ވަޒީފީ އަމާނަތް
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
މާތްﷲ މި ކައުނަށް ބިޔަ މަސްއޫލިއްޔަތެއް، ''ބޮޑުވާޖިބެއް'' ނުރައްކާތެރި ބުރައެއް، އުފުއްލަން ހަވާލުކުރައްވަންވެގެން މި ކައުނުގައި ހިމެނޭ ބޮޑެތިބާރުތަކަށް، އުޑަށާއި ބިމަށާއި ފަރުބަދަތަކަށް އެ މަސްއަލަ ހުށަހެޅުއްވި އެވެ. ނަމަވެސް މި މަސްއޫލިއްޔަތު ރަނގަޅަށް އަދާނުކުރެވިގެން ﷲގެ ޙަޟްރަތުގައި ކުށްވެރިވެ، އަދަބުލިބިދާނެތީ، އެ މަސްއޫލިއްޔަތާ އެކަހެރިކޮށްދެއްވުމަށް، އެ ތަކެތި ﷲއަށް ދެންނެވި އެވެ. އެ ހިނދު މާތްﷲ މި މަސްއޫލިއްޔަތު (ނުވަތަ އަމާނަތް) ހުށަހެޅުއްވީ އާދަމުގެފާނަށެވެ. އެ ކަލޭގެފާނު މިކަން ޤަބޫލުކުރެއްވި އެވެ. މާތްﷲ ވަޙީކުރައްވަނީ؛
إِنَّا عَرَضْنَا الأَمَانَةَ عَلَى السَّمَاوَاتِ وَالأَرْضِ وَالْجِبَالِ
فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الإِنسَانُ إِنَّهُ كَانَ
ظَلُومًا جَهُولا - الأحزاب: ٧٢
''ހަމަކަށަވަރުން ތިމަންރަސްކަލާނގެ އުޑުތަކަށާއި ބިމަށާއި ފަރުބަދަތަކަށް އަމާނަތް ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެ ތަކެތި އެކަމާމެދު ބިރުވެތިވި އެވެ. އެ ހިނދު އިންސާނާ އެ އަމާނަތް އުފުލި އެވެ. ހަމަކަށަވަރުން އެ އިންސާނާ ވީ އަނިޔާވެރި، ތަންދޮރުނުދަންނަ މީހަކުކަމުގައެވެ."
އަމާނަތްތެރިކަމަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ އެންމެ މުހިއްމު އެއްސިފަ އެވެ. ކޮންމެ ރަސޫލުބޭކަލަކު ވެސް ވިދާޅުވެފައިވަނީ؛
إِنِّي لَكُمْ رَسُولٌ أَمِينٌ الشعراء: ١٤٣-
''ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވިގެންވާ އަމާނަތްތެރި ރަސޫލެކެވެ."
އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ محمدصلى الله عليه وسلم އަކީ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިން ޢަރަބިންގެ ތެރޭގައި އަމާނަތްތެރިކަމަށް މަޝްހޫރުވެވަޑައިގަންފައިވާ ބޭކަލެކެވެ. މުޝްރިކުން ވެސް އެކަލޭގެފާނުގެ އަމާނަތްތެރިކަން ވަނީ ޤަބޫލުކޮށްފަ އެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނަށް އަލްއަމީނުގެ ލަޤަބުވަނީ އަރުވައިފަ އެވެ.
އަމާނަތުގެ މާނަ އިތުރަށް ޝަރަޙަކުރަންޖެހޭނެކަމަކަށް ހިއެއްނުވެ އެވެ. އެހެންކަމުން އ ެވާހަކައަށް ނުގޮސް މައިގަނޑުނަމުގެ ތެރެއަށް ވަދެވޭތޯ ބަލާނަމެވެ.
ވަޒީފާ... ބޮޑު އަމާނަތެއް
ވަޒީފާއާއި އޭގެ ސިއްރުތަކަކީ އެންމެބޮޑެތި އަމާނަތްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެއީ ވަރަށް މަތިވެރި ވަރަށް ޤަދަރުވެރި އަމާނަތެކެވެ. ކޮންމެ މުވައްޒަފަކީ ﷲގެ ޙަޟްރަތުގައި، އަދި އޭނާއަށް ވަޒީފާދިން ފަރާތުގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. އެ ވަޒީފާ އޭނާ އަދާކުރިގޮތާއި އެ ވަޒީފާގެ ސިއްރުތަކަށް ރައްކައުތެރިވިގޮތާ މެދު ސުވާލުކުރެވޭނެ އެވެ. ކީރިތިރަސޫލާގެ މާތް ޞަޙާބީއެއްކަމުގައިވާ އަބޫޛައްރިލްޣަފާރީ، ވަޒީފާއެއްދެއްވާތޯ ރަސޫލުﷲގެފާނަށް ދެންނެވުމުން އެކަލޭގެފާނުގެ ކޮނޑުފުޅުގައި ރަސޫލުﷲގެފާނުގެ އަތްޕުޅުން ޖައްސަވާލައްވައިފާ ޙަދީޘްކުރެއްވީ " يَا أَبَا ذَرٍّ إِنَّكَ ضَعِيفٌ وَإِنَّهَا أَمَانَةٌ وَإِنَّهَا يَوْمَ الْقِيَامَةِ خِزْىٌ وَنَدَامَةٌ إِلاَّ مَنْ أَخَذَهَا بِحَقِّهَا وَأَدَّى الَّذِى عَلَيْهِ فِيهَا–رواه مسلم والبيهقى والطيالسى–އޭ އަބޫޛައްރެވެ! ހަމަކަށަވަރުން ކަލޭގެފާނަކީ ނިކަމެތިބޭކަލަކީމު އެވެ. އެހެނީ، އެއީ އަމާނާތެކެވެ. ހަމަކަށަވަރުން އެކަން ޤިޔާމަތްދުވަހުގައި ވާނީ އެ ކަމާމެދު ދެރަވާންޖެހޭ ބޭޒާރުވުމަކަށެވެ. އެކަން ޙައްޤުގޮތުގައި އަދާކޮށް އޭނާގެ ބޮލުގައި އެޅިފައިވާ ޙައްޤު އަދާކުރިމީހާ ފިޔަވަ އެވެ.
"ރަސޫލުﷲގެފާނު އަބޫޛައްރުގެފާނަށް މި ވަޒީފާ ނުދެއްވީ އެކަމުގެ ޤާބިލުކަން އަބޫޛައްރުގެ ކިބާގައި ނެތީމަ އެވެ. އެކަލޭގެފާނަށް އެ މަސްއޫލިއްޔަތު އަދާނުކުރެއްވޭނެކަން މާތް ރަސޫލާއަށް އެނގިވަޑައިގަންނަވާތީ އެވެ. އަބޫޛައްރުގެ ޝަޚްޞިއްޔަތުގައި މި ބާވަތުގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ނެތީމާ އެކަލޭގެފާނަށް ނަސޭހަތްދެއްވުމުގެ ގޮތުން ރަސޫލުﷲގެފާނު ޙަދީޘްކުރެއްވި އެހެންބަސްފުޅަކަށް ވެސް ބަލައިލަން އެބަޖެހެ އެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ " يَا أَبَا ذَرٍّ إِنِّي أَرَاكَ ضَعِيفًا وَإِنِّي أُحِبُّ لَكَ مَا أُحِبُّ لِنَفْسِي لَا تَأَمَّرَنَّ عَلَى اثْنَيْنِ وَلَا تَوَلَّيَنَّ مَالَ يَتِيمٍ – مسند الصحابة فى الكتب الستة -އޭ އަބޫޛައްރެވެ! ހަމަކަށަވަރުން ކަލޭގެފާނުގެ ކިބައިން ނިކަމެތިކަން ދެކެވަޑައިގަންނަވަމު އެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އަމިއްލަނަފްސަށް އެދިވަޑައިގަންނަވާ ކޮންމެކަމެއް ކަލޭގެފާނަށް ވެސް ލިބިވަޑައިގަތުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ. ކަލޭގެފާނު ދެ މީހެއްގެ ވެރިއަކަށް ވެވަޑައިނުގަންނަވާށެވެ. އަދި ޔަތީމުންގެ މުދާ ބެލެހެއްޓެވުމާ ހަވާލުވެވަޑައި ނުގަންނަވާށެވެ."
ކީރިތިރަސޫލާގެ މި އިރްޝާދާ އެއްގޮތަށް ޢަމަލުކުރަނީ ކޮންބައެއްތޯއެވެ. އެ ވަޒީފާ ތިމާއަށް ރަނގަޅަށް އަދާނުކުރެވޭނެކަން އެނގިހުރެ ވަޒީފާ އާ ޙަވާލުވާ ކިތައްމީހުން އެބައުޅޭތޯ އެވެ. އަޅުގަނޑުމެންގެތެރެއިން ގިނަބަޔަކު އަބަދުވެސް އަވަސްވެގަންނަނީ ބޮޑެތިވަޒީފާތައް ލިބޭތޯ އެވެ. މުސާރަބޮޑު ވަޒީފާއެއް ލިބޭތޯ އެވެ. މުސާރަބޮޑުވި ވަރަކަށް މަސްއޫލިއްޔަތުބޮޑުވާނެކަން ދަންނަންޖެހޭނެ އެވެ. އޭނާ މި ވަޒީފާ އަދާކުރިގޮތާމެދު ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ އެވެ. އެކަމުގެ ސަބަބުން ނުކުމެފައިވާ ނަތީޖާތަކާ މެދު ޒިންމާވާންޖެހޭނެ އެވެ.
ވަޒީފާ އަށް ޚިޔާނަތްތެރިވުން
ވަޒީފާ އަދާކުރުމުގައި ފަރުވާކުޑަކުރުމަކީ އޭނާގެ މި އަމާނާތަށް ޚިޔާނަތްތެރިވުމެއް ނޫންތޯ އެވެ. ވަޒީފާއަށް ގަޑިއަށް ނުދިޔުމާއި، މަސައްކަތުގަޑީގައި ބޭރަށް ދިޔުމާއި، ވަޒީފާ އަދާކުރުމުގައި އެކިމީހުންނަށް އެކިގޮތަށް ޢަމަލުކުރުން ފަދަ ކަންތައްތަކަކީ ވަޒީފާއަށް ޚިޔާނަތްތެރިވުމުގެ ތެރޭގައި ގުނާލެވިދާނެކަންތައްތަކެކެވެ. އޮފީހަށް ގޮސް ނެޓަށް ވަދެ ޗެޓްކުރުމުގައި ވަގުތުތައް ހޭދަކުރުމާއި، ނޫސްކިޔަން ތިބުމާއި، އިރުއިރުކޮޅުން ސައިބުއިމަށްޓަކައި މަސައްކަތް ހުއްޓާލުމާއި، ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް، ދަރިން މަދްރަސާއަށް ގެންދިޔުމާއި މަދްރަސާއިން ގެއަށް ގެނައުމުގެ ނަމުގައި ބޭރަށް ދިޔުމާއި، އަމިއްލަ މަސައްކަތްތައް ކުރުމަށްޓަކައި އޮފީހުން ބޭރަށް ދިޔުމާއި، ގަޑި ނުޖެހެނީސް މަސައްކަތް ހުއްޓާލައިފާ އޮފީހުން ނުކުތުމަކީ އަމާނަތަށް ޚިޔާނަތްތެރިވުމެކެވެ. މި ފަދަޢަމަލުތަކުގެ ސަބަބުން، މީހުންގެ މަޞްލަޙަތުތައް ހުއްޓި، މަސައްކަތުގެ އުފެއްދުންތެރިކަން ކުޑަވެ، ފަސާދަ އިތުރުވެގެން ދެ އެވެ. މި ފަދަ ޢަމަލުތަކުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ޢަދްލުއިންޞާފު ނެތިގެންދެ އެވެ. އަދި މުވައްޒަފުންގެ މުސާރައިން ޙައްޤުނުވާ ފައިސާތަކެއް ޙައްޤުނުވާ ބަޔަކަށް ލިބިގެންދެ އެވެ.
ވަޒީފީ އަމާނަތަށް ޚިޔާނަތްތެރިވުމުގެ ޢަލާމަތްތަކުގެ ތެރޭގައި މަޤާމުގެ ބޭނުންކޮށްގެން ނާޖާއިޒުފައިދާތައް ނެގުން ހިމެނެ އެވެ. ދައުލަތުގެ ފައިސާގައި ޖެހުމަކީ ވަރަށްބޮޑު ޖަރީމާއެކެވެ. ކީރިތިރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނީ" مَنِ اسْتَعْمَلْنَاهُ عَلَى عَمَلٍ فَرَزَقْنَاهُ رِزْقًا فَمَا أَخَذَ بَعْدَ ذَلِكَ فَهُوَ غُلُولٌ–رواه أبو داود والحاكم وابن خزيمة –މަސައްކަތެއްކުރުމަށް ތިމަންކަލޭގެފާނު މީހަކު އިސްކުރައްވާ އޭނާއަށް ރިޒްޤެއް (އެބަހީ މުސާރައެއް) ދެއްވާފައިވާމީހާ ، އެމިންވަރަށް ވުރެ އިތުރަށް ނަގާކޮންމެއެއްޗަކީ ފަހެ ޚިޔާނަތެކެެވެ. " މާތްﷲ ވަޙީކުރައްވަނީ وَمَا كَانَ لِنَبِيٍّ أَن يَغُلَّ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ الْقِيَامَةِ ثُمَّ تُوَفَّى كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لاَ يُظْلَمُونَ آل عمران: ١٦١– އަދި މުދަލަށް ޚިޔާނަތްތެރިވާމީހާ، އެ މީހަކު ޚިޔާނަތްތެރިވި ތަކެއްޗާއިގެން ޤިޔާމަތްދުވަހުން އެކަލާނގެ ޙަޟްރަތަށް އަންނާނެތެވެ. ދެން ކޮންމެ ނަފްސަކަށްމެ އެ ނަފްސެއް ހޯދިކަމެއްގެ ޖަޒާ ފުރިހަމައަށް ލިބިދެއްވާނެތެވެ. އެބައިމީހުންނަށް ބޭއިންސާފު ނުކުރައްވާގޮތުގަ އެވެ."
ގަޑިޖެހިގެން އައުމާއި ގަޑި ނުނިމެނިސް ދިޔުން
ސަޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިއެއްކަމުގައިވާ ފަޟީލަތުއްޝައިޚު މުޙައްމަދު ބިން ޢުޘައިމީނަށް ދެންނެވުނެވެ. ގަޑިޖެހިގެން އޮފީހަށް އަންނަމީހުންނާއި ގަޑި ނުޖެހެނިސް އޮފީހުން ނުކުމެގެންދާމީހުންނާމެދު ވިދާޅުވަނީ ކީކޭތޯ އެވެ؟ އޭނާ ވިދާޅުވިއެވެ. ތިޔައީ ޖަވާބަކަށް ބޭނުން ވާނެ ސުވާލެއްނޫނެވެ. ތިޔަ ސުވާލުގެ ޖަވާބު ކޮންމެމީހަކަށް އެނގޭނެ އެވެ. މީހަކާ މަސައްކަތެއް ހަވާލުކުރާއިރު އެކަމަށް އަގެއް ކަނޑައަޅާނެ އެވެ. އެ މަސައްކަތްް އެއްބަސްވިގޮތަށް ރަނގަޅަށް އަދާނުކޮށްފިނަމަ އެއްބަސްވި އަގު ޙައްޤެއް ނުވާނެ އެވެ. މުވައްޒަފަށް ލިބެންޖެހޭ މުސާރައިން އެއްޗެއް ކެނޑުމަށް މުވައްޒަފު ޤަބޫލުނުވާ ފަދައިން، އެ މުވައްޒަފުގެ މަސައްކަތް އުނިކޮށްކުރުމަށް ދައުލަތްވެސް (ނުވަތަ ވަޒީފާދޭ ފަރާތް ވެސް) ޤަބޫލެއްނުވާނެ އެވެ.
އޭނާ ފަތުވާދެއްވާގޮތުގައި މުވައްޒަފު މިސްކިތުގައި ނަމާދުކުރަންވެގެން ބޭރަށްގޮސް ވަގުތު ނަގައިލާނަމަ، އެ މުވައްޒަފަކު ނަމާދުކުރަންޖެހޭނީ އޭނާގެ އޮފީހުގަ އެވެ. އޭނާ ވިދާޅުވެފައިވެއެވެ. "ބައެއްމީހުން ﷲދެކެ ބިރެއް ނުގަނެ އެވެ. ނަމާދަށޭ ކިޔާފައި އޮފީހުން ބޭރަށް ގޮސް ނަމާދުކޮށްގެން އޮފީހަށް އެނބުރިނައިސް ގެއަށްދާތަން ފެނެ އެވެ. މި ފަދަމީހުންނަށް ބުނާނީ: ތިޔަބައިމީހުން އޮފީހުގައި ނަމާދުކުރާށެވެ. އެހެނީ މި ނޫންގޮތަކަށް އޭނާގެ މަސައްކަތް ރަނގަޅަށް ކުރެވޭކަށް ނެތެވެ. " ޝައިޚު ޢުޘައިމީން ގޮވައިލައްވަނީ އޮފީހުން ބޭރަށް ނުގޮސް މުވައްޒަފުންނަށް އެމީހުންގެ ޟަރޫރީކަންތައްތައް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.
ކުރަންޖެހޭ މަސައްކަތް ނިމުމުން އޮފީހުގައި މަޑުކުރަންޖެހޭނެތަ؟
ބައެއްމުވައްޒަފުން ބުނާގޮތުގައި އެމީހުން ކުރަންޖެހޭ ހުރިހާކަމެއް އޮންނާނީ ކުރަންޖެހޭގޮތަށް ކޮށް ނިންމައިފަ އެވެ. އެހެންވީމާ، އިތުރަށް އޮފީހުގައި ތިބޭކަށް ނުޖެހޭނެ އެވެ. މީގެ ޖަވާބުގައި ދަންނަވަންޖެހެނީ މުވައްޒަފުންނަށް އޮފީހުގައި ތިބެންޖެހޭ ގަޑިތަކެއް ކަނޑައެޅިފައިވެ އެވެ. މިސާލަކަށް އޮފީސް ގަޑިއަކީ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. މި 8 ގަޑިއިރުގެ ތެރޭގައި ކޮންމެ މުވައްޒަފަކަށް ވެސް އެއްގަޑިއިރުގެ ހުސްވަގުތުކޮޅެއް ލިބޭނެ އެވެ. މުސާރަ ލިބެނީ މި ވަގުތަށެވެ. ވީމާ މަސައްކަތެއް ނެތޭކިޔާފައި ބޭރަށްދިޔުމަކީ ވެސް ޚިޔާނާތެކެވެ.
ބައެއްމުވައްޒަފުން ބުނާގޮތުގައި މުވައްޒަފުންނާ ބެހޭ ޤަވާޢިދުތަކަކީ ދީނީކަމެއްނޫނެވެ. އެހެންކަމުން މިކަންތައްތަކުގައި ހިފަހައްޓާކަށް ނުޖެހޭނެ އެވެ. އަދި ބައެއްމީހުން ބުނާގޮތުގައި އެމީހުންނަށް ލިބޭ މުސާރައަކީ ދައުލަތުގެ ޚަޒާނާއިންދޭ އެއްޗެކެވެ. އޭގައި އެމީހުންގެ ވެސް ޙިއްޞާއެއް އޮންނާނެ އެވެ. ނަމަވެސް މިއީ އޮޅުވައިލުމެކެވެ. މިއީ ހެއްލުންތެރިކަމެކެވެ. މި ޤަވާޢިދުތަކަކީ ވެރިކަމުގެ ނިޒާމުގެ ތެރެއިން އުފެދިގެން އައިސްފައިވާ ޤަވާޢިދުތަކަކަށް ވާތީ، އަޅުގަނޑުމެންނަށް މި ޤަވާޢިދުތަކަށް ބޯލަނބަން ޖެހޭނެ އެވެ. އެއީ ޝަރްޢާ ޚިލާފުކަމެއްނޫނެވެ. އަދި ކީއްތޯ އެވެ؟ މާތްﷲއަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ ގޮތަށް ވެރިންނަށް ވެސް ކިޔަމަންވާން ޖެހޭނެ އެވެ. މިއީ ދީނުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން އަޞްލެކެވެ.
މި ލިބޭ މުސާރައަކީ ބައިތުލްމާލުގެ އެއްޗެއްކަމަށް ބުނެ މަސައްކަތަށް ފަރުވާކުޑަކުރުމަކީ ދީން ޤަބޫލުކުރާނެ ކަމެއްނޫނެވެ. ތިބާއަށް ލިބޭ މުސާރަ ތިބާއަށް ޙަލާލުވަނީ ތިބާކުރާ މަސައްކަތުގެ ސަބަބުންނެވެ. މަސައްކަތްނުކުރާމީހަކަށް މި ބައިތުލްމާލުން މުސާރަ ނުލިބެނީ ކީއްވެގެންތޯއެވެ؟ މަސައްކަތް ކޮށްގެން ލިބޭ މުސާރަ ޙަލާލުވެ، މަސައްކަތް ނުކޮށް ލިބޭ މުސާރަ ޙަރާމްވަނީ މިހެންވެގެންނެވެ.
މީގެ އިތުރަށް، މުވައްޒަފުންވަޒީފާ އަދާކުރަނީ އެއްބަސްވާ އެއްބަސްވުމެއް (ނުވަތަ ޢަޤްދެއް) ގެ ދަށުންނެވެ. މުސްލިމުންނަކީ އެބައިމީހުން އެއްބަސްވާ ޢަޤްދުތަކަށް ވަފާތެރިވާންޖެހިފައިވާ ބައެކެވެ. މާތްﷲ ވަޙީކުރައްވަނީ؛
يَا أَيُّهَا الَّذِينَ آمَنُواْ أَوْفُواْ بِالْعُقُودِ - المائدة: ١
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަޤްދުތައް ފުއްދާށެވެ! "
ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ " الْمُسْلِمُونَ عَلَى شُرُوطِهِمْ إِلاَّ شَرْطًا أَحَلَّ حَرَامًا أَوْ حَرَّمَ حَلالا –މުސްލިމުންނަކީ އެމީހުންގެ ޝަރްޠުތަކުގެމަތީގައި ތިބެންޖެހޭނެބަޔެކެވެ. ހަރާންކަމެއް ހަލާލުކުރާ ނުވަތަ ހަލާލުކަމެއް ހަރާންކުރާ ޝަރްޠެއް މެނުވީއެވެ. " –رواه البيهقى والحاكم والطبرانى وأبوداود والدار قطنى–
ވަޒީފާއަކީ އަމާނަތެކެވެ. އިންސާނާ ބޮލުގައި އަޅާފައިވާ ބޮޑު އަމާނަތުގެ ތެރޭގައި ހިމެނޭ ބައެކެވެ. މި ބޮޑު އަމާނަތުގެ އަމާޒަކީ ދުނިޔެ އާރާސްތުކުރުމެވެ. ޚިޔާނަތާއި އޮޅުވައިލުމާއި މަކަރާއި ޙީލަތުގެ ތެރެއިން ދުނިޔެ އާރާސްތެއްނުކުރެވޭނެ އެވެ.
-------------------
(ނިމުނީ)
މި ލިޔުން؛
ފޮނުވުން: އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ޝާއިޢުކުރުން: '' ''