އަދުގެ ޚާއްސަ

Print

އިސްލާމީ ތަހުޒީބުގެ ނާރެހަކީ މުޙަންމަދީ ރިސާލަކެވެ. (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޖާހިލިއްޔަތުގެ ގޮވެލި ތަފާތު ބަހުރުވަޔަކުން

ޢަބްދުﷲ ފާރޫޤު ޙަސަން

އިތުރުސާހިބާ އެބަޔަކަށް ދީނަށް ގޮވައިލެއވި މީހުންގެތެރެއިން އެކަލޭގެފާނުގެ ރިސާލަތަށް އީމާންނުވާ އަދި އެކަލޭގެފާނުގެ ލޭފޮދަށް ފެންބޮވައިގެންފައިތިބި މީހުންވެސް އަޚްލާޤީގޮތުން ކްރިސްޓިޔަނުން ވެއްޓިގަތްފަދަ ދަށުދަރަޖަޔަކަށް ވެއްޓިއެއްނުގަނެއެވެ. އެބައިމީހުން އިތުރުސާހިބާއަށް ހަޖޫކިޔެވެ. ނަމަވެސް އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެއްވެސް ކަހަލަ ބަދުއަޚްލާޤީ އިލްޒާމެއް ނާޅުވައެވެ. އެކަންތައް ފިޔަވައި ޖާހިލިއްޔަޒަމާނުގައި އިތުރުސާހިބާގެ ރިސާލަތަށް އިންކާރުކުރި މީހުންނާއި މިޒަމާނުގައި އެކަލޭގެފާނުގެ ރިސާލަތަށް އިންކާރުކުރާ މީހުންގެމެދުގައި ތަފާތެއްނެތެވެ. ދެބައިމީހުންވެސް ކުރަނީ އެއްއިޢުތިރާޟުތަކެކެވެ. ދެބައިމީހުންވެސް އަޅުވަނީ އެއްއިލްޒާމުތަކެކެވެ. އާދެ "ޝާޢިރެކެވެ. ކަހީނެކެވެ. މޮޔައެކެވެ. ޖިންނި އަވަލައިފައިހުރި މީހެކެވެ. ސިހުރުވެރިޔެކެވެ. އަމިއްލަފުޅަށް ވާހަކަތަކެއް ހައްދަވައި މާތްﷲއަށް ނިސްބަތްކުރައްވަނީއެވެ. ވަޙީލިބިވަޑައިގަންނަވާ ކަމުގައިވިދާޅުވެ ދައްކަވާވާހަކަފުޅަކީ އިތުރުފުޅެކެވެ. އެކަމުގައި އެހެންމީހުންގެ މަދަދުލިބިވަޑައިގަނެއެވެ. ޤުރްއާނަކީ އެކަލޭގެފާނު އެކުލައްވަވައިފައިވާ، އިސްވެގޮސްފައިވާ މީހުންގެ ވާހަކަތަކެވެ. ހެނދުނާއި ހަވީރު އެވާހަކަތައް ލިޔުއްވަނީއެވެ."

ކީރިތި ޤުރްއާނުގައި މިވާހަކަތައް ބަޔާންކުރައްވަނީ އަންނަނިވި ޢިބާރާތުންނެވެ.

( وَقَالَ الَّذِينَ كَفَرُوا إِنْ هَذَا إِلَّا إِفْكٌ افْتَرَاهُ وَأَعَانَهُ عَلَيْهِ قَوْمٌ آخَرُونَ فَقَدْ جَاؤُوا ظُلْمًا وَزُورًا . وَقَالُوا أَسَاطِيرُ الْأَوَّلِينَ اكْتَتَبَهَا فَهِيَ تُمْلَى عَلَيْهِ بُكْرَةً وَأَصِيلًا )

"ކާފިރުވި މީހުން ބުނޫއެވެ. އެކަލޭގެފާނު (އަމިއްލަފުޅަށް) އުފައްދަވައިގެން އުޅުއްވާ ދޮގެއްކަމުގައި މެނުވީ، މި ޤުރްއާން ނުވެއެވެ. އަދި އެކަމުގެ މައްޗަށް އެހެން ބަޔަކު އެކަލޭގެފާނާ އެހީވޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން އެގެނައީ (އެބަހީ: އެއުރެން އެބުނި ބަހަކީ) އަނިޔާވެރިވުމެކެވެ. އަދި ބޮޑުވެގެންވާ ދޮގެކެވެ. އަދި އެއުރެން ބުނޫއެވެ. (އެއީ) އެކަލޭގެފާނު މީހުން ލައްވައި ލިޔުއްވާފައިވާ، އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެކެވެ. ފަހެ، އެތަކެތި ހެނދުނާއި ހަވީރު، އެކަލޭގެފާނަށް ކިޔައިދެތެވެ."
(އަލްފުރްޤާން: 4-5)

( وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ لِّسَانُ الَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَـذَا لِسَانٌ عَرَبِيٌّ مُّبِينٌ )

"އެކަލޭގެފާނަށް އުނގަންނައިދެނީ، ހަމަކަށަވަރުން، އިންސާނެކޭ އެއުރެން ބުނެއުޅޭކަން، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އެއުރެން، އެކަލޭގެފާނަށް އުނގަންނައިދޭކަމަށް ބުނާ މީހާގެ ބަހަކީ ޢަޖަމީ ބަހެވެ. މިއީ (އެބަހީ: މި ޤުރްއާނުގެ ބަހަކީ) ބަޔާންވެގެންވާ ޢަރަބި ބަހެވެ."
(އައްނަޙްލު: 103)

ޔޫރަޕުގެ އެއްހާސް އަހަރަށްވުރެ ގިނަދުވަސްވީ ޢަދާވާތްތެރިކަމާމެދު ބައްލަވައިލައްވާށެވެ. ބޭއިޚްތިޔާރުގައިވެސް ލޯމަތީން ތަމްސީލުވެގެންދަނީ މައްކާގެ ޖާހިލު މުޝްރިކުން ދެއްކިވާހަކައެވެ. ކީރިތި ޤުރްއާނުގައި އެވާހަކަ ބަޔާންކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

(... إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ . كَذَلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ . أَتَوَاصَوْا بِهِ بَلْ هُمْ قَوْمٌ طَاغُونَ )

"ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟުރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، ބަޔާންވެގެންހުރި އިންޛާރުކުރައްވާ ބޭކަލަކީމެވެ. އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް ރަސޫލަކު އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ. އެއުރެން ރަސޫލުން ދޮގުކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކޮށްފައި ވަނީހެއްޔެވެ؟ އަދިކިއެއްތަ؟ އެއުރެންނީ ފުރެދުމުގައި ހައްދުފަހަނަޅައިފައިވާ ބައެކެވެ."
(އައްޛާރިޔާތު: 51،52،53)

ނޯރމަން ޑެނިއެލް އޭނާގެ ފޮތެއް ކަމުގައިވާ "އިސްލާމް އެންޑް ދަ ވެސްޓް: ދަ މޭކިންގ އޮފް އޭން އިމޭޖް" (Islam and the West: the Making of An Image) ގައި މިވާހަކަ ބަޔާންކުރައްވަނީ އަންނަނިވި ޢިބާރާތުންނެވެ.

"އަހަރެމެން އިންތިހާދަރަޖައިގެ ވަކިފަރާތަކަށްނުޖެހޭ ސްކޯލަރުންގެ ލިޔުންތައް ކިޔާއިރުވެސް ހަނދާން ބަހައްޓަންޖެހޭނީ، ޤަދީމީ ޢީސާއީން އިސްލާމްދީނާއި މުޙައްމަދުގެފާނާމެދު ޚިޔާރުކޮށްފައިވަނީ ކޮންކަހަލަ ވިސްނުމަކާއި ފިކުރެއްކަމެވެ. އެގޮތްތައް އޭރުއްސުރެވަނީ ހުޅަނގުގެ މީހުން ވިސްނާގޮތުގެ ލާޒިމީ ބަޔަކަށްވެފައެވެ. މިއަދުވެސް މި މައުޟޫޢުގައި ވިސްނާ އަދި ވާހަކަދައްކާ މީހުންގެ ފިކުރު ހުންނަނީ އެގޮތަށެވެ.]

ދެ ތަހްޒީބުގެ ކުރިމަތިލުމެއް


މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި، އެކަލޭގެފާނުގެ ރިސާލަތާއި އެކަލޭގެފާނަށް ބާވައިލެއްވި ފޮތާމެދު ކްރިސްޓިޔަނުންގެ ހިތްތަކުގައި މިހާވަރުގަދަ ނީހައެއް އޮންނަނީ ކީއްވެގެންތޯއެވެ؟ މިހާބޮޑު ދުޝްމިނުކަމަކާއި ޢަދާވާތްތެރިކަމެއް އޮންނަ ސަބަބަކީ ކޮބައިތޯއެވެ؟ އާދެ، މީގެކުރީންވެސް އަޅުގަނޑުވަނީ މިސުވާލަށް ޖަވާބުއަރުވައިފައެވެ. އެކަމުގެ ތާރީޚީ، ސިޔާސީ، ނަފްސާނީ ބައެއް ސަބަބުތަކާމެދު މީގެކުރީންވެސް އަޅުގަނޑުވާނީ ވާހަކަދައްކައިފައެވެ.

ކްރިސްޓިޔަނުން ޤަބޫލުކުރާގޮތުގައި އިސްލާމްދީނުގެ ސިފައިގައި އެބައިމީހުންނަށް ކުރިމަތިލާންޖެހުނު ބިރުވެރި އާފާތުގެ އަންތަރީސްވާފަދަ ބާރުގެ ސިއްރަކީ، އަދި އެބާރުގެ ކާމިޔާބީއާ ގުޅިފައިވަނީ މުޙައްމަދީ ރިސާލަތަށް އީމާންވާ ބަޔަކު އުފެދުމެވެ. އެބައިމީހުންނާ އެކަލޭގެފާނާ ގުޅިފައިވާ ލޯތްބާއި ކަމޭހިތުމާއި އިޙުތިރާމުގެ ގުޅުމެވެ. އެހެންކަމުން އެބައިމީހުންނާ ކުރިމަތިވެފައިވާ މުޞީބާތުން ސަލާމަތްވުމަށް އޮތް މަގަކީ އާރާއިބާރާއި ދިރުމުގެ އެމަންބަޢު ނައްތައިލުމެވެ. ކްރިސްޓިޔަނުން ޤަބޫލުކުރާގޮތުގައި މުޙައްމަދީ ރިސާލަތާމެދު މުސްލިމުންގެ ހިތްތަކުގައި އޮންނަ ޔަޤީންކަމަށް ގުޑުންއަރުވައިލެވިއްޖެނަމަ އިސްލާމްދީނާއި މުސްލިމުންގެ އާރާއިބާރުގެ ކިއްލާ އަމިއްލަޔަށް ރޫޅިގެންފައިބައި ބިމާހަމަހަމަވެގެން ހިނގައިދާނެއެވެ. އެޔަޤީންކަން ނައްތައިލެވޭނީ އިތުރުސާހިބާއަކީ ދޮގުވެރި ނަބިއްޔެއްކަން މީހުންގެ ހިތްތަކަށް ޔަޤީންކޮށްދީގެންނެވެ. ޤުރްއާނަކީ އެކަލޭގެފާނުގެ އަމިއްލަފުޅު ތަސްނީފެއްކަން ސާބިތުކޮށްދީގެންނެވެ. އެކަލޭގެފާނުގެ މަތިވެރި ޝަޚްސިއްޔަތު ވީހާވެސް ދަށުދަރަޖަޔަކަށް ވައްޓައިލައިގެންނެވެ. އެކަމަށްޓަކައި ކިތަންމެ ގިނަ ދޮގުތަކެއް ހަދަންޖެހުނު ކަމުގައިވިޔަސްވެހެވެ. ސަލާމަތް ބުއްދިއާއި ތަހްޒީބީ ރީތި ހަމަތަކާ ކިތަންމެ ބޮޑަކަށް ޚިލާފުވެގެންކަމުގައި ވިޔަސްވެހެވެ. ކްރިސްޓިޔަނުން މިމޭރުމުން މިކަމަށް އެއްބަސް ނުވިކަމުގައި ވިޔަސް، އެބައިމީހުންގެ ނުސީދާ އިޢުތިރާފުތައް ފެންނާން އެބަހުއްޓެވެ.

ލަންޑަނުން ނެރޭ ހަފުތާ މަޖައްލާއެއް ކަމުގައިވާ "އިކޮނޮމިސްޓް" ގައި ލިޔެފައިވެއެވެ.


"ދުނިޔޭގެ ލީޑަރޝިޕް ހޯދުމަށް ހުޅަނގުގެ ތަހްޒީބާ ވާދަކުރެވޭނެ އޮތީ އެންމެ ތަހްޒީބެކެވެ. އެއީ އިސްލާމްދީނެވެ. އެހެންކަމުން އެތަހްޒީބާ ހުޅަނގުގެ ތަހްޒީބާ ދެމެދު ކުރިމަތިލުމެއް ހިނގުމަކީ ނުވެނުދާނެކަމެކެވެ. އެހެނީ އިސްލާމްދީނަކީ އައިޑިޔާއެކެވެ. މިއަދުގެ ދުނިޔޭގައި ހުޅަނގާ ވާދަކުރެވިދާނެ ބާރެކެވެ. އެދީނުގައި ޙައްޤެއް އެބައޮތެވެ. މީގެ ސާދަސަތޭކަ އަހަރު ކުރީން މުހައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ މައްޗަށް ބާވައިލެއްވި ޤުރްއާނުގެ ސިފައިގައި ރައްކާތެރިކުރެވިފައި މިއަދުވެސް އެޙައްޤު އެބައޮތެވެ. ތަހްޒީބަކަށް ބާރުލިބިދީ ކާމިޔާބު ހޯދައިދިނުމަށް އެފަދަ ޙައްޤަކާމެދު ޔަޤީންކަން އޮތުމުގެ ބާރާ އެއްވަރު އެހެން ބާރެއް ނޯންނާނެއެވެ. އެކަމާހުރެ ޔޫރަޕިއަނުން ތިބެނީ އިސްލާމްދީނާއި މުސްލިމުން ދެކެ ބިރުންނެވެ. ފިނި ހަނގުރާމައެއް އަލުން އަތުވެދާނެތީ ޖެހިލުންވެފައެވެ. ލަފާކުރެވޭގޮތުގައި އެހަނގުރާމަ "ފިންޏެއް" ވެސް ނުވާނެއެވެ."  

ޔޫރަޕުގެ މީހުން އިސްލާމީ ތަހްޒީބަށް ދޭ ޙަމަލަތަކުގެ އެންމެބޮޑު އަމާޒުފަތްގަނޑަކީ މުޙައްމަދީ ރިސާލަތުކަމުގައި ހަދައިގެން އުޅެނީ މިކަމާހުރެއެވެ. އެބައިމީހުންނަށް ދަނޑިވަޅެއް ލިބިއްޖެނަމަ އިތުރުސާހިބާގެ ޒާތުފުޅަށް ކުނިބުނިއުކާކަށެއް ފަހަކަށް ނުޖެހޭނެއެވެ. ނަމަވެސް މިހާރަކަށް އައިސް އާއްމުކޮށް މިނުބައިބައިކުޅުވަނީ ސަލްމާނު ރުޝްދީއާއި ތަސްލީމާ ނަސްރީނާއި ޓިޔުނީޝިއާގެ އަލްޢަފީފުލް ޚުޟުރުފަދަ މީސްމީހުން ލައްވައެވެ. ބަހުރުވަޔަށްވެސް ބަދަލުގެނެސްގެންނެވެ.

މިބާވަތުގެ ބައެއްމީހުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަން ޤަބޫލުކުރާކަމުގައި ދަޢުވާކުރެއެވެ. ނަމަވެސް ތައުރާތުގައި ސިފަކޮށްފައިވާ އިސްރާއީލީ ނަބީބޭކަލުންފަދަ ބޭކަލެއްގެ ގޮތުގައެވެ. ޚުދު އަހުލުކިތާބީން އެބޭބޭކަލުންގެ ތާރީޚުގައި ލައްޖައްސައިފައިވާ ނަބީބޭކަލުންފަދަ ނަބީބޭކަލެއްގެ ގޮތުގައެވެ. ބައެއްމީހުން ގޮވާލަނީ ވަޙީގެ ބާވަތާއި ޙަޤީޤަތް އަމިއްލަ ވާހަކަތަކަށް ބަދަލުކުރުމަށެވެ. ބައެއްމީހުން މަސައްކަތްކުރަނީ ސެއިންޓް ޕޯލް ކަހަލަ "މުސްލިޙުންނަށް" ވެވޭތޯއެވެ. "ޝަރީޢަތުގެ" ތަކުލީފުން ސަލާމަތްވުމަށްޓަކައެވެ. އަނެއްބަޔަކު އެދެނީ ކީރިތި ޤުރްއާން ދެބަޔަކަށް ބަހައިލުމަށެވެ. އެއްބަޔަކީ ޢަޤީދާއާއި އަޚްލާޤުގެ ބައެވެ. އެބަޔަކީ ކަލާނގެ ކަލާމުފުޅުކަމުގައި ޤަބޫލުކުރުމަށެވެ. ދެވަނަ ބަޔަކީ އިންސާނާ ދިރިއުޅެންވީ ގޮތާއި މުޢާމަލާތުކުރަންވީ ގޮތް ކަމުގައި ހެދުމަށެވެ. އެބަޔަކީ އިތުރުސާހިބާ ތަސްނީފުކުރައްވައިފައިވާ ބައެއް ކަމަށާއި އެބަޔަށް އުނިއިތުރު ގެނެވިދާނެކަމުގައި ހެދުމަށެވެ. އަނެއްބަޔަކު އެއްވެސް ބަޙުޘެއްގެ ތެރެއަށް ވަންނާކަށެއް ބޭނުމެއް ނުވެއެވެ. ނަމަވެސް އެބައިމީހުން ބޭނުންވަނީ އިންސާނީ ޙައްޤުތަކާއި އަންހެނުންގެ މަޤާމާއި ޖުމްހޫރިއްޔަތެއް އުފައްދާނެގޮތާއި މިބާވަތުގެ މައިގަނޑު ނަންތަކުގައި އެބައިމީހުންގެ އަމިއްލަ ގޮތްތަކެއް މީސްތަކުންނަށް ވިސްނައިދިނުމަށެވެ. ރިސާލަތަށް އީމާންވުމާއި ދީނަކީ އަމިއްލަޔަށް އުނިއިތުރުކޮށް ބަދަލުގެނެސް ނެހެދޭނެ އެއްޗެއްކަމުގެ ޔަޤީންކަމަކީ އެއްވެސް ބާރެއްނެތް އަދި މާނައެއްނެތް ކަމަކަށް ވާގޮތަށް މިއުއްމަތުގެ މީހުންގެ ފިކުރާއި، ޢަމަލާއި ދިރިއުޅޭގޮތް ބަދަލުކުރުވުމަށެވެ.

މުސްލިމުންގެ އާރާއިބާރުގެ ސިއްރު


އިކޮނޮމިސްޓްގައި ލިޔެފައިވަނީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ހުޅަނގުގެ ކުރިމަތީގައިވާ އެންމެ ބޮޑު ނުރައްކަލަކީ އަދި އެންމެ ވަރުގަދަ ގޮންޖެހުމަކީ މުޙައްމަދީ ރިސާލަތަށް އީމާންވެ ތެދުކުރުމެވެ. މުސްލިމުންނަށް ލިބިފައިވާ އާދަޔާޚިލާފު ބާރުގެ ސިއްރަކީ އެއީއެވެ. އޭގެ ސަބަބުތަކާމެދު މަތިމަތީގެ ބެލުމެއް ބަލައިލަމާ ހިންގަވާށެވެ.
 
1.    ހުޅަނގުގެ ތަހްޒީބާއި ޒަމާނީވަންތަކަމުގެ (Modernism) ބިންގަލަކީ އަންނަނިވި ފިކުރުތަކެވެ.

އިންސާނާ މިހާރުވަނީ ތަސައްރަފު ފުދި ބާލިޣުވެފައެވެ. އިންސާނުންނަށްވުރެ މަތީފަރާތަކުން މަގު ހޯދާކަށްވެސް ޢިލްމު ހޯދާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ މިހާރުވަނީ އަމިއްލަޔަށް ފުދިފައެވެ. ޚާއްސަކޮށް ކަލާނގެއާއި އެކަލާނގެ ވަޙީފަދަ ވަސީލަތްތަކަކީ އިންސާނިއްޔަތުގެ ޅަފަތުގައި އޭނާ ބާރުލިބިގަތުމަށްޓަކައި އުފެއްދި ތަޞައްވުރުތަކެކެވެ.

ނަމަވެސް މުޙައްމަދީ ރިސާލަތުގެ ފިކުރީ ބިންގާ މިއާ މުޅީން ތަފާތެވެ. އެރިސާލަތު އިންސާނާގެ ޙަޤީޤީ ޚާލިޤަކު ވާކަން އޭނާއަށް އޮޅުންފިލުވައިދެއެވެ. އެކަން ކަށަވަރުކޮށްދެއެވެ. އިންސާނާގެ މަޢުރިފާގެ ސިލްސިލާ އެކަލާނގެ އިސްމުފުޅާ ގުޅުވައިދެއެވެ. އިންސާނާގެ ދިރިހުރުންވެސް ގުޅިފައިވަނީ އެކަލާނގެ ޒާތުފުޅާއެވެ. އިންސާނާއަށް ރިޒުޤުދެއްވަނީވެސް އެ ޙަޤީޤީ ޚާލިޤެވެ. އިންސާނާއަށް ޝިފާދެއްވައި ދުޅަހެއިކަމުގައި ލަހައްޓަވަނީވެސް އެކަލާނގެއެވެ. ހުރިހާ އިޚްތިޔާރުތަކަކާއި ބާރުތަކަކާއި ކުޅަދުންވަންތަކަމެއް މިލްކުވެވޮޑިގެންވަނީ އެކަލާނގެ ރަސްކަންފުޅަށެވެ. އިންސާނާ ދިރިއުޅޭންވީ ރަނގަޅުގޮތަށް މަގުދައްކަވަނީވެސް އެކަލާނގެއެވެ. ހުރިހާ ޙައިޘިއްޔަތަކުންވެސް އިންސާނާވަނީ އެކަލާނގެ ރަސްކަންފުޅަށް ބޭނުންވެގެންނެވެ.

2.    ހުޅަނގުގެ ތަހުޒީބުގެ ޢިލްމީ ފަލްސަފާ (Epistemology) ގައިވާ ގޮތުން ޢިލްމުގެ ޒަރީޢާއަކީ ހަމައެކަނި އިންސާނާގެ ޙިއްސުތަކެވެ. އޭނާގެ ބުއްދިއެވެ. އޭނާގެ ތަޖުރިބާއެވެ. އޭނާ ލޮލުންދެކެ އަތުންހިފާހިފުމެވެ. އޭނާގެ ސައިންޓިފިކް މެތަޑެވެ. ޢިލްމަކީ ހައްތާވެސް ހީވާހީވުންތަކެކެވެ. އެހީތައް މިއަދު ޙަޤީޤަތަކަށް ވެފައި މާދަމާ އެއާ އިދިކޮޅުވެސް ވެދާނެއެވެ. އަދިކީއްހެއްޔެވެ؟ ޙަޤީޤަތާ ޚިލާފުވުމުގެ އެކަށީގެންވުން ނެތްކަމުގައިވާނަމަ ޢިލްމަކަށް ނުވެސްވާނެއެވެ. އެއީ ޤަބޫލުކުރާ ގޮތެކެވެ. ކަނޑައެޅިގެން ބަދަލެއްނާންނާނެ ޢިލްމެކެވެ ބުނެވޭނެ އެއްވެސް އެއްޗެއް ދުނިޔެއަކު ނުވެއެވެ. އެއްވެސް މީހަކަށް އަނެކެއްގެ ގާތުގައި ޙައްޤުގެ މިންގަނޑަކީ މިއޭ މިގޮތް ޤަބޫލުކޮށް މިގޮތަށް ތަބާވާށޭ ބުނެވޭނެ އެއްވެސް އެއްޗެއް ދުނިޔެއަކު ނުވެއެވެ.

މިއާ ޚިލާފަށް މުޙައްމަދީ ރިސާލަތު އާރާސްތުވެފައިވަނީ ޔަޤީންކުރެވޭ ޢިލްމެއް އެބައޮތްކަމުގެ ޝުޢޫރާ އެއްގޮތަށެވެ. އެޢިލްމުގެ ވަސީލަތަކީ އިލާހީ ވަޙީއެވެ. އިތުރުސާހިބާގެ ރިސާލަތެވެ. އެރިސާލަތު ޤަބޫލުކުރަން އެއްވެސް މީހަކަށް މަޖުބޫރުނުކުރެވުނު ކަމުގައި ވިޔަސް އެރިސާލަތު ޤަބޫލުކޮށްފި ކޮންމެ މީހަކު އެރިސާލަތުގެ ޢިލްމަށް ބޯލެނބުން ލާޒިމެވެ. ކުޅަދާނަވެގެންވާ އެންމެ މަތީ ދަރަޖައަކަށް އެއާއެއްގޮތަށް ހިންގަން ޖެހޭނެއެވެ. ހުޅަނގުންވަނީ ޙައްޤާއި ބާޠިލާ ދެލަފުޒު ރަދީފުން ބޭރުކޮށްފައެވެ. އެދެލަފުޒު ބޭނުންކުރުމަކީ ތަހްޒީބާއި ފެޝަނާ ޚިލާފުކަމެއްކަމުގައި ބަލައިފައެވެ. ނަމަވެސް މުޙައްމަދީ ރިސާލަތު ޤަބޫލުކުރާ މީހުންގެ ގާތުގައި މިއަދުވެސް އެދެލަފުޒަކީ ޙަޤީޤަތެއް އޮތް ދެލަފުޒެވެ. ދިރުންހުރި ދެލަފުޒެވެ. އަބަދުވެސް އެގޮތުގައި ދެމިއޮންނާނެ ދެލަފުޒެވެ.

3.    ހުޅަނގުގެ މީހުންގެ ގާތުގައި އަޚްލާޤީ އަގަކަށް ވިޔަސް، ޤާނޫނަކަށް ނުވަތަ ޤަވާޢިދަކަށް ވިޔަސް، ރަނގަޅު ކަމަކަށް ވިޔަސް، ނުބައި ކަމަކަށް ވިޔަސް، ފައިދާހުރި ކަމަކަށް ވިޔަސް، ގެއްލުންހުރި ކަމަކަށް ވިޔަސް، އެއީ އެމީހެއްގެ އަމިއްލަ އިޙްސާސެވެ. އެމީހަކު ދެކޭގޮތެވެ. ކޮންމެ ކަމެއްވެސް ރަނގަޅު ކަމަކަށްވެސް ނުބައި ކަމަކަށްވެސް ވެދާނެއެވެ. އޭގެޒާތުގައި ރަނގަޅު ކަމަކަށް ނުވަތަ ނުބައި ކަމަކަށްވާ އެއްވެސް ކަމެއް ނެތެވެ. ނަމަވެސް މުޙައްމަދީ ރިސާލަތު ޤަބޫލުކުރާ މީހުން އީމާންވާގޮތުގައި އެއެއްޗެއްގެ ނުވަތަ އެކަމެއްގެ ޙަޤީޤަތް ވަޙީގެ ޒަރީޢާއިން ބަޔާންވެފައިވާ އެއްވެސް އެއްޗެއްގެ ނުވަތަ ކަމެއްގެ ޒާތަކަށް ބަދަލެއް ނާންނާނެއެވެ. އެއްވެސް މީހެއްގެ ރުހުމަކުން ނުވަތަ ނުރުހުމަކުން، އެއްވެސް މީހަކަށް ފެންނަގޮތެއްގެ ސަބަބަކުން އެއްވެސް މީހަކު ދައްކާ ދަލީލަކުން ނުވަތަ ކުރާ ތަޖްރިބާއަކުން ތަފާތެއް ނާންނާނެއެވެ.

4.    ހުޅަނގުގެ ތަހްޒީބުގެ ނަޒަރުގައި ޣައިބުގެ ޢިލްމުތަކަކީ (ﷲ އާއި، މަލާއިކަތުންނާއި، ވަޙީއާއި، މަރުވުމަށްފަހުގެ ޙަޔާތަކީ) އެއްވެސް ޙަޤީޤަތެއް އޮތް ކަންތައްތަކެއް ނޫނެވެ. އެއާޚިލާފަށް، މުޙައްމަދީ ރިސާލަތަށް އީމާންވާ މީހުން ޤަބޫލުކުރާގޮތުގައި އިންސާނީ ޙަޔާތުގެ މަޤުޞަދާއި މާނައާއި އިންސާނާގެ ޙަޤީޤަތަކީ ކޮބައިކަން އޮޅުންފިލާނީ ހަމައެކަނި ޣައިބުގެ ޢިލްމުންނެވެ. މުޙައްމަދީ ރިސާލަތު އުނގަންނައިދީފައިވާ މިޙަޤީޤަތްތަކަކީ ދިރިދެމިހުރި ޙަޤީޤަތްތަކެކެވެ.

5.    މުޙައްމަދީ ރިސާލަތަށް އީމާންވާ މީހުންވެސް ދުނިޔެއާއި ދުނިޔެއިން އިންސާނާއަށް ލިބެންވީ ނަސީބާމެދު ޝައުޤުވެރިވެއެވެ. ހުޅަނގުގެ މީހުންވެސް އެކަންކަމަށް ޝައުޤުވެރިވާ ވަރަށެވެ. ނަމަވެސް ހުޅަނގުގެ މީހުންގެ އަމާޒުފަތްގަނޑަކީ ހަމައެކަނި މިދުނިޔެއެވެ. މިދުނިޔޭގެ އުފާތަކެވެ. އަރާމާއި ހިތްހަމަޖެހުމެވެ. މިދުނިޔޭގެ ދިރިއުޅުމުގެ މަތީފެންވަރެވެ. މުޙައްމަދީ ރިސާލަތަށް އީމާންވާ މީހުންގެ ޝައުޤުވެރިކަމުގެ ދާއިރާއަކީ މިދުނިޔެއާއި މިދުނިޔޭގެ އަހްލުވެރީންގެ ލާބަޔަށް އެދުމާއެކު ތިމާގެ އުޚުރަވީ ހެވަތާއި މަންފާއަށްޓަކައި ގަދައަޅައި މަސައްކަތްކުރުމުގެ ދާއިރާއެވެ. މިދެވިސްނުމުގެ ނަތީޖާއެއްގެ ގޮތުން ބިނާވެގެން އަންނަނީ މުޅީން ތަފާތު ދެބާވަތެއްގެ ދެޝަޚްޞިއްޔަތެކެވެ. ދެއަގެއް ޤަބޫލުކުރާ ތަފާތު ދެމުޖުތަމަޢެކެވެ.
-----------
(ނުނިމޭ)

މިލިޔުން:

ފޮނުވުން:  އަލްފާޟިލް ޢަބްދުﷲ ފާރޫޤޫ ޙަސަން (ފަންވަތުގެ އިދާރީލިޔުންތެރިއެއް)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
ޝާއިޢުކުރުން:  ''    '''

ހަމަމިގަލަމުން

އިދާރާ

ވާހަކަ