Print

މި ޒަމާނުގެ ޢަސްކަރީ އަޚްލާޤިއްޔާތާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


 ޢަބްދުﷲ ފާރޫޤު ޙަސަން

އިންސާނީ އަޚްލާޤިއްޔާތު ރީތި ނަމޫނާއަކަށް ފެއްތުމަށްޓަކައި ބޭނުންވާ އެއްކަމަކީ، މަޢާފުކުރުމާއި، ހިތްހެޔޮކުރުމާއި، ރުޅިމަތަކުރުން ފަދަ ސިފަތަކަށް އެ މައިދާންތަކަކަށް ވާޞިލުވުން އުނދަގޫ މައިދާންތައްވެސް އިޞްލާޙު ކުރުމެވެ. މިފަދަ މައިދާންތަކުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް މައިދާނަކީ، ހަނގުރާމައިގެ މައިދާނެވެ. ހަނގުރާމައިގެ އަސީރުންނާމެދު ކުރެވޭ މުޢާމަލާތަކުގެ ދާއިރާއެވެ. ހަނގުރާމައިގެ މައިދާނާއި އަސީރުންނާ މުޢާމަލާތުކުރުމުގެ ދާއިރާއަކީ އިންސާނުން ޙަޔަވާނުންގެ ދަރަޖަޔަށް ތިރިވެގެންދާ މައިދާނެކެވެ. ދާއިރާއެކެވެ.

އިސްލާމްދީނުގެ ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ޖާހިލިއްޔަ ޒަމާނުގެ ޢަރަބި ދުނިޔޭގައެވެ. އިތުރު ސާހިބާ ރަސޫލުކަމާއިގެން ފޮނުއްވި ދުވަސްވަރުވެސް، ހަނގުރާމަޔަކީ އިންތިހާދަރަޖައިގެ ބިރުވެރި މުޞީބާތެކެވެ. [ގޮދަނާއެކު އުޑިވެސް ފުނޑުފުނޑުވެގެންދާ] އާފާތެކެވެ. ހަނގުރާމައިގައި ވަޙްޝީކަން ފާޅުކުރުމަކީ ހިތްވަރުގަދަ ކަމެއްކަމުގައި ފާހަގަކުރެވެމުން ދިޔައެވެ. އަނިޔާވެރިވުމަކީ ފަޚުރެއްކަމުގައި ބެލެވެމުން ދިޔައެވެ. ޢަރަބީންގެ ނަޒަރުގައި ހަނގުރާމައަކީ ދިރިއުޅުމުގެ ބޭނުންތަކުގެ ތެރެއިން ބޭނުމެކެވެ. އާމްދަނީ ހޯދުމުގެ ވަސީލަތެކެވެ. ހަނގުރާމަ ކުރުމެއްނެތި ތިންމަސްދުވަސް ވޭތިވެގެންދިޔުމަކީ އެބައިމީހުންގެ ނަޒަރުގައި ހުތުރުކަމެކެވެ. ޣަނީމާ މުދަލަކީ އެބައިމީހުން ދެކޭގޮތުގައި، އާމްދަނީގެ އެންމެ ޝަރަފުވެރި ވަސީލަތެވެ.

ކްރިސްޓިޔަނުންނާއި ޔަހޫދީންގެ ނަމޫނާ


އެޒަމާނުގެ ޢަރަބީންނަކީ މުޝްރިކުންނެވެ. ފޮތެއްގެ އަހްލުވެރި ބައެއް ނޫނެވެ. އެބައިމީހުންގެ ވާހަކަތައް ބާއްވައިފައި، ސަމާވީ ދެ ދީނުގެ އަހްލުވެރީންކަމުގައި ދަޢުވާކުރާ ކްރިސްޓިޔަނުންނާއި ޔަހޫދީންގެ ވާހަކަތައް ފަހަށް އެންމެފުރަތަމަ ދައްކަމާ ހިންގަވާށެވެ. ތާރީޚުގެ ޞަފްޙާތަކަށް ބަލާއިރު، ކްރިސްޓިޔަނުންނާއި ޔަހޫދީންގެ ދާވަނިތައް ވަނީ ޢަރަބީންގެ ދާވަނިތަކަށްވުރެ މާބޮޑަށް ލެއިން ތަތްތެޅިފައެވެ. ޔަހޫދީންނާ ބެހޭގޮތުން ޚުދު مسيح ވެސް ވިދާޅުވެފައިވަނީ، އެބައިމީހުންނަކީ ހަރުފަތަކެއް ކަމުގައެވެ. ހަރުފައިގެ ދަރީން ކަމުގައެވެ. ތާރީޚުގެ އެންމެ ދިގު ލޭގެ ބާބުތައް ލިޔެވިފައިވަނީ، ކްރިސްޓިޔަނުންގެ ސަބަބުންނެވެ. މެރުމަށްވުރެ މަރުވެގެން ދިޔުން މާހެޔޮކަން ބޮޑުކަމުގެ ދަޢުވަތު ދިނުމުގައި ދެހާސްއަހަރު ހޭދަކޮށްފައިވާ ކްރިސްޓިޔަނުންގެ ސަބަބުންނެވެ. ދުނިޔޭގެ އެކި ވެލިފުއްފުކަށް ވަކިވަކީން ޒިޔާރަތްކޮށް، [ރަޙްމަތުގެ ދީނުގެ] ނަމުގައި ކަނާތު ކަންފަތްމަތީގައި ޖެހިމީހަކަށް، ވާތު ކަންފަތްމަތިވެސް ދައްކާށޭ ބުނެ ތަބްޝީރު ކުރަމުން ގެންދާ މީހުންގެ ސަބަބުންނެވެ.

ހުޅަނގުގެ މުއައްރިޚަކު ލިޔެފައިވެއެވެ. [ފަތަޙަކުރެވޭ ޤައުމުތަކުގެ މީހުންނާމެދު ރީތިގޮތުގައި މުޢާމަލާކުރުމާއި، ހަނގުރާމައިގެ މައިދާނުގައި ދުޝްމިނުންގެ ހަށިތަކަށް ޙުރްމަތްތެރިކޮށް ހިތުމުގެ ފިލާވަޅު، ޔޫރަޕިޔަނުން ލިބިގަތީ މުސްލިމުންގެ ކިބައިންނެވެ.] ނަމަވެސް ތާރީޚު ލިޔުންތެރިޔާ އެވިދާޅުވި ފިލާވަޅު، އެބައިމީހުން ލިބިގަތީ ކޮންއިރަކުކަމެއް ނޭނގެއެވެ. ވޭތުވެގެންމިދާ ތިންސަތޭކަވަރަކަށް އަހަރުގެ ތާރީޚަށް ބަލާއިރު ސާބިތުވަނީ، އެބުނާ ފިލާވަޅު ޔޫރަޕިޔަނުން ލިބިގަތްކަމުގައިވިޔަސް، އެ ފިލާވަޅު ޔޫރަޕުން ހަނދާން ނައްތައިލައިފައިވާކަމެވެ.

 1857 ގައި ދިއްލީގައި ހުރި އިނގިރޭސީންގެ އޮފިސަރ، މޭޖަރ އެޑްސަން މުޣުލް ޕްރިންސުން ލައްވައި ހަތިޔާރު ބެހެއްޓުވީ އެބޭފުޅުން ޤަތުލު ނުކުރާނެ ކަމަށާއި، ޙިމާޔަތްދޭނެ ކަމުގައި ވަޢުދުވެގެންނެވެ. ނަމަވެސް އެބޭފުޅުން ހަތިޔާރު ބަހައްޓަވައިފައި އޭނާގެ ގާތަށް ވަޑައިގަތުމުން، އެބޭފުޅުންނަށް އެންގީ، ޢާއްމު ދަރުބާރުގެ ކުރިމަތީގައި ހެދުންކޮޅު ބޭލުއްވުމަށެވެ. އެބޭފުޅުން ބަރަހަނާކުރުމަށްފަހު، ކޮންމެ ބޭފުޅެއްގެ މޭފުޅަށް ތިން ވަޒަން ފޮނުވައިލައި ޝަހީދުކޮށްލިއެވެ. އެ އަނިޔާވެރިކަމުންވެސް އޭނާގެ ހިތްފުރޭވަރެއް ނުވިއެވެ. އޭނާ ކަކައަޅައި ހެމުން އެބޭފުޅުންގެ ލޭފޮދު ބުޔެވެ. އެބޭފުޅުންގެ ހަށިކޮޅުތައް ފަސްދާނުވެޑުވުމުގެ ހުއްދަނުދީ އެއްރޭ އެއްދުވާ ވަންދެން ކިއްލާގެ ބޭރުގައި އެލުވައިފައި ބެހެއްޓިއެވެ. އޭނާ ހައްޔަރުކޮށްފައިހުރި އެބޭފުޅުންގެ މުސްކުޅިފުޅު ބައްޕާފުޅު ޝެހެންޝާހު ބަހާދަރުޝާހު ޡުފަރުގެ އަރިހަށް ފޮނުވި ފަރީއްކޮޅުލާ ދޮލަނގެއް މޮހައިފައި ބަލައިލިއިރު ހުރީ އެބޭފުޅުންގެ އިސްތަށިފުޅުތަކެވެ.

 ކްރިސްޓިޔަނިޓީގެ އަޚްލާޤިއްޔާތުގެ މަތިވެރިކަން ތަބްލީޣުކުރާ ޤައުމު ފަޚުރުވެރިވާ އެހެން ޙާދިޘާއެކެވެ. 4 ސެޕްޓެމްބަރ 1898 ގައި އިނގިރޭސި ސިފައިން ސޫދާނުގެ ވެރިރަށް ޚުރުޠޫމަށް އެރިއިރު، مهدى سودانى އަވަހާރަވިތާ ތޭރައަހަރު ވެއްޖެއެވެ. ނަމަވެސް އިނގިރޭސި ކޮމާންޑަރ ލޯޑް ކެޗަޒް ޚުރުޠޫމަށް އެރުމާއެކު، مهدى ގެ މަހާނަފުޅު ކޮނެ، އޭނާގެ ކަށިކޮޅު ނެގިއެވެ. ބާޒާރުމަތީގައި އެކަށިކޮޅު އަންދައިލިއެވެ. އިނގިރޭސި ޕާލަމެންޓުން އެކަމާ ވީއުފަލުން އޭނާއަށް ލޯޑުގެ ޚިޠާބު ދިނެވެ. ތިރީސްހާސް ޕައުންޑުގެ ނަގުދު ފައިސާ، އިނާމަކަށް ދިނެވެ. އޮކްސްފޮޑް ޔުނިވަރސިޓީން އެތާނގެ އެ ފަޚުރުވެރި މުސްކުޅި ދަރިވަރުގެ އެ ލަދުގަންނަންޖެހޭފަދަ ޙަރަކާތާމެދު ފިކުރާވިލެއް ބޮޑުކަމުން، އޭނާއަށް ޑީ.އެލް.ސީ. ގެ ޑިގްރީ ހަދިޔާކުރިއެވެ.

13 އޭޕްރިލް 1919 ގައި އިންޑިޔާގެ ޖަލިޔާނަވާލާބާޣުގައި ހަތިޔާރެއްނެތް އެތައްހާސްބަޔެއްގެ ގަޔަށް އިނގިރޭސީން ބަޑިޖަހައި މަރައިލިއެވެ. މި ޙާދިޘާއާ ވިދިގެން އިންޑިޔާގެ ޢާއްމުން ކެކިއުތުރޭން ފެށިއެވެ. ޢާއްމުންގެ ރުޅިމަޑުކުރުމަށްޓަކައި އިނގިރޭސީން އެ ޙާދިޘާ ހިންގުވި އެބައިމީހުންގެ އޮފިސަރ، ބްރިގޭޑިޔަރ ޑައިރާއާމެދު [ފިޔަވަޅު އެޅިއެވެ.] އޭނާ ސިފައިންގެ ތެރެއިން [ވަކިކުރިއެވެ.] ނަމަވެސް، ކިހިނަކުން ކަމަށްތޯއެވެ. ފުރިހަމަ ޕެންޝަނާއި ހުރިހާ ޝަރަފުތަކަކާއި ޢިނާޔަތްތަކަކާ އެކުގައެވެ. އިންޑިޔާގައި ތިބި އިނގިރޭސި ސިފައިންގެ އޮފިސަރުންގެ ފަރާތުން އޭނާގެ ހިތްރުއްސުމަށްޓަކައި ސައްބީސްހާސް ޕައުންޑު ހަދިޔާކުރިއެވެ. މަސީޙީ ތާރީޚު ވަނީ މިބާވަތުގެ ވަޙްޝީ ޙާދިޘާތަކުން ފުރިފައެވެ.

ޔަހޫދީންނާ ބެހޭގޮތުން سيّدنا مسيح އެބައިމީހުން ސިފަކުރައްވާގޮތުގެ ވާހަކަ މީގެކުރީން ވަނީ ބަޔާންކުރެވިފައެވެ. މިހިނގާ ދެހާސްވަރަކަށް އަހަރުގެ ތާރީޚުގައި ޔަހޫދީންނަށް އެބައިމީހުންގެ ވިހަކަން ފާޅުގައި ދައްކައިލުމުގެ ފުރުސަތެއް ލިބުނީ އިސްރާޢީލު އުފެދުމާ ހަމައިން ކަމުގައި ދެންނެވިދާނެއެވެ. އިސްރާއީލު އުފެދުމަށްފަހު އެބައިމީހުން ފަލަސްޠީނުގެ މުސްލިމުންގެ ގަޔަށް ވިހަލަމުން ގެންދާގޮތް، މިއަދުގެ ކުޑަކުދީންވެސް ރަނގަޅަށް ދަންނާނެއެވެ. ފަލަސްޠީނުގެ މުސްލިމުން ވަޒަނުން ފައްސައިލާގޮތެވެ. އެބައިމީހުންގެ ބިންތައް ފޭރޭގޮތެވެ. ފަލަސްޠީނުގެ އާޘާރުތައް ބަދަލުކުރަމުން ގެންދާގޮތެވެ. ޞަބްރާއާއި، ޝަތީލާއާއި، ލުބްނާނާއި، ޣައްޒާގެ ޤަތުލުޢާއްމެވެ. އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކު، ހިތެއްފިތެއްނެތި މަރަމުންގެންދާ އަންހެނުންނާއި ކުޑަކުދިންނެވެ.

އަނެއްކޮޅުން މީގެ ތޭރަސަތޭކަ އަހަރު ކުރީގެ ތާރީޚަށް ރުޖޫޢަވަމާ ހިންގަވާށެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم މައްކާ ފަތަޙަކުރެއްވުމަށްފަހު ޖުޒައިމާ ވަންހައިގެ މީހުންގެ އަތުން ޒަކާތު ނެންގެވުމަށްޓަކައި، މުސްލިމުންގެ ޖަނަރަލެއްކަމުގައިވާ خالد بن الوليد ފޮނުއްވިއެވެ. خالد بن الوليد رضى اللّه عنه އަށް އަރާވަޑައިގެންނެވި އޮޅުމެއްގައި ޝައްކެއްގެ މައްޗަށް ބިނާކުރައްވައި، ޖުޒައިމާ ވަންހަޔާމެދު ކަނޑިކޮޅުގެ ބޭނުން ކުރެއްވުނެވެ. ރަޙްމަތުގެ ނަބިއްޔާ صلّى اللّه عليه وسلّم އަށް އެ ޚަބަރު ލިބިވަޑައިގަތުމުން، ކޮޅުނެތްކޮޅަށް ހިތާމަކުރެއްވިއެވެ. އެ ޚަބަރު ލިބިވަޑައިގަތުމާއެކު، ކޮޅަށް ތެދުވެވަޑައިގެން ޤިބްލަޔަށް އެނބުރިވަޑައިގެން ތިންފަހަރަށް ވިދާޅުވިއެވެ. [އޭ މާތްރަސްކަލާކޯއެވެ! خالد ގެ އެ ޢަމަލުން މިއަޅާ ބަރީއަވެގެންވަމެވެ.] އެހެން ޙަދީޘުކުރެއްވުމަށްފަހު على مرتضى رضى اللّه عنه ފޮނުއްވައިގެން އެތާނގެ އަހްލުވެރިންނަށް މަރުގެދިޔަ ދެއްވިއެވެ. ހަމައެކަނި އިންސާނުންނަކަށެއް ނޫނެވެ. އެބައިމީހުންގެ ސަރަޙައްދުން ކުއްތާއެއް މަރުވެފައިވިޔަސް އެއަށްވެސް ދިޔަދެއްވިއެވެ. ގަސްގަހާގެއްސަށްވެސް ބަދަލުދެއްވިއެވެ.

ނަބަވީ ނަމޫނާ


އިސްލާމްދީނުގެ ނަބިއްޔާގެ މަދަނީ ޙަޔާތްޕުޅުގައި ވަރަށްގިނަ ހަނގުރާމަތަކެއް ކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އިސްލާމީ ދައުލަތުގެ ދިފާޢުގައެވެ. ނަމަވެސް ހަނގުރާމަޔަކީ އެކަލޭގެފާނު ތަރްޙީބުދެއްވާ ކަމެއް ނޫނެވެ. އެކަލޭގެފާނު މަސައްކަތްޕުޅު ކުރެއްވީ އަމަންއަމާންކަން ޤާއިމުކުރެއްވުމަށެވެ. ހަނގުރާމަޔާ ހަމަޔަށް ކަންތައް ދިޔަނުދެއްވުމަށެވެ. އެކަލޭގެފާނު ހަތިޔާރުގައި ހިއްޕެވީ އެކަލޭގެފާނަށް އެކަމަށް މަޖުބޫރު ކުރެވުނުހިނދުއެވެ. ޢަރަބީން އެބައިމީހުންގެ ދަރީންނަށް ކިޔައިއުޅުނު ނަންތަކުގެ ތެރޭގައި، ޙަރްބު (ހަނގުރާމަ) ވެސް ހިމެނެއެވެ. އިތުރު ސާހިބާގެ މާފަދަރިކަލުން حسن ގެފާނަށް އެކަލޭގެފާނުގެ ބައްޕާފުޅު على مرتضى رضى اللّه عنه ދެއްވި ނަންފުޅަކީވެސް ޙަރްބެވެ. ނަމަވެސް އިތުރު ސާހިބާ އެނަން ބަދަލުކުރެއްވިއެވެ. އެދަރިކަލުންގެ ނަންފުޅަކަށް حسن ހަމަޖެއްސެވިއެވެ.
 

މިޒަމާނުގެ މުހިންމު ސީރަތު ޢިލްމުވެރިޔެއްކަމުގައިވާ ވިލިޔަމް މޮންޓްގޮމަރީ ވޮޓް ވަނީ ޚާއްޞަކޮށް ނަބަވީ ޣަޒްވާތަކުގެ އަލީގައި އިތުރު ސާހިބާގެ ޢަސްކަރީ ޙިކްމަތު ޢަމަލީއާމެދު ވާހަކަ ދައްކަވައިފައެވެ. އޭނާ ލިޔުއްވައިފައިވާ ގޮތުގައި ދުޝްމިނުން ފަނާކޮށްލެއްވުމާއި ބަރުބާދުކޮށްލެއްވުމަކީ އިތުރު ސާހިބާގެ ސިޔާސަތެއް ނޫނެވެ. އެކަލޭގެފާނުގެ ޙިކްމަތު ޢަމަލީއަކީ ދުޝްމިނުންގެ ހިތްތައް ފަތަޙަކުރައްވައި އެބައިމީހުންގެ ފިކުރާއި ޢަމަލު އިޞްލާޙުކުރައްވައި އެކަލޭގެފާނާ ބައިވެރިކުރެއްވުމެވެ.

ހިޖްރައިން އަށްވަނަ އަހަރު މައްކާ ފަތަޙަކުރެއްވިއިރު، އިތުރު ސާހިބާގެ އިސްވެރިކަމުގެ ދަށުގައި މުސްލިމުންގެ އެކި ޤަބީލާތަކުގެ ސިފައިން އެބައިމީހުންގެ ވެރިންގެ ދިދައިގެ ދަށުގައި މައްކާއަށް ވަންނަމުން ދިޔައެވެ. މައްކާގެ ބޮޑުންކުރެ އެންމެ އިސްކޮށް ހުންނެވި أبو سفيان އޭރުވަނީ ހައްޔަރުކުރެވިފައެވެ. އިސްލާމީ ލަޝްކަރުގެ ޚަބަރުތައް ހޯއްދަވަން ޖާސޫސް ކުރައްވަން އުޅުއްވަނިކޮށެވެ. އިތުރު ސާހިބާ އޭނާ ބަހައްޓަވައިފައިވަނީ އިސްލާމީ ލަޝްކަރު މައްކާއަށް ވަންނަ މަންޒަރު ބެއްލެވުމަށެވެ. އެމަންޒަރު ބައްލަވަން ހުންނަވަނިކޮށް އަންޞާރުންގެ ދިދައިގެ ވެރިޔަކަށް ހުންނެވި سعد بن عبادة رضى اللّه عنه، أبو سفيان އާ އަރާހަމަވެވަޑައިގަތުމުން އޭނާއާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [މިއަދަކީ ހަނގުރާމައިގެ ވަރުގަދަކަން ދައްކާނެ ދުވަހެވެ. މިއަދަކީ ކަޢުބާ ޙަލާލުވެގެންވާ ދުވަހެވެ.[ އިތުރު ސާހިބާ صلّى اللّه عليه وسلّم ވަޑައިގަންނަވާ ޔުނިޓް أبو سفيان ހުންނެވި ހިސާބަށް އައުމުން، أبو سفيان އިތުރު ސާހިބާގެ އަރިހުގައި سعد ގެފާނު ވިދާޅުވި ބަސްފުޅުތަކުގެ ވާހަކަ ދެންނެވިއެވެ. އިތުރު ސާހިބާ ޖަވާބު ދެއްވިއެވެ. [سعد ތިޔަހެން ވިދާޅުވި ކަމުގައިވިޔަސް، އެއީ ރަނގަޅު ވާހަކަފުޅެއް ނޫނެވެ. މިއަދަކީ ރަޙްމަތުގެ ދުވަހެވެ. ކަޢުބާއަށް މާތްކޮށް ހިތެވޭނެ ދުވަހެވެ.]

އިތުރު ސާހިބާ އެހެން ޙަދީޘުކުރެއްވުމަށްފަހު، سعد بن عبادة އަތްޕުޅުން އަންޞާރުންގެ ދިދަ އަތުލެއްވިއެވެ. އޭނާގެ ދަރިކަލުން قيس އާ އެ ދިދަ ޙަވާލުކުރެއްވިއެވެ.

އިތުރު ސާހިބާ صلّى اللّه عليه وسلّم އެކަލޭގެފާނުގެ ކުރީން ހަނގުރާމައިގައި ގެންގުޅެވުނު ތަޞައްވުރު މުޅިން ބަދަލުކޮށްލެއްވިއެވެ. އަޚްލާޤީ ހަމަތަކަކާއި އިންސާނީވަންތަކަމުގެ އުޞޫލުތަކަކަށް ހަނގުރާމަވެސް ފެއްތެވިއެވެ. ޢަސްކަރީ އަޚްލާޤިއްޔާތުގެ ވަރުގަދަ ބިންގަލެއް އެޅުއްވިއެވެ. ޝައްކެއްނެތްގޮތުގައި، އެ އަޚްލާޤިއްޔާތަކީ މިއަދުގެ ދުނިޔެއަށް އެންމެބޮޑަށް ބޭނުންވެފައިވާ އެއްކަންތަކެވެ. ހަނގުރާމައިގެ މައިދާނަކީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ އަޚްލާޤިއްޔާތުގެ ޙަޤީޤީ އިމްތިޙާނު ބޭއްވޭ މަރުކަޒެވެ. ތާރީޚު ހެކިވާގޮތުގައި، ހަނގުރާމައިގެ މައިދާނުގައި އެންމެފުރަތަމަ ޤަތުލުކޮށްލެވެނީ ޤައުމުތަކުގެ އަޚްލާޤިއްޔާތެވެ. އެމެރިކާއިން ޖަޕާނުގައި ދައްކައިފައިވަނީ އޭގެ ހެތްކެކެވެ. ޢިރާޤާއި އަފްޣާނިސްތާނުގައި ސާބިތުކޮށްދެމުން އެގެންދަނީ އޭގެ ދަލީލުތަކެވެ.

އިތުރު ސާހިބާ ދުނިޔެއަށް ވަޑައިގެންނެވިއިރު، ޢަރަބީން ހަނގުރާމަކުރަމުން ގެންދިޔައީ، ޤަބީލާތަކުގެ ޝަރަފު މަތިވެރި ކުރުމަށްޓަކައެވެ. ޖާހިލީ ވާދަވެރިކަމުގައެވެ. ޣަނީމާ މުދާ އެއްކުރުމުގެ ބޭނުމުގައެވެ. ބަދަލުހިފުމުގެ ރޫޙުގައެވެ. އިތުރު ސާހިބާ ޢަރަބީން ގެންގުޅެމުންއައި ހަނގުރާމައިގެ ތަޞައްވުރު މުޅިން އެހެން މިސްރާބަކަށް އަނބުރާލެއްވިއެވެ. ހަނގުރާމައިގެން ނަން (ޙަރްބު) ޖިހާދަށް ބަދަލުކޮށްލެއްވިއެވެ. އަޅުކަމެއްގެ މަތިވެރި މަޤްޞަދާއި ރޫޙު އެކުލެވޭ ކަމަކަށް ހެއްދެވިއެވެ. އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. މާތް اللّه ގެ މަގުގައި ކުރެވޭ ޖިހާދަކަށްވާނީ އެކަލާނގެ ކަލިމަފުޅު މަތިވެރިކުރުމަށްޓަކައި ކުރެވޭ ހަނގުރާމައެވެ. އިސްލާމްދީނުގެ ޖިހާދުގައި އެންމެފުރަތަމަ ފިޔަވަޅުން ފެށިގެން އެންމެ ނިންމައިލާ ފިޔަވަޅާ ހަމަޔަށްވެސް ތަމްސީލުވަނީ އަޅުކަމެއްގެ މަންޒަރެވެ. ލަޝްކަރު ދަތުރުކޮށްފައިދާއިރު އުސްމަގަކުން މައްޗަށް އަރާނަމަ އަރާނީ ތަކުބީރު ކިޔަމުންނެވެ. ތިރިޔަށް ފައިބާނަމަ ދާނީ، ތަސްބީޙަ ކިޔަމުންނެވެ. މިއީ ނަމާދުގެ ޤިޔާމާއި ރުކޫޢު ސުޖޫދު ރަމްޒުކޮށްދޭ ދިނުމެކެވެ. ތަކުރާރު އެކުރެވެނީ ޤިޔާމުގެ ތަކުބީރާއި ރުކޫޢާއި ސަޖިދައިގެ ތަސްބީޙައެވެ. ޢާއްމު ޙަމަލަޔަށް ފަށަނީ ކޮމާންޑަރަކަށް ހުންނަވާ ބޭކަލަކު ތިންފަހަރަށް ތަކްބީރު ވިދާޅުވުމުންނެވެ. އިތުރު ސާހިބާ އިސްލާމީ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފަކަށް ހުންނަވާއިރު ބަރޯސާކުރައްވަނީ ސިފައިންގެ މަދުގިނަކަމަކަށެއް ނޫނެވެ. ހަތިޔާރުގެ މޮޅުދެރަކަމަކަށެއްވެސް ނޫނެވެ. މާތް اللّه ގެ މަދަދަށެވެ. އެކަލާނގެ ދެއްވާ ނަޞްރަށެވެ. އެކަމަށް އެދިވަޑައިގެން ނުހަނު ޚުޝޫޢަތްތެރިކަމާއެކު ދުޢާކުރައްވައެވެ.

 ބަދުރުގެ މައިދާނުގައި މުޅިރޭ ހޭދަކުރެއްވީ ސަޖިދަކުރެއްވުމާއި ދުޢާކުރެއްވުމުގައެވެ. ފަތަޙަ ލިބިވަޑައިގެންފިނަމަ، މާތް اللّه އަށް ޝުކުރު އަދާކުރައްވައެވެ. މައްކާ ފަތަޙަކުރެއްވި ދުވަހު ޛިއްޠަވާއެވެ ކިޔުނު މަގުން މައްކާއަށް އަރައިވަޑައިގެންނެވިއިރު، އިސްތަށިފުޅު ތިރިކުރައްވައިގެން އިންނެވިވަރުން، އިތުރު ސާހިބާގެ މާތް ތުނބުޅިފުޅު ދާނުގޮނޑިކޮޅުގައި ކޭއްތެއެވެ. އެމާތް ސާހިބާ ނުހަނު އިހާނެތި ގޮތެއްގައި ބޭރުވެވަޑައިގެންނެވި ރަށަށް ފާތިޙެއްގެ ޙައިޘިއްޔަތުން ވެދެވަޑައިގަތީ، އެފަދަ ތަވާޟުޢުވެރިކަމުގައެވެ. މައްކާއަށް އަރައިވަޑައިގެން السيّدة أمّ هانى رضى اللّه عنها ގެ ގެކޮޅަށް ވަޑައިގެން، ޝުކުރުގެ އަށް ރަކްޢަތް ނަމާދެއް ކުރެއްވިއެވެ.

އެޒަމާނުގެ ދުނިޔޭގައި ހަނގުރާމައިގެ މައިދާނުގައި މުސްކުޅިޔަކަށްވެސް، ކުޑަކުއްޖަކަށްވެސް، އަންހެނަކަށްވެސް ސަލާމަތެއް ނުލިބެއެވެ. ދުނިއުކަން ފަރިތަކުރުމުގައި އަމާޒުފަތްގަނޑަކަށް ކުޑަކުދީންގެ ބޭނުންކުރެވެއެވެ. އިންސާނުން ދިރިތިއްބައި އަލިފާންޖަހައި އަންދައިލެވެއެވެ. ނަމަވެސް، އިތުރު ސާހިބާ އެކަންކަން މަނާކުރެއްވިއެވެ. އަންހެނުންނާއި، ކުޑަކުދީންނާއި، މުސްކުޅިން ޤަތުލުކުރުން މަނާކުރެއްވިއެވެ. އަލިފާނުން އަދަބުދިނުމަކީ އިންސާނުންގެ އިޚްތިޔާރުން ބޭރުކަމެއްކަމުގައި އެންގެވިއެވެ. ހަނގުރާމައިގައި ހައްޔަރުވާ މީހުންގެ ގުނަވަންތައް ބުރިކޮށްފައި، މަރަށް ތެޅެން އުކައިލުމަކީ، އޭރުގެ ފާތިޙުންގެ އާދައެކެވެ. އިތުރު ސާހިބާ އެކަން މަނާކުރެއްވިއެވެ. އަތްފައި ބުރިކުރުމާއި، ނޭފަތާއި ކަންފަތްފަދަ ގުނަވަންތައް ކެނޑުން މަނާކުރެއްވިއެވެ. ޙަމަލަދީ ހަނގުރާމަކުރަމުން ގެންދާ ދިއުމުގައިވެސް ދުޝްމިނުންގެ މޫނު އިސްތިސްނާކުރަން އެންގެވިއެވެ. އިތުރު ސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. ޤަތުލުކުރުމުގައިވެސް އެންމެ ޢަފީފު ބަޔަކީ މުއުމިނުންނެވެ. މާނައަކީ، މުއުމިނުންނަކީ ރަޙްމުކުޑަ ގޮތްގޮތަށް އަނިޔާވެރިކަމާއެކު މީހުން ޤަތުލުކުރާ ބައެއް ނޫނެވެ.
----------
(ނުނިމޭ)

ނޯޓު: މި ލިޔުން ޝާއިޢު ކުރެވޭނީ މައިގަނޑު ފަސްބައެއްގެ މައްޗަށް ބަހައިލައިގެންނެވެ. މިއީ ފުރަތަމަ ބައެވެ.


މި ލިޔުން:

   ފޮނުވުން:    އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:  އަލްއުސްތާޛު އަޙްމަދު މާޖިދު
   ޝާއިޢުކުުރުން: އާދަމް ނަޞީރު އިބްރާހީމް


އިދާރާ

ވާހަކަ