އަދުގެ ޚާއްސަ

Print

ލޯތްބަކީ ލޯކަނު އެއްޗެކެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެނގޭތަ

އަންހެނަކު ދެކެ ލޯބިވާ މީހާ ވެސް ހަމަ އެފަދަ އެވެ. ބުދަކަށް އަޅުކަން ކުރާ މީހެއް ފަދައިން އޭނާ އެއަންހެން މީހާގެ ވަށައިގެން އެނބުރެ އެވެ.

ފަޟީލަތުއް ޝައިޚު ޑރ. ޢާއިޟު ބިން ޢަބްދުﷲ އަލްޤަރްނީ

ޙަދީޘްފުޅެއްގައި ވެ އެވެ.

(حُبُّكَ الشَّىْءَ يُعْمِى وَيُصِمُّ)

ރިވާކުރެއްވީ: އިމާމު އަޙުމަދު.

މާނައީ، "ތިބާ އެއްޗެއް ދެކެ ލޯބިވުމަކީ، ލޯ އަނދިރިވެ، އަދި ކަންފަތް ބީރުވާ ކަމެކެވެ."

އަޅުގަނޑަށް ފެނިފައިވާ ކަންތައްތަކުގެ އަލީގައި، މިބަސްފުޅަށް ވަރަށް ބޮޑަށް އީމާންވަމެވެ. މިސާލަކަށް ވަކި ޢިލްމުވެރިޔަކު ދެކެ ލޯބިވާ މީހެކެވެ. އެ ޢިލްމުވެރިޔާ ވިދާޅުވާ ކޮންމެ އެއްޗެއް އޭނާ ތެދުކުރެ އެވެ. އެ ޢިލްމުވެރިޔާގެ ކޮންމެ ކުށެއް އޭނާ އިޞްލާޙުކުރެ އެވެ. އެ ޢިލްމުވެރިޔާގެ ކޮންމެ އުޒުރެއް އޭނާ ޤަބޫލުކުރެ އެވެ. އޭނާގެ ނަޒަރުގައި އެ ޢިލްމުވެރިޔާ އަކީ، ކުށްފާފަތަކުން މަޢުޞޫމުކުރައްވާފައިވާ ބޭކަލެކެވެ.

ވަކި ޝާޢިރަކު ދެކެ ލޯބިވާ މީހާ ވެސް ހަމަ އެފަދަ އެވެ. އެ ޝާޢިރުގެ ޅެންތަކަކީ ގަނޑުފެން ކަމަށް ވިޔަސް އޭނާ ދެކޭނީ، އެއީ އަލިމަސް ކަމަށެވެ. ނުވަތަ އިތާގެ ބަނޑުން ނެރޭ ރަންމުތް ކަމަށެވެ.

ވަކި އަންހެނަކު ދެކެ ލޯބިވާ މީހާ ވެސް ހަމަ އެފަދަ އެވެ. ބުދަކަށް އަޅުކަން ކުރާ މީހެއް ފަދައިން އޭނާ އެއަންހެން މީހާގެ ވަށައިގެން އެނބުރެ އެވެ. ޢިޝްޤީ ލޯބީގައި އެތައް ބަޔަކު އެކި ގޮތްގޮތަށް މަރުވެފައިވެސް ވެ އެވެ.

ލޯތްބަކީ، ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައި ކަންތައްތައް ނަހީކުރާ އެއްޗެއް ނޫނެވެ. ލޯބީގެ ދުނިޔޭގައި، ލޯބިވެރިޔާ ކުރާ ކޮންމެ ކުށަކީ ޞާލިޙު ޢަމަލެކެވެ. އޭނާ ކުރާ ކޮންމެ ޒަޚަމަކީ ފަރުވާއެކެވެ.

ޢާޝިޤަކު ކުރާ ކުށްތައް އެތައް ގޮތަކަށް ޝަރަޙަކޮށް ތައުވީލުކުރެވެ އެވެ. އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދިނުމަށެވެ. ޢާޝިޤާއަށް އޭނާ އިހާނެތިކޮށް ހިތުން އެހެން ގޮތަކަށް މާނަކުރެވެ އެވެ. ޢާޝިޤާ ބުނެ އެވެ. އޭނާގެ ކިބައިން ލިބޭ ކުޑަވަރެއްގެ އިޙުސާންތެރިކަމަކީ ވެސް ލައްކަ ބައިވަރެވެ. އޭގައި ލައްވާނެ ބަރަކާތްތައް އަދި މާއިތުރުވާނެ އެވެ.

ޝައިޚަކު ދެކެ ލޯބިވާ ޒުވާނެކެވެ. އެ ޝައިޚު ސާޅީސް ޙަދީޘް ކިޔައިފިނަމަ، ޒުވާނާ ބުނެ އެވެ. ތިމަންގެ ޝައިޚު، ޙަދީޘުގެ ހަފޮތް ހިތުދަހެވެ! އެފޮތްތަކުގައިވާ ސަނަދާއި މަތުނާ ވެސް އެކުގަ އެވެ!!! ސާޅީސް ޙަދީޘަށްވުރެ އިތުރު އެއްޗެއް ޝައިޚު ކިޔައިފިނަމަ، އެ ޒުވާނާ، ޗަސް ބިމަށް ޗަކަސް އިތުރުކުރެ އެވެ. އޭނާ ބުނެ އެވެ. ތިމަންގެ ޝައިޚު ހަފޮތުގެ އިތުރަށް އެވެނި މިވެނި ފޮތްތަކެއް ވެސް ހިތުދަހެވެ. ދެން އެޝައިޚުގެ ތޫނުފިލިކަމާއި ތަޤުވާވެރިކަމާއި ޒާހިދުކަމާއި ވަރަޢަވެރިކަން ކިޔައިދޭން ފަށަ އެވެ. މިބީދައިން އެ ޒުވާނާ ބަސްމޮށެނީ ކީއްވެތޯ އެވެ؟ ލޯބިވެރިއެއްގެ މަޤާމުގައި ހުރެ، ލޯބިވެރިއެއްގެ ދުލުން ވާހަކަދައްކާތީ އެވެ.

ލޯތްބާ އިދިކޮޅު އެއްޗަކީ ނަފުރަތެވެ.
ނަފުރަތަކީ، ނުބައިނުލަފާ ފަނޑިޔާރެކެވެ.
އެ ފަނޑިޔާރުގެ ނިޔާގައި ވާނީ އަނިޔާ އެވެ. 
އެ ފަނޑިޔާރު ނަފުރަތުކުރާ މީހާގެ ރަނގަޅު ކަންތައްތައް އަންދައި އަޅިޔަށް ހަދާލަ އެވެ. 
އެމީހާގެ ކިބައިގައިވާ ކޮންމެ ރީތިކަމަކީ، އެ ފަނޑިޔާރުގެ ކުރިމަތީގައި ހުތުރުކަމެކެވެ. 
އެމީހާ ހަދާ ތެދަކީ، އެ ފަނޑިޔާރުގެ ނަޒަރުގައި ދޮގާއި މަކަރެވެ. 
އެމީހާގެ ބަނިޔާދަންކަމަކީ، އެ ފަނޑިޔާރުގެ ރައުޔުގައި މުނާފިޤު ކަމެވެ. 
އެމީހާގެ ދީންވެރިކަމަކީ، އެ ފަނޑިޔާރުގެ ދެކޭ ގޮތުގައި ނިވާފަށްގަނޑެކެވެ.

މިބީދައިން، ޙައްޤަކީ ބާޠިލު ކަމަށާއި، ބާޠިލަކީ ޙައްޤު ކަމަށް ހަދައިލަ އެވެ.
މަސައްކަތް ކޮށްގެން ތަނަވަސްކަން ހޯދާފައިވާ މީހާއަކީ ވަގެއް ކަމަށް ޙުކުމް ކުރެ އެވެ.
އޭނާއަށް ލިބިފައިވާ ތަޢުލީމާއި ހޭލުންތެރިކަމަކީ ނޭނގުމާއި ޖާހިލުކަން ކަމަށް ނިޔާ ކަނޑައަޅަ އެވެ.

މި މަގަށް ޝަރިޔަތްކުރާ ކޮންމެ ފަނޑިޔާރަކީ ފިނޑިޔާރެކެވެ.
އަވާމެންދުރަށް ގެއްލިފައިވާ ޙައިވާނެކެވެ.
ހަވާނަފުސަށް ހެއްލިފައިވާ ބަލިމާނެކެވެ.

ދާވޫދުގެ ފާނަށް މާތް ﷲ އެންގެވި އެވެ.

(وَلا تَتَّبِعِ الْهَوَى فَيُضِلَّكَ عَن سَبِيلِ اللَّهِ)

ޞާދު: 26

މާނައީ، "އަދި އަމިއްލަ އެދުމަށް ކަލޭގެފާނު ތަބަޢަވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲ ގެ މަގުން އެއްކިބާކޮށްފާނެތެވެ."


މަޞްދަރު:
هكذا حدثنا الزمان

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


އިތުރު މަޒުމޫނު





ހަމަމިގަލަމުން

އިދާރާ

ވާހަކަ