އަދުގެ ޚާއްސަ

Print

އަންހެނުންނާ މެދު....

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


އަޙްމަދު ޢަބްދުﷲ ސައީދު

ފަލްސަފާވެރިން އެންމެ ގިނައިން އެއް ކަމެއްގައި ބަސްބުނެ ނަޒަރިއްޔާތައް އެކުލަވާލާފައިވަނީ ކޮން ކަމަކާ މެދުގައިތޯ ސުވާލުކޮށްފި ނަމަ، އޭގެ ޖަވާބަކަށްވާނީ އަންހެނުންނާ ބެހޭ ގޮތުންކަމުގައެވެ. ނުވަތަ އަންހެނުންނާއި ލޯތްބާ ބެހޭ ގޮތުންނެވެ. އޭގެ ތެރެއިން ބައެއް ނަޒަރިއްޔާތައް ޒަމާނާއި ހާލަތާއި ތަނުގެ ގޮތުން ހަގީގަތަކަށް ވަނީ އެކި މިންވަރަށެވެ. މިއީ ވެސް އޭގެ ތެރެއިން ބައެއް ނަޒަރިއްޔާތަކެވެ. މީގެ ތެރޭގައި ދިވެހި އަންހެނުންނަށް މުނާސަބު ވާހަކަތަކެއް ވެސް ހުރެދާނެއެވެ.

އަންހެނުންނަކީ އަރަތެކެވެ. އެ އަރަތުގެ ތަޅުދަނޑިއަކީ އެންމެ ލަފްޒެކެވެ. އެއީ ލޯތްބެވެ.

މާތް އަންހެނަކީ ޖަވާހިރުގެ ކަންޒެކެވެ. އެކަންޒުން ކޮންމެ ދުވަހަކު އައު ޖަވާހިރެއް ފެންނާނެއެވެ.

ބުއްދިވެރި އަންހެނާ، ފިރިހެނާ އަށް ބުނާ ކޮންމެ ބަހެއްގައި ފޮނިކަން އެކުލަވައެވެ. އަދި ފިރިހެނާ އަންހެނާ އަށް ބުނާ ކޮންމެ ބަހެއްގައި ހިތިކަމެއްވާ ކަން ސާބިތުކޮށްދެއެވެ.

އެންހެނާގެ ރީތިކަމަށްޓަކައި އޭނާއާ ކައިވެނިކުރުމަކީ، ގެއެއްގެ ބޭރުގައި ލާފައި ހުންނަ ކުލައިގެ ރީތިކަމުން އެ ގެ ގަތުން ފަދަ ކަމެކެވެ.

މޮޔައަކާ ޖަދަލު ނުކުރާށެވެ! އެހެނީ ތިޔަ ދެ މީހުން ވަކިކުރަން މީސްތަކުންނަށް ނުއެނގިދާނެތީއެވެ.

އަންހެނުންގެ ނަޒަރުގައި ސިއްރު ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ތާކުންތާކު ނުޖެހޭ ބޭކާރު ސިއްރެވެ. އެ ބާވަތުގެ ސިއްރު ހިފަހައްޓާކަށްނުޖެހެއެވެ. ދެ ވަނަ ބާވަތަކީ ވަރަށް މުހިންމު ސިއްރެވެ. އެ ފަދަ ސިއްރު ހިފެހެއްޓުމަކީ ކުޅަދާނަ ކަމަކަށްނުވެއެވެ.

އިންސާނުންގެ ތެރޭގައި އުޅެނީ އަންހެނުން ދެނެގަންނަން ނުއެނގޭ ތިން ބާވަތެކެވެ. އެއީ ކުޑަކުދިންނާއި ޒުވާނުންނާއި މުސްކުޅިންނެވެ.

ފިރިހެނާ އަބަދު ވެސް އޭނާ ބޭނުންވާ ގޮތް އަންހެން މީހާ ގާތު ބުނާނެއެވެ. އެކަމަކު އެންހެނާ އަބަދު ވެސް އޭނާ ބޭނުންވާ ގޮތަކަށް ފިރިހެން މީހާއާ މެދު އަމަލުކުރާނެއެވެ.

ފެޝަން ހައުސްތަކުގައި އަންހެން ކުދިން ހުށަހަޅައިދެނީ އެ ކުދިންގެ ލޫޅާފަތިކަމާއި ފަރިކަމެވެ. ނަމަވެސް ފިރިހެނުން ހުށަހަޅައިދެނީ އެ މީހުންގެ ފައިސާ ދަބަހެވެ. (ވޮލެޓެވެ.)
ކައިވެނީގެ ކުރިން އަންހެން ކުދިން ފިރިހެން ކުދިންނާ ވާހަކަ ދައްކާނީ އެ ކުދިންގެ ހިތުންނެވެ. ކައިވެންޏަށް ފަހު ދުލުންނެވެ.

ފިރިހެނެއްގެ ކުރިމަތީގައި ގޯހެއް ހެދިއްޖެ ނަމަ އެންމެ ބުއްދިވެރި ގޮތަކީ އެ ކަމަށް މައާފަށް އެދުމެވެ. އަންހެނެއްގެ ކުރިމަތީގައި ނަމަ، ތިބާ އަށް ގޯހެއް ނުހެދުނު ކަމުގައި ވިޔަސް އެންމެ ބުއްދިވެރީ މައާފަށް އެދިއެދި ހުރުމެވެ.

ސިފަ ހުތުރު އަންހެނުން އެ މީހުންގެ މޫނު ބަލަނީ ލޯގަނޑުންނެވެ. ރީތި އަންހެނުން އެ މީހުންގެ މޫނު ބަލަނީ އަނެކުންގެ މޫނުންނެވެ.

އަބަދު ވެސް ކަންކަމުގައި އަނބިމީހާއާ މަޝްވަރާކުރާށެވެ. އެއަށް ފަހުގައި ތިބާ އަށް ފެންނަ ގޮތަކަށް އެ ކަމެއް ތަންފީޒުކުރާށެވެ.

ބޮޑާހާކައި ރޯ އަންހެނާ މަސަލަސްކުރަން އުޅުމަކީ، ކޮޅިގަނޑެއްގެ ތެރޭގައި ހުރެ ނޫހެއްގެ ޞަފްޙާތައް ތަރުތީބުކުރަން އުޅުން ފަދަ ކަމެކެވެ.

އަންހެނާ އުށްބައްތިއެއް ފަދައެވެ. އެ ބައްތީގައި ހިފާނެ ގޮތް ފިރިހެނާ އަށް އެނގިއްޖެ ނަމަ، އެ މީހެއްގެ މަގަށް އަލިކޮށްދޭނެ އެވެ. އެ ބައްތީގައި ހިފަން ނުއެނގިއްޖެ ނަމަ، އަތް އަނދައިފާނެއެވެ.

އަންހެނާ އެންމެ އެއްގޮތްވާނީ ނޫހަކާއެވެ. އެ ޚަބަރެއް އިވުނު ގޮތަކަށް ފަތުރާނެއެވެ.

ފިރިހެނެއްގެ ކިބައިން ފެންނާނެ ތެދުވެރި ލޯބީގެ އެންމެ ފުރަތަމަ ސިފައަކީ ލަދުގަތުމެވެ. އަންހެނެއްގެ ކިބައިން ނަމަ، ޖެހިލުންކުޑަކަމެވެ.

ލޯބީގެ ދުވަސްވަރު އަންހެން ކުއްޖާ ލޯބީގެ ބަސްތައް އޮއްސަމުންދާ އިރު ފިރިހެންކުއްޖާ އިންނާނީ ކަނުލައި އަޑުއަހާށެވެ. ކައިވެނިކުރާ އިރު ވާހަކަ ދައްކާނީ ފިރިހެން ކުއްޖާއެވެ. ކައިވެންޏަށް ފަހުގައި ދެމަފިރިން ވާހަކަ ދައްކާ އިރު އެ އަޑު އަހާނީ އަވައްޓެރިންނެވެ.

ދެ އަންހެނަކު އެއްތަންވެއްޖެ ނަމަ، ކޮންމެ މީހަކު ވެސް ވަކާލާތުކުރާނީ އޭނާއަކީ އެންމެ ބުއްދިވެރި އަދި މަގާމުގެ ގޮތުން މަތީގައި ހުރި މީހާ ކަމަށާއި އަދި އަނެކާ އަށް ވުރެ ހަގު މީހާ ކަމަށެވެ.

އަންހެނާ ކަލަންޑަރެއް ފަދައެވެ. ދުވަހުން ދުވަހަށް ދާނީ ބަދަލުވަމުންނެވެ.

އަނބިމީހާ، ލޯނު ދޫކުރާ ބޭންކެއް ފަދައެވެ. އޭނާގެ ފަރާތުން ދޭ ޚިދުމަތްތައް އަބަދުވެސް ފިރިމީހާ އަށް ހަނދާންކޮށްދޭނެއެވެ.

ފިރިހެނާ އަބަދު ވެސް އަންހެނާގެ ކިބައިން އެދެނީ އޭނާ ދެނެގަތުމަށެވެ. (އަންޑަސްޓޭންޑްވުމަށެވެ.) އަންހެނާ އަބަދު ވެސް ފިރިހެނާގެ ކިބައިން އެދެނީ އޭނާ ދެކެ ލޯބިވުމަށެވެ. ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ޚިލާފު އުފެދެން ފަށަނީ އެ ހިސާބުންނެވެ.

އަންހެނަކު އިޚްތިޔާރުކުރުން ހަނގުރާމައެއް ފަދައެވެ. ހެދޭ އެންމެ ގޯހަކުން ކުރިމަގު އެކުގައި ޚަރާބުވެދާނެއެވެ.

މާތް އަންހެނާ، ފަތްޖަހާލެވިފައިވާ ފޮތެއް ފަދައެވެ. އޭނާގެ ޙަޔާތުގައި ބައިވެރިކުރަން އިޚްތިޔާރުކުރާ ފިރިހެނަކަށް މެނުވީ އެ ފޮތެއް ނުކިޔޭނެއެވެ.

ފިރިހެނެއްގެ ހަށިގަނޑުން އެންމެ ފަހުން މަރުވަނީ އޭނާގެ ހިތެވެ. އަންހެނެއްގެ ހަށިގަނޑުން އެންމެ ފަހުން މަރުވަނީ އޭނާގެ ދުލެވެ.

ފިރިހެނަކު އަންހެނަކު ދެކެ ލޯބިވެއްޖެ ނަމަ، އެ ކަނބުލޭގެއަށްޓަކައި އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އެންމެ ކަމެއް ފިޔަވައެވެ. އެއީ އެ ލޯބީގައި ދެމިހުރުމެވެ.
އަންހެނަކަށް ފިރިހެނަކު ދެނެގަނެވިދާނެއެވެ. ނަމަވެސް އަންހެނަކަށް ނޫނީ އަންހެނަކު ދެނެއެއްނުގަނެވޭނެއެވެ.

އަންހެންކުއްޖަކު މި ދުނިޔެ މަތިން އެދޭނީ އެންމެ ކަމަކަށެވެ. އެއީ ކައިވެންޏެއް ކުރެވުމެވެ. ކައިވެނިކުރެވިއްޖެ ނަމަ ހުރިހާ ކަމަކަށް އެދޭނެއެވެ.

ދެމަފިރިންގެ ދެމެދުގައި މައްސަލައެއް ޖެހޭ ހިނދު ގޯސް ހެދުނީ އަންހެން މީހާއަށް ކަމަށްވާ ނަމަ، އޭނާ ވަރަށް އަވަހަށް އެ ކަމަކަށް މައާފްކުރާނެއެވެ.

އަންހެނާ، މާމުއި ކުޅަނދުރެއް ފަދައެވެ. މާމުއި ދޭނެއެވެ. އަދި ހަމަ އެއާއެކު ކަށިވެސް ޖަހާނެއެވެ.

އަންހެނަކު ފަސޭހަކަމާ އެކު މޮޔަކޮށްލަން ބޭނުން ނަމަ، މޫނުބަލާ ލޯގަނޑެއް ނުފެންނަ ތަނެއްގައި އެއް ދުވަސްވަންދެން އޭނާ ގެންގުޅެލާށެވެ.

ލޯބި، ހަނދެއް ފަދައެވެ. ފެށޭނީ ނިޔަރޮއްޖެއް ފަދަ ހުޅެވި ހަނދެއްގެ ގޮތުގައެވެ. އެއަށް ފަހު އުޖާލާ ފޮއިމަތީ ހަނދެކެވެ. އަދި އޭގެ ފަހުގައި މަޑުމަޑުން އޭގެ އަލިކަން ފިލައިދެ އެވެ.

ކޮންމެ އިންސާނެއްގެ ހަޔާތުގައި ދެ ހިތާމައަކާ ބައްދަލުވެއެވެ. ފުރަތަމައީ އޭނާގެ ލޯބި އޭނާގެ އަތުން ބީވެދާ ހިނދެވެ. ދެ ވަނައީ އެ ލޯބި އަލުން އަނބުރާ ލިބޭ ހިނދެވެ.

ލޯބި ބެހެނީ ދެ ބަޔަކަށެވެ. އެއީ ނާކާމިޔާބު ލޯތްބާއި ކާމިޔާބު ލޯތްބެވެ. ފުރަތަމަ ހާލަތުގައި މަހެއްހާ ދުވަހު އެ ކަމުގެ ހިތާމައިގައި އުޅޭނެއެވެ. ދެ ވަނަ ހާލަތުގައި މުޅި ޙަޔާތުގައި ވެސް އުޅޭނީ ހިތާމައިގައެވެ.

ރުޅިއައިސްފައި ހުރި އަންހެނަކާ ޖަދަލުނުކުރާށެވެ. އޭރުން ތިބާގެ ވަގުތު ގެއްލޭނީއެވެ. ރުހި ގަބޫލުވެގެން ހުރި އަންހެނަކާ ޖަދަލުނުކުރާށެވެ. އޭރުން އޭނާގެ ވަގުތު ގެއްލުނީއެވެ.
އިންނަން ބޭނުންވެފައިވާ އަންހެނާއީ އެންމެ ރީތި އަންހެނާއެވެ. އެކަމަކު އެއީ ކައިވެނިވެއްޖައުމަށް ދާންދެނެވެ.

އަންހެނާގެ ހިތް، މާވަހަރު ފަދައެވެ. މާވަހަރު ވެސް އެންދުމުން މެނުވީ އޭގެ ޙަޤީޤީ ވަހެއް ނުނުކުންނާނެއެވެ.

ހުތުރު އަންހެނާއީ ބަނޑަށް ލިބޭ ރިހުމެކެވެ. ރީތި އަންހެނާއީ ބޮލު ރިހުމެކެވެ.

ލޮލުން ބަލައިގެން އަންބަކު އިޚްތިޔާރު ނުކުރާށެވެ. ކަންފަތުން އަހައިގެން އިޚްތިޔާރުކުރާށެވެ!

މައިދައިތަގެ ދުލާއި ބަޑީގެ އުންޑައިގައިވަނީ އެންމެ ތަފާތެކެވެ. އެއީ ބަޑީގެ އުންޑައަކުން މަރުވާނީ އެންމެ ފަހަރަކުއެވެ.

އަންހެނާ އޭނާގެ އުމުރު ބުނާނީ ދެ ބައިކުޅަ އެއްބައެވެ. އޭނާގެ ހެދުމުގެ އަގު ބުނާނީ ތިން ގުނައަށް ބޮޑުކޮށްފައެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާގެ އުމުރު ބުނާނީ ފަސް އަހަރު އިތުރުކޮށްފައެވެ.
-------------------
(ނިމުނީ)

މި ލިޔުން:

      ފޮނުވުން:     އަލްފާޟިލް އަޙްމަދު ޢަބްދުﷲ ސަޢީދު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
      އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް


އިދާރާ

ވާހަކަ