އަދުގެ ޚާއްސަ

Print

އެ ދުވެލި މަޑުކުރެވުނުނަމަ....

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ

      

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ           

ދުވަހަކީ ހޮނިހިރު ދުވަހެކެވެ. މެންދުރުގެ ކެއުމަށް ތަށިމަތި ތައްޔާރު ކުރުމުގެ މަސައްކަތުގައި ފަރީޝާ ހޭބޯ ނާރައި އުޅެއެވެ. ފަޔާޒު ވަރަށް ބަޑުހައިވެފައި ހުރެ ފަރީޝާ އަށް ގޮވައިލިއެވެ. އަދިވެސް ކާން ނުހެދެނީ ހެއްޔެވެ. '' ނޫނެކެވެ. ކާން ތައްޔާރުވެއްޖެއެވެ.'' ދެކުދިން ގޮވައިގެން ކާ މޭޒުދޮށަށް އައުމަށް ފަރީޝާ ފަޔާޒަށް އިޝާރާތް ކުރިިއެވެ. ފަޔާޒު ދެ ކުދިން ގޮވައިގެން ގޮސް ކާން ފެށިއެވެ. އަދި ކައިނިމިގެން ފުން ނޭވާއެއް ލުމަށްފަހު ވަރުބަލިވެފައިވާ ރާގަކަށް ދަރިފުޅު ރީޝާ އާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

"ދަރިފުޅާ ރީޟާ، ރަނގަޅަށް ބަނޑުބޮޑު ވަންދެއް ކާތި. ބައްޕަ އަންނާނަން ބޭރަށް ޖެހިލައިފައި." މިހެން ބުނުމުން ފަރީޝާ ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ.

ފަރީޟާ:             ކޮންމެ ދުވަހަކު މެންދުރު ކެއުމާއެކު ފަޔާ ކޮންތާކަށްތަ ތިޔަ ދަނީ. ކީއްވާނިީއެންމެ ފަހަރަކު ވެސް ރީޟާ އާއި އިނާޒް ގޮވައިގެން ތިޔަ ދާ ތާކަށް ދިޔައިއްޔާ! "

މިހެން ބުނުމާއެކު ކުޑަކުޑަ ރީޝާ ވެސް ބައްޕާ ކޮންތާކަށްހޭ ތިޔަދަނީ، ކޮއްކި ގޮވައިގެން ދާށޭ ބުނުމުން އިނާޒް ރީޝާ އާއި އެއްބައިވެލަމުން ''ބައްޕާ ދޮންބެ ވެސް ދާނަން ބައްޕަ އާއެކު ކާރު ދުއްވާލަން'' ބުންޏެވެ. އަދި ރީޝާ ވެސް އިނާޒާ އެއްބައިވެލަމުން "އާނ! ދޮންބޭ އޭރުން ވަރަށް މަޖާވާނެ"ކަމަށް ބުންޏެވެ.

އެކަމަކު ފަޔާޒް އެ ކުދިންގެ ވާހަކަޔަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެކަން ފަޔާޒްގެ މޫނުމަތިން އިނާޒް އަށް ދޭހަވި ކަހަލައެވެ. '' އާނ! ކޮއްކޯ އެކަމަކު ބައްޕަ ގެންދިޔައިއްޔާ ނޫން ދެވޭނީ'' މިހެން އިނާޒް ބުނުމާއެކު ފަޔާޒް ދޮގެއް ހަދައިފައި، "ބައްޕަ މިދަނީ ރައްޓެއްސަކާ ބައްދަލުކޮށްލާށޭ، ހަވީރުން ދަރިފުޅުމެން ބަލައި އަންނާނަމޭ' ބުންޏެވެ. އަދި ރީތިކޮށް ތައްޔާރުވެގެން ތިބޭށޭ ބުންޏެވެ. މިހެން ބުނުމުން ފަރީޝާ މަލާމާތުގެ ރާގަކަށް ބުންޏެވެ.

ފަރީޟާ:      "ތިޔަ ގޮތަށް ކޮންމެ ދުވަހަކުވެސް ކުދިންނަށް ދޯކާދީފައި ތިޔަދަނީ. އެއްދުވަހު ވެސް ނިކަން އަހަރެމެން ގޮވައިގެން ތި ދާތާކަށް ގޮސްބަލަ!"

ފަޔާޒު:       "އަދި ނެތެއްނު ނުދެވިފައެއް. ހަވީރުން އަންނާނަން ތިން މައިން ބަލައި. ރީތިކޮށް ތައްޔާރުވެގެން ތިބެއްޗޭ އިނގޭ..."

މިހެން ބުނެފައި ފާއިޒު ގެއިން ނިކުމެގެންގޮސް ކާރަށް އެރިއެވެ. އަދި އިސްޓާޓް ކޮށްލިއެވެ. ނަމަވެސް ކާރެއް އިސްޓާޓެއް ނުވިއެވެ. މި ގޮތަށް ދެތިން ފަހަރަކު މަސައްކަތްކޮށްލުމުން އިސްސްޓާޓްވެއްޖެ އެވެ.  ފަޔާޒު ހިތާހިތުން ކިޔާލިއެވެ. ''މިއަދު ހާދަ ވަރުބައްޔެވެ. ފަރީޝާ މިއަދު އަނެއްކާ އަހަރެންނަށް ކާން މިދިނީ ކޯއްޗެއް ބާވައެވެ..... މިގޮތަށް.. ކުށްހީ ކުރާކަށް ނުވާނެތާއެވެ. އެއީ އަހަރެންގެ އަންހެނުން ވިއްޔާއެވެ. އެ ވާނީ މިއަދު މާ ހޫނު ގަދަ ކަމުން ހީވިގޮތެއްކަމަށެވެ. ދުއްވައިލަން ދާންވީއެވެ. އޭރުން މަޑުމަޑުން ފިނިވެދާނެ. '' މިހެން ހިތައި ކާރު ދުއްވައިފައި ގޮސް މަރަދޫ ކައިރިން ލިންކުރޯޑަށް ނިކުތެވެ.  އަދި ކާރުގައި ބާރަށް ލަވަ ޖެހުމަށްފަހު ލިންކުރޯޑުން އުތުރުން ދެކުނަށް ކާރު ދުއްވަމުން ދިޔައެވެ.

ވެފައިހުރި ވަރުބަލިކަމުން ފަޔާޒުގެ ހިތާހިތުން ކިޔައިލެވުނެވެ. ''ހާދަ ނިންޖެއް އެބަ އާދެއެވެ. ވާނީވެސް އެހެން ވިއްޔާ އެވެ. މީ އެންމެ  އަވިބާރުވެސް ގަޑި ވިއްޔާއެވެ. ފަހަރުގައި މިހެން އިންދައި ނިދިދާނެއެވެ. ތަންކޮޅެއް ބާރަށް ކާރު ދުއްވާލަންވީއެވެ. 60  ވަރަކަށް ކިލޯ މީޓަރުގައި ދުއްވައިލަނިކޮށް ނިދިފިލައި ދާނެއެވެ. މިހެން ހިތައި، ކާރު ވަރަށް ބާރަށް ދުއްވަމުން ގެންދިޔައެވެ.
 
ފަޔާޒު އެހާބާރަށް ކާރު އެދުއްވަނީ ފިނިކޮށްލުމުގެ ނިޔަތުގައެވެ. އަދި ނިދިފިލުވައިލުމަށްޓަކައެވެ. އަނބުރައި ގެއަށް ގޮސް ހަވީރު ވުމުން އެ ކުޑަކުޑަ އާއިލާ ގޮވައިގެން ފިނިބުރެއް ޖަހައިލުމުގެ ނިޔަތުގައެވެ. މިއީ ފަޔާޒުގެ ނިޔަތެވެ. ނަމަވެސް ކަން ވާނީ ކިހިނެއްކަމެއް ނޭނގެއެވެ.

ކާރު ވަރަށް ބާރު ސްޕީޑްގައި ދުއްވައިފައިދެއެވެ. ކުއްލިއަކަށް ސައިކަލްގައި ފަހަތުން ވަރަށް ބާރަށް ދުއްވާފައިދިޔަ ދެމީހަކާއި ދިމާވެގެން ކާރުގެ ބިއްލޫރި ގަނޑު ތިރިކޮށްލައި ކުޑަކޮށް އިސްޕީޑް މަޑުކޮށްލުމަށްފަހު ފަޔާޒު އެމީހުންނާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އަދި އެމީހުންވެސް ފަޔާޒުއާއި ވާހަކަ ދައްކަމުން ގެންދިޔައެވެ.

ޝަރީފް:         ފަޔާޒު...... ހާދަބާރަކަށް ތިދަނީ. އަހަރެންވެސް ތިޔަ ކާރު އެހާބަރަށް ދުއްވައިފައި ދާތީ، ތީ ފަޔާޒު ކާރުކަން އެނގިގެން ކަމެއް ގޯސްވީކަމަށް ހީކޮށް މި ގާތްކޮށްލީ. އެކަނިތަ!

ޝަރީފް މިހެން ބުނުމުން ފަޔާޒު ވަރަށް ރަކިވެލައިފައި ބުންޏެވެ. މިއަދަނީ މާބޮޑަށް ހޫނުވާތީ ފިނިކޮށްލަން ހަންކެނޑެ ސަރަހައްދަށް ދާން ވެގެން ނެވެ. ކުދިވެރިންވީ ގޭގައެވެ. މިހެން ބުނެ ޝަރީފާ ދިމައަށް ކޮންތާކަށްތޯ ޝަރީފް ދަނީ ފަޔާޒް އެހިއެވެ. ޖަވާބުގަިއ ޝަރީފް ބުންޏެވެ.

ޝަރީފް:            އަހަރެން މިދަނީ ފަހީމާ ގޮވައިގެން ހިތަދޫ ހޮސްޕިޓަލަށް ދާންވެގެން. ފަހީމާ މާބޮޑަށް ބަނޑަށް ތަދުވާތީ. .... ދޯ ފަހީމާ...

ޝަރީފް މިހެން ބުނުމުން ޝަރީފާ އެއްބައިވެލުމުގެގޮތުން ބަލި ފާޑަކަށް ފަހީމާ ބުންޏެވެ. "ފަޔާޒުގެ ދަރިންނާ އަންހެނުންގެ ހާލު ކިހިނެއް ހެއްޔެވެ؟" ޖަވާބުގައި ''ކުދިންކޮޅުގެ ހާލު ރަނގަޅެވެ. ފަހީމާވެސް މިހާރު ގޭދޮށަށް ގޮސްވެސް ނުލައި ވިއްޔާއެވެ.'' ފަޔާޒު ބުންޏެވެ.

ފަޔާޒް މިހެން ބުނުމުން ޝަރީފް ދަނީއޭ ބުނެފައި ހިތަދޫ ހޮސްޕިޓަލާއި ދިމާއަށް މިސްރާބް ޖެހިއެވެ. ފަޔާޒު ވެސް ޝަރީފް އަނބުރާ ދިއުމުން އަނެއްކާ ވެސް ކާރު ވަރަށް ބާރަށް ދުއްވަމުން ދިޔައެވެ. އޭރު އެހިސާބު ގަނޑުން ކޮންމެވެސް ވަރަކަށް ދުއްވާ އެއްޗެތީގެ އަޑު އިވެއެވެ.  ކާރު ވަރަށް ބާރަށް ދުއްވަމުން ގޮސް ހަންކެޑެ ސަރަހައްދަށް ވަދެއްޖެއެވެ. އޭރު ފަޔާޒަކަށް ރަނގަޅަށް ލޯވެސް ހުޅުވައެއްނުލެވެއެވެ. ފާޑަކަށް ވަރުބަލިވެ ނިދިއައިސް ދެލޯ މެރޭގޮތް ވެއްޖެއެވެ.

ކުއްލިއަކަށް ވަރަށް ބާރަށް އަޑެއް އިވުނެވެ. އެއީ ގަސްތަކެއް މުގުރެމުން ދާ އަޑެކެވެ. އަދި އެއްޗެއް ވަރަށް ބާރަށް ވެއްޓޭ އަޑުވެސް އިވިއްޖެއެވެ. އޭރު ފަޔާޒުގެ ކާރު އޮތީ ހަންކެނޑެ ސަރަހައްދުގައި ޖަހާފައިހުރި ފެންސު ފޫއަޅުވާލައި ވަލުތެރެއަށް ވަދެފައެވެ. ފަޔާޒުވެސް އޮތީ ކާރު ތެރެއަށް ގުޅައަކަށް ޖެހިފައެވެ. ފަޔާޒުގެ ދެލޯ ބޮޑުވެއްޖެއެވެ. ނިދި ފިލައިފިއެވެ. އެހެނަސް ހޭވެރިކަން ވީއިރު މިވަނީ ވާނެގޮތްވެ ނިމިފައެވެ. ފަޔާޒު ކުއްލިއަކަށް ހަޅޭ ލަވައިގަތެވެ. '' މަގޭކާރޭ މަގޭކާރޭ، މީހެކޭ ސަލަމަތްކުރޭ، މިހެން ފަޔާޒު އަޑުގެ ކޮޅަށް ގޮވަމުން ދިޔައެވެ. އޭރު ފަޔާޒުވަނީ ފެންކަޅިވެ ހަދާނެ ގޮތް ހުސްވެފައެވެ. ކާރުގެ ދުވަސް ހިނގައްޖެއެވެ. އެއޮއް ލޯބިން ގެންގުޅުނު ޖަވާހިރެއްފަދަ ކާރެވެ.

މިއަޑަށް އެހިސާބު ގަނޑުގައި ސައިކަލްގައި އުޅުނު ނިހާން ކިޔާ މީހަކަށް މިކާރު އެކްސިޑެންޓް ވެފައި އޮއްވައި ފެނުނެވެ. އަދި ނިހާން ވަރަށް އަވަހަށް އެދިމާއަށް ގޮސް ފުލުހުންނަށް ގުޅިއެވެ. އަދި ފުލުހުންނަށް ގުޅައި ހަންކެނޑެ ސަރަހައްދުގައި ޖަހައިފައިހުރި ފެންސުގައި ޖެހި ކާރެއް އެކްސިޑެންޓް ވެގެން އުޅޭކަމުގެ މަޢުލޫމަތު ދިނެވެ.  ނިހާން ފުލުހުންނަށް މަޢުލޫމަތު ދިނުމަށްފަހު އެކްސިޑެންޓް ހިނގައިގެން އުޅޭ ސަރަހައްދަށް ދިޔައެވެ. އޭރު އެކްސިޑެންޓްވެފައިވާ ކާރުގެ ތެރެއިން މީހަކު ހަޅޭއްލަވާ އަޑު އިވެއެވެެ. ނިހާން އަވަހަށް އެ ކާރުގެ ކައިރިއަށް ގޮސް އޭނާ ސަލާމަތްކުރިއެވެ. އަދި ހިތް އަވަސްވެފައިވާ ރާގަކަށް ފަޔާޒް އާއި ދިމާލަށް ބުންޏެވެ.
 
ނިހާން:            އަސްތާ! ފަޔާޒު ކަލޭތަ؟.. ކިހިނެއްތިހެދީ!

ނިހާން މިހެން ބުނުމުން ފަޔާޒް ވީގޮތް ނިހާން އަށް ކިޔައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް މާގިނަ ވާހަކަ ތަކެއް ނުދެއްކެނީސް ފުލުހުން އެތަނަށް އަތުވެއްޖެ ފިއެވެ. އަދި ފުލުހުން ފަޔާޒާ ސުވާލު ކުރަމުން ގެންދިޔައެވެ.

ޕޮލިސް:            ކޮންނަމެއްތަ ކިޔަނީ.
ފަޔާޒު:             އަޅުގަނޑަށް......... އަޅުގަނޑަށް ކިޔަނީ މުހައްމަދު ފަޔާޒު. ސ.މަރަދޫ/ ހިތިވާދީ
ޕޮލިސް:            ކޮބައިތޯ ލައިސަންސް

ފުލުހުން މިހެން އެހުމުން ފަޔާޒް ޖީބުން ނަގައި ލައިސަންސް ކާޑު ފުލުހުންގެ އަތަށް ދިނެވެ. އަދި ފުލުހުން ފަޔާޒްގެ ހުރިހާ މަޢުލޫމަތެއް ނެގުމަށްފަހު އެކްސިޑެންޓްފައި އޮތް ކާރު ބަލައި ޗެކްކޮށްލިއެވެ. އަދި ކާރަށް ލިބިފައިވާ ގެންލުންތައް ނޯޓްކުރަން ފެށިއެވެ. ފުލުހުން ބެލިބެލުމުން ކާރު ދުއްވައިފައިވަނީ އޯވަރ ސްޕީޑްގައިކަމާއި، ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ހެންކެޑެ މަގުގެ ކަނާތްފަރާތުގައި ޖަހައިފައި ހުރި ފެންސްގައި ކާރު ޖެހިފައިވަނީ ކާރުކޮންޓްރޯލުން ނެއްޓިގެން ގޮސްގެންކަމަށް މި މަންޒަރުން ފުލުހުންނަށް ދޭހަވިއެވެ. އަދި ކާރު އެކްސިޑެންޓް ވުމުގެ ސަބަބުން ފެންސުން 44 ފޫޓް ހާތަން ހަލާކުވެފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ފަޔާޒު ވަރަށް ދެރަވެފައި ހުރެ ފުލުހުންގެ ކިބައިން މަޢާފަށް އެދުނެވެ. އަދި މިއެކްސިޑެންޓް ހިނގަން ދިމާވިގޮތް ފުލުހުންނަށް ކިޔައިދިނެވެ. ފުލުހުން ވެސް ފަޔާޒްއަށް ލިބިފައިވާ ގެއްލުންތައް ނޯޓް ކުރިއެވެ. އެހެން ނަމަވެސް ބޭރުފުށުން ފަޔާޒްއަށް އަނިޔާވެފައި ނުވާކަން ފަޔާޒްވެސް ބުންޏެވެ. މިއީ ފަޔާޒްގެ ނަސީބެވެ. ދެވަނަ ފަހަރަށް ދިރިހުންނަށް ބޭނުންވި ކަހަލައެވެ.

ފުލުހުން ފަޔާޒާ ސުވާލު ކުރުމަށްފަހު  އެކްސިޑެންޓް ހިނގައިފައިވާ ސަރަހައްދު ކޯޑްން ކުރުމަށްފަހު ފަޔާޒްގެ ކާރު ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނެވެ.  އަދި ފުލުހުންގެ ވެހިކަލްގައި ފަޔާޒު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެންދެވިއްޖެއެވެ. އެއަށްފަހު ފުލުހުން މިމައްސަލައިގެ ތަހްޤީޤް ފެށި އެވެ.  ފަޔާޒް މިކަން ހިނގައި ދިޔަގޮތް ފުލުހުންގެ ތަހްޤީޤަށް ކިޔައިދެމުން ގެންދިޔައެވެ.

ފަޔާޒު:           ވީގޮތަކީ އަޅުގަނޑު ގެއިން މެންދުރު ކައިގެން ހޫނު ވާވަރުން ފިނިކޮށްލަންވެގެން ހަންކެޑެ ސަރަހައްދަށް ދިއުމަށް ކާރުގަ ނިކުތީ. ނަމަވެސް އެވަގުތު ވެފައިހުރި ވަރުބައްޔެއްގެ ސަބަބުން ، އަދި އައިސްފައިހުރި ނިދީގެ ސަބަބުން ނިދި ފިލުވާލުމަށް ހިތާ ވަރަށް ބާރަށް ކާރު ދުއްވާފަ އެސަރަހައްދަށް ދާން ދިޔައީ. .... ނަމަވެސް ކަންތައްވީ ހީކުރި ގޮތަކަށް ނޫން.....

ފަޔާޒު ވާހަކަ ކުރިއަށް ގެންދަންފެށިއެވެ. އަދި ވަރަށް ތަފްސީލުކޮށް ފުލުހުންނަށް އެވާހަކަ ތައް ކިޔައިދެމުންދިޔައެވެ. ''ދެން ވީގޮތަކީ ހަންކެޑެ ކޯޒުވޭ ހަމައިން އަޅުގަނޑަށް ނިދުނީ. ކުއްލިއަކަށް ހޭވެރިކަންވީ ކާރު ވަރަށް ބާރަށް އެއްޗެއްގައި ޖެހުނުއަޑަށް. އަދި ހޭވެރިވެގެން ރަނގަޅަށް ބަލައިލިއިރު ހަންކެޑެ ކޯޒުވޭގައި ޖަހައިފައިހުރި ފެންސުގައި ކާރުޖެހިއްޖެ. އަދި އަޅުގަނޑަށް ކާރު ކޮންޓްރޯލް ނުކުރެވިގެން ފެންސްގައި ޖެހި ފެންސް ހަލާކުވެ، ވަލުތެރެއަށް ގާތްގަނޑަކަށް 88 ފޫޓް އެތެރެއަށް ކާރު ވަދެފަ ވާހެން ހީވަނީ. އަދި އަޅުގަނޑަށް ކާރުތެރެއިން ނުނިކުމެވިގެން ހަޅޭއްލަވާއަޑަށް ނިހާން އައިސް އަޅުގަނޑު ނެގި. ނަމަވެސް އަޅުގަނޑަކަށް އަނިޔާއެއް ނުވޭ.''

ފަޔާޒްގެ މިވާހަކަތައް ފުލުހުންނަށް ކިޔައިދިން ނަމަވެސް މިއެކްސިޑެންޓްގެ ސަބަބުން ބަޔެއްގެ މުދަލަށް ގެންލުން ލިބިފައިވާތީ، މިކަމަށް ގޮތެއް ނިންމަން އެބަޖެހޭކަމަށް ފުލުހުން ވިދާޅުވި އެވެ. އެހެންނަމަވެސް ފަޔާޒް މިކަމަކަށް އިންކާރެއް ނުކުރެއެވެ. ފެންސް ހަލާކުވީ، ފަޔާޒްގެ ސަބަބުން ކަން ފަޔާޒް ޤަބޫލުކުރެއެވެ. އަދި ފަޔާޒްގެ ފަރާތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ފަޔާޒް އަމިއްލައަށް ދޭން ފަޔާޒް އެއްބަސް ވިއެވެ. އަދި ފުލުހުންވެސް ކަން އޮތްގޮތް ވަރަށް ތަފްސީލުކޮށް ފަޔާޒްއަށް ކިޔައިދެމުން ގެންދިޔައެވެ.

ޕޮލިސް:         ފުދޭވަރަކަށް ބޮޑު ހަރަދެއް ފެންސް ހެދުމަށް ހިނގާނެކަމަށް ލަފާ ކުރެވޭ... އޭގެ ވެރިފަރާތާއި ގުޅާފައި ގޮތެއް ނިންމާނަން. އެހެންނަމަވެސް ފަޔާޒު ވަނީ އޯވަ ސްޕީޑްގައި ޤަވާއިދާ ޚިލާފަށް ކާރު ދުއްވާފައިކަން ތަހްޤީޤަށް އެނގޭ. އެހެންކަމުން މިކަމުން އޭގެ އެކްސިޑެންޓްގެ ކުޑަ ބޮޑު މިނަށްބަލާ ޖޫރިމަނާ އަކާއެކު މައްސަލަ ވަކި ގޮތަކަށް ނިމެންދެން ފަޔާޒުގެ ލައިސަންސް ހިފެހެއްޓޭނެ.

ފުލުހުން މިހެން ބުނުމުން މައްސަލައެއްނެތްކަމަށް ފަޔާޒް ބުންޏެވެ. ނަމަވެސް ފަޔާޒްގެ ލައިސަންސް ކާރޑް ފަޔާޒުގެ އަތަށް އަނބުރާ ދެވޭނީ ފެންސް ހެދުމަށް ޚަރަދުވާ ފައިސާ އޭގެ ވެރިފަރާތާއި ހަވާލުކޮށް އެކަން ނިމުމަށްފަހުކަން ފުލުހުން ފަޔާޒް އަށް ހަަދާންކޮށްދިނެވެ. އަދި މިފަދަ ކަމެއް ތަކުރާރުވެއްޖެނަމަ ލައިސަންސް ކާރޑް ދެވަނަ ފަހަރަށްވެސް ހިފެހެއްޓުމަށްފަހު ކާރޑުން އިތުރު ޕޮއިންޓްވެސް އުނިކުރެވޭނެކަމަށާއި، ޖޫނިމަނާވެސް ކުރިއަށްވުރެ ބޮޑުވާނެކަން ފަޔާޒް އަށް ހަނދާންކޮށް ދިނެވެ. ފަޔާޒް ވެސް މިކަމަށް އެއްބަސްވިއެވެ. އެހެންކަމުން ފުލުހުން ފަޔާޒްގެ ބަޔާން ފުރިހަމަކުރުމަށްފަހު މައްސަލަ ވަކިގޮތަކަށް ނިމެންދެން ލައިސަންސް ކާރޑާއި ކާރު، ފުލުހުންގެ ބެލުމުގެދަށުގައި ބެހެއްޓުނެވެ. އަދި މިވަގުތު ފަޔާޒް ގެއަށް ދިޔަޔަސް އެންމެ ރަނގަޅުކަމަށާއި، ނަމަވެސް ވަކި އެއްޗެއް އަންގަންދެން ފޯނުން ގުޅޭގޮތަށް ހުރުމަށް ފުލުހުން އެންގިއެވެ.

ފަޔާޒް ޕޮލިސް ސްޓޭޝަނުން ނިކުމެގެން ރައްޓެއްސެއްކަމަށްވާ މުރުޝިދަށް ގުޅިއެވެ.  އަދި އޭނާ އައުމުން އޭނާ އާއި އެކު ސައިކަލްގައި ގެއަށް ދިޔައެވެ.

ފަޔާޒަށް ގެއަށް ދެވުނު އިރު ގަޑިން އިރުއޮއްސި 7 ޖަހައިފިއެވެ. ގެއަށް ހަމަ ވަނުމާއެކު ގެއަށް އައިލެއް ލަސްކަމުން ފަރީޝާ ޝަކުވާކުރަންފެށިއެވެ.

ފަރީޟާ:           ތީދޯ ކުދިން ގޮވައިގެން ކާރު ދުއްވަންދާން ބުނި މީހާ. އަދި ކިރިޔާ އައިސް ތި ގެއަށް ވަދެވުނީ.
ފަރީޝާ މިހެން ބުނުމުން ކުދިވެރިންވެސް ފަޔާޒު އާއި ސުވާލުކުރަން ފެށިއެވެ. އަނެއްކާ އަނެއް ތަހްޤީޤެެވެ.

ރީޟާ އާއި އިނާޒް:    ބައްޕަ އައީތަ؟ ހާދަ ލަހަކުން.

ރީޟާ:            މިހާރު ކޮއްކި ތިއްތިވެގެން ހުންނަތާ ކިހާއިރެއް؟

އިނާޒް:            މަންމާ މިހާރު މާލަސްވެއްޖެ ދޯ؟ ދޮންބެ ދެން ނުދާނަން.

ރީޝާ އާއި އިނާޒް ކިޔާއެއްޗަކަށް ފަޔާޒް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ފަޔާޒު ހަމަ ގެއަށް ވަންގޮތަށް އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯ ވެއްޖެއެވެ. ފަޔާޒް ވާހަކަނުދެއްކުމުން ފަޔާޒްގެ މޫނުމަތިން ކަމެއް ގޯސްވެގެން އުޅޭހެން ފަރީޝާ އަށް ހީވިއެވެ. އަދި އަހައިލި އެވެ. މިއަދު އަނެއްކާ ކަމެއް ގޯސްވީހެއްޔެވެ. ހާދަ ހާސްވެފަ ހުރިހެން ހީވެއެވެ. އެހާ ލަސްވީ ކީއްވެގެން ހެއްޔެވެ.  ފަޔާޒް ނައިސްގެން އެކުދިން އުޅޭތާ މިހަރު ކިހާ އިރެއް ހެއްޔެވެ. ފަރީޝާގެ މި ސުވާލުތަކަުގެ ޖަވާބުގައި ވަރަށް ދެރަވެފައި ކާރު އެކްސިޑެންޓް ވީކަމަށް ބުންޏެވެ. ފަރީޝާ ވަރަށް ހައިރާންވިއެވެ. އަދި އަހާލެވުނެވެ. އަނެއްކާ ފަޔާޒްގެ އަތެއް ތަނެއް ހަލާކުވި ހެއްޔެވެ. ފަޔާޒް ފަރީޝާ އަށް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. އަދި ކަން ހިނގައިދިޔަގޮތް ކިޔައިދިނެވެ.

''ފަޔާޒް: ނޫން. ނުވޭ. އެކަމަކު ކާރުވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި، މަރަމާތު ކުރުމަށްވެސް ލައްކަ ފައިސާ ހަރަދުކުރަންޖެހޭ. އަދި ކާރުގޮސް ޖެހިފައިވަނީ ހަންކެޑެ ކޯޒުވޭ ސަރަހައްދުގައި ޖަހާފައިހުރި ފެންސުގައި. ފެންސުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. އަހަރެން ސަލަމަތްވީ ވީގޮތް ކިޔަދީ އަހަރެންގެ ކުށަށް އެއްބަސްވެ އަދި ފެންސު ހަދައިދިނުމަށް އެއްބަސް ވުމުން.''

ފަޔާޒް މިވާހަކަތައް ކިޔައިދިނުމުން ފަރީޝާ ވަރަށް ހައިރާން ވިއެވެ. އަދި ބުންޏެވެ.
ފަރީޟާ:            ޔާރައްބި. އަނެއްކާ ނިދާފައި އިނދެގެންތަ ދުއްވީ. ނުބަލާ ދުއްވަންޏާމުން ތިކަހަލަ ކަންތައްތައްވެސް ދިމާވާނެ، ޤަވާއިދާ އެއްގޮތައް ކާރު ދުއްވިނަމަ ތިޔަހެނެއް ނުވީސް. ނަސީބެއްނު މީހާ ސަލާމަތްވިކަން.''

ފަރީޝާ މިހެން ބުނުމުން ފަޔާޒް ފަރީޝާގެ ކިބައިން މަޢާފަށް އެދުނެވެ. އަދި ދުވަހަކުވެސް ފަޔާޒްގެ އަތުން މިކަހަލަ ކަމެއް ވިޔަ ނުދޭނެކަމަށް ވަޢުދު ވިއެވެ. އެހެންކަމުން ފަރީޝާ ފަޔާޒުއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އަދި ބުންޏެވެ. ވަރުބަލިވެ ނުވަތަ ނިދި އަންނަ ގޮތްވުމުން ކާރަށް ނާރައި ގަހެއްގެ ހިޔަލުގައި ނުވަތަ ގޭގެ ފަންކާ ދަށުގައި އޮށޯވެ ނިދާލެވުނު ނަމަވެސް މިފަދަ ކަމެއް ނުވީސް ކަން ކަށަވަރެވެ. ކާރުގެ ދެލޮލަކީ އޭގައި ދުއްވަން އިންނަ ޑްރައިވަރުގެ ދެލޮލެވެ. އެދެލޯ މެރިއްޖެނަމަ ދެން ވާނެގޮތް މިއަށްވުރެވެސް ބޮޑުވެދާނެއެވެ. ކިތަންމެ ފޫހިވިޔަސް އަދި ހިތްހަމަ ޖައްސައިލުމަށްޓަކައި ސައިކަލަކަށް ނުވަތަ ކާރަކަށް އެރި ނަމަވެސް އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެތި ދުއްވުމުގެ ޤަވާއިދާ އެއްގޮތަށް ދުއްވުނު ނަމަ މިހެން މިކަމެއް ނުވީހެވެ.  މި ވީގޮތުން އެއްލާރި ދޫކޮށްލަންވި ތާކަށް އެތައްހާސް ރުފިޔާއެއް މިއަދު މިވަނީ އަހަރެމެންގެ އަތުން ބީވެފައެވެ. ކުރެވުނު ކުށެއްގެ ސަބަބުންނެވެ. މިއީ ނުވިސްނުމުގެ ނަތީޖާއެވެ. އެދުވެލި މަޑުކުރެވުނުނަމަ މިއަދު މިގޮތަށް ކަންތަކެއް ދިމައެއް ނުވީހެވެ.
(ނޯޓް: މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.)
------------------
(ނިމުނީ)

މި ވާހަކަ
      ފޮނުވުން:    
އަލްފާޟިލް އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
      އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ