އަދުގެ ޚާއްސަ

Print

ވަޢުދު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

މުސްކުޅިޔަކު ބޮޑު ދަރުބާރަކަށް ވަދެގެން އަތުވެއްޖެ އެވެ. އެދަރުބާރުވަނީ މީހުންތަކުން ފުރިބާރުވެފައެވެ. އޭނާ ވަދެގެންއައީ އެއްވެސް ބިރެއް ޖެހިލުންވުމެއް ނެތިއެވެ. ދަރުބާރުގައި ތިއްބެވި އެންމެހައި އަމީރުންނާއި، ވަޒީރުން ތިއްބެވީ ހައިރާންފުޅުވެފައެވެ. އެއީ، އެ މުސްކުޅިމީހާގެ ހިތްވަރުގަދަކަމާއި، ޖެހިލުން ކުޑަކަން ދެކެވަޑައިގެންފައެވެ. އަދި އެ ބޭފުޅުންގެ ހިތްޕުޅަށް އެރިއެވެ. މިއަދު އެ މުސްކުޅި ފަކީރުގެ ޙަޔާތުގެ ބައްތި މުޅިން ނިވޭނެ އެވެ. ނަމަވެސް ރަސްގެފާނު ނިތްކުރިފުޅަށް އެންމެ ރުލެއް ވެސް އަރުވައިނުލައްވައި ވިދާޅުވިއެވެ.

"ބޭބޭ، ކިހިނެއްވީ؟ ކޮން ކަމަކު ތިޔަ އައީ؟"

"މާތް ރަސްގެފާނުގެ އަތްޕުޅުން ނިކަމެތި އަޅުގަނޑުގެ ދަރަނި ހޯދަން އާދެވުނީ" މުސްކުޅިޔާ މިހެން ދެންނެވިއެވެ.

"އަހަރެން ބޭބެއަށް ދެރީ ކިހިނެއް؟" ރަސްގެފާނު ސުވާލުކުރެއްވިއެވެ.

"މާތް ރަސްގެފާނު އެކަން ހަނދުމަފުޅު ނެތިއްޔާ އެ ކަމާ އަޅުގަނޑު އެއްޗެއް ދެންނެވުންވާނީ، ބޭކާރު ކަމަކަށް ނޫންތޯ؟ ވީމާ ނިކަމެތި އަޅުގަނޑަށް ދިއުމުގެ އިޒުނަ ދެއްވާ" މިހެން ދަންނަވައިފައި މުސްކުޅިޔާ ބޭރަށް ނުކުންނަން ހިނގައިގަތުމާއެކު ރަސްގެފާނު ވިދާޅުވިއެވެ. "ނޫނޭ، ނޫނޭ، ބޭބޭ! ބޭބެގެ ދަރަނި ހޯދައިގެން ނޫނީ ގޮސްގެން ނުވާނެ." މުސްކުޅިޔާ ކުއްލިއަކަށް ހުއްޓިއްޖެއެވެ. އަދި ދެންނެވިއެވެ.

"މާތް ރަސްގެފާނު! ސަރަންގާޕަޓަމްގެ ފަރުބަދަތަކާ ދާދި ކައިރީގައި ޖަންގައްޔެއް އޮވޭ ނޫންތޯ؟ ނިކަމެތި އަޅުގަނޑުގެ ޖިފުޓު ގަނޑު ހުންނަނީ އެތާނގައި. މަނިކުފާނު ވަލީޢަހްދަކަށް ހުންނެވި ދުވަސްވަރު އެއްފަހަރު ޝިކާރަކުރައްވަން ނިކުމެވަޑައިގެން އުޅުއްވަމުން މަނިކުފާނުގެ އެކުވެރީންނާ ވަކިވެވަޑައިގެންނެވި. ދެން ވަރަށް ބޮޑަށް ކަރުފުޅު ހިއްކައިގަނެގެން ހުންނަވައި ނިކުމެވަޑައިގެންނެވުނީ އަޅުގަނޑުގެ ޖިފުޓިގަނޑާ ދިމާއަށް. އެ ދުވަހު ފެންފޮދުހިއްޕަވަން އެދިވަޑައިގަތީމާ، އަޅުގަނޑު މަނިކުފާނަށް ހިއްޕަވަން އެރުވީ އަންނާރު ޝަރުބަތު. ދެން މަނިކުފާނު އެ ހިއްޕަވައި ކަރުފުޅު ހިއްކުން ފިލުއްވައިލެއްވުމަށްފަހު ވިދާޅުވި. "ބޭބޭ! އަހަރެން ބޭބެގެ ތިޔަ ހެޔޮކަމަށް ވަރަށް ބޮޑަށް އުފާކުރަމޭ. ކޮންމެވެސް އެއް ދުވަހަކުން ގަނޑުވަރާ ހިސާބަށް އާދެވިއްޖިއްޔާ އަހަރެންގެ ދަރުބާރަށް އައިސް އިނާމުހޯދަންވާނޭ. ބޭބެގެ ތިޔަ އިނާމަކީ، އަހަރެންގެ މައްޗަށް އޮތް ދަރަންޏެކޭ. އަޅުގަނޑަށް މި ހިސާބަށް އާދެވުނީ މިއަދު. އެހެންވީމާ، އެތައް އަހަރުތަކެއްގެ ފަހުން  ނަމަވެސް މި އައީ، އެ ދަރަނި ލިބޭތޯ؟"

"ބޭބޭ، އަހަރެން މިހާރު ހަނދާންވެއްޖެ. ރަސްކަލުންނަކީ ބުނާ ބަހުގެ އިތުބާރު ބަހައްޓާ ބަޔެއް. އެހެންވީމާ، ޚުދު ބޭބެ ބުނޭ. އެ ދަރަނި އަދާކުރަންވީ ކިހިނެއް؟" ރަސްގެފާނު އައްސަވައިލެއްވިއެވެ.

"މާތް ރަސްގެފާނު! އަޅުގަނޑު އެ އަންނާރު ޝަރުބަތު ތަށީގެ ބަދަލުގައި މި ރަސްކަމުގެ ދެބައިކުޅަ އެއްބައި ދެއްވުމަށް ދަންނަވަން." މުސްކުޅިޔާ ދެންނެވިއެވެ.

މުޅި ދަރުބާރު ހިމޭންވެއްޖެއެވެ. ޚުދު ރަސްގެފާނުވެސް ކުޑައިރުކޮޅަކަށް ހިމޭންވެވަޑައިގަތެވެ. އެއަށްފަހު ވިދާޅުވިއެވެ. "ބޭބޭ! އަހަރެން ބޭބޭގެ ތިޔަ މަޤްޞަދް ފުއްދައިދޭން ތައްޔާރު"

މުޅި ދަރުބާރު ވެސް އަދި ޚުދު މުސްކުޅިޔާ ވެސް ހައިރާންވެއްޖެއެވެ. ހަމަ އެވަގުތު އޭނާ ދެންނެވިއެވެ.

"މަތިވެރި މާތް ރަސްގެފާނު! އެއްވެސް ޝައްކެއްނެތް ގޮތުގައި މަނިކުފާނު، މަނިކުފާނުގެ ވަޢުދުފުއްދަވައިފީމު. މިހާ ހިސާބުން ނިކަމެތި އަޅުގަނޑު، އަޅުގަނޑުގެ އެދުން އަނބުރައި ގެންނަން. އަޅުގަނޑަށް އެންމެ ފެންތަށްޓެއް ދެއްވަނިކޮށް އެންމެ ރަނގަޅު. އެއީ ދަރަނީގެ ޝަރުޠު ފުރިހަމަ ކުރުމަށްޓަކައި."    

މުސްކުޅިޔާގެ މި އެދުން ވަގުތުން ފުރިހަމަ ކޮށްދެއްވިއެވެ. އެއަށްފަހު، އެ މުސްކުޅިޔާގެ ގެއަކަށް ދިން ހިސާބު އަންނާރުގެ ބަގީޗާއަކަށް ހެދުމަށް ރަސްގެފާނު އަމުރުކުރެއްވިއެވެ.

ވަޢުދު މި ފުއްދެއްވި މާތް ރަސްކަލަކީ ޓީޕޫސުލްޠާނެވެ. އެރަސްގެފާނުގެ ހިތްވަރުފުޅުގަދަކަމާއި ޢަދުލު އިންޞާފުގެ ވާހަކަތަކަކީ މަޝްހޫރު ވާހަކަތަކެކެވެ.
-----------------
(ނިމުނީ)

(ނޯޓް: މިއީ އަލްފާޟިލު ޢަބްދުﷲ ޞާދިޤު ލިޔުއްވި "ތެދުވާހަކަ 1،2،3" މި ފޮތުން ނަކަލުކޮށްފައިވާ ވާހަކައެކެވެ.)

މި ލިޔުން:
      ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ