އަދުގެ ޚާއްސަ

Print

ހިނދުކޮޅެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



"އިންސާނީ ޙަޔާތުގެ ވާހަކައަކީ އެއިން އެހެން އިންސާނުން ތަޖުރިބާ ހާސިލްކޮށް ކުރިމަގު ސީދާކުރުމަށް އޮތް ވަސީލަތެކެވެ."


އަހްމަދު ފަޔާޒް – އއ. ބޮޑުފޮޅުދޫ

ރަށުތެރެއަށް ވެރިވެފައިވާ އަނދިރިކަން އިތުރަށް ނަމާންކުރުވަނީ ޖެހެމުންދާ ބާރުވަޔާއި އިވެމުންދާ ބާރު ގުގުރިންނެވެ. ދިރިހުރި އެއްވެސް އެއްޗެއްގެ ނިޝާން ވެސް މަގެއްގެ މަތިން ފެންނާކަށް ނެތެވެ. ހީވަނީ ނާމާން ސަހަރާއެއްހެންނެވެ. ކަނުއަނދިރީގެ ތެރެއިން އެއްޗެއް ފެންނަނީ ވިދައިލާ ވިދުވަރުގެ ތެރެއިންނެވެ. ހާމައަށް އޮތް މަގުގެ ދެކައިރީގައި ކުދިކުދި ޖިފުޓިހެން އަޅައިފައިވާ ގެތައް ވެސް ހީވަނީ ދެންމެދެންމެ ވަޔާ އެއްލައިލައިފާނެހެނެވެ. ވިއްސާރަ އިރެއް އިރަކަށްވުރެ ބޯވެފައި ގުގުރީގެ އަޑު އިރެއް އިރަކަށްދަނީ ގަދަވަމުންނެވެ.

އަހަރެންގެ އެކަނިވެރިކަމާއި ލިބިފައިވާ ހިތާމަޔާއި ތަނަށް ވެރިވެފައިވާ ނާންމާންކަމުން އިރެއް އިރަކަށް ދަނީ ބިރުވެރިކަން ބޮޑުވަމުންނެވެ. އެއްފަހަރަކު ވިދައިލި ވިދުވަރަކާއެކު ބާރު ގުގުރިއެއް ޖެހިހެވެ. އަހަރެނަށް ހަޅޭއް ލަވައިގަނެވުނެވެ. ނިކަމެތި ހާލުގައި ދިރިއުޅުން އާރާސްތުކުރި ގޭގެ އަސްކަނި ދޮށުގައި މިހުރީ ބިކަވެފައެވެ. އެކަނިވެރިވެފައެވެ. އެތެރޭގައި އެއޮތީ އެމީހަކުދެކެ ލޯބިވެގެން މައިން ބައިފައިންނާޢި ގެ ދޫކޮށްލައިފައި އެ މީހަކަށްޓަކއި އައި ލޮބުވެތި ފިރިމީހާއެވެ. ކުރާނެ ކަމެއް ނެތެވެ. މިއަދު އޮތީ ގިސްލައި ރުއިމެވެ. ވެފައިވާ ކުށަށް އިޢުތިރާފްވެ ތައުބާވުމެވެ. އާނއެކެވެ . އަހަރެން ކުށް ކުރީމެވެ. އެކަމަކު އެއީ ގަސްތުގައެއް ނޫނެވެ. ބޭއިޚްތިޔާރުގައެވެ. އެދުވަސް ހަނދާން ކުރާހިތެއް ނުވެއެވެ. އެހެނަސް ހިތަކުން ނުފިލައެވެ. މިފަދަ ތޫފާނީ ރެއެއްގައި ވެސް އެ ފިކުރުގެ މައްޗަށް ވިސްނުން ތިލަކޮށްލުމުން އެ ތޫފާން މާ ވަރުގަދަވެފައި ބިރުވެރި ކަމުގައި ސިފަވެއެވެ.

އެއީ ދުވަސްކޮޅެއް ކުރިއެވެ. އުސްމާނަކީ އަހަރެންގެ ފިރިމީހާ ޢެވެ. ބޯޓު ދަތުރު ކުރާމީހެކެވެ. އަހަރެންގެ ގާތަށް އާދެވެނީ އަހަރަކު އެއްފަހަރުއެވެ. އެވެސް ހަފުތާއަކަށް ނުވަތަ ދެހަފުތާއަށެވެ. އިނުމުގެ ކުރިން އޭނާ އެ ވާހަކަ ކިޔައިދިނެވެ. އަހަރެން ވެސް ރުހިގަބޫލެވެ. ތަނަވަސް ކަމާއެކު އުޅެވޭނީ ގުރުބާނީތަކެއް ވެސް ވެގެން ކަމަށް ގަބޫލު ކުރެވިގެންނެވެ. ކައިވެންޏަށްފަހު ފަނަރަ ދުވަސް ނުވަނީސް އުސްމާނު ހިނގައްޖެވެ. އާދަވެގެން އޭނާގެ ވަޒީފާއަށެވެ. އަހަރެން އެކަނިވެރިވީ އެވެ. ގޭގައިވާ ދެކޮޓަރިޔާއިި ސިޓން ރޫމާއި ބަދިގެ ފިޔަވައި އެހެން އެއްވެސް ބައިވެރިޔަކު ނެތެވެ. އަހަރެންގެ ކަމަކަށްވީ ގޭތެރެ ބެލެހެއްޓުމަށްފަހު ކައިގެން ނިދުމެވެ. ދެން އުސްމާނުގެ މަތިން ހަދާންކޮށް ހިތާހިތާ ޝަކުވާކުރުމެވެ. އެއްވެސް ކަމެއް އަހަރެން ހީކުރިހާ ފަސޭހައެއްނުވި އެވެ. އުސްމާނު ދިޔަތާ ކުރީކޮޅު މާބޮޑުކަމަކަށް ނުވި އެވެ. ނަމަވެސް ފަހުން އެކަން އެއީ ކެތްވާ ވަރުގެ ކަމަކަށް ނުވިއެވެ.

އަހަރެން އަމިއްލަ ސިކުނޑި މަސަލަސް ކުރަމުން ޖަޒްބާތުތަކަށް ވިސްނައިދެމުން ކެތްތެރިވުމަށް ޢަޒުމް ކަޑައަޅައި ގެން ދުވަސްތައް ގުނަމުން ދިޔައީމެވެ. ކޮންމެމަހަކުހެން އުސްމާނުގެ ސިޓީއެއް ލިބެއެވެ. އޭގައި އޭނާ ލިޔެފައިވަ ޢިބާރާތް ތަކުން އެނާ އަހަރެންގެ ގާތަށް އަންނަން ބޭނުންވާ މިންވަރުން ހާމަވެގެން ދެއެވެ. އެހެންކަމުން ވަރަށް އުފާވެއެވެ. އުސްމާނު ކަހަލަ ލޯބިވާނެ ފިރިއަކު ލިބުނީމައެވެ. ނަމަވެސް ހިތުގެ އެދުންތައް އަބަދުވެސް ހުންނަނީ މަތިބެދި ފަސޭހަނުވެ ހުންނަ ފާރުތަކެއް ފަދައިންނެވެ. ހައެކަމަސް ދުވަސް ވީއިރު އަހަރެނަށް ދަނީ ކެތްވަމުން ނުވަމުންނެވެ. ޒުވާން އުމުރެވެ. ތާޒާލެއެވެ. އިޙްސާސްތަކަކީ ވެސް ތިމާއަށް އޭގެ މައްޗަށް ވަކިމިންވަރަކަށް ބާރު ފޯރުވޭނެއެއްޗެކެވެ.

އެއްދުވަހެއްގެ މެންދުރެވެ. އާއިލާގެ ހަމައެކަނި ހުންނަ މީހަކީ ބޮޑުބެއެވެ. ގެއަށް އައިސް އެދުނީ އެނާގެ ދެ ރައްޓެއްސަކު ގޭގައި ބަހައްޓައިލަ ދިނުމަށެވެ. އަހަރެން އެކަމާ އެއްބަސްވީމެވެ. އެއީ އުސްމާނުވެސް ނެތުނީމައެވެ. ދެކޮޓަރި ވެސް ހުރީމައެވެ. ހަވީރު މާލެއިން އައި ދޯނިން އެމީހުން އައެވެ. އަހަރެމެން ފުރައިގެ ދެމަފިރިންނެވެ. ޗުއްޓީ ހަދައިލާން ވެގެން ޖައްސައިލީއެވެ. އަހަރެން އެމީހުނަށް މެހެމާންދާރީ އަދާ ކުރީމެވެ. ކާންދިނުމާއި އިސްތިރިކޮށްދިނުމާއި ހުރިހާ ކަމެއް ވެސް ކޮށް ދެމެވެ. އެހެން ނަމަވެސް ރޭގަނޑުވެ ދަންވުމުން އެމީހުންގެ އުފާވެރިކަން ފެނި ހަސަދަ ވެރިވާންފެށި އެވެ. އުނދަގޫވާން ފެށީއެވެ.

އަނެއް ދުވަހު އިރުއެރީ އިތުރު ކަންތަކަކާއެކުއެވެ. އެ ދެމަފިރިންނަކީ މާލޭންއައި ބަޔެއް ކަމުން "ތަހުޒީބުގެ" ހުރިހާ ކުލަވަރެއް ވެސް ވަނީ ރަނގަޅަށް ޖެހިފައެވެ. ކޮންމެ ވަގުތެއްގައި ވެސް އެމީހުން ތިބެނީ ވަރަށް ގައިގޯޅި ކޮށެވެ. އުޅެނީ ވަރަށް ލޯބިންނެވެ. ނުބަލަން އުޅުނަސް އަހަންނަށް ސިއްރުސިއްރުން އެތަން ބެލެން ފެށިއެވެ. ފާރަ ލެވެންފެށިއެވެ. ހިތުގެ ފުންމިނުން ނޭނގި ނަމަވެސް އެކަންތައްތަކަށް އެދެވެން ފެށިއެވެ. އަހަރެންގެ ޙަރަކާތް ހުންނަގޮތް ވަރަށް އަވަހަށް އެ ދެމީހުންގެ ތެރެއިން ފިރިހެން މީހާ ދެނެގެންފި އެވެ. ދެން އެއިސާބުން ކަން ނުވާންވީ ގޮތަށް ވާންފަށައިފި އެވެ.

އެއް ރެއެއްގެ ދަންވަރެވެ. ނިދިފައި އޮއްވައި އިވެންފެށީ ކޮންމެވެސް މީހަކު ދޮރުގައި ޓަކި ދޭއަޑެވެ. ތެދުވެ ދޮރު ހުޅުވައި ބަލައިލީމެވެ. ކުރިމަތީގައި ހުރީ އާސިމެވެ. އޭނާ އެދުނީ ކޮފީއެއް ހަދައިދިނުމަށެވެ. އަދި ނުނިދިގެން އުޅޭ ވާހަކަ ވެސް ބުންޏެވެ. އަހަރެން ނިކުމެ ކޮފީއެއް ހަދައިދިނީމެވެ. އޭނާ ވަރަށް ވާހަކަ ދެއްކިއެވެ. ހުރި ގޮތުން އަހަންނަށް ސީދާ އޭނާއާ ދިމާއަށް ބަލަން އުދަނގޫވިއެވެ. އެއީ ރީތި ފިރިހެނެކެވެ. ބިޔަ ހަށިގނަޑެކެވެ. ތަނަވަސް މޭމައްޗެއްގެ ވެރިއެކެވެ. ކޮފީ ބޮއި ނިމިގެން އޭނާ އަހަންނަށް ތަށި ދިއްކޮއްލިއެވެ. އަހަރެން އޭގައި ހިފުމުން ވަރަށް ޖަޒްބާތީ ގޮތަކަށް އަހަންނާ ދިމާއަށް ބަލައިލި އެވެ. އަދި ވަރަށް އެކަނިވެރި ދޯއޭ ބުނެ ދަމުން ގައިގައި ކޭއްތިލައިފައި އޭނާ ދިޔައެވެ. އަހަރެންގެ ވިންދު އަވަސްވި އެވެ. ތުރުތުރު އަޅަންފެށި އެވެ. އަވަސްއަވަހަށް ތަށި ދޮވެ ބަންޑުން ޖެހުމަށްފަހު ކޮޓަރިއަށްވަދެ އޮށޯތީމެވެ. އެކަމަކު ދެން އެރޭ ނިންޖެއް ނައެވެ. އޭނާގެ ތޫނު ނަޒަރާއި ބީހިލުން އުދަނގޫ ކުރަނީއެވެ.

އަނެއްދުވަހެވެ. އާސިމާއި ރަދާ، ސަޔަށް އައީ ތަންކޮޅެއް ލަހުންނެވެ. އަހަރެން ސައި ހަދައިދިނުމަށްފަހު ގެއިން ބޭރަށް ދިޔައީމެވެ. އެމީހުންނާ ދުރުގައި އުޅުމަށް އަޒުމްކަނޑައަޅައިގެންނެވެ. ގެއަށް އައީ ވަރަށް ލަހުން ނެވެ. މެންދުރުވާން އުޅެނިކޮށެވެ. އޭރު އެ ދެމަފިރިން އުޅެނީ ކޮޓަރީގައެވެ. އަވަސްއަވަހަށް ބަދިގެއަށްވަދެ މެންރުގެ ކެއުން ތައްޔާރު ކުރީމެވެ. އެއަށްފަހު ފެންވަރައިލައިގެން ނަމާދުކޮށްލީމެވެ. ކެއުމަށްފަހު އެ ކަހަލަ މިކަހަލަ ގޮތަކަށް އުޅެނިކޮށް އިރު އޮއްސިއްޖެއެވެ. އޮއްސެމުންދިޔަ އިރާއެކު ކޮންމެވެސް ވަރަކަށް ވައިގަދަވާން ފެށީއެވެ. އިޝާނަމާދުން ފެއިބި ތަނާހެން ވާރެ އޮއްސައިލައިފިއެވެ. އަވަސް އަވަހަށް ކައިގެން އެންމެންވެސް ބެލީ އެމީހެއްގެ ހަރަށްވަދެ އެރޭގެ އަރާމު ކަމުން އުފާ ހޯދޭތޯއެވެ. އަހަރެވެންވެސް ތަންކޮޅެއް އަވަހަށް ނިދަން އޮށޯތީމެވެ. ހޭލެވުނީ ދަންވަރުއެވެ. ފިނިވެގެނެވެ. އަވަސް އަވަހަށް ރަޖާގަނޑެއް ހޯދީމެވެ. ފާޚާނާޔަށް ވަދެލުމަށްފަހު ފެންފޮދެއް ބޮއިގެން ނިދުމައްޓަކައި ކޮޓަރިން ނިކުތީމެވެ. އަހަންނަށް ތެޅިގަނެވުނެވެ. ކުރިމަތީގައި އިން ގޮޑިސެޓުގައި އާސިން ނިދާފައި އޮތެވެ. ނިދާ ހެދުމުގައި އޮތްއިރު އޭނާގެ މަސްތީހަށިގަޑުގެ ރީތިކަން ފެނެއެވެ. އަހަރެންގެ ފިޔަވަޅުތައް އެދިމާއަށް އެޅެންފެށިއެވެ. މިވަނީ ކީއްބާވައޭ ހިތާހިތާ ކިޔަމުންނެވެ. ބިރުވެރި ކަމެއްގެވެސް ތެރެއިންނެވެ. އޭނާ އޮތް ގޮޑީކައިރީގައި ހުއްޓެވުނީ ބޭއިޚްތިޔާރުގައެވެ. އަހަންނަށް މިވަނީ ކީއްބާވައެވެ؟ މަޑުމަޑުން އަހަރެންގެ އަތް އޭނާއާދިމާއަށް ދާންފެށިއެވެ. ވަކިހިސާބަކަށްދިޔަތަނާ އަހަރެންގެ ސިކުނޑި މަސައްކަތް ކުރަންފެށިއެވެ. އަވަސް އަވަހަށަ އެތަނުން ދުރައްދިޔައީ މެވެ.

ބަދިގެއަށަގޮސް ފެންތައްޓެއް އަޅައިގެން މޭޒުކައިރީގައި މަޑުކޮށްލީމެވެ. އިރުކޮޅަކުން އަހަންނަށް ހޫނުކަމެއް އިހްސާސްވިއެވެ. މަޑުމަޑުން ފަސްއެނބުރި ބަލައިލީމެވެ. އަހަރެންގެ ފައި ތުރުތުރު އަޅަންފެށިއެވެ. ގާތުގައި މޫނާމޫނާ ޖެހޭ ހިސާބުގައި އާސިމް ހުއްޓެވެ. އަހަރެންގެ ތުރުތުރު އެޅުން އިތުރުވިއެވެ. އޭނާ މަޑުމަޑުން އަހަރެންގެ އަތުގައި ހިފިއެވެ. އަދި އަނެއްއަތުން އަހަރެންގެ އުނަގަނޑުގައި ހިފައި އޭނާގެ ގަޔާގާތް ކޮށްލިއެވެ. އަހަންނަށް އޭނާގެ އެއްވެސްކަމެއް ނުވެސް ހުއްޓުވުނެވެ. ސިކުނޑި ދައްކަނީ އެހެން ވާހަކައެކެވެ. ހިތް އެދެނީ އެހެންކަމަކަށެވެ. ގޮތެއް ނުނިންމިފައި ހުއްޓައި އޭނާގެ ހޫން ހަށިގަނޑު އަހަރެންގެ ހަށިގަނޑާއެކުވިއެވެ. އަހަންނަށް ލޯމަރާލެވުނެވެ. ކެތްތެރިކަން ކޮޅުންލިއެވެ. ވާރޭ ބޯވެ ތޫފާން ގަދަވިއެވެ.... ގުގުރާ ވިދަންފެށިއެވެ. އެތޫފާނީ އޮއިވަރުގައި ޖެހިއަހަރެންގެ ހިއްސުތައް ބެހި ހިނގައްޖެއެވެ. އަމިއްލަ އެއްވެސް އާރެއްބާރެއް ނެތިއެވެ. އުފާވެރި ހިނދުކޮޅެކެވެ. ހަމަ ކުޑަ ހިނދުކޮޅެކެވެ. އެ ހިނދުކޮޅުގެ ސަބަބުން ދެއްވާނީ ކީއްކަން އެވަގުތު އެނގުނުނަމައޭ މިހާރު ހިތަށް އަހައެވެ.

ފަތިސްވެއްޖެއެވެ. އެހެންރޭރޭވެސް ވާފަދައިންނެވެ. އެތަފާތަސް ތަފާތުވީ އަހަހްނަށެވެ. އަހަންނަށް ހޭލެވުނެވެ. ވަރުބަލިކަމުން ހިރިލާހާ ވަރުވެސް ނެތެވެ.. ދެން ޚިޔާލަށްއައީ ރެއެވެ. އިސާހިތަކު އަހަރެންގެ ލޯ ކަރުނުން ފުރުނެވެ. އަމިއްލަ ނަފްސަށް ހިތް މަލާމާތް ކުރިއެވެ. ގިސްލެވުނެވެ. ނަފްސުދެކެ ރުޅިއާދެވުނެވެ. ހިތް ބޮޑުވެ ބޮޑުވެފައި ރޮވޭންފެށި އެވެ. އެތައް އިރަކު ރުއީމެވެ. މެންދުރުވީ އިރުވެސް އަހަރެން ނުނިކުންނަމެވެ. ނިކުންނާނީ ވެސް ކިހިނެއް ހެއްޔެވެ؟ ދުނިޔެއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އަމިއްލަ ނަފްސާ ކުރިމަތިލާނީ ކިހިނެއްހެއްޔެވެ؟....  ކޮންމެއަކަސް އެދުވަސް އެހެން ހިނގައްޖެއެވެ. ޖެހިގެންއައި ދުވަހު އާސިމް ފުރައިގެން ހިނގައްޖެއެވެ. އޭނާގެ ނުލަފާ އަމިއްލަ އެދުމުން ފުރިފައިވާ އިޙްސާސްތަކުގެ ޝިކާރަޔަކަށް އަހަރެން ހެދުމަށްފަހު އެވެ. ހުރިހާ ކަމެއްވެސް އެނގެނީ އަހަންނަށެވެ.

އޭގެ އެއް މަސް ފަހެވެ. ހެދުނުގެ މަސައްކަތް ނިންމައިލުމައްފަހު ބޭރުފެންޑާގައި ހުރި އުދޯއްޔެއްގައި ޖައްސައިލީމެވެ. އިރުކޮޅެއްނުވެ ނިދި ޖެހިލިއެވެ. ހޭލެވުނީ މީހަކު ކޮއްޓައިލުމުންނެވެ. ލޯހުޅުވައި ބަލައިލިއިރު ކުރިމަތީގައި ހުރީ އުސްމާނެވެ. އުފަލުން އަހަރެންގެ ލޮލުން ކަރުނަ އައެވެ. ހުވަފެނެކޭ ވެސް ހިތަށް އެރިއެވެ. އުސްމާނު އަހަރެންގެ ގާތު އިށީނެވެ. އަދި ވަރަށް ލޯބިން އަހަރެންގެ ގައިގައި ފިރުމައިލިއެވެ. އަހަނަށް އަނެއްކާވެސް ރޮވުނެވެ. އެކަމަކު މިފަހަރު ރޮވުނީ އެހެން ކަމެއްގެ ސަބަބުންނެވެ. ކޮންމެއަކަސް އުސްމާނު އައުމުގެ އުފަލުގައި އަހަރެން މެންދުރަށް ރަނގަޅު ކެއުމެއް ހެދީމެވެ. ކައިގެން ދެމީހުން ހިގައިލައި ހިތްހަމަޖައްސައިލައި އުޅުނީމުއެވެ. ރޭގަނޑުވެއްޖެއެވެ. އަހަރެންވެސް އިޝާނަމާދު ކޮއްލައިގެން އުސްމާނު އަންނަން ވާއިރަށް ކާންހެދީމެވެ. އޭނާ އައުމުން ދެމަފިރިން އެއްކޮށް ކައިގެން ހަމަޖެހިލީމެވެ. ތަށިތައް ނަގައި ނުނިމެގެން އުޅެނިކޮށް އަހަރެންގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަން ފެށިއެވެ. އިރުކޮޅެއް ނުވެ އަހަރެން ވާތާވެއްޖެއެވެ. ރިއްސާވަރުންނެވެ. އުސްމާނު އަހަރެން ހެލްތު ސެންޓަރަށް ގެންދިޔައެވެ. ގެންގޮސް މާގިނައިރެއް ނުވަނީސް އަހަންނަށް ހޮޑުވެސް ލެވިއްކެއެވެ. އަހަރެން ހާސްވާންފެށީ އެ ހިސާބުންނެވެ. ވާން މިއުޅެނީ ކީއްކަން ތަސައްވަރު ކުރެވުނެވެ. އެހެންނަމަވެސް އޭރު މާ ލަސްވެއްޖެ އެވެ. ޑޮކްޓަރ އުސްމާނު ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ. އެހިސާބުން އަހަރެން ލޯމަރާލީމެވެ.

ކަންވީ ހަމަ ހީކުރި ގޮތަށެވެ. އުސްމާނު އެކޮޓަރިން ނުކުތީ ކަރު ބިނދިފައިވާ މާކަނައެއް ފަދައިންނެވެ. އަހަރެންގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިގަތެވެ. ހަދާނެ ގޮތް ހުސްވިއެވެ. ޑޮކްޓަރ ދިންބޭސް ހިފައިގެން ދެމީހުން އައީ ގެއަށެވެ. އުސްމާނު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަހަރެންނަށް ކެތްނުވެގެން ވާހަކަ ދައްކަން ފެށީމެވެ. ވާހަކަ ފަށާއިރަށް އޭނާ އަހަރެން ހުއްޓުވި އެވެ. އަދި ރުޅިއައިސްފައިވާ ސިންގާއެއް ފަދައިން އަހަންނާ ދިމާއަށް ހަޅޭއްލަވައިގަތެވެ. އަހަރެން އެކަން ޤަބޫލުކުރީމެވެ. އެއީ އަހަންނަށް ޙައްގު އަދަބެވެ. އަހަރެން އުސްމާނުގެ އަތުގައި ހިފީމެވެ. އާދޭސް ކުރާށެވެ. އޭނަ އަހަރެންގެ އަތް ފޮޅުވައިލިއެވެ. އަހަންނަށް ސިއްސައިގެން ދެވުނެވެ............

އެއީ މިރޭގެ ކުޑައިރުކޮޅެއް ކުރިން ހިނގި ކަމެކެވެ. މިހާރު މިހުރީ އުސްމާނު އޭނާގެ ޙަޔާތުން އަހަރެން ބޭރުކޮށްލުމުން ބާކީވެފައެވެ. އަސްކަނި ދޮށުގައެވެ. ދާނެ ދިމާއެއް ވަންނާނެ ތަނެއް އެހީއަށް އެދި އަތް ދިއްކޮއްލާނެ ފަރާތެއް ނެތިފައެވެ. ޙަޔާތުގެ ދުރު ނޫން ސަފްޙާތަކަކުން އެބުރި އާދެވުނުއިރު ގަދަވިއްސާރަ ވެސް ވަނީ ތުނިވާރެއަށް ބަދަލުވެފައެވެ. އަހަރެން ހިނގައިގަތީމެވެ. ވަކި މަންޒިލެއްނެތިއެވެ. ހިތަށްއަރަމުން ދިޔައީ އެއްމެ އެއްޗެކެވެ. ހަވާނަފުސުގެ ޝިކާރަޔަކަށް ވުމުގެ ހުރި ވޭނާއި ހިތް ދަތިކަމެވެ.
--------------
(ނިމުނީ)

މި ވާހަކަ
     ފޮނުވުން:     އަލްފާޟިލް އަޙުމަދު ފަޔާޒު، އއ. ބޮޑުފޮޅުދޫ
     އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ