އަދުގެ ޚާއްސަ

Print

ކައިވެނީގެ ކުރިން ވިސްނަންޖެހޭނީ ކޮންކަމަކާ؟

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ހަމަ ހިތަށްއަރާ..


ބިންމާ އިބްރާހީމް ވަޙީދު 

ހީކުރެވިދާނެ އެވެ. ކައިވެނި ކުރީމައި ހުރިހާކަމެއް ހަމަޖެހޭނެ އެވެ. ކަންކަމަށް މައިންބަފައިން ފާޑެއްނުކިޔާނެ އެވެ. ބޭނުންގޮތަކަށް "ބިޓާ" އެކުގައި އުޅުނީމައި ނިމުނީ އެވެ. ރަނގަޅު ވާހަކައެކެވެ. މީހަކާ އިނުމުން، ކުރިން މައިންބަފައިން ކަންކަމާ ބެހޭ ވަރަށް ނުބެހިދާނެ އެވެ. އޭރުން ބޮލަށް ވަރަށް ފަސޭހަވާނޭ ހީކުރެވިދާނެ އެވެ. އެ ވަރަށް ތިމާ ތައްޔާރުވެފައިވާ ނަމަ އެވެ. ކޮން ތައްޔާރެއް ހެއްޔެވެ؟ ދެން އުފެދޭނެ ސުވާލަކީ އެއީ އެވެ.
   
ތިމާ އުޅޭ މާޙައުލެއްގެ ގޮތުން، އެކި ޒުވާނުން ތައްޔާރުވާންޖެހޭނީ އެކި ކަހަލަ ކަންތައްތަކަށެވެ. ހުރިހާކަމެއް ބުނެދިނުމަކީ ކުޅަދާނަ ކަމަކަށް ނުވާނެ އެވެ. މުހިންމު ބައެއް ކަންތަކަށް ވިސްނާލެވިދާނެ އެވެ. އެންމެ މުހިންމީ ކޮން ކަމެއް ހެއްޔެވެ؟ ފުރަތަމަ، އަމިއްލަ ހިތާ މި ސުވާލު ކުރާށެވެ. އޭނަދެކެ އަހަރެން ލޯބިވޭ ހެއްޔެވެ؟ އޭނަ އަށް އިތުބާރުކުރަން ހެއްޔެވެ؟ އިޙުތިރާމު ނުވަތަ "ރެސްޕެކްޓް" ކުރަން ހެއްޔެވެ؟
   
އޮޅުވާނުލާށެވެ. ލޯބިވުމަކީ އޭނަގެ ފަރާތުން ލިބޭނެ ކަންތައްތަކަކަށް އުންމީދު ކޮށްފައި ލޯބިވުމެއް ނޫނެވެ. ތިމާ ލޯބިވާންޖެހޭނީ އެއްވެސް "ޝަރުތެއް ނެތި" އެވެ. ލޯބީގެ ބަދަލުގައި ލޯބި ލިބޭނެ ކަމަށް އުންމީދުކުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު، އަމިއްލަ ގެއެއްގައި އުޅެވޭނެކަމަށް ހީކޮށް، ކިޔަވަން ބޭރަށް ފޮނުވައިދޭނެ ކަމަށް ހީކޮށް، ހަމައެކަނި މައިންބަފައިން ބުނީތީ، ކުއްޖަކު ހޯދަން ބޭނުންވެގެން، ފައިސާ އާއި މުދަލުގެ ދަހިވެތިކަން ކަހަލަ ކަންކަމުގައި ލޯބިނުވާށެވެ. އެ ކަހަލަ "ޝަރުޠު" ނުގެންގުޅޭށެވެ.
   
އޭނަ އަށް އިތުބާރުކުރަމޭ ބުނާއިރު، ހިތުގައި ޝައްކާއި ވަހުމު އުފެދިފައިވާ ނަމަ، އިތުބާރުކުރާ ކަމަކަށް ނުބެލެވޭނެ އެވެ. ފާޅުގައި ނުވަތަ ސިއްރުން ވިޔަސް، އޭނަގެ ފޯނަށް އައިސްފައިވާ މެސެޖުތަކާއި ކޯލުތައް ބަލައި، އޭނަގެ އެކުވެރިންނަށް ގުޅައިގެން ސުވާލުކޮށް ހަދާ ނަމަ، އޭގެ މާނަ އަކީ އިތުބާރުނުކުރެވޭ ކަމެވެ. ކުރިން އޭނަ ބޭވަފާތެރިވެފައި އޮވެދާނެ އެވެ. ދޮގެއް ބޭޒާރުވެފައި އޮވެދާނެ އެވެ. އެހެންވިޔަސް، ކައިވެނިކުރަންވާނީ އާ ފެށުމަކުން ފެށިދާނެ ކަމަށް ވަންޏާ އެވެ. ސުމަކުން ނުފެށި، "އެއް ފުޅަން މަތިން ފުންމާލި ބަކަރި، އަނެއް ފުޅަށް މަތިން ވެސް ފުންމާލާނެ" މިސާލު ތިމާ ގަބޫލުކުރާ ކަމުގައިވާ ނަމަ، އެއީ ވެސް އިތުބާރު ނުކުރެވޭކަމުގެ ހެއްކެކެވެ.
   
އިޙުތިރާމަކީ ބިރުގަތުމެއް ނޫނެވެ. ދަށުވުމެއް ނޫނެވެ. ނިކަމެތިވުމެއް ވެސް ނޫނެވެ. އިޙުތިރާމަކީ ހަމަ އިޙުތިރާމެވެ. އޭނަގެ އިހުސާސްތަކަށް ގަދަރުކުރުމެވެ. މީހުންގެ ކުރިމަތީގައި އޭނަގެ އަގު ހިފޭއްޓުމެވެ. އެހެން އެންމެންނާ ވާހަކަދައްކާ ގޮތާއި އޭނަޔާ ވާހަކަދައްކާ ގޮތް ތަފާތު ކުރުމެވެ. ކައިވެނީގެ ކުރިން އެ ގޮތަށް ކަންތައް ކުރެވޭ ހެއްޔެވެ؟ އަލުން ވިސްނާލާށެވެ.
   
ކައިވެނީގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނާނެކަމަށް ދެ މީހުން ވެސް އުންމީދުކުރަމު ހެއްޔެވެ؟ އެއީ ކޮން ކަހަލަ ބަދަލުތަކެއް ހެއްޔެވެ؟ އެ ކަމާ ވެސް ވާހަކަދައްކާށެވެ. ފަހުން ކުށްހީ ކުރާކަށް ނުޖެހޭނެ އެވެ. ކައިވެނިކުރީ، އޭރުން އޭނަ "ޖޮބެއް ހޯދާނެ" ކަމަށް ހީކޮށޭ ބުނާކަށް ނުޖެހޭނެ އެވެ. ކައްކަން ދަސްކުރާނެ ކަމަށް ހީކޮށޭ ވެސް ބުނާކަށް ނުޖެހޭނެ އެވެ. ޒިންމާތައް އުފުލާނެ ކަމަށް ހީކޮށޭ ވެސް ބުނާކަށް ނުޖެހޭނެ އެވެ.
   
ދެ މީހުން އުފާވަނީ އެއް ކަހަލަ ކަންތައްތަކަށް ހެއްޔެވެ؟ ދެރަވަނީ އަދި ރުޅިއަންނަނީ އެއް ކަހަލަ ކަންތައްތަކަކަށް ހެއްޔެވެ؟ އަހައިގެން އޮޅުންފިލުވާށެވެ. ކޮންމެހެން އެއް ކަހަލަ ކަންތައްތަކަށް ވާންޖެހެއެކޭ ނުބުނަމެވެ. މި ބުނަނީ، ކަން އޮތްގޮތް އޮޅުންފިލުވާށޭ އެވެ. ފަހުން މައްސަލަތައް ޖެހެންފެށުމުން، "ކުރިން ހިއެއްނުކުރަމޭ"  ބުންޏަކަސް ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ބޭނުމަކީ، އެކަކު ދެކޭ ގޮތްތައް އަނެކަކަށް އެނގުމެވެ. ދަސްވުމެވެ. އޭރުން، އެކުގައި އުޅެން މަސައްކަތްކޮށް، އެކަން ނާކާމިޔާބުވެ، އުމުރުން ދުވަސްތަކެއް ބޭކާރެއްނުވާނެ އެވެ. ކޮންމެ މީހަކާ ކައިވެނި ކުރިޔަސް ޖެހޭނެ މައްސަލަ ހުންނާނެ އެވެ. މި އުޅެނީ މައްސަލަތައް މަދުކުރާށެވެ. ހުސްކުރާކަށް ނޫނެވެ. ހުހެއް ނުވެސް ކުރެވޭނެ އެވެ.
   
އެކަކު ބޭނުންވަނީ އެންމެ ދަރިއެއް ކަމުގައިވާއިރު، އަނެކަކު ހަތަރު ދަރިން ބޭނުންވެގެން ކަމުދާނެ ހެއްޔެވެ؟ ނުވަތަ އެކަކު ބޭނުންވަނީ ދެ ޖިންސްގެ ދެ ކުދިންނޭ ބުނާއިރު، އަނެކަކީ ދަރިއެއް ބޭނުން ނުވާ މީހެއްކަމުގައި ވެއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހަމަ އެ ގޮތަށް، ކައިވެންޏަށް ފަހުގައި އަނބިމީހާ ބޭނުންވަނީ ކިޔަވަން ދާށެވެ. އެކަމަކު، ފިރިމީހާ ބޭނުންވަނީ ކުދިން ވިހާ މެޝިނަކަށް އަނބިމީހާ ހަދަންކަމުގައި ވެއްޖެއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟     
   
ދަރިންނަށް އަދަބުދޭން ތިމާ ގަބޫލުކުރާ މިންގަނޑުތަކަކީ ކޮބައިހެއްޔެވެ؟ އަންހެން ދަރިންނާއި ފިރިހެން ދަރިން ތަފާތުކުރަން ތިމަންނަ ބޭނުން ހެއްޔެވެ؟ ކުދިން ބޭނުންވާ ވަރަކާއި، ވަގުތަކާއި، ކައިވެނީގެ ފަހުން އުޅޭނެ ތަނަކާއި، އާމްދަނީ ހޯދާނެ ގޮތް ވިސްނާށެވެ. އެ ހުންނަނީ ދިރިއުޅުމުގެ މުހިންމު އަސާސްތަކެވެ. ބޮޑެތި ކަންތައްތަކެވެ. "ފަހުން ވިސްނަން" ދޫކޮށްނުލާށެވެ.
   
މައްސަލަތައް ޙައްލުކުރަން ދެ މީހުން ގެންގުޅޭ އުސޫލަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެކަކީ، އަރާރުންވެގެން މައްސަލަ ޙައްލުކުރާ މީހަކަށް ވާއިރު، އަނެކަކީ ވާހަކަދައްކައިގެން ޙައްލުކުރާ މީހަކަށް ވެއްޖިއްޔާ އެއީ ތެލާއި ފެނެވެ.  ދުވަހަކު ވެސް އެކެއްނުވާނެ އެވެ.
   
ބޭވަފާތެރި ވެއްޖެއްޔާ ކަންތައްކުރަން ދެ މީހުން ވިސްނާފައި އޮތީ ކިހިނެއް ހެއްޔެވެ؟ މައާފުކުރާނަން ހެއްޔެވެ؟ ދޭނީ އަދަބު ހެއްޔެވެ؟ ކޮން ކަހަލަ އަދަބެއް ހެއްޔެވެ؟ އޭރު ދަރިން ތިބި ނަމަ، ދެން ކައްތައްކުރާނީ ކިހިނެއް ހެއްޔެވެ؟ ހަނދާންބަހައްޓާށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ އެވެ. ރައްޓެހިވެގެން އުޅުނުއިރު ވީ ލޯބި އަބަދު ވެސް ވާނަން ހެއްޔެވެ؟ އަހަރެން ކައިވެނި ކުރިއިރު ވެސް ލޯތްބެއް ނުވެއޭ ބުނުމަކީ ފަހުން ލައްކައެއް ލިބޭނެ ކަމެއް ނޫނެވެ. މޮޅުކަމެއް ވެސް ނޫނެވެ.
   
ބައެއްފަހަރު ބުނެވެއެވެ. މި ވެނި ކުއްޖަކީ އޭލެވެލް ހަދާފައި ހުރި ކުއްޖެކެވެ. އެ ވެނި މީހަކީ ކިޔަވައިގެން ހުރި މީހެކެވެ. އެއީ ރަނގަޅު ޢާއިލާއެއްގެ ކުއްޖެކެވެ. ނުވަތަ، އޭނަ އަކީ ޕައިލެޓެކެވެ. ޑޮކްޓަރެކެވެ. ވަކީލެކެވެ. ހީވަނީ، ރަނގަޅު އަތްނބެއް ނުވަތަ ފިރިއެއް ހޯދުމުގައި ބަލަންޖެހެނީ، އޭނަގެ ޢާއިލާ ނުވަތަ އަދާކުރާ ވަޒީފާ އަށް އެކަނިހެންނެވެ. މީ މައްސަލަތައް ފެށުމުގެ އެއް ސަބަބެވެ.
   
ހަމައެކަނި ހައިސިއްޔަތަށް ވިސްނުމަކީ، އާންމު އިންސާނަކަށް ލިބެންޖެހޭ އުފާތަކުން ދެމަފިރިން މަޙްރޫމްވެދާނެ ކަމެކެވެ. އެއް އުފަލަކީ ތިމާ އަށް އޭނަ ދޭ "ޓައިމް" އެވެ. ނުވަތަ އޭނަ އަށް ތިމާ ދޭ ލޯތްބެވެ. ކައިވެންޏަކީ "ކެއާރ އެންޑް ޝެއާރ" އެވެ. ބުނެލަން ފަސޭހަ އެވެ. އެކުގައި ވަގުތު ހޭދަނުކޮށް "ކެއާރ" ނުވަތަ "ޝެއާރ" ވެސް ނުކުރެވޭނެ އެވެ. ރައްޓެހިވެގެން އުޅޭއިރު "މި އުޅެނީ ވަރަށް ބިޒީކޮށޭ" ބުނެލުމުން އެއީ މޮޅުކަމެއްހެން ހީވެދާނެ އެވެ. އެކަމަކު، ކައިވެނީގެ ކުރިން މި ކަމަށް ވިސްނާލާށެވެ.
   
އަހަރެން ވަޒީފާ މި އަދާކުރަނީ އަހަރެންގެ ދާއިރާގައި ހެއްޔެވެ؟ އަހަރެން އެންމެ ކުރާހިތްވާ ކަމަކީ މީ ހެއްޔެވެ؟ ދުވާލަކު ކިތައް ގަޑިއިރު އަހަރެން ވަޒީފާއަދާކުރަމު ހެއްޔެވެ؟ ވަޒީފާއަދާކުރުން ހުއްޓާލާ ނަމަ، ދެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެން އަދާކުރާ ވަޒީފާ އަކީ، ނުރައްކާތެރި، ގޭގައި ނުވަތަ ރަށުން ބޭރުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ، ގިނަ މީހުންނާ ބައްދަލުކުރަންޖެހޭ ކަހަލަ ވަޒީފާއެއް ހެއްޔެވެ؟ ވަޒީފާއެއް އަދާނުކުރާ ނަމަ، އަހަރެން އާމްދަނީ ހޯދާނީ ކިހިނެއް ހެއްޔެވެ؟
   
ކައިވެނީގެ ކުރިން ފައިސާގެ ވާހަކަދެއްކުމަކީ، ބައެއް މީހުން ދެކޭގޮތުގައި ހުތުރުކަމެކެވެ. ތިމާ އަކީ، ލާރި އަށް ދަހިވެތިވެގެންއުޅޭ މީހެއް ކަމުގައި އޭނަ ހީކޮށްފާނެ އެވެ. ވީމާ، ފައިސާގެ ވާހަކަ، ރައްޓެހިވާތާ ވަރަށް ކުރީކޮޅުގައި ދެއްކުން ހުއްޓާލެވެއެވެ. ޙަޤީޤަތުގައި، ކައިވެނިކުރުމުން ވެސް، ހަޔާތުގެ ކޮންމެ ދުވަހަކު ފައިސާ ޚަރަދުކުރަންޖެހެ އެވެ. ފައިސާ އަކީ، ކޮންމެ އުފަލަކާ ގުޅިފައިވާ އެއްޗެއްކަން ފަހުން ވިސްނޭނެ އެވެ. ވިސްނާށެވެ. ތިމާ އަށް ލިބެނީ ކިހާ މުސާރައެއް ހެއްޔެވެ؟ އަމިއްލަ މަސައްކަތް ކުރާ ނަމަ، ކިހާ އާމްދަނީއެއް ހެއްޔެވެ؟ ތިމާގެ އަމިއްލަ ބޭންކް އެކައުންޓެއް ހުޅުވައިފިން ހެއްޔެވެ؟ އަމިއްލަ ކޭޝް ކާޑެއް އެބައޮތް ހެއްޔެވެ؟ ދަރަންޏެއް އެބައޮތް ހެއްޔެވެ؟ މަހެއްގެ މައްޗަށް ތިމާ އަށް ކިހާ ޚަރަދެއް ހިނގާ ހެއްޔެވެ؟ ލިބޭ އާމްދަނީ ކިހާ ވަރަށް ބޮޑު ކުރެވިދާނެ ހެއްޔެވެ؟
   
ޖިންސީ ބޭނުންތަކަކީ، ކައިވެނީގެ ކުރިންނާއި ފަހުން ވެސް، ތިލަކޮށް ވާހަކަދައްކަން އެންމެ ލަދުގަންނަ މައުޟޫޢު އެވެ. އެކަމަކު، ޖެހޭ ވަރަށް ގިނަ މައްސަލަތަކުގެ މުގުލަކީ އެއީ އެވެ. ބައެއް ކައިވެނި ރޫޅުމުގެ އަސްލަކީ، ގަބޫލުކުރިޔަސް ނުކުރިޔަސް ހަމަ އެއީ އެވެ. ވީއިރު، އެ ވާހަކަތައް ނުދައްކަންވީ ކީއްވެގެން ހެއްޔެވެ؟ ބުނާށެވެ. ތިމަންނަ އަށް އެންމެ ހިތްހަމަޖެހޭ އަރާމަކީ ކޮބާހެއްޔެވެ؟ އިސްނަގައި ބުނަން ތިމާ ލަދުގަނޭ ހެއްޔެވެ؟ ދެން ހަދަންޖެހޭނީ ކިހިނެއް ހެއްޔެވެ؟ ތިމާ އަށް ކަމުނުދާ ހާލަތާއި، ވަގުތާއި، ތަނާއި އަދި ގޮތަކީ ކޮބާހެއްޔެވެ؟
   
ރާއްޖެ އަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. ހުރިހާ ދިވެހިންނަކީ ވެސް އިސްލާމުންނެވެ. އެކަމަކު، ކިހާ އިސްލާމްތޯ އެއީ މިހާރު އުފެދޭ ސުވާލެކެވެ. އިސްލާމްދީނުގެ ހުރިހާ ރުކުންތައް ތިމާ އާއި އޭނަ އަދާކުރޭ ހެއްޔެވެ؟ ތިމާ އަޅާ ނުވަތަ އަޅަން ގަސްތުކޮށްފައިވާ ހެދުމަކީ، އޭނަ އަށް ކިހާ ކަމުދާ ހެދުމެއް ހެއްޔެވެ؟ ތިމާގެ ފެޝަނާމެދު އޭނަ ދެކެނީ ކިހިނެއް ހެއްޔެވެ؟ ޓީވީބެލުން، ލަވަޖެހުން ފަދަ ކަންކަން ތިމާ އާއި އޭނަ ގެންގުޅެނީ ކޮން މިންގަނޑެއްތެރޭގަ ހެއްޔެވެ؟ ދަރިން ނަމާދު ނުކޮށްފިއްޔާ ނުވަތަ ޤުރްއާން ނުކިޔަވަން އުޅެފިއްޔާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ކައިވެނިކުރާ މީހާ އަކީ މުސްލިމެއް ނޫންކަމަށް ވަންޏާ، އޭނަ ބަހައްޓާނީ ކޮން "މިންގަނޑެއް"ގެ ތެރޭގައި ހެއްޔެވެ؟ އެ ފަދަ ދެ މަފިރިންގެ ދަރިން ބޮޑުކުރާނީ ކޮން "ބައްޓަމަކަށް" ހެއްޔެވެ؟
   
ކައިވެނީގެ ގޮށަކީ، ހިތަށްއަރާއިރަށް ޖަހާފައި، ހިތަށްއަރާއިރަށް މޮހާލާ އެއްޗެއް ނޫނެވެ. އެއީ ވަރަށް ބޮޑު ޒިންމާއެކެވެ. ކައިވެނިކުރަންވާނީ އުމުރަށް އެކުގައި އުޅުމަށެވެ. ވީހާ ވެސް ބޮޑަކަށް ތައްޔާރުވާށެވެ.  ވީހާ ވެސް ކުރިން ތައްޔާރުވާން ފަށާށެވެ.
     --------------------
       (ނިމުނީ)



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ