އަދުގެ ޚާއްސަ

Print

ސާދަ ވިލޭރޭ (4)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހިމް ވަހީދު

                                                 (7 އޮގަސްޓް 2011 (އާދީއްތަ) އާ ގުޅޭ..)

ނާޒިމާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. "އަހަރެން ކަލެއަށް ފަންޑިތަ ހަދާނަން. ތި ހީކުރީ ކަލޭ އެކަނި ކަމަށްތަ މާލޭގަ ތިކަން ކުރަނީ؟" ނާޒިމާ ގޮންޖެހިއެވެ.

"ހަދާ!" ތިމާގެ ބާރާ މެދު އިސްމާއިލްފުޅަށް ލިބިފައިވަނީ ވަރަށް ބޮޑު ޔަގީންކަމެކެވެ. "ބޭނުން ވަރަކަށް ހަދާ! އެކަމަކު، އޭރުންވެސް ބޭޒާރުވާނީ ކަލޭ!"


އިސްމާޢީލްފުޅު ބުނީ ނާޒިމާ ވިސްނައިލާން މަޖްބޫރުވާ ކަހަލަ އެއްޗެކެވެ.

ނޮޅައިލި ބިހުގެ އެއްބައި ކައިލައިފައި ދިރުވައިލުމާއެކު އިސްމާޢީލްފުޅު ކޮށިއެރިއެވެ. ވުމާއެކު ކައިރީގައި ހުރި ފެން ފުޅިން ފެންފޮދެއް ބޮއިލި އެވެ.

"ކަލޭ އެންމެ ފުރަތަމަ މިތަނަށް އައީ ކީއްކުރަން؟" އިސްމާޢީލްފުޅު އެހިއެވެ. "ކަލޭގެ ބަނޑުގައި ތިޔަ އޮތީ އެމީހާގެ ދަރިއެއް. އާނއެކޭ ބުނޭ"

ނާޒިމަ އަށް ލިބުނީ ސިހުމެކެވެ. ކުއްލިއަކަށް ނުތަނަވަސް ވިއެވެ.

"އެ ހުރިހަ ކަމެއް ފަޅާ އަރާނެ" އިސްމާޢީލްފުޅު އިންޒާރު ދިނެވެ. "ދެން ކަލޭގެ މައިންބަފައިންނަށް ވާނެ ގޮތް ވިސްނާލާ!"

އެ ވަގުތު ނާޒިމާ ހަނދާންވީ ބައްޕަގެ އެކުވެރިއެއްގެ ދަރިފުޅު ރަށްމެދަށް ވިހައިގެން، ނާޒިމާގެ ބައްޕަ ވަރަށް ފަހުން ބުނި ޖުމްލައެކެވެ.

"މަގޭ ދަރިއެއްނަމަ ލަދުން މަރުވީސް. ކިހިނެތް މީހަކަށް މޫނު ދައްކާނީ؟ މަ މީ މިސްކިތެއްގެ މުދިމެއް." ނާޒިމާގެ ބައްޕަ ބުނެފައިވެއެވެ.

ނަޒިމާގެ ލޮލުން އޮހޮރެން ފެށީ ކަރުނައެވެ. އެ ވަރުން ވެސް އިސްމާޢީލްފުޅުގެ ހިތަކަށް އެއްވެސް ރަޙުމެއް ނުވަނެވެ.

"އަހަރެން ކަލޭނަމަ ޗުއްޕު ވެސް ނުބުނެ ހުންނާނީ."އިސްމާޢީލްފުޅު ވަެޔއްލަމުން ބުންޏެވެ. "ހާސްނުވެ ބަލަ! ކޮންމެކޮންމެ ރެޔަކު އޭނައެއް ނާންނާނޭ. އޭނާ އަންނާނީ، ކޮންމެ މަހެއްގެވެސް ސާދަ ވިލޭރޭ. އެރޭ އޭނައަށް ހުސްކޮށްލީމަ އެ ނިމުނީ. ދެން އޭނަ ގާތު ބުނޭ ކަލޭ ބޭނުންވާ މީހާ ހޯދައިދޭށޭ. ފަހަރެއްގައި އޭނާ އެކަން ކޮށް ވެސް ދިފާނެއެއްނު."

ބުނާނެ އެއްޗެއް ނޭނގިފައި ނާޒިމާ ހުރީ އެވެ. އެ ގޮތަށް އެ ކަން ވާނެކަން ކުރިން އެނގުނު ނަމަ، ފަންޑިތަ ހެދުމުގެ ޚިޔާލު ނާޒިމާ ދޫކޮށްލީހެވެ. ދެން ކުރެވޭނެ ކަމެއް ނެތެވެ. ހައްޔަރުވި ދަންތުރަ ވަރުގަދަކަމުން، ފަރާތަކަށް ގުޑައިލެވެން ވެސް ނާޒިމާއަކަށް ނެތެވެ. ފެންކަޅިވެފައި ނާޒިމާ ހުރީ އެވެ.

ޓީވީ އަށް "މަޣުރިބް ނަމާދު ވަގުތު" އެރުމުން ފައުޒިއްޔާ ޓީވީ ނިއްވައިލި އެވެ. އަދި ފުރިޖުން އައިސް މަސް ނަގައިގެން ގެނެސް ފިނި ފިލުވަން ބެހެއްޓި އެވެ. ނަމާދު ކޮށްލައިގެން އަންނަން ވާ އިރަށް މަހުގެ އައިސްކަން ކެނޑޭނެ ކަމުގެ އުންމީދުގައެވެ. އެ ވަގުތު، މޭޒުމަތީގައި އޮތް ފައުޒިއްޔާގެ މޯބައިލް ފޯނު ރިންގުވިއެވެ. ޝާފިޔާގެ ނަން އަރައިފައި އޮތެވެ. ފައުޒިއްޔާ ފޯނު ނެގި އެވެ.

"އައްސަލާމް އަލައިކުމް. ކިހިނެތްތަ ޝާފިޔާ. އާނ މަޑުކުރޭ!" ފައުޒިއްޔާ ބުންޏެވެ.

ފޯނު ހިފައިގެން ފައުޒިއްޔާ ގޮސް ނާޒިމާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހިއެވެ. އެންމެ ފަހަރަކު ނޫނެވެ. އެހެން ނަމަވެސް އެއްވެސް ޖަވާބެއް ފައުޒިއްޔާއަކަށް ނުލިބުނެވެ.

"ދަރިފުޅާ! ނާޒިމާ! ޝާފިޔާގެ ފޯނެއް." ފައިޒިއްޔާ ބުންޏެވެ.

ދެން ވެސް އެއްވެސް ޖަވާބެއް ނުލިބުމުން، ޝާފިޔާއަށް ފައިޒިއްޔާ ޖަވާބު ދިނެވެ.

"ހީވަނީ ފާޚާނާގައިހެން. އާނ ނުކުތީމަ ބުނާނަން." ފައިޒިއްޔާ ބުންޏެވެ.

ނާޒިމާ ހުރީ ފާޚާނާއަކު ނޫނެވެ. އޭނާ އޮތީ އެނދުގައި ހުރަހަށް ވެއްޓިފައެވެ. ހަމހިމޭންކމާ އެކު،  ނުފެންނަ ބާރަކާ ދެކޮޅަށް ނާޒިމާ ގަދަ ހަދަމުން ގެންދިޔައެވެ. އުއްޑުން އޮތް ނާޒިމާގެ ދެ އަތް، އެނދުގެ ގޮދަޑީގައި ތަތްވެފައިވާ ކަހަލައެވެ. އަތުގެ މުލައްދަނޑީން، މީހަކު ވަރަށް ބާރަށް ހިފަހައްޓާފައި ވާކަމުގެ ނިޝާން ފެންނަން ހުއްޓެވެ. ނާޒިމާ ފެންކަޅިވެފައި، އަލަމާރިއަށް ޖަހާފައިވާ ތަޅުދަނޑީގައި އެލުވާފައިވާ ތަޅުދަނޑިލާ އެތީގައިވާ ފޮޓޯއަށް ބަލަހައްޓައިގެން އޮތެވެ. ނާޒިމާއަށް ލިބެމުންދާ ހުރިހާ ވޭނެއްގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ މީހަކީ، އެ ތަޅުދަނޑިލާ އެތީގައިވާ ފޮޓޯ އިން ފެން މީހާއެވެ. ދުވަހަކު ވެސް އެމިހާ އަށް ނާޒިމާ މާފެއް ނުކުރާނެއެވެ. ރަޙުމެއްވެސް ނުކުރާނެ އެވެ.

ގަލަށް ބިންދައިލި ރާޅުގެ އަޑުން ޖައްވު ގުގުމާލި އެވެ. ލޮނުޒިޔާރަތްކޮޅު ތޮށިގަނޑު މަތީގައި، އިސްޖަހައިލައިގެން ނާޒިމާ އިނެވެ. ކައިރީގައި ޝާފިޔާ ވެސް އިނެވެ. ދެމީހުންތިބީ ވަރަށް ހަމަހިމޭންކޮށެވެ. ރޮއިރޮއި ރަތްވެފައިވާ ނާޒިމާގެ ދެ ލޮލާއި، ކަރުނަ ނުހިކި ތެމެމުންދާ ކޯތާފަތް، ބުރުގާގެ ކަނުން ނާޒިމާ ފުހެލި އެވެ. މާޔޫސްކަން ފިޔަވައި އެހެން އެއްވެސް އެއްޗެއް އެ މޫނުން ޝާފިޔާއަކަށް ފެންނާކަށް ނެތެވެ. އެކަމަކު ޝާފިޔާ އިނީ ބިރުގެންފަ އެވެ.

"މާތް ކަލާއްކޯ! ދެން ކިހިނެތް ހަދާނީ؟" ޝާފިޔާ ބުންޏެވެ.

"ކިހިނެތް ހެދޭނީ؟" ހިތުގައި ޖެހިފައިވާ އަޑަކުން ނާޒިމާ ބުންޏެވެ.

"ދެން މަންމަގާތު ބުނަންވީނު!"  ޝާފިޔާ ލަފާދިނެވެ.

"އޭރުން ވާނެ ގޮތް މިހާރު ވެސް އަހަރެން ބުނެފާނަން." ގިސްލަމުން ނާޒިމާ ބުންޏެވެ. "އަހަރެން ގޮވައިގެން މަންމަ ދާނީ ރަށަށް. އެންމެ ސިކުންތަކު ވެސް މަންމަ މަޑެއްނުކުރާނެ."

"އެއީ ކީއްކުރަން ރަށަށް ދަނީ؟" ޝާފިޔާ އެހިއެވެ.

"ފަންޑިތަ ހަދަން." ނާޒިމާ ޔަގީންކަމާއެކު ބުންޏެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ޝަފިޔާ އިނެވެ. ނާޒިމަ ރޯން ފެށިއެވެ. މަޑުމަޑުން އަޑު ބޭރުވާން ފެށިއެވެ.

"ދެން ހުއްޓާލާ!" ކުރަން ފަސޭހަ ނުވިޔަސް، ބުނާނެ އެހެން އެއްޗެއް ޝާފިޔާއަކަށް ނޭނގެ އެވެ.

"ކީއްވެގެންތަ އަހަންނަށް އަބަދު ދެރަ ގޮތްގޮތް ވަނީ؟" ނާޒިމާ ޝަކުވާގެ ރާގަކަށް އެހިއެވެ. "ކީއްކުރަން އަހަރެން އެ ފަންޑިތަ ހަދާ މީހާ ގާތަށް ދިޔައީ؟"

އެއީ ރަނގަޅު ސުވާލެކެވެ. ޝާފިޔާ ނަމަ އެފަދަ ކަމެއް ނުވެސް ކުރާނެއެވެ. އެކަމަކު އެހެން ބުނުމަކުން ނާޒިމާއަށް ލިބޭނެ އެއްވެސް ހިތްވަރެއް ނެތެވެ.

"ދެން ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް" ޝާފިޔާ ބުންޏެވެ. "އެކަމަކު ބުރުގާ އަޅައިގެން ކިހާ ދުވަހެއް ވަންދެން އަނިޔާތައް ފޮރުވޭނީ؟ އޭނ؟  ކުރިންވެސް ނާޒިމާއަށް ކަންތައް ކުރެވުނީ ގޯސްކޮށް. މިހާރުވެސް ތިޔަ ކުރަނީ ގޯސްކޮށް."

"އަހަރެން ބަނޑުބޮޑުކަން ބައްޕައަށް އެނގިއްޖެއްޔާ ބައްޕަ ލަދުން މަރުވެސް ވެދާނެ." ނާޒިމާ ބުންޏެވެ.

"އެކަމަކު ނާޒިމާ!" ޝާފިޔާ ވިސްނައި ދިނެވެ. "މިއަދު ނޫނީ މާދަމާ ޖެހޭނީ ތިކަމާ ކުރިމަތި ލާށޭ. އަހަރެން އޭރުވެސް ބުނީމެއްނު އެ އަންދު އަކީ ޓުރަސްޓު ކުރަން ހެޔޮވާވަރުގެ މީހެއް ނޫނޭ. އޭނަޔާ ދުރުވާށޭ."

"އޭނާ ބުންޏޭ މެރީ ކުރާނަމޭ." ނާޒިމާ ބުންޏެވެ.

"ހަމަ މީހަކު މެރީ ކުރާނަމޭ ބުނާއިރަށް ޖެހޭތަ...." އެ ހިސާބަށް ބުނެފައި ޝަފިޔާ ހުއްޓާލި އެވެ. "ނާޒިމާއަށް ހަމަ ސާބަސް. ލޯބިވެފައި، ކައިވެނި ކޮށްފައި، ދެނޭ ބަނޑުބޮޑުވާން ޖެހޭނީ. އެ ހުންނަނީ އިސްފަސް ކުރެވޭ ކަންކަމެއް ނޫނޭ."

"ޝާފިޔާ ވެސް އަހަންނަށް އެއްޗެހިތަ ކިޔަންވީ؟" ނާޒިމާ އެހި އެވެ.
 
ޝާފިޔާ ރުޅި މަޑުކުރިއެވެ. އެހެން ނަމަވެސް އަނގަމަޑުންލައިގެން ހުރުމަކީ ޝާފިޔާ ބޭނުންވާ ގޮތެއް ނޫނެވެ.

"ކިޔޭނެއެއްނު! އެއް ކަންތައް ސިއްރުކުރަން ހަދައިގެން އަނެއް ހަ ކަންތައް ތިއޮތީ ލައިގެންފައި. އެކަމަކު، އަހަރެން ނުހުންނާނަން ވާނެ އެއްޗެއް ވަންދެން ބަލާކަށް. ސީރިޔަސްކޮށް މި ބުނީ." ޝާފިޔާ ފާޅުގައި ބުންޏެވެ.

"ކިހިނެއް ހަދަން ތި އުޅެނީ؟" ނާޒިމާ ބިރުގެންފައި އެހިއެވެ.

ކުއްލިއަކަށް ނާޒިމާގެ ކޮޓަރީގެ ދޮރު ހުޅުވައިލި އެވެ. ދޮރުމަތީގައި ހުރީ ނާޒިމާގެ މަންމަ އެވެ. ކަންބޮޑުވެފައިވާ ފައުޒިއްޔާ، ކަޅިޖަހައިނުލައި ނާޒިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ނާޒިމާ އެނދުގައި އިށީނދެލައިގެން، ފާރުގައި ލެނގިލައިގެން އިނެވެ. ކޮންމެހެން އެތަނުން ތެދުވާކަށް، ނުވަތަ މަންމައަށް ފިލާކަށް ނާޒިމާ ބޭނުމެއް ނޫނެވެ. ބަލަހައްޓައިގެން ހުރި ގޮތުން، މަންމައަށް ހުރިހާ ސިއްރެއް ފަޅައި އަރައިފިހެން ނާޒިމާއަށް ހީވި އެވެ. ނާޒިމާގެ ލޮލުގައި ވަނީ މާޔޫސްކަމެވެ. ފައުޒިއްޔާ ކޮޓަރިއަށް ވަދެފައި ދޮރު ލެއްޕިއެވެ. އަދި ތަންކޮޅެއް ހަރުކަށިކޮށް އައިސް ނާޒިމާގެ ބުރުގާ ދަމައިގަތެވެ. އެ ހިނދު، ދަރިފުޅުގެ ކަރުގައި ވަކިއަޅާފައިވާ ތަންތަން ފައުޒިއްޔާއަށް ފެނުނެވެ.

"ސުބުހާނަﷲ!" ފައުޒިއްޔާއަށް ބުނެވުނު އެއްޗަކީ އެއީ އެވެ.

ރޮއިގެންފައި، ފައުޒިއްޔާގެ ގައިގައި ނާޒިމާ ބައްދައިގަތެވެ. އަޑުން އަޑުނަގައި ރޮއިގަތެވެ. އެއްޗެއް ނުބުނެވިފައި ފައުޒިއްޔާ ހުއްޓައި، ފައުޒިއްޔާގެ ލޮލުން ވެސް ކަރުނަތައް އޮހޮރެން ފެށިއެވެ. އެކަމަކު އިސާހިތަކު އަނެއްކާ ފައުޒިއްޔާގެ މޫނުމަތިން ނަފުރަތުގެ އަސަރު ފާޅުވި އެވެ. އެއީ ރޯންވީ ވަގުތެއް ނޫން ކަމާއި. ވަގުތު ވަރަށް ކުޑަތަން ވެފައިވާކަން ފައުޒިއްޔާއަށް ވިސްނުނެވެ.

"ފޮއްޓަށް އެއްޗެހި އަޅާ!" މަޑުމަޑުން ފައުޒިއްޔާ ބުންޏެވެ.

އަމާން ބަދަރުން ނުކުތުމަށްފަހު، ހުޅިނަގައިފައިވާ ރާޅުތަކާ ދިމާއަށް ދޯނި މިސްރާބުޖެހި އެވެ. މޫސުމަށް ބަލާއިރު، އެ ދުވަހަކީ، ދަތުރުކުރަން އެންމެ އެކަށީގެންވާ ދުވަހެއް ނޫނެވެ. އެހެންނަމަވެސް ފައުޒިއްޔާ ބޭނުންވީ ދަރިފުޅު ގޮވައިގެން ފުރާށެވެ. ފައުޒިއްޔާއަށް ބާރު ހިނގާ، ފަސޭހަކޮށް ކަންތައްތައް ކުރެވޭނެ ތަނަކަށް ދަރިފުޅު ގެންދާށެވެ. އެއީ ފައުޒިއްޔާގެ ރަށެވެ. އެކަނިމާ އެކަނި، ދޯނީގެ ދިރުނބާކޮޅާ ދިމާގައި ހުއްޓިލައިގެން ނާޒިމާ ހުއްޓެވެ. އެއީ ނައިސް ނުދާނޭކަން ނާޒިމާއަށް ގައިމުވީ ދުވަހެކެވެ. އެހެންނަމަވެސް، އެފަދަ ދުވަހެއް އައުމުން ތިމާ ކިހާ އެކަނިވެރިވާނެކަން، ކުރިން ނާޒިމާއަށް އިހުސާސް ކުރެވިފައެއް ނެތެވެ. ދޯނިން ފުންމާލަން ކިތަންމެ ފަހަރަކު ނާޒިމާ ހިތަށް އެރިއެވެ. އެ ކަން ނުކުރި ނަމަ ނުކުރީ، ތިމާގެ ހަށިގަނޑު ދެކެ ލޯބިވާތީއެއް ނޫނެވެ. މައިން ބަފައިންނަށް އިތުރު ހިތްދަތިކަމެއް ދޭން ނާޒިމާއަށް ނުކެރުނީ އެވެ.

ރަށުގެ ފާލަމަށް ފޭބުމާ އެކު ނާޒިމާ ގޮވައިގެން ފައުޒިއްޔާ ހިނގައިގަތެވެ. އަވަހަށް ގެއަށް ދިއުމަށްޓަކައެވެ. ކުރަން އައި ކަންތައް އަވަސް ކުރުމަށްޓަކަ އެވެ. ފޮށިތަކާ ހަވާލުވެގެން އައީ މުނީޒެވެ. ގޭގެ ދޮރާ ހިސާބުން، ފޮށިތައް ގެނައި މީހާއަށް އުޖޫރައެއް ދިނުމަށް ފަހު އެމީހާ ފޮނުވައިލުމަށް މުނީޒު އަވަސް ވެގަތެވެ.

"ގޭތެރެ ރަނގަޅަށް ސާފުކުރިންތަ؟" މުނީޒު އެހިއެވެ.

ހުރިހާ ތަނެއް ސާފުކޮށްފައި ހުންނާނީ. ހިނގާބަލަ ބަލައިލަން." އެ މިހާ އެދުނެވެ.

"އުހުނ! އޯކޭވާނެ." ފައިސާ ދީފައި އެމީހާ ފޮނުވައިލަމުން މުނީޒު ބުންޏެވެ.

ގޭގެ ދޮރު ހުޅުވައިލައިފައި މުނީޒު އެތެރެއަށް ވަނެވެ. އެއީ އާދައިގެ ފެންވަރަކަށް ވުރެ ރަނގަޅު ފެންވަރެއްގައި ހަދައިފައިވާ ގެއެކެވެ. ނާޒިމާ އާއި ފައުޒިއްޔާ އެތެރެއަށް ވަދެ އެކި ދިމަދިމާއަށް ނަޒަރުހިންގައިލި އެވެ. މުނީޒު ފޮށިތައް ގެނެސް ބެހެއްޓިއެވެ.

"ދެން ދޭ އާދަމްމަނިކަށް އަންގަން. ބުނޭ އަހަރެމެން އަތުވެއްޖައީމޭ." ފައުޒިއްޔާ ބުންޏެވެ.

"ފޯނުން ގުޅައިފައި ހުރިހާ ކަމެއް ހަމަޖއްސާފައޭ އޮންނާނީ" ފޯނު ނަގަމުން މުނީޒު ބުންޏެވެ. "ކޮންމެހެން އެގެއަށް ނުދިޔަސް ފޯނުން ޚަބަރު ބަލައިލެވިދާނެ."

"ކަމަކު ނުދާނެ." ހަރުކަށި ރާގެއްގައި ފައުޒިއްޔާ ބުންނެވެ. "ހަމަ އޭނަ ގާތަށް ގޮސް އަހަރެމެން އައި ވާހަކަޔާ، މިރޭ މިކޮޅަށް އައުމުގެ ކުރިން ވާނުވާވެސް ބަލައިފައި އަންނާށޭ ބުނާތި. މިހާރު ދޭ!"

ފައުޒިއްޔާ އަކީ އެކަމެއް އޮންނަ ވަރަށް ވުރެ ކަންކަން ބޮޑުކޮށްލާ މީހެއްކަން މުނީޒަށް އެނގެ އެވެ. އެކަމަކު އެއީ ތަންކޮޅެއް ބޮޑުވަރޭ މުނީޒު ހިތަށް އެރިއެވެ. އެހެންވިޔަސް، އެއްޗެއް ބުނެފިއްޔާ މައްސަލަ ހައްތަހާ ހޫނުވާނެތީވެ، ހަމަހިމޭންކަމާއެކު، ކުޑަކޮށް ހިތްހަމަނުޖެހި ހުރެގެން މުނީޒު ހިނގައިގަތެވެ.

"ދެން ނާޒިމާ ގޮސް ކޮޓަރިއަށް ވަދޭ." ފައުޒިއްޔާ އަމުރުކުރިއެވެ. "ކޮންމެހެން ރަށުތެރެ އަށް ނުކުމެގެން އުޅޭނެ ކަމެއްނެތް. އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކަށް އެކައްޗެއް ވެސް އަންގާކަށް."

"އަހަރެން ބުނަންތަ ވާހަކައެއް މަންމާ! އަޅެ އަހަރެން ބޭނުމެއް ނޫން ފަންޑިތަ ހަދާކަށް." ނަޒިމާ ބުންޏެވެ.

"ދަރިފުޅުގެ ޚިޔާލެއް މަންމައެއް ނާހަމެއްނު. އަހާ ހިސާބަށް ހިނގައްޖެއްޔާ އަހާނަން." ފައުޒިއްޔާ ބުންޏެވެ.

ހިތްހަމަ ނުޖެހިފައި ނާޒިމާ އެތެރެ އަށް ހިނގައިގަތެވެ. އަދި ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފައި، އެތެރެއިން ދޮރަށް ލެނގިލައިގެން، ކަންބޮޑުވެފައި ނާޒިމާ ހުއްޓެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ނާޒިމާގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ އެއީ އެވެ. ނާޒިމާ ބިރުގަންނަނީ އެ ޖިންނީގެ ކިބައިން ސަލާމަތް ނުވެދާނެތީ އެކަންޏެއް ނޫނެވެ. ފޮރުވިފައިވާ ސިއްރު ހާމަވެދާނެތީ ނާޒިމާ މާ ބޮޑަށް ކަންބޮޑުވެއެވެ. މައިންބަފައިންނަށް އެ ސިއްރު ފަޅައިއަރާކަށް ނާޒިމާ ބޭނުމެއް ނޫނެވެ.

ބިލެތްގަނޑު ފަޅައިލައިފައި ތަބަކަށް ލުމަށްފަހު، ފޯއްކޮޅެއް ވެސް އަޅާލައިގެން ތަބަށް ހިފައިގެން ފައުޒިއްޔާ ނުކުތީ ގޯތިތެރެއަށެވެ. ގޯތިތެރެއަށް ވެރިވެފައިވާ އަނދިރިކަމަށް ވުރެ، އެ ދެމަފިރިންގެ ހިތަށް ވެރިވެފައިވާ އަނދިރިކަމާއި، ބިރުވަރިކަން މާ ބޮޑެވެ. މުނީޒު އޮތީ ބޭރު ޖޯލީގައި އޮށޯވެލައިގެން، ނިތްކުރި މަތީގައި އަތް ބާއްވައިލައިގެންނެވެ. ހާމައަށް ފެންނަން އޮތް އުޑުގައި ފިޔަޖަހަމުންދާ ތަރިތަކަށް ބަލަހައްޓައިގެންނެވެ. ތަބަށް މުނީޒަށް ދިއްކޮށްލުމަށް ފަހު، ޖެހިގެން ހުރި ޖޯލީގައި ފައުޒިއްޔާ އިށީނެވެ. މުނީޒު ކޮންމެހެން ތަބަކަށް ބަލާކަށް ވެސް ބޭނުމެއް ނޫނެވެ. އިރުކޮޅެއް ވަންދެން، އެއްވެސް ވާހަކައެއް ނުދައްކައި އެމީހުން ތިއްބެވެ. ކުއްލިއަކަށް ގޯތި ތެރެއިން ވާލެއް ހޭރިގަތް އަޑު އިވުނެވެ. އެހެންނަމަވެސް އެކަކު ވެސް ސިއްސައިގެނެއް ނުދިޔަ އެވެ. ދެމަފިރީން ވެސް ކުރަން ބޭނުންވަނީ އެއް ސުވާލެކެވެ. ކުރަން އެންމެ ބޭނުން ނޫނީ ވެސް ހަމަ އެ ސުވާލެވެ. ނާޒިމާ ސަލާމަތް ކުރެވޭނެބާ އެވެ؟
----------
(ނުނިމޭ)
މި ވާހަކައިގެ މިބައި:
    ޓައިޕް ކޮށް ފޮނުވުން:  އަލްފާޟިލް ޢަލީ ނިޝާން
    އަލުން ބެލުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ