އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (1)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


އަލްމަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމު

''މިއީ ފަންވަތުގައި ޝާއިޢުކުރާ 4 ވަނަ ދިގުވާހަކަ އެވެ. ފުރަތަމަ ޖާސޫސީ ވާހަކަ އެވެ. އަދަބީ ގޮތުންނާއި، ފިކުރީ ގޮތުން ފަންވަތުގެ މިންގަނޑުތަކަށް ފެތޭ މޮޅުވާހަކަ އެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، އަލްމަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ވާހަކަ ދެއްކުންތެރިއެކެވެ. އަޅުގަނޑާ އެންމެ ފަހުން ދިމާވީ، އަލްމަރުޙޫމު ސައިކުރާ ޙުސައިން ނަޢީމުގެ ފާތިޙާ އޮތްރޭ ހޮޅުދޫގެއިންނެވެ. އެ ރޭ ހަދިޔާއެއްގެ ގޮތުގައި މަރުޙޫމު އިބްރާހީމް ނަޢީމު ލިޔުއްވި ''މަންމަ'' ވާހަކައިގެ ކޮޕީއެއް ދެއްވި އެވެ. އަދި އޭނާގެ އަދަބީ ޙަޔާތުގެ ވަރަށް ގިނަ ތަޖުރިބާތައް ކިޔައިދެއްވައި ނަސޭހަތްތެރިވެވަޑައިގަތެވެ. ''އެ ޤަތުލުގެ ސިއްރު'' ފަންވަތުގައި މި ޝާއިޢު ކުރަނީ ދިވެހި ބަހުގެ ތަރިކައެއް ތިޔަ ބޭފުޅުންނާ ހިއްސާކޮށްލުމުގެ މަޤުޞަދުގެ އިތުރަށް، މަރުޙޫމު  ނަޢީމުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. އިރާދަކުރެއްވިއްޔާ ''މަންމަ'' ވާހަކަ ވެސް ފަންވަތުން ވިދާޅުވެވޭނެ އެވެ. މާތް ﷲ މި ފޮތުގެ މުޞައްނިފު، އަލްމަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އެވެ.''  = އެޑިޓަރު =


މުޞައްނިފުގެ ބަޔާނެއް


ބައެއްމީހުން ބުރައުފުލައިގެން ކުރާ މަސައްކަތަށް އަގުނުލިބުނީމައި، އެމަސައްކަތް ދެންއަލުން ދުވަހަކުވެސް ނުކުރާގޮތަށް ހުއްޓާލާފައިވެސް އެބަހުއްޓެވެ. އެރޮނގުން ވިސްނާއިރު ވާހަކަލިއުމަކީ ކުރާހިތްވާ ކަމެއްކަމުގައި ހިމެނިގެން އަޅުގަނޑު އެންމެފުރަތަމަ ލިއުނު ދިގުވާހަކަ އެޤަތުލުގެ ސިއްރު ހިމެނުނީ އެމަސައްކަތަށް ލިބެނެކަމަށް އަޅުގަނޑު ހީކުރި އަގުނުލިބުނު މަސައްކަތެއްކަމުގައެވެ. މިދެންނެވީ ފައިސާގެ އަގެއްނޫނެވެ. އެގޮތުން ވިސްނާއިރު އެޤަތުލުގެ ސިއްރަކީ ފުދޭވަރެއްގެ ޢަދަދަކަށް ވިކިހުސްވި ވާހަކައެކެވެ. ނަމަވެސް އެވާހަކައަކީ ތެދުތެދަށް ދަންނަވާނަމަ އަޅުގަނޑު ވަރަށްބޮޑު ބަދުނާމަކާއި އިލްޒާމެއްގައި ތާށިވާންޖެހުނު ވާހަކައެކެވެ. އާދެ! މިވާހަކައަކީ މީގެ އަށާރަވަރަކަށް އަހަރު ކުރީގައި މާލޭ ސިނަމާކުންފުނިން ނެރުއްވި "ސިނަމާ" ގެ ސެކްރެޓަރީކަން އަޅުގަނޑު ކުރިއިރު ސިނަމާ ޗާޕަށް ދޭންވެގެން ޞަފްޙާތައް ނުފުރިގެން ހަދާނެގޮތެއްވެސްނޭނގިގެން ގަލަން ކާރުވާލެވުނު ޞަފްހާއަކުން އުފަންވި ވާހަކައެކެވެ. އެދުވަހު އެޞަފްޙާގައި އަޅުގަނޑު ލިއުނު ތަންކޮޅެއް އޮލިމްޕަހުގެ އޮޕަރޭޓަރު އަލްފާޟިލް އެސްޖެހިގޭ މުޙައްމަދު ވަޙީދު ވިދާޅުވި އެއްޗަކުން ވާހަކަ ދިގިކޮށްލާހިތްވީއެވެ. އަޅުގަނޑު ވާހަކަފެށީ ދެދުވަހުން ނިންމާލުމަށްޓަކާ ޢިޝްޤީ ޚިޔާލާތަކުންނެވެ. ނަމަވެސް ވަޙީދު ވިދާޅުވީ "ހާދަހާ ޖާސޫސީ ވާހަކައެއް ފެށިވައްތަރު ޖަހައޭ" އެވެ. އެހެންކަމުން..... ވާހަކަ އެގޮތަށް އަނބުރާލެވުނީއެވެ. ދެން..... އެކިރޭރޭ ފަތިސްވަންދެން ނުނިދާއޮވެ، ޚިޔާލުކޮށްގެން، އެކިދުވަސްދުވަހު މަގުމަތީގައި އެޚިޔާލުގައި އިނދެވިގެން ބައިސްކަލު ދުއްވަމުންގޮސް ހިސާބަކަށް ލަނޑުވެސް ލިބެމުންގޮސް، މިސާލަކަށް މާރުކޭޓުން މަސްތަކެއް ގަނެގެން އައިމީހެއްގެ މަސްތަކުގައި އަޅައިގަތުންފަދަ..... ޙާލުގައި އުޅެމުންގޮސް ވާހަކަ ނިންމާލީ ހަމަމުޅިން އަމިއްލަ ޚިޔާލުގައެވެ. ނަމަވެސް ވާހަކަ ކިއުއްވާފައި ގިނަފަރާތްތަކުން އަޅުގަނޑަށް ދެއްވީ "ކޮންމެވެސް ތަރުޖަމާއެކޭ..... އެފޮތް އިންޑިއާއިން ނަޢީމް ގެނިވީ ސިއްރުންނޭ" މިކަހަލަ "ދީލަތި ހެޔޮފުޅު" ބަސްތަކެއްގެ އިނާމެކެވެ.

ކުރާނެކަމެއް ނެތެވެ. އެފަދަ ބަދުނާމެއް ލިބިނު ވާހަކަ 18 އަހަރު ފަހުން އަނެއްކާވެސް ޗާޕުކޮށްލެވުނީއެވެ. ތެދެކެވެ. ލިބެންނެތް އެއްޗެއް ނުލިބޭނެއެވެ. އެ އުސޫލުން އެޤަތުލުގެ ސިއްރު އަމިއްލަ ޚިޔާލުން ލިއުނު މީހެއްގެ ނަމެއް އަޅުގަނޑަކަށް ނުލިބުނެވެ.

މިވާހަކައަކީ، ފަހަރެއްގައިވެސް ދެކޮޅުޖެހޭ ވާހަކައެއްކަމަކަށް، އަދި ފޫނުބެދޭ، ބުއްދި ޤަބޫލުނުކުރެވޭތަންތަން ނެތްވާހަކައެއްކަމަކަށް އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް މިއީ އެވިދާޅުވާކަހަލަ "އިންޑިއާއިން ސިއްރުން ގެނެސްގެން ތަރުޖަމާކޮށްގެން އޭގެ އަޞްލުފޮރުވައިގެން" 18 އަހަރުދުވަސްވަންދެން ހިފެހެއްޓި ވާހަކައެއް ނޫނެވެ. މިއީ ސިނަފްގެ ފަޤީރު ސިކުނޑިން އަމިއްލައަށް ޚިޔާލުކުރި އަމިއްލަ ވާހަކައެކެވެ.

ޝުކުރިއްޔާ
1979-03-29

                                                                    އަލްމުޚްލިޞް
                                                                ސައިކުރާ އިބްރާހީމް ނަޢީމް

ލީލާގެ ޤަތުލު:


ދޯދިތައް ތޫނުހަނދެއްގެ ރަނިކަން ދުނިޔެއަށް ޢާއްމުވެފައިވާ ރެއެކެވެ. ބެލްކަނިން ވަޢުދުތަކާއިން އެންގޭޖުތައް، ބައެއްކޯރުތަކުގެ އައްސޭރިން ބައްދަލުވުންތައް އެހެންވެސް އެކަހަލަ ރޭތައްފަދައިން ދައުރުކުރަމުން ދެއެވެ. ދުންފިނީގެ ޖައްވަކަށް ވެރިވެފައިވާ ހަމަހިމޭންކަމަށް ބޫންއަޑެއް އިތުރުކުރުވަމުން ކޯރުގެ ފެންގަނޑުގެ އޮމާންކަން ހަލާކުކުރަމުން އަންނަ ވަރަށްކުޑަކުޑަ އިންޖީނު ބައްތެއްޔެއް އައްސޭރީގެ ގޮނިތަކުގެ ތެރެއަށް ގެއްލިގެން ދަތުރުކުރަމުން ދެއެވެ.
       
އަޅުގަނޑު ގަލަން އެއެއްޗަކާއި ގުޅާލެވިގެން މިއުޅޭ ކުޑަކުޑަ ލޯންޗް އެފަދަ މަންޒަރެއްގެ ތެރެއިން، އިންސާނަކަށް ފެނިއްޖެނަމަ، އާދެ! ލޯބީގެ އިޝްތިހާރަކަށް ނުފުދެނީ ހަމަކިޔާއެވެ. އެދުނިޔެއަށްޓަކައި އަމިއްލަ ހިތުގައި އެދުމާއި ޝައުޤު އުފެއްދުމުގެ ފަންޑިތައަކަށްވުން ވަނީ ވަރަށްކައިރީގައެވެ.
       
ބުރިކޮށްލާފައިވާ ކޮޅުފަސްކޮޅުގައި ފަލަކޮށް "ލަވް" ލިޔެފައިވާ ކުޑަކުޑަ ބައްތެލި ގޮނޑުދޮށަށް ބީއްސާލުމާއެކު، އޭގެތެރެއިން ހަރަކާތްތެރިވާންފެށީ ރޯނުފަށެއްގެ ދެއުޅިއެއްނޫނެވެ. ނުވަތަ އެނބުރިފައިވާ ފަށުވިބޮޅެއްގެ ދެފަށެއްވެސްނޫނެވެ. އާދެ! ބައްތެލީގެ ތެރެއިން ނިއުޅިގަތީ ދެޖިންސުގެ ދެޒުވާނުންނެވެ. ކޯރެއްގެ މިނިވަންފެންގަނޑު އެދެމީހުންނަށް ކުޑަވެގެން ނުވަތަ އެމީހުންގެ ރަންދުނިޔެއަށް ހުސްވަގުތުކޮޅެއް ގެނައުމަށްޓަކައި، އައްސޭރިއަށް ޒިޔާރަތްކޮށްލީއެވެ.
       
މިސްޓަރ އަޙްމަދާއި މިސް ލީލާއެވެ. ޒުވާން ކަސްރަތީ ހަށިގަނޑެއްގެވެރި ލީލާއެވެ. ތުންފަތުގައި ހަމުގެ ނިޝާނެއްގެ ބަދަލުގައި "ރަތްލޭކޮޅެއް" ޤުދުރަތުން ދެއްވާފައިވާ ލީލާއެވެ. އިރާކޮޅުގެ ކުރުވަގުތުކޮޅު މެންދަމުގެ ފޫހިކަމުގެތެރެއަށް ނުގެއްލެނީސް އެދެމީހުން ޤަސްދުކުރީ ރީތި އަލްވަދާޢަކުން ވަގުތީ ވަކިވުމެއް ގެނައުމަށެވެ. ލޯތްބާއި ޙަމްދަރުދީ ނުވަތަ ހިތާމައާއި ހެޔޮއެދުން އެކުލެވިފައިވާ ޝުޢޫރުތަކުން ދެމީހުންގެ ދެމެދުގައި ޕްރޮގްރާމެއް އަނެއްކާވެސް ރާވާލުމަށެވެ. އާދެ! އެވަގުތުގައި އެތަން އިންޑިއާގެ ގޮނޑުދޮށް ރަށެއްގެ ކޯރެއްގެކައިރިން ފެންނަމުން ދިއަނަމަވެސް، އަޅުގަނޑުގެ ގަލަމުން އެމަންޒަރު ސިފަކުރުމަށްޓަކައި، ނުވަތަ ތިޔަބޭފުޅުންގެ ހިތްޕުޅަށް އެމަންޒަރު ވެއްދުމަށްޓަކައި އަޅުގަނޑު ދޫކުރާނީ، އިންޑިއާގެ ފިލްމު ޑިރެކްޓަރަކަށެވެ. އާދޭ! މަޝްހޫރު "ދިއްލީކާ-ޓަގް" ގެ ހިތްގައިމު މަންޒަރަކަށެވެ.

" يہ راتين يہ موسم ندي کا کنارہ يہ چنچل ہوا
             کہا دو دلوں نے کہ ملکر کبھی ہم نہ ہونگے جدا
        یہ کیا بات ہے آج کی چاندنی ميں
             کہ ہم کھو گۓ پيار کی راگني ميں
         يہ باہون مين باہيں يہ بہکي نگاہیں
                  لو آنے لگا زندگي کا مذہ"
       
އާދެ! ލީލާއާއި މިސްޓަރ އަޙްމަދުގެ އެއްއަތާ އަނެއްއަތްވަނީ ގުޅިފައެވެ. ދުވަހަކު ވަކިވުމެއްނެތް ޙަޔާތަކަށްޓަކާ އެޅިފައިވާ ބިންގަލުގެ މައްޗައް އަނެއްކާވެސް ވަޢުދުތަކެއް ބަދަލުވެގެން ދަނީއެވެ. ރޭގެ ހަނދުވަރު ހެކިކޮށެވެ. އުޑާއިބިން، ކަނޑާއި އެއްގަން ފާހަގަކޮށްފަ އެވެ.

ލީލާ: އަހަރެން މިރޭގެ ނިދި ކަލޭގެ ސަބަބުން މަޙްރޫމުކޮށްފިއެވެ. އަހަރެންގެ ހުވަފެންތައް ކަލޭގެ ތަސްވީރުތަކުން ފުރާލައިފިއެވެ. މިސްޓަރ އަޙްމަދެވެ. ލޯބިވާ އަޙްމަދެވެ. މިކަހަލަ ރޭތައް ގުނާ ޢަދަދު ކުރުމުގައި ކަލެއާއި އަހަރެންގެ ޙަޔާތަށް ދުވަސްތައް އަދިވެސްދަނީ އިތުރުވަމުންނެވެ. އެކަމަކު އިންތިޒާރުގެ ދައުރުގަ އެވެ.

މިސްޓަރ: އަހަރެންގެ ހިތްގައިމު ލީލާއެވެ. އިވްނިންގް  އިން ޕެރިސްއާއި ގޯޔާގެ މައްޗަށް ފޫއްސާއި ނަފްރަތު އަހަރެންގެ ހިތުގައި އުފެދުމުގެ ސަބަބުކަމަށްވާ ލީލާއެވެ. މިހިތްގައިމު ރެއާއި މިމޫސުން، މިއުފާވެރި އައްސޭރިއާއި މިހިރަޖެހޭ ރީތި ވައިރޯޅިތައް އަހަރުމެންގެ ޙަޔާތުގެ އުފާވެރިކަމަށް އަބަދުވެސް އެއްބަސްވެއެވެ.
       
އަހަރެން ޤަސްދުކުރަނީ، ހަނދުބަލާމަހު 3 ވަނަރޭ ކަލެއާއި އަހަރެންގެ އިންތިޒާރީ ދައުރު، ޒަވާޖީ ދައުރަކަށް ހެދުމަށެވެ. އަހަރެންގެ މިނިންމުން ނުވަތަ ކަނޑައެޅުން ޤަސްދުކުރީ ކަލޭގެ ޖަވާބަކަށް ދެވަނަ އިންތިޒާރެއް ނުކޮށެވެ.
       
މިސްޓަރ އަޙްމަދާއި ލީލާއަކީ އިންޑިއާގެ އެއްހޮޓަލުގައި ތިބޭ ދެކުދީންނެވެ. ހޮޓަލަކީ އަލިމަގެއްގެ މެދުގައިހުރި އުސްހޮޓަލެކެވެ. 7 ބުރިއަށް ނަގާފައިވާ، ހޮޓަލެކެވެ. ކޯރުގެ އައްސޭރިން ދެކުދިން ހިނގައިގަތުމަށްފަހު، ގިނައިރުތަކެއްނުވެ ހޮޓަލުގެ ލިފްޓަށްވަދެ އިށީނދެއްޖެއެވެ. ދޮރުލެއްޕުމެކެވެ. ދެމިނެޓެއްގެ ސުކޫތެކެވެ. ދެންދޮރު ހުޅުވާލެވުނުއިރު، ދެކުދީންތިބީ ހޮޓަލުގެ 6 ވަނަ ބުރީގެ ފެންޑާމަތީގައެވެ. ގަޑިތަކުން އަޑުގަދަކޮށް މެންދަމު 12 ޖަހައިފިއެވެ. އެހެންކަމުން އެކަކު އަނެކަކަށް މަޢާފު އެދެމުން ރޭގަނޑު ނިދުމަށްޓަކައި ދެކުދީން ކޮޓަރިއަށް ވަދެއްޖެއެވެ. ފިނިގަދަ ރެއެއްކަމުން މިސްޓަރ އަޙްމަދު އޭނާގެ އެނދުގައި އޮށޯތުމާއިއެކު ކެހެރި ރަޖާގަނޑަކުން އޭނާގެ ހަށިގަނޑު ބަދެލައިފިއެވެ. ގިނައިރުތަކެއްނުވެ އޭނާގެ ހަށިގަނޑު ހުވަފެންތަކުގެ ދުނިޔެއަށް އުދުހިގެން ހިނގައްޖެއެވެ.
       
މިސްޓަރ އަޙްމަދަށް އެރޭ ފަތިހު 4 ޖެހިތަނާ ކޮންމެވެސް ބާވަތެއްގެ ބިރުވެރި ހުވަފެނެއް ފެނުމުގެ ސަބަބުން ހޭލެވިއްޖެއެވެ. ވަރަށްބޮޑަށް އޭނާގެ ހަށިގަނޑު އޭރުވެސް ތުރުރުއަޅައެވެ. ނަމަވެސް އޭނާއަށް ހޭލެވުނުއިރު ގަތްބިރެއްގެ ބޮޑުކަމުން ހުވަފެން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. ފެނުނުކަންތައްތަކުން ހަމައެންމެ ހިޔަންޏެއްވެސް ހިތަކަށް ނުގެނެވުނެވެ. އެހެންކަމުން އޭނާ ފާޚާނާއަށްވަދެ މޫނުދޮވެލުމަށްފަހު ރީތިވެލައިގެން ނިކުތީ ހޮޓަލުގެ ފެންޑާމައްޗަށެވެ. އާދެ! ލީލާ އޭނާގެ އެނދުގައި ނިދާން އޮތަދީފައި އަޙްމަދު އެކަނިމާއެކަނި ޢިޝްޤީ ވެލުމުގެ މަޤްޞަދުގަ އެވެ. ޑިއަރެސްޓޯ ހޮޓަލުގެ ދިގު ފެންޑާތައްވަނީ ނިދާފައެވެ. ކޮޓަރިތައްވަނީ ލެއްޕިފައެވެ. ފަތިހުގެ އަނދިރިކަން ދުނިޔެއަށްދިން ފަޤީރުކަމަކުން ނުވަތަ ކަންނެތްކަމަކުން އިންޑިއާގެ ޢާއްމު މަގުތަކާއި ހޮޓާހުރި ދިގުމަގުވަނީ ލެއްޕިފައެވެ. އެހެންނަމަވެސް މިސްޓަރ އަޙްމަދު ޤަސްދުކުރީ ފެންޑާގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލުމަށެވެ. ލީލާގެ ކޮޓަރީގެ ދޮރުގައި ޓަކިތަޅާލުމަކުން އޭނާއަށް އުނދަގުލެއްކޮށްލުމަށެވެ. ހަމައެކަނި އުނދަގުލެއްކޮށްލުމުގެ މަޤްޞަދުގައި އަޙްމަދު ހިނގައިގަތީ އެނާގެ ކޮޓަރިއާއި ދިމާއަށެވެ.
       
މިއީ އަޖައިބެކެވެ. ހައިރާންވުން އެކަށީގެންވާ ކަމެކެވެ. ސަބަބެއް ނުވަތަ ސިއްރެއް ނުވިސްނުނެވެ..... ލީލާގެ ކޮޓަރި އެހެރީ ހުޅުވާލެވިފައެވެ. އަޑެއްބަޑެއް ނީވެއެވެ. އަލިކަމެއްނެތެވެ. ބޮކިތައްވަނީ ނިވާލެވިފައެވެ. މިސްޓަރ އަޙްމަދުގެ ފިޔަވަޅުތައް އަވަސްކުރަމުންގޮސް ލީލާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ދެފަހަރަކު ލީލާއޭގޮވާލުމަށްފަހު، ހަބަރެއްނުވުމުގެ ސަބަބުން ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ލީލާ ނިދާފައި އޮތީކަމަށް ހީކޮށްލާފައި ނުކުމެ ކޮޓަރީގެ ދޮރުލައްޕާލައިފިއެވެ.
       
މިހާރު މިސްޓަރ އަޙްމަދު އެހުރީ ފެންޑާމަތީގައި ބޭރުބަލާށެވެ. އެވަގުތު އޭނާގެ ކުރިމަތީގައި ދިމާތިރިން ފެތުރިފައިއޮތީ އިންޑިއާގެ ތަނަވަސް ބިންކަމަސްވިއަސް، އޭނާގެ ލޮލަސް ފެންނަމުންދަނީ އެހެން ހުވަފެންތަކެކެވެ. އުފާވެރި ދަތުރުތަކެކެވެ. ހަނީމޫނުގެ ހިތްފަސޭހަ ދުވަސްތަކެވެ. ލީލާ އޭނާގެ ވަފާތެރި އަންބަކަށް ވުމަށްފަހު، ދެންއުޅެވޭނެ ދައުރުތަކެވެ. އާދެ! އެހެން ޢިބާރާތަކުން ދަންނަވާނަމަ، މިސްޓަރ އަޙްމަދު އެވަގުތުހުރީ، ހޮޓަލުގެ ފެންޑާމަތީގައިކަމަށްވިއަސް އޭނާގެ ހިތްއޮތީ ތަންކޮޅެއް ދުރުގައިހުރި ކޮޓަރީގައި ނިދާފައިވާ ލީލާގެ އެނދުގައެވެ.
       
ޖެހިފައިހުރި ކޮޓަރީގެ ގަޑިއަކުން ވަރަށް އަޑުބާރުކޮށް އެއްފަހަރު ރަނގަބީލު ޖަހައިފިއެވެ. ފަތިހު 4 ގަޑި ބައިވީއެވެ. މިއިވުނު އަޑާއި، މިއައި ކުއްލި ސިހުމަކާއެކު، މިސްޓަރ އަޙްމަދަށް، ފަހަތަށް ބަލާލެވިއްޖެއެވެ..... އަނެއްކާވެސް އަނެއްް ޙައިރާންމާކެވެ. ލީލާގެ ކޮޓަރި އެހެރީ ހުޅުވާފައެވެ. މިއީ ދެވަނަފަހަރެވެ. މިފަހަރު މިސްޓަރ އަޙްމަދުގެ ހިތުގައި ޝައްކު އެތަކެއް ގޮތަށް އެނބުރިފައެވެ. ވަހުމާއި އަދި އެފަދަ ހީތަކެެއް އޭނާއަށް ނަޞޭޙަތްތެރިވާން ފަށައިފިއެވެ. އެހެންކަމުން މިސްޓަރ އަޙްމަދު ހިނގައިގަތީ ޙިކުމަތެއްގެ ބޭނުންކޮށްގެންނެވެ. ފައިވާން ބެހެއްޓުމަށްފަހު ހުސްފައިގައެވެ.
       
އަޙްމަދަށް ލީލާގެ ކޮޓަރިއާއި ހަމައަށް ދެވުނުއިރު އޭނާގެ ފައިގައި ދިޔާއެއްޗެއް ހޮޓަލުގެ ތަޅުންގަނޑުން ހޭކިއްޖެއެވެ. އެކަން އެނގިގެން ހުއްޓެވުނުއިރު، އެކަހަލަ ފެންގަނޑަކަށް އޭނާއަށް އެރިއްޖެއެވެ. އެހެންކަމުން، އޭނާ ފުރަތަމަވެސް އަތްކާއްތާލީ ސްވިޗްބޯޑު ފެނޭތޯއެވެ. ކުރިމަސައްކަތުގެ ތެރޭގައި ދެގޮނޑިއެއްގައި އަޅައިގަތެވެ. ނަމަވެސް އަވަސް އަވަހަށް ކޮޓަރީގެ އިލެކްޓްރިކް ދިއްލާލައިފިއެވެ.....
       
މިސްޓަރ އަޙްމަދުގެ ކުރިމަތީގައި އެވަގުތު ޖެހިގެންދިޔައީ ސުވާލުމާކްތަކާއި ޙައިރާންމާކްތަކެވެ. އަދި ކީއްތޯއެވެ. ވީއެއް ނުވީއެއް ނޭނގޭ ކުއްލި މަންޒަރެއްގެ ސަބަބުން އޭނާގެ ކުރިމަތީގައި ޢަޖާއިބު މާކްތަކެއްވެސް އުފެދިގެން ދިޔައެވެ. އާދެ! އޭނާއަކީ ހިއްސުތަކުގެ އެއްބައި އުނިވެފައިވާ އެއްފަޅި އިންސާނެއްނަމަވެސް، އެވަގުތު އެހެންވާނެއެވެ. މިރޭގެ އިރާކޮޅު ފެށުނީއްސުރެ މެންދަމު 12 ޖަހަންދެން، އެކީގައި އުޅުމަށްފަހު ނިދުމަށްޓަކައި ވަކިވެގެންދިޔަ ލީލާ..... އަދިވެސް މިސްޓަރ އަޙްމަދުގެ ހިތުގެ ކުރިމަތީގައި އެހެރަ ހުވަފެނީ ތަސްވީރުގެ ވެރި ލީލާ އެއޮތީ އޭނާގެ އެނދުގައި ހިމޭންވެފައެވެ. އޭނާގެ ތަންމައްޗާއި ހަށިގަނޑު ލޭގަނޑަކަށްވެފައެވެ. މީހެއްގެ ރަޙުމެއްނެތް ޚަންޖަރަކުން އެ މަޢުޞޫމާވަނީ، ޤަތުލުކޮށްފައޭ ދެންނެވުމުން ތިޔަ ހިތްޕުޅަށް ގެނެވުނު މިންވަރު މާކުޑައެވެ. މީގެކުރީން އަޙްމަދުގެ އަތުން ފިރުމަމުންއައި ރީތި ލަޠީފީ ކަރުވަނީ ޚަންޖަރުގެ ހުރިހިތްވަރާއިއެކު ބުރިވެފައެވެ. މޫނުވަނީ އޭގެ ތިލައިން ތެޅިތެޅުމަކުން ޒަޚަމްވެ ކުދިކުދިވެފައެވެ.
       
އަޙްމަދުގެ ވިންދުތައް ހަމަހިފޭއްޓޭ ވަރެެއްނުވިއެވެ. އޭނާގެ ހިތުގެ ހިނގުން ޠަބިއްޔަތާއި ގުޅުވާލެވޭފަދަ ފުރުޞަތެއް ނުލިބުނެވެ. ދުވެފައިގޮސް އިހަށް އޮޅުލައިގަނެވުނީ، އެ ޝަހީދުގެ ގައިގައެވެ. ލެއާއި ލޭގެ ގުޅުމާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. ހިތާއި ހިތުގެ ލޯތްބަށްޓަކައެވެ. މިސްޓަރ އަޙްމަދު ވެސްވަނީ ރަތްލޭގަނޑަކަށް ވެފައެވެ.
      
ކޮޓަރިތެރެ ވަރަށް އަވަސްއަވަހަށް އޭނާ ހޯދަން ފަށައިފިއެވެ..... މީހެއްގެ އިޝާރާތެއް ނުވަތަ އެހެންވެސް ނިޝާނެއް ފެނޭތޯ ހޯދިހޯދުމުން އޭނާގެ ލޮލުގައި އަޅައިގަތީ އެންމެ އެއްޗެކެވެ. ވަރަށް އަވަދިނެތި އުޅުނުމީހެއްގެ ޖީބުން ކޮޓަރިތެރެއަށް ވެއްޓިފައިވާ ހަމުގެ ޖީބުދަބަހެކެވެ. ދަބަސް ހުޅުވާލިއިރު އޭގައި ރައްކާކޮށްފައިވަނީ ސަތޭކަ ރުފިޔާގެ ފަންސާސް ނޫޓެވެ. އާދެ! ވަރަށްއައު 5000 ރުފިޔާއެވެ. ނަންބަރުތައް ތަރުތީބުންހުރި އައު ނޫޓުތަކެކެވެ. މިނޫން އެއްވެސް އާދަޔާއި ޚިލާފު އެއްޗެއް އެކޮޓަރިއަކުން ނުފެނެއެވެ.
       
ހެނދުނު 7 ޖަހައިފިއެވެ. މިސްޓަރ އަޙްމަދު އަދިވެސް އެއިނީ ފުލުހުންގެ އޮފީހުގައެވެ. ރޭގެ ނުރައްކާތެރި ޤަތުލުގެ ވާހަކަ އަދިވެސް ކިޔައިދެނީއެވެ. ފުލުހުންގެ އިންސްޕެކްޓަރު އަންވަރު އޭނާއާއި ސުވާލުތައް ކުރަނީއެވެ.....
       
"ލީލާއާއި އަޅުގަނޑާއި ވަކިވީ ރޭގެމެންދަމު 12 ޖެހިއިރުއެވެ." އަޙްމަދުގެ ތުރުތުރުއަޅާ އަޑާއި އޭނާގެ އުއްމީދު ވަކިވެފައިވާ މޫނެވެ. "ދެން އަޅުގަނޑުގޮސް ނިދީއެވެ. އާދަވެގެންވެސް ލީލާ ނިދަނީ ކޮޓަރީގެ ދޮރު ލައްޕައިގެންނެވެ. އެރޭވެސް އޭނާއާއި އަޅުގަނޑު ވަކިވީ ކޮޓަރީގެ ދޮރުލައްޕާ ތަންޑުއެޅުވީމައެވެ. ފަތިހު އަޅުގަނޑު ހޭލައިގެން ބޭރަށް ނުކުތްއިރު އެކޮޓަރީގެ ދޮރުހުރީ ހުޅުވާފައެވެ. ދެން އަޅުގަނޑުގޮސް ލީލާއަށް ގޮވާލިއިރު، އެތެރޭން އަޑެއްނުއިވުމުން ދޮރުލައްޕާލާފައި، އައިސްހުރީއެވެ. 4 ގަޑި ބައިގެއަޑަށް އަޅުގަނޑަށް އަނެއްކާވެސް ބަލައިލެވުނީ އެދިމާއެވެ. އޭރު އަނެއްކާވެސް ދޮރުހުރީ ހުޅުވާފައެވެ. ދެން ދިޔައިރު ލީލާވަނީ ޤަތުލު ކޮށްލާފައެވެ. ކޮޓަރިތެރެއިން ފެނުނީ ހަމައެކަނި މިދަބަހެވެ. މިނޫން އެކައްޗެއްވެސް ނެތެވެ. މިހާރު ހީވާހީވުމުގައި ފުރަތަމަ ފަހަރު އަޅުގަނޑުގޮސް ދޮރުމައްޗަށް އެރިއިރު، އެޤަތުލުގެ ބިރުވެރި ހާދިސާ އެތާނގައި ހިނގަނީއެވެ. އަދި އަނިޔާވެރި ޤާތިލުވެސް އެތާނގައި އުޅެނީއެވެ."
       
އިންސްޕެކްޓަރު އަންވަރުގެ ނިތްކުރިން ހިއްލަމުންދިޔައީ ފުށްބޮޑެތި އޮށްދާތަކެކެވެ. އިރުއިރުކޮޅުން ސިނގިރެޓެއް އަންދަމުން އޭނާގެ ޚިޔާލު އެތަކެއް އަހަރުގެ ތަޖުރިބާއާއިއެކު އުދުއްސާން    ފަށައިފިއެވެ.

އަންވަރު: އަހަރެން ތިޔަ ޤަތުލާއިމެދު ވިސްނަންޖެހޭ ވަރަށް ތަފާތު ދެގޮތެއް ކުރިމަތީގައި އެބައޮތެވެ. އެހެންކަމުން މިއަދާއި މާދަމާ އަހަންނަށް ޗުއްޓީއެއް ބޭނުމެވެ. މާދަމާރޭ 8 ޖަހަން 6 މިނެޓަށްވާއިރު ކަލޭ މިގެއަށް އަންނާށެވެ.
       
ދުނިޔޭގެ ރަޙުމެއްނެތް މަންޒަރުތަކާއި ޙަމްދަރުދީއެއް އަމުދުން ނުލައްވާ ހުވަފެންތަކަށް އަބަދަށްޓަކައި، މަޢުޞޫމް ލީލާ ވަކިވެގެން ހިނގައްޖެއެވެ. މިސްޓަރ އަޙްމަދުގެ އަމިއްލަ ޙައްޤެއްކަމަށްވާ ހިތް އެހަށިގަނޑެއްގައި ރައްކައުކޮށްފައިވާ ހަށިގަނޑު، ދުވަހުގެ މެންދުރުކުރިން ޤަބުރުސްތާނުގައި ވަޅުލައިފިއެވެ. އެއްވެސް ޖަވާބެއް ދިނުމެއްނެތް ފެހިވިނަތަކާ ހަރުބިންގަނޑުގެ އަޑީގައި ލީލާ "ރައްކާކުރުމަށްފަހު" މިސްޓަރ އަޙްމަދު ހޮޓަލަށްއައިސްވަނީ، އޭނާގެ ކޮޓަރިއަކަށްނޫނެވެ. ލީލާ ދިރިއުޅުނު ކޮޓަރިއަށެވެ. އޭރު ހޮޓަލުގެ ފަރާތުން އައިމީހުން ކޮޓަރި ސާފުކުރަނީއެވެ. އޮހޮރިފައިވާ ލޭތަކާއި ތަރުތީބު އޮޅިފައިވާ ތަންމަތީގެ ސާމާނު އުފުލަނީއެވެ.
       
މި ފަޅު ކޮޓަރީގެ އެކަނިވެރިކަން އަޙްމަދުގެ ހިތަށް އެވަގުތުކުރީ، އާދަޔާ ޚިލާފު އަނިޔާއެކެވެ. ނާއުއްމީދު އޭގެ ނިހާޔަތަށް ގޮސްފައިވާ ވަގުތެއްގައި އަޙްމަދުގެ ކުރިމަތިން ހިޔަނިވަމުންދިޔައީ، ލީލާގެ ޤުދުރަތީ މޫނެވެ. ރަތްތުންފަތެވެ. ބްރައުންކުލައިގެ އިސްތަށިގަނޑެވެ. "ސުވަރުގެ" އެއްކަހަލަ ކޯތާފަތެވެ. އާދެހެވެ! ކޮޓަރި ސާފުކުރާތަން ބެލުމަށް އަޙްމްދު އެއްކަނެއްގައި ދިގު ސުކޫތެއް ނިންމާލުމަށްޓަކާ ހުރެވުނީ ކޮޅަށެވެ. އޭނާގެ ލޮލާއި ހިތްވަނީ އެންމެނުކުތާއަކަށްޓަކައި ހުއްޓިފައެވެ..... އޭނާގެ ކުރިމަތީގައި ވަނީ އެންމެ ސުވާލެކެވެ. އެންމެ މައްސަލައެކެވެ. ލީލާގެ މަރެވެ..... އަޖާއިބާއި ހައިރާން އެޤަތުލުގައި ފުރިފައިވާ ޤަތުލެވެ..... ފުރަތަމަރޭގެ ބައްދަލުވުމާއި، ފުރަތަމަ ސިޓީއާއި އޭގެ ޖަވާބެވެ..... ވީނަސްރޯޑްގެ ކާރުދުއްވާލުމާއި، ޑިއަރެސްޓޯ ހޮޓަލުގެ ފެންޑާއެވެ. "ލަވް" ލާންޗްގެ މަސްހުނި އޮށޯތުމާއި، އިވްނިންގް އިން ބޮމްބޭގެ ލުއިލުއި ވަސް..... އެންމެފަހުން ލީލާ ޤަތުލުވުމާއި އެނާ ވަޅުލުން..... އެ މަދުސިކުންތުކޮޅުގެތެރޭގައި މިސްޓަރ އަޙްމަދުގެ ހިތަށް ހުރަސްކޮށް ތޮރުފެމުން ދިޔައެވެ.

ރަތްކާރުގެ ޑްރައިވަރު:


ހީވެސް ނުކުރެވޭފަދަ އަވަސް ވަގުތުކޮޅެއްގެތެރޭގައި އަޅުގަނޑުމެންގެ ހަމްދަރުދީ އެމީހަކަށްޓަކައި ހުސްވެފައިވާ އަޙްމަދު އިންޑިއާގެ މަގުތަކަށް ގިނަވެއްޖެއެވެ. ދާނެވަކި މިސްރާބެއް، މަޑުކޮށްލާނެ ވަކި މަންޒިލެއް ނުވިސްނި ބޭއިޚްތިޔާރުގެ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.
-----------------
(ނުނިމޭ)

މި ލިޔުން:

    ޓައިޕުކުރުން:   މުޙަންމަދު އަޙްސަން (އެޑިޓަރުގެ އެހީތެރިޔާ)
    އަލުންބެލުން:     ''           ''
    ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


އިދާރާ

އެނގޭތަ؟

ވާހަކަ