އަދުގެ ޚާއްސަ

Print

މާކަށިކޭލު ގަރުދިޔައާއި އެނދި ހޯލި

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ސަމާސާ އަދަބު



ޢަލީ ޙާފިޡް ހއ. އުތީމު


ޢަލީގެ ޙަޔާތުގެ ކުރީކޮޅެވެ. ރަށު މަދަރުސާގެ ގްރޭޑް 7 ގައި ތަޢުލީމު ޙާޞިލްކުރަމުން ދިޔަ ދުވަސްވަރެވެ. ކެއުމަށް އާދަޔާ ޚިލާފު ފޯރި ހުންނަ އަލީ ސްކޫލަށްދަނީ ހެނދުނު ހެނދުނާއެވެ. އާއިލާގެ ތަނަވަސްކަމާ ކެރި ފޯރުންތެރިކަން ހުންނަގޮތުން ހެނދުނު ބުއްތަށްޓެއް ވެސް  ލިބުމަކީ ވާ ވަރުކަމެއް ނޫނެވެ. ޢަމުދުން ކަޅުފެންތަށްޓެއް ވެސް ޢައްޔަށް ނުބޮވެނީ ތަބީޢަތުގައި ހުންނަ ނިކަމެތިކަމަކުންނެވެ. މާހެނދުނާ ގޮހޮރަށް އެއްޗެއް ލައިފިއްޔާ އަތިރިފަރާތުން އިންޒާރުގެ ދަޢުވަތެއް އަންނަނީ ޔޯލަ އެވެ. މިކަމަކާ  އުޅެން ހަދައިގެން ގަޑިޖެހިދާނެކަމުގެ ބިރު މާބޮޑަށް ހީވަނީ އެވެ. ވާނީވެސް އެހެންތާ އެވެ. ޢައްޔަކީ ރަށު މަދަރުސާގެ ނަންވިދާ ދަރިވަރެކެވެ. ޕްރިފެކްޓެކެވެ. ދިވެހި ކުލަބުގެ ނައިބެވެ. ހިލާ ގަޑިޖެހުނަ ދީގެން ނުވާނެތާ އެވެ.

ޙަޤީގަތުގައިވެސް ޢަލީ ސްކޫލުގައި އުޅެނީ ވަރަށް ރަނގަޅަށް ބަސްއަހައިގެންނެވެ. ދިވެހި ކުލަބުގެ ކަމެއްވިއްޔާ، ކެއުމަށް ފޯރިހުންނަ ޢަލީ ނުކައިވެސް ހުރެދާނެ އެވެ. އެކަމަކު އެ ކަމަކުން އަވަދިވެގެން ފިސާރި ކާލާނެ އެވެ. އެއްކޮށްލާފައި ހުންނަ ބަތްތަށި ހީވާނީ ރޯދަ ޢީދަށް ރަށްރަށު ގޮނޑުދަށުގައި ޖަހާ ޢީދު ފުންޏެއް (ޢީދު ހުޅު) ހެނެވެ.

ޢަލީ އިންޓަވަލް ވެސް ނުބޮއި ހުރި ދުވަހެކެވެ. މަދަރުސާގައި އަވަދި ނެތި އުޅުމަށްފަހު ގެއަށް އާދެވުނީ ދޭއްޖަހަން ގަޑީގެ ފައި ކުރުކޮށްފައި ހުއްޓައެވެ. އަވަސް އަވަހަށް ނަމާދު ކޮށްލައިގެން ބަދިގެ ފަރާތަށް ދިޔައިރު މަންމައެއް ނެތެވެ. އެކަމަކު  މަންމަ ހޯދަން ދާނެ ހިތްވަރެއް އަލީ ކިބާގައި ނެތީތާއެވެ. ބަދިގެއަށްވަދެ ތަށި އަށިގަނޑުން އާދައިގެ ބަތްކާ ތަށްޓެއް ނަގައި އެއަށް ރަނގަޅަށް ބަލައިލުމަށްފަހު އެތަށި ބޭއްވި އެވެ. ބަތް އަޅަން ގެންގުޅޭ ކަހަނބުގެ އަގު ދިންހިސާބަށް ބަތް އަޅާ ފުރާލި އެވެ. އެއާއެކު ލައިގެން ކާނެ ލޮނުކަން ވީހިސާބެއް އޭރު އަދި ޢައްޔަކަށް ނޭނގެ އެވެ. މަތިހިއްލަމުން ދަނިކޮށް ރަތްވެފައި ހުރި ގަރުދިޔަ ތެއްޔެއް އައްޔަށް ފެނުނެނެވެ. ވީ އުފަލަކުން ވަރެއްނެތެވެ. ގަރުދިޔައަކީ އައްޔަށް އެހާމެ މީރު އެއްޗެކެވެ.

ރަނގަޅަށް ބަތްކޮޅު ކާލެވޭވަރަށް ގަރުދިޔަ އެޅުމަށްފަހު މަސްކޮޅެއް ލިބޭތޯ ތެލިތެރެޔާ ދުމަށި މަތިވެސް ބެލި އެވެ. ހަމަ ހިލާ މަހަށް ނަންކިޔުނު ހަމަ އެކައްޗެއް ވެސް ބަދިގެޔަކުން ނުފެނުނެވެ. މަސްކޮޅެއް ނުލިބުނިއްޔާ ރަނގަޅު ކުޅިކަމެއް ހަމަ އެންމެ ރަނގަޅުވާނޭ ހިތާ ރޮށިފިހާ މުށިގަނޑު މައްޗާ އުނދުންތެރެ ރަނގަޅަށް ބަލައިލި އެވެ. މަންމަ މިރުހެއްކަހަލަ އެއްޗެއް ފޮޅިކޮށްފައި އޮވެދާނެ ކަމަށެވެ. އުނދުނުގައި ހަމަ އެންމެ މިރުހެއް އޮތެވެ. ބަތްކޮޅު ރަނގަޅަށް އެއްކޮލުމަށްފަހު މިރުސް ބަތްތަށި ތެރެޔަށް ފިތާލި އެވެ. ކަމަކުދާކަށް ނެތެވެ. އައްޔަށް ފިތާ ލެވުނީ މިރުހެއް ނޫނެވެ. އުނދނުގައި އަނދާ ދެއްޔަށްވެފައި އޮތް ހޯލިކޮޅެކެވެ. ކިހާ ދެރަހެއްޔެވެ. އެއޮއް މީރުކޮށް ކާން އުޅުނު ބަތްތަށި ޚަރާބުވީ އެވެ. ދެރަވާނެތާ އެވެ. އެބަތްތަށި އުކާލާފައި ދެން އަލަކުން އަޅާނެ ބަތެއް ތެއްޔަކު ނުހުންނާނެކަން އައްޔަށް އެނގެ އެވެ.

ދެލިބުރި ފިތުނު ބައި އުކާލާފައި ކުޅިކަމެއް ނެތަސް ދެންހުރި އެތިކޮޅު ޚަލްޤާގެ އެތެރެކޮށްލި އެވެ. ދެތިން ފަހަރަކު ކާލުމަށްފަހު ފާޑަކަށް އަނގަ ހަދާލާފައި ބަތްމުށެއްނަގާ ވަސްބަލާލިއެވެ. މީ އަނެއްކާ ކޯއްޗެއްބާ އެވެ. މިއަކު ލޮނުރަހައެއް ނުލައޭ ޢަލީގެ ހިތަށް އެރިއެވެ. ރަނގަޅަށް އެކޮޅު މިކޮޅު ބަލާ ހޯދަނިކޮށް މަންމަ އަތުވެއްޖެ އެވެ. ކެވިގެން މި އުޅެނީ ކޯއްޗެއްތޯ މަންމަގާތު އެހުމުން އެނގުނީ އެއީ މާ ކަށިކެޔޮ ފެނުކައްކާފައި ހުރި ފެންކަމެވެ. ކޮންމެވެސްކަމަކު އަވަހަށް ދާން ހަދައިގެން މަންމައަށް ފެންތެލި އުކާނުލެވި ހުރީ އެވެ. އައްޔަށް މިކެވުނީ މާކަށިކޭލު ގަރުދިޔައާއި އެނދި ހޯއްޔެވެ.
------------
(ނިމުނީ)


ފޮޓޯ:

http://dv.wikipedia.org

މި ލިޔުން:

ފޮނުއްވުން:    އަލްފާޟިލް ޢަލީ ޙާފިޡު
އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް
ޝާއިޢުކުރުން:     ''      ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ