އަދުގެ ޚާއްސަ

Print

އެތެރެ ހާވިޔާވުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ލިޔުއްވީ: د. عبد الكريم بكار
ތަރުޖަމާ: ޝިފްޒާން އަޙްމަދު

މާތްﷲ ދުނިޔެ އުފައްދަވައި އެދުނިޔެއަކީ ޚިޔާރުކުރުމާއި، އިމްތިޙާނުކުރެވުމުގެ މައިދާން ކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެދުނިޔޭގައި އިމްތިޙާނަކަށް ބޭނުންވާނެ ހުރިހާ ސިފަތަކެއް ފުރިހަމައަށް ލެއްވިއެވެ. މިސަބަބަށްޓަކައި އަޅުގަނޑުމެންނަށް އަބަދުމެ، ދަތިތަކާއި ބުރަތަކުގެ ތެރޭގައި އުޅެންޖެހެއެވެ. ފެށުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތައް މައިގަނޑު ދެބަޔަކަށް ބަހައިލެވިދާނެއެވެ.
ފުރަތަމަ ބާވަތަކީ ބޭރުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އެއީ އަންނަނިވި ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެކެވެ.

1- އިސްލާމްދީނުގެ ހިދާޔަތު ލިބިފައިނުވާ ޒަމާނުގެ ކުރިއެރުންތަކާ ދުރު، ތަރައްޤީނުވާ ދަތި ވެއްޓެކެވެ. މިއީ ނޭދެވޭ އަސަރުތަކެއް ކުރުވާނެ ވެއްޓެކެވެ. އެހެނީ އެފަދަ ވެއްޓެއްގައި އުޅޭ މީހަކަށް ފެންނާނީ އަބަދުވެސް އަނދިރި ޞޫރައެކެވެ. ހަނދާނަށް އަންނާނީ ނާކާމިޔާބުވީ ފަހަރުތަކެވެ.
2- މަސައްކަތުގެ ފުރުޞަތުތައް ފުރިހަމައަށް ލިބެން ނެތުމެވެ. އެހެނީ މިކަމުގެ ސަބަބުން ތިމާ މީހާއަށް ލިބިފައިވާ ހުރިހާ ހުނަރަކާއި ތަޖުރިބާއަކާއި ޢިލަމަކީ ބޭނުން ނުހިފޭ ފައިސާ ފޮތްޗެއް ފަދައިން ޞިފަވެއެވެ.
3- ޢާއިލާގެ ތެރޭގައި އުފެދޭ މައްސަލަތަކެވެ. މިއީ ބައްޕައިންގެ ހަރުކަށިކަމާއި ދެމަފިރިންގެ ދޭތެރޭގައި ހިނގާ އަރާރުންވުންތަކާއި ޒުވާބުތަކެވެ.
4- ތެދުވެރިޔާ ތެދުވެރިކަންމަތީ ހުރުމަކީ އޭނާއަށް ލިބޭ އަދަބެއް ކަމުގައި ހަދައި، ފާސިދުންނަށް ހެލިފެލިވެ އުޅުން ލުއިކޮށްދޭ، ނުރައްކާތެރި ޢާންމު އިދާރީ ފަސާދައެވެ. ނުވަތަ ކަރަޕްޝަނެވެ.
 
5- މީހާއާ ކުރިމަތިވާ ކޮންމެ ނިކަމެތިކަމެއްގައި އޭނާގެ ހިތްވަރު އެލުވައިލައި ނިކަމެތިކޮށްލާ މީހުން ގިނަވުމެވެ.
6- ޠަބީޢީ ގޮތެއްގައި ދިރިއުޅުމުގެ ކަންކަން ގެންދިއުމަށް ހުރަސްއަޅައި، މީހާގެ ޙަރަކާތްތެރިކަން ކަނޑުވާލާ ނުރައްކާތެރި ބައްޔެކެވެ.
 
މިގޮންޖެހުންތަކަކީ ހުރިހާ ވަގުތެއްގައިވެސް އަދި ހުރިހާ ތަނެއްގައިމެ ހުންނަ ކަންކަމެވެ. މިއީ އާދަމުގެ ދަރީން އިމްތިޙާންކުރާނެ އާލާތްތަކެކެވެ. ސާބިތުވެފައިވާ ޙަޤީޤަތަކީ މީހާގެ ޒާތުގެ ބޭރުން އުފެދިގެން އަންނަ ކޮންމެ ގޮންޖެހުމަކީ ނުވަތަ ބޭރުގައި ހުންނަ ގޮންޖެހުންތަކަކީ ހަވާސާގައި ހުންނާނެ ކަންތައްތަކެއްކަމެވެ. އަދި އެކަންކަމަކީ ރަނގަޅު ކަންތައްތަކެއް ކަމުގައި ހެދިދާނެއެވެ. އަޅުގަނޑުމެންގެ ކިބައިގައިވާ ފޮރުވިފައިވާ ބާރުތައް ނެރެވިއްޖެނަމައެވެ. އަދި އަމާންދިނުމާ ދެކޮޅު ހަދައި މަނާވެގަތުމުގެ ރޫޙެއް އަޅުގަނޑުމެންގެ ކިބައިގައި އޮތް ނަމައެވެ. ކީރިތި ޤުރުއާނުގެ ޙިކުމަތްތެރި އާޔަތްތަކަށް ވިސްނައިފި މީހަކަށް އެގޭނެފަދައިން ކުރީގެ އުންމަތްތައް ހަލާކުކޮށްލެއްވުނީ އެބައިމީހުންނަށް ލިބިފައިވާ ވެއްޓާމެދުގައި މުޢާމަލާތްކުރުމުގައި ނުކުޅެދުންތެރިވެގެންނެއްނޫނެވެ. ވާދަވެރިންގެ ޙަމަލާތަކާއި ޢަދާވާތްތެރިންގެ މަކަރުވެރި ރޭވުންތަކުގެ ސަބަބުންނެއްވެސް ނޫނެވެ. އެހެންނަމަވެސް އެއީ އެބައިމީހުން ޙައްޤު މަގުން ކަސިޔާރުވީމައެވެ. އަދި އެބައިމީހުންގެ އެދުންތަކާއި ޝަހުވަތްތަކުގެ ކުރިމަތީގައި އެބައިމީހުން ބަލިވީމައެވެ.

ދެވަނަ ބާވަތުގެ ގޮންޖެހުންތަކަކީ އަންނަނިވި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ނަފްސާނީ އަދި ފިކުރީ ގޮންޖެހުންތަކެވެ. ނުވަތަ މައްސަލަތަކެވެ.

1- އަމިއްލަ ނަފްސު ނިކަމެތިކުރުމާއި، އަދި ތިމާއަށް ލިބިފައިވާ ހުނަރުތަކަކީ، އަގެއް ހުރި ކަމެއް ޙާޞިލުކުރުމުގައި ބޭނުމެއް ނުހިފޭ ކަންތައްތަކެއް ކަމުގައި ޤަބޫލުކުރުމެވެ. މިހެންމިކަން މެދުވެރިވަނީ ގޭގައި ދެވޭ ތަރުބިއްޔަތު ރަނގަޅު ނުވުމުންނާއި، މަދުރަސާގައި ދެވޭ ތަޢުލީމުގައި ހުރި އުނިކަމެއްގެ ސަބަބުންނެވެ.

2- ކާމިޔާބު ނޫން މަސައްކަތްތަކެއް ކުރެވުނީތީ، މާޔޫސްވެ ނާއުންމީދުވުމެވެ. އެތައް ފަހަރެއްގެ މަތިން ސާނަވީ އިމްތިޙާނުގައި ބައިވެރިވުމަށް އުޅެ އެކަމުގައި ނާކާމިޔާބުވާ މީހެއް ފަދައިންނެވެ.

3- ބޮޑެތި ކަންތައްތަކެއް ކުރުމަށްޓަކައި ނަގަންޖެހޭ "ރިސްކު" ނަގަން ނުކެރުމެވެ. ހުރިހިސާބުގައި ނުވަތަ ފަހަތުގައި ހުރުމަށް އެދެވެނީއެވެ. މިކަމުގެ ސަބަބުން އިންސާނާ ދިރިއުޅުމުގެ ހަވާސާގައި ހުންނަންޖެހިދެއެވެ. އަދި މުޅިންވެސް މީހުން ކާކެއުމުން ބާކީ އެތިކޮޅު ހޮވާ މީހަކަށް ބަދަލުވެއެވެ.
4- ޝަޚުޞީ ދިރިއުޅުން ރާވައި ޕްލޭންކުރުމަށް ބިރުގަތުމެވެ. މީސްތަކުންކުރެ 95% މީހުންގެ ޙާލަތަކީ މިއީއެވެ. އާގޮތެއްގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭތީ ޖެހިލުންވަނީއެވެ. މިބިރުގަތުމުގެ ސަބަބަކީ ބައެއްކަހަލަ އެދުންތަކާއި، ބައެއް ޢާދަތައް ދޫކޮށްލައި އެކަންކަމުން މަޙުރޫމުވާންޖެހޭ ޖެހުމެވެ.

5- ކުރެވޭ ކޮންމެ ކުށަކަށް ނުވަތަ ފަރުވާކުޑަކުރެވޭ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރިކުރަންވީ ވަރަށްވުރެ ބޮޑަށް ކުށްވެރިކުރުމެވެ.

ކީއްކުރާނީ؟


ހ. އުންމަތްތަކުގު ތާރީޚުން ޖަމާޢަތަތްތަކާއި ފަރުދުންގެ ތާރީޚު ބަލައި ދިރާސާކުރާ މީހަކަށް ވަރަށް މުހިއްމު ޙަޤީޤަތެއް ފެންނާނެއެވެ. އެއީ އަޅުގަނޑުމެން އިންސާނުންނާ ކުރިމަތިވެފައިވާ މައްސަލައަކީ ވަސީލަތްތަކާއި ބާރު މަދުވުމާއި ނެތުމުގެ މައްސަލައެއްނޫނެވެ. އެހެނަސް އެމައްސަލައަކީ ދެކަމެއްގެ މައްޗަށް އެކުލެވިގެންވާ މައްސަލައެކެވެ.
ހިންމަތްތެރިކަން ބަލިވުމާއި ރަނގަޅު ގޮތުގައި ލިބިފައިވާ ނިޢުމަތްތައް ބޭނުންނުކުރެވުމެވެ. މާތްﷲގެ ވަޖިހުފުޅު އަދައިގެން ކުރާ މަސައްކަތަކުން ވަރުގަދަ ހިތްމަތެއް ބިނާކުރެވިދާނެއެވެ. އަޅުގަނޑުމެން ދަންނަ ވަރަށް ގިނަބަޔަކުވަނީ އެބައިމީހުންގެ ކިބައިގައި ހުރި ނުރަނގަޅު އާދަތައް ދޫކޮށް އިޞްލާޙުވެފައެވެ. އަދި އެބައިމީހުންގެ ވަގުތުތައް ހޭދަކުރާނެ ގޮތުގެ ރަނގަޅު މަޝްރޫޢުތައް އެމީހުން އެކުލަވައިލިއެވެ. އާދައިގެ މީހުންނަށްވުރެ ދެރަ ބައެއްކަމުގައިވުމަށްފަހު، ވަރަށް ހަރުދަނާ ބަޔަކަށް އެމީހުން ބަދަލުވެއްޖެއެވެ. އެކީ ހަލާކުގެ ތުންފަތްމަތީގައި ވަނިކޮށް އައު ހިންގުންތެރިކަމެއް ލިބުމުގެ ނަޞީބު މެދުވެރިވުމުގެ ސަބަބުން، ކާމިޔާބު ފައިދާ ލިބޭ މުއައްސަސާތަކެއްކަމުގައިވި އެތައް މުއައްސަސާއެއް އަޅުގަނޑުމެންނަށް އެގެއެވެ. އެހެންކަމުން ރަނގަޅު ކުރުމުގެ މަގު ވަނީ ހުޅުވާލެވިފައެވެ. އެހެންނަމަވެސް ބަދަލެއްނެތި އެއްވެސް ކަމެއް ނުވާނެއެވެ.

ށ. އަހަރެމެންނަށް މާޔޫސްކަމާއި ނާއުންމީދު އިޙުސާސްކުރެވޭ ހިނދުގައި މާތްﷲއާމެދުގައި އޮންނަ ގުޅުން އާކުރަމާ ބަހީއެވެ. އެގުޅުން ރަނގަޅުކުރުމުގެ ގޮތުން އެކަލާނގެއާ ކުއްތަން ކުރުވަނިވި ޢަމަލުތަކާއި ހެޔޮކަންކަން ކުރުން ގިނަކުރާނީއެވެ. އަދި އެކަލާނގެއާމެދު ހެޔޮކޮށް ވިސްނައި، އެކަލާނގެއަށް އެންމެހައި ކަމެއް ދޫކޮށްލާނީއެވެ. އެހެނީ ރޫޙާނީ ބަގުރޫޓުވުމަކީ އެކަމުގެ ސަބަބުން މުސްލިމާ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވައްޓާލާކަމެއްކަން ސާބިތުވެފައިވެއެވެ. އަދި އެކަމުގެ ސަބަބުން އޭނާއަށް ނުކުޅެދުންތެރިކަމުގެ އިޙުސާސްކުރުވައެވެ.
ނ. އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް ޔަޤީންކުރަންވީ ކޮންމެ މީހަކަށްވެސް ކުރިއަށްގޮސް ކުރާކަންކަން އިތުރަށް ރަނގަޅުކުރުމުގެ ފުރުޞަތު އެބަ އޮތްކަމެވެ. އެންމެ ދަތި އުދަގޫ ޙާލަތްތަކުގައިވީނަމަވަސްމެއެވެ. ކަންކަން ރަނގަޅުކުރުމުގެ ކުޅަދާނަކަން އަޅުގަނޑުމެން ކިބައިގައި އެބަ އޮތެވެ. އެހެންނަމަވެސް އެއީ ކަމެއް ނުވަތަ އެއްޗެއް އޮތުން، ކަމެއް ނުވަތަ އެއްޗެއް ނެތުމަށްވުރެ ރަނގަޅުކަމާއި ކޮންމެވެސް ދޮރެއް ހުޅުވުމަކާނުލައި އެއްވެސް ދޮރެއް ބަންދުނުވާނެކަން ޔަޤީންކޮށް ޤަބޫލުކުރުމުގެ ޝަރުޠު ފުރިހަމަކުރީމައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ކިބައިގައިވާ ތަރުބަވީ އަދި ސަޤާފީ އުނިކަމުގެ ސަބަބުން ބަންދުވީ ދޮރާމެދުގައި މަޝްޣޫލުވެވި، ހުޅުވުނު ދޮރު ނުވެސްފެނި ހިގައިދެއެވެ.

ރ. އެކަކީވެސް ބަލިކަށި މީހެއް ނޫނެވެ. އެހެންނަމަވެސް އެމީހެއްގެ ބާރުގެ ނުކުތާތައް ނޭނގޭ މީހަކު ހުރެދާނެއެވެ. މިއީ ފޮރުވުމެން ނެތް ޙަޤީޤަތެކެވެ. އަޅުގަނޑުމެން ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވަނީ އެމީހެއްގެ ކިބައިގައި ހުރި ވަރުގަދަ ނުކުތާތައް ދެނެގަނެ، އެނުކުތާތައް އިތުރަށް ބާރުގަދަކޮށް ކުރިއެރުވުމެވެ. އެކަންކަމަށް އަހަންމިއްޔަތުކަން ދިނުމާއި، އެކަންކަމުން ފައިދާ ލިބިގަތުމަށް މަސައްކަތްކުރުމެވެ. އެހައިރުން އޭނާގެ ޙާލަތަށް ހައިރާންކުރުވަނިވި ކުރިއެރުމެއް އަންނަތަން ފެންނާނެއެވެ.

ބ. އިންސާނާއަކީ އޭނާގެ ފިކުރުތަކުގެ ނަތީޖާއެކެވެ. އޭނާގެ ތަޞައްވުރުތައް ތަނަވަސްވީ މިންވަރަކަށް، އޭނާގެ ފިކުރުތައް ފުރިހަމަވެ، ކަވިވެގެން އައުދެއެވެ. އަދި އެކަމުގެ ސަބަބުން ތަނަވަސްގޮތެއްގައި ކަންކަން ރަނގަޅުކުރުމަށް މަގު ފަހިވެއެވެ. އަދި ތިމާއަކީ ބަލިކަށި، ނުކުޅެދުންތެރި މީހެއްކަމުގައި، އަދި އޭނާގެ ކުރިމަތީގައިވަނީ ދަތިކަމާއި އުދަގުލާއި ތޮއްޖެހުންކަމުގައި ޤަބޫލުކޮށްފިނަމަ، ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް ނުކުޅެދެއެވެ. މިކަމުގެ ސަބަބުން އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަމަށާއި، ހަތަރު އުދަރެސް ފެނުޖެހިފައިވާކަމުގައި އިޙުސާސްކުރެވެއެވެ.
 
ޅ. ކޮންމެ މީހެއްގެ މައްޗަށްވެސް ލާޒިމުވެގެންވަނީ އަހިވަކަކާޖެހި އަހިވަކެއް ފާވާނެކަމާމެދު، ސަމާލުވުމެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ މާޔޫސްކަމާއި ނާއުންމީދުވެފައިވާ މީހުންނާއި އަލިކަމެއްނެތް ތަޞައްވުރުތަކުގެ އަހުލުވެރިންނާ ދުރުވުމެވެ. އަދި ކާމިޔާބު މީހުންގެ ދުނިޔެއަށް ވަންނަންޖެހެއެވެ. އެއީ އެމީހުން ކިބައިން ނަފާ ލިބިގަތުމަށެވެ. އެމީހުންގެ ކާމިޔާބީގެ ސިއްރުތައް ރަނގަޅަށް ދަނެ ގަތުމަށެވެ. އިހުގައި އަދި ފަހުގައިވެސް، ހުރިހާކަމެއްގައި ފަހުގެ ބާރު ލިބިވޮޑިގެންވަނީ ކަށަކުޅަދުންވަންތަ މާތްﷲއަށެވެ.


ނޯޓު: މިލިޔުމުގެ އަޞްލު ސުރުޚީއަކީ الإنكسار من الداخل މާނައަކީ އެތެރެއިން ހަލާކުވުން މިހެނެވެ. ދިވެހި ބަހަށް ތަރުޖަމާކުރުމުގައި ރީތިކުރުމަށް ސުރުޚީ މަތީގައިވާ ގޮތަށް ބަދަލުކުރީއެވެ.

މުއައްލިފުގެ ކުރު ތަޢާރަފެއް: ޑރ. ޢަބްދުލްކަރީމް އަލްބައްކާރަކީ އިސްލާމީ ތަރުބިއްޔަތުގެ ދާއިރާގައި ފާހަގަކޮށްލެއްވޭ ބޭފުޅެކެވެ. އެބޭފުޅާއަކީ ގިނަ ޢަދަދެއްގެ ފޮތްތައްވެސް ލިޔުއްވާފައިވާ މުފައްކިރެއްވެސްމެއެވެ. މިފާލަމަށް ފިއްތައިލެއްވުމުން އެބޭފުޅާގެ ސައިޓަށް ވަޑައިގެންނެވޭނެއެވެ.
--------------------
   (ނިމުނީ)


މަޞްދަރު:ޤިއްޞަތުލް އިސްލާމް

މި ލިޔުން:

     ފޮނުވުން:  ޝިފްޒާން އަޙްމަދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް

އިދާރާ

ވާހަކަ