އަދުގެ ޚާއްސަ

Print

އައު އީޖާދު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އަހަރެން އިނީ ޕާކުގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. ދެކޭ މީހަކަށް ހީވާނީ އަވީގައި ޖެހިލަން އިނީ ކަމުގައެވެ. ކައިރީގައި ހުންނަ އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުން މެންދުރު ކާށާއި އަރާމު ކޮށްލަން މި ޕާކަށް އައިސް އުޅެއެވެ. ބައެއް މީހުން އަވީގައި ޖެހިލައިގެން ނާރުތަކަށް ލިބިފައިވާ ލޮޑުކަން ފިލުވައިލަނީއެވެ. އަހަރެންވެސް މަސައްކަތް ކުރަމުން ދިޔައީ އެއިން ކަމެއް ކުރާ މީހެއްގެ ގޮތް ދެއްކޭތޯއެވެ.

އަހަރެންނަކީ ކައިރީގެ އޮފީހެއްގައި މަސައްކަތް ކުރާ މީހަކީމެއް ނޫނީމެވެ. އަދި އަހަރެން އައިސް އިނީ އަވީގައި ޖެހިލާކަށް ވެސް ނޫނެވެ. އަހަރެން އިނީ ޚާއްޞަ މަސައްކަތެއްގައެވެ. އަހަރެންގެ އުނަގަނޑުގައި ކުޑަކުޑަ މެޝިނެއް ހަރުކޮށްފައި އެބަ ހުއްޓެވެ. އެ މެޝިނުގެ އިއަރފޯން ހުރީ އަހަރެންގެ ކަންފަތަށް ޖަހާފައެވެ. ބަލާ ބެލުމަށް ހީވާނީ އާދައިގެ ވޯކްމަނެއް ހެންނެވެ. ދެކޭ މީހުން ހީކުރާނީ އަހަރެން އަވީގައި ޖެހިލައި، ލަވަ އަޑު އަހައިލާން އިނީ ކަމުގައެވެ.

ޙަޤީޤަތުގައި އެއީ ވޯކްމަނެއް ނޫނެވެ. އަދި މިއުޒިކް ކުޅޭ އެއްޗެއް ވެސް ނޫނެވެ. އެއީ އަހަރެންގެ އެތައް އަހަރެއްގެ ބުރަ މަސައްކަތުން އުފައްދާފައިވާ ވަރަށް އާދަޔާ ޚިލާފު މެޝިނެކެވެ. އެ މެޝިނުގެ ސަބަބުން ދުނިޔެއަށް ވަރުގަދަ އިންޤިލާބެއް އަންނާނެކަން ކަށަވަރެވެ. އަހަރެންނަކީ އުމުރުން މާ ގިނަ ދުވަސް ވެފައިވާ މީހަކީމެއް ނޫނީމެވެ. ބޮލުގެ އިސްތަށިތައް ހުދުވެ، އުނަގަނޑު ބިނދިފައިވާ މުސްކުޅިއަކަށް އަދި އަހަރެން ނުވެއެވެ. އެހެންނަމަވެސް އެ އުމުރުގެ ސައިންސްވެރިންގެ ސިކުނޑިއަށް ވުރެ އަހަރެންގެ ސިކުނޑި ތަނަވަހެވެ. އަހަރެން މާ ބުއްދިވެރިއެވެ. އާދަޔާ ޚިލާފު މެޝިންތަކާއި އާލާތް އުފެއްދުމުގައި އަހަރެންނަށް ލިބިފައިވާ ޝުހުރަތު މާ ބޮޑެވެ. އެކަމަކު އަހަރެން މަޝްހޫރު ވާން ވާވަރަށް މަޝްހޫރުވީ ކަމަކަށް އަހަރެންނަކަށް އަދި ޤަބޫލެއް ނުކުރެވެއެވެ. އަހަރެން ހަދާ ނުވަތަ އީޖާދު ކުރާ ބައެއް އެއްޗެހި ހުންނަނީ ފާޅު ނުކޮށް ސިއްރު ކޮށް ބަހައްޓާފައެވެ. އެއިން އީޖާދަކުން ނުބައި ނަތީޖާއެއް ނުކުމެދާނެތީ ބައެއް ފަހަރަށް ބިރު ގަންނަނީއެވެ. އަހަރެން ބޭނުން ވަނީ މާ ގިނަ ހާސަރު ނުދަމައި، ވީހައި ކުރު މަގަކުން ގޮސް އިންސާނީ ދަރިފަސްކޮޅަށް ފައިދާ ކުރާ ކަހަލަ އެއްޗަކަށް އަހަރެންގެ އީޖާދު ވާގޮތް ހަދާށެވެ.

މިހާރުވެސް އަހަރެން ކުރަމުން ދާ މަސައްކަތަކީ އަހަރެން އަލަށް އީޖާދު ކުރި ކުޑަ ކުޑަ މެޝިނެއް ތަޖުރިބާ ކުރުމުގެ މަސައްކަތެވެ. އެ މެޝިން ވަނީ އަހަރެންގެ ލެބޯޓަރީގައި ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައެވެ. މިހާރު އަހަރެން ބޭނުން ވަނީ އެ މެޝިން ބޭރުގައި މަސައްކަތް ކުރޭތޯ ބަލާށެވެ. ހާމަ ތަންތާނގައި މަސައްކަތް ކުރަނީ ކިހިނެއްތޯ ބަލާށެވެ. އެ ކަމަށްޓަކައި މި ޕާކަށް ވުރެ ވަކީން ރަނގަޅު ތަނެއް ނުފެންނާނެއެވެ. މި ތަނަށް އައި ސަބަބަކީ އެއީއެވެ. އަހަރެން އައިސް މި ހުންނަނީ އިންސާނީ ދަރިފަސްކޮޅަށް ނުހަނު ބޮޑު ފައިދާއެއް ކުރާނޭ ކަމެއް ނުވަތަ އެއްޗެއް އީޖާދު ކޮށްގެންނެވެ. އިންސާނުން ވަނީ އެ މީހުން އަމިއްލަ އަށް އުފައްދާ މައްސަލަ ތަކުގެ ސަބަބުން އެކި މުސީބާތްތަކުގައި ހައްޔަރުވާ ގޮތް އަމިއްލަ އަށް ހަދާފައެވެ. އަހަރެން ބޭނުން ވަނީ އިންސާނުންނަށް އެ ފަދަ މައްސަލަ ތަކުގެ ޙައްލެއް ހޯދައި ދޭށެވެ.

ކުޑަ އިރުކޮޅަކު އެހެން ހުރެވުނު ފަހުން ޓާގެޓެއް (އަމާޒެއް) ފެނިއްޖެއެވެ. އެއީ ތުއްތު ކުއްޖެކެވެ. ކުއްޖާ އޮތީ ކުޑަ ކުދިންގެ ގާޑިޔަލެއްގައެވެ. ގާޑިޔާ ކޮއްޕާފައި އަންނަނީ އެ ކުއްޖާގެ މަންމައެވެ. އެ ގާޑިޔަލަކީ ބާ ގާޑިޔަލެއްކަން ޔަގީނެވެ. މައިން އެ މީހުންގެ ދަރިން ގޮވައިގެން ހިނގާލަން ދާ އިރު ދަރިންގެ ހިތް ހަމަ ޖައްސައި ދިނުމުގެ ގޮތުން އެ ކި ތަންތަން ދައްކައި، ވާހަކަ ދައްކައި ހަދާތަން ވަރަށް ގިނައިން ފެނެއެވެ. މި އަންހެން މީހާ ވެސް ޕާކުގައި ހުރި ފެންއަރުވާވަޑާމެއް ދައްކާފައި ދަރިފުޅާ ވާހަކަ ދައްކަމުން ދިޔައެވެ. އެހެން ނަމަވެސް އެ ކުއްޖާ ފެންއަރުވާވަޑާމަކަށް ސަމާލު ކަމެއް ނުދެއެވެ.

އަހަރެން، އަހަރެންގެ އަތުގައި އޮތް ކުޑަ ކުޑަ މައިކެއް އެ ކުއްޖާ އާ ދިމާއަށް ދިއްކޮށްލީމެވެ. އެ މައިކަކީ ވެސް މެޝިނުގެ ބައެކެވެ. މައިކް އެ ކުއްޖާ އާ ދިމާއަށް ދިއްކޮށްލުމާ އެކު އެ ކުއްޖާ މައިކް ގެ ރޭންޖަށް އަތުވެއްޖެއެވެ. އެ ކުއްޖާގެ މަންމަ އަކަށް ވެސް އަދި އެ ކުއްޖާ އަކަށް ވެސް އަހަރެން ކަމެއް ކުރާ ކަމެއް ނުވަތަ އަހަރެންގެ ސަމާލުކަން ހުރީ ކޮން ތަނަކަށް ކަމެއް ނޭނގޭނެއެވެ.

"އޯކޭ-" އިއަރފޯނުގެ ޒަރީޢާއިން އަހަރެންނަށް އަޑު އިވުނެވެ. އެއީ އަހަރެން އީޖާދު ކުރި ކުޑަ މެޝިނުގެ އަޑެވެ. އެ މެޝިނުގެ ނަމަކަށް އަހަރެން ކިޔާފައި ވަނީ "ޑިވައިސް ސެވަން" އެވެ. އެ މެސެޖަކީ މެޝިނުގެ ސަރަޙައްދުގެ ތެރެއަށް އަމާޒު، ވަންކަން އަންގައި ދިނުމުގެ ގޮތުން ދިން މެސެޖެކެވެ.

އަހަރެންގެ ގަމީހުގެ ގިރުވާނުގައި ކުޑަކުޑަ ސްވިޗެއް ހަރުކޮށްފައި ހުއްޓެވެ. އެ ސްވިޗް ވެސް ބަލާ ބެލުމަށް ފެންނާނީ ގަމީހުގެ ގޮށެއްގެ ގޮތުގަ އެވެ. އެއީވެސް މެޝިނުގެ ބައެކެވެ. އަހަރެން އެ ސްވިޗާ އަނގަ ކައިރި ކޮށްފައި ސުވާލު ކޮށްލީމެވެ. "ކުރިމަގު އޮތީ ކިހިނެއް-؟ މި ކުއްޖާ ބޮޑު ވުމުގެ ކުރިން މި ދުނިޔެއަށް އަލްވަދާޢު ކިޔައިފިއްޔާ ދުނިޔެއަށް ވާނީ ކޮން ކަހަލަ ފައިދާއެއް-؟"

    ދުނިޔެއަށް އަންނަ ކޮންމެ މީހަކީ ދުނިޔެއަށް ހެވާއި ލާބަ ގެނެސް ދޭނޭ މީހެއް ނޫން ކަމީ ދެކޮޅު ހެދެން ނެތް ޙަޤީޤަތެކެވެ. ދުނިޔެއަށް އުފަންވާ ގިނަ މީހުންނަކީ ދުނިޔެ ޖަހަންނަމަ އަކަށް ހަދަން އެ ބަޔަކަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާ މީހުންނެވެ. މުޖުތަމަޢު ތަކުގައި އުފެދޭ ހަމަ ނުޖެހުންތަކާއި ހިނގާ ހަނގުރާމަ ތައް މަދު ނުވެ، އިތުރު ވަމުންދާ ސަބަބަކީ މިއީއެވެ. މި މެޝިން އީޖާދު ކުރުމުގެ ޚިޔާލު އަހަރެންނަށް ކުރެވުނީ އެހެން ވެގެންނެވެ. މި މެޝިނުގެ ބޭނުން ކޮށްގެން އަހަރެންނަށް ކޮންމެ މީހެއްގެ ވެސް ކުރިމަގު އޮތް ގޮތް ބެލިދާނެ އެވެ. ތުއްތު ކުއްޖަކު ބޮޑު ވެގެން ވާނީ ކޮން ކަހަލަ މީހަކަށް ކަން ހޯދައި ގަނެވިދާނެއެވެ.

މެޝިނުން ޖަވާބު ލިބުނެވެ. "މިހާރު ކުރިމަތިން ފެންނަ ކުއްޖާ ބޮޑު ވެގެން ވާނީ ވަރަށް ބޯ ހަރު، ހަރުކަށި މީހަކަށް- އަނބިދަރިންގެ ގައިގައި ތަޅައި އަނިޔާ ކުރާ، ނުލަފާ މީހަކަށް- އޭނާގެ ދަރިން ތިބޭނީ އޭނާ ދެކެ ބިރުން- އަވަށްޓެރިން އުޅޭނީ އޭނާގެ ފުށުން ސަލާމަތް ނުވެވިގެން-"

އިންސާނާގެ ކުރިމަގު މި ފަދަ ގޮތަކަށް ހޯދާ މެޝިނެއްގެ ބޭނުންތެރިކަން ވަޒަން ކޮށްލައްވާށެވެ. މި ފަދަ މެޝިންތައް ކަމަށް އެކަށީގެންވާ ރަނގަޅު ބައެއްގެ އަތް މައްޗަށް އަރައިފި ނަމަ، ރަނގަޅު ޞުލްޙަވެރި މުޖުތަމަޢެއް އުފެއްދުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ. ދުނިޔެ ފަސާދަ ކުރާނޭ މީހުން، އެ މީހުންގެ ފުރުޞަތުގެ ބޭނުން ކުރުމުގެ ކުރީން އެ ދުނިޔެއަށް ފޮނުވައިލެވިދާނެ އެވެ.

އެ ވަގުތު އަހަރެންގެ ޖީބުގައި އޮތް ފިސްތޯލައިގެ ބޭނުމަކީ އެއީއެވެ. މަޤްޞަދަކީ ވަގުތުން މައްސަލަ ޙައްލު ކޮށް ނިންމައިލުމެވެ. އެ ދެމައިންގެ ފަހަތުން އަހަރެން ފާރަލަމުން ހިނގަން ފެށީމާ މަގުމަތީގެ ކޮންމެވެސް ހިސާބަކުން ރަނގަޅު ފުރުޞަތެއް ލިބިދާނެއެވެ.

މެޝިނުން އަޑު އިވުނެވެ. "އަދި އެ ކުއްޖާ ބޮޑު ވެގެން ވާނީ ޤައުމީ ފުޓްބޯޅަ ޓީމުގެ މުހިއްމު ކުޅުންތެރިއަކަށް- މީގެ ބަރާބަރު އެކާވީސް އަހަރު ފަހުން އޮންނަ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގައި އަހަރެމެންގެ ރާއްޖެއަށް ލިބޭ ކާމިޔާބީގެ ސަބަބަކަށް ވާނީ މި ކުއްޖާ-"

"އެހެންތަ-؟" އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. އެ ވާހަކަ އިވުނީމާ އަހަރެންނަށް ހިނިތުންވެ ލެވުނެވެ. އޭރު އަހަރެން ހުރީ ޖީބަށް އަތް މަހާލައިގެންނެވެ. މުށު ތެރޭގައި އޮތީ ފިސްތޯލައިގެ މުށްގަނޑެވެ. މެޝިނުގެ ވާހަކަ އިވުނީމާ ކުޑަކޮށް ވިސްނާލަން ޖެހިއްޖެ އެވެ.

މެޝިނުގެ ވާހަކަ ނުހުއްޓެ އެވެ. އެ ކުއްޖާ އާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ދެނީއެވެ. "މި ކުއްޖާ ބޮޑު ވެގެން ލިބޭ އަންހެން ދަރިއަށް ވަރަށް ބޮޑަށް އަނިޔާ ކުރާނެ- އެ އަންހެން ކުއްޖާ ދިރިއުޅުމުގެ ޒުވާން ދައުރު ހޭދަ ކުރާނީ ބިރުވެރިކަމެއްގެ ތެރޭގައި- އެކަމަކު ބޮޑު ވެގެން ވަރަށް މޮޅު ޅެންވެރިއަކަށް ވާނެ- އޭނާ ހިމެނިގެން ދާނީ ދުނިޔެއަށް އުފަންވީ އެންމެ މޮޅު ޅެންވެރިންގެ ތެރޭގައި-"

އަހަރެން ކުޑަކޮށް މޫނު ތިރިކޮށްލުމަށް ފަހު ގިރުވާނުގައި ހުރި ސްވިޗާ އަނގަ ކައިރި ކޮށްލީމެވެ. "ޑިވައިސް ސެވަން- އަހަރެންނަށް ހީވަނީ މިހާރު ތިޔަ ދަނީ މާ މައްޗަށްހެން- ތިޔަ ދައްކާ ވާހަކައިން އަހަރެންނަށް ގޮތެއް ނިންމަން އުނދަގޫ ވާ ގޮތް އެބަވޭ-"

"އަހަރެންގެ ކަމަކީ ސުވާލަށް ޖަވާބު ދިނުން-" މެޝިނުން ބުނި އަޑު އިވުނެވެ. "އެ ޖަވާބުން ކަލޭގެ މައްސަލަ ޙައްލޫވޭތޯ ނުވަތަ ނޫންތޯ ބެލުމާއި ކަލެއަށް ގޮތެއް ނިންމަން ފަސޭހަ ވޭތޯ ނުވަތަ އުނދަގޫ ވޭތޯ ބެލުމަކީ އަހަރެން ކުރަން ޖެހޭ ކަމެއް ނޫން- އެއީ ކަލޭގެ ކަމެއް-"

"ބުނަންތަ...؟" އަހަރެން ރުޅި ނައިސް ވޭތޯ ބެލީމެވެ. "އަހަރެން ބޭނުން ވަނީ އެންމެ ޖަވާބެއް- އެ ކުއްޖާ މި ދުނިޔެއަށް އަލްވަދާޢު ކިޔައިފިއްޔާ ދުނިޔެއަށް ކުރާނީ ފައިދާއެއްތޯ ނުވަތަ ނޫންތޯ ބުނެދީ- އެހެން ވާހަކައެއް އަހާކަށް އަހަރެން ބޭނުމެއް ނޫން- ދުނިޔެއަށް ކުރާނޭ ފައިދާ އާއި ގެއްލުން އަޅައި ބަލާ އިރު ގެއްލުމުގެ ކޮޅަށް ޒައްރެއްގެ މިންވަރަށް ބުރަ ވިޔަސް އެކަން އަވަހަށް ބުނެދީ-"

"ތިޔަ ސުވާލަށް ޖަވާބު ދޭން އަހަރެންނަށް ޖެހޭނީ ހިސާބެއް ހަދާލަން- ބައެއް ކަންތައްތަކުގެ މައްޗަށް ނަޒަރު ހިންގާލަން ޖެހޭނެ- އެހެންވީމާ އަހަރެންނަށް ދެ ސިކުންތުގެ ވަގުތުކޮޅެއް ދީ-" މެޝިނުން ބުނެލި އެވެ.

ކުޑަ ކުއްޖާ ރަމަތަ ކުރެވޭތޯ މަންމަ ދަނީ މަސައްކަތް ކުރަމުންނެވެ. އެކި ތަންތަން ދައްކައިގެން އެ ތަންތަނަށް އެ ކުއްޖާގެ ސަމާލުކަން އަނބުރައިލެވޭތޯ ބަލަމުން ދަނީއެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ކުއްޖާ ސަމާލު ކަމެއް ނުދެއެވެ. ކުއްޖާ ގާޑިޔަލުގައި އޮވެގެން އޭނާ އައްސާފައި ހުރި ބެލްޓަށް ދަމަނީއެވެ. އެ ކުއްޖާ އަށް އަތްފައި ހަލުވަން އެނގެއެވެ. އެހެންވީމާ އެ ބަންދުން މިންޖު ވެގެން މިނިވަން ވާން މަސައްކަތް ކުރަނީކަން ގައިމެވެ. ކުއްޖާގެ މޫނުމަތީން ފެންނަނީ ރުޅިވެރިކަމުގެ އަސަރެވެ. އަވަހަށް އެ ބެލްޓުން ސަލާމަތް ނުވިއްޔާ އަޑުން އަޑު ނަގައި ރޯން ފަށައިފާނަމޭ ބުނާ ކަހަލައެވެ.

އަންހެން މީހާ ގާޑިޔާ ކޮއްޕަމުން ކުރިއަށް ހިނގައިގެންފިއެވެ. އެހެންނަމަވެސް މާ ދުރަށް ނުގޮސް އަނެއްކާވެސް ހުއްޓިއްޖެއެވެ. މެޝިނުގެ ދާއިރާއިން ބޭރަށް ހިނގައިދާނެތީ އަހަރެން ހުރީ ބިރުންނެވެ. އަހަރެން މަޑު މަޑުން ކިރެމުން ގޮސް ގޮނޑީގެ އެއްކޮޅަށް ބަދަލު ވެގެންފީމެވެ. އެއަށް ފަހު ޕާކުގެ އެތަން މިތަނަށް ނަޒަރު ހިންގައިލީމެވެ. މިހާރު މުޅި ތަން އޮތީ ފަޅު ވެފައެވެ. މެޝިނުން އަހަރެންނަށް އެދެވޭ ޖަވާބެއް ދީފިއްޔާ މި ވަގުތު އަހަރެންގެ މަސައްކަތް ނިންމައިލުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

"އަޑު އެބަ އިވޭތަ-؟" މެޝިނުން ސުވާލު ކޮށްލިއެވެ.

"އާނ-" އަހަރެން އަވަސް އަވަހަށް ޖަވާބު ދިނީމެވެ.

"ކަލޭ ތިޔަ ކުއްޖާ މަރާލައިފިއްޔާ ދުނިޔެއަށް ހެޔޮ ބަދަލެއް އަންނާނެ-" މެޝިނުން ބުނި އަޑު އިވުނެވެ.

"ކަލެއަށް ޔަގީންތަ-؟" އަހަރެން ސުވާލު ކޮށްލީމެވެ. އަދި ގޮނޑިން ތެދުވެއްޖައީމެވެ. "ތިޔަހެން ތިޔަ ބުނީ ރަނގަޅަށް ހިސާބުކޮށް ބަލާފައިތަ-؟"

"އާނ- ވަރަށް ރަނގަޅަށް ހިސާބުކޮށް ބަލައިފިން-" މެޝިނުން ބުނެލިއެވެ. "ކަށި ބުރަ ވަނީ އެ ގޮތަށް-"

އެ އަންހެން މީހާ އަނެއްކާވެސް ގާޑިޔާ ކޮއްޕަން ފަށައިފިއެވެ. އަހަރެން މަޑު މަޑުން އޭނާގެ ފަހަތުން ހިނގައިގެންފީމެވެ. ޖީބުގައި އޮތް އަހަރެންގެ އަތުތެރޭގައި އޮތީ ފިސްތޯލައެވެ.

އެ އަންހެންމީހާ އާ ވަރަށް ގާތަށް ޖެހިލުމަށް ފަހު އަހަރެން ވައި އަޑުން މެޝިނާ ސުވާލު ކޮށްލީމެވެ. "އެ ކުއްޖާ މަރާލީމާ ދުނިޔެއަށް ފައިދާ ވާނެކަން އެނގުނީ ކިހިނެއް-؟"

"އެ ކުއްޖާ މަރާލީމާ އެކަމުގެ ކުށުގައި ފުލުހުން ކަލޭ ހައްޔަރު ކުރާނެ- ކަލެއަށް އިއްވާނީ މަރުގެ ޙުކުމް- ކަލޭ މަރާލީމާ ތިޔަ ކަހަލަ ވިޔާނުދާ އެކަކު ދުނިޔެއިން މަދު ވެގެން ދާނެ- ދުނިޔެއަށް ކުރާނޭ ފައިދާ އަކީ އެއީ-" މެޝިނުން ޖަވާބު ލިބުނެވެ.

އަހަރެންގެ ފިޔަވަޅު ހުރި ތާނގައި ތަތްލީ ކަހަލައެވެ. އަހަރެން ވިސްނައިލީމެވެ. އެޔާއެކު ލަދުވެސް ގަތެވެ. އަހަރެން އެ ދެމައިންނާ ދިމާއަށް އައިހާ ސިއްރުން އެނބުރި ހިނގައިގެންފީމެވެ. މިހާރު އަހަރެން ގެ އަތް އޮތީ ޖީބަކު ނޫނެވެ.
----------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ