އަދުގެ ޚާއްސަ

Print

ޝަރަފުވެރި މެހްމާން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ނަޢީމު އިބްރާހީމް

ރާއްޖެތެރޭގެ ފުރަތަމަ ފުޓްބޯޅަ މުބާރާތުގެ ދުވަސްވަރެވެ. އެ މުބާރާތް ރޭވިފައި އޮތް ގޮތުން ފުރަތަމަ އޮތީ އަތޮޅު ބުރެވެ. އެ ބުރުގައި ކުޅެނީ އަތޮޅު ގެ އެކި ރަށް ރަށުގެ ޓީމު ތަކެވެ. ދެވަނަ ބުރަށް ދަނީ އަތޮޅުން އެއް ވަނަ ހޯދާ ޓީމެވެ. ދެވަނަ ބުރު ރޭވިފައި އޮތީ މުޅި ރާއްޖެ ފަސް ޒޯނަކަށް ބަހާލައިގެން ކުޅޭ ގޮތަށެވެ.
މި ދެންނެވި ޒޯން މެޗްތައް ކުޅުވަން އަޅުގަނޑު ދިޔައީމެވެ. އަޅުގަނޑު މި ދަންނަވާ ޙާދިޘާ ހިނގީ އޭގެ ތެރެއިން އެއް ޒޯން ގެ މެޗެއް ހިނގި ދުވަހު އެވެ. ޕްރޮގްރާމް ހަމަޖެހިފައި އޮންނަ ގޮތުން ކޮންމެ މެޗަކަށް އަޅުގަނޑުމެން ހަމަ ޖެއްސީ ވަކި ޝަރަފުވެރި މެހްމާނެކެވެ. އެ ދުވަހު ކުޅުނު މެޗްގެ ޝަރަފުވެރި މެހްމާނަކަށް ހަމަ ޖެއްސީ އަޅުގަނޑުމެންގެ ޓީމުގެ މެމްބަރެކެވެ. އެއީ މާލެއަށް މަޝްހޫރު ބޭކަލެކެވެ. މިހާރު ވަނީ ނިޔާވެފައެވެ. އެހެންވީމާ އޭނާގެ ނަމެއް ނުދަންނަވާނަމެވެ.

ޝަރަފުވެރި މެހްމާން ކުރައްވަން ޖެހޭ ކަމަކީ މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް އިނާމު ދެއްވުމެވެ. އަޅުގަނޑު އިނީ ޝަރަފުވެރި މެހްމާން އިންނެވި ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގަ އެވެ.

މެޗްގެ ދެވަނަ ހާފް ނިމެން ދިހަ ވަރަކަށް މިނިޓަށް ވީތަނާ ޝަރަފުވެރި މެހްމާން އަޅުގަނޑުގެ ކަންފަތް ދަށުގައި ވިދާޅު ވެއްޖެ އެވެ. "އޭތް- ވަރަށް ބޮޑަށް އަތިރިއަކަށް ދާން ޖެހިއްޖެ- މިހާރު މި ޙާލުގައި އިންނަތާ ލައްކަ ގިނަ އިރު ވެއްޖެ- ދެނެއް ކެތެއް ނުކުރެވޭނެ-"

މެޗް ނިމެން ކުޑަ އިރުކޮޅަކަށް ވެފައި ވުމާއެކު ޝަރަފުވެރި މެހްމާން ހިފެހެއްޓޭތޯ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރީމެވެ. އެކަމަކު އޭނާ އިންނެވީ މަޑު ކުރެއްވޭ ވަރަށް ވުރެ ޙާލުކޮޅު ބޮޑު ވެފައެވެ. އެންމެ ފަހުން ވިދާޅު ވެއްޖެ އެވެ. "ކަލޭ ނުދާށޭ ބުންޏަސް ދެނެއް ނުހުރެވޭނެ- އަހަރެން ވަރަށް އަވަހަށް އަންނާނަން- މެޗް ނިމޭ އިރު ހުންނާނީ މި ތާނގައި-"


ދެން ފެނުނީ ޝަރަފުވެރި މެހްމާން އަތިރި މައްޗަށް ހިންގަވައިގަތް ތަނެވެ. ދަނޑު އޮންނަނީ އަތިރިމައްޗާ ވަރަށް ކައިރީގައި ކަމަށް ވާތީ ވަރަށް އަވަހަށް ވަޑައިގެންނެވިދާނެ ކަން އަޅުގަނޑަށް ވެސް އެނގެ އެވެ. އެހެންވީމާ މާ ބޮޑު ފިކުރެއް ނެތެވެ.

އެކަމަކު މެޗް ނިމެން ކައިރި ވީ ވަރަކަށް އަޅުގަނޑުގެ ހާސްކަން ދިޔައީ ބޮޑު ވަމުންނެވެ. ޝަރަފުވެރި މެހްމާން ވަޑައެއް ނުގަތެވެ.

މެޗް ނިމިއްޖެ އެވެ. އެންމެ މޮޅު ކުޅުންތެރިޔާ އަށް އިނާމު ދެއްވުމުގެ ވަގުތު ޖެހުނީއެވެ. ނަންވެސް ގޮވައިފިއެވެ. އިނާމު ދެއްވާނޭ ބޭފުޅެއްގެ ނަންވެސް އިޢުލާނު ކޮށްފިއެވެ. ޝަރަފުވެރި މެހްމާން ގެ ޚަބަރެއް ނުވިއެވެ.

އެންމެ ފަހުން ކުރާނޭ ކަމެއް ނެތިގެން އަތޮޅު އޮފީހުގެ ސެކްރެޓަރީ ވަގުތީ ޝަރަފުވެރި މެހްމާނަކަށް ހެދީއެވެ. އިނާމު ދެއްވީ އޭނާއެވެ.
ހުރިހައި ކަމެއް ނިމިގެން އަޅުގަނޑުމެން ގެއަށް (އަތޮޅުގެއަށް) ދާން ތައްޔާރުވީމާ ޝަރަފުވެރި މެހްމާން ކޮބައިތޯ ބަލައިލާން އަޅުގަނޑާއި، އަޅުގަނޑުމެންގެ ބައިވެރިންނާ އެކު ގޮނޑުދޮށަށް ފައިބައިފީމެވެ. މާ ދުރަކަށް ދާކަށް ނުޖެހުނެވެ. ޝަރަފުވެރި މެހްމާން ފެނިއްޖެ އެވެ. އެކަމަކު ފެންނާން ހުރީ މޭ ކަށިގަނޑުން މައްޗެވެ. އޭނާ ހުންނެވީ މަގޫ ގަސްތަކެއްގެ ތެރޭގައެވެ.

"ބަލަ ތިޔަ ތާނގައި ހުންނެވީ ކީއްވެގެންތޯ-؟ މިހާރު މެޗް ނިމިގެން އަޅުގަނޑުމެން މި ދަނީ ގެއަށް ދާން- އިނާމު ދެއްވާކަށްވެސް ވަޑައެއް ނުގެންނެވީމެއް ނޫންތޯ-؟"

ޝަރަފުވެރި މެހްމާން ވިދާޅުވިއެވެ. "އިނާމު ދޭން ދެވޭތަ-؟ އަހަރެންގެ ފޫޅުން ތިރިއަކު އެންމެ ފޮތިކޮޅެއްވެސް ނެތް-"

އަޅުގަނޑުމެންނަކަށް ހޭކަށް ނުކެރުނެވެ. އެކަމަކު ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވައިލާ ހިތުން އަހައިލީމެވެ. "ކިހިނެއްވީތޯ-؟ ގައިމު އެ ތާނގައި އިންނެވި އިރު..."

އޭނާ އަޅުގަނޑުގެ ވާހަކަ މެދު ކަނޑުއްވައި ލެއްވިއެވެ. "އަހަރެން ކުޑަ ކަމު ދާންވެގެން ފަޓުލޫނު ބާލާފައި ބޭއްވީ އެހެރަ ގަސްބުޑުގެ މަތީގައި- ގޮނޑުދޮށުގައި އަހަރެން އިންދާ މި ތަނަށް އައި ނުލަފާ ކުދި ބަޔަކު ފަޓުލޫނު ހިފައިގެން ދުވެ ފިލައިފި-"

އެ ދުވަހު ޝަރަފްވެރި މެހްމާނަށް ގެއަށް ވަޑައިގެންނެވުނީ އަޅުގަނޑުމެން ގެއަށް ގޮސް މުންޑެއް ހިފައިގެން އައީމައެވެ.
------------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ