އަދުގެ ޚާއްސަ

Print

ދެ ކޮތަރާއި ގޮދަން ހާލި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އެއްޒަމާނެއްގައި ދެ ކޮތަރެއް އުޅުނެވެ. އެއީ އަންހެން ކޮތަރަކާއި ފިރިހެން ކޮތަރެކެވެ. އެ ދެ ކޮތަރު އިނދެގެން ހެދި ހާއްޔަށް ހިމަ ގޮދަނާއި ފަލަ ގޮދަން ޖަމާކޮށް ހާލި ފުރާލި އެވެ. އޭރު އެއީ ނުހިކި ހުރި ގޮދަނެވެ.

އެއްދުވަހަކު އަންހެން ކޮތަރު ގާތުގައި ފިރިހެން ކޮތަރު ބުންޏެވެ.

"ހޫނު މޫސުމުގައި ކާނެ ކާބޯތަކެތި މި ބިމުގައި އެބަހުއްޓެވެ. އެހެންވީމާ، އަހަރެމެން ހާއްޔަށް ޖަމާކުރި އެއްޗެހި ކާނެ ކަމެއް ނެތެވެ. ފިނި މޫސުމުގައި ކާން އެ އެއްޗެހި ބަހައްޓާނީ އެވެ."

އަންހެން ކޮތަރު މިގޮތާ އެއްބަސްވި އެވެ.

ދެން ކޮންމެވެސް ކަމަކު، ފިރިހެން ކޮތަރު ހާލި ދޫކޮށްފައި ދިޔަ އެވެ. ހާލިން ބޭރުގައި ދުވަސްކޮޅަކު އުޅުމަށްފަހު، ފިރިހެން ކޮތަރު އައިއިރު، ގޮދަން މަދުވެފައިވާ ކަމަށް ފެނުނެވެ. އެއީ، ގޮދަން ހިކުމުގެ ސަބަބުން ވީކަމެއް ކަން އެސޮރަކަށް ނުވިސްނުނެވެ. ދެން އަންހެން ކޮތަރު ގާތުގައި ބުންޏެވެ.

"ފިނި މޫސުމުގައި ނޫނީ މި ގޮދަން ނުކެއުމަށް އަހަރެމެން އެއްބަހެއްނުވަމު ހެއްޔެވެ؟"

އަންހެން ކޮތަރު އެތައް ހުވަޔެއް ކޮށްފައި ބުންޏެވެ.
"ތިމަންނާއެއް ތިޔެއް ނުކަމެވެ."

ނަމަވެސް ފިރިހެން ކޮތަރު އެބަހެއް ޤަބޫލެއް ނުކުރި އެވެ. ދެން ރުޅިއައިސްގެން އަންހެން ކޮތަރު ގައިގައި ތަޅައި އަނިޔާކޮށް މަރާލި އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ފިނި މޫސުމް އަތުވެއްޖެ އެވެ. ވާރޭވެހެން ފަށައިފި އެވެ. ހާލި ތެއްވެ ގޮދަން ފުފެން ފަށައިފި އެވެ. ހަފުތާއެއްހައި ދުވަސްވީއިރު، ގޮދަންވަނީ، ކުރިން ހުރި މިންވަރަށް އިތުރުވެފަ އެވެ. ފިރިހެން ކޮތަރަށް އެމަންޒަރު ފެނުމުން ކަންވީ ގޮތް އޮޅުންފިލައި، ހިތާމަކުރަން ފެށި އެވެ. ހިތާހިތުން އަންހެން ކޮތަރާ ވާހަކަދައްކައި ބުނެ އެވެ.

"ތިބާ ނެތް ދުނިޔެއެއްގައި ގޮދަނަކުން ލިބޭނެ ދިރިއުޅުމެއް ނެތެވެ.
ތިބާގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކުމެ، ތިބާއަށް ބޭއިންސާފުން އަނިޔާކުރެވުނީތީ ދެރަވެ އެވެ.
ނަމަވެސް ފާއިތުވެއްޖެ ކަމެއް އަނބުރާ ނުގެނެވޭނެ އެވެ."

މިހެން ކިޔައި ހާލީގައި ނުކައި ނުބޮއި އޮވެ ހިތާމަކުރަންފެށި އެވެ. އެގޮތަށް ހިތާމަކުރަމުން ދަނިކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިރިހެން ކޮތަރު މަރުވެއްޖެ އެވެ.

ކަންކަމުގެ ޙަޤީޤަތް ނުބަލައި ފިޔަވަޅު އެޅުމަކީ، މި ފިރިހެން ކޮތަރަށް ޖެހުނު ޙާލު ޖެހިދާނެ ކަމެކެވެ.


މަޞްދަރު:
ކަލީލާ ވަ ދިމްނާ.



ހަމަމިގަލަމުން

އިދާރާ

ވާހަކަ