އަދުގެ ޚާއްސަ

Print

ސާހިލްގައި ޠޫފާން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުﷲ ނަޢީމު އިބްރާހީމް

(މިއީ ބޭރު ބަހަކުން އޮތް ވާހަކައަކަށް ވަރަށް ބޮޑަށް ބަދަލު ގެނެސްގެން އަޅުގަނޑު ލިޔުނު ވާހަކައެކެވެ. އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް ނޫނެވެ. ތަރުޖަމާއެއްވެސް ނޫނެވެ. އެކަމަކު ފުރަތަމަ "އާފަތިސް" ނޫހުގައި މިވާހަކަ ޝާއިޢު ކުރިއިރު އަޅުގަނޑު ޖެހީ ތަރުޖަމާ ކުރި ވާހަކައެއް ކަމުގައެވެ. ބޮޑެތި ބަދަލުތަކެއް ގެނެސްގެން ލިޔުނު ވާހަކައެއްގައި ތަރުޖަމާއެކޭ ޖަހާފައި ފަހުން ހިތެއް ހަމައެއް ނުޖެހުނެވެ. ދެން އަޅުގަނޑުގެ މުދައްރިސު ޢަބްދުﷲ ޞާދިޤާ މަޝްވަރާކޮށްލީމާ ބުނުއްވީ ކަލޭ ތިޔަށް ހެދިގޮތް ލިޔެފައި ބާއްވާށެވެ. އެވަރުން ފުދޭނެއެވެ. އެހެންވީމާ މިޔަށް ހެދިގޮތް މި ލިޔުނީއެވެ.)


"ބޯފަޅައިގެން ދާވަރުވޭ-"

ޒާހިރާ ބަދިގެއިން ނުކުމެގެން ކާކޮޓަރިއަށް އަތުވެއްޖެއެވެ. "ކިހިނެއްވީ-؟"

އަރުޝަދު މޫނު ކުނިކޮށްލިއެވެ. "މިހާރު އައިސް އަހަނީ ކީއްކުރަން-؟ ބަނޑުހައިގަނެގެން ގޮސް ހަލާކުވާވަރު ވެއްޖެ- އޮފީހަށްދާ ގަޑި އެހެރަގެން އައިސް ޖެހެނީ- ކަލޭ..."

ޒާހިރާ ނުރުުހުންވެފައި ބުންޏެވެ. "އެކަމަކު މޭގަނޑު އަނގަޔަށް އަންނަ ވަރަށް ބާރަށް ހަޅޭއް ނުލެވިޔަކަސް ވެދާނެ-"

އަރުޝަދުގެ ރުޅިގަނޑު ދެތިން ދަރަޖަ މައްޗަށް ޖެހިލިއެވެ. "އަހަރެން މިހަޅޭއް ލަވަނީތަ-؟ މިއީ ބޭކާރު ހަޅޭކެއްތަ-؟ ނިކަން ވިސްނާލަބަލަ- އަހަރެންގެ އެއްވެސް ކަމެއް ދުވަހަކުވެސް ގަޑިން ގަޑިއަށް ކުރެވުނުތަ-؟"

ޒާހިރާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. "ތިޔަބުނަނީ އަހަންނަކީ ކަންނެތް މީހެކޭތަ-؟ އެއްވެސް ކަމެއް ނުކޮށް އަރާމު ކުރަނީއޭތަ-؟"

ޒާހިރާ ރޯން ފެށީމާ އަރުޝަދަށް އުދަނގޫވާން ފަށައިފިއެވެ. "މިހާރު ތިޔަ ރޮނީ ކޮންކަމަކާ-؟"

އާނ- މިއީ އަހަރެންގެ ގޮތް- އަހަންނަކީ ގޮތްކުޑަ މީހެއް- އަރުޝަދުގެ ކަންތައްތައް ރަނގަޅަށް ކޮށްދީގެން ބަސް އަހައިގެން އުޅޭނެ މީހަކާ އިންނަން ވީއެއްނު-؟"

"ކީކޭ-؟ މި ކާވެނިން އަހަންނަށް ލިބުނު ފިލާވަޅު ދެރައީތަ-؟ އަނެއްކާ އާ މަޅިގަނޑެއް ކަރަށް މަހަންވީތަ-؟"

ޒާހިރާއަކަށް ކެތެއް ނުކުރެވުނެވެ. "މަޅިގަނޑޭ-؟ މިހާ ރަނގަޅު ހަމަޖެހޭ ދިރިއުޅުމަކަށް ތިޔަ ކިޔަނީ މަޅިގަނޑެކޭތަ-؟ މިގެއިން އަރުޝަދަށް ނުލިބެނީ ކޮން އަރާމެއް-؟ ކޮން އުފަލެއް-؟ އަދި... އަދި..." އޭނާއަށް ގިސްލެވެން ފަށައިފިއެވެެ. "އަރުޝަދު ކަހަލަ ޝުކުރު ނުކުރާ މީހަކު އަހަރެން ދުވަހަކުވެސް ނުދެކެން-"

މިވާހަކަތައްވީ އަރުޝަދަށް ވެސް ކެތް ނުކުރެވުނު ވާހަކަތަކަކަށެވެ. "އަހަރެން މިއީ ޝުކުރުވެރިނުވާ މީހެއް-؟ އަހަންނަށް މިގެއިން ހުރިހާ އަރާމަކާއި އުފަލެއް ލިބެން އެބަހުރި-؟ ދެން ހަޅޭއްލަވަމުން ގޭތެރޭގައި މިދުވަނީ ސިކުނޑީގައި ލޯވަޅު އެޅިގެންތަ-؟ އޮފީހަށް ދާން ބަލާލާއިރު ދުވަހަކުވެސް އެއްވެސް އެއްޗެއް ބާއްވާފައި އޮތް ތަނަކުން ނުފެންނާނެ- ޓައީ އޮންނަނީ ބޫޓު ތެރޭގައި- އިސްޓާކީނު އޮންނާނީ ގަމީސް އަޅުވާކޮނޑުގައި- ފައިލުތައް ހުންނާނީ ބަދިގޭގައި- މިހުރިހާ ތަނަކަށް ދުވެގެން ތަކެތި އެއްކޮށްގެން ތައްޔާރު ވެގެން ކާންއަންނައިރު..." އޭނާ ކުޑަކޮށް ޖެހިލުންވެހުރެ ޒާހިރާއާ ދިމާއަށް ބަލާލާފައި ޖުމްލަ ފުރިހަމަނުކޮށް ދޫކޮށްލިއެވެ.

"އާނ- އާނ- ކުރިއަށް ގެންދޭ- ހުއްޓާލީ ކީއްވެގެން-؟ ދެން ކާތަކެތީގެ ނުބައި ކަމުގެ ވާހަކަ ފަށާ-" ޒާހިރާ ހިތާމަޔާއެކު ބުނެލިއެވެ. އެކަމަކު ދެވަނަ ސިކުންތުގައި ރުޅިއައިސް ފުފިފައި ބުނެލިއެވެ. "ހަތަރު ދަރިންގެ މަޔަކަށާއި އަރުޝަދު ކަހަލަ މީހެއްގެ އަންބަކަށް ހުންނަ މީހަކަށް މިވަރުވެސް ވާކަން ރަނގަޅު- ދުވާލު ހަތަރުދަމު އަހަރެން އުޅޭޙާލު އަރުޝަދަށް އެނގޭތަ-؟"

އަރުޝަދު ހިތްވަރާއެކު އަތުކުރި އޮޅާލާފައި މައިދާނަށް ފުންމާލިއެވެ.

"އެހެންތަ-؟ ކަމަނާ ދުވާލުދާ ހަތަރުދަމު ކުރައްވާކަމެއް ނިކަން ވިދާޅުވެ ބައްލަވާ-"

ޒާހިރާ ހީނގަތް ގޮތުން އަރުޝަދުގެ ރުޅި ސައްތައަށް އެރިއެވެ.

"ކޮންމެ ކަމެއް ކުރިޔަސް ވަރިހަމަ- އަރުޝަދު އެންމެ ދުވަހަކު އަަހަރެން ކުރާ މަަސައްކަތްތައް ކޮށްފިއްޔާ އަހަރެން ހުންނާނީ ހިކި މިރުހަކަށް-"

"އެހެންތަ-؟" އަރުޝަދު ހައިރާންވީ ކަމަށް ހަދާލިއެވެ. "ތިޔަހައި ބޮޑު ޔަޤީންކަމެއް އެބައޮތްތަ-؟ ކުރެވޭ އެއްވެސް ކަމެއް އޮންނަނީއެއް ނޫން- ހުރިހާ ޒިންމާއެއް އަޅުވަނީ ކުދިންގެ ބޮލުގައި- ގޭތެރޭގެ މަސައްކަތްތައް ކުރުމަކީ އަހަންނަކަށް އެއްވެސް ކަމެއްނޫން-"

"އަރުޝަދު މަނިކުފާނު-" ޒާހިރާ މަލާމާތް ކޮށްލިއެވެ. "ޠޫފާނުގައި ހުރި ފަންވަރެއް ގޮނޑުދޮށަކަށް ނޭނގޭނެ- އެއެއް އެނގޭނީ ކަނޑުމައްޗަށް ނުކުމެލީމާ-"

"އެހެންތަ-؟" އަރުޝަދުވެސް މަލާމާތުގެ ރާގަކަށް ބުނެލިއެވެ. "ގޭތެރޭގެ މަސައްކަތްތައް ހަމަ އެހައި އުނދަގޫތަ-؟"

"އާނ- އޮފީހުގައި އިނދެގެން ގަލަން ކޭއްތުމާއި، ގޭތެރޭގެ މަސައްކަތާ ވަރަށް ތަފާތުވާނެ- ކެއްކުމާއި، ކުދިންބެލުމާއި، ނޯކަރުންގެ ކަންތައް ބެލެހެއްޓުމާއި، ފިރިމީހާގެ ކަންތައްތައް ބަރާބަރަށް ކޮށްދިނުމާ، މިހެންގޮސް ކިތަންމެ ކަމެއް- އަރުޝަދަށް މިއިންކަމެއް ހިތަށްވެސް ގެންނަން ނޭނގޭއިރު ކުރާނީ ކިހިނެއް-؟"

"އެހެންތަ-؟" އަރުޝަދު ގެ ރުޅި އަނެއްކާވެސް ގަދަވާން ފަށައިފިއެވެ. މިއީ އޭނާގެ ފިރިހެން ވަންތަކަމަށް ޖެހުނު ގޮމެކެވެ. "އަހަންނަށް ހަމަ ހިތަށްވެސް ނުގެނެވޭނެތަ-؟"

"އާނ-" ޒާހިރާ ބާރުލާފައި ބުނެލިއެވެ. "މިއީ ވަރަށް ބުރަކަމެއް- އަދި އަމުދުން އަހަރެންގެ މިއޮތް ބޮޑުބަނޑާއިގެން މިހުރިހާ މަސައްކަތްތައް ކުރުމަކީ ވަރަށް ބުރަކަމެއް-"

"އެންމެ ރަނގަޅު- ނިކަން ކަލޭކުރާ މަސައްކަތް ތަކުގެ ފިހުރިސްތު އަހަންނަށް ކިޔައިދީބަލަ- ހުރިފެންވަރެެއް އެނގިދާނެ-"

ޒާހިރާ ބުންޏެވެ. "އަހަރެން ދުވާލު ހަތަރުދަމު ތެޅޭތެޅުން އަރުޝަދަށް ހަމަނުފެންނަނީތަ-؟ އަހަރެން ކިޔައިދީގެންނޫނީ ނޭނގޭނެތަ-؟ ނޭނގެންޏާ އަޑުއަހާ-! ފަތިހު ތެދުވެ ހަތަރު ކުދިންނަށް ގޮވާ، ނަގާ، ފެންވެރުވުން- ދޮށީ ދެބެއިން އިސްކޫލަށް ފޮނުވަން ތައްޔާރު ކުރަމުން ސައި ތައްޔާރުކުރުން- އިސްކޫލު ދަބަސް ތައްޔާރުކުރުން- ތިނެއް ޖަހާއިރު ބާޒާރު ކުރަން ދިއުން- އެނބުރި އައިސް އަނެއްކާވެސް ސައި ތައްޔާރު ކުރުން- ކުދިން އިސްކޫލުން އަންނަން ވާއިރަށް ކޮންމެވެސް ލުއި ކާއެއްޗެއް ތައްޔާރުކުރުން-" މިހައި ތަނުން އަރުޝަދު ކުޑަކޮށް އެނބުރުން އަރާގޮތްވާން ފަށައިފިއެވެ. "ދެން އޮތީ ރޭގަނޑަށް ކާން ތައްޔާރު ކުރުން- މިިކިޔައިދިނީ ބައެއް މަަސައްކަތް- ހުރިހާ ކަމެއްނޫން-"

އަަރުޝަދު މޭފުއްޕާލިއެވެ. "ކަލޭ ހީކުރީ ގޭތެރޭގެ މަސައްކަތް އަަހަންނަށް ނޭނގޭނެ ކަމަށްތަ-؟ އެންމެ ރަނގަޅު- އެއްހަފްތާ ވާންދެން ގޭގެ ހުރިހާ މަސައްކަތެއް ކުރާނީ އަހަރެން- ކަލޭއެއްވެސް ކަމެއް ކޮށްގެން ނުވާނެ-"

"ދެން އޮފީހޯ-؟" ޒާހިރާ އަހާލިއެވެ.

"އަހަރެންގެ ޗުއްޓީން އެއްހަފްތާ ބާކީ އޮންނާނެ- މިއަދު އެހަފްތާ ނާގާނީ-" އަރުޝަދު ޔަޤީންކަމާއެކު ބުނެލިއެވެ.

"އަހަންނަށް ޝައްކު-" ޒާހިރާ ބުނެލިއެވެ.

"ކޮން ޝައްކެއް-؟"

"އެއް ހަފްތާ ކީއްކުރަން-؟ އެންމެ ދުވަހަކުވެސް އަރުޝަދަކަށް ކެތެއް ނުކުރެވޭނެ- އޮފީހުން އެއްހަފްތާގެ ޗުއްޓީއެއް ލިބިދާނެ- އެއް ދުވަހު މަސައްކަތް ކޮށްފައި ވަރުބަލިވެގެން އަނެއް ހަދުވަހު އަރާމު ކުރާނީ- މިއީ އަރުޝަދު ކަންތައް ކުރާނެގޮތް-"

"އާނދޮގޭ-! ކަމަކާނުލާ އަހަރެން ރުޅިނާރުވާ- އަމިއްލައަށް މާ މުހިއްމު މީހަކަށް ހެދެންވެސް މަސައްކަތް ކުރާނެ ކަމެއްނެތް- މާދަމާ ބަލަން ހުރޭ- ކަލޭގެ މުހިއްމުކަން އޮތީ ކިހާވަރަކަށްކަން އެނގިދާނެ-"

ޒާހިރާ ހީނގަތް ބާރުކަމުން އަރުޝަދު ބިރުގަތެވެ. އެހެންނަމަވެސް އެކަން ނާންގާ ރުޅިއައިސްފައި ބުންޏެވެ. "މާދަމައިން ފެށިގެން ކަލޭ އަރާމުކުރޭ- މިހާރު ބަނޑަށްވެސް މިއޮތީ ނުވަމަހަށް- އަރާމުވެސް ބޭނުންވާނެ- ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން-"

ޒާހިރާ ކިޔަމަންތެރިކަމާއެކު އިސްޖަހައިލިއެވެ. "ހަމަވިދާޅުވި ގޮތެއް-!"


އާއްމު ގޮތެއްގައި އަރުޝަދު ހޭލަނީ އެތައް ހިސާބަކަށް އިރުއަރާފަހުންނެވެ. ވުމާއެކު މާދަމާ އަނެއްކާ ފަތިހު ހޭލެވޭނެ ބާވައޭ ހިތަށް އެރިއެވެ. އޭނާ ނިދަން އޮށޯތީ ސޯނާގަޑި ޖައްސައިގެންނެވެ. އިރުނާރަނީސް ގަޑީގެ އަޑަށް ހޭލެވިއްޖެއެވެ. ރުޅި ވެސް އައެވެ. ވަރަށް ބާރަށް ޒާހިރާއަށް ގޮވަން އަނގަހުޅުވާފައިމެ މިއަދުގެ ޝަރުތުގެ މަތިން ހަނދާންވެފައި އަނގަމަތީގައި ދެއަތް އަޅައިފިއެވެ.

މިއަދަކީ ޝަރުތުގެ ފުރަތަމަ ދުވަހެވެ. ފޮނިފޮނި ނިދިކޮޅު ގެއްލުނީއެވެ. އަނބިމީހާ އަށާއި، ދަރިންނަށް ސަައި ތައްޔާރު ކުރަން ޖެހޭނެއެވެ. ހޭވައްލާ ތައްޔާރޭ ގޮވާލާފައި ތެދުވެއްޖެއެވެ.

"މަން... މަން... މަން..."

ފަތިސް ދަޅައިގައި މަންމަން ވެގެން މިއުޅެނީ ކާކުބާވައެވެ؟ އެނބުރި ބަލާލިއިރު އެންމެ ކުޑަކުއްޖާފުޅު ހޭލައިގެން މަންމައަށް ގޮވަނީއެވެ. ކިރުބޯގަޑި ޖެހުނީއެވެ. އަރުޝަދު ރޯލު އަވަސް ކޮށްލާފައި ދުއްވައިގަތީ ބަދިގެޔާ ދިމާއަށެވެ. ބަދިގެއަށް ވަދެ ބެލިއިރު ކިރުހުރީ ހުސްވެފައެވެ. ގޭގައި ގެންގުޅޭ ނިޒާރު ތަޅަންމަތީގައި ބޮޑު ގުގުރީގައިނިދާފައި އޮތެވެ. ހޭލައްވާފައި ކިރުގެ ވާހަކަ އަހާލީމާ ބުންޏެވެ. "ހެނދުނު ތެދުވެގެން ގޮސް ކިރުގަންނަނީ ޒާހިރާ- ކޮންމެ ދުވަހަކުވެސް ގަންނަނީ އެދުވަހަކަށް ވާވަރަށް ރޯކިރު-"

މިއަދަކީ ޒާހިރާ މަސައްކަތް ކުރުން މަނާދުވަހެކެވެ. ހެނދުނު ކިރު ނުގަނެ ހުރީ އެހެންވެގެންނެވެ. ކުރާނޭ ކަމެއްނެތެވެ. މިއޮތީ މަސައްކަތް ގަނޑުގެ ތެރެއަށް އެރިގަނެވިފައެވެ. ކޮންމެވެސް ގޮތަކުން މައްސަލަ ހަމަޖައްސާލުން ނޫންގޮތެއްނެެތެވެ. އަވަހަށް ފައިސާދީފައި ނިޒާރު ކިރުގަންނަން ފޮނުވާލައިފިއެވެ. ކުޑަ ކުއްޖާފުޅުގެ އަޑުވެސް ގަދަވާން ފަށައިފިއެވެ. ނުރައްކާވަނީއެވެ.

ކިރު އަތުވެއްޖެއެވެ. ޒާހިރާ ބޭނުންކުރަނީ ގޭސް އުނދުނެވެ. އެއީ ވަރަށް ބޮޑު ނަޞީބެކެވެ. ކައްކާކަށް އުނދަގުލެއް ނުވިއެވެ. ކިރު ހޫނުކޮށްފައި ހުރި ގޮތަށް ފުޅިއަށް އަޅާލިއެވެ. ޕަޓާސް... ފުޅި އެދިޔައީ ކުދިކުދި ވެގެންނެވެ. ނިޒާރު ހީނގަތެވެ. "ފުޅިއަށް އަޅުއްވަންވާނީ ހިހޫ ކުރައްވާފައި- ތިޔަހާ ހޫނުއެއްޗެއް ބިއްލޫރި ފުޅިއަކަށް އެޅުއްވީމާ ވާނީ އެހެންނޫންތޯ-؟"

ފައިސާ ދީފައި ފުޅިއެއް ގަންނަން ނިޒާރު ފޮނުވައިފިއެވެ. އޭނާ އެތަން މިތަނަށް ދުވެގެން ފުޅިއެއް ގަނެގެން އަތުވެއްޖެއެވެ. ކިރު ހިހޫކޮށްގެން ފުޅިއަށް އަޅައިގެން ގޮސް ޖެއްސީމާ ދެފަހަރަކު ދަމާލާފައި ކުއްޖާފުޅު ކިރު ބުއިން ހުއްޓާލައިފިއެވެ. ދެފައި ތަޅުވަ ތަޅުވާފައި ރޯން ފަށައިފިއެވެ. އަރުޝަދު ހާސްވެއްޖެއެވެ. ހަދާނޭ ގޮތެއް ނޭނގުނެވެ.

"ތިއަށް ހަކުރު އެޅުއްވިންތޯ-؟" ބަދިގެ ތެރެއިން ނިޒާރު ގޮވާލި އަޑުއިވުނެވެ.

އަރުޝަދު އަވަސް އަވަހަށް ދުވެފައިގޮސް ހަކުރު އަޅައިގެން އަތުވެއްޖެއެވެ. މިފަހަރު ފުޅި ޖެއްސުމާއެކު ކުޑަދަރިފުޅު މައިތިރި ވެއްޖެއެވެ.

އެހިސާބުން އަނެއް ތިންކުދިން ހޭލައިފިއެވެ. އެހެން ނަމަވެސް މަންމަ އައިސް ނަގަންދެން އެނދުން ނުތެދުވެ ތިބީއެވެ. މަންމަގެ ހިލަމެއް ނުވިއެވެ. އެކުދިންނަށް ފެނުނީ ބައްޕަ އައިސް ވަންތަނެވެ.

އަރުޝަދު ކޮޓަރިއަށް ވަދެފައި އަމުރުވެރި ރާގަކަށް އަހާލިއެވެ. "މިއަދު މޫނުވެސް ނުދޮންނަ ދުވަހަކީތަ-؟"

ތިން ކުދިންގެ ތެރެއިން ކުޑަކުއްޖާ ބުނެލިއެވެ. "ކޮއްކޮމެންގެ މޫނު ދޮއްވަނީ މަންމަ- ކޮއްކޮ އަމިއްލައަށް ދަތް އުނގުޅީމާ އަނގައިން ލޭ އާދޭ-"

މިޖެހުނީ ބޮޑު ކަމެއްތާއެވެ! ދެން އޮތީ ތިން ކުދިންގެ މޫނު ދޮއްވުމެވެ. އަރުޝަދު ވަރަށް ހިތްވަރު ކޮށްފައި ބުނެލިއެެވެ. "ހިނގާ-މިއަދު މޫނު ދޮއްވާނީ ބައްޕަ- މަންމަ އުޅެނީ ކުޑަކޮށް ބަލިވެ-"

ތިން ކުދިންގެ މޫނުދޮއްވާ ނިމުނު އިރު އަރުޝަދަށް ހުރީ މާނޭވާލެވިފައެވެ. ފާޚާނާއިން ނެރެގެން އައިސް ކިރު ތަށްޓެއް ދީގެން ދެން ގެންދިޔައީ ފެންވަރުވާށެވެ. ފެންވެރުވުމަކީ މާ އުނދަގޫ ކަމަކަށް ނުވިއެވެ. މާގަނޑުން ފެންދޫކޮށްލާފައި ދަށަށް ތިންބެއިން ވައްދާފައި ބަލަން ހުރީއެވެ. މިއީ ފިނިމޫސުމްކަމާއި ފެންވަރުވަން ޖެހޭނީ ހޫނުފެނުން ކަން ހަނދާންވީ ކުދިން ހީކަރުވައި ގަނެގެން ތުރުތުރު އަޅަން ފެށީމައެވެ. އަވަސް އަވަހަށް ގައިގައި ތުވާލި އޮޅައިގެން ފާޚާނާއިން ނެރެފިއެވެ.

ކަންތަކާ ލައިގަތީ ދެނެެވެ. އެކަކުގެ ސޯޓްލައްވާ ނިމުނުއިރު އަނެއް ދެކުދިން ފެންނާކަށް ނެތެވެ. ބޭރަށް ނުކުމެ އެ ދެބެއިން ގޮވައިގެން އައިސް އެކަކުގެ ގަމީސް ލައްވާ ނިމުނުއިރު ކުޑަކުއްޖާ ލެއްވި ސޯޓް ބާލައިފިއެވެ. ބިން މައްްްޗަށް ފުށްދަޅު ބަންޑުން ޖަހާލައިފިއެވެ. މުޅި މޫނުގައި ލޯޝަން އުނގުޅައިފިއެވެ. އޭރު އެކަކު ހުއްޓާނުލާ އެކިރާގުރާގަށް ރޮމުން ދަނީއެވެ. އަރުޝަދު އިރުއިރުކޮޅާ ޒާހިރާ އާދޭތޯ ބަލައެވެ. އޭނާ މަލާމާތް ކުރާނެކަން އެނގޭތީއެވެ.

ވަަރަށް ޙާލުގައި އުޅެގެން ތިންކުދިން ތައްޔާރުކޮށް ނިމުނުތަނާ ބަހުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. އަރުޝަދު ސިހިފައި ނިޒާރަށް ގޮވާލިއެވެ. "ނިޒާރު- އަވަހަށް ސޭންޑްވިޗާއި ޖޫސްޕެޓީ ކޮތަޅު ގެނޭ- ކާނީ އިސްކޫލަށްގޮސް-"

ނިޒާރު ވަރު އަރުވާފައި ބިޑި ބޮނީއެވެ. "ސޭންޑްވިޗާއި، ޖޫސްޕެޓީ ނެރެނީ ކޮންތާކުންތޯ-؟ އެއްވެސް އެއްޗެއް ތައްޔާރު ކުރާށޭ ނުބުނުއްވަމެއް ނޫންތޯ-؟ އަޅުގަނޑު ކޮންމެ ދުވަހަކުވެސް ތައްޔާރު ކުރަނީ ޒާހިރާ ބުނުއްވާ އެއްޗެއް-؟ އަޅުގަނޑުގެ ހިތަށް އަރާހާ އެއްޗެއްނޫން-؟"

ނިޒާރުގެ ދިގު ތަޤުރީރު އިވިފައި އަރުޝަދުގެ ހިތް ބޭރަށް ނުކުމެ ފުމެން ފަށައިފިއެވެ. ކޮންމެ ކުއްޖަކަށް ދެރުފިޔާ ދީފިއެވެ. ރުފިޔާ އަތުގައި ޖެހުމާއެކު ނާސްތާގެ މަތިން އެކުދިން ހަނދާން ނެތިއްޖެއެވެ. ތިންކުދިން ނެރެގެން ގޮސް ބަހަށް އަރުވާފައި އޭނާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ގޭތެރެއަށް ވަދެ ގޮނޑިއެއްގެ މައްޗަށް ވެއްޓިގެންފިއެވެ. އެގޮތުގައި މާގިނަ އިރަކުނޯވެވުނެވެ. ކުޑަކުއްޖާފުޅު ރޮއިގަތް އަޑު އިވިއްޖެއެވެ. ތެދުވެގެންގޮސް ބަލާލިއިރު އޮތީ ދެކަމު ހާޖަތަށް ދެވިފައެވެ. ސިޔާ، ހީހާ ތަތްތެޅިގެންނެވެ. މޫނު ކުނިކޮށްފައި ނިޒާރަށް ގޮވާ ގެނެސް ސާފުކުރާށޭ ބުނެފިއެވެ. އޭނާ ކަނޑައެޅިގެން ކުރީ އިންކާރެވެ. "އަޅުގަނޑަކީ ކުދިންބަލަން އަންނަ މީހެއްނޫން- ކައްކަން އަންނަމީހެއް- ނަޖިސް ފޮތި ދޮންނާނީ ޒާހިރާ-"

ނިޒާރު ގާތު ބަދިގެއަށް ދާށޭ ބުނެފައި އަރުޝަދު ނަޖިސް ފޮތިތައް ދޮވެ، ދަރިފުޅު ތާހިރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ހުރިހާ ކަމެއް ނިމިގެން ފާޚާނާއިން ނިކުމެވުނުއިރު އަށްގަޑި ބައިވެއްޖެއެވެ. ހިތަށްއެރިއެވެ. ކިހައި ވަރުގަދަ ކަަމެއްހެއްޔެވެ؟ އަދި މިއުޅެނީ ކުނި މޫނާާއެވެ. ޒާހިރާއަށް ސައިވެސް ނުހަދައެވެ. އަހަރެންގެ ދުވަސް ނޫންނަމަ ޒާހިރާ ސައިބޮއި ނިމުނުތާ މިހާރު އެތައް އިރެއް ވެދާނެއެވެ.

ބޮޑެތި ކުދިންނަށް ރިޝްވަތުދީގެން ހަމަޖައްސާ ލެވިއްޖެއެވެ. އެހެންނަމަވެސް އަދި ހަގު ކުއްޖާއަށް ކާންދިނުން އޮތީއެވެ. އެކުއްޖާފުޅަށްވެސް މިއަދު މަސައްކަތް ކުރަން ޖެހެނީ އަރުޝަދުކަން އެނގުނީކަން ނޭނގެއެވެ. ހަތަރެސްފައިން ވައްތަރު ޖައްސަޖައްސާފައި ރޯން ފަށައިފިއެވެ. އަރުޝަދު ބަދިގެއަށް ވަދެ ކާ އެއްޗެއް ފެނޭތޯ ހޯދަން ފަށައިފިއެވެ. ކާއެއްޗެއް ގަންނަން ނިޒާރު އަތަށް ފައިސާ ނުދެވި އޮތް ހަނދާންވީ ދެނެވެ. ޕާނާއި، ބިހާ އެއްޗެތި ނުގަނެ ކާނީ ކިހިނެއްހެއްޔެވެ؟

ނިޒާރު އަތަށް ފައިސާ ދީފައި އަރުޝަދު ވަނީ ފާޚާނާއަށް މޫނުދޮންނާށެވެ.

ބައިގަޑި އިރުވެއްޖެއެވެ. ނިޒާރު ބަދިގޭގައި ހަމަޖެހިލައިގެން އިށީނދެގެން އިނީއެވެ. އަރުޝަދު ރުޅި އައިސްފައި ގޮވާލިއެވެ. "އަދިވެސް ތައްޔާރު ނުވަނީތަ-؟"

ނިޒާރު ހަމަޖެހިލާފައި ބުންޏެވެ. "ބިހަށް ހަދާނޭ ގޮތެއް ނުބުނުއްވަމެއް ނޫންތޯ-؟ ބިސްގަނޑުއަޅާނީތޯ... ފެނުކައްކާނީތޯ..."

"ވަރަށް އަަވަހަށް ހުރިހާ ބިހެއް ދެބައިކުޅަ އެއްބަޔަށް ފެނުކައްކަވައިގެން ގެނެސް ދެއްވާ-" އަރުޝަދު ރުޅިއައިސްފައި ބުންޏެވެ.

ނާސްތާ ތައްޔާރުވެއްޖެއެވެ. ނިޒާރު ގޮސް ގޮވީމާ ޒާހިރާ ސައިބޯން އަތުވެއްޖެއެވެ. ހީވަނީ ބީރައްޓެއްސެއް ހެންނެވެ. ޒާހިރާ ފުރަތަމަ ނަޒަރު ހިންގާލީ މޭޒުމައްޗަށެވެ. ދެން ބަލާލީ ފިރިމީހާޔާ ދިމާއަށެވެ. އަނގައިން ނުބުނިނަމަވެސް އޭނާގެ ހިތުގައި ލިޔެވިފައި ހުރި ހުރިހާ ވާހަކައެއް އަރުޝަދަށް ވަަރަށް ރަނގަޅަށް އެނގިއްޖެއެވެ. އެހެން ނަމަވެސް އަނގައިން ބުނެވޭކަށް ނެތެވެ. އަދި ކިރިޔާ ދިހައެއް ޖެހީއެވެ. ދުވަސް އޮތް ގޮތަށް އޮތީއެވެ.

ހެނދުނުގެ ނޫސް ބަލާލާނޭ ވަގުތެއްވެސް އަދިނުލިބެއެވެ. އެހެން ދުވަސް ދުވަހު މިހާއިރު ހުންނަނީ ހުރިހާ ކަމެއް ނިމިގެންގޮސް އޮފީހުގައެވެ. ނޫސް ހިފައިގެން އިށީނދެ ދެފޮޅުވަތްވެސް ނުކިޔެނީސް ދަރިފުޅު ރޮއިގަތް އަޑު އިވިއްޖެއެވެ. ދުވެފައިގޮސް ކޮޓަރިއަށް ވަންއިރު ކަމަކު ދާކަށްނެތެވެ. އޭނާގެ އޮފީސް ފައިލުގެ ދުވަސް އޮތީ ގޮސް ނިމިފައެވެ. ކުޑަކުއްޖާގެ އަތުގައި ބޮނޑިވެފައި އެއޮތީ ވަރަށް މުހިންމު ލިޔުމެކެވެ. އަތުޖެހޭ ހިސާބުގައި ބޭއްވުނީތީ ހިތާމަކުރުން ނޫންގޮތެއް ނެތެވެ. އެތައް މަސައްކަތަކުން ކަރުދާސްތައް އެއްކޮށް ރައްކާކޮށްފައި ޒާހިރާ ބަލަން ހުރިތޯ ބަލަމުންކޮޓަރިން ނުކުމެއްޖެއެވެ.

ނޫސް ކިޔަން އިނދެފައި އެއްލި ކަޅިއަކުން ފެނުނީ ގޭތެރޭގައި ހުރި ކުންޏެވެ. އެންމެ ބޮޑު ކަންތައް މިއޮތީ ނުކުރެވިއެވެ. އިލޮށިފަތި ހިފައިގެން ނުކުމެ ކުނިކަހަން ހިތަށް އެރުމާއެކު ޒާހިރާދެކެ ރުޅިއަތުވެއްޖެއެވެ. ހިތަށް އެރިއެވެ. ހުންނަ ދަހިކަން ދެކިބަލާށެވެ. ގޭގެ މަސައްކަތް ކުރާނޭ ނޯކަރަކު ގެންގުޅޭކަށްވެސް ނުކެރެއެވެ. އިރުއެރީއްސުރެ އިރުއޮއްސެންދެން ކެނޑިނޭޅި އެކަކަށް މަސައްކަތް ކުރެވޭޭނެ ހެއްޔެވެ؟

ޚިޔާލަކުން ކުރެވޭނެ ކަމެއްނެތެވެ. އެހެންވީމާ އަވަހަށް ތެދުވެ އިލޮށިފަތި ހިފައިގެން ނިކުމެ ކުނިކަހަން ފަށައިފިއެވެ. ކުނިކަހާ، ތަންތަން ފޮޅާ ސާފުކުރުމުގެ ތެރޭގައި މާޖަހާ މުށިގަނޑަކާއި، އަޅިކެނޑިއަކާއި، ބިއްލޫރިތަށްޓެއް ޝަހީދުވެގެން ހިނގައްޖެއެވެ. ފިނި މޫސުމަށްވުމާއެކުވެސް މުޅިމީހާ ދާހިއްލާ ފޯވެއްޖެއެވެ. ކުނިކަހާ ނިމިގެން ދުވެފައިގޮސް ވަނީ ފާޚާނާއަށެވެ. ރަނގަޅަށް ފެންވަރާލެވުމުން ވަރަށް ބޮޑަށްހަމަޖެހިއްޖެއެވެ. ނުކުމެ ސަރަންފީގައި އޮށޯތުމާއެކު ނިދިއްޖެއެވެ. ހޭލެވުނީ ދޮޅުގަޑިއެއްހާއިރު ފަހުންނެވެ. އެއްވެސް އުނދަގުލެއް ނުވެ އެހައި ކުޑައިރުކޮޅަކު ނަމަވެސް އަރާމުކޮށް ލެވުނީތީ ޝުކުރު ކުރިއެވެ. ނިޒާރަށް ގޮވާފައި މެންދުރު ކާންހަދާށޭ ބުނުމާއެކު އޭނާގެ އަނގަ ސަރަކަ އެނބުރިގެންފިއެވެ.

"އަރުޝަދު މިއަދު ކިހިނެއްވީތޯ-؟ ކާއެއްޗެއް އަޅުގަނޑުގެ އަތަށް ފައިސާ ނުދެއްވަނީސް ތައްޔާރު ކުރާނީ ކިހިނެއްތޯ-؟ މިއަދު ތެލިދޮންނަން އަންނަ އައިމިނާފުޅެއްވެސް ނާދޭ- މިކަހަލަ ދުވަސް ދުވަހު އަޅުގަނޑާ އެހީވާނީ ޒާހިރާ-"

އެދިގު ޚުޠުބާގެ މާނަ އަރުޝަދަށް ވިސްނިއްޖެއެވެ. ބަދިގެއަށް ވަދެ ކައްކަންވީއެވެ. ތެލި ދޮންނަން ވީއެވެ. އަޖާއިބެއް ފަހެ ނުވާނެހެއްޔެވެ؟ އަރައިގަތް ރުޅީގައި ނިޒާރުގެ އެއްކަންފަތުގައި ހިފާ ބޭރު ކޮށްލަފާނަމޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އެކަކަށްވުރެ ދެމީހުން ރަނގަޅުވާނެއޭ ހިތަށް އަރާފައި ރުޅިގަނޑު ހިންދާލީއެވެ. ގޭތެރެގެ މަސައްކަތް އަމިއްލައަށް ކުރަން ޖެހުނަސް ބާޒާރު ކުރަން ނިޒާރު ފޮނުވޭނެއެއް ނޫންހެއްޔެވެ؟

ހަނޑުލާއި، ބޭނުންވާ އެހެނިހެން ތަކެތި ގަންނަން ނިޒާރު އަތަށް ފައިސާދީފިއެވެ. އެއްޗެތި ގަނެގެން އައިސް ވަނުމާއެކު ވާހަކަ ފެށިއްޖެއެވެ. ގިނައީ ޒާހިރާގެ ވާހަކައެެވެ. ބަދިގޭގެ މަސައްކަތުގައި ޒާހިރާ އެހީވާ ވާހަކަދައްކަމުން ދެއެވެ. މިއަދު ކައްކަން ގަސްތުކުރާ ރިހައިގެ ވާހަކައެވެ. އެއީ ޒާހިރާ ވަރަށް މީރުކޮށް ކައްކާ ރިހައެކޭ ބުންޏެވެ. ބައެއް ފަހަރަށް ލަވަކިޔާ އަޑުވެސް އިވެއެވެ.

ކާން ހެދިއްޖެއެވެ. ޒާހިރާވެސް ކާން އަތުވެއްޖެއެވެ. ފުރަތަމަ ބަތްސުވާ އަނގައަށް ލާފައި ޒާހިރާގޮސް ވަނީ ފާޚާނާއަށެވެ. ހޮޑުލާށެވެ. މާބަނޑު މީހުން ހޮޑުލުމަކީ އާދައިގެ ކަމެކެވެ. އެހެންނަމަވެސް އަރުޝަދަށްވެސް ހޮޑު ނުލައެއް ނުހުރެވުނެވެ. ރިހަ ބޯތަށްޓަށް ބަލައިލި އިރު އެއަށް އެޅިއްޔާ އެޅިއެއްޗެއް ހުރީ އަޑީގައެވެ. މަތިން ފެންނަނީ ފެނެވެ. ދެން ފަތަފަތާހުރި ފިޔައާއި މިރުހެވެ. ހޮޑުލަވައިގަތުމުން އަރުޝަދު ދުއްވައިގަތީ ކޮޓަރިއާ ދިމާއަށެވެ. މުހިންމު ކަމެއް ހަނދާންވީއޭ ބުނެފައެވެ.

މޭޒުމަތިން ތަށިނަގާ ސާފުކޮށް ނިމިއްޖެއެވެ. ގަޑި ބަލާލިއިރު ދޭއް ޖެހީއެވެ. މީގެ ކުރިން ދުވަހަކުވެސް މިހާ އަވަހަށް މޭޒުމަތި ސާފުކުރެވިފައެއް ނެތެވެ. އަރުޝަދު ފަޚުރުވެރިކަމާއެކު ހިނިތުންވެލިއެވެ.

ކުދިން އިސްކޫލުން އައީ ތިންގަޑި ބައިގައެވެ. ގެއަށް ވަނުމާއެކު މަންމަގާތުގައި ޝަކުވާ ކުރަން ފަށައިފިއެވެ.

"މަންމަ މިއަދު ކޮއްކޮމެންނަށް ކާނެ އެއްޗެއްވެސް ނުފޮނުވާ-"

ޒާހިރާ ލޯތްބާއެކު ބުނެލިއެވެ. "ހެނދުނުވެސް މަންމަ ބުނީމެއްނު-؟ މަންމަ މިއުޅެނީ ބަލިވެއޭ މިއަދު ހުރިހާ މަސައްކަތެއް ކުރައްވާނީ ބައްޕައޭ-" އޭނާ ކުދިން ކޮޓަރިއާ ދިމާއަށް ފޮނުވާލިއެވެ. "އަވަހަށް ގޮސް ހެދުން ބަދަލުކޮށްދޭށޭ ބައްޕައަށް ނަންގަނޭ- ކުޅެންވާނީ ނާސްތާކޮށްގެން- ބައްޕައަށް ނަންގަތީމާ ކާން ދެއްވާނެ ހުރިހާ ކުދިންވެސް ކިރުބޯން ހަނދާންކުރާތި-؟"

އަރުޝަދު ރޭގަނޑު ކާން ކެއްކުމުގެ ތައްޔާރުތައް ކުރަނީއެވެ. މެންދުރު ފިޔާކޮށުމުގެ ތެރޭގައި ނިޒާރުގެ އިނގިލި ކަނޑައިގެން ހިނގައްޖެއެވެ. އޭނާއަށް އެއްވެސް ކަމެއް ކުރެވޭކަށް ނެތެވެ. އަރުޝަދުގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. މަހަކު ތިންހާސް ރުފިޔާ ލިބިގެން އޮފީހުގައި މަސައްކަތް ކުރާމީހަކަށް ފިޔާ ކޮށަން އެނގޭނެ ބާވައެވެ؟ ނިޒާރުގެ އަނގަތެޅުމެއް ނުހުއްޓެއެވެ.

"ޒާހިރާ ހުންނެވިނަމަ ހުރިހާ ކަމެއްވެސް..."

ވަރަށް ޙާލުގައި އުޅެގެން ފިޔާ ކޮށައިފިއެވެ. ނޫނެކެވެ. ރަނގަޅުވާނީ ފިޔާކޮށިއިރު އިނގިލިވެސް ކޮށައިފިއޭ ބުނުމެވެ. އިނގިލިތަކުން ލޭމަނާ ނުވެގެން އަރުޝަދު ޗޫސް ލައްވަމުންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އޭރު ކޮޓަރި ތެރެ އޮތީ ހަސްފަތާލަކަށް ވެފައެވެ. ބޭސް ފޮށި ހުރީ ހުޅުވާފައެވެ. އޭގައި ހުރިއްޔާ ހުރި އެއްޗެއް ހުރީ ތަޅަންމަތީގައެވެ. ކުދިންގެ ތެރެއިން ދޮށީ ކުއްޖާ ހުރީ ޑަކްޓަރަކަށް ވެގެންނެވެ. ދެން ތިބި ކުދިންނަކީ ބަލިމީހުންނެވެ. ޑަކްޓަރު ބަލީމީހަކަށް ގަދަކަމުން ކެއްސާތީ ބޯ ބޭސް ދެނީއެވެ. އަރުޝަދުގެ ގައިގާ ހުރި ހުރިހާ އިސްތަށްޓެއް ކޮޅަށްޖެހި ދަގަނޑު އޫތަކެއްހެން ވެއްޖެއެވެ. ހިތަށް އެރިއެވެ. ބޭހުގެ ބަދަލުގައި ވިހައެއް ދޭން ނޫޅުނުކަން ކިހައި ރަނގަޅުހެއްޔެވެ؟ މިއީ ކޮންފަދަ ބޮޑު މުޞީބާތެއްހެއްޔެވެ؟ ކުދިން ބެލުމާއި، ގެ ބެލެހެއްޓުމަކީ... ބާރަށް ހަޅޭއްލަވައި ގަންނާނަމޭ އަރުޝަދުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އަބުރުވެރިކަން ހުރަހަކަށްވީއެވެ.

ބައްޕަ ފެނިފައި ބިރުން ހުއްޓާލުމުގެ ބަދަލުގައި ކުދިން ފެށީ ޝަކުވާ ކުރާށެވެ. "ބައްޕާ- ބައްޕަ ކޮއްކޮމެންނަށް ކާކަށްވެސް ނުދެއްވާ- ގޭގެ މަސައްކަތް ކޮންމެ ދުވަހަކު ބައްޕަ ކުރައްވަންޏާ އަޅުގަނޑުމެން މަރުވެދާނެ-"

އެއީ ކިތަންމެ ހިތި ވާހަކައަކަށްވިޔަސް ޙަޤީޤަތަކެވެ. އަރުޝަދަށް ބުނާނޭ އެކައްޗެއްވެސް ނޭނގުނެވެ. ވިސްނާލާފައި އެންމެ ފަހުން ބުންޏެވެ. "ދަރިފުޅާ- ކޮންމެ ދުވަހަކު މިހެންނެއް ނުވާނެ- މާދަމާ މުޅިން ރަނގަޅުވާނެ- މާދަމާ އިސްކޫލަށް ބަލާދާނީވެސް ބައްޕަ- އިސްކޫލުން ނިމިގެން އަންނަމުން މެޓާވެސް ގަނެދޭނަން- ފުއްޕާ ހަމާއި، ޗޮކްލެޓާއި، ކުޅޭ އެއްޗެތިވެސް ގަނެދޭނަން-" ކުދިން ދެލޯ ބޮޑުވެފައިބަލަން ތިބީއެވެ. ވަގުތުގެ ބޭނުން ހިފުމުގެ ގޮތުން އަރުޝަދު އަވަސް އަވަހަށް ބުނެލިއެވެ. "ހުރިހާ ކުދިން ނިކަން އަވަހަށް ހެދުން ބަދަލުކޮށްލާ-"

ބޮޑުކުއްޖާ ލަދުން ހުރެ ބުނެލިއެވެ. "ބައްޕާ- އަޅުގަނޑަކަށް ގަމީހުގެ ގޮށް އަޅުވާކަށް ނޭނގޭ- އަޅުގަނޑުގެ ގަމީހުގެ ގޮށް އަޅުވާދެއްވަނީ މަންމަ-"

އެންމެ ފަހުން އެންމެންގެ ހެދުން ބަދަލުކޮށްދޭން ޖެހުނީ އަރުޝަދަށެވެ. ކެއުމުގެ ކަންތައްވެސް ވަރަށް ފަސޭހަގޮތަކަށް ހަމަޖައްސާލެވިއްޖެއެވެ. ކާކޮޓަރީގެ ހަރުގަނޑެއްގެ މަތީގައި ހުރި ބިސްކޯދު ޑަބިޔާއެއް ފެނުނީއެވެ. އެ ބިސްކޯދު ޑަބިޔާ ކުދިންނާ ޙަވާލު ކޮށްލީއެވެ. ނިޒާރު ހެނދުނު ގެނައި ކިރުފޮދުން ބާކީހުރި ބައިކުދިންނަށް ދިނީއެވެ.

ކައިގެން ބަނޑު ހަމަޖެހުމުން ކުދިން ސަކަރާތްވެސް ހުއްޓިއްޖެއެވެ. އެކަމަކު އަދި ނިމުނީއެއް ނޫނެވެ. ހަވީރުގެ ސައި ފޮނުވީ ޒާހިރާގެ ކޮޓަރިއަށެވެ.

އެންމެ ދޮށީ ދަރިފުޅު ބެލެނިވެރިއަކަށް ހަދާފައި ކުދިން ހަވީރު ފިންޏަށް ހިނގާލަން ފޮނުވާލީއެވެ. މުޅި ގޭތެރެ ހިމޭން ވެއްޖެއެވެ. ލިބުނު ވަގުތު ކޮޅުގެ ބޭނުން ހިފައިގެން ކުޑަކޮށް އަރާމުކޮށްލާނީއޭ ހިތާ ސަރަންފީގައި އޮށޯވެލިތަނާ ނިޒާރު އައިސް ގޮވައިފިއެވެ.

"އަރުޝަދުކަންތައް ކުރެއްވި ގޮތުން މިއަދު ހެނދުނާއި، މެންދުރުގެ މަސައްކަތް މުޅިން ސަކަރާތްވީ- އެހެންވީމާ މިރެއަށް ބޭނުންވާ އެއްޗެތި ގަންނަން މިހާރު ފައިސާ ދެއްވާ- އެހެންނޫނީ ރޭގަނޑުވެސް ކާނެ އެއްޗެއް ނުހުންނާނެ- ކުދިންގެ ކަންތައް ވަރަށް ބޮޑުވެދާނެ-"

ނިޒާރު ފާޅުކުރި ހަމްދަރުދީގެ ސަބަބުން އަރުޝަދު ވަރަށް ބޮޑަށް އުފާވިއެވެ. އޭނާ ކުދިންނާ ދޭތެރޭ ޚިޔާލު ކުރާމިންވަރު ހިތަށް އަރާފައި ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. އަވަހަށް ދިހަ ރުފިހާ ދީފައި ބޭނުންވާ އެއްޗެތި ގަނެގެން އަންނާށޭ ބުނެފިއެވެ.

"އެންމެ ދިހަ ރުފިޔާއިން ގަނެވޭތީ ކޯޗެއްތޯ-؟ މިކަހަލަ ދުވަސް ދުވަހު ޒާހިރާ ވަރަށް ރަނގަޅަށް ކާން ހަދާނެ- އަޅުގަނޑު ހުރީ މިރެޔަށް ކުކުޅުރިހަ ކައްކަން ހިތުލައިގެން-"

އަރުޝަދު ވިސްނާލިއެވެ. އެއީވެސް ތެދެކެވެ. ދުވާލު ހަތަރުދަމު މަސައްކަތް ކޮށްފައި ވަރުބަލިވެގެންހުރެ އާދައިގެ އެއްޗެއް ކެއުމަކީ ރަނގަޅުކަމެއް ނޫނެވެ. ވަރަށް ރަނގަޅަށް ކާންވާނެއެވެ. އޭނާ އިތުރަށް ވިހިރުފިޔާ ދިނީމާ ނިޒާރު ވަރަށް އަވަހަށް އެބައަންނަމޭ ބުނެފައި ނުކުމެގެން ހިނގައްޖެއެވެ.

މަޣުރިބް ނަމާދު ވަގުތު ވެއްޖެއެވެ. ކުދިން އެނބުރި ގެއަށް އައިސް ބަނޑުފައިވެގެން ޝަކުވާކުރަން ފަށައިފިއެވެ. ކަންތައްތައް ބިރުވެރި ޙާލަތަކަށް ބަދަލުވެގެން ހިނގައްޖެއެވެ. އެކުދިންނަށް މިއަދު އަދި އެއްފަހަރުވެސް ރަނގަޅަށް ކާކަށް ނުލިބެއެވެ.

އަރުޝަދު ވާހަކައެއް ކިޔައިދޭން އުޅުނެވެ. އެކަމަކު ކުދިން އެގޮތެއް ޤަބޫލެއް ނުކުރިއެވެ. މަންމަ ވާހަކަކިޔައިދެނީ ނިދަންވީމައޭ ކިޔާފައެވެ. ބައްޕަ ވާހަކަކިޔައިދޭން އުޅެނީ ކާންވެސް ނުދީބައިތިއްބައިގެންނޭ ބުނެ ބޮޑާހާކަން ފަށައިފިއެވެ.

އަރުޝަދު ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. ކުރާނޭ ކަމެއް ނޭނގިގެން ދެކޮޅަށް ހިނގަން ފަށައިފިއެވެ. އިރުކޮޅަކުން ބޭރަށް ނުކުމެ ނިޒާރުގެ ހިލަމެއްވޭތޯ ބަލައެވެ. މިހާގިނަ އިރުވަނީ ކީއްވެގެން ބާވައެވެ؟

އެއްފަހަރު ބޭރަށް ނުކުތް އިރުޖެހިގެން ހުރި ގޭގައި އުޅޭ މޫސަ މަގު ހުރަސް ކުރަނީ އެވެ.

"އޭތް- މޫސާ-! މިގޭގައި އުޅޭ ނިޒާރު ނުދެކެންތަ-؟" އަރުޝަދު އަހާލިއެވެ.

"އޭނާ އޮލިމްޕަސް ދޮށުގައި ބައިސްކޯފަށް ވަންނަން ޓިކެޓް ގަންނަން ހުއްޓާ ދުށިން-" މޫސަ އެވާހަކަ ދައްކަމުންގޮސް އޭނާ އުޅޭ ގެއަށް ވަދެއްޖެއެވެ.

ކުއްލިއަކަށް އަރުޝަދުގެ ހަނދާނަށް އައީ ޒާހިރާ އެއްދުވަހަކުބުނި ވާހަކައެކެވެ. "މިިނިޒާރުގެ އަތަށް ތަންކޮޅެއް ގިނައިން ފައިސާދީފިއްޔާ ދުވެފައި ދާނީ ބައިސްކޯފު ގެޔަކާ ދިމާއަށް- މީނާ ކުމާރީ، ވަހީދާ ރަޙްމާންމެންގެ ފިލްމު ބަލާހިތުން ހުންނާނީ މޮޔަ ވެފައި- ބައިސްކޯފަށް ގޮސްފައި އަައިސް މުސާރައިން ކަނޑާށޭ ބުނާނެ- އެކަމަކު އެތަނަށް ނުގޮހެއް ނުހުރެވޭނެ-"

ކުރެވުނު މޮޔަ ކަންތަކުގެ މައްޗަށް ހިތާމަ ކުރަމުން އައިސް ގޭތެރެއަށް ވަންއިރު މުޅި ގޭގެ ޗާޓުވަނީ ބަދަލުވެފައެވެ. ބަދިގޭގައި ހުރި ތެލިތަށިތައް ހުރީ މެދުގެ ތެރޭގައެވެ. ހުރިއްޔާ ހުރި ފުޅިއަކާއި ދަޅެއްވެސް ވަނީ ނެރެފައެވެ. ކުދިންކޮޅު އެހުރިހާ އެއްޗެއްގެ މަތި ނަގައިގެން ކާއެއްޗެއް ފެނޭތޯ ހޯދަނީއެވެ. އެއްވެސް އެއްޗެއް ނުފެނުނީމާ ހުރިހާ ކުދިން އެކީގައި ރޯން ފަށައިފިއެވެ. މިމަންޒަރު ފެނިފައި އަރުޝަދުގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

އަރުޝަދު ބޮލުގައި ދެއަތުން ހިފަހައްޓައިގެން ބިންމަތީގައި އުޑަފައިން އިށީނދެއްޖެއެވެ. އަދި ވައްކަޅިން ޒާހިރާގެ ކޮޓަރިއާ ދިމާއަށް ބަލަން ފަަށައިފިއެވެ. ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ޒާހިރާ ނުކުމެއްޖެއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލު ވެއްޖެއެވެ. ޒާހިރާގެ މޫނުމައްޗަކުން ރުޅީގެ އެއްވެސް އަސަރެއް ނުފެނެއެވެ. އަދި ޝަކުވާގެ ކުލަވަރެއްވެސް ނުފެނެއެވެ. އޭނާގެ ލޮލުން ފާޅުވަނީ ރަޙުމާއި، ހަމްދަރުދީގެ އަސަރެވެ. އޭނާ ބުނާ ކަހަލައެވެ.

އަހަރެންގެ ލޯބިވާ ފިރިމީހާއެވެ. އަހަރެންގެ އެއްވެސް ޝަކުވާއެއްނެތެވެ. މިއީ އަރުޝަދުގެ މައިދާނެއް ނޫންކަން އަހަންނަށް އެނގެއެވެ. ގޭތެރެއަކީ އަންހެނުންގެ ތަނެކެވެ. ފިރިހެނުންގެ މައިދާނަކީ މިއެއްނޫނެވެ. މިޙަޤީޤަތް ދެމީހުންނަށްވެސް ވިސްނޭނެނަމައެވެ.

ތިމާގެ ކުށަށް އިޢުތިރާފު ވެ މަޢާފަށް އެދިފާނަމޭ އަރުޝަދުގެ ހިތަށް އެރިއެވެ. އެެހެންނަމަވެސް ދެވަނަ ސިކުންތުގައި ފިރިހެން ވަންތަކަން ދެމެދަށް ވަދެ ހުރަސް އަޅައިފިއެވެ. އޭނާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ލެވުނުހާ ބާރެއްލާފައި ދޮރު ލައްޕައިފިއެވެ.
----------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

ވާހަކަ