އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (20)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ



ސައިކުރާ އިބްރާހީމް ނަޢީމް
                                                     (23 މެއި 2011 އާ ގުޅޭ...)

އޭނާ ނިކުމެ ހަށިފޮޅައިލައިފި އެވެ. އަދި ހިތާހިތުން  ބުނެލި އެވެ. "އޮފީލިޔާގެ ދަހިވެތިކަމުގައި މިސްޓަރ ވެސްޓް ނުވަތަ "ރަތް ތަރި" ނުވަތަ އޭނާގެ ގާއިމްމަޤާމު މިހާރު އުފަލުގައި ދަތުރުކުރާނެ އެވެ. ސިންގަޕޫރަށް ގޮސްގެން އޮފިލިޔާ ފެނިއްޖެ ނަމަ ކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ހުއްޓެވެ." . . . . . . . . . . . . . . . . . . . . . . .

ރޭގަނޑު އެންމެ އަނދިރި ވަގުތެވެ. މެންދަމުން އަލިވެ 2 ޖަހަނީއެވެ. އަޙްމަދު ފިސާރި ފަރުވާތެރިކަމާއެކު ފިލައި އިނީ ރޭގައި އޭނާ ނިދަން އޮތް ގޭގެ ދޮރުމަތީގައި ހުރި ގަސްތަކެއްގެ ތެރޭގައެވެ. އެ ގޮތަށް ސާޅީހަކަށް  މިނިޓް ވަންދެން އިން ތަނާ އެއްކަލަ ޚާދިމް ކާނާ ހިފައިގެން ޖަލުގެއަށް ދިއުމަށްޓަކައި ގޭގެ  ތެރެއިން އެބަހަރަ ނުކުމެއެވެ. މަޑުމަޑުންއައިސް އަޙްމަދުއާއި އަރާހަމަވުމުން  ފުންމައިގެން  ތެދުވެ ޚާދިމްގެ ކަރުގައި ހިފައިފައި ހަލުވައިލުމުން  އޭނާގެ އެއްވެސް ޖަވާބެއް  ނެތި ބިންމައްޗަށް ވެއްޓި އިޚްލާސްތެރި ސުކޫތެއްގައި އޮވެއްޖެ އެވެ. އަހްމަދު އެ ތަންވަޅު އަވަސްވެގަތީ އެ ޚާދިމްގެ ހެދުންބާލައިފައި އަވަހަށް އޭނާ އެޅުމަށެވެ. އާދެ! ހައެއްކަ މިނިޓްގެ ތެރޭގައި ކިތަންމެހާވެސް ފުރިހަމައެއްކޮށް އަޙްމަދު އެ ޚާދިމަށްވެގެން  ކާނާހިފައިގެން ހިނގައިގެންފިއެވެ. ނަމަވެސް ޖަލުގެ ހުންނަނީ ކޮން ދިމާއެއްގައި ކަން ނޭނގޭކަމުން ގޭގެ ދޮރެއް ހުޅުވައިލައިފައި އުޑަފައިން އިށީދެ  ނިދައިފައި އެބަ އިނެވެ.

އެހެން އިންދައި، އެހެންމީހަކު އައިސް  ގޮވާލާފައި:- "ބަލަ އަދިވެސް ޖަލުގެ ކާނާ  ނުގެންދަނީ ހެއްޔެވެ؟

އަޙްމަދު:- އޫނ؟ ހޫނ! އުނހު! ނިދަން އޮއްވާ  ވާހަކަ ނުދައްކާ! ކަލޭވެސް އެކަން ފުރިހަމަ ކުރަން ބޭނުމީ ވިއްޔާ އަހަންނާ އެކުގައި  އެތަނަށް ގޮސްދީ! މިހެން ބުނުމުން އެމީހާ އަޙްމަދު ގޮވައިގެން  ޖަލުގޭގެ ކައިރިއަށް  ހިގައްޖެއެވެ. ދިޔަ މަގުމަތީގައި އޭނާ އަޙްމަދަށް ވަރަށް އެއްޗެތި ގޮވިއެވެ. ސަބަބަކީ އޭނާގެ ފަރުވާކުޑަކަމާއި ، ބާރުބާރަށް ޖަލުގޭގެ  ކާނާ ގެންގޮސް ނުދޭކަމެވެ.
                
މީގެ ޖަވާބަކަށް އަހްމަދު ބުނީ އެންމެ ޖުމްލައެކެވެ. އޭނާ ބުންޏެވެ. " ތިޔަބުނާ ހެނެއްވެސް ނުވެވޭނެއެވެ. އެއްކަލަރޭ ސާޅީއަޅާއިގެން  ހުއްޓާ ގެނެސް  ހައްޔަރުކުރީ ފިރިހެންމީހާ ގޮވާއެއްޗެތިންނާ އޭނާގެ މޫނުންދުވާ  ނުބައިވަހުން  ކައިރިވާންވެސް  ކެރޭވަރެއްނޫނެވެ. ވީމާ، އަހަންނަށް ދެން މިމަސައްކަތް ކުރެވޭނީ ގިނަވެގެނެވެސް  އެއްހަފްތާ ވަންދެންނެވެ. ކޮންމެއަކަސް  މިވާހަކާގެ  ތެރޭގައިވެސް  ޖަލުގެއަށް އަޙްމަދުވަދެ  އެބުނާ މީހާއަށް ކާންގޮވައިފިއެވެ.މިހާރު ފަހަތުން އައިމީހާވެސް އެބުރި (215  ވަނަ ޞަފުޙާ ނިމުނީ)  ހިނގައްޖެ އެވެ.

އަޙްމަދު: -   ރަޙްމަތްތެރި މިސްޓަރ އަންވަރެވެ! ޙާލަކީ ކޮބައިހެއްޔެވެ؟ ނަމަވެސް ޙާލުގެ ވާހަކަ ކިޔައިދޭނީ އަދި ފަހުންނެވެ. އިހަށް މިތަނުން ނުކުމެވެތޯ  ބަލަމާ ހިނގާށެވެ!

އަންވަރު:-     ނުކުންނަން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއީ ވާނޭކަމެއް ނޫނެވެ.

އަޙްމަދު:-     ނޫނެވެ. ދެންމިހާރު އެއްވެސް އުނދަގުލެއް ނެތެވެ. ހުރިހާ އުދަގުލެއް އަހަރެން އުފުލައި ފިމެވެ. މިތާގެ ވެރިޔާ މިސްޓަރ ވެސްޓްވެސް ވާނީ ބޯޓަކުން އޮފިީޔާ ހޯދަން ފޮނުވައިފައެވެ.

އަންވަރު:-     މިތާގެ ވެރިޔާ މިސްޓަރ ވެސްޓޭ؟ އެއީ ރަތްތަރިއެވެ. ހުރިހާ ސިއްރެއް  އަހަރެންނަށް މި ޙާލުގައި އޮވެގެން ހިފިއްޖެއެވެ. މިހެން ބުންޏަސް ވެސްޓޭ ތިޔަބުނި މީހަކީ އެއީ ކަމެއްނޭނގެއެވެ. ބޭކަރް ފިޔަވައި ވެސް އަދި ދެމީހުން އެއްވަރުގެ އުޅެއެވެ. އެކަކީ ހަމަ ޚާއްޞަ ރަތްތަރިއެވެ.

އަޙްމަދު:-      އެކުން ވާހަކަ ގިނަނުކޮށް މި ތަނުން ނުކުންނަމާ ހިނގާށެވެ! މަގު މި އޮތީއެވެ. އުނދަގޫ ކަމަކީ ބާރަށް ދުއްވައި ގަތުމެވެ. އެހާ ވަރު ކަލޭގެ ހަށިގަނޑުގައި ހުރިނަމަ ދެން އެއްވެސް މައްސަލައެއް ނެތެވެ.

އަހްމަދު އާއި އަންވަރު ބައެއްފަހަރު  ސިއްރުފިޔަވަޅުތަކެއް އަނެއްބައި ފަހަރު އަވަސް ފިޔަވަޅުތަކެއް  އަޅަމުން  ދުވަމުން ކަހަލަ ގޮތަކަށް އެ ޖަލުން ސަލާމަތްވެއްޖެ އެވެ. އެތަނުން ތިބޭނެ ގެއަކަށް ހެދީ އަޙްމަދު ކުއްޔަށް ހިފައިފައިހުރި ގެއެވެ. އެ ގޭގައި އެ ދެމީހުން ދިރިއުޅެން ފެށި ނަމަވެސް އަންވަރު ވަނީ މުޅިން ހަލާކުވެފައެވެ. މުޅިމޫނުވަނީ ދުޅަވެފައެވެ. ނިތްކުރިވަނީ ފަޅައިލައިފައެވެ.

އަންވަރު ކިޔައިދިން ވާހަކައިން އަޙުމަދަށް އެނގުނީ އޭނާ އެރޭ ހޮޓަލުން އަތުލައިގަނެގެން ގެނައި މަގުމަތީ ގައި  ކާރުތެރޭގައި  ތަޅައި އަނިޔާކުރި ކަމެވެ. ޖަލަށްލައިފައި ކުރާ ސުވާލަކީ އޮފީލިޔާގެ ސުވާލެވެ. އެގޮތަށް ހާނީއްކަ ކުރަނިކޮށް އޮފީލިޔާއާހެދި މޮޔަވެގެން އުޅޭ މީހެއްގެ އަޑު އިވިގެން  އެމީހުން ނުކުތީއެވެ. އެމީހަކީ  އަޙްމަދުކަމެއް ފަހަރެއްގައި ވެސް ހީކުރެވިފައެއް ނެތެވެ.

ޙާލުގެ ވާހަކަ ދެ މީހުން ދެ މީހުންނަށް ކިޔައިދީ އަވަދިވެއްޖެ އެވެ. މިހާރު ދެންއޮތީ އެންމެ ފިޔަވަޅެކެވެ! އާދެ! އަންވަރުގެ ޚިޔާލުގައި އަދި އެއް ރޭ ނައިޓްކުލަބަށް ދާންވާނެ އެވެ. ގޮސް އެތާގެ ނޯކަރެއް ހައްލައިލައިގެން އެތެރެއަށް ވަދެވެނިކޮށް  ބޭނުން ހުރިހައި ކަމެއް ސާފުވެދާނެ އެވެ.

ނައިޓްކްލަބްގެ މެންދަން:

އެޖެހީ  މެންދަމުން އަލިވެ އެކެކެވެ. މިސްޓަރ އަންވަރު ކަޅު ހެދުމެއްގައި ގޮސް ނައިޓްކުލަބްގެ "ނުރަސްމީ ފަރާތުގައި" ފިލައި ހުންނަތާ އިރުގަނޑެއް ވެއްޖެއެވެ. އެތަކެއް ހީ ގަނޑު ކުރެވުމަށްފަހު ކާމިޔާބުގެ ނިޝާން އަލިވަމުން އަންނަން ފަށައިފި އެވެ. ބަރުގޮނު އެޅުމެއް ޑައިނަމޯ ދިއްލުމެއްނެތި އައިސް މަޑުކޮށްލި ކާރަކުން ފޮރުވައިފައި ތިބި  ދެމީހަކު ނައިޓްކްލަބްގެ ދޮރުން ވަދެގެން ހިނގައްޖެއެވެ. ބައިގަޑިއެއްހާއިރު  ވުމަށްފަހު އެތަނުން އެކަކު ނައިޓްކްލަބުން ބޭރަށް ނުކުތުމަށްޓަކައި އެބަ އާދެއެވެ. އޭނާ ވެސް ހިނގުންގަނޑާއި ސިފައިން އެއީ މަޝްހޫރު ބޭކަރް ކަމާމެދަކު އެއްވެސް މައްސަލައެއް ނެތެވެ. އެހެންކަމުން ފަރުވާވެ ބަލަން ހުއްޓައި އަންވަރުގެ ކައިރިން އަޅައިފައި ބޭކަރް ވަދެގެން ހިނގައްޖެއެވެ. މިސްޓަރ ބޭކަރުގެ ހިނގުމާއި ހަރަކާތްތައް ކިތަންމެހައި ވެސް ރީއްޗެއްކޮށް ކޮޕީކޮށްފައިވާ ހިނގުމަކުން ހިނގައިފައި ގޮސް ޚާދިމަކަށް ގޮވައިލައިފި އެވެ. އޭނާ ގޮވައިލި މީހެއްގެ ނަން ދެންނެވުމަށްޓަކައި އުކައިލަން ޖެހެނީ މި ވާހަކައިގެ ތަންކޮޅެއް ކުރީގެ ޞަފްޙާތަކެކެވެ. އާދެ! ރަތްތަރީގެ ސިޓީތައް ކިޔަމުން ދިޔައިރު މިސްޓަރ ބޭކަރާއި ރަތްތަރިއަށް އެތަކެއް ޝައްކު ހިނގައިފައިވާ  އެ މީހުންގެ ޚާދިމެއްގެ ނަމާ ހަމައަށެވެ. ޝައްކެއްނެތެވެ. މިސްޓަރ ބޭކަރާއި ރަތްތަރި އެޚާދިމެއްގެ މައްޗަށް އެތަކެއް ޝައްކުކުރާ ޖޯނާ ހަމައަށެވެ.

އާދެ! ޖޯނަށް ގޮވައިލުމާއެކު ވަރަށް ކައިރީގައިހުރި ދޮރަކުން އޭނާ ނުކުމެގެން އަތުވެއްޖެ އެވެ. އައިސް ކައިރިއަށް ހުއްޓުމުން  ސުވާލުކުރާން ފެށިއެވެ. މި ވާހަކަ ދައްކަނީ ކާކުހެއްޔެވެ؟

ޖޯން:-   ތިޔައީ މިސްޓަރ ބޭކަރް ނޫންތޯއެވެ؟

ބޭކަރް:-  އެކަން އެނގުނުކަމާ މެދުވެސް ޝުކުރުކުރަމެވެ. ތަންކޮޅެއް ބޭރަށް ހިނގައިބަލާށެވެ. މިހެން ބުނެފައި  ޖޯންގޮވައިގެން  ނައިޓްކްލަބްގެ ދޮރުމަތީގައިވާ އަނދިރިގަނޑަކަށް ހިނގައްޖެއެވެ. ގޮސް ހުއްޓިފައި ފުރަތަމަ ވެސް ޖީބުން ނެގީ ފިސްތޯލައެކެވެ.

ބޭކަރް:-   ޙީލަތްތެރި އަދި ނުލަފާ ޖޯނެވެ! އަހަރެމެންގެ ނައިޓްކްލަބްއާއި އަދި ހުރިހާ ކަމެއްގެ ސިއްރުތައް  ޢާއްމުކޮށް ފާޅުކުރަނީ ކަލެއެވެ. ވީއިރު  އެކަމުގެ  އަދަބެއްގެ ގޮތުން ކަނޑައެޅި ނިމިފައި އޮތީ  ގިނަ ސުވާލަކާ ނުލައި މި ފިސްތޯލައިގެ ވަޒަންތައް ކަލޭގެ މެޔަށް ހުސްކޮށްލުމަށެވެ.

ޖޯން:-      މަޢާފުކުރައްވާށެވެ! އަޅުގަނޑުކުރީ  ކޮން ކުށެއްތޯއެވެ! އަޅުގަނޑު ފާޅުކުރީ ކޮން ސިއްރެއްތޯ އެވެ؟ ތިޔަހެން ނުހައްދަވައި އިންސާފު ސާބިތުކުރައްވާށެވެ! 
 
ބޭކަރް:-     ކަލޭގެ ކުރިކުށަށް ކަލޭވާނީކޮން  އިޢުތިރާފެއް ހެއްޔެވެ؟ ނަމަވެސް ކަލޭ ވެސް ހިތުގެ އަޑިން ގަބޫލުކުރާނެ ފަދައިން އެޑްމަންޑް އަހަރުމެންގެ  ގޭގެ ކޮޓަރިން ގެންދިޔަ ރޭގެ ހުރިހާކަމެއް ވަނީ  ކަލޭގެ  ޚިޔާނާތާ ގުޅިފައެވެ. އެޑްމަންޑް އަހަރުމެންގެ  ގޭގެ  ސިއްރު ކޮޓަރީގައި ރައްކާކުރިކަން ކަލޭ ނޫން މީހަކު ނުދަންނާނެ އެވެ. ގިނަ ވާހަކަތައް ނުދައްކާށެވެ! ކަލެއަށް ދެން ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނެތެވެ. މި ފިސްތޯލައިގެ ވަޒަންތަކުން ކަލޭ މި މަރައިލަނީއެވެ.

މިހެން ބުނުމާއެކު އެ އާދޭސްކޮށްކޮށްހުރި  ޖޯނާ ދިމާއަށް ފިސްތޯލަ އުފުލައިލައިފި އެވެ. އެ ވަގުތާ އެކުވެގެން ރޮއިގަތް އަޑު ވެސް އިވުނެވެ. ފިސްތޯލައެއް ގޮއްވައިލި އަޑު ވެސް އިވިގެން ދިޔައެވެ. ނަމަވެސް ހަމަ އެ ސިކުންތުގެ ތެރޭގައި އެހެން މީހެއްގެ ކުއްލި ހަމަލާ، މިސްޓަރ " ބޭކަރް" އަށް އަތުވެއްޖެ އެވެ. އާދެ! "ބޭކަރް" ގެ ގައިގައި ޖެހިޖެހީނުން ވައްޓައިލުމަށްފަހު ، ޖޯން ގޮވައިގެން ކާރުގައި ދުއްވައިލައިފި އެވެ. ނަމަވެސް ހަމަ އެކާރުން  (ވެއްޓިފައިއޮތް) މިސްޓަރ "ބޭކަރ" ވެސް ޙިކުމަތަކުން ހިނގައްޖެ އެވެ. ފަހަތުގައި ހުރި ދޮރަކުން ވަނުމާއެކު ތަންދޮށުގައި އޮށޯތީއެވެ. . . . . . . .

ކޯރަލްރޯޑްގެ 137 ނަންބަރު ގެޔަށް އެ ކާރު މަޑުކޮށްލުމާއެކު ޖޯނާއި އޭނާ ސަލާމަތްކުރި މީހާ ފައިބައިފި އެވެ. އަދި ފަހަތު  ޝީޓުން ހުސް ހައްޓާ ހުރި ދޮން މީހަކު ވެސް ފޭބިއެވެ. އާދެ! އަނެއްކާވެސް އިތުރު ނޯޓެއް ރޫޅައިލުން ކީއްތޯއެވެ؟ . . . . . . . . . 

މިހާރު އެގޭގައި ތިބީ  މިސްޓަރ އަންވަރާއި އަހްމަދާއި، ބޭކަރުމެންގެ އަނިޔާ އާއި މަކަރުތަކުގެ ވާހަކަތައް އެންމެ ފަސޭހައިން ކިޔައިދޭނެ  ނޯކަރެވެ. . . . . . . . . . . .

ކޮޓަރިތެރޭގައި ހަމަޖެހިލުމަށްފަހު މިސްޓަރ އަންވަރު "ރަސްމީގޮތުން" ވާހަކަ ފަށައިފިއެވެ.

އަންވަރު:-  އަހަންނަކީ ކާކުހެއްޔެވެ؟

ޖޯން:-    ތިޔައީ ކޮން މީހެއްކަމެއް ނޭނގެއެވެ.

އަންވަރު:-  (މިސްޓަރ އަޙްމަދުއާއި ދިމާއަށް އިޝާރާތް ކޮށްފައި) އެއީ ކާކުހެއްޔެވެ؟

ޖޯން:-     އެއީ އަހަރެންގެ ފުރާނަ އެ ނުލަފާ ބޭކަރްގެ އަތުން ސަލާމަތްކޮށްދިން  އޯގާވެރިޔާއެވެ. އޭނާ ބުނި ކޮންމެކަމެއް  ކުރުމަށްޓަކައި ފުރާނައާއި ނަފުސް ޤުރުބާން ކޮށްލުމަށް އަހަރެން ތައްޔާރުވެފައިވާ މީހާއެވެ.

އަޙްމަދު:-   އެންމެ ރަނގަޅެވެ. އެހެންވިއްޔާ އަހަރެމެންނަށް ކޮށްދެންވީ އެންމެ ކަމެކެވެ. އެއީ ނައިޓް ކްލަބްގެ  ސިއްރުތައް ކިޔައިދިނުމެވެ.

ޖޯން:-     އަހާށެވެ! އެހި ކޮންމެ ވާހަކައެއް ކިޔައިދޭނަމެވެ.

އަޙްމަދު:-   އެންމެ ރަނގަޅެވެ. އެކަކީ މިސްޓަރ ބޭކަރް އެވެ. ދެން އެންމެ އިސްވެ އުޅެނީ  އަހަރުމެންގެް  އެކަކަށް ވެސް ނަން ނެނގޭ މީހެކެވެ. މިބުނީ ސާފު ނަން ނޭނގޭ މީހެކެވެ.

ޖޯން:-     އޭނާ އަކީ ދުވަސްދުވަސް ކޮޅުން ދުރުދަތުރުތައް ކުރާ މީހެކެވެ. ނައިޓްކްލަބްގައި އޭނާގެ ނިޝާނަކަށް ގެންގުޅެނީ  ރަތްތަރިއެވެ. ނަމަކަށް ކިޔައިއުޅެނީ މިސްޓަރ "ޑޭޝް" އެވެ. ނަމަވެސް އެއީ އަޞްލުނަން ނޫންކަން އަހަރެންނަށް އެނގެއެވެ.

އަޙްމަދު:-    އެންމެ ރަނގަޅެވެ. މިސްޓަރ ޑޭޝް އެއީ ކާރުދުއްވާ މީހެއްހެއްޔެވެ؟ މިބުނީ އާދަވެގެން އެކަން ކުރާ ކުޅަދާނަ މީހެއްހެއްޔެވެ؟

ޖޯން:-    އާނއެކެވެ! އޭނާގެ ޚާއްޞަ ރަތް ކާރުގައި ކުރާ ދަތުރުތަކަކީ  ވަރަށް ޚާއްސަ  ދަތުރު ތަކެކެވެ. އެހެރަ ވާހަތައް ކިޔައިދޭކަށް ފަސޭހައެއް ނޫނެވެ.

އަޙްމަދު:-  އެންމެ ރަގަޅެވެ. އެކަހަލަ ދަތުރުތަކުގެ ތެރެއިން ކަލެޔަށް ފެނުނު އެންމެ ޚާއްސަ ދަތުރަކީ  ކޮބައިހެއްޔެވެ؟

ޖޯން:-   ތިޔަހެން ބުނާކަށް ނޭނގެއެވެ. އުތުރު އެފްރިކާއަށް އަހަރެން ގޮވައިގެން  ގޮސް އުޅުނުނއިރު  އެތާގެ ފައިސާވެރި އަންހެން ކުއްޖަކު ހޭނައްތާލައިގެން ކާރަށް ލައިގެން ދުއްވިދުއްވުންތައް ވެސް ޚާއްސަކަން ކުޑައެއްނޫނެވެ.

އަޙްމަދު:-   އިންޑިޔާގައި އެކަހަލަ ދަތުރެއް ނުކުރޭހެއްޔެވެ؟

ޖޯން:-    ނޫނެކެވެ. އަހަންނަށް އެންގީ ފަރުވާތެރިކަމާއެކުގައި ސެވެންއެންޑްބީ ބެލެހެއްޓުމަށެވެ؟ އެހެންކަމުން އަހަރެން އެތާ ހުރީއެވެ.

އަޙްމަދު:-   ތިޔަބުނާ ރޭ، ވީ ކިހިނެއްހެއްޔެވެ؟

ޖޯން:-   ވީގޮތް ބުނާކަށްވެސް ނޭގެއެވެ. އެއީ ހިތަށްވެސް ގެންނަން ފަސޭހަނޫން ބޮޑު އޮޅުންބޮޑިއެކެވެ. އެރޭ ޑިޔރެސްޓް ހޮޓަލްއަށް އޭނާވަދެ އެބުނާ ކުއްޖަކު ޤަތުލުކުރިކަން  އަހަރެން ދެނަހުރީމެވެ. އަހަރެން އެމީހެއްގެ  ސިއްރުތައް  ބޭޒާރުކުރިކަމަށް ބޭކަރްއަށް އބަދުވެސް ހީވާ އެޑްމަންޑްގެ މަސްއަލަވެސް ހިގީ އެރޭގެ ވަގުތުގައެވެ. ނަމަވެސް އަހަރެން އެންމެ އަޖައިބުވީ ކަމަކީ އެހޮޓަލުން އެކުއްޖާ  ޤަތުލުކުރިރޭގެ ފަހުދުވަހު ނޫނީ އަނެއްދުވަހު އަހަރެން ގޮވައިގެން މިސްޓަރ ޑޭޝްގޮސް ސެވެންޑް އެންޑްބީ ކިޔާތަނެއްގެ މާއަޑިގައިހުރި ސިއްރުކޮޓަރިއަކުން ހަމަ އެކުއްޖާ ވަރަށް ބޮޑަށް ޙާލު ދެރަވެފައި  އޮއްވައި ނެރެގެން ކާރެއްގައި  ފުރައިގެން ދިޔައީއެވެ. އެއީ އޭނަގެ މަޝްހޫރު ރަތްކާރެވެ.

ޖޯން:-   އެދުވަހު ކާރުދުއް ވަން  ގޮސްފައި އައީ ވަރަށް  ފަހުންނެވެ. އައިސް ކޮންމެވެސް ކަހަލަ  ޒުވާން ފިރިހެނަކު ހޭނައްތައިފައި ސެވެން އެންޑްބީގެ  ފެންޑާމަތީގައި ބާއްވާފައި  ދިޔައީއެވެ. އިރުގަނޑެއް ކޮށްފައި ދެން އޭނާ އައިސް އަހަންނާ ހަވާލުކުރީ މިބުނާ އަންހެން ކުއްޖާއެވެ. އޭރު އޭނާވަނީ ކުރީސީޓާ ދިމާޢިން ފައިދަށުގައެވެ. އޮތީ ވަރަށް އަނިޔާކޮށްފައެވެ. އަހަންނަށް އެންގީ އޭނާ ދަންޖެއްސުމަށެވެ. ހިތާމަހުއްޓެވެ. އެއަންހެން ކުއްޖާ  ދަންޖެއްސީ އަހަރެންގެ މިކުށްވެރި ދެއަތުންނެވެ.
 
އަޙްމަދު:-     ހަމަކަށަވަރުން ހެއްޔެވެ؟ ތިޔަބުނާ ކުއްޖާއަށް ކިޔަނީ ކޮންނަމެއްހެއްޔެވެ؟

ޖޯން:-  މިސް މޭރީއެވެ. ނޫނެކެވެ. މިސްމޭރީއަކީ ތަންކޮޅެއް ކުރިން މަރައިލަން ޖެހުނުކުއްޖެކެވެ. މި ބުނާ ކުއްޖާގެ ނަމަކީ  މިސްލިލީއެވެ. އެއީ ޑިޔަރެސްޓޮހޮޓަލްގައި  ހުރި ކުއްޖެކެވެ. މިހިރީ ހައްތާވެސް މިސްޓަރ ޑޭޝްގެ މަސައްކަތެވެ. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

އަޙްމަދު:-   މިސްޓަރ ޑޭޝް ނައިޓްކްލަބަށް އެންމެގިނައިން  ގޮސްއުޅެނީ  ކިހާ އިރަކުހެއްޔެވެ؟

ޖޯން:-   ފަތިހު 3 ޖަހާއިރު އެވެ. އޭނ ާދާނީ މުޅިން އެކަނިމާ އެކަންޏެވެ. ގޮސް ބިންގަރާސް ކޮޓަރިއެއްގެ ތެރޭގައި  އިނދެގެން ވަރަށް ގިނަ  މަސައްކަތްތަކެއް ކޮށްފައި ހިނގައި ދާނެއެވެ.

އަޙްމަދު:-  އެންމެ ރަނގަޅެވެ. މިރޭ ފަތިހު އަރެމެން ދެމީހުންނާ އެކުގައި ނައިޓްކްލަބަށް ގޮސްދޭށެވެ. ކެރިދާނެހެއްޔެވެ؟

ޖޯން:-   އާނއެކެވެ! ކަލޭ ބުނެފި ކޮންމެކަމެއް އެއީ، މަކަރުކަމުގައި ވިޔަސް ކުރާކަށް ފަރުވާލެއް ނެތެވެ. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

މެންދަމުގެ ފިނީގެ އަސަރުތައް ދަނީ ގަދަވަމުންނެވެ. ކިރިޔާވެސް އިވޭ  އަޑެއްވިޔަސް  އިވެނީ  ވަރަށް ދުރުންނެވެ. އެފަދަ ބަލިބަލި އަޑުތައް ތަރުޖަމާކުރާ ޝާއިރުން އެއްބަސްވާނީ ފަނިފަކުސާގެ އެކަނިވެރި ވަގުތު، އާބެހަޔާތުގެ ރުއިން ކަމަށެވެ. އެފަދަ ނާމާން އެކަނިވެރި ވަގުތު މިސްޓަރ ބޭކަރްގެ ނައިޓްކްލަބްގެ ކައިރި މުޅިން ވަނީ ހުސްވެފައެވެ. އެއްވެސް ކާރެއް ނުވަތަ ބައިސްކަލެއްވިޔަސް  ފެންނާކަށް ނެތެވެ. މީހެއްގެ އަސަރު އަމުދުން ނެތެވެ. މަޑުމަޑުން ދުއްވައިފައި އައިކާރެއް ބޮޑު ދޮރު ކައިރިއަށް  ހުއްޓައިލުމާއެކު އެއިން ފުންމައިލީ އަޅުގަނޑުމެން އެންމެން ދަންނަ ބޭކަރާއި އަދިވެސް ދެމީހެކެވެ. ވަރަށް އާދައިގެ ގޮތަކަށް  ހިގައިލައިފައި ގޮސް ނައިޓްކްލަބް ގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. ދެތިން ހަތަރު  ކޮޓަރިއެއްގެ ދޮރުފަތް ލައްޕައިލި އަޑު އިވުނެވެ. ކުއްލިއަކަށް މުޅި ނައިޓްކްލަބްގެ އިލެކްޓްރިކް ނިވިއްޖެއެވެ. ދެން އިވުނީ ރާސް އަޅައިފައި ހުރިހާ ދޮރުތައް ތަންޑުއަޅުވާ އަޑެވެ. އެތެރޭގައި ތިބި ބަޔަކުވި އެތެރޭގައެވެ. ބޭރުގައި ތިބި އެންމެން  ދުވެރައްކައވެއްޖެއެވެ. ދެން އިވުނީ އެތެރޭގައިހުރި ގޮޑިތައް އުކާ އަޑެވެ. ބިއްލޫރިތައް  ހިމުންކުރާ އަޑެވެ. ވާއެއްނުވާއެއް ނޭނގެއެވެ.

އާދެ! މިފަދަ  ނުރައްކާތެރި  ވަގުތެއްގައި އެފަދަ މުހިއްމު  ނައިޓްކްލަބްގެ  އެތެރެއަށް  އަޅުގަނޑާ އެކުގައި ވަޑައިގަންނަވަން ކެރިވަޑައިގަންނަވާނީ ތިޔައިގެ ތެރެއިން  ކިތައް ބޭފުޅުންތޯއެވެ؟  . . . . . . . . . . . .  އާދެ! ކެރިވަޑައި ގަންނަވާ  ބޭފޫޅަކު ނަމަ އަޅުގަޑާ އެކުގައި  ހިންގަވާށެވެ. . . . . . . . . . . . . . .

ފެންނަނީ  ކަޅު އަނދިރިތަކެކެވެ. އެއްވެސް އަލިކަމެއް  ނެތެވެ. އަތުގައި އޮތްކަމަށް ހީވަނީ ލަޓިގަނޑެކެވެ. މަޑުމަޑުން  ހިނގައިފައި ގޮސް ނައިޓްކްލަބްގެ ބިންގަރާސް ކޮޓަރިއަށް ފައިބައިފި އެވެ. އެތަނަށް ވަނުމާއެކު ބޭރުން ދޮރު ތަންޑުއަޅައިފ ިއެވެ. ފިސްތޯލައެއްގެ ތިންހަތަރު  ވަޒަން  މަތީގައި  ހުރި  އާނގައަކުން އެތެރެއަށް  ގޮއްވައިލައިފިއެވެ. އެތެރޭގައި ތިބި ބަޔަކު  ހަޅޭއްލަވައި  ގަތް އަޑާއި  މަރުވެގެން  ވެއްޓުނު  އަޑުއިވިއްޖެ އެވެ. އަނެއްކާ އެކޮޓަރިގެ  ދޮރު ހުޅުވިއްޖެ އެވެ. މިފަހަރު އެވަން ބަޔަކު  ވަދެ ރަނގަޅަށް ފިސްތޮލަގޮއްވައިފިއެވެ. ހީވާގޮތުން  އެބަޔެއްގެ  ހިތް ހަމަޖެހޭ ވަރު ކޮށްފިއެވެ. މިހާރު އެއްވެސް އަޑެއް ބަޑެއް ނީވެއެވެ.  . . . . . . . . . . އިރުކޮޅަކުން  މީހަކު  އަނދިރިގަޑުގެ  ތެރެއިން  ބުނާ އަޑު އިވެއެވެ. މިހާރު ދެން  ސިއްރުތައް ހޯދަން އުޅެވިއްޖެ ނޫން ހެއްޔެވެ؟ ދެން  ރަގަޅަށް ރަނގަޅަށް ތިބޭށެވެ! އެންމެ  ނޭވާއެއް  ބާކި އޮތް ނަމަވެސް  ދެން އޮންނާނީ  މަހްޝަރު ދުވަހުން  ލާނޭ ނޭވާއެކެވެ. . . . . . . . . . . . .

މަރުވީ ކޮންބައެއް ބާވައެވެ؟  ކާމިޔާބުލިބުނީ ކޮންފަރާތަކަށް ކަމެއް އަދިވެސް ނޭގެއެވެ. މުޅިތަން އަދިވެސް ވަނީ  އަނދިރިވެފައެވެ. . . . . . . . . . . . . . . ކުއްލިއަކަށް  މުޅި ނައިޓްކްލަބްގެ އިލެކްޓްރިކް ދިއްލިއްޖެއެވެ. ބިންގަރާސް ކޮޓަރީގެ ތެރޭގައި ދެމީހަކު މަރުވެފައި ތިއްބެއެވެ. ކައިރީގައި ދާހިއްްލާފައި ތިބީ މިސްޓަރ އަންވަރާއި އަޙްމަދު ފިޔަވައި ދެވަނަ ދެ މީހެއް ނޫނެވެ. ކައިރީގައި  ފިސްތޯލައިގެ ވަޒަންތައްވަދެ ހުސްވެފައިވާ ދެހަށިގަޑުގެ  ވެރިންނަކީ  ކޮންބައެއްތޯ ހޯދި ހޯދުމުން  އެނގުނީ  އެކަކީ މިސްޓަރ ބޭކަރް ކަމެވެ. އަނެއް މީހާގެ  މޭމަތީގައި  ބޮޑުރަތްތަރިއެއް ހުއްޓެވެ. ޖީބުގައި އޮތް ކާޑެއްގައި މިސްޓަރ ޑޭޝް ލިޔެފައި އޮތެވެ. އަޞްލުގައި އެ މީހަކީ ފުލުހުންގެ ވެރިޔާގެ ނާއިބު ޝިޔާމެވެ.
-------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:
        ޓައިޕްކުރުން:   ޢާއިޝަތު ރުޝްދީ (ލިޔުންތެރީންގެ ގުޅުން)
        އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
        ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އިދާރާ

ވާހަކަ