ކާހިތުން ބޯހިތުން މަދިޔެ ބަލާހިތުން
އެޔާންކެޔަންނޫ މާކުންބެއްޔާ! އެޔާއްކޫ ރަޓު ހުއްޓީ މުސްކުޅި ބެއްޔާ!
ޢަބްދުލްމުޢީދު ޙަސަން
އެކެދޮފާ އެކެދޮފާ ރަޓަކު ހުއްޓިޔާޔޯ މީހެކެ.
މީހެންނާއި ވެފައި ވަރިކެރަމުން އެޔަނެ މީހެކެ.
ދާރު ލެބުނެމައި ވެނެމީހެ ވަރިކެރަނެ މީހެކެ.ދެން އެހެން ރަޓެކަން ގޮހޮ މީހަކުނާއި ވެނެ މީހެކެ.
ވީ ކޮންމި މީހެކެ ކޫދު ވެހޫ ރާތެލެގަލެބައްރެން.
މިޔާގެ ދާރު ނެން ރަޓެކެ އަތޮޅޭ ނެން.
މިޔާ މުސްކުޅިވީ ވޭލޭ ބޮޑެނުވެ ދައްރެކެ ނެން.
ގަހުގަތެ ބުރަން ދާރު ބޮޑޭގެ.
އެވޭލޭ މިޔާ ހޮއްޑޮއްޑޯ ވެގެ.
މިޔާ ބުރިކަންޓާ ގުދޭގެ.
އަތެފައު ބާރެ ކުދޭގެ.
އެޔާން ކެޔަންނޫ މާކުންބެއްޔާ!
އެޔާއްކޫ ރަޓުހުއްޓީ މުސްކުޅި ބެއްޔާ!
ވަރެކެ ނެންމައި މަސައްކަދެ ކެރަންނޭ.
މީހަކުނާސް ނެންމައި އަޅައިލަންނޭ.
އެޔާ ހިތަންއެރީ ދާރު ގާތަން އެޔަންނަން.
ދާރު ގާތު ހުޓެ ކައިބޮއި ވޮންނާން.
ދެން ބޮއްކޮރާކަން އަރައި އޮވައި ފަޅުން ބޭރޭގެ.
އާ ކޮޅިގަޑަކު އެޔާ ބެހީގެން އެބައްގެ.
އޮޔާއި ވަޔާއި ތަޅަމުން ގޮހޮ އެޔާ ރަޓަކު ޖެހީގެ.
އެރީގެން ގޮހޮ އެޔާގެ ދައްރަކުނައްގޭ ފޮޑަހާން ވެދެގެ.
ބަޑެހާހުގެން ވޮންނާ މީހަކުން ލިކާން ދާނިޔާ ގުޑުވޫ.
އެޔާގެ ދިޔެ އެހީ: "ތީބޫ ކޭރާންއާ ކެޔަ؟"
އެދެ ބޮނީ: "ކާހިތުން ބޯހިތުން މަދިޔެ ބަލާހިތުން."
ދިޔެ ބޮނީ: "މިގޭ ތެއިހައި އެއްތެކެ ބައްޕާން ދީފިން."
ދެން އެދެ ގޭތެއި ހަންދަރަކު އެއްތެތި ކައިފި.
ވަޑު ތުބާ ޖަހައި ދެގުއްލަ ބޮއިފި.
ދެންތެއި އެއްތެކެ އައްބޮންޑާން ލައިފި.
ދިޔެ އެޔާން ހިތެހަލާލެ ދީފި.
ދެން އެދެ އެބައްގެ ދިހަރެޔަން.
އެހެން ރަޓެކަން ހުރަންނަން.
އެހެން ދިޔެކެ ގާތަށް އެޔަންނަން.
އެދިޔައްގޭ ތެއިހައި އެއްތެއް ކަންނަން.
ވަލާ މުހައި ބޮއްކޮރެޔާން އަރައި ވޮއްޓިޔަތެ.
އޮޔާއި ވަޔާއި ރަޅެ އެޔާ ހިފައިގެން ބައެޔަތެ.
އެލިކާން ގޮހޮ އެބޮއްކޮރެޔާ ތިރިފަޓަކު ބީހީގެ.
އެރީގެން ގޮހޮ އެޔާގެ ދައްރަކުނައްގޭ ފޮޑަހާން ވެދެގެ.
ބަޑެހާހުގެން ވޮންނާ މީހަކުން ލިކާން ދާނިޔާ ގުޑުވޫ.
އެޔާގެ ދިޔެ އެހީ: "ތީބޫ ކޭރާންއާ ކެޔަ؟"
އެދެ ބޮނީ: "ކާހިތުން ބޯހިތުން މަދިޔެ ބަލާހިތުން."
ދިޔެ ބޮނީ: "މިގޭ ތެއިހައި އެއްތެކެ ބައްޕާން ދީފިން."
ދެން އެދެ ގޭތެއި ހަންދަރަކު އެއްތެތި ކައިފި.
ވަޑު ތުބާ ޖަހައި ދެގުއްލަ ބޮއިފި.
ދެންތެއި އެއްތެކެ އައްބޮންޑާން ލައިފި.
ދިޔެ އެޔާން ހިތެހަލާލެ ދީފި.
ދެން އެދެ އެބައްގެ ދިހަރެޔަން.
އެހެން ރަޓެކަން ހުރަންނަން.
އެހެން ދިޔެކެ ގާތަށް އެޔަންނަން.
އެދިޔައްގޭ ތެއިހައި އެއްތެއް ކަންނަން.
މިލިކާން އެދެ ގެޔައި ހަތެ ރަޓަން.
ހަތެ ކޫދު ގާތުން ކަންނަން.
ހަތެ ވަޑު ފެނެ ބޮންނަން.
ހައްތަވައުން ލޮންޏާން.
ހަތެ ވަޑު ފެނެ ބޮންނަން.
ހައްތަވައުން ލޮންޏާން.
ހަތެ ރަޓެ ހުއްދަކޮޅަވޭލޭ އެޔާ ބަޑާ ބޮޑޭގެ.
ލޮޅޭއިނެ މާކުނައްޓައި އެޔާއްކަންތެތި ބޮޑޭގެ.
ދެން އެޔާ އެރޫ ބޮއްކޮރެޔާން.
ރަޓަން ގޮހޮފައި އެނެއްކެލާއި އެންނަން.
ކަޑަން ނިކިތެވޭލޭ މޫސުމެ ނުބައިވެގެ.
ޖެހުނެ ކޮޅިގަޑޭ އެޔާއި ބޮއްކޮރެޔާއި ބެހީގެ.
ހަތެރެއި ހަތެދެވާލެ ވީ ވޭލޭ އެޔާ ގާކު ވަރެކެ ނެން.
ކަންނޭ ބޮންނޭ އެއްތެކެ ބޮއްކޮރާކު ނެން.
ދެން އާއު މާވަރެގަދެ ކޮޅިގަޑެކެ.
އެޔާން ނުއެގުނެ ރައްކަލެވެންނޭ ލިހެކެ.
އެއްކަލެކާއި ބޮއްކޮރެޔާ ބަންޑުހުން ޖެހީގެ.
މަނިކާރޯއްދާ، އެޔާ ބަޑާ ފަޑައިގެން އެބައްގެ!
އެޔާ ބަޑުން ވެރުނެއްތެން ކަޑާ ހިކީ ދެރަޓެ ހެދީގެ.
އޭބޫ ހުރަންދުވާއި މާރަންދުވާ!!!
<><><>
ތަރުޖަމާއެއް
އެއްރަށެއްގައި މީހަކު އުޅުނޯލަ އެވެ.
އެއީ މީހުނާ އިނދެ ވަރިކުރަމުން ދިޔަ މީހެކެވެ.
ދަރިން ލިބުނީމާ މީނާ އަންހެނުން ވަރިކުރެ އެވެ.ދެން އެހެން ރަށަކަށް ގޮސް މީހަކާ އިނދެ އެވެ.
އެގޮތަށް މީނާ ހުރިހައި ރަށަކުން މީހުނާ އިނެވެ.
މީނާ އިން ކޮންމެ މީހަކު ރާތާގާބަރިހެން ދަރިން ވިހެ އެވެ.
މީނާގެ ދަރިން ނެތް ރަށެއް އަތޮޅުގައި ނެތެވެ.
މީނާ މުސްކުޅިވިއިރު ބޮޑު ނުވާ ކުއްޖަކު ނެތެވެ.
އެކުދިން ބޮޑެތިވީ ގަހުގަތްބުރަށެވެ.
އޭރު މީނާވަނީ ހަންޓޯޓޯވެފަ އެވެ.
މީނާގެ ބުރިކަށިވަނީ ގުދުވެފަ އެވެ.
އަތްފައިގެ ބާރުވަނީ ދަށްވެފަ އެވެ.
އޭނާއަށް ކިޔަނީ މާކުންބެ އެވެ.
އޭނާއަކީ ރަށުގައި ހުރި އެންމެ މުސްކުޅި ބެ އެވެ.
މަސައްކަތެއް ކުރާނެ ވަރެއް އޭނާގެ ގަޔަކު ނެތެވެ.
އަދި އޭނާއާ އަޅާލާނެ މީހަކު ވެސް ނެތެވެ.
ދެން ދާންވީ ދަރިންގެ ގާތަށޭ އޭނާގެ ހިތަށް އެރި އެވެ.
ދަރިންގެ ގާތުގައި ހުރެ، ކައިބޮއި އުޅުމަށެވެ.
ދެން ބޮއްކުރާގަނޑަކަށް އަރައި އޮއްވާ އޭތި ފަޅުތެރޭން ބޭރުވެއްޖެ އެވެ.
އައި ކޮޅިގަނޑެއްގައި ޖެހި އެ ބޮއްކުރާގަނޑު ބެހިގެން ހިނގައްޖެ އެވެ.
އޮޔާއި ވަޔާ ތަޅަމުން ގޮސް އެ ބޮއްކުރާގަނޑު ރަށެއްގައި ޖެހުނެވެ.
ދެން މާކުންބެ ބޮއްކުރާގަނޑުން ފައިބައިގެން ގޮސް އޭނާގެ ދަރިއެއްގެ ގޭ ގިފިއްޔަށް ވަނެވެ.
ބަނޑުހައިހޫނުކަމުގައި ޖެހިފައިވާ މީހަކު ފަދައިން، ވަޅުގައި އޮތް ދާނި ތަޅުވާލި އެވެ.
އޭނާގެ ދަރިފުޅު އެހި އެވެ. "ތިޔައީ ކީއްކުރަން އައި ކާކުހެއްޔެވެ؟"
އޭނާ ބުންޏެވެ. "މިއައީ ކާހިތުން، ބޯހިތުން، އަދި މަގޭ ދޮންކަނބުލޮ ދެކިލާހިތުންނެވެ."
ދަރިފުޅު ބުންޏެވެ. "މިގޭގައި ވާހައި އެއްޗެއް ބައްޕައަށް ދީފީމެވެ."
ދެން އޭނާ އެ ގޭގައިވާ ކާނާއިން ހަންދަރެއް ކާލި އެވެ.
އަދި ވަޅުގައި ތުން ޖަހައި ދެގުއްލަ ފެން ބޯލި އެވެ.
ދެން ހުރި އެއްޗެއް އަންބޮނޑިއަށް އެޅި އެވެ.
(މިމަގަށް އޭނާ ކަންތައް ކުރީމާ ވެސް) ދަރިފުޅު އޭނާއަށް ހިތްހަލާލު ދިނެވެ.
ދެން އޭނާ އަތިރިމައްޗަށް ދިޔަ އެވެ.
އެހެން ރަށަކަށް ދާން ފުރަންވެގެންނެވެ.
އެހެން އަންހެން ދަރިއެއްގެ ގާތަށް ދިއުމަށްޓަކަ އެވެ.
އެ ދަރިފުޅުގެ ގޭގައިވާ ހުރިހައި އެއްޗެއް ކެއުމަށްޓަކަ އެވެ.
ވާ މޮހައި ބޮއްކުރާގަނޑަށް އަރައި އޮށޯތެވެ.
ދެން އޮޔާއި ވަޔާއި ރާޅުތައް އެ ބޮއްކުރާގަނޑު ހިފައިގެން ދިޔަ އެވެ.
އެދިޔަ ގޮތަށް ގޮސް އެ ބޮއްކުރާގަނޑު ރަށެއްގެ ގޮނޑުދޮށުގައި ބީހުނެވެ.
ދެން މާކުންބެ ފައިބައިގެން ގޮސް އޭނާގެ ދަރިއެއްގެ ގޭ ގިފިއްޔަށް ވަނެވެ.
އަދި ބަނޑުހައިހޫނުކަމުގައި ޖެހިފައިވާ މީހަކު ފަދައިން، ވަޅުގައި އޮތް ދާނި ތަޅުވާލި އެވެ.
އޭނާގެ ދަރިފުޅު އެހި އެވެ. "ތިޔައީ ކީއްކުރަން އައި ކާކުހެއްޔެވެ؟"
އޭނާ ބުންޏެވެ. "މިއައީ ކާހިތުން، ބޯހިތުން، އަދި މަގޭ ދޮންކަނބުލޮ ދެކިލާހިތުންނެވެ."
ދަރިފުޅު ބުންޏެވެ. "މިގޭގައި ވާހައި އެއްޗެއް ބައްޕައަށް ދީފީމެވެ."
ދެން އޭނާ އެ ގޭގައިވާ ކާނާއިން ހަންދަރެއް ކާލި އެވެ.
އަދި ވަޅުގައި ތުން ޖަހައި ދެގުއްލަ ފެން ބޯލި އެވެ.
ދެން ހުރި އެއްޗެއް އަންބޮނޑިއަށް އެޅި އެވެ.
(މިމަގަށް އޭނާ ކަންތައް ކުރީމާ ވެސް) ދަރިފުޅު އޭނާއަށް ހިތްހަލާލު ދިނެވެ.
ދެން އޭނާ އަތިރިމައްޗަށް ދިޔަ އެވެ.
އެހެން ރަށަކަށް ދާން ފުރަންވެގެންނެވެ.
އެހެން އަންހެން ދަރިއެއްގެ ގާތަށް ދިއުމަށްޓަކަ އެވެ.
އެ ދަރިފުޅުގެ ގޭގައިވާ ހުރިހައި އެއްޗެއް ކެއުމަށްޓަކަ އެވެ.
މި ބީދައިން މާކުންބެ ހަތް ރަށަށް ދިޔަ އެވެ.
ހަތް ދަރިންގެ ގާތުން ކެއުމަށްޓަކަ އެވެ.
ހަތް ތަވައިން ކެއުމަށްޓަކަ އެވެ.
ހަތްވަޅުން ފެން ބުއިމަށްޓަކަ އެވެ.
ހަތް ތަވައިން ކެއުމަށްޓަކަ އެވެ.
ހަތްވަޅުން ފެން ބުއިމަށްޓަކަ އެވެ.
ހަތް ރަށަށް ގޮސް އަވަދިވިއިރު އޭނާގެ ބަނޑު ވަނީ ބޮޑުވެފަ އެވެ.
މާބަނޑު އަންހެނަކަށްވުރެ އޭނާގެ ކަންތައްވަނީ ބޮޑުވެފަ އެވެ.
ދެން އޭނާ ގޮސް ބޮއްކުރާގަނޑަށް އެރި އެވެ.
ރަށަށް ގޮސްފައި އަނެއްކާވެސް އެނބުރި އައުމުގެ ނިޔަތުގަ އެވެ.
ކަނޑަށް ނުކުތްއިރު މޫސުމްވަނީ ގޯސްވެފަ އެވެ.
ކޮޅިގަނޑެއްގައި ޖެހި މާކުންބެ އާއި ބޮއްކުރާގަނޑު ބެހިއްޖެ އެވެ.
ކަނޑުމަތީގައި ހަތްރޭ ހަތްދުވާ ވީއިރު އޭނާގެ ގަޔަކު ވަރެއް ނެތެވެ.
ކާނެ އެއްޗެއް ބޯނެ އެއްޗެއް ބޮއްކުރާގަނޑަކު ނެތެވެ.
ދެން އައީ މާވަރުގަދަ ކޮޅިގަނޑެކެވެ.
އެ ކޮޅިގަނޑުން ސަލާމަތްވާނެ ގޮތެއް މާކުންބެއަކަށް ނޭނގުނެވެ.
އެސާހިތަކު ބޮއްކުރާގަނޑު ބަންޑުންވެއްޖެ އެވެ.
މާކުންބެގެ ބަނޑު ފަޅައިގެން ހިނގައްޖެ އެވެ.
އޭނާގެ ބަނޑުން ފޭބި އެއްޗެހިން ކަނޑު ހިކި ދެރަށް އުފެދުނެވެ.
އެއީ ހުރެންދުއާއި މާރެންދޫ އެވެ.
<><><>
މި ސިލްސިލާގެ އިތުރު ލިޔުންތައް
ހުވަދު އަތޮޅު މާމެންދުއަށް ބުރެތިކާލީން އެރި ވާހަކަ
މަސްބަހަ ޖާދޫ
ޖިންނި ބަހުރުވައިގެ ވާހަކައެއް
ވާދޫރޮނާ އަންބެޔާ
އެންދެއްޔޯ
ފުޓްބޯޅައަށްވުރެ ކުރިން ކުޅުނު ލޮންޑާ