ކުޑަކުދީންނާއި އިސްލާމްދީން
ފޮތެއްގެ ތަޢާރުފު
ޙަސަން ޝާކިރު މުޙަންމަދު
ހާހާ ނުވަސަތޭކަ ސައުރަޔާއި ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު، އޭރު މިޞްރުގެޤާހިރާގައި ހުންނެވި ޔުނިސެޕްގެ މަންދޫބު މރ. އެޑްވަޑް ޖޭ. ލެނަޓްގެ އެދިވަޑައިގަތުމަކަށް، ކުޑަކުދިންނާއި މައިން ރައްކާތެރިކުރުމާއި ބިނާކުރުމާބެހޭ ގޮތުން ޔުނިސެފުން ކުރަމުންގެންދާ މަސައްކަތްތަކުގައި، އަޒްހަރު ޔުނިވަރު ސިޓީ ބައިވެރިވުމުގެ ގޮތުން އަޒްހަރުގެ އޭރުގެ އިމާމު، އަލްއިމާމުލް އަކްބަރު ފަޟީލަތުއްޝައިޚު ޖާދުލްޙައްޤު ޢަލީ ޖާޖުލްޙައްޤު އެކުލަވައިލެއްވި ދަންނަބޭކަލުންގެ ޚާއްޞަ ކޮމިޓީއަކުން އެކުލަވައިލެއްވި ދިރާސާއެއްގެމައްޗަށް ބިނާކުރައްވައިފައިވާ "ކުޑަކުދީންނާއި އިސްލާމްދީން" މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވަނީ، ރާއްޖޭގައި ހުންނަ ޔުނިސެފުގެއޮފީހުގެ އެދުމުގެ މަތިންނެވެ.
މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ (މިހާރުގެ ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ) އާއި ނުރަސްމީ ތަޢުލީމުދޭ ބައި (މިހާރުގެ ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަން) ން ޝާއިޢުކުރައްވާފައިވާ މިފޮތް ތަރުޖަމާކުރައްވާފައިވަނީ ވަރަށް ގިނަގުނަ ޢިލްމީ ފޮތްތަކެއް ލިޔުއްވައިފައިވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. މިފޮތުގެ އަޞްލު ލިޔެވިފައިވަނީ ޢަރަބި ބަހުންކަމަށް ވިޔަސް އިބްރާހީމް ރަޝީދު މޫސާ މިފޮތް ތަރުޖަމާކުރައްވާފައިވަނީ، އިނގިރޭސި ތަރުޖަމާއަކުންކަމަށް އެފޮތުގައި ލިޔުއްވާފައިވެއެވެ. އަދި މިތަރުޖަމާ ރަނގަޅުތޯ ބައްލަވައި ދެއްވައިދެއްވާފައިވަނީ ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމެވެ.
މިފޮތުގައި ބަޔާންކުރައްވާފައިވާ ގޮތުގައި " ފޮތް އެކުލަވައިލުމުގެ މަޤްޞަދަކީ، މިމައްސަލައާބެހޭ ގޮތުން ދީނީ ހޭލުންތެރިކަމެއް އުފެއްދުމަށާއި ކުޑަކުދީންނާއި ޒުވާނުންނަށް ޞިއްޙީ ގޮތުން އަޅާލުމާއި ރަނގަޅު ހަރުދަނާގޮތެއްގައި ކުޑަކުދިން ތަރުބިޔަތުކޮށް ބޮޑުކުރުމަކީ އިސްލާމްދީނުގެ އަސާސީ އެއް ބިންގާ " ކަމަށްވާތީއެވެ.
ހާހާ ނުވަސަތޭކަ އަށާހި ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހު އެހެން ގޮތަކަށް ދަންނަވާނަމަ، އެއަހަރުގެ މިނިވަން ދުވަހު ނެރުއްވާފައިވާ މިފޮތުގެ އައި.އެސް.ބީ.ނަންބަރަކީ: ISBN-99915-810-0-6 އެވެ.
ކީރިތި ޤުރްއާނާއި ސުންނަތުގައި ކުޑަކުދީންނަށް ދީފައިވާ ޢިނާޔަތާއި އިހްތިމާމުގެ މައްޗަށް އަލިއަޅުވައިލައްވާފައިވާ މިފޮތް ބައްސަވައިލައްވައިފައިވަނީ، (1) އިސްލާމް ދީނުގައި ކުޑަކުދީންގެ މަޤާމާއި ޙައްޤުތައް (2) ދަރީންގެ ޙަޔާތާއި ބަލައިބޮޑުކުރުން (3) ކާނާއާއި އޭގެ އަސަރު (4) ދަރިން ތަރުބިޔަތުކުރުން (5) ވެށީގެ ސާފުތާހިރުކަން، މިމައިގަނޑު 5 ބައިގެމައްޗަށެވެ.
މިމައިގަނޑު ދާއިރާތަކުގެރެއިން ފާހަގަކޮށްލެވޭ އަރިމަތީ ސުރުޚީތަކުގެތެރޭގައި ދަރިންހޯދުމުގައި ދޭތެރެ ދުރުކުރުމާއި، އިސްލާމް ދީނާއި ކަރަންޓީނާއި ގާތުން ކިރުދިނުމުގެ އަހަންމިއްޔަތާއި، މާބަނޑުއަންހެނުންނާއި ކިރުދޭ މައިންނަށް ބޭނުންވާ ކާނާއާއި، ވިސްނުން ތަރައްޤީ ކުރުމުގައި ކާނާގެދައުރާއި، ނަމޫނާ މުދައްރިސާއި ކުއްޖާގެ އަޚްލާޤާއި، ކުއްޖާގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި، ކުޑަކުދީންނާއި ކުޅޭތަކެތި ފަދަ ސުރުޚީތައް ކޮށްލެވެއެވެ. އަދި ސާފުތާހިރުކަމުގެ މަޤާމާއި އަތާއި ބޮލާއި ލޮލާއި ނޭފަތާއި އަނގައިގެ ސާފުތާހިރުކަމަށް އަލިއަޅުވައިލައްވައިފައިވެއެވެ. މީގެ އިތުރުން ފޭރާމާއި މަގުމައްޗާއި ގޮވަތި ގެދޮރާއި ކާނާއާއި ފެނުގެ ސާފުތާހިރުކަމަށްވެސް ބައްލަވައިލައްވައިފައިވެއެވެ.
އުޑަފައިން އިށީނދެލައިގެން އިން ކުޑައަންހެން ކުއްޖެއްގެ ކުލަ ފޮޓޯއެއް ބޭރުގަނޑުގައިޖަހާފައިވާ، އޭ 5 ސައިޒުގެ މިފޮތުގައި 107 ޞަފުޙާ އެކުލެވިފައިވެއެވެ. ޗާޕުކުރައްވައިފައިވަނީ، ރާއްޖޭގައިހުރި އެންމެ ދުވަސްވީ ޗާޕުޚާނާކަމަށްވާ ނޮވެލްޓީ ޕްރެސް އިންނެވެ.
ޔުނިސެފްގެ ދީލަތި އެހީގައި ޗާޕުކުރެވުނު މިފޮތަކީ، ރާއްޖޭގެ އެކިކަންކޮޅުތަކަށް، ހުރިހާ ލައިބްރަރީތަކަށާއި އިސްކޫލުތަކަށާއި އޮފީސްތަކަށާއި އާންމުންގެތެރެއިން ފޮތް ހޯދަން އެދުނު ވަރަށްގިނަ ފަރާތްތަކަށް ހިލޭ ބައްސަވައިފައިވާ ފޮތެކެވެ. މިފޮތް ވިދާޅުވާން ބޭނުންފަރާތްތަކަށް ޤައުމީ ކުތުބުޚާނާއާއި އެނޫންވެސް ގިނަ ކުތުބުޚާނާތަކުން ލިބެން ހުންނާނެކަމަށް ލަފާކުރެވެއެވެ.