އަދުގެ ޚާއްސަ

Print

ހުވަފެނުގެ ތަޢުބީރު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް
    
ހުވަފެނުގެ ތަޢުބީރަކީ މިހާރު ވަރަށް ވައިގައި ހިފާފައި އޮތް ކަމެކެވެ. ހުވަފެން ތަޢުބީރު ކުރުމަކީ ޢިލްމެކެވެ. އެ ޢިލްމު ލިބިގެން ހުރި މީހަކު ދިވެހިރާއްޖޭގައި ހުރި ކަމެއް އެނގިފައެއް ނެތެވެ. ބައެއް މަޖައްލާ ތަކުން ހުވަފެނުގެ ތަޢުބީރު ހުށަހަޅައި ދެނީ އެ ފަންނުގެ ޢިލްމުވެރިން ލިޔުއްވާފައި ހުންނަ ފޮތް ފޮތުން ބަލައިގެންނެވެ. އެއީ އެކަން ކުރެވޭން އޮތް ގޮތްވެސް މެއެވެ.
    
ފާތުންނަކީ ހުވަފެނުގެ ތަޢުބީރަށް ވަރަށް ބޮޑަށް ލެނބިފައި ހުންނަ މީހެކެވެ. ހުވަފެނުގެ ތަޢުބީރު ގެނެސްދޭ މަޖައްލާ ތަކުން ތަޢުބީރު ގެނެސް ދިނުމަށް ފަހު އޭގެ މައްޗަށް ދިރިއުޅުން ބިނާ ނުކުރުމަށް އެދިފައި ހުރެއެވެ. އެ އެދުމަށް ބޯ ލަނބަނީ ބައެއް މީހުންނެވެ. ބައެއް މީހުން ތަޢުބީރަށް ވަރަށް ބޮޑަށް އިތުބާރު ކުރެއެވެ. ފާތުންނަކީ މި ދެންނެވި ބައިގައި ހިމެނޭ މީހެކެވެ.   
ފިރިމީހާ އަށް ކޮންމެވެސް ހުވަފެނެއްގެ ވާހަކަ ކިޔައި ނުދޭ ދުވަހެއް ވަރަށް މަދު ވާނެއެވެ. ބައެއް ދުވަސް ދުވަހު ދެތިން ހުވަފެން ފެންނަ ކަމަށްވެސް ބުނެއެވެ. އަދި ބައެއް ފަހަރަށް ސިލްސިލާ ހުވަފެންވެސް ފާތުންނަށް ފެނެއެވެ. ސިލްސިލާ ހުވަފެނޭ މި ދެންނެވީ ޓީވީން އެ ދައްކާ ސިލްސިލާ ފިލްމު ކަހަލަ ހުވަފެނުގެ ވާހަކައެވެ. އެއް ރެއަކުން އެ ފިލްމެއް ނުނިމެއެއް ނޫންތޯއެވެ؟ ފާތުންގެ ހުވަފެންވެސް އެއް ރެއަކުން ނުނިމެއެވެ. އެއްރޭ ފެންނަ ބަޔަކާ ގުޅޭ ބައި އަނެއް ރޭ ފެނެއެވެ.
    
ފާތުން ކޮންމެެހެން ބޭނުންވާ ބައެއް އެއްޗެތީގެ ވާހަކަ ބުނާންވެސް ހުވަފެނުގެ ބޭނުން ކުރެއެވެ. އެއް ދުވަހަކު ހެނދުނު ފިރިމީހާ އޮފީހަށް ދާން ނުކުންނާން އުޅެނިކޮށް ރޭ ފެނުނު ހުވަފެނެއްގެ ވާހަކަ ފާތުން ކިޔައި ދިނެވެ.
    
"އަހަރެންނަށް ރޭ ހުވަފެނުގައި ފެންނަނީ ސަޢީދު އަހަރެންގެ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ވަރަށް އަގު ބޮޑު ހާރެއް ގެނެސްދޭތަން- މި ހުވަފެނުގެ ތަޢުބީރަކީ ކޮބާ-؟"
    
އެ ދުވަހަކީ ފާތުންގެ އުފަން ދުވަހެވެ. އެހެންވީމާ އޭނާ އެ ދުވަހު ބޭނުންވީ އަގު ބޮޑު ހާރެކެވެ.
    
"ތިޔަ ހުވަފެނުގެ ތަޢުބީރު ހަވީރު އެނގިދާނެ- އަހަރެން އޮފީހުން އަންނާނީ ތަޢުބީރު ހޯދައިގެން-" ފިރިމީހާ ހިތްހެޔޮ ކަމާއެކު ހިނިތުންވެލިއެވެ.
    
ފާތުން ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ފިރިމީހާ އަކީ ވަރަށް ރަނގަޅު މީހެކެވެ. އޭނާގެ ބޭނުމެއް ފުއްދައިދޭން ކިތަންމެ ބޮޑު ޚަރަދެއްވެސް ކޮށްފާނެއެވެ. އޭނާއަށް ފެންނަ ހުވަފެނުގެ ވާހަކަ ކިޔައި ދިނީމާ އެ ހުވަފެން ޙަޤީޤަތަކަށް ހަދައިދޭން ވަރަށް ބޮޑެތި ބުރަވެސް އުފުލާފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ބައެއް ފަހަރަށް ވަރަށް ބޮޑެތި ޚަރަދު ހިނގާ ކަހަލަ ކަންތައްތައް ކުރުންވެސް ހިމެނެ އެވެ. އެއީ ދުރު ދަތުރު ކުރުން ފަދަ ކަންތައްތަކެވެ.
    
ފިރިމީހާ ހަވީރު ގެއަށް އައީ ޕާރުސަލެއް ހިފައިގެންނެވެ. ފާތުން ދުވެފައި ގޮސް އެ ޕާރުސަލު އަތުލައިފިއެވެ. އެއީ އޭނާގެ ހުވަފެނުގެ ތަޢުބީރުކަން އޭނާއަށް ކަށަވަރެވެ. އަވަހަށް ދުވެފައި ގޮސް ވަނީ ކޮޓަރިއަށެވެ. ފިރިމީހާވެސް ފަހަތުން އައިސް ކޮޓަރިއަށް ވަދެއްޖެއެވެ.
    
ފާތުން އަވަސް އަވަހަށް ޕާރުސަލު ކަނޑައިލިއެވެ. އެތެރޭގައި އޮތީ ހުވަފެނުގެ ތަޢުބީރު ފޮތެކެވެ.

(ނިމުނީ)

މި ލިޔުން؛

 ފޮނުއްވުން:    އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
 އަލުންބެލުން:   އަޙުމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
 ޝާއިޢު ކުރުން:   ''           ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ