ދިވެހިބަހާ ........... ދިވެހިރާއްޖެ
ރާއްޖެއިން ފެންނަމުންދާ "ދިންގްލިޝް" އާ މެދު އަޅުގަނޑުމެން ވެސް ކަންބޮޑުވަން ޖެހޭނެ އެވެ.
ބަހަކީ ސަޤާފަތުގެ ކަންވާރެވެ. އެއީ ފުންމާނަތަކަކަށް ދަލީލުކުރާ އެތުރުންތަކެކެވެ. އެއްބަހުން އަނެއްބަހަށް ތަރްޖަމާކޮށް ގެންދެވޭ އިރު މި ފުންމާނަތައް ނުވަތަ އެ މާނަތަކުން ކޮންމެވެސް ބައެއް ގެއްލިގެންދާތަން ފެނެއެވެ. ލަފުޒުން ލަފުޒަށް، ތަރުޖަމާކުރިއަސް މި ފުން މާނަތައް ތިލަވާތަނެއް ނުފެނެ އެވެ.
ބޮޑެތި ޤައުމުތަކުން އެޤައުމުތަކުގެ ބަސް ޙިމާޔަތްކުރުމަށް، ރައްކައުތެރިކުރުމަށް މަސައްކަތްކުރަމުން ދާތަން ފެނެ އެވެ. އަދި ޔުނިސްކޯ ފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން މާދަރީބަސް އުވިގެން ދިޔަ ނުދިނުމަށްޓަކައި މަސައްކަތްތައް ވެސް ކުރަމުންދާތަން ފެނެ އެވެ.
އަޅުގަނޑުމެންގެ ބަހާމެދު ވެސް ވިސްނަވާ ފަރާތްތަކެއް ތިއްބެވިކަމާއި އެ ފަރާތްތަކުން މި ބަސް ރައްކައުތެރިކުރެއްވުމަށްޓަކައި ހެޔޮވިސްނުންތަކެއް ގެންގުޅުއްވާތީ އެކަމަށް ޝުކުރުވެރިވާ ޙާލު ގައި މި މަޒުމޫނު ކުރިއަށް ގެންދާނަމެވެ.
މިއީ، އަޅުގަނޑުމެންގެ އަމިއްލަވަންތަ ޝަޚްޞިއްޔަތާ މެދު ފަޚްރުވެރިވާން އުނގަންނާދޭން ޖެހިފައިވާ ވަގުތެކެވެ. އަމިއްލަވަންތަ ޝަޚްޞިއްޔަތު ހާމަކޮށްދޭ އެންމެ މުހިއްމު އެކައްޗަކީ އަމިއްލަބަހެވެ.
ޗައިނާ ކަންބޮޑުވުން
ބޮޑެތި ޤައުމުތަކުން އެމީހުންގެ ބަހާމެދު ވިސްނާގޮތާ މެދު ވިސްނާލަން އެބަ ޖެހެ އެވެ. ދާދި ފަހުން ޚަބަރުތަކުގެ ފަލަ ސުރްޚީއެއްގައި ޗައިނާބަހުން ލިޔާ އިރު ބޭރުބަސްބަހުގެ ލަފުޒުތައް ބޭނުންކުރުން ޗައިނާގައި މަނާކުރި ވާހަކަ އައިސްފައިވެ އެވެ. ޗައިނާ ސަރުކާރުން އެ ޤައުމުގެ ދުވަހުނޫސްތަކާއި، ޝާއިޢުކުރާ ފޮތްފޮތާއި ވެބްސައިޓްތަކުގައި ބޭރުބަސްބަހުގެ ކަލިމަތައް ބޭނުންކުރުން މަނާ ކުރީ މި ދިޔަ ޑިސެމްބަރުމަހުގެ ފަހުކޮޅުގަ އެވެ. ޗައިނާ ބުނާ ގޮތުގައި މިކަމަކީ ޗައިނާބަހުގެ "ސާފުކަމާއި ތާހިރުކަން ހަޑިމުޑުދާރުކުރާ ކަމެެކެވެ. ޗައިނާ ސަރުކާރުން ނެރުނު އަމުރުބުނާގޮތުގައި އުޞޫލެއްގެ ގޮތުން ބޭނުންކުރަން ޖެހޭނީ، " ރަނގަޅުކަމަށް ރަސްމީކޮށް ޤަބޫލުކުރާ ބަހެވެ. ބޭރުބަސްބަހުގައި ބޭނުންކުރާ ކުރުބަސްތަކާއި (މިސާލަކަށް އެކުވެރި ދައުލަތްތަކުގެ ބަދަލު ގައި އދ. ކިޔުން) ޗިންގްލިޝް (އިގިރޭސި ބަހާއި ޗައިނާ ބަސް މަސްހުނިކުރުން) ބޭނުންކުރުމާ ދުރުހެލިވާން ޖެހޭނެ އެވެ. ޗައިނާ ސަރުކާރުގެ މި އިންޒާރު ރޭޑިއޯ އަށާއި ޓީވީ އަށް ވެސް ދީފައިވެ އެވެ. ޗައިނާގެ ކަމާބެހޭ އިދާރާ ބުނާގޮތުގައި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ އާއެކު ޗައިނާގެ ފެތުރުންތަކުގައި ބޭރުބަސްތައް ވަރަށް ބޮޑަށް ބޭނުންކުރެވެމުންދާތަން ފެނެއެެވެ. މިކަމުގެ ސަބަބުން ޗައިނާ ބަހުގެ "ސާފުކަމަށް" ވަރަށް ބޮޑަށް "ގެއްލުން ލިބެމުންދާ ތަން ފެނެ އެވެ. އަދި މިކަމުގެ ނުބައި އަސަރު ސަގާފީ ވެށްޓަށް ލިބެމުންދެ އެވެ. ޗައިނާ ސަރުކާރުން ނެރުނު އަމުރު ބުނާގޮތުގައި ބޭރުބަސްތަކެއް ލިޔަން ޖެހިއްޖެ ނަމަ އެކަން ކުރަންޖެހުނީ ކީއްވެގެންކަން ޗައިނާ ބަހުން ބަޔާންކުރަންޖެހޭނެ އެވެ.
ބީބީސީ ބުނާ ގޮތުގައި ޗިންގްލިޝް ބޮޑަށް ބޭނުންކުރެވެނީ މެންޑެރިން ބަހަށް ވުރެ ކެންޓޯނީޒް ބަހުގައެވެ.
ޗައިނާ ސަރުކާރުން އެންމެ ކަންބޮޑުވަނީ އެ ބަހުގައި ބޭނުންކުރާނެ ލަފްޒުތައް ހުއްޓާ އެ ލަފްޒުތައް އެއްލާލައިފާ ބޭރުބަސްތައް ބޭނުންކުރާތީ އެވެ.
މިއީ މިއަދު ދިވެހިރާއްޖެ އިން ވެސް ފެންނަ މަންޒަރެކެވެ. ރާއްޖެއިން ފެންނަމުންދާ "ދިންގްލިޝް" އާ މެދު އަޅުގަނޑުމެން ވެސް ކަންބޮޑުވަން ޖެހޭނެ އެވެ. މި ދިއިންގްލިޝުން ވާހަކަ ދައްކާ އިރު ގިނަވާނީ ދިވެއްސަށް ވުރެ އިނގިރޭސި ލަފްޒުތަކެވެ. "މަންމަ ވަރަށް ކޫލްވާނެ"، ނުވަތަ" އޭނާ ވަރަށް ނައިސްވާނެ "ނުވަތަ " އަހަރެން ޑްރޮޕްކޮށްލަދީ "ކަހަލަ ޢިބާރަތްތަކެވެ. ދިވެހިން ވާހަކަ ދައްކާ އިރު މިހާރު ހިސާބުގެ ހުރިހާ ޢަދަދުތަކެއްވަނީ އިނގިރޭސި ވެފަ އެވެ.
ފަރަންސޭސިވިލާތުގެ ނަމޫނާ
ފަރަންސޭސިވިލާތުގައި ރައީސް މިޓްރާންގެ ވެރިކަމުގެ ދުވަސްވަރުގައި ބައިނަލްއަޤްވާމީ މައިދާނުގައި އެބަހުގެ ދިޔަވަރު ހިކެންޖަހައިފިކަމުގެ ބިރު ތަޞައްވުރުކުރެވުނެވެ. އިސްތިޢުމާރު ނެތިގެން ދިޔުމާވިދިގެން ފަރަންސޭސީންނަށް ޤައުމުތަކުގެ ސަގާފަތުގެ ތެރެއަށް ވަނުމުގެ ދޮރު ލެއްޕުނީތީ އެވެ. ފުރަތަމަ ސަފުގައި ދުނިޔޭގެ މަސްރަޙުގައި އޮތް ޤައުމެއް ދެވަނަ ސަފަށް ސޮއްސާލައިފިކަމަށް ބެލުނެވެ.މި ހިސާބުން ފްރޭންކްފޯން (ފަރަންސޭސިބަހުން ވާހަކަދައްކާ ޤައުމުތަކާއި މުޖްތަމަޢުތައް) ޙަރަކާތުން ފަރަންސޭސި ބަހާއި ސަޤާފަތް ދެމެހެއްޓުމަށާއި ފެތުރުމަށް މަސައްކަތް ފަށައިގަތެވެ. ކޯފީ އަނާނަށް އދ.ގ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމު ދިނުމުގައި ފަރަންސޭސިވިލާތުން ހިފެހެއްޓުންތަކެއް ގެންގުޅެފައިވަނީ އޭނާއަށް ފަރަންސޭސިބަސް އެނގިވަޑައިނުގަންނަވާތީ ކަމަށް ބެލެވެއެވެ. ފަރަންސޭސި ބަސް ވަރުގަދަކުރުމަށްޓަކައި ދުރުރާސްތާ މަޝްރޫޢުތަކެއް ރޭވި އެވެ. މި މަޝްރޫޢުތަކުގެ މޭވާ މިހާރުވަނީ ނުކުންނަން ފަށައިފަ އެވެ. ފަރަންސޭސި ސަރުކާރުން އެޅި ފިޔަަޅުތަކުގެ ތެރޭގައި ފަރަންސޭސިބަހުން ވާހަކަ ދައްކާ އިރު ނުވަތަ ލިޔާ އިރު ބޭރުބަހެއްގެ ލަފުޒެއް ބޭނުންކުރުމުން ޖުރިމަނާކުރުމާއި މަގުތަކާއި ފިހާރަތަކުގައި ބަހައްޓާ ލިޔުންތައް އެހެން އެއްވެސްބަހަކުން ލިޔުން މަނާކުރުން ހިމެނެ އެވެ. ފަރަންސޭސި ވިލާތުގައި ފަރަންސޭސިބަސް ނޫން އެހެންބަހަކުން ވާހަކަދެއްކުމަށް ވުރެ މަންމަންބަހުން ވާހަކަދެއްކުން ވެސް މާރަނގަޅުކަމުގައި ފާހަގަކުރެވެ އެވެ.ޔަހޫދީ ނަމޫނާ
މި ނަމޫނާ ގެ ބޭނުމަކީ ޒަޔަނިސްޓް ޤައުމު އުފެއްދުން ކަމުގައި ވިޔަސް މި ނަމޫނާ އަކީ ވެސް ބަސް ދިރުވުމަށްޓަކައި ރަނގަޅު ނަމޫނާ އެކެވެ. ޔަހޫދީ މުފައްކިރެއްކަމުގައިވާ "އިލިޢާޒަރު ބިން ޔަހޫދާ" ބުނާގޮތުގައި "ބަހަކާ ނުލައި އުއްމަތަކަށް ދިރުމެއް ނެތެވެ. "މި ކަމާ ވިދިގެން ޒަޔަނިސްޓުން ޔަހޫދީ ބަސް ދިރުވުމަށްޓަކައި 50 އަހަރުގެ މަޝްރޫޢެއް ރޭވި އެވެ. ފައްޅީގައި ހަމަ އެކަނި ބޭނުންކުރެވެމުންދިޔަ މަރުވެފައިވާ މި ބަސް މިއަދު ވަނީ ނަރސަރީން ފެށިގެން ޔުނިވަރސިޓީގައި، ބޭސްވެރިކަމާ އި ހަވާ އާ ބެހޭ މައިދާނުގައި ޕީއެޗްޑީ އާ ހަމައަށް ކިޔެވޭވަރުގެ ތަޢުލީމީ ބަހަކަށް ހަދައިފަ އެވެ. ބަސް ދިރުމުގެ ސަބަބުން އެމީހުންގެ ދައުލަތް ވެސް މިއަދު މިވަނީ އުފަންވެ އަމިއްލަ ފައި މައްޗަށް ތެދުވެ ހިންދަމާލައިފަ އެވެ. ފަސްމިލިއަންމީހުންގެ އާބާދީ އެއް އޮތް އިސްރާއީލުގައި ތަޢުލީމު ދެނީ ޢިބްރީބަހުންނެވެ. ތައްލުއަބީބު ގައި ކިޔަވާ ފަލަސްޠީނުގެ ދަރިންވެސް ކިޔަވަނީ މިބަހުންނެވެ. ޢަރަބިބަހަކުން ނޫނެވެ.ވިޔަފާރި ކުރިއެރުމާ ބަސް
މުސްލިމު އަދީބެއްކަމުގައިވާ މުޞްޠަފާ ޞާދިޤުއްރާފިޢީ ވިދާޅުވާ ގޮތުގައި " ބައެއްގެ ބަސް ނިކަމެތިވެއްޖެ ނަމަ އެބަޔަކު ނިކަމެތިނުވެއް ނުދާނެއެވެ. "އިސްތިޢުމާރުން ޤައުމުތައް ހިފުމަށް ފަހު މި ޤައުމުތައް ނިކަމެތިކޮށްލުމަށްޓަކައި މި ޤައުމުތަކުގެ ބަސްތައް ނައްތައިލުމަށް ފިޔަވަޅުތައް އެޅިއެވެ. އަދި އިސްތިޢުމާރީ ޤައުމުގެ ބަސް އެ ތަންތާނގައި ފެތުރިއެވެ. ފަރަންސޭސިން އިސްތިޢުމާރުކުރި ޤައުމުތަކުގައި ފަރަންސޭސި ބަސް، ޕޯޗްގީޒުން އިސްތިޢުމާރު ކުރި ޤައުމުތަކުގައި ޕޯޗްގީޒު ބަސް، ސްޕޭނުން އިސްތިޢުމާރު ކުރި ޤައުމުތަކުގައި ސްޕޭންބަސް ވަނީ ރަސްމީ އަދި ސަގާފީ ބަސްކަމުގައި ވެފަ އެވެ. އިނގިރޭސިން އިސްތިޢުމާރު ކުރިޤައުމުތަކުގައި ތަފާތު ޤައުމުތަކުގެ ޙާލަތު ތަފާތުވި ނަމަވެސް އެ ޤައުމުތަކުގައި ވެސް އިނގިރޭސިބަސް ވަނީ ޤައުމީބަހުގެ ކުރިއަށް ނުކުމެފަ އެވެ. މެލޭޝިޔާ އާއި ޒެންޖިބާރު ފަދަ އިސްލާމީ ބައެއް ޤައުމުތަކުގައި ބޭނުންކުރަމުން ދިޔަ އަރަބިއަކުރު ނައްތާލައި އެ ޤައުމުތަކުގެ ބަސްތައް ލެޓިންއަކުރުން ލިޔާގޮތަށް ބަދަލުކޮށްލި އެވެ. ބައެއްފިހާރަތަކުން ހީކުރާގޮތުގައި އިޝްތިހާރުތައް އިނގިރޭސިވި ވަރަކަށް އެ މުދަލެއް ވިކޭލެއް ގިނަވާނެ އެވެ. ބޭރު އެއްޗެއްސަށް ރޭރުވެވޭތީ ކަމަށް ވެދާނެ އެވެ.
ސަޤާފީ އިސްކަން
ދިރާސާތައް ބުނާގޮތުގައި އީޖާދުކުރުންތައް އިތުރުވަނީ އެބައެއްގެ އަމިއްލަ ބަހުން ކިޔަވާދޭ ޤައުމުތަކުގަ އެވެ. ދުނިޔޭގެ ގިނަޤައުމުތަކުގައި ތަޢުލީމުދެވެނީ އެޤައުމެއްގެ ރަސްމީބަހުންނެވެ. ޗައިނާގައި ޗައިނާ ބަހުންނެވެ. ޖަޕާނުގައި ޖަޕާނުބަހުންނެވެ. ރަޝިއާގައި ރަޝިއާ ބަހުންނެވެ. ސްކެންޑްނޭވިޔާގެ ކުދިކުދި ޤައުމުތަކުގައިވެސް ތަޢުލީމުދެނީ އެމީހުންގެ ބަހުންނެވެ. އެހެންބަހަކުން ތަޢުލީމު ދެވޭނަމަ ދަރިން ދާނީ މާދަރީބަހާ ދުރުވަމުންނެވެ. އެބަސް ދެކެ ފޫހިވަމުންނެވެ. އެބަހާ "ވަގުވަމުން" ނެވެ.------------
(ނިމުނީ)
(ނިމުނީ)
މި ލިޔުން؛
ފޮނުވުން: އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (މުސްތަޝާރު)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
ފޮޓޯ: ޙައްވާ ރައުޝާނާ (ފޮޓޯގްރާފަރ)
ޝާއިޢުކުރުން: އ. ނ. އ.