އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (22)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ



ސައިކުރާ އިބްރާހީމް ނަޢީމް
                                                    (6 މެއި 2011 (ހޯމަ) އާ ގުޅޭ...)

ކުއްލިއަކަށް ގޭގެ ފެންޑާމަތީގައި ހުރި ރަނގަބީލު ޖެހިއްޖެއެވެ. އަޙްމަދު ނުކުމެ ބަލައިލިއިރު ދެވަން ފުރައިގެ މީހަކު އައިސް ހުއްޓެވެ. އަޙްމަދު ނުކުތުމުން އޭނާ ބުންޏެވެ. "އަދު މިތާ ކައިރީގައިވާ ކޯރުގެ ކައިރިއަށް ގޮސް އިންޖީނު ބައްތެއްޔެއްގައި އުޅުނީ ކަލޭހެއްޔެވެ؟

އަޙްމަދު:-    އާނއެކެވެ! އަހަރެން ވެސް މިއީ، އެ ތާނގައި އުޅުނު އެކެކެވެ.

އެމީހާ:-     ތިޔަހެންވިއްޔާ ކަލޭ އަހަރެންގެ ގެޔަށް ގޮސްލުން  އުނދަގުލަކަށް ވާނޭހެއްޔެވެ؟
އަޙްމަދު:-    ނޫނެކެވެ. ނަމަވެސް ސަބަބަކީ، ނުވަތަ ބޭނުމަކީ ކޮބައިހެއްޔެވެ؟

އެމީހާ:-     ބޭނުމަކީ  އަހަރެންގެ ތިބޭ ކުޑަކުދިން ކަލެއަށް ބޭނުންވާތީ އެވެ. ހަމައެކަނި އެންމެ ދެތިން މިނެޓްއަކަށް ނަމަވެސް ޖައްސައިލައިދިނުމަށް އެ ކުދިން އެދެނީ އެވެ. ވީމާ، ގެ ވެސް މިތާ ދާދިކައިރީގައި މިހިރީއެވެ. ގޮސްލައިދިނުން އަހަރެން ވަރަށް އެދެމެވެ. މިހެން ބުނުމުން އަޙްމަދު ނުކުމެ  އޭނާއާ އެކުގައި ހިނގައިގެންފި އެވެ. ގިނަ އިރުތަކެއް ނުވަނީސް އެ ގެއަކަށް ވަދެވިއްޖެ އެވެ. ގެއަކީ  ވަރަށް އާދައިގެ ގެއެކެވެ. ނަމަވެސް ގޭގައި ތިބި ކުޑަކުދިންތައް މުޅި އެ ގެ ފަޅުފިލުވައިދެއެވެ. އެ ކުދީންގެ މަޖާކަމުގެ ސަބަބުން އެ ގެ ވަނީ ޙަރަކާތްތެރި ވެފައެވެ.
            
އަޙްމަދު ގޮސް ވަނުމުން އެ ތިން ކުދިން  އަތުވެއްޖެ އެވެ. އަދި އެ ގޭގެ ނޯކަރެއް ކަހަލަ ގޮތަކަށް އުޅޭ ލޯކަނު އަންހެނަކާއި އެ ތިން ކުދިންގެ މަންމަ ވެސް އަޙުމަދުގެ ކައިރިއަށް އަތުވެއްޖެ އެވެ. އައިސް  އިށީނުމަށް އެދުމުން އަޙުމަދު އިށީނދެއްޖެ އެވެ.
           
އެ ވަގުތު  މަންމަ  ބުންޏެވެ. އަހަރުމެން މިރޭ ކަލެއަށް މި ގޮވީ، ހަމަ އެންމެ ސަބަބަކާ ހެދިއެވެ. އެއީ ކޮންމެ ދުވަހަކު ކަލޭމެން އައިސް މިތާގެ ކައިރީގައިވާ ކޯރުގެ  ކައިރީގައި  ތިޔަ ކުޅޭ ކުޅިވަރެއްގެ ވާހަކަ ރީތިވެގެން މި ގޭ ކުދިން  ކޮންމެ ރެއަކު އައިސް އެ ވާހަކަ  ދައްކައެވެ. އަދި އަހަރެމެން  އެންމެން ވެސް  އެ ވާހަކަ  ވަރަށް ބޮޑަށް އަހާލާހިތް ވެސް ވީއެވެ. މާބޮޑު ސިއްރަކަށް ނުވަތަ އުނދަގުލަކަށް ނުވަންޏާ އެ ވާހަކަ ކިޔައިދިނުން ކީއްހެއްޔެވެ؟

އަޙްމަދު:-  (ކުޑަ އިރުކޮޅަކު ވިސްނައިލުމަށްފަހު) އުފަލާއެކު ބުންޏެވެ. ކުރުކުރުކޮށް މި ވާހަކަ ކިޔައިލައިދީފާނަމެވެ.

އެހެން ބުނުމަށް ފަހު އެ މީހުން ކުޅެމުން ގެންދާ ފިލްމުގެ ޙަޤީޤީ ވާހަކަ ކިޔައިދޭން ފަށައިފި އެވެ. އެންމެ ފުރަތަމަ ލީލާ ޤަތުލުކުރި ތަނުން ފެށިގެން ގޮސް  މިސްޓަރ  އަންވަރުގެ  ހުރިހާ  ޕްރޮގްރާމަކާއެކުގައި ކިޔައިދީފި އެވެ. ނަމަވެސް އަޙްމަދު ބުންޏެވެ. މި ވާހަކައަކީ އެއްގޮތަކަށް ވެސް ޙަޤީޤަތެއް ނޫނެވެ. ހަމައެކަނި  ހޮލީވުޑް ޑިރެކްޓަރ އެއްގެ ޚިޔާލެކެވެ. އަޙްމަދުގެ ވާހަކަ ނިމުމުން  އެ ގޭގައި އިން ލޯކަނު  އަންހެންމީހާ ބުންޏެވެ. އހަރެންގެ ލޯކަނު ނޫންނަމަ ތިޔަ ފިލްމު ކުޅެން ދެވުނީހެވެ. ތިޔަ ފިލްމުގެ ބަޠަލާއެއްގެ ބައި ކަލޭމެންގެ ބޮޑެތި މީހުން އަހަންނަށް ދީފާނެ ބާވައެވެ!؟
      
އަޙްމަދު:-   ވަރަށް ބޮޑަށް މަޢާފުކުރާށެވެ! އަދި އެއްޗެއްވެސް ހީނުކުރާށެވެ! އަހަރުމެން މިހާރު ބަޠަލާއަކަށް ހަދައިގެން މި ގެންގުޅެނީ ހޮލީވްޑްގެ ކުޅަދާނަ ބަޠަލާއެކެވެ. ނަމަވެސް މި އުޅެނީ، ބޮޑެތިމީހުން ޤަބޫލުވާގޮތަށް މަންޒަރުތައް ނުކުޅެވިގެންނެވެ. ވީ އިރު ކަލޭ ފަދަ ޙާލެއްގައި ހުރި މީހަކަށް ނެރެވޭނީ  ކޮންނަތީޖާއެއް ބާވައެވެ!؟

އެމީހާ:  ހިތާމަހުއްޓެވެ! ލޯ އަނދިރި ނަމަވެސް  ތިޔަބައިމީހުންގެ ކައިރިއަށް ގެންގޮސް އެންމެ ދުވަހަކު ވެސް ގެންގުޅެލައިފި ނަމަ އަހަރެންގެ  ބަލިނުކުރެވިގެން މިއުޅޭ އުއްމީދު ފުރިހަމަވީ އެވެ. ލޯ އަނދިރިކޮށް ހުރި ނަމަވެސް، ތިޔަ ބުނާ ވާހަކައިގެ  ބަޠަލާއެއްގެ ބައި ކުޅެލުމަށް އަހަރެން ލައްވައި މަސައަކަތެއް ކުރެއްވުން  ކީއްހެއްޔެވެ؟ އަހަންނަށް  ކަލޭމެންނެއް  ނުމެފެނޭމެއެވެ. ނަމަވެސް ކަލޭމެންނަށް އަހަރެން ފެނަނަކަމަށް ވަންޏާ އިރާދަކުރެއްވިއްޔާ އަހަރެން ކާމިޔާބު  ވޭތޯ މަސައްކަތް  ކުރާނަމެވެ. ކުޑައިރު ވެސް އަހަންނަކީ ތަމްސީލުކުޅުމުގައި ދުވަސްތައް  ދުއްވައިލި ކުއްޖަކީމެވެ. އަދު މި ޙާލުޖެހުނީ ވެސް  ތަމްސީލެއްގެ ވަރުގަދަ މަންޒަރެއް ކުޅެނިކޮށެވެ.

ކޮންމެއަކަސް، އެމީހާގެ  އާދޭސްތައް ނާހައި ނުކުންނާނެ ހިތްވަރެއް އަޙްމަދަކަށް ވެސް ނުލިބުނެވެ. އެ މީހާގެ އެދުމާއި  އާދޭސް، މިސްޓަރ އަންވަރާއި ފިލްމު "އެ ޤަތުލުގެ ސިއްރު"ގެ ޕްރޮޑިއުސަރާ ހަމައަށް ގެންގޮސް  ދިނުމަށް އަޙްމަދަށް މަޖުބޫރުވެއްޖެ އެވެ. އެހެންކަމުން އެރޭ އެ ގެއިން ނުކުތީ  އެންމެ ދުވަހަކަށް  ނަމަވެސް  އޭނާގެ މަޤްސަދު ހާޞިލްކޮށްދެވޭތޯ ކުރެވޭން އޮތްހައި މަސައްކަތެއް ކޮށްދޭނެކަމުގެ ޔަޤީންކަން ދީފައެވެ.
         
އަޙްމަދު ކުރި މަސައްކަތުން ނުކުތީ ވަރަށް ހިމަ ވާވަށެއް ފަދަ ނަތީޖާ އެކެވެ. އެންމެ ދުވަހަކު އޭނާ ލައްވައި ބަޠަލާއެއްގެ ބައި ކުޅުމަށެވެ. އޭގެ އަނެއްދުވަހު، ވަރަށް ހެއްވާ ގޮތަކަށް އެ ފިލްމުގެ މަންޒަރު ފަރިތަކުރަން ފަށައިފިއެވެ. މިއަދުގެ ބަޠަލާއަކީ، ދެލޯކަނު ކުއްޖެކެވެ. ބޮލުގެ އިސްތަށިގަޑުވަނީ ބާލައިފައި ކަމުން އެ ދުވަހަށްޓަކައި  އިސްތަށިގަނޑެއް ޖެހީއެވެ. ބަޠަލާއާއި އެކުގައި  "ލަވް" ލާންޗްގައި  ޕްރޮގްރާމް  ކުރިއަށް  ގެންދިއުމަށް  އަޙްމަދަށް  ބޮޑުކަމަކަށްވިއެވެ. ސަބަބަކީ  އެންމެ ފުރަތަމަ  ހަޤީޤަތެއްގެ ސިފައިގައި، އެ މަންޒަރު ތަމްސީލު ކުރީ ލީލާއާ އެކުގައި ކަމެވެ. ދެން . . . . . . . . . . . ލީލާ ނޫންނަމަވެސް ، ހޮލީވުޑްގެ ފިލްމްސްޓާރަކާ  އެކުގައި ކަމެވެ. ނަމަވެސް  އަދު  އެ ބައި އަދާކުރަން މި ޖެހުނީ، މޫނުމަތި  އަދައިފައިވާ، ބޯ ބާލައިފައިވާ ފަޤީރު ކުއްޖަކާ އެކުގައެވެ. ލޯ ކަނު ކުއްޖަކާ އެކުގައެވެ. ޑިރެކްޓަރ އާއި ޕްރޮޑިއުސަރ ދުރުގައި ތުން ފިއްތައިގެން ތިއްބެވެ. ފޮޓޯނަގާ މީހާ ކެމެރާ ހިންގައިލަންތޯ ސުވާލުކޮށްލުމުން ކޮންމެހެން ފޮޓޯނަގާނެ ކަމެއްނެތޭ އެ ދެ މީހުން ބުންޏެވެ.
         
މިހާރު "ލަވް" ލާންޗް ކޯރުގެ އައްސޭރިއަށް އައިސް ޑިޔަރެސްޓޯ ހޮޓަލުގެ ބެލްކަނީގެ މަންޒަރާ ޖެހިއްޖެއެވެ. މިސްޓަރ އަޙްމަދުއާއި އަދުގެ "ލީލާ" ވާހަކަދައްކަނީއެވެ.
          
އޮހޯ!؟ ފޮޓޯނަގާށެވެ! ކެމެރާ ހިންގައިލާށެވެ! އަޑުއަޅައިލާށެވެ!. . . . . . . . . . . . . . . . . . . . . .  ޕްރޮޑިއުސަރ ގޮވައިލިއެވެ. އާދެ! ކޮންމެއަކަސް  ލޯކަނު ބަޠަލާއާ ޖެހުމުން މިސްޓަރ އަޙްމަދަށް، ނުވަތަ ބުނެދޭން ތިބި މީހުންނަކަށް އިތުރު ބުނެދިނުމެއް ނުޖެހެއެވެ. މާބޮޑު މަސައްކަތެއް ވެސް  ނުޖެހެއެވެ. އޭނާގެ ހިތް އެހާ އައްޔެވެ. ދަސްކުރުމުގެ ބާރު އެހާ ރަނގަޅެވެ. . . . . . .
          
އެދުވަހުގެ މަސައްކަތް  ހުއްޓައިލުމަށްފަހު، މާދަމާ ވެސް  އޭނާ ލައްވައި އަދި ކުޅުމަށް ނިމިއްޖެއެވެ. އެހެންކަމުން ގެއަށް ދިއުމަށް އެންމެން ހިނގައިގެންފިއެވެ. މިސްޓަރ އަޙްމަދުވެސް އޭނާގެ އަދުގެ "ލީލާ" ކަމަށްވާ ލޯކަނު ކުއްޖާ ގެއަށް ގެންގޮސްލުމަށް ކާރަށް އަރައިފިއެވެ. ނަމަވެސް އޭނާ އެދުނީ، ކާރުއަދިނުދުއްވާ  މަޑުކޮށްލުމަށެވެ. އެހެންކަމުން  އަޙްމަދުވެސް  ކާރުގެ ތެރޭގައި މަޑުކޮށްލައިފިއެވެ.

އެކުއްޖާ:-     އޭ މިސްޓަރ! ތިޔަ ކުޅޭ ވާހަކައަކީ، އަމިއްލަ ޚިޔާލެކޭ ކަލޭބުނީމުއެވެ. ނަމަވެސް އެއީ އަދި ކަލެއަށް އޮޅިފައިވާ ކަމެކެވެ!

އަޙްމަދު:-     (ކުޑަކޮށް ސިހިފައި) ތިޔަހެން  ތިޔަބުނީ  ކީއްވެގެން ހެއްޔެވެ؟

އެކުއްޖާ:-    އަހަރެން އެގޮތް ރަނގަޅަށް  ދެނަހުރީމެވެ. ތިޔައީ އިންޑިޔާގައި  ދާދިފަހުން  ހިނގި ކަމެކެވެ. އަހަރެން  އެ ވާހަކަ  ރަނގަޅަށް އެހީމެވެ. އަދި ތިޔަ ޚަބަރުތައް ފުރަތަމަ  ދުވަހުއްސުރެ  ގޭގެކުދިން  ލައްވައި  ނޫހުން  ކިޔުއްވަމެވެ. ތިޔަ ބުނާ  ލީލާ  ގަތުލުކުރި ވާހަކަ  އިވުނު ދުވަހުއްސުރެ  އަހަންނަކީ، ތަމްސީލުކުޅޭ ކުއްޖެއް ކަމުން  އެ ވާހަކަ ތަމްސީލު ކުޅޭހިތްވީ އެވެ. އަދި އޭގައި އެބުނާ އަންވަރު ލޮލަށް ފެންނާނެ ބާވައޭ ވެސް ހިތައް އަރައެވެ. އަދި ހަމަ އެހެންމެ  އަޙްމަދުވެސް ފެންނާނެ ނަމަ ރަނގަޅޭ ހިތައް އަރައެވެ. ކޮންމެއަކަސް އެ އަޙަމަދަކާ އަންވަރެއްގެ ޒުވާންކަން، އެބިރުވެރިކަމެއްގެ ތެރޭގައި  ދުއްވައިލާ ގޮތް  އަހަރެންވެސް ދެކޭހިތްވެއެވެ.  . . . . . . . . . އެހާ ބޮޑަށް  އަހަރެން ތިޔަ ހަޤީޤީ ހާދިސާގެ  ވާހަކައާމެދު  ވިސްނަމެވެ. އަދު އަހަރެންގެ އެންމެ  ޚާއްސަ  ދުޢާއަކީ  އަޙްމަދު ފެނުމެވެ. ސަބަބަކީ، އަހަރެންނަށް ކުޅެން ލިބިއްޖެނަމަ، ކުޅޭނީ  ލީލާގެ ބައެވެ. ވީއިރު  ލީލާގެ ލޯބިވެރިޔަކަށް އުޅުނު މީހަކު އަހަރެން ދެކޭހިތްވާނެ ނޫންހެއްޔެވެ؟

އަޙްމަދު:-  (ކުޑަކޮށް އަޑުވެސް ބަދަލުކޮށްފައި) އެންމެ ރަނގަޅެވެ. އެބުނާ އަޙްމަދަކީ  މިއަދުވެސް ކަލެއާ އެކުގައި  އަޙްމަދުގެ  ބައިކުޅެން  މި އުޅެނީ ކަމަށްވެއްޖެނަމަ  ހަދާނީ  ކިހިނަކުން  ހެއްޔެވެ؟

އެކުއްޖާ:-     . . . . . . . . . . (ނޭވާނުލެވިގެން އެތައް އިރަކު އިދެފައި  ޒާތަކަށް  ހަޅޭއްލަވައި ގެންފިއެވެ.) ތިޔަކަހަލަ ވާހަކަ  ނުދައްކާށެވެ! އަހަރެންގެ ހަމަ ބުއްދިއާއި އަމިއްލަ  ފުރާނައިގެ  ބާރު ތިޔަހެން ހަމަ އެކަނި  ބުނުމުން ވެސް  ހަމައިން ނެއްޓި  އިޚްތިޔާރުން ބޭރުވެގެން މިހިރަ ދަނީއެވެ. އެހެން ވެއްޖެ ނަމަ، މިސްޓަރ އަހްމަދު ޑިޔަރެސްޓޯ ހޮޓަލްގެ  ބެލްކަނީގައި  ހުރެފައި އަހަރެންގެ އަތުގައި  އަޅުވައިދީފައި މި އޮތް  އެންގޭޖްމެންޓް  އަނގޮޓިއާއި  އެއްކޮށް އަހަރެން އޭނާއާއި ސަލާމްކުރާނީ އެވެ.
                  
ިމިހެން ބުނެފައި  އަތްއުފުލައިލި އިރު، އެ އަތުގައި ރަން އަނގޮޓިއެއް އޮތެވެ. . . . . ޤުދުރަތުގެ  އަޖައިބުތަކާއި ދުނިޔޭގެ ފުލެއްނެތް ކަމުގެ ދަލީލުތައް  އަޙްމަދުގެ ލޮލުން އެތަކެއް ފަހަރު ފޮޓޯނެގުނު ކަހަލައެވެ.  ދުނިޔޭގެ  އެންމެ އުސް ހިމާލިޔާ ފަރުބަދަ އަޙްމަދުގެ ތުންފަތަށް ވެއްޓި  ލަފުޒުތަކަށް ހުރަސްއެޅި  ކަހަލަ އެވެ. އާދެ! އެ އުފުލައިލި އަތުގައި  އެއޮތީ، އޭނާގެ  އަމިއްލަ  އަތުން  ލީލާގެ  ހަމަ އެ އިނގިލީގައި  މީގެ  އެތަކެއް  ދުވަސްކުރިން  އަޅައިދިން  އަނގޮޓިއެވެ.  . . . . . . .  އާޙްމަދުގެ ނާރުތަކާއި އޭގައި ހިނގަހިނގާ ހުރި ލޭ  ބޭއިޚްތިޔާރުގެ ޤާނޫނަށް އެޅިއްޖެއެވެ.

އަޙްމަދު:-     ތިޔައީ ކާކު ހެއްޔެވެ؟

އެކުއްޖާ:-     ތިޔައީ ކާކު ހެއްޔެވެ؟

އަޙްމަދު:-     މިއީ، ކަލޭ ތިޔަ އިންތިޒާރުކުރާ އަޙްމަދެވެ.

އެކުއްޖާ:-     މިއީ، ކަލޭ ތިޔަ  އިންތިޒާރުކުރާ އަދި މަރުވެފައިވާ  ކަމަށް ހީކުރާ ލީލާއެވެ. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

ދެމީހުންގެ  ދެމެދުގައި  އެއް ހާސްއަހަރު  ވަށްބުރެއް އެޅިގެން  ހިނގައްޖެ އެވެ. ސަތޭކަ  ގަރުނުގެ  ދިގު  މުއްދަތެއް  ލިބިގެން  މެނުވީ  ނުނެރެވޭފަދަ  ކުލަގަދަ  މަރުހަބާއެއް އެފަޅި ސިކުންތުގެ ތެރޭގައި،  އިޚްތިޔާރަކާ ނުލައި ކިއިއްޖެއެވެ.

އަޙްމަދު:-   ލޯބިވާ ލީލާއެވެ. ތިޔައީ  ހަމަ ކަލޭހެއްޔެވެ؟ އިއްޔެ  ކަލޭގެ  ކިބައިން  އަހަރެން ދުށް ހިތް ފަސޭހަ  އަސަރުތައް ކޮބައިހެއްޔެވެ؟ އެ ހިތްގައިމު  ޒުވާންކަންވީ ކޮންތާކުހެއްޔެވެ؟ އެއުފާވެރި  ޙަޔާތް  ދިޔައީ  ކޮން ސަހަރާއަކަށް ހެއްޔެވެ؟ އަދިވެސް  އަހަންނަށް ކަލޭގެ  ދުނިޔެއަށް އައުން ޤަބޫލެއް  ނުކުރެވެއެވެ. އަހަރެމެން  މިހާތަނަށް މިކޮށް ނިންމައިލި  ވަރުގަދަ  ހަނގުރާމައިގައި ވެސް  ތިޔަފަދަ  އަޖާއިބެއް  ދެކިފައެއް  ނުވެއެވެ. ބަލަ! ތިޔައީ ލީލާކަމަށްވާނަމަ، އެންމެ  އަޖާއިބު ހުރި  އަނެއްކަމަކީ. ކަލޭ ގަތުލުކޮށްލާފައި  އޮއްވާ  އަހަރެން  ދުށީމެވެ. އަހަރެންގެ  ކުރިމަތީގައި  އެ ނުލަފާ  ރަޙުމެއްނެތި މުޚުތާރު  ކަލޭ ގަތުލުކުރިކަމަށް އިޢްތިރާފު ވެއްޖެ އެވެ. ނަމަވެސް  މިއަދު  އަހަރެންގެ  ކުރިމަތީގައި ތިޔައިނީ ، ކަލެއެވެ. ފަހެ، މަރުގެ  ގާނޫނާއި  އަޒަލުގެ  ގާނޫނު އިލާހީ  ހިކުމަތްފުޅުން  ފުރިފައިވާ  އުސޫލުގެ މަތިން ބަދަލުވީހެއްޔެވެ؟ އެކަމަކު  އެހެނެއްވެސް  ނުވާނެއެވެ. އަދިވެސް  އަހަރެންގެ ވަށައިގެން މިފެންނަ  މަންޒަރުތައް  ހުސްވެފައި ފެނަކަށް  މެނުވީ  ނުވެއެވެ. ކަލޭގެ  މޫނު ހިޔަންޏަކުން ނަގާފައިވާ  ތަސްވީރެއް  ނޫން  ގޮތެއްގައި  ގަބޫލެއް ނުކުރެވެއެވެ .

އެކުއްޖާ:- ލޯބިވާ އަޙްމަދުއެވެ!  ކަލެއެއް އަހަންނަކަށް ނުވެސް ފެނޭމެއެވެ. އަހަރެންގެ  ހިތުގައި  ކަލެއާއިމެދު އެއްވެސް ޝައްކެތްނެތެވެ. ތިޔައީ . . . . . .  ތިޔައީ. . . . . . ޑިޔަރެސްޓޯ ހޮޓަލާއި، "ލަވް" ލާނަްޗްގައި އަހަރެން އުދުހުނު އުދުހުމަށް ޤުދުރަތުން ދެއްވި  ފިޔައެވެ. ލޯބިވާ އަޙްމަދުއެވެ! އަހަރެންގެ  ވާހަކަ އަހާށެވެ! އެންމެފަހުން  ކަލެއާއި  އަހަރެން  ބައްދަލުވިރޭ  . . . . . .  އަހަރެންގެ  ގަތުލުގެ  ރަތް ލޭތައް، ކަލޭމެން ދުށް ރޭ އަހަންނަށް ނިދީންހޭލެވުނީ، ކޮޓަރިތެރޭގައި މީހަކު އުޅެނިކޮށެވެ. ހޭލެވިގެން  ބަލައިލި އިރު  އަހަރެންގެ  އެނދުގައި ، ހަމަ  އަހަންނާ ޖެހިގެން  ހަމަ އަހަރެން ވަރުގެ  އެހެން އަންހެން ކުއްޖަކު ބާއްވައިފައި އޮތެވެ. އެ ކުއްޖަކު  އޮތީ  ހޭނައްތައިފައެވެ. އަދި އެ ކުއްޖާއެކޭ އަހަންނެކޭ އެއްވެސް ތަފާތެއް ނެތެވެ. ހަމަކުޑަވެސް  ތަފާތެއް ނެތީއެވެ.  އެހެންކަމުން  އަހަންނަށްވެސް  ބިރުން  ހަޅޭއްލަވައި ގަތުމުގެ ބަދަލުގައި  އިހަށް އެކުއްޖާ ބަލައިލެވުނީއެވެ. އޭރު  ކައިރީގައި  ތިޔަބުނާ  މުޙުތާރު  ކޮޅަށް ހުއްޓެވެ. އަހަރެން  ހަމަހޭލެވުމާއެކުގައިހެން  އަހަރެންގެ ނޭފަތުގައި  ދެފަހަރަކު، އޭނާގެ  އަތްޖައްސާލިއެވެ. ދެން އަހަންނަށް  މަޑުމަޑުން  ނިދެމުން ގޮސް ނިދިއްޖެއެވެ.
     
މިހާރު އަހަރެން ހަނދާންވާ ގޮތުގައި  އޭރު ނިދެމުން ދިޔަ އިރު ، މުޚުތާރު އަހަރެންގެ ހެދުމާއި އެ ކުއްޖާގެ ހެދުން ބާލައި، ދެހެދުން ބަދަލުކުރަން އުޅެނީ އެވެ. ނަމަވެސް  ދުލަށް  ލަފުޒެއް ގެނެވޭފަދަ  ބާރެއް  ނުލިބި  ނިދިއްޖެ އެވެ. ދެން އަހަންނަށް ހޭލެވުނީ، ބާރަށް ދުއްވާފައި ދިޔަ ރޭލެއްގެ ކޮޓަރިއެއްގައި  އިންދައެވެ. އެރޭލުން  އަހަރެން ގެނައީ މި ތަނަށެވެ. އަހަރެންގެ ޙަވާލުގައި ވަރުގަދަ ދެމީހުން އައެވެ. އެ ދެ މީހުން  އައިސް މި ގެއާ އަހަރެން  ޙަވާލުކޮށްފައި ހިނގައްޖެއެވެ. އޭގެ  ހައެއްކަ ދުވަސް ފަހުން މުޚުތާރު  ހަސަން  އާއި އަދިވެސް  އެހެން މީހަކު މި ގެއަށް އައެވެ. އެ ދެ މީހުން ދެއްކި  ވަރަށް ސިއްރު ވާހަކަތަކަކުން  އަހަންނަށް  އެނގުނީ  އަހަރެން  އެ ރޭ  ނިންދަވައިފައި ދެން ގެނައި  ކުއްޖާ  އަހަރެންގެ  ހެދުމުގައި އެ ތާނގައި  ބާއްވައިފައި  އަހަރެން  ނެރެގެން ގެންގޮސް މަގުމަތީގައި ހުރި  ތެލްފޯން ކޮޓަރިއެއްގައި ގުޅައަކަށް ބާއްވާފައި  އައިސް  އަހަރެންގެ  ބަދަލުގައި  ބޭއްވި  ކުއްޖާ  ގަތުލުކޮށްލީ އެވެ. ބޭނުމަކީ، މުޚުތާރު ކޮންމެވެސް  ދުވަސްވަރެއްގައި އަހަންނާ ހިތާވެފައިވާކަމުން  މިސްޓަރ ބޭކަރް ކިޔާމީހެއްގެ  އޯޑަރަކަށް  އަހަރެން މާރާލަން ޖެހިގެން  ހެދި މަކަރެކެވެ. ދެން އަހަންނާ އިނުމުގެ  މަގްސަދުގައި އަހަރެން  މިގެއަށް ފޮނުވައިލީ އެވެ. ކޮންމެއަކަސް  މިބުނާ  ވާހަކައެއް  ދެއްކިމީހާއާއި  މެދުގައި  މުޚުތާރަށް ޝައްކުވެގެން، އެމީހާ  މަރާލީކަމަށް ހީވެއެވެ. އެއްރޭ  މިގޭ  ދޮރުމަތީގައި  އިރުއެރިއިރު  އެމީހާ މަރުވެފައި އޮތެވެ.
    
މުޚުތާރު  މިތަނަށް އަންނަނީ  ޙާލު ޙާލުން މަތިންދާ ބޯޓުންނެވެ. އެއްފަހަރެއްގައި އައިސް  އޭނާ އެދުނީ  އޭނާއާއި އަހަރެން އިނުމަށެވެ. އެކަމާ އަހަރެން  ދެކޮޅުހެދުމުން  އެރޭކުރި ހާނިއްކައަކީ ދުވަހަކުވެސް  ހަދާންނެތޭނެ  އަނިޔާތަކެއް ނޫނެވެ. ބޮލުގައި ޖަހާ  ބޯފަޅައިލިއެވެ. އެ އަނިޔާގެ ސަބަބުން  އަހަރެންގެ ދެލޯވެސް އަނދިރިކޮށްލީއެވެ.  
    
އާހް! ހިތާމަހުއްޓެވެ! މުޚްތާރުމެންގެ އަލިފާނުގެ ދައުރު ނިމިއްޖެއެވެ. އަހަރެންގެ ފުރާނައިގެ  ދޫނި  އުދުހިގެން  ދިއުމުގެ ކުރީގައި  ކަލެއާއި ބައްދަލު  ކުރައްވައިފިއެވެ. އެހެނަސް ހިތާމަހުއްޓެވެ! އަހަންނަކަށް  ކަލޭގެ  އުޖާލާކަމެއް ނުފެނެއެވެ. ފަހެ އަހަރެންގެ ލޯތްބަށްޓަކައި މި ވިޔަފާރިކުރީ  . . . . . .  ޞަބުރުވެރި ކަމުގެ ބާޒާރަކުން ނޫންހެއްޔެވެ؟ ވަޢުދަށްޓަކައި މި ޤުރުބާންކޮށްލެވުނީ، ޙަޔާތުގެ  ނޫރުކަމަށްވާ  ދެލޮލުގެ  އަލިކަން  ނޫންހެއްޔެވެ؟ ދުލުން ބޭރުކުރެވޭ އެއްވެސް  ލަފުޒެއް  ޝަކުވާއަކަށް ހަދާކަށް ނެތީމެވެ. އެހެނަސް . . . . . . . އެހެނަސް . . . . . .
 
އާދެ! މިސްޓަރ އަޙްމަދަށް އޭނާގެ ހަޔާތުން ގެއްލިފައިވާ، އެހަޔާތުގެ ސަބަބު ކަމަށްވާ ލީލާ ފެނުމުގެ ސަބަބުން  ހަމަ އެރޭ ގެއަށް ލީލާ ގެންގޮސް އަންވަރާއި އަދި ފިލްމުގެ  ވެރިންނަށް ލީލާ  ތަޢާރަފްކޮށްދީފި އެވެ. އަދި، އެ ވާހަކައިގެ  އަސްލު ބަޠަލާއަކީ . އޭނާކަމުން  ލީލާގެ  މައްޗަށް އެހުރިހާ  ފަރާތަކުން  އޮހެމުން  ދިޔައީ  ތަރުހީބުއާއި މުބާރިކްބާދީއެވެ. އަދި  އުއްމީދުން ފުރިގެންވާ  ހަމްދަރުދީއާއި އެންމެ  ހެޔޮއެދުން ތަކެވެ . . . . . . . . . އެހެންކަމުން ލީލާގެ  ލޮލަށް ފަސޭހަވޭތޯ ދުނިޔޭގެ  ބޮޑެތި ޑަކްޓަރުންގެ  ކައިރިއަށް ލީލާ ގޮވައިގެން " އުދުހުމަށް" ހަމައެވަގުތު  ނިންމައިފިއެވެ.

ފިލްމު" އެގަތުލުގެ ސިއްރު" ގެ ޑިރެކްޓަރ ހީނލައިފައި ބުންޏެވެ. ލީލާއެވެ! ކަލޭގެ ތިޔަ ފެނުން އެއީ އަހަރެމެންގެ  ފިލްމަށް އަނެއްކާވެސް އިތުރުވި  އެއް ކުރޯޑު ފައުނެވެ. މި ފިލްމްގެ ބަޠަލާ އަކީ ހާދިސާގެ ވެސް ބަޠަލާކަމަށްވާ ލީލާއެވެ. އިރާދަކުރެއްވިއްޔާ  މާދަމާގެ މިސިޒް އަޙްމަދެވެ . . . . .
-------------
(ނިމުނީ)
މި ވާހަކައިގެ މި ބައި:
        ޓައިޕްކުރުން:   ޢާއިޝަތު ރުޝްދީ/ ލިޔުންތެރީންގެ ގުޅުން
        އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
        ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އިދާރާ

ވާހަކަ