އަދުގެ ޚާއްސަ

Print

އަންހެން ކުއްޖެއްގެ ތަޤުދީރު

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ވާހަކަ


ޢަލީ ޝަރީފު، ފިލިގަސްދޮށުގެ

ޝަބާނާގެ ޚިޔާލުވަނީ މާޒީގެ ދުވަސްތަކަކާއި ގުޅިފައެވެ.  އޭނާ އިނީ ގޭގެ ފެންޑާގައިހުރި ގޮނޑިއެއްގައެވެ.  އޭނާގެ ކުރިމަތީގައި އޮތީ އޭނާގެ މަސައްކަތުން ހައްދާފައިވާ ރީތި ބަގީޗާއެކެވެ.  ވަގުތަކީ ހަވީރުގެ ވަގުތެވެ.  ފެންވަރައިގެން އެދުވަހު އޭނާލާން ނެގިހެދުމަކީ ހަނދާންތަކަކާ ގުޅިފައިވާ ހެދުމެކެވެ.  ކޮންހަނދާނެއްތޯއެވެ.  އެ ހެދުމަކީ އޭނާގެ ދައްތަ ފޮނުވި ވަރަށް ރީތި ފޮތިގަނޑަކުން ފަހާފައިވާ އައު ހެދުމެކެވެ.  އެ ހެދުން އޭނާއާއި ވަރަށް ގުޅެއެވެ.  ފޮތީގެ ކުލައާއި އޭގައި ހުރި ޑިޒައިންހުރީ އޭނާ އެންމެ ޤަބޫލު ގޮތަށެވެ.  މިއީ ދައްތައަށް ހިތުދަސްވެފައިވާ ކަމެއްކަމުން ކޮއްކޮ ޤަބޫލުވާނެ ކަހަލަ ފޮތިގަނޑެއް ފޮނުވަން އެނގުނީއެވެ.

ޝަބާނާގެ ޚިޔާލަށް އައިސްފައިވަނީ އެ ދެބެންގެ ޅަދުވަހު ގޭގައި މައިންބަފައިންގެ އޯގާވެރިކަމުގެ ހިޔަލުގައި އުޅުނު އުފާވެރި ދުވަސްތަކެވެ.  ހަމަ އެޔާއެކު ދެބޭންގެ ދެމެދުގައި އުފެދުނު ދެކޮޅުވެރިކަމުގެ ހިތި ދުވަސްތަކުގެ ހަނދާނެވެ.  އަދި މިހާރު އަނބުރާ އެދެބޭން ގުޅި އިޙްވަތްތެރި ލޯބީގައި އުޅޭން ފެށުނުކަމުން ލިބިފައިވާ ހިތްހަމަޖެހުމެވެ.  ޝަބާނާގެ ދައްތަ މަރީނާއަކީ މިހާރު ނަފްސާނީ ބަލިތަކުގެ ޑޮކްޓަރެކެވެ.
 
އެދެބެންގެ މެދުގައި ދެކޮޅުވެރިކަން އުފެދުނީ އެ ކުދީންގެ ބައްޕަ ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ކުރަނިކޮށް މަރުވުމަށް ފަހުއެވެ. ބައްޕައަށް އެހެން ބަނޑަކުން ލިބިފައިތިބި ދެކުދިން ތިއްބެވެ.  މައްސަލަ އުފެދުނީ ގޭގެ މުދާ ބަހާންޖެހި، ގޯތި ބައިބައި ކުރުމުގައި އުފެދުނު ދެބަސްވުމަކުންނެވެ.  އޭރު މަރީނާވަނީ ކައިވެނީގެ ގޮތުން ޒުވާން ކުއްޖަކާ ގުޅިފައެވެ. މުއްސަނދި ޢާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެން ކުއްޖަކީ އެއީ ކަމުން މަރީނާއަށް ލިބުނު ބައިގައި ކުޑަކުޑަ ރީތިގެއެއް އަޅައިގެން އެދެމަފިރިން އުޅެނީ އުފަލުންނެވެ.

ޝަބާނާއަށް މިފަދަ ނަސީބެއް އަދި ނުލިބެއެވެ.  މަންމައުޅެނީ ޝަބާނާއާއި އެކުގައެވެ.  މި ދެކުދިން މަންމަ ތަރުބިއްޔަތު ކޮށްފައިވަނީ މިޒަމާނުގެ ގިނަ ގޭގޭގައި ކުދިން އުޅޭ ހިފެހެއްޓުމެއް ނެތް މިނިވަންކަން ދީގެންނެއް ނޫނެވެ. ވީމާ، އެކުދިންގެ އަޚުލާޤުގައި ހުންނަނީ އަބުރުވެރި ލަދުރަކި ގޮތްތަކެކެވެ. މީހުންނާ ވާހަކަ ދެއްކުމުގައިވެސް ރީތިބަހުން ވާހަކަ ދައްކައި އެހެން މީހުންނަށް އިޙުތިރާމް ކުރުން ހުރެއެވެ.
           
ޝަބާނާ އޭނާގެ ޙަޔާތުގެ ބައިވެރިޔާ އަންނަތަން ދެކޭހިތްވެއެވެ.  އެއީ ކިހިނަކުން ކޮންތާކުން ރައްޓެހިވެ ގުޅޭނެ ކުއްޖެއް ބާއޭ ހިތަށްއަރައެވެ.  ކޮންމެއަކަސް އަދި އެއީ ހުވަފެނެކެވެ.

ޝަބާނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ އާޝިޔާ އުޅެނީ ޝަބާނާއާ އެއްއޮފީހެއްގައެވެ.  ޝަބާނާއަކީ ކޮންކުއްޖެއްތޯ އަހައި ޝަބާނާގެ ފޮޓޯއެއް ހޯދުމަށް އާޝިޔާގެ ރަޙުމަތްތެރި ޞަބާޙު އިނގިރޭސިވިލާތުން ފޮނުވި ސިޓީއެއްގައި އޮތްވާހަކަ އެއްދުވަހަކު އާޝިޔާ، އޮފީހުތެރޭން ބައްދަލުވެގެން ޝަބާނާގެ ގާތުގައި ބުނެފިއެވެ. އާޝިޔާ ޞަބާޙުގެ ވާހަކަ ދެއްކިއިރު ޝަބާނާއަށް އެއީ ކޮން ކުއްޖެއްކަމެއް ނޭނގުނެވެ.  ނަމަވެސް އާޝިޔާގެ އަތުގައި އޮތް ފޮޓޯއަކުން ޞަބާޙު އޭނާ ދައްކައިފިއެވެ.  އެއީ މާލޭގައި ބޭއްވި ޕާޓީއެއްގެ ތެރެއިން ނަގާފައި އޮތް ގްރޫޕް ފޮޓޯއެކެވެ.  ޝަބާނާ އޭރު ރައްޓެހިވާ ހިތްވެފައިވާ ކުއްޖަކު އޮފީހުގައި އުޅެއެވެ.  ކޮމްޕިއުޓަރ ގްރެފިކްސް ކޯހެއް ނިންމައިގެން އައި ރިޔާޒެވެ.  ރިޔާޒުގެ އުފާވެރި މިޒާޖާ ސާދާކަމުން ޝަބާނާ ވަރަށް ޤަބޫލުވާ ކުއްޖަކަށް ވަނީ ވެފައެވެ.  އަދި އޭނާ ކޯސް ނިންމާފައި އައުމުން އޮފީހުގެ މުވައްޒަފުންގެ ފަރާތުން ކުޑަ ޕާޓީއެއް ދިނުމަށްވަނީ ހަމަޖައްސާފައެވެ.

ޕާޓީ އޮތީ "ރިލެކްސް އިން" ގައެވެ.  މިޕާޓީގައި ވަރަށް މަޖާބޮޑުވިއެވެ.  ޝަބާނާ ނޫނަސް ރިޔާޒުއާ  ރައްޓެހިވާން އެދޭ އަންހެން ކުދިން އޮފީހުގައި އުޅެއެވެ.

ޝަބާނާގެ ލަދުރަކި އަޚުލާޤު ފެނިފައި ރިޔާޒުގެ ސަމާލުކަން ޝަބާނާއަށް ލެނބިއްޖެއެވެ. އޭނާ ފުރުޞަތެއް ހޯދައިގެން ޝަބާނާއާއި ބައްދަލުކޮށް އަމިއްލައަށް ތަޢާރަފްވެއްޖެއެވެ. އަދި އެއަށްފަހު އެ ދެކުދިން ގުޅިފައިވަނީ ރަޙުމަތްތެރީންގެ ގޮތުގައެވެ.

އާޝިޔާގެ އެދުމަށް ޝަބާނާގެ ފޮޓޯއެއް ދީފިއެވެ.  އާޝިޔާ އެ ފޮޓޯ ޞަބާޙުއަށް ފޮނުވިއެވެ.  ޝަބާނާގެ ރީތި މޫނާއި ލޫޅާފަތި ހަށިގަނޑަށް، އެ ރީތި ދެލޮލާ އެ ދިގު އިސްތަށިގަނޑާއި، ޞަބާޙު ވަރަށް ޤަބޫލުވެއްޖެއެވެ.  ނަމަވެސް ކުރިމަތީގައި އޮތީ މާސިންގާ ކަނޑެކެވެ.  ތަޤްދީރު ރޭވިގެންދަނީ ކިހިނެއްކަމެއް ނޭނގެއެވެ.  ގިނަފަހަރަށް ވާގޮތަކީ، އަބަދު ފެންނަ ފަރާތަކަށް ޖެހެވި ގުޅުމެވެ.  ޞަބާޙުގެ އާކިޓެކްޗަރ ކޯސް ނިންމާފައި ރަށަށް އެނބުރި އާދެވޭނީ އަދި 2 އަހަރު ފަހުންނެވެ. ނަމަވެސް ޗުއްޓީއެއްގައި މާލެއަށް ދެވިދާނެކަމުގެ އުންމީދު އެބައޮތެވެ.

ދުވަސްތައް މާޒީއާއި އެކުވެގެންދާއިރު، ޝަބާނާއަށް މިހާރު ވިސްނަންޖެހިފައި އޮތީ ވަރަށް ދަތި ކަނޑައެޅުމެއް މެދުވެރިވާ މައްސަލައަކާއެވެ.  ޞަބާޙު މާލެއަށް އަންނާނެ ދުވަސް ނިންމާ އާޝިޔާއަށް އަންގައިފިއެވެ.  އާޝިޔާ ޝަބާނާއަށް ނަޞޭޙަތްތެރިވަނީ ޞަބާޙާ ގުޅުމަށެވެ.  އާޝިޔާއަކީ ހެޔޮއެދޭ ރަޙުމަތްތެރިއެކެވެ.  އޭނާއަށް ފަރުދާގެ އަނެއްފަރާތްވެސް ފެނެއެވެ.  ވީމާ، އާޝިޔާގެ ބާރުއެޅުމުގެ މަތިން ލޯބީގެ އޮއިވަރުގައި ޖެހިގެން ނުދިއުމަށް ޝަބާނާ މިހާރު އެބަ މަސައްކަތް ކުރެއެވެ.  ނަމަވެސް ރިޔާޒުގެ ހުޝިޔާރު ރޭވުމުން ޖަހާމަޅިތަކުގައި ޝަބާނާ ނުބެދި އުޅެވިދާނެ ބާއޭ ހީވާ ހިސާބަށް ހިނގައްޖެއެވެ.

ކަލަންޑަރުގެ ގަނޑުތައް އުކެމުން ދެއެވެ. ރިޔާޒު ވަރަށް ދުރުގައިހުރެ، އޮފީހުގެ މުވައްޒަފުންނަށް ޕިކްނިކް ދަތުރެއް ރާވައިފިއެވެ.  ދިގު ބަންދަކަށް ވާތީ، ވަރަށް ގިނަ ކުދިން މި ދަތުރުގައި ބައިވެރިވިއެވެ.  ޝަބާނާއަށް ހީކުރެވުނީ މިއީ ހަމަ މަޖާކޮށްލާފައި އެނބުރި އައުމުގެ ދަތުރެއް ކަމުގައެވެ.  އެއްވެސް ޚިޔާލެއްނެތި އޭނާވެސް ދަތުރުގައި ބައިވެރިވެއްޖެއެވެ.  އެ ދަތުރު ހަމަޖައްސާފައި އޮތީ ދެ ދުވަހަކު ރަށެއްގައި ތިބޭގޮތަށެވެ.  މޫދަށް އެރި ޝަބާނާ އުޅުނީ ފަތަން ދަސްކުރާށެވެ.  މި މަންޒަރު ދެކެފާ، ރިޔާޒު އައިސް ޝަބާނާއަށް ފަތަން ދަސްކޮށްދޭން އެހީތެރިވާން ފަށައިފިއެވެ.  މިކަންވެގެން ދިޔައީ އެ ދެމީހުންގެ ދެމެދުގައި އާދަޔާ ޚިލާފު ގާތްގުޅުމެއް އުފެއްދި ކަމަކަށެވެ.  ނޭގުމެއްގެ ތެރޭގައި ޝަބާނާއަށް ލޯބީގެ ދުނިޔެއަށް ވަދެވިއްޖެ އެވެ.  ނަމަވެސް ޝަބާނާ ހިތްވަރު ކުރީ އެފަދަ އަސަރެއް އޭނާގެ ކިބައިން ނުދައްކާށެވެ.  ރިޔާޒަށްވެސް ޝަބާނާ އަތުގެތެރެއަށް ލެވޭގޮތެއް ނުވިއެވެ.
 
ބަންދަށްފަހު އޮފީސް ހުޅުވުމުން ފުރަތަމަ އޮފީހަށް އައި ދުވަހު، ރިޔާޒު އާއި ބައްދަލުވި ހިނދު ޝަބާނާއަށް ތަފާތު ހަރަކާތްތަކެއް ކުރެވުނެވެ. އެހެން ކުދިންނަށް ވެސް މިކަން ފާހަގަވި ކަހަލައެވެ.  ޝަބާނާ ބޭނުންވަނީ ރިޔާޒު އާއި ވާހަކަ ދައްކަލާނެ ފުރުޞަތަކަށެވެ.  ރިޔާޒު ވެސް އެކި ގޮތްގޮތުން ޝަބާނާއާ ގުޅައެވެ.
           
މިހާރު ޝަބާނާގެ ކުރިމަތީ ވަނީ ދިރިއުޅުމުގެ ބައިވެރިއަކު އިޚުތިޔާރު ކުރުމުގެ ވަގުތެވެ.  ހަމައެޔާއެކު ކެތްތެރި ކަމާ ދުރުވިސްނުމުގެ އެންމެފަހު ފުރުޞަތެވެ.
            ޞަބާޙު ޗުއްޓީއެއްގައި މާލެއަށް އަތުވެއްޖެއެވެ.  އާޝިޔާގެ ގޭގައި ޝަބާނާ އިންދާ ޞަބާޙު އެތެރެއަށް އަތުވެއްޖެއެވެ.
           
ޞަބާޙަށް ޝަބާނާ ފެނި ހަތަރުކަޅި ހަމަވީ ވަގުތު ޞަބާހަށް އެނގުނީ ޞަބާޙު އަތުގައި އޮތް ފޮޓޯއަށްވުރެ ޝަބާނާ މާރީތި ކަމެވެ.  އަދި ހިނިއައިސްފައި ހުރިއިރު އެ މޫނަށް އައިސްފައިވާ ފަރިކަން ހިތުގައި ބިންވަޅުނެގުނެވެ.
           
އާޝިޔާގެ ގޭގައި އެރޭ ހޭދަވީ ޝަބާނާގެ ހަޔާތުގައި އައި އެންމެ ޚާއްޞަ ވަގުތުކޮޅު ކަމަށްވެސް ވެދާނެއެވެ.  އެއީ ޞަބާޙުގެ މައްޗަށް ދެވުނު ގަދަރެއްގެ ބޮޑުކަމުންނެވެ.  އަދި އެހެންވެގެންނެއްވެސް ނޫނެވެ.  ޞަބާޙުގެ ޙަޔާތުގެ ބައިވެރިޔަކަށްވުމަށް ހުށަހެޅި ހުށަހެޅުމުންނެވެ.  ޞަބާޙު މިގޮތަށް ހުށަހެޅީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާޝިޔާގެ ލަފާ ޤަބޫލު ކޮށްގެންނެވެ.  ދިރިއުޅުމުގެ މައިދާނަށް ނުކުންނައިރު، ކާމިޔާބު ހަޔާތެއް ހޯދޭނީ ގުޅެވޭ ބައިވެރިއެއްގެ ގޮތުންކަން އޭނާ އަބަދުވެސް ޤަބޫލު ކުރެއެވެ.  އެހެންކަމުން އޭނާގެ މިހުށަހެޅުން އައީ ވަރަށް ސީރިއަސްކޮށެވެ. 
           
ޝަބާނާ އެންމެ ގާތް ރަޙުމަތްތެރިޔާ އާޝިޔާއަށް ކުރާ އިތުބާރު ބޮޑެވެ.  ޞަބާޙުގެ ޒުވާން ރީތިކަމަށް ކުރެވުނު އިސްތިޙުސާންވެސް ބޮޑެވެ.
           
ޝަބާނާގެ ކުރިމަތީގައި އޮތީ ދެ މަގެއް ހުޅުވިފައެވެ.  ދާނީ ކޮންމަގަކުން ބާއެވެ؟ މިއީ ކަނޑައެޅުން ދަތިކަމަކަށް ވެއްޖެއެވެ.  އަބަދު ފެނުމާއި ގުޅުމުގެ ތެރެއިން އުފެދުނު ލޯބީގެ ޝުޢޫރު، ހިތުގައި ނުވާކަމަށް ބުނެވޭކަށް ނެތެވެ.  ބުއްދިވެރީ ކޮންގޮތެއްތޯ ބަލަން ވަގުތެއް ނެތެވެ.  އަދި ނިންމުނު ކަމެއްވެސް ނެތެވެ.
           
ޞަބާޙާ ދުރުހެލިވުމުގެ ބާރެއްވެސް ނުލިބުނެވެ.  އާޝިޔާގެ ގޭގައި ޞަބާޙާ ބައްދަލު ކުރަންދާއިރު ޝަބާނާ ހުންނަނީ ދެންމެ ފަރިވި މަލެއްހެންނެވެ. ޖޯޝުން ފުރިފައެވެ. އުއްމީދީ ޝުޢޫރުގައެވެ.
           
އޮފީހަށް އައިސް ރިޔާޒާ ބައްދަލުވުމުންވެސް ލިބޭ އުފާބޮޑެވެ. 
ކުއްލިއަކަށް ޝަބާނާގެ ޙަޔާތަށް ހިތާމަވެރި ދުވަސް ތަކެއް އަތުވެއްޖެ އެވެ. ކުރިން ޝަބާނާގެ ޙަޔާތަށް ހިތާމަވެރި ދުވަސްތައް އައިސްފައި ވީނަމަވެސް މިވަރުގެ ބޮޑު ހިތާމައެއް އަދި ދިމައެއް ނުވެއެވެ.  އޭނާގެ ލޮބުވެރި މަންމަ ވަރަށް ކުއްލި ގޮތެއްގައި މަރުވީއެވެ! ޝަބާނާއަށް މިކަމުން ލިބުނު ހިތާމައިގައި ރޮވިފައި ހުރެވެނީއެވެ.  މިއީ އޭނާ ދެކޭގޮތުގައި ފޫނުބެއްދޭނެ ހިތާމައެވެ. އެހެނީ ޝަބާނާގެ ބައްޕަ މަރުވުމަށްފަހު އޭނާގެ ހުރިހާކަމެއް ބެލެހެއްޓީ މަންމައެވެ. ބުރަ މަސައްކަތް ކޮށްގެންނެވެ.  އެ ހަނދާންތައް އޭނާގެ ހިތަށް ގެނެވެނީއެވެ. އޭނާ މަންމައާއި އެކު އުޅުނުގޮތުގެ ހަނދާންތައް އައުމުން އޭނާ އިންނަނީ އަބަދުހެން ހިތާމައިގައެވެ. 
           
ޝަބާނާގެ ހަޔާތަށް އައި މިއަނދިރި ދުވަސްވަރު އޭނާއަށް ހަމްދަރުދީވެ އުޅުނު މީހުންގެ ތެރޭގައި ރިޔާޒު ފާހަގަ ކުރެވުނެވެ.
           
ޞަބާޙު ލަންޑަންނަށް އެނބުރި ހިނގައްޖެއެވެ.  ޝަބާނާއާއެކު ވަރަށް ގާތްގުޅުމެއް އޮތްނަމަވެސް އެއީ އޭނާގެ މުސްތަޤުބަލުގެ އަނބިމީހާކަމަށް ވުމަށް ޝަބާނާ ވަޢުދުވެފައެއް ނެތެވެ.  އެއީ އޭނާ މާލޭގައި ހުރީ ކުޑަދުވަސްކޮޅަކު ކަމުގައިވާތީ ކަމަށް ވެދާނެކަމަށް ޞަބާޙު ހީކުރެއެވެ.  ޞަބާޙަށްވެސް އެހެންމީހުން ފަދައިން އަންހެންކުއްޖެއްގެ ހިތުގެ ފުންމިން ބަލާކަށް ނޭނގެއެވެ.  އިވެނީ ބުނާއެއްޗެއްގެ އަޑެވެ.  ފެންނަނީ މޫނުމަތީގައި ހުންނަ ކުލަވަރާއި އުފާވެރި ޙަރަކާތްތަކެކެވެ. 
           
ޝަބާނާގެ މަންމަ މަރުވުމުން އެކަނިވެރި ދިރިއުޅުމެއް އުޅެން ޖެހިއްޖެއެވެ.  ޒަވާޖީ ޙަޔާތެއް ފެށުމަށް ޚިޔާލު ކުރާންވެސް ޖެހިއްޖެއެވެ.
           
އެއްފަރާތުގައިވަނީ ދިގު އަހަރު ތަކެކެވެ.  އެ މުއްދަތަށް އިންތިޒާރުކޮށްގެން އިންނާން ވީބާއެވެ. ލިބޭނެ ކާމިޔާބު ފޮނިވުންވެސް އެކަށީގެންވެއެވެ.  ޕްރޮފެޝަނަލް މީހުންނަށް ލިބޭ ވަޒީފާވެސް މަތިވާނެއެވެ.  ނަމަވެސް ފަހުން ވާނެގޮތެއްވެސް ނޭނގެއެވެ.
           
އަބަދު ފެނުމާއި ބީހިއުޅުމުން ދެޖިންސްގެ ދެމެދުގައި ލޯބި އުފެދޭކަމަށް ބުނެވޭ ބަސްވެސް ތެދެވެ.  އެއީވެސް ވާގޮތެކެވެ.
           
ޝަބާނާއަށް އެވީވެސް އެގޮތްކަން ނޭނގެއެވެ.  ނުވަތަ އޭނާގެ ތަޤުދީރުގެ މަގުގައި ހިނގަމުން ދެވެނީކަންނޭގެ އެވެ.  މިއީ އެކަކަށްވެސް އެނގޭ އެއްޗެއްނޫނެވެ.
           
ޝަބާނާއާ ރިޔާޒުގެ ގުޅުން ލޯތްބަށް ބަދަލުވެ، އެ ދެކުދިން ކައިވެނިކޮށްފިއެވެ.  ކައިވެނީގެ ޕާޓީ ވަރަށް ކުލަގަދައެވެ.  ނަމަވެސް އޮފީހުގެ ބައެއް އަންހެން ކުދިން "ބަލިކަމުން" ހާޟިރެއް ނުވެއެވެ.
           
އެ ކާވެއްޏަށް ދެ އަހަރު ވީފަހުން ރިޔާޒް ދަތުރުކުރި މަތިންދާބޯޓް ވެއްޓި އޭނާ މަރުވި ޚަބަރު ލިބިއްޖެއެވެ.  މިބޯޓުގައި ދަތުރުކުރި އެކަކުވެސް ސަލާމަތެއް ނުވިއެވެ.
           
މި ޚަބަރު ލިބުމުން ޝަބާނާއަށް ލިބޭނެ ހިތާމަ ލަފުޒުތަކަކުން ސިފަކުރާނީ ކިހިނެއްތޯއެވެ.  އެ މަންޒަރު ދުށްމީހަކުގެ ހިތްވެސް ހަލާކުވެދާފަދަ ޙާލެއްގައި ޝަބާނާ ދިރިއުޅެން ޖެހުނީއެވެ.
           
ޞަބާޙު އަދިވެސް، ޝަބާނާއަށްޓަކައި ހުންނާނެބާވައެވެ.  ޝަބާނާއަށް ދެވަނަ ދުނިޔެއެއް ހޯދާދިނުމަށް އާޝިޔާ ދެން އެހީވާނެބާއެވެ. މިއީ ހައްތާވެސް ޝަބާނާގެ ހުވަފެން ކަމުގައި އެންމެފަހުން ވެދާނެ ޚިޔާލު ތަކެކެވެ.
 
"ދުނިޔެއީ ވާތަނެކޭ އެކުއުޅުމާ ވަކިވެދިއުން
          އުނިނުވާ ރޫޙުގެ ގުޅުމޭ ވަކިވުންނެތް ކަމަކީ"

އިދާރާ

އެނގޭތަ؟

ވާހަކަ