އަދުގެ ޚާއްސަ

Print

އަހަރެންގެ ދުވާ މެޝިން

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


''މިހެން ހަމަ އެކަނި އެރޮބިކުހަށް ދިޔަކަސް އަދި ނުހިކޭނެ!''


އިބްރާހީމް ނަޢީމު

ކޮންމެދުވަހަކުވެސް ފަތިހުތެދުވެ ކޮންމެހެން ކުރަންހުންނަ ކަންތައްތައް ކޮށްލުމަށްފަހު، އޮފީހަށްދިއުމުގެ ކުރިން ކަސްރަތުކުރުމަކީ އަހަރެންގެ އާދައެކެވެ. އެކަން އާދައަކަށް ހަދަންޖެހުނީ މީގެ ހައެއްކަ އަހަރުކުރިން ޑަކުޓަރު ދިން އިންޒާރަކާ ގުޅިގެންނެވެ. މި ކަމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ލުއިވެ ކުރިން އެ ހުންނަ "ސަމައްތަރު ހެޔޮކަން'' ފިލައި ހިނގައްޖެ އެވެ. އަހަރެންގެ ބައެއްރައްޓެހިން ވެސް ވަރަށްބާރުލާފައި އެކަން ފެށްޓިއެވެ. ފަތިހު ތެދުވެ ދުވަންދާން ފެށްޓި އެވެ. ބައެއްމީހުން ފަތަން ދާންފެށްޓި އެވެ. ނަމަވެސް މި ކަމުގައި ޤާއިމުވެ ހުރެވުނު ހަމަ އެކަކު ވެސް އަދި ނެތެވެ.

އަހަރެންގެ އާދޭހާއެކު ވެސް ކަސްރަތުކުރަން ނުވަތަ ދުވެލަން ނުދިޔަ އެކަކީ އަހަރެންގެ އަންހެނުންނެވެ. އަހަރެން މި ކަމެއްފެށިއިރު އަހަރެންގެ ބަރުދަނަކީ 78 ކިލޯ އެވެ. އަންހެނުންގެ ސާޅީސް ފަސްކިލޯ ވެސް ހަމައެއް ނުވެ އެވެ.  އޭނާގެބަހުންނަމަ ކަސްރަތުކުރާ ވަރަކަށް އޭނާ އަދި ފަލައެއްނުވެ އެވެ. އަހަރެން ދިން ނަސޭހަތެއް ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރި އެވެ. އޭނާ ދެކޭގޮތުގައި ކަސްރަތުކޮށް ދުވެ ހަދަންވާނީ ވަކި ވަރަކަށް ވުރެ ފަލަ ނުވަތަ ބަރުހެލި މީހުންނެވެ. އަހަރެން މީ އެކަހަލަމީހެކެވެ. އޭނާކަހަލަ ހިކި، ހިމަތޮޅި، ލޫޅާފަތި ހަށިގަނޑެއް ހުންނަ މީހަކު ފަތިހުގެ އަރާމު ނިދި ނަގާލާފައި ކޮން ކަސްރަތެއް ކުރާކަށް ހެއްޔެވެ.

ދެތިންއަހަރު ފަހުން އަންހެނުން އަމިއްލަޔަށް ކަސްރަތުގެ މުހިންމު ވާހަކަ ދައްކަން ފަށައިފި އެވެ. އޭރު އަހަރެންގެ ބަރުދަނަކީ 58 ކިލޯ އެވެ. އަންހެނުންގެ ބަރުދަނަކީ 60 ކިލޯ އެވެ. ނަމަވެސް ހަމަ ހިލާ ފަތިހު ތެދުވެ ދުވަންދާކަށް އެއްބަހެއް ނުވި އެވެ.  އެއީ ވާވަރު ކަމެއްނޫނެވެ. ނަމަވެސް ކަސްރަތުގެ މުހިންމު ވާހަކަ ދެއްކުމެއް ހުއްޓައެއް ނުލި އެވެ. އެންމެފަހުން އެނާގެ ހިތްނަގާ އަހަރެން ކުރިމަތީގައި ބަންޑުން ޖަހާލައިފި އެވެ. ދުވާލުދާ ހަތަރުދަމު ދެ ދަރިންގެ ކަންތައް ކޮށްފައި ވެފައިހުންނަ ވަރުބައްޔާއެއްކޮށް ނިދާމީހަކަށް ފަތިހު ދުވާކަށް ނުދެވޭނެ އެވެ. އެެހެން ވީމާ އެރޮބިކުސް ކިލާހަކަށް ފީދައްކައިދޭންވީ އެވެ.

ދުވަހުގެ ތާވަލަށް އަނެއްކާ ވެސް އެހެން ކަމެއް އިތުރުކުރަންވީ އެވެ. އެ ބުނާ ކިލާހަކަށް ލާން ގޮސް ބަލާ ވެސް ދާންޖެހޭނެ އެވެ. އަހަރެންނަށް ހިތާހިތާ ކިޔާލެވުނުވެ. ހިތްވަރު ކޮށްފައި އަހަރެންގެ ހަވީރުސައިގެ ބަޖެޓުން ބައެއް އުނިކޮށް އެބުނާ ކިލާހަކަށް ފީދައްކައިފީމެވެ. އަންހެނުން ހިމަތޮޅިވެ ލޫޅާފަތިވީމައި އަހަރެންނަށް ވެސް ރީތިނޫންހެއްޔެވެ. އެހެން ވީއިރު އެކަން ނުކުރަންވީ ކީއްވެހެއްޔެވެ؟ ފުރަތަމަ ދެދުވަހު ދާން އޮންނަ ގަޑިއަށްވުރެ ވިހި ތިރީސް މިނެއްޓު ކުރިން ތައްޔާރުވި އެވެ. ފަހުންފަހުން އައިސް ނުދާދުވަހެއް ވެސް މަދެއްނުވާނެ އެވެ.

އެއްރެއަކު އަހަރެން ގެއަށް އައިއިރު، އަންހެނުން ހުރީ މާރީތިވެގެންނެވެ. ފުރަތަމަ ފެނުމުން ވެސް ކޮންމެވެސް ތަނަކަށް ދާން ކަމަރު ބަނދެފައިހުރިކަން އަހަރެންނަށް ޔަގީންވެއްޖެ އެވެ. އެރޭ އޭނާ ދިޔައީ ކަސްރަތު ކިލާހުން ފެނި ރައްޓެހިކަން އުފެދުނު ހަފީޒާމެން ގެއަށެވެ. އަންހެނުންގެ އެދުމުގެ މަތިން އަހަރެންވެސް އޭނާއާއެކު އެގެއަށް ދިޔައީމެވެ. ޖާގަބޮޑު ތަނަވަސް ގެއެކެވެ. އަހަރެން އެންމެބޮޑަށް މޭނުބައިކުރީ ސިޓިންރޫމު އެއްކަނެއްގައި ބަހައްޓާފައި ހުރި ދުވާ މެޝިނެއްފެނިފަ އެވެ. މިތަން އަންހެނުންނަށް ފެނިއްޖެނަމަ ވާނެގޮތް ހަމަ ރަނގަޅަށް އެނގޭތީ އެވެ. ކަންތައްވ ީވެސް އަހަރެން ހަމަ ހީކުރި ގޮތަށެވެ.

ޖެހިގެން އައިދުވަހު އަހަރެން އޮފީސްނިންމާފައި ގެއަށް އައިއިރު މެންދުރު ކެއުން ތައްޔާރުކޮށްފައި ހުރީ، އަހަރެމެންގެ ފެންވަރުން ސަލަވާތް މާލޫދަކަށް ތައްޔާރުކުރާ ބީދައިންނެވެ. އެހާވެސް މޭޒުމަތި ތިޔާތްގެވެ. ކުޑަކޮށް މޭޖެހޭގޮތް ވެހުރެ އަހަރެން ކާންއިށީނީމެވެ. ފުރަތަމަ ސުވާ ގޮހޮރާ ހަމައަށް ނުފޯރަނީސް އަންހެނުން ފަށައިގެންފި އެވެ. "މިހެން ހަމައެކަނި އެރޮބިކުހަށް ދިޔަކަސް އަދި ނުހިކޭނެ!!! ހަފީޒާމެން ގޭގައި އެ ހުރިކަހަލަ އެއްޗެއް ހޯދޭތޯ ބަލަމާ!! އޭރުން ކަލޭ ވެސް ކޮންމެ ދުވަހަކު މާލެ ކުޑަނުކުރިއެއްކަމަކު ގޭތެރޭގައި ހުރެގެން ވެސް ހަމަޖައްސާލެވޭނެ!!" މި އޮތީ އަހަރެން ބުނިތަން އައިސްފަ އެވެ.

އެބުނާ އެއްޗެއް ވިއްކަން ހުންނާނެ ތަންތަނާއި، އަގުތައް ވެސް ހަމަ އެއްނޭވައިން ކިޔައި ނިންމާލި އެވެ. އެޔެއް ގަންނަން ވެގެން އަހަރެން އުޅުނު ހާލާއި ވީގުރުބާނީގެ ވާހަކަ ދައްކައިގެން މި ހާސަރު ދިގުކުރާކަށް ނުހަދާނަމެވެ. ކޮންމެއަކަސް އެބުނާ ދުވާމެޝިން ގަނެފީމެވެ. އެ ސޮރު ގެޔަށް ވެއްދުމާ އަންހެނުން އެޔަށް އަރާ ދުވަންފެށުމާ އެއީ އެކު އެކީގައި ހިނގި ދެކަމެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އަނެއްދުވަހު ފަތިހު އަހަރެން ވެސް އެޔަށްއަރާލާނަމޭ ހިތާ ބަލައިލި އިރު، އައްދެ!! އަހަރެންނަށް ވުރެމާކުރިން ތެދުވެ އަންހެނުން މިޔޮއް ދުވަނީ އެވެ. އަހަރެން އެއްޗެކޭ ނުބުނެ ގޮސް މާލެވަށާ ދެބުރު ޖެހުމަށްފަހު ގެއަށް އައި އިރުވެސް އަންހެނުން ހަމަ ދުވަނީ އެވެ. އަހަރެން ހިތަށް އެރި އެވެ. އިރާދަކުރެއްވިއްޔާ މަގޭއަންހެނުން ހިކޭކަށް ދެންމާކަ ގިނަދުވަހެއް ނުނަގާނެ އެވެ. މިހާހިސާބުން ކުރިން އެދިޔަ އެރޮބިކުސް ކިލާހަށް ދިއުން ހުއްޓާލައިފި އެވެ.

ދެވަނަ ދުވަހު އަހަރެން ތެދުވެ ދުވަންދާންވެގެން ގެއިން ނުކުތްއިރު ވެސް އަންހެން ނުތެދުވެ އެވެ. މާބޮޑަށް ގައިގާ ރިއްސަނީޔޯލަ އެވެ. ގިނަދުވަސްވާވަރަކަށް އަންހެނުން އެއްކަލަ މެޝިނާ ދުރުވާން ފަށައިފި އެވެ. ޖެހިގެން އައި ރޯދަމަހު ގޭތެރޭގެ އިންތިޒާމުތަކަށް ގެނައި ބަދަލެއްގެ ސަބަބުން ސިޓިން ރޫމުގައި ހުރި ދުވާމެޝިން، ދޮންނަ މެޝިން ހުންނަތަނަށް ވައްދަން ޖެހިއްޖެ އެވެ. އެތަނުގައި ބެހެއްޓިޔަސް އެޔަށް އަރާ ދުވާކަށް ދައްޗެއް ނުވާނެ އެވެ.

ކުޑައީދު ދުވަހެވެ. އަހަރެންގެ އެކުވެރި ޙަމީދާއި އޭނާގެ އަންހެނުންނަށް މެންދުރު ކެއުމަށް ދައުވަތުދީގެން އުޅޭތީވެ މޭޒުމަތި ތަންކޮޅެއް ތިޔާގި ދުވަހެކެވެ. ގެއަށް ވަންގޮތަށް ޙަމީދުގެ އަންހެނުން އަހަރެމެން ދެމަފިރިންގެ ހިތްހަމަ ޖައްސައިދީފި އެވެ. "ވަފިއްޔާ ހާދަ ހިއްކާލައިފިހެން ހީވެޔޭ!!!" އަހަރެން ހިތަށް އެރި އެވެ. އެއީ ޙަމީދުގެ އަންހެނުން ބުނެލި ހުސްބަހެއް ނޫންބާވަ އެވެ. ފެންނަ ފެނުމަށް

ހިކުނުހެންނެއް އަހަރެންނަކަށް ހިއެއްވެސް ނުވެ އެވެ. ގައިމު ކައްޓާއަކުން އެކަމެއް ނުދައްކަ އެވެ.
ކައިނިމިގެން އަތްދޮންނަން ގޮސް އެއްކަލަ ދުވާމެޝިން ބަލާފައި ޙަމީދު ބުނެފި އެވެ. "ވަފިއްޔާ ވެސް ހިކުނީތޯއްޗެކެވެ. ޔަގީނުންވެސް މެޝިނު މަތީގައި އެހަރަ ތެތް ތުވާލިތަކާއި ކުދިވެރިންގެ ހެދުންތައް އެހުރެގެން ހިކެނީނޫން ހެއްޔެވެ." އެހެންވީމައި ދޮންނަ މެޝިނުން ނޫނަކަސް ދުވާމެޝިނުން ވެސް ހަމަ ހިކޭތާ އެވެ.

އަހަރެންނަށްވެސް ޙަމީދު އެހެން ބުނުމުން އަޅައިގަތެވެ. ދަންނަވަންތޯ އެވެ. އެއްކަލަ ދުވާމެޝިނުގައި މިހާރު އަޅާފައި ހުރީ ފެންހިއްކަން ގެންނުޅޭ ތުވާލިތަކާއި ކުދިވެރިންގެ ޖަނގިޔާތަކާއި އާއި ހެދުމެވެ. އެތަކެތި އެބަހަރަ ހިކެ އެވެ. މަގޭ ވަފިއްޔާގެ މިހާރުގެ ބަރުދަނަކީ 73 ކިލޯ އެވެ.
-----------------
(ނިމުނީ)

މި ލިޔުން؛

     ފޮނުވުން:   އަލްފާޟިލް އިބްރާހީމް ނަޢީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން:  ''          ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ