުޤުވެރި ކުރެވޭނެއެވެ.
ޖޯކް ކިޔަން ނުދަންނަނަމަ ނުކިޔާށެވެ.
މީހުން ހެއްވާލުމުގެ މަޤްޞަދުގައި ނަމަވެސް، ޖޯކް ކިޔަން ނުދަންނަ މީހަކު ޖޯކް ކިޔަން އުޅުން ރަނގަޅެއް ނޫނެވެ. ދަންނަ ނުދަންނަކަން ވަކިކޮށް ދެނެގަންނާނީ އަމިއްލަ ދިރިއުޅުމުންނެވެ. ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ތެރެއަށް ވިސްނާލާށެވެ. ތިމާ ކިޔައިދޭ ޖޯކު އަޑުއަހާފައި މީހުން ހޭހެއްޔެވެ. ނޫނީ ހިނިތުން ވެލަނީ ހެއްޔެވެ؟ ކޮންމެހެން ޖޯކެއް ކިޔައިދޭން ބޭނުންނަމަ، ފަރިތަ ކޮށްގެންގޮސް ކިޔައިދޭށެވެ.
ބުނަން ބޭނުން މައިގަނޑު ނުކުތާތައް ގިނަ ނުކުރާށެވެ.
ތަޤްރިރުގެ މައިގަނޑުގައި ގެންނާނެ ވާހަކަތައް ނޯޓުކުރާއިރު، ބާރުލާންބޭނުންވާ މުހިންމު ނުކުތާތައް ނޫނީ ވާހަކަތައް މާގިނަ ނުކުރާށެވެ. ދެތިން ހަތަރު ނުކުތާ އަކަށް މަދުކުރުން ރަނގަޅުވާނެއެވެ. އެހެންނޫނީ، ތަޤްރީރުގައި ތިމާ ބާރުލީ ނުކުތާތަކާއި ބާރުލީކަމަށް އަޑުއަހާ މީހުން ފާހަގަކުރި ނުކުތާތަކަކާ ދިމައެއް ނުވާނެއެވެ. ވާހަކަ ދައްކާ ގިނަމީހުން، އެއް ނުކުތާއަކުން އަނެއް ނުކުތާއަކަށް ވާހަކަ ބަދަލުކުރަމުން ތަޅުވަމުން ގެންދެއެވެ. ނިންމާލީމައި، އަޑުއަހަންތިބި މީހުން އެކަކު އަނެކަކަށް ބަލާލާފައި އަހާލާނީ، "އޭނާ ބުނަން އެއުޅެނީ ކީކޭ ހެއްޔެވެ؟" މިހެންނެވެ.
މިސާލު ބޭނުން ކުރާށެވެ.
ތަޤްރިރުގައި ގެންނަ ތަފާތު ނުކުތާތަކާގުޅޭ މިސާލު ގެނައުމަކީ ރަނގަޅު ކަމެކެވެ. އެކަމަކު، ގެންނަންވާނީ، އެވާހަކައަކާ ގުޅޭ މިސާލެކެވެ. މާގިނަ ކޮށެއް ނޫނެވެ. ޕޮއިންޓަކަށް އެންމެ މިސާލެއް ފުދޭނެއެވެ.
ބޮޑެތި ބަސްބަސް ބޭނުން ނުކުރާށެވެ.
ދައްކާ ވާހަކައިގެ މައްޗަށް ތަޖުރިބާ ލިބިފައިވާ މާހިރަކަށް ވިނަމަވެސް ބޮޑެތި ބަސްބަހާއި ޢާންމުނޫން ފަންނީ ލަފުޒުތައް ބޭނުންނުކުރާށެވެ. ސަބަބަކީ، އަޑުއަހަން ތިބި މީހުންނަކީ އެމައިގަނޑު ނަމުގެ މައްޗަށް ތަޖްރިބާ ލިބިފައިތިބި ބަޔަކަށް ނުވާނެތީއެވެ. އަދި ބޭރުބަސްބަހުގެ ލަފުޒުތައްވެސް މަދުކުރާށެވެ. ބޭނުންނުކޮށް ނުވެގެން ބޭނުންކުރާ ފަންނީ ބަސްބަސް ތަފްޞީލުކޮށްދޭށެވެ.
ނިންމާލުން ރަނގަޅު ނިންމާލުމަކަށް ހަދާށެވެ.
ދައްކާ ވާހަކައިގެ އެންމެ ރަނގަޅު ހިސާބަކީ ނިންމާލުން ކަމުގައި ހެދުމަކީ ބައެއް މީހުން ބާރުއަޅާ ކަމެކެވެ. އެއީ ރަނގަޅު ކަމެކެވެ. އެހެން ހެދުމުން، ދެއްކި ވާހަކަ، އަޑުއަހަން ތިބި މީހުންގެ ކަންފަތުގައި ގިނައިރު ހަރުލާފައި ހުންނަގޮތް ވެއެވެ. ތަޤްރިރުގައި ގެނައި މައިގަނޑުވާހަކަތައް ކުރުގޮތަކަށް ޚުލާޞާ ކޮށްލާށެވެ. އަދި އުފައުވެރި މޫނަކައިގެން އިށީންނާށެވެ.
(ނިމުނީ)
ހަވާލާ:
އަލްފާޟިލް މުޙައްމަދު ވަޙީދު މަޑުލު (1981).ފަތްތޫރަ (121 ). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު،މާލެ
އަލްފާޟިލް މުޙައްމަދު ވަޙީދު މަޑުލު (1981).ފަތްތޫރަ (121 ). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު،މާލެ
މިލިޔުން:
ޓައިޕްކުރުން: އާއިޝަތު ނައްޒަ
އަލުންބެލުން: -
ޝާއިޢުކުރުން: އަޙްމަދު ސަމީޢު