އަދުގެ ޚާއްސަ

Print

ނުކުޅެދޭ މީހުންގެ މަސްއަލައާއި ނަބަވީ ސީރަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

9 އޯގަސްޓު (އަންގާރަ) އާ ގުޅޭ..

ނުކުޅެދޭ މީހުނަށް ޒިޔާރަތް ކުރެއްވުން


ޢަބްދުﷲ ފާރޫޤު ޙަސަން

މާތް ﷲ ރުއްސުން ލެއްވި ޖާބިރުގެފާނު ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހަކު ބަނީވާޤިފުގެ މީހަކަށް ޒިޔާރަތްކުރައްވަން އެކަލޭގެފާނުގެ އަރިހުގައިދިޔުމަށް އަހަރެންގެގާތުގައި ޙަދީޘުކުރެއްވިއެވެ. އެމީހަކީ ލޯފަންމީހެކެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނުކުޅެދޭމީހުންނާމެދު މިގޮތަށް ޢަމަލުކުރެއްވުމުން ދެނަތީޖާއެއް ޙާޞިލު ވެވަޑައިގެންނެވިއެވެ. އެއްކަމަކީ އެބައިމީހުންގެ ހިތްތަކަށް ތަސައްލީލިބުމެވެ. އިތުރުސާހިބާ އެބައިމީހުންގެ އަގު ވަޒަންކުރައްވާކަން ޔަޤީންވެ ހިތްވަރު އާލާވުމެވެ. އަނެއްކަމަކީ އެހެންމީހުންނަށް ރީތިނަމޫނާއެއް ފެނުމެވެ. އެހެން މީހުންގެ ހިތްތަކުގައި ހެޔޮކަމަކާމެދު ޝައުގުވެރިކަންއުފެދުމެވެ. އިތުރުސާހިބާ ބިނާކުރެއްވި ހެޔޮއުއްމަތުގައި އެނަމޫނާ ބިންވަޅު ނެގުމެވެ.

މޮޔަވުން ނުވަތަ ސިކުނޑި ހަމަނުޖެހުން

ނުކުޅެދޭމީހުންގެތެރެއިން އެންމެހިތާމަވެރި ޙާލަތެއްގައިތިބޭ ބަޔަކީ ސިކުނޑީގެ މަސްއަލަތައްހުންނަ މީހުންނެވެ. ޚާއްސަކޮށް ދުނިޔެއިންމޮޔަވެފައިތިބޭ މީހުންނެވެ. އެފަދަމީހުނާމެދު މީހުންގެ އަޅާލުން ވަރަށްކުޑައެވެ. ނަމަވެސް މާތް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެފަދަ މީހުނާމެދުވެސް ފަރުވާތެރި ވެވަޑައިގެންނެވިއެވެ.

އިމާމް މުސްލިމާއި އަބޫ ދާއޫދާއި، ޤާޟީ ޢިޔާޟާއި، ޛަހަބީ އާއި އަދި މިނޫންވެސްއެތައް މުޙައްދިޘުންނެއް (އަރަހުށި މާތް ﷲ އެ ބޭކަލުންނަށް ރަޙްމަތް ލައްވާށިއެވެ) ރިވާ ކުރައްވާ ވާހަކައެކެވެ. އައުސު ރަޟިޔަﷲ ޢަންހުގެ ފަރާތްޕުޅުންނެވެ. އިތުރުސާހިބާ އެއްދުވަހަކު ޞަޙާބީންގެ މަޖްލިސެއްގައި އިންނަވައިފައި ބައްލަވައިލެއްވިއިރު ވީދިފައިވާ ހެދުމެއްގައިހުރި މުސްކުޅި އަންހެނެއް މީހުންތަކުގެ ފަހަތުގައި ހުއްޓެވެ. އެކަނބުލޭގެ އުޅެނީ ކޮންމެވެސް ވާހަކައެއް ދަންނަވަން ބޭނުންވެގެންނެވެ. އިތުރުސާހިބާ އޭނާއަށް ސަމާލުކަންދެއްވިއެވެ. އެކަނބުލޭގެ ދެންނެވިއެވެ. އަޅުގަނޑުގެ ބައެއް މުހުތާދުތަކުގެ ވާހަކަ ކަލޭގެފާނަށް ދަންނަވައިލަން ބޭނުންވެއެވެ. އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި ޞަޙާބީންނަށް އެ ކަނބުލޭގެ ފެނިވަޑައިގެން ކައު ސާހިބާގެ އަރިހުގައި ވިދާޅުވިއެވެ. އޭ މާތް ﷲ ގެ ރަސޫލާއެވެ! އެކަނބުލޭގެއާ މެދު އަޅުއްވައިނުލައްވާށެވެ! އެކަނބުލޭގެއަކީ ސިކުނޑި ހަމަޖެހޭ މީހެއް ނޫނެވެ. އިތުރުސާހިބާގެ މޫނުފުޅުގެ ކުލަކޮޅު ބަދަލު ވެގެން ދިޔައެވެ. ޙަދީޘުކުރެއްވިއެވެ. ސިކުނޑިހަމަނުޖެހޭ މީހުންނަކީ އިންސާނުންނެއްނޫންހެއްޔެވެ؟ އެހެންޙަދީޘުކުރެއްވުމަށްފަހު އެކަނބުލޭގެ ގާތަށް ވަޑައިގެން ޙަދީޘުކުރެއްވިއެވެ. އޭ އުއްމު ފުލާނެވެ! ކަނބުލޭގެ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު އަޅުގަނޑާއެކު ހިންގަވާށެވެ. އިތުރުސާހިބާ އެކަނބުލޭގެއާއެކު ވަޑައިގެންނެވިއެވެ. އެކަނބުލޭގެ މަދީނާގެ ގޯޅިއެއްގެ އެއްކޮޅާހަމަޔަށް ގޮސްފައި ދެންނެވިއެވެ. ކަލޭގެފާނު މިތާނގައި (ބިންމަތީގައި) އިށީދެވަޑައިގަންނަވާށެވެ. އިތުރުސާހިބާ އިށީދެވަޑައިގަތުމުން އޭނާގެ ބޭނުމުގެވާހަކަ ދެންނެވިއެވެ. އިތުރުސާހިބާ އެކަނބުލޭގެ ދެންނެވި ކަންތައްތައް ހަމަޖައްސަވައި ދެއްވިއެވެ.

ދުނިޔެއިންމޮޔަނުވާ އެކަމަކު ސިކުނޑީގެބާރު ވަރަށްބޮޑަށް ދެރަވެފައިވާ މީހުންވެސް އުޅެއެވެ. އެފަދަ މީހުންނަކަށް ކަންތައްތައް ރަނގަޅަކަށް ވިސްނައެއްނުގަނެވެއެވެ. ގެއްލުމާއި ފައިދާ ވަޒަން ކޮށެއްނުގަނެވެއެވެ. ކަންއެހެންހުރުމާއެކުވެސް އެފަދަ މީހުން ވެސް ދިރިއުޅުމުގެ ޙަރަކާތްތަކުގައި ބައިވެރިވާން ބޭނުންވެއެވެ. ވިއްކައިވިޔަފާރިކުރާން ބޭނުންވެއެވެ. އެފަދަމީހުނާމެދު އިސްލާމްދީން އިރްޝާދުދެނީ އެފަދަ މީހުންނަށް ކެހިނުދިނުމަށެވެ. އަދި ކީއްތޯއެވެ؟ ގަނެ ވިއްކުމުގައި އެފަދަ މީހުންނަށް ރިޢާޔަތް ކުރުމަށެވެ.

ބުޚާރީގެ ރިވާޔަތެއްގައި ވެއެވެ. މަދީނާގެ އަންޞާރުންގެ ތެރޭގައި މިފަދަބޭކަލަކު ހުންނެވިއެވެ. އެކަލޭގެފާނު އިތުރު ސާހިބާގެ އަރިއަހުގައި ދެންނެވިއެވެ. އޭ މާތް ﷲ ގެ ރަސޫލާއެވެ! އަޅުގަނޑަށް ވިއްކައިވިޔަފާރިނުކޮށެއްވެސް ނުއުޅެވެއެވެ. އެކަމަކު ވިޔަފާރީގައި ވަރަށްގިނަފަހަރަށްލިބެނީ ކެއްސެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ. މީހަކާ ވިޔަފާރީގެ މުޢާމަލާއެއް ކުރައްވާނަމަ ވިދާޅުވާށެވެ. "އަހަރެމެންގެ ދީނުގައި ކެހި ދިނުމެއް ނުއޮވެއެވެ."

ހެޔޮކޮށް ހިތުން


ކީރިތި ޤުރްއާނާއި އިތުރު ސާހިބާގެ ޙަދީޘުފުޅުތަކުގައި އިރްޝާދު ދެއްވައިފައިވަނީ މުޖުތަމަޢުގައިތިބޭ ނުކުޅެދޭ މީހުންނަށާއި، މަޖުބޫރީ ޙާލަތުތައް ކުރިމަތި ވެފައި ވާ މީހުންނަށާއި، ބަލިކަށި ނިކަމެތީންނަށާއި، މަޙްރޫމުވެފައިވާ މީހުންނަށް ހެޔޮކޮށްހިތުމަށެވެ. އިޙްތިރާމުކޮށް ކަމޭހިތުމަށެވެ. އެފަދަމީހުނާމެދު ކެތްތެރިވުމަށެވެ. އެފަދަމީހުންގެ ބޭނުންތައް ފުއްދައިދީ ހުރިހާގޮތަކުންވެސް އެހީތެރި ވުމަށެވެ.

އަބޫ ޛައްރު ރަޟިޔަﷲ ޢަންހު ރިވާ ކުރައްވާފައިވާ ޙަދީޘުފުޅެއްގައި ވެއެވެ.

ކަލޭގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީވެސް ޞަދަޤާތެކެވެ. ހެޔޮކަމަކަށް އަމުރުކޮށް މުންކަރާތެއް މަނާ ކުރުމަކީވެސް ޞަދަޤާތެކެވެ. މަގު އޮޅިފައިވާ މީހަކަށް މަގުދައްކައިދިނުމަކީވެސް ޞަދަޤާތެކެވެ. މަގުމަތީގައި ހުންނަ ކަށިތަކާއި ހިލަތައް (ގާތައް) އެއްފަރާތްކުރުމަކީވެސް ޞަދަޤާތެކެވެ. ކަލޭގެ އަޚާގެ ކަންވާރަށް ކަލޭގެ ފެންފުރާދާނިންފެންއަޅައިދިނުމަކީވެސް ޞަދަޤާތެކެވެ.

ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. ލޯއަނދިރި މީހަކަށް ސާޅީސްފިޔަވަޅަށް މަގުދައްކައިދީފި މީހެއްގެ އިސްވެދިޔަ ފާފަތަކާއި ކުރިޔަށްހުރި ފާފަތައް ޢަފޫވެގެންވެއެވެ.

ނުކުޅެދޭމީހުންނާއި ނިކަމެތީންނާ އަޅައިލައި އެހީތެރިވެދިނުމުގެ މާތްކަން ބަޔާންކުރައްވައިފައިވާ ފަދައިން ކީރިތި ޤުރްއާނާއި ޙަދީޘުގައިވަނީ އެފަދަމީހުންނަށް އިހާނެތިކޮށް ހިތުން މަނާކުރައްވައިފައެވެ. އެކަމުގައިހުރި ނުބައިކަމާ މެދު އިންޒާރު ކުރައްވައިފައެވެ. އެކަމަކީ މާތް ﷲ ގެ ކޯފާ އާއި ލަޢުނަތުގެ ސަބަބެއްކަން ބަޔާންކުރައްވައިފައެވެ. ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހު ރިވާ ކުރައްވައިފައި ވެއެވެ. "ލޯއަނދިރި މީހަކަށް މަގުއޮޅުވައިލައިފި މީހަކަށް މާތް ﷲ ލަޢުނަތް ލައްވާނެއެވެ." (އަޙްމަދު)

ބެލެހެއްޓުން


މުޖުތަމަޢުގައި ދިރިއުޅޭ ސިކުނޑިހަމަނޫން މީހުންނާއި، ލޯފަންމީހުންނާއި، ވާބަލީގެ މީހުންނާއި، އަތްފައިހަމަޔަށް ނުހުންނަ މީހުންނާއި، މިނޫންވެސް އެކިބާވަތްބާވަތުގެ ނުކުޅެދޭމީހުން ބެލެހެއްޓުމަކީ ވަރަށްބޮޑު އިޖުތިމާޢީ މަސްއަލައެކެވެ. އެފަދަ މީހުންނަކީ އެބައިމީހުންގެ މަޖްބޫރީޙާލަތުގެ ސަބަބުން އަމިއްލަޙައިޘިއްޔަތުން އިޤްތިޞާދީ މައިދާނުގައި ޙަރަކާތްތެރި ވެވޭ ފަދަބައެއްނޫނެވެ. އެހެންކަމުން އެބައިމީހުންނަކީ އެހެންފަރާތްތަކެއްގެދާއިމީއަޅައިލުމާއި އެހީތެރިކަމަށްބޭނުންވާ ބައެކެވެ. މިފަދަ ޙާލަތްތަކުގައި އިސްލާމްދީން އެންމެފުރަތަމަ އެކަންލާޒިމުކުރަނީ އެފަދަމީހުންގެ މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށެވެ. އެފަދަބަޔަކުނެތްނަމަ މުޖުތަމަޢުގައިތިބި ފޯރުންތެރިކަމުގެ އަހުލުވެރީންނާއި ދުޅަހެޔޮކަމާއި ގުނަވަންތަކަމުގެ ނިޢުމަތުގައި ތިބި މީހުން ނުކުޅެދޭ މީހުން ބަލަހައްޓަން ޖެހެއެވެ.

ތަޢުލީމާއި ތަރުބިޔަތު ދިނުން


ނުކުޅެދޭމީހުން ބެލެހެއްޓުމުގައި ކުރަންޖެހޭ އެތައްކަންތައްތަކެއްހުރެއެވެ. އޭގެތެރެއިން އެންމެމުހިއްމު އެއް ކަމަކީ އެބައިމީހުންނަށް އެކަށީގެންވާ ތަޢުލީމާއި ތަރުބިޔަތުދިނުމެވެ. ޢިލްމާއި ހުނަރުގެ ގަހަނާއިން ޒީނަތްތެރި ކޮށްދިނުމެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ބަރަކާތްތެރި ދައުރުގައި މުސްލިމުންގެ ތެރޭގައި ތިބި ނުކުޅެދޭ މީހުންނަށް އުނގަންނައިދެއްވުމާއި ތަރުބިޔަތު ކުރެއްވުމުގެ އިންތިޒާމު ހަމަޖެއްސެވިއެވެ. އިސްވެދިޔަތާނގައި ބަޔާން ކުރެވިފައިވާނޭފަދައިން ޢަބްދުﷲ ބިން އުއްމިމަކްތޫމް ރަޟިޔަﷲ ޢަންހަކީ ލޯފަންބޭކަލެކެވެ. ނަމަވެސް އެހެނިހެން ގޮތްގޮތުން އެކަލޭގެފާނަކީ ޖިސްމާނީ ދުޅަހެއިކަމުގައިހުންނެވި ބޭކަލެކެވެ. އިތުރުސާހިބާގެ ތަރުބިޔަތުގެ ސަބަބުން އެކަލޭގެފާނަކީ ކީރިތި ޤުރްއާނުގެ ޢާލިމެކެވެ. އިތުރު ސާހިބާގެ ނާއިބެއްގެ ޙައިޡިއްޔަތުން މަސްޖިދުއް ނަބަވީގައި އިމާމުވެ ނަމާދުކުރައްވައި އުޅުއްވިއެވެ. މަދީނާގެ ކަންތައް ބަލަހައްޓަވައި އުޅުއްވިއެވެ. މީސްތަކުންނަށް ޤުރްއާން ކިޔަވައިދެއްވައި އުޅުއްވިއެވެ.

މި ޒަމާނުގައި ތަޢުލީމާއި ތަރުބިޔަތުގެ ދާއިރާވަނީ އިހުނަށްވުރެމާބޮޑަށް ފުޅާވެފައެވެ. މިއީސައިންސާއި ޓެކްނޮލޮޖީއާއި ކޮމްޕިޔުޓަރުގެ ދުވަސްވަރެވެ. އެހެންކަމުން ނުކުޅެދޭ މީހުންނަށް ތަޢުލީމުދިނުމުގެމައްޗަށް ސަމާލުކަން ދެވިއްޖެނަމަ ވަރަށްއެދެވޭ ނަތީޖާތަކެއް ހޯދިދާނެއެވެ. އެބައިމީހުންގެ ޝައުގުވެރިކަމާއި އެބައިމީހުންގެ ކިބައިގައިހުރި ޤާބިލިއްޔަތަކާ ގުޅޭގޮތަށް ދީނީތަޢުލީމާއެކު ފަންނީ ތަޢުލީމުވެސް ދެވިއްޖެނަމަ އެބައިމީހުންނަށް ސަލާންޖެހުމުގެ ލަދުވެތިކަމުން ސަލާމަތް ވެވިދާނެއެވެ. އެހެންމީހުންނަށް ބުރަޔަކަށްވުމުގެ ނިކަމެތިކަމުން މިންޖުވެވިދާނެއެވެ. ތިމާމެންގެ ޢާއިލާއަށާއި، މުޖުތަމަޢަށް ބޭނުންތެރިބަޔަކަށްވެގެން ޝަރަފުވެރިކަމާއެކު ދިރިއުޅެވިދާނެއެވެ. ބޭނުންވަނީ މުޖުތަމަޢުގެފަރާތުން ފަރުދީގޮތުންނާއި، ޖަމާޢީގޮތުން އެކަމަށްޓަކައި މަސައްކަތް ކުރުމެވެ.

ވަޒީފާ ހޯދައިދިނުން


މުޖުތަމަޢުގައި ހިމެނޭ ނުކުޅެދޭމީހުންކުރެ ގިނަމީހުންނަކީ ވަރަށްވިސްނުންތޫނުބައެކެވެ. ތަބީޢީގޮތުން ވަރަށް ގިނަޤާބިލިއްޔަތުތަކެއް ލައްވައިފައިވާ ބައެކެވެ. އެހެންކަމުން އެފަދަ މީހުންނަށް ހިތްވަރުދީ ފުރުޞަތު ތަނަވަސްކޮށްދެވިއްޖެނަމަ ވަރަށްބޭނުންތެރި ނަތީޖާތަކެއް ހޯދިދާނެއެވެ. އެބައިމީހުންނަކީވެސް ޤައުމާއި މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދިދާނެއެވެ.

ޞަޙާބީންގެ ތެރެއިން ލޯފަންބޭކަލެއް ކަމުގައިވާ ޢަބްދުﷲ ބިން އުއްމުމަކްތޫމް ރަޟިޔަﷲ ޢަންހު އިތުރުސާހިބާގެ ނާއިބެއްގެ ޙައިޘިއްޔަތުން މަދީނާގެ ކަންތައްތައް ބެލެހެއްޓެވި ވާހަކަ ކުރީންވަނީދެންނެވިފައެވެ. އިތުރުސާހިބާ މަދީނާގައި ހުންނަވާ އިރުވެސް ބައެއްފަހަރަށް ބަންގިދެއްވުމުގެ ޚިދުމަތް ޢަބްދުﷲ އާ ޙަވާލު ކުރައްވައެވެ. ކުރީންވެސް ދެންނެވި ފަދައިން އަންޞާރިއްޔަ ބޭކަލެއް ކަމުގައިވާ ޢުތުބާން ބިން މާލިކު ރަޟިޔަﷲޢަންހުގެ ޙަޔާތްޕުޅުގެ ފަހުކޮޅު އެކަލޭގެފާނުގެ ލޯފުޅުވަނީ އަނދިރިވެފައެވެ. އެކަލޭގެފާނުގެ ލޯފުޅު އަނދިރިވި ފަހުންވެސް އެކަލޭގެފާނުގެ ޤަބީލާގެ މީހުންނާއިގެން އިމާމުވެވަޑައިގެން ނަމާދުކުރައްވައި އުޅުއްވީ އެކަލޭގެފާނެވެ. ޢުމައިރު ބިން ޢަދީ ރަޟިޔަﷲޢަންހާ ބެހޭ ގޮތުން ރިވާވެފައިވާ ގޮތުގައި އެކަލޭގެފާނަކީވެސް ލޯފަން ބޭކަލެކެވެ. އެކަލޭގެފާނުގެ ޤަބީލާގެ މީހުނާއިގެން އިމާމުވެވަޑައިގެން ނަމާދު ކުރައްވަނީ އެކަލޭގެފާނެވެ. މިހިރީހައްތާވެސް މުސްލިމުންގެ ރަންޒަމާނުގެ ތާރީޚުން ފެންނާންހުރި ނަމޫނާތަކެވެ. މިއަދުވެސް އެމިސާލުތައް އަލުން ތަކުރާރު ކުރެވިދާނެއެވެ.

ޝައްކެއްނެތެވެ. ނުކުޅެދޭމީހުންނަކީވެސް މާތް ﷲ ގެ މަޚްލޫޤުންނެވެ. ކޮންމެރަށެއްގެބަޔަކަށްވިޔަސް، ކޮންމެ ޤައުމެއްގެބަޔަކަށްވިޔަސްވެހެވެ. ކޮންމެދީނެއްގެބަޔަކަށްވިޔަސްވެހެވެ. އެހެންކަމުން ނުކުޅެދޭމީހުންނާ އަޅާލައި އެބައިމީހުންނަށް ހެޔޮކޮށްހިތާއިރު އަޅުގަނޑުމެން ގެންގުޅެންޖެހޭނީ ވަރަށްފުޅާވިސްނުމެކެވެ. ނަސަބާއި ޙަސަބާއި، ދީނާއި ޤައުމުގެ އިމަށް ވުރެ ފުޅާ ވިސްނުމެކެވެ. ނުކުޅެދޭ އެންމެންނާމެދުވެސް ޢަމަލުކުރާންވީ އެއްވެސް ތަފާތުކުރުމެއްނެތިއެވެ. އިންސާނީވަންތަކަމުގެ އެއްވިސްނުމެއްގައެވެ. އަޅައިލުމާއި، ކުލުނުވެރިކަމާއި، ކަމޭހިތުމުގެ އެއްމިންގަނޑަކުންނެވެ.
----------
(ނިމުނީ)
ފުރަތަމަ ބައި:

ނުކުޅެދޭ މީހުންގެ މަސްއަލައާއި ނަބަވީ ސީރަތު (1)   


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ