އަދުގެ ޚާއްސަ

Print

ފިޠުރަތުގެ ދީން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ

 
ޢަބްދުﷲ ނަޢީމު އިބްރާހީމް


ކަނޑުގައި ދަތުރުކުރާ މީހާ، އޭނާ އެއްގަމުގައި ދަތުރުކުރާ ގޮތަށް ގޮސް ކަނޑަކަށް އެރިއެއް ނުގަނެއެވެ. އޭނާ ދަތުރުކުރަނީ ކަނޑު ދަތުރު ކުރާ އުޅަނދެއްގައެވެ.

މިގޮތަށް ޢަމަލު ކުރާ މީހާ ނޭނގި ނަމަވެސް ތިމަން މި އުޅެނީ އަމިއްލަ ބާރު ފޯރާ ތަނެއްގައި ނޫންކަމާއި، ﷲ ސުބްޙާނަހޫ ވަތަޢާލާ ހައްދަވައިފައިވާ ދުނިޔެ އެއްގައި ކަމަށް އިޢުތިރާފު ވަނީއެވެ. މި ދުނިޔޭގައި ހިނގާނީ އެކަލާނގެ ކަނޑައަޅުއްވާފައިވާ ޤާނޫނުތަކެއް ކަމަށް އެއްބަސް ވަނީއެވެ. އިންސާނާ ވަނީ މި ޤާނޫނުތަކަށް ބޯލަނބަން މަޖުބޫރުވެފައެވެ. އިންސާނާއަށް މިއީ ތިމަން އަމިއްލައަށް ހަދާފައި އޮތް ދުނިޔެއެކޭ ހީވެއްޖެނަމަ އެއްގަމުގައި ހިނގާ ގޮތަށް ކަނޑުގައިވެސް ހިނގަން މަސައްކަތް ކުރާނެއެވެ.

އިންސާނާ އޭނާގެ ދިރިއުޅުމުގެ "ފަންސާސް އިން ސައްތަ" ހޭދަކުރަނީ މިދެންނެވި ފިޠުރީ ޤާނޫނުތަކާ ދެކޮޅު ހެދުމުގައެވެ. އަނެއް "ފަންސާސް އިން ސައްތަ" ހޭދަކުރަނީ އެ ޤާނޫނުތަކަށް ބޯލަނބައިގެންނެވެ. އިސްލާމްދީން ގޮވައިލަނީ އިންސާނާ ސަތޭކައިން ސަތޭކައަށް ފިޠުރީ ޤާނޫނުތަކަށް ބޯލަނބާށެވެ.
އިންސާނާގެ ޙަޔާތުގެ އެއްބަޔަކީ ޠަބީޢީ ބައެވެ. އަނެއް ބަޔަކީ އަޚްލާޤީ ބައެވެ. ޠަބީޢީ ބައިގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ހެއްދެވި އެހެން މަޚުލޫޤުންނެކޭ އެއްފަދައިން އިންސާނާ ފިޠުރީ ޤާނޫނުތަކަށް ފުރިހަމައަށް ބޯލަނބައެވެ. އެހެންނަމަވެސް އަޚުލާޤީ ބައިގައި މި އުޞޫލު ދޫކޮށް ތިމާގެ އަިއްލަ މަގެއް ޚިޔާރު ކުރެއެވެ. ކިޔަމަންތެރިކަމުން ދުރުވެ، ބަޣާވާތް ކުރެއެވެ. އިސްލާމްދީން ޤަބޫލު ކުރުމަކީ މި ބަޣާވާތުން ދުރުވެ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ފުރިހަމައަށް ކިޔަމަން ގަތުމެވެ.

މާއްދީ ކަންތައްތަކުގައި ފިޠުރީ ޤާނޫނުތަކާއި ޚިލާފުވުމާއެކު އޭގެ ނަތީޖާ ވަގުތުން ފެނިދެއެވެ. އިންސާނާ މާއްދީ ކަންތައްތަކުގައި ފިޠުރީ ޤާނޫނުތަކާ ޚިލާފުވާން މަސައްކަތް ނުކުރަނީ އެހެންވެގެންނެވެ. އަޚުލާޤީ ކަންތައްތަކުގެ ނަތީޖާ ވަގުތުން ފެންނާކަށް ނުހުރެއެވެ. އަޚުލާޤީ ކަންތައްތަކުގައި އިންސާނާ ފިޠުރީ ޤާނޫނުތަކާއި ޚިލާފުވަނީ އެހެންވެގެންނެވެ.

ދަނޑުވެރިޔަކު ދަނޑު ހައްދާއިރު އެކަމަށް ކަނޑައެޅިފައި އޮންނަ އުޞޫލުތަކާ ޚިލާފުވާނަމަ އެ ދަނޑުން އޭނާއަށް ގޮވާން ކަނޑާކަށް ނުލިބޭނެއެވެ. ހަމަ އެހެންމެ މި ދުނިޔޭގައި ހަމަޖެހިފައިވާ އަޚުލާޤީ އުޞޫލުތަކަށް ބޯނުލަނބާ މީހާ ޤިޔާމަތް ދުވަހުން ޖެހޭނީ ލަދު ގަންނާށެވެ.

(ނިމުނީ)
 
މި ލިޔުން؛

    ފޮނުވުން:   އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން: ''          ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ