އަދުގެ ޚާއްސަ

Print

ރައްކާތެރި ނުރައްކާތެރި އެއްޗެކެވެ.

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އާދަކާދަ


މުޙަންމަދު ލަޠީފު ށ.މިލަންދޫ

ތިޔައީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. ތިޔައީ ވަރަށް ނުރައްކާތެރި މީހެކެވެ. ތިއައީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީ އަޅުގަނޑުމެން ވާހަކަ ދެއްކުމުގައި ވަރަށް ގިނައިން ބޭނުންކުރާ ބަސްތަކެކެވެ. ސުވާލަކީ ރައްކާތެރީ ކާކުތޯ އެވެ؟ ރައްކާތެރީ ކޮން އެއްޗެއްތޯ އެވެ؟ ރައްކާތެރީ ކޮންކަމެއްތޯ އެވެ؟

މިސާލަކަށް މީހަކާ ދޭތެރޭ ވާހަކަ ދައްކަމާތޯ އެވެ. މީހާއަކީ ރަނގަޅު ހެއުލަފާ މީހެކެވެ. ދީންވެރި ތަޤްވާވެރި މީހެކެވެ. މީސްތަކުންނަށް ހެއުމަގަށް ގޮވާލާ މީހެކެވެ. ފަސާޙަތްތެރިކަމާއި ބަލާޣާތްތެރިކަމާއެކު ވަޢުޡު ދޭ މޮޅު ވާޢިޡެކެވެ. ހެއުކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާކުރާ މީހެކެވެ. އަބުރުވެރި ޤަދަރުވެރިއެކެވެ. ނަމަވެސް ކުޑަކުޑަ މައްސަލައެއް އެބައޮތެވެ. އެއީ އަޅުގަނޑުގެ ޚިޔާލާއި އުސޫލުތަކުގައިހުރި ދޯހަޅިކަމުގެ ވާހަކަ ދައްކާތީ އެވެ. އަޅުގަނޑުގެ އެކުވެރިންނަށާއި އަޅުގަނޑުގެ ހަމަތައް ރައްކާތެރިކޮށްދޭ މީހުނަށް ދޭ އިނާމުތަކާއި ދޭ ހަދިޔާތަކުގެ ވާހަކަ ދައްކާތީ އެވެ. އަޅުގަނޑުގެ މަޞްލަޙަތަށްޓަކާ ހިންގާ ޖަރީމާތަކާއި ކުރާ ފާޙިޝްކަންތައްތަކުގެ ވާހަކަ ދައްކާތީ އެވެ. އެހެންވީމާ އެއީ އެއްވަނަ ދަރަޖައިގެ ނުރައްކާތެރި މީހެކެވެ. ކޮންމެ ގޮތަކުންނަމަ ވެސް އޭނާގެ ފުރާނައިން އަތްދޮވެލަންޖެހޭ މީހެކެވެ. ސަބަބަކީ އޭނާގެ ނުރައްކާތެރިކަން ހަމަ ބޮޑީ އެވެ.

އެއްޗަކަށް ބަލަމާތޯ އެވެ؟ އަލިފާނެވެ. އެއާނުލާ އިންސާނުންނަށް ދިރިއުޅެވެންނެތް އެއްޗެކެވެ. ފިނިން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ކާތަކެތި ރޯފިލުވައިދޭ އެއްޗެކެވެ. ހަރު ދަނގަޑާއި އެކަތައާއި ލޮއި ވިރުވާ ފެނަށް ހަދާލަދޭ އެއްޗެކެވެ. ނަމަވެސް އެއާމެދު ސަމާލުވެ ރައްކާތެރި ނުވެވިއްޖެނަމަ ނުރައްކާތެރި އެއްޗެކެވެ. ނުވަތަ ނުރައްކާތެރިގޮތުގައި ބޭނުންހިފައިފިނަމަ ނުރައްކާތެރި އެއްޗެކެވެ. އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން ބިނާކޮށްފައިވާ ރިސޯޓެއް ދުވާލެއްގެ ހަތަރުދަން ހަމަނުވަނީސް އަޅިފުންޏަކަށް ހަދާލަފާނެ އެވެ. އެތައް އަހަރަކުން ނުވަތަ އެތައް މަސްދުވަހަކުން ހެއްދި އެތައް ހާސް އޭކަރެއްގެ ދަނޑުބިން މަދު ގަޑިތަކެއްގެތެރޭ ނެތިކޮށްލަފާނެ އެވެ. އެތައް މިލިއަން ފީފާއެއްގެ ތެއު ދުމަށް އަރައިގެން ހިނގައިދާނެ އެވެ.

ކަމަކާއިމެދު ވާހަކަދައްކަމާތޯ އެވެ؟ މީހަކާ ނުވަތަ ބަޔަކާ ދޭތެރޭ ވާހަކަ ދައްކަމާތޯ އެވެ؟ އަޅުގަނޑުމެނަށް އެކަން ނުކޮށް ފަރުޖެއްސެން ނެތް ކަމެކެވެ. ރެއަކާ ދުވާލު އެތައްފަހަރަކު ކުރެވޭ ކަމެކެވެ. ކުރަންޖެހޭ ކަމެކެވެ. ވާހަކަ ދައްކައިގެން ދޭދޭ ދެ މީހުން ޞުލްޙަކުރެ އެވެ. އެކަކު އަނެކަކާ މިތުރުވެރިވެ އެކުވެރިވެ އެވެ. ދަތިއުނދަގޫ ކަންތައް ޙައްލުކުރެ އެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރެ އެވެ. އެކަކު އަނެކަކަށް ދޭން ބޭނުންނާ މެސެޖު ވާހަކަ ދެއްކުމުގެތެރޭން ރައްދުކޮށްދެ އެވެ. ނަމަވެސް ރައްކާތެރިގޮތުގައި ބަލަންވާވަރަށް ނުބަލައި ވިސްނަންވާވަރަށް ނުވިސްނާ ދެއްކޭ ވާހަކައިން ދެ މިތުރުން ދެ ހަތުރުންނަށް ބަދަލުވެ އެވެ. މީހުންގެ އަބުރާއި ޤަދަރު ފައިދަށުވެ ޗިސްޗިސްވެ އެވެ. އެކަމާމެދު ފަހުން ދެރަވެ ހިތާމަކުރަންޖެހެ އެވެ. ނުނިޔަތުގައި ވާހަކަ ދައްކައިގެން ރޯކުރާ އަލިފާންގަނޑުގެ ހޫނުކަން ތެއުވަޅެއްގައި ރޯވެގެން އަނދާ އަލިފާންގަނޑަކުންއަރާ ހޫނަށްވުރެ ހޫނުކަން ގަދަ އެވެ. ކާރުބޮމެއް ގޮވުމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ޒަޚަމަށްވުރެ ހިތުގައި އުފެދޭ ޒަޚަމްތައް ނުރައްކާތެރިވެފައި ބޮޑެވެ.

މި އުޞޫލުން ބަލާއިރު ކޮންމެ އެއްޗަކީވެސް ހެއުގޮތުގައި ރައްކާތެރިގޮތުގައި ބޭނުންކުރާނަމަ ރައްކާތެރި އެއްޗެކެވެ. ބަލަންވާވަރަށް ނުބަލައި ނުވަތަ ނުރައްކާތެރިގޮތުގައި ބޭނުންކުރާނަމަ ނުރައްކާތެރި އެއްޗެކެވެ. ގޮތް ކަނޑައެޅުމުގެ ކުރިން އެތައް ގޮތަކަށް ފުންކޮށް ވިސްނަންޖެހޭ ނުކުތާ އެއް އެބަ އޮތެވެ.

އަނެކާގެ ހަމަތަކާއި ޚިޔާލާއި ފިކުރާއި އުސޫލުތަކަށް އެ އޭނާގެ ފުށުން ގެއްލުމެއް ލިބިދާ ފަދަ މީހަކުނަމަ އެއީ ކޮންމެ މީހަކީ ވެސް ނުރައްކާތެރި މީހެއްބާވަ އެވެ؟  ނުވަތަ ތިމާމެންގެ ފިކުރާއި ވިސްނުމާއި ނުގުޅޭ މީހެއްނަމަ އެއީވެސް ނުރައްކާތެރި މީހެއްބާވަ އެވެ؟  ދީނީގޮތުން ވިއަސްމެ އެވެ. ދުނިޔަވީގޮތުންވިއަސް މެ އެވެ. މާއްދީ ގޮތުން ނުވަތަ މަޢުނަވީގޮތުންވިއަސް މެ އެވެ. މިގޮތަށް ފިކުރު ހިންގާލަން ޖެހެނީ  މަދު ފަހަރެއްގައި މި ނޫންގޮތަކަށް ކަން ހިނގިއަސް އާންމު ޙާލަތުގައި މިއީ މިއަދު އަޅުގަނޑުމެންގެތެރޭގައި ކަން ހިނގާގޮތްކަމަށްވާތީ އެވެ. އެހެން ކަމުން ދަންނަވަންޖެހެނީ ކޮންމެ އެއްޗަކީވެސް ރައްކާތެރި ނުރައްކާތެރި އެއްޗެކެވެ.
----------------------
(ނިމުނީ)

މި ލިޔުން:

    ފޮނުވުން:      އަލްފާޟިލް މުޙަންމަދު ލަޠީފު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
    އަލުންބެލުން:    އާދަމް ނަޞީރު އިބްރާހީމް   (ފަންވަތުގެ އެޑިޓަރު)
    ޝާއިޢުކުރުން:  
އަޙުމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)

އިދާރާ

އެނގޭތަ؟

ވާހަކަ