އަދުގެ ޚާއްސަ

Print

ސަގާފީ ނަޒަރަކުން ރަމަޟާން މަހުގެ ތިން ދިހަ، ލ. ފޮނަދޫގައި. . . (2)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ




އަޙުމަދު ރަޝީދު، ލ. ފޮނަދޫ
                                                     (16 އޮގަސްޓް 2011 (އަންގާރަ) ގުޅޭ)

ދެވަނަ ދިހަ : ބުރަފަތި ދިހަ

ވައިބަޑި ދިހަ ނިމުމުން ދެން ފެށޭނީ ބުރަފަތި ދިހައެވެ. ބުރަފަތި ހެދުމަށް ވެސް މަގޫގަހުގެ އޮނުގެ ބޭނުން ހިފައެވެ. ދިއްގާ ދަނޑިން ނުވަތަ ދަކަނދާ ދަނޑިން ހަދާފައިވާ ބުރަފައްޗެއްގެ ޝާފްޓް މަހާލުމަށް ބޭނުންކުރަނީ މަގޫ ގަހުގެ ދަނޑިކޮޅެއްގެ އެތެރޭ މަދު ނަގައިގެން ހަދާފައިވާ އޮނުކޮޅެކެވެ.

ބުރަފަތި ހެދުމަށްޓަކައި ދިއްގާ ދަނޑިން ނުވަތަ މަގޫ ދަނޑިން ދެ ސޫތެއްހައި ތުނިކޮށް، ބައިފޫޓް ދިގު މިނުގައި މަށާލާފައިވާ ދެ ފަތިކޮޅެއް ހުރަސް ވާގޮތަށް މަލަރުކޮށްލައިފައި ހުންނާނީ ހިމަކޮށް، ވަށްކޮށް، ބައިފޫޓް ދިގުމިނުގައި މަށާލާފައި ދަނޑިކޮޅަކުންނެވެ. ހުރަސްކޮށްފައިވާ ބުރަފަތީގެ ހަތަރު ފިޔައިގައި ހުންނާނީ ކުލަޖައްސައިފައެވެ. ކުލަޖެއްސުމަށް ބޭނުންކޮށް އުޅެނީ ޤުދުރަތީ ވަސީލަތްތަކެވެ. އެގޮތުން ރީނދޫކުލަ ޖެއްސުމަށް ބޭނުންކުރަނީ ރޯ ހިރުނދުގެ ކިރެވެ. އޮރެންޖްކުލަ ޖެއްސުމަށް ބޭނުންކުރަނީ ގޮބޮޅީގެ ކިހާއް ކަހައިގެން ދުފާ ހުނި (އުވަ)އާ  އެއްކޮށްގެންނެވެ. ހަމަ އެފަދައިން އަހިގަހުގެ މޫ (އަހިމޫ) ވެސް ރަތްކުލަޖެއްސުމުގައި ބޭނުންކޮށް އުޅެއެވެ.

ބުރަފަތީގެ ޝާފްޓް ގެ މެދުގައި ދާބަންނަށް ބޭނުންކުރާ ބަރަނިން ރަނގަޅަށް އައްސާލުމަށްފަހު، ބުރަފަތީގެ ޝާފްޓް ހޮޅިކޮޅުގެ ތެރެއަށް ކޮއްޕާލަނީއެވެ. އެއަށްފަހު މަގޫ އޮނުކޮޅުގެ މެދުގައި ކަނޑާފައި ހުންނަ ކަކަކުން ރޮދިފަށުގެ ކޮޅު ނެރެލަނީއެވެ. އެއަށްފަހު ރޮދިފަށުގެ ކޮޅުގައި ހިފަހައްޓައިގެން ހުރެ ބުރަފަތީގެ ޝާފްޓް އަނބުރައި ޝާފްޓްގައި ރޮދިފަށް އޮޅަނީއެވެ. ރޮދިފަށުގެ އަތު އޮންނަ ކޮޅުގައި ހިފެހެއްޓުމަށް ފަސޭހަ ކުރުމަށް ދަނޑިކޮޅެއް އައްސައިލައިފައި ހުންނާނެއެވެ.

ބުރަފަތީގެ މަގޫ އޮނުގައި ވާތުން ހިފަހައްޓާފައި ކަނާތުން ވާކޮޅުގެ ކޮޅުގައި އައްސާފައިވާ ދަނޑިކޮޅަށް ބާރަށް ދަމަލުމަށްފަހު ވާންވުމުން ކުޑަދުލެއް ދިނުމަށްފަހު އަނެއްކާވެސް ދަމާލަނީއެވެ. މިގޮތަށް ދަމަމުން ދޫދެމުން އަންނަ ވަގުތު ބުރަފަތި އެނބުރެމުން ދާނެއެވެ. ބުރަފަތި އެނބުރޭއިރު އޭގެ ފިޔަތަކުގައި ޖައްސާފައި ހުންނަ ކުލަތަކުން ރީތި މަންޒަރެއް ސިފަވަމުން ދާނެއެވެ. ފިޒިކްސްގައި އައްޔާއި ކުލަ ކިޔަވައިދިނުމުގައި ބޭނުންކުރާ ކަލަރ ސްޕެކްޓަރަމް ވީލް އާއި އެއްގޮތަށެވެ.

ވައިބަޑިއާއި ބުރަފަތި އަދި އަޑުސަރަކަ އަކީ ޒުވާނުން ފިރިހެނުން، ޒުވާން އަންހެން ކުދިންނަށް ހަދިޔާކުރުމަށްވެސް ހަދައި އުޅުނު އެއްޗެއްކަމަށް އަޅުގަނޑަށް ބައެއް ބޭފުޅުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން ތިމާ ހިތާވާ އަންހެން ކުދިންނަށް ފެންވަރު ރަނގަޅު، ރީތި ބުރަފައްޗާއި އަޑުސަރަކަ ހަދިޔާކޮށް އުޅުނުކަން އެނގެން އެބައޮތެވެ.

ފޮޓޯނެގުމަށްޓަކައި ބުރަފައްޗާއި ވައިބަޑި ހެދީ: ޢަލީ މޫސާ

ނޯޓް: މަސައްކަތެއް ކުރާ މީހަކަށް ލިބޭނެ އެންމެ ރަނގަޅު އެއް އުޖޫރައަކީ އެމީހާ ކުރަމުން އަންނަ މަސައްކަތަށް ހެޔޮހިތުން އަނެކުންގެ ފަރާތުން ބިނާކުރަނިވި ފާޑުކިޔުން ލިބުންކަމަށް އަޅުގަނޑު އަބަދުވެސް ދެކެވެ. އެގޮތުން އަޅުގަނޑުގެ މި ސިލްސިލާ ލިޔުމުގެ ފުރަތަމަ ބަޔަށް ބޭފުޅަކު ފޮނުއްވާފައިވާ ބިނާކުރަނިވި ޚިޔާލަށް މަރުޙަބާ ކިޔަމެވެ. މިދެންނެވި ބޭފުޅާ ފާޅުކޮށްފައި ޚިޔާލުގައި އިޝާރާތް ކުރައްވާފައި ވާފަދައިން ރޯދަމަހުގެ ތިން ދިހައިގައި ވައިބަޑި، ބުރަފަތި އަދި އަޑުސަރަކަ ހެދުމުގެ ޘަޤާފަތް ފޮނަދޫގެ އަނެއް ދެ އަވަށުގައިވެސް ގެންގުޅެފައި ވެއެވެ. އަޅުގަނޑު މި ލިޔުން ލިޔުމަށް މަޢުލޫމާތު އޮޅުންފިލުވައިލި ދެ ބޭފުޅަކަށް އެކަން އެނގިފައި ނެތުމުން އަޅުގަނޑަށްވެސް އެކަން އޮތްގޮތް އޮޅުން ފިލައިފައި ނެތީއެވެ. ނަމަވެސް އެ ޚިޔާލާއި ގުޅިގެން އިތުރަށް ދިރާސާކޮށްލުމުން އެނގުނީ މިކަމަކީ ފޮނަދޫގެ ތިން އަވަށުގައި ކޮށް އުޅުނު ކަމެއް ކަމެވެ. ނަމަވެސް އަތޮޅު އެހެން ރަށެއްގައި މިކަން ކޮށްއުޅޭކަމެއް އަދި އެނގިފައެއް ނެތެވެ. ނަމަވެސް އެއީވެސް އެކަށީގެން ނުވާކަމެއް ނޫނެވެ.
----------------
(ނުނިމޭ)

މި ލިޔުން
    ފޮނުވުން:    އަޙުމަދު ރަޝީދު، ލ. ފޮނަދޫ
    އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ