އަދުގެ ޚާއްސަ

Print

މަތިންދާ ބޯޓަށް ލޭޒަރ ލައިޓް އެޅުވުން - ކިހާ ނުރައްކާތެރި ކަމެއްބާ؟

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ރަޝީދު އެސްޖެހިގެ ލ. ފޮނަދޫ
 
ވައިގެ ދަތުރުފަތުރު ކުރުމުގައި އުދުހެމުންދާ މަތިންދާ ބޯޓަކަށް ލޭޒަރ ލައިޓް އެޅުވުމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްބާވައޭ މިއީ އުފެދޭ ސުވާލެކެވެ. ހަމަ ގައިމުވެސް އެނގޭ އެއްކަމަކީ މިފަދަ އިންސިޑެންޓްތައް (ޙާދިޘާއެއް ހިނގުމަށް މަގުފަހިކުރުވާ ކަންތައްތައް) މިއީ މަދުންނަމަވެސް ރާއްޖެއިންވެސް ކުރިމަތިވާ ކަންކަމެވެ. ދާދިފަހުންވެސް ކައްދޫން ފުރައިގެން ގަމާއި ދިމާ މަތިން މައްޗަށްއަރަމުންދިޔަ (ކްލައިމްބް ކުރަމުން ދިޔަ) ބޯޓަކަށް ކުދިބަޔަކުވަނީ ފެހިކުލައިގެ ބާރުގަދަ ލޭޒަރ ލައިޓެއް އަޅުވާފައެވެ. އަދި މިކަމަކީ މަދުން ނަމަވެސް މި ސަރަޙައްދުގައިވެސް ހިނގަމުން އަންނަ ކަމެކެވެ.

މިފަދަ ކޮންމެ އިންސިޑެންޓެއް ހިނގާވަގުތު މަތިންދާ ބޯޓުގެ ކައްޕިތާނު އެކަން، އެވަގުތަކު އެ މަތިންދާބޯޓެއް ކޮންޓްރޯލް ކުރަމުންގެންދާ އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރަށް ރިޕޯރޓްކުރެއެވެ. މިފަދަ ރިޕޯރޓެއް ލިބުމާއިއެކު ޓަވަރުގެ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން އެކަން ހިނގިގޮތެއް ހޯދުމަށް ކަމާއިބެހޭ ފަރާތްތަކަށް ގުޅަން ޖެހެއެވެ. މާލޭގައި ހުންނަ އެއަރ ޓްރެފިކްގެ މައި ސްޓޭޝަނުގެ ކަމާއިބެހޭ ފަރާތްތަކަށް ރިޕޯރޓްކުރަން ޖެހެއެވެ. ހަމަ އެހެންމެ ކަން ހިނގިގޮތުގެ އިންސިޑެންޓް ރިޕޯރޓެއް ތައްޔާރުކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަން ޖެހެއެވެ. މިހުރިހާކަމެއް ކުރަން މިޖެހެނީ ކަމުގެ ނުރައްކާތެރި ކަމާއި ސީރިއަސް ކަމުގެ ސަބަބުންނެވެ.

ރާއްޖޭގައި މިފަދަ އިންސިޑެންޓްތައް ހިނގާއިރު ބޭރުގެ ޤައުމުތަކުގައިވެސް ކަންހުރީ ހަމަ މިހެންނެވެ. މިލިޔުމުގައި މަތިންދާ ބޯޓަށް ލޭޒަރ ލައިޓް އެޅުމުގައި ހުރި ނުރައްކާތެރިކަން ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭތޯ ބަލާނީ ބޭރުގެ ބައެއް ޤައުމުތަކުގައި ހިނގާފައިވާ މިފަދަ ކަންކަމަށް ރިޢާޔަތްކޮށެވެ.
2004 ވަނަ އަހަރުގެ ފަހުކޮޅުގަޔާއި 2005 ވަނަ އަހަރުގެ ކުރީކޮޅުގައި މިފަދަ ގިނަގުނަ އިންސިޑެންޓްތަކެއް އެމެރިކާގައި ރިޕޯރޓްކުރެވިފައިވެއެވެ. ލޭޒަރ ލައިޓްގެ ބާރުގަދަ ދޯދިތައް މަތިންދާ ބޯޓަށް، ޚާއްޞަކޮށް ޕައިލެޓުން ތިބޭ ތަން ނުވަތަ ކޮކްޕިޓްތެރެއަށް އަޅުވާފައި ވެއެވެ. މިލިޔުމުގައި ބަލާލާނީ މިފަދަ ލައިޓް އެޅުވުމުގައި ހުރި ނުރައްކާތެރިކަމާއި ވައިގެ ދަތުރުފަތު ކުރުމުގައި މިކަން ނުރައްކާތެރިވެގެންދާ ގޮތްތަކުގެ މައްޗަށެވެ.

ޚުލާޞާ

މިފަދަ ގިނަ އިންސިޑެންޓްތައް ނުވަތަ ޙާދިޘާއެއް ހިނގުމަށް މަގުފަހިކުރުވާ ކަންކަން ހިންގުމުގައި ބޭނުންކޮށްފައިވަނީ ލޭޒަރ ޕޮއިންޓަރސް ނުވަތަ ފިހާރަތަކުން ގަންނަން ލިބެން މިހުންނަ ލޭޒަރ ބައްތީގެ ބޭނުންކޮށްގެންނެވެ. ނަސީބު ރަނގަޅުކަމުން ޢާއްމުކޮށް ލިބެން މިހުންނަ ލޭޒަރ ބައްތީގައި މިހުންނަނީ 5 މިލިވޮޓަށްވުރެން ދަށް މިންވަރެއްގެ ބާރެކެވެ. އެހެންކަމުން މިއީ ޕައިލެޓުންގެ ލޮލަށް ގެއްލުން ނުވާ މިންވަރުގެ ބާރު ހުންނަ ބައްތިތަކެކެވެ.

ނަމަވެސް ކަމާއިބެހޭ ފަރާތްތަކުން މިކަމުގައި ކަންބޮޑުވާ ކަމަކީ މިފަދަ ލައިޓުން ބޭރުކޮށްލާ "ގަދަފަދަ އަލިކަމުގެ ސަބަބުން އެ ލިބިގެންދާ އުނދަގުލުގެ މައްޗަށެވެ. މިފަދަ ލައިޓެއް ލޮލަށް އެޅުމުން ލޯ މައްޗަށް ފުސްބުރާގޮތްވުމާއި ކުޑަ ހިނދުކޮޅަކަށް ލޮަލަށް އެއްޗެއް ނުފެންނަގޮތް މެދުވެރިވާ މެދުވެރިވުމަކީ ވިސްނާލަންޖެހޭ ކަމެކެވެ.

ލޭޒަރ ލައިޓްގެ ސަބަބުން ކުރިމަތިވެދާނެ ޙާދިޘާއަކަށް ޕައިލެޓުން ތަމްރީނުކުރުމުގެ މަސައްކަތަކީ ކުރެވެމުން އަންނަ ކަމެކެވެ. މިގޮތަށް އަޅުވާލާ ލައިޓެއްގެ ސަބަބުން ކުދިމަތިވެދާނެ ކަންކަމަށް ޕައިލެޓުން ތަމްރީނުވުމަށް ބޭނުންވަނީ މަދު އިރުޝާދު ތަކެކެވެ. މިހާރު މިފަދަ ކަންކަމަށް ޕައިލެޓުން ތަމްރީނުކުރުމަށް ބޭނުންވާނެ ބައެއް އާލާތްތައް އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާކަންވެސް މިތާގައި ފާހަގަކޮށްލަމެވެ. އަދި ޕައިލެޓުންނަށް ތަމްރީނުދިނުމަށް ބޭނުންކުރާ ޚާއްޞަ ކުލާސް ކޮޓަރިތައް ނުވަތަ ސިމިއުލޭޓަރ ރޫމްތަކުގައި ލޭޒަރ ތަޢާރަފުކުރުމުގެ މަސައްކަތްވެސް ކުރެވެމުން އެބަދެއެވެ. ދިރާސާތަކުން ދައްކާގޮތުން ސިމިއުލޭޓަރ ރޫމްގައި ޕައިލެޓުންގެ ލޮލަށް އަޅުވާލެވޭ ލޭޒަރ ލައިޓްތައް ދެނެގަތުމާއި އޭގެ ސަބަބުން ކުރިމަތިވާ ކަންކަން ބަރުދާސްތުކުރުމުގެ ޤާބިލުކަން ޕައިލެޓުންގެ ކިބައިގައި އުފެއްދިދާނެއެވެ.

މިފަދަ ލޭޒަރ ލައިޓް އެޅުވުން ކޮންޓްރޯލްކޮށް ހުއްޓުމަށް ކުރެވިދާނެ އަނެއްކަމަކީ ޢާއްމުން ހޭލުންތެރިކުރުވުމެވެ. ދާދިފަހުން އެމެރިކާގެ ނިއު ޖާރސީގެ ޢުމުރުން 25 އަހަރުގެ ޒުވާނަކު މިފަދަ ޢަމަލެއް ހިންގުމާއިގުޅިގެން ހައްޔަރުކުރެވުނު ހާދިޘާ ވެގެންދިޔައީ ޢާއްމުންގެ ސަމާލުކަން މިކަމާއިމެދު އިތުރުވެގެން ދިޔަ ކަމަކަށެވެ. އަދި މިކަމުން ޢާއްމުންނަށް ދިން އިންޒާރަކީ މަތިންދާ ބޯޓަކަށް ނުވަތަ ދުއްވާފައިދާ އެއްގަމު އުޅަނދަކަށްވިޔަސް މިބާވަތުގެ ލޭޒަރ ލައިޓެއް އެއްވެސް ޙާލެއްގައި އަޅުވައިގެން ނުވާނެކަމެވެ. މީގެ އިތުރުން މިއަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު އިގިރޭސިވިލާތުގެ މީހަކުވެސް މިފަދަ ކަމަކާއި ގުޅިގެން 4 މަސްދުވަހަށް ޖަލަށް ލާފައިވެއެވެ.

މިފަދަ ތަފާތު ގިނަގުނަ ޙާދިޘާތައް މި ލިންކުން ކިއުއްވާލައްވާށެވެ.

މިގޮތަށް ލޭޒަރ ލައިޓް އެޅުވުމާއިވިދިގެން މައިގަނޑުގޮތެއްގައި ކުރިމަތިކުރުވާ ކަންބޮޑުވުމަކީ ލޮލަށް ލިބިގެން ހިނގައިދާނޭ ގެއްލުމެއް ނޫނެވެ. އަދި ކިއެއްތަ، މިކަމުގެ މައިގަނޑު ކަންބޮޑުވުމަކީ މިކަމުގެ ސަބަބުން ލޮލުގެ ފެނުމަށް ވަގުތީގޮތުން ކުރިމަތިކުރުވާ ކަންކަމެވެ. އެގޮތުން ފުސްބުރާގޮތްވެ އޮޅުންބޮޅުންވުމާއި، އެ އަލީގެ ދޯދިތަކުގެ ގަދަކަމުން ދޯދިތަކުގެ އަނެއްފަރާތުގައިވާ ތަންތަން ނުފެންނަގޮތްވުމާއި ކެމެރާއެއްގެ ފްލޭޝްލައިޓް ލޮލަށް އެޅުމުން ހިނދުކޮޅަކަށްނަމަވެސް ކުދިމަތިވެގެންދާފަދަ ކަނުކަމެއް ނުވަތަ ރޯނާކަމެއް ކުރިމަތިވެގެން ދިއުމެވެ.


މި ފޮޓޯއިން ފެނިގެން އެދަނީ މަތީގައި ފާހަގަކުރެވުނު ލޮލުގެ ފެނުމަށް ވަގުތީގޮތުން ކުރިމަތިކުރުވާ މައިގަނޑު ތިން ކަަމެވެ. އަދި ތިރީގައިއެވާ ކުރެހުމުން ފެނިގެން އެދަނީ ޢާއްމުކޮށް މިގެންގުޅޭ ބާވަތުގެ ބާރުގަދަ ފެހި ލޭޒަރ ލައިޓަކުން އަޅުވާލާ އަލީގެ މިންވަރު ހުންނާނެ ނިސްބަތާއި މަތިންދާ ބޯޓެއް ދަތުރުކުރަމުންދާ އުސްމިނާއި ހުރި ގުޅުމެވެ. ރަންވޭ މަތީގައި އޮންނަ މަތިންދާ ބޯޓަކަށް 1200 ފޫޓް ދުރުން 5 މިލިވޮޓްގެ ލޭޒަރ ލައިޓެއް އަޅުވާލުމުން ޕައިލެޓްގެ ލޮލަށް ހިނދުކޮޅަކަށް ނަމަވެސް ރޯނާކަމެއް އައިސް ރަންވޭ ނުފެންނަގޮތް މެދުވެރިވެއެވެ.


މި ކުރެހުމަށް ބަލާލާއިރު ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:-
1-    ބިމުން ފެށިގެން 52 ފޫޓާއި ދެމެދުގެ ދުރުމިނަކުން މިފަދަ ލައިޓެއް ލޮލަށް އެޅިއްޖެނަމަ ލޮލަށް ގެއްލުން ލިބިގެންދެއެވެ.
2-    52 ފޫޓުން 262 ފޫޓާއި ދެމެދު ދުރުމިނަކުން ހިނދުކޮޅަކަށް ލޮލަށް ނުފެންނަގޮތްވުން ކުރިމަތިކުރުވައެވެ.
3-    1171 ފޫޓާއި ހަމައަށް އަލީގެ ދޯދިތަކުގެ ގަދަކަމުން ދޯދިތަކުގެ އަނެއްފަރާތުގައިވާ ތަންތަން ނުފެންނަގޮތްވުމާއި ހިނދުކޮޅަކަށް ކަނުކަމެއް ނުވަތަ ރޯނާކަމެއް ގެނުވައެވެ.

ލޭޒަރ ލައިޓް އެޅުވުމުގެ މައްސަލަ ހައްލުކުރުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް
ކޮންމެ މައްސަލައެއްގެވެސް އެންމެ ފަހި ހައްލަކީ ހަމަކަށަވަރުންވެސް ޢާއްމުން ހޭލުންތެރި ކުރުވުމެވެ. އެގޮތުން މަތިންދާ ބޯޓަށް ލޭޒާރ ލައިޓް އެޅުވުމުގެ ހުރި ނުރައްކާތަކާއި އެކަމަކީ ކިހާވަރެއްގެ ކަމެއްކަން އަންގައިދީ ހޭލުންތެރި ކުރުވިދާނެއެވެ. މީގެ އިތުރުން ލޭޒަރ ލައިޓް ބޭނުންކުރުން މަނާ ސަރަޙައްދު ތަކެއް ކަނޑައެޅުމަކީވެސް ކުރެވިދާނެ މުހިންމު ކަމެކެވެ.

ލޭޒަރ ލައިޓް ނުހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަ ހައްލުކުރުމަށް އެންމެ އެކަށީގެންވާ ފިޔަވަޅަކީ ލޭޒަރ ލައިޓަކީ ރާއްޖެ އެތެރެކުރުން މަނާ ބާވަތްތަކުގެ ތެރޭގައި ޤާނޫނުގައި ހިމެނުމެވެ. ނަމަވެސް މިކަން ވެގެންދާނީ ބަދިގެ ތެރޭގައި ގެންގުޅޭ ވަޅިފަދަ ތަކެތި އެތެރެކުރުން މަނާކުރުން ފަދަ ކަމެއް ކަމުގައި ބެލެވިދޭނެ ކަމަކަށެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސިޓީގައި ލޭޒަރ ލައިޓަކީ ނުރައްކާތެރި ގެންގުޅުން މަނާ ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ. ނަމަވެސް އަދިވެސް މިކަން ފުރިހަމައަށް ތަންފީޒު ކުރެވޭގޮތް ވެފައި ނުވާކަން ފާހަގަ ކުރެވެއެވެ. ސަބަބަކަށްވަނީ ފިހާރަތަކުން ގަންނަން ލިބެން ހުރުމާއި ވަގުބާޒާރުގައި ވިއްކުމާއި އީބޭ ފަދަ އިންޓަރނެޓް ވިޔަފާރި ކުރާ ތަންތަން މެދުވެރިކޮށް ލޭޒަރ އެތެރެ ކުރަމުން އައުމެވެ.
ނަމަވެސް ރާއްޖޭގައި މިކަމަކީ ފަސޭހައިން ކުރެވިދާނެ ކަމެކެވެ. 1988 ގެ ކުރިން ރާއްޖޭގެ ފިހާރަތަކުން ފަސޭހަ ކަމާއެކު ފަޓާސް ގަންނަން ލިބެން ހުރެއެވެ. ނަމަވެސް ސަރުކާރުން އެކަން މަނާކުރައްވަވާ ޤާނޫނުގައި ހިމެނުމުން ފަޓާސް އެތެރެ ކުރުން މިވަނީ ހުއްޓިފައެވެ.

ޙާދިޘާއެއް ހިނގާނީ ބުނެފައެއް ނޫނެވެ. ލޭޒަ ލައިޓް އެޅުވުމުގެ ސަބަބުން ހީވެސްނުކުރާފަދަ ބޮޑު ނުރައްކާތެރި ކާރިޘާއެއް މެދުވެރިވެދާނެއެވެ. ލޭޒަރ ލައިޓްން މަތިންދާ ބޯޓަށް އަޅުވަމުންދާ މައްސަލައާއިމެދު މިހާރަށްވުރެން ބޮޑަށް ޢާއްމު ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ސަމާލުވެލެއްވުމަކީ ބުއްދިވެރިކަމެކެވެ.

(ނިމުނީ)

މަސްދަރުތައް:-
www.laserpointersafety.com
http://en.wikipedia.org/wiki/Lasers_and_aviation_safety

މި ލިޔުން:

    ފޮނުވުން:    އަލްފާޟިލް
އަޙްމަދު ރަޝީދު
    އަލުންބެލުން: 
އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން:    ''         ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ