އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ދީނާއި ކަނޑި (13)

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ދިރާސާ


އަލްއުސްތާޛު އަޙުމަދު މާޖިދު

ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.


ޞަލާޙުއްދީން ޤުދުސް ފަތަޙަކުރެއްވުން
 
ޞަލާޙުއްދީނުލް އައްޔޫބީ ޤުދުސް މިނިވަން ކުރެއްވުމުގެ މަޝްހޫރު މަޢުރިކާ ފެއްޓެވި އިރު ޤުދުސްގައި ތިބި ޞަލީބީން ހަނގުރާމަވެރިންގެ ލީޑަރަކަށް ހުރީ ބެލިއާން އެވެ ކިޔުނު ފަރަންގީއެކެވެ. ޞަލާޙުއްދީނުގެ ލަޝްކަރު ޝަހަރު ޙިޞާރުކޮށް ދިން ޙަމަލަތަކުން ޝަހަރުގެ ބުރުޖުތައް ހަލާކުވެ، ޝަހަރު ދެންދެން ފަތަޙަވެދާ ހިސާބަށް ދިޔުމުން، ބެލިއާން ޞަލާޙުއްދީނުގެ އަރިއަހަށް އައެވެ. އަދި މުޅި ޝަހަރުގެ އެންމެންނަށް ޢަފޫޢާއްމެއް ދެއްވުން އެދި ދަންނަވައި، އެ ގޮތް މައްޗަށް ޝަހަރު ދޫކޮށްލައިފާނެ ވާހަކަ ވެސް ދެންނެވިއެވެ. އެހެން ނޫން ނަމަ ޝަހަރުގެ ހުރިހާ ތަނެއް ހަލާކުކޮށް، ޝަހަރުގައި ތިބި މުސްލިމް ޤައިދީން ކަތިލާނެ ކަމަށް ދެންނެވިއެވެ. ޤާޟީ އަލް ފާޟިލް ވިދާޅުވާ ގޮތުގައި، ބެލިއާން ނުހަނު ބޮޑު ޢަދަދެއްގެ ޖިޒީއެއް ދޭން ވެސް ހުށަހެޅިއެވެ.

ޞަލާޙުއްދީން ވިސްނާވަޑައިގެންނެވީ ލޭއޮހޮރުވުން ވީ އެންމެ ކުޑަވާނެ ގޮތަކަށެވެ. އެމަނިކުފާނަށް ނުހަނު ފަސޭހަކަމާ އެކު ރަށް ހިއްޕެވެން އޮތެވެ. އެހެނީ ޤުދުސްގެ ވަށައިގެން އޮތް އިސްލާމީ ލަޝްކަރަކީ އެއިރު އެ ލަޝްކަރެއްގެ ކުރިމަތީގައި ހިފަހައްޓާލެވޭނޭ ފަދަ އެއްވެސް ބާރެއް ދުނިޔޭގައި ނެތް ވަރުގެ ގަދަފަދަ، އަދި ޑިސިޕްލިންޑް ލަޝްކަރެކެވެ. ނަމަވެސް ޞަލާޙުއްދީން ބެލިއާންގެ އެދުމަށް އިޖާބަދެއްވިއެވެ. އެއަށްފަހު ޝަހަރު މުސްލިމުންނަށް ދޫކޮށްލުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން ޔޫރަޕުން އައިސް ޤުދުސްގައި ވަޒަންވެރިވެގެން ތިބި ހުރިހާ އެންމެން ޝަހަރު ދޫކޮށް ދާން ވެސް އެއްބަސްވެވުނެވެ. އެއީ ކޮންމެ ބޮޑު ފިރިހެނަކު ދިހަ ދީނާރު، ކޮންމެ ބޮޑު އަންހެނަކު ފަސް ދީނާރު، އަދި ކޮންމެ ކުޑަ ކުއްޖަކަށް ބޮލަކަށް ދެ ދީނާރުގެ ފިދުޔައެއް ދެއްކުމަށެވެ. އެ މީހުން ޝަހަރު ދޫކޮށްލާފައި ދާން 40 ދުވަހުގެ މުއްދަތެއް ދެވުނެވެ. މިގޮތުގެ މަތީން ޝަހަރުން ބޭރުވެގެން، އަމިއްލަ ވަޒަނަށް ދިޔުމުގެ ހުއްދަ ލައްކައެއްހައި ކްރިސްޓިއަނުންނަށް ދެވުނެވެ.

ޞަލީބީން ޝަހަރުން ނިކުމެގެން ދިޔުމުގެ ކަންތައް ހިނގައިދިޔަ ގޮތާ މެދު ލިޔުއްވަމުން، ހުޅަނގުގެ މުއައްރިޚެއް ކަމަށް ވާ ސްޓޭންލީ ލޭން ޕޯލް، އޭނާގެ "ދަ ލައިފް އޮފް ސެލެޑިން އެންޑް ދަ ފޯލް އޮފް ދަ ކިންގްޑަމް އޮފް ޖެރޫސަލަމް" ގައި ލިޔުއްވާފައި ވެއެވެ. "މި ހަނދާންތަކުން ފޮހެނުލެވޭނޭ ފަދަ ފަތަޙައިގެ ވަގުތަކީ ޞަލާޙުއްދީން އެމަނިކުފާނުގެ މަތިވެރިކަން އެންމެ އަލިކަން ގަދަ ގޮތެއްގައި ދެއްކެވި ދަނޑިވަޅެވެ. އެމަނިކުފާނުގެ ސިފައިން، ޒިންމާދާރު އަމީރުންގެ ވެރިކަމުގައި، މުޅި ޝަހަރުގެ ކޮންމެ މަގެއްގައި ފޯރި މަރަމުން ދިޔައެވެ. އެއީ ކްރިސްޓިއަނުންނާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ޤަތުލުޢާއްމެއް، ނިކަމެތި ކުރުމުގެ ޢަމަލެއް ހިނގިޔަނުދިނުމުގެ ގޮތުންނެވެ. އެހެންކަމުން ކްރިސްޓިއަނުންނާ ދެކޮޅަށް ބަދުބަހެއް ވިޔަސް ބުނެލާ އަޑު އިވިފައެއް ނުވެއެވެ."

ޞަލީބީ ކްރިސްޓިއަނުން ޝަހަރު ދޫކޮށްފައި ދިޔައީ ޝަހަރުގެ ކްރިސްޓިއަން ފައްޅިތަކުގައި ހުރި ޒީނަތްތެރި ކުރާ ތަކެތީގެ ތެރެއިން ވެސް އެތައް ބައިވަރެއް ފޭރިގެންނެވެ. އެގޮތުން ޝަހަރުގެ ކެތަލިކް ބޮޑު ފާދިރީ ހެރެކްލިއަސް އެތައް ބައިވަރު ރަނަކާއި ރިއްސަކާއި ޖަވާހިރެއް، ޢީސާގެފާނުގެ މަޤްބަރާ ހުންނަ ފައްޅި ނުވަތަ "ޗާރޗް އޮފް ދަ ހޯލީ ސެޕަލްކަރ" އިން ނަގައިގެން ގެންދިޔައެވެ. ސްޓޭންލީ ލޭންޕޯލް ލިޔުއްވާފައި ވެއެވެ. "ޝަހަރުގެ ބޮޑު ފާދިރީއަކީ އަޚްލާޤެއް ޟަމީރެއް ނެތް މީހެކެވެ. އޭނާ ޝަހަރުން ނިކުތީ ފައްޅީގެ މުދާތައް ހިފައިގެންނެވެ. ރަންރިއްސާއި ޖަވާހިރުގެ ފުނިވަރުތައް ހިފައިގެންނެވެ. ޢީސާގެފާނުގެ މުޤައްދަސް މަޤްބަރާގެ ރަން ޕްލޭޓްތައް ވެސް ނަގައިގެންނެވެ. އޭގެ އިތުރަށް އޭނާގެ އަމިއްލަ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ އެތައް ބައިވަރު ރަންރިއްސެއް ވެސް ހިފައިގެންނެވެ. އެއީ ފިދުޔައެއް ދައްކާނޭ ގޮތެއް ނެތް އެތައް ފަޤީރުންނެއް ޝަހަރުގައި ތިއްބައި، އެ މީހުންނާ މެދު އެއްވެސް އަޅައިލުމެއް ނެތިއެވެ. އޭނާ ޝަހަރުން ނިކުންނަން އުޅުމުން، ޞަލާޙުއްދީނުގެ އަމީރުން އޭނާގެ ވާހަކަ ދަންނަވައި، ފައްޅި ފޭރިގަނެގެން ގެންދިޔަ މުދާތަކާ އެކު އޭނާ ދިޔަނުދެއްވަން އެދި ދެންނެވިއެވެ. ނަމަވެސް ޞަލާޙުއްދީން ވިދާޅުވިއެވެ. "ނޫނެކެވެ. އަހަރެން އޭނާއަށް ކޮށްފައި ވާ ވަޢުދު އުވައެއްނުލާނަމެވެ." އެހެންކަމުން، ފާދިރީ ކަލޭގެ ވެސް އެހެން މީހުންނެކޭ އެއްފަދައިން ދިހަ ދީނާރު ދީފައި ދިޔައީއެވެ."

މި ދެންނެވި ބީދައިން ކްރިސްޓިއަން ލީޑަރުން އެތައް ރަނަކާއި ރިއްސެއް ޝަހަރުން ބޭރުކުރިއެވެ. ގާތްގަނޑަކަށް ދެލައްކަ ދީނާރުގެ މުއްސަނދިކަން ހިފައިގެން ލެޓިން އަމީރުން ޝަހަރު ދޫކުރައްވައި ވަޑައިގަންނަވާ މަންޒަރު ފެނިވަޑައިގެން އިސްލާމީ ލަޝްކަރުގެ އަމީރެއް ކަމަށް ވާ ޢިމާދުއްދީން ޞަލާޙުއްދީނަށް އެ ވާހަކަ ދެންނެވިއެވެ. އަދި ކްރިސްޓިއަނުންނާ އެކު ވެވުނު އެއްބަސްވުމުގައި އެފަދަ ބޮޑެތި ޚަޒާނާތަކާއިގެން އެމީހުން ޝަހަރުން ބޭރުވުމުގެ ހުއްދަ ދެވިފައި ނެތް ކަމަށް ދެންނެވިއެވެ. ނަމަވެސް ޖަވާބުގައި ޞަލާޙުއްދީން ވިދާޅުވިއެވެ. " އަޅުގަނޑަށް ވެސް އެނގެއެވެ. ކުރެވުނު އެއްބަސްވުމުގެ މާނައަކީ އެއެއް ނޫނެވެ. ނަމަވެސް މިހާރު އަޅުގަނޑުމެން އެމީހުންގެ މަޞްލަޙަތާ ފުށުއަރާ އެއްވެސް ކަމެއް ހިންގައިފި ނަމަ، އެމީހުން މާނަކުރާނީ، އަދި ތުހުމަތު ކުރާނީ އަޅުގަނޑުމެން ޢަހުދަށް ޚިޔާނާތްތެރިވީ ކަމަށެވެ. އެހެންކަމުން، ޢަހުދުގައި އޮތް ބަސްތަކުގެ ލަފްޒީ މާނަ ނެރެގެން ނަމަވެސް އެމީހުންނަށް ފައިދާ ހުރި ގޮތަކަށް އެ ޢަހްދު މާނަކުރަމާ ހިންގަވާށެވެ. އެހެނީ އެބައިމީހުން އަޅުގަނޑާ ހުރެ، މުއުމިނުންނަކީ ޢަހުދު އުވާލާ ބައެއް ކަމުގައި ބުނާކަށް އަޅުގަނޑު ނޭދެމެވެ."

ސާޅީސް ދުވަސް ވަންދެން ޔޫރަޕުގެ ކްރިސްޓިއަނުން ޝަހަރުން ނިކުންނަމުން ދިޔައެވެ. ނަމަވެސް އެއިރުވެސް ފިދުޔަ ދޭނެ އެއްޗެއް ނެތިގެން ޝަހަރުގައި އެތައް ބައިވަރު ބަޔަކު ތިއްބެވެ. ދެން ޞަލާޙުއްދީންގެ ކޮއްކޯފުޅު އަލްޢާދިލް ވަޑައިގެން ޞަލާޙުއްދީނުގެ އަރިއަހުގައި ވިދާޅުވިއެވެ. "ސާހިބާއެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތާ އެކު މި ޝަހަރު ފަތަޙަ ކުރުމުގައި އަޅުގަނޑު މަނިކުފާނަށް އެހީތެރިވީމެވެ. އެހެންކަމުން އަޅުގަނޑު އެދެނީ ޝަހަރުގައި ބާކީ ތިބި މީހުންގެ ތެރެއިން އެއްހާސް މީހުން އަޅުންގެ ގޮތުގައި އަޅުގަނޑަށް ދެއްވުމެވެ. އެހިނދު، އެއީ ކޮން ބޭނުމެއްގައި ތޯ ޞަލާޙުއްދީން ސުވާލު ކުރެއްވިއެވެ. ޢާދިލް ވިދާޅުވީ އެއީ އޭނާގެ ހިތްޕުޅަށް އެކަމުން އުފާވެރިކަން ލިބޭނޭ ކަމެއް ކުރެއްވުމަށް ކަމަށެވެ. ދެން ޞަލާޙުއްދީން އަލްޢާދިލަށް އެއްހާސް މީހުން ދެއްވިއެވެ. އެހިނދު، އަލްޢާދިލް ﷲ ގެ ރަސްކަންފުޅަށް ޓަކައި އެ އެއްހާސް ކްރިސްޓިއަނުން ފިދުޔައަކާ ނުލައި ޝަހަރުން ބޭރުވުމުގެ އަމުރުފުޅު ދެއްވައި، އެމީހުން މިނިވަން ކޮށްދެއްވިއެވެ.

އެއަށްފަހު ބެލިއާން ފަދަ ކްރިސްޓިއަން ލީޑަރުން އައިސް ޞަލާޙުއްދީނުގެ އަރިއަހުގައި އިތުރު މީހުން ފިދުޔައަކާ ނުލައި ދޫކޮށްދެއްވުން އެދި ދެންނެވިއެވެ. ޞަލާޙުއްދީން އެއިން ކޮންމެ މީހެއްގެ އެދުންވެސް ޤަބޫލު ކުރައްވައި، އެއިން ކޮންމެ މީހެއްގެ ނަމުގައި ހާހުން، ސަތޭކައިން ކްރިސްޓިއަން އަސީރުން ފިދުޔައަކާ ނުލައި ދޫކުރައްވަމުން ގެންދެވިއެވެ. އެންމެފަހުން ޞަލާޙުއްދީން އެމަނިކުފާނުގެ ބޮޑުންނަށް ވިދާޅުވިއެވެ. "އަހަރެންގެ ކޮއްކޯފުޅު، އޭނާގެ ޞަދަޤާތް ކުރައްވައިފިއެވެ. އަދި ފާދިރީއާއި ބެލިއާން އެބައިމީހުންގެ ޞަދަޤާތް ކޮށްފިއެވެ. އެހެންކަމުން ދެން އޮތީ އަހަރެން ކުރަން ޖެހޭ ޞަދަޤާތެވެ." މިހެން ވިދާޅުވެ، ޝަހަރުގައި ތިބި ކްރިސްޓިއަނުންގެ ތެރެއިން ފިދްޔައެއް ނުދެއްކޭ ފަދަ ހުރިހާ މުސްކުޅި އަސީރުން ޞަލާޙުއްދީނުގެ ނަންފުޅުމަތީގައި މިނިވަން ކުރައްވައި، ދޫކޮށްލެއްވިއެވެ. ޞަލާޙުއްދީނަށް ފަހު މުސްލިމް ލަޝްކަރުގެ އަމީރުންނާއި އޮފިސަރުން ވެސް އެމީހުންގެ ނަމުގައި އެތައް ބައެއްގެ ފިދުޔަ ދައްކައި، މިނިވަން ކޮށްދިނެވެ. މި ގޮތުގެ މަތީންވެސް އެތައް ހާސް ބަޔަކު މިނިވަން ކޮށްދެވުނެވެ.

ކްރިސްޓިއަނުންގެ ލީޑަރު ބެލިއާންގެ ޢައްޔާރު ލިޔެފައިވާ ކަމަށް، ސްޓޭންލީ ލޭންޕޯލްގެ ފޮތުގައި ވެއެވެ. "ދެން އަހަރެން ތިޔަބައިމީހުންނަށް މި ކިޔައިދެނީ ޤުދުސްގެ ހަނގުރާމައިގެ މަރުވި، ނުވަތަ ހައްޔަރުވި، ނުވަތަ ފިލައިގެން ދިޔަ ކްރިސްޓިއަން ހަނގުރާމަވެރީންގެ އަނބީންނާއި އަންހެން ދަރީންނާ މެދު ޞަލާޙުއްދީން ކަންތައް ކުރެއްވި އޯގާވެރިކަމުގެ ވާހަކައެވެ. އެކަނބަލުންނަށް ފިދުޔަ ދެވި، އެކަނބަލުން ޝަހަރުން ބޭރުވުމަށް ފަހު، އެކަނބަލުން ޖަމާޢަތެއް ހަދައިގެން ޞަލާޙުއްދީންގެ އަރިއަހަށް ދިޔައެވެ. ޞަލާޙުއްދީނަށް އެކަނބަލުން ފެނިވަޑައިގެންނެވުމުން އެއީ ކީއްކުރަން އައި ކޮން ބައެއްތޯ ސުވާލު ކުރެއްވިއެވެ. އެއީ ހަނގުރާމައިގައި މަރުވި ނުވަތަ ހައްޔަރު ކުރެވުނު ކްރިސްޓިއަން ހަނގުރާމަވެރީންގެ އަނބީންނާއި ދަރީން ކަމުގައި އެމަނިކުފާނަށް ދެންނެވުނެވެ. އެހިނދު ޞަލާޙުއްދީން އެކަނބަލުންނާ ވާހަކަ ދައްކަވައި، އެކަނބަލުން އެދޭ ކަމަކީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ. އެ ކަނބަލުން ޖަވާބުގައި ދެންނެވިއެވެ. "އަޅުގަނޑުމެންގެ ފިރީންގެ ތެރެއިން ބައެއް މީހުން ވަނީ ހަނގުރާމައިގައި މަރުވެފައެވެ. ބައެއް މީހުން ވަނީ ހައްޔަރު ކުރެވިފައެވެ. އެބައިމީހުންގެ ބިންތަކާއި މުދާތައް ވަނީ ގެއްލިފައެވެ. އެބައިމީހުންނާ މެދު ކަލާނގެ ރަސްކަންފުޅު މެދުވެރިކޮށް އަޅުގަނޑުމެން މަނިކުފާނަށް ދަންނަވަމުއެވެ." އެކަނބަލުންގެ ދެންނެވުމާއި، އެކަނބަލުންގެ ކަރުނަ ފެނިވަޑައިގަތުމުން ޞަލާޙުއްދީނުގެ ހިތްޕުޅު އެކަނބަލުންނާ މެދު އޯގާވެރިކަމުން ފުރިގެން ދިޔައެވެ. ޚުދު އެމަނިކުފާނު އެކަނބަލުންގެ ޙާލަށް ޓަކައި ކަރުނަފޮދު އަޅުއްވައި ކީރިތި ކުރެއްވިއެވެ. އަދި އެކަނބަލުންގެ ތެރެއިން، ފިރީން ހައްޔަރުވެފައިވާ މީހުންނަށް މުސްލިމުންގެ ސިފައިންނާއެކު ޖަލުތަކަށް ގޮސް އެބައިމީހުންގެ ފިރީން ހޯދަން އަމުރުފުޅު ދެއްވިއެވެ. އެގޮތުގެ މަތީން އެ ހުރިހާ ފިރިހެނުން ޞަލާޙުއްދީނުގެ އަމުރުފުޅަށް މިނިވަން ކުރެވުނެވެ. އަދި، އެ ބައެއްގެ ފިރީން މަރުވެފައި ވާ އަންހެނުންނަށް ޞަލާޙުއްދީނުގެ ޚަޒާނާއިން ބޮޑެތި ޢަދަދުތަކުން ރަނާއި ރިހި ދެއްވިއެވެ. އެ ބައެއްގެ އަތުގައި ކުރީން ހުރި މުދަލުގެ ޢަދަދަށް ބައްލަވައިފައެވެ. ކުރީން ގިނައިން ހުރި މީހުންނަށް ގިނައިންނެވެ. މަދުން ހުރި މީހުންނަށް މަދުންނެވެ. އެމަނިކުފާނު އެކަނބަލުންނަށް ދެއްވި ތަކެއްޗާއި، ޢަމަލުކުރެއްވި އޯގާވެރި ގޮތުގެ ސަބަބުން، އެކަނބަލުން ކަލާނގެ ރަސްކަންފުޅަށް ޝުކުރުވެރިވެ، ޞަލާޙުއްދީނުގެ ހެޔޮފުޅުކަމުގެ ވާހަކަތައް އެކަނބަލުންގެ ވަޒަނަށް ގޮސް ދައްކައި އުޅުނެވެ."

ފުރިހަމަ ޢިއްޒަތާ އެކު ދޫކޮށްލެވުނު އަމީރާއިންގެ ތެރޭގައި ޤުދުސްގެ ކްރިސްޓިއަން ރަސްކަމުގެ ރާނީ ސިބިލް ހިމެނިވަޑައިގަތެވެ. ޞަލާޙުއްދީން އަމުރުފުޅު ކުރެއްވީ އެކަމަނާގެ ޤާފިލާ އެއްވެސް ހުރަހަކާ ނުލައި، އެކަމަނާ ގެންދެވި ބަޔަކާއި ތަކެއްޗަކާ އެކު ދިޔުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށެވެ. އޭގެ އިތުރަށް، މުސްލިމުންގެ އަތްދަށުގައި ހައްޔަރުވެވަޑައިގެންފައި، ނާބްލުސްގައި ހުންނެވި އެކަމަނާގެ ފިރިކަލުންގެ އަރިއަހަށް ޒިޔާރަތް ކުރެއްވުމުގެ ކަންތައް ވެސް ޞަލާޙުއްދީން ހަމަޖައްސަވައިދެއްވިއެވެ. އެ ހިސާބަށް އެ ކަމަނާގެ ޤާފިލާ ދިޔުމުގައި ސަލާމަތީ ކަންތައްތައް ވެސް މުސްލިމުން ހަމަޖައްސައިދިނެވެ. ހަމައެއާއެކު، މުސްލިމުން ދެކެ ރުޅި އައުމުގައި ތާރީޚުގައި ވެސް އެފަދަ މިސާލެއް މަދުން ނޫނީ ނުފެންނަ، އަދި އަނިޔާވެރިކަމާއި ނުބައިކަމާއި ޙައިވާނިއްޔަތުގައި ޙައްދުފަހަނަޅައި ދިޔަ ކްރިސްޓިއަން ލީޑަރެއް ކަމުގައި ވާ ރޭނޯލްޑް އޮފް ޗާރޓިލޯންގެ އަނބިކަމަނާ ވެސް ސަލާމަތާއި ރައްކާތެރިކަމާ އެކު ޝަހަރުން ބޭރުވެގެން ދާނޭ ފުރުސަތު ދެއްވިއެވެ. މި ރޭނޯލްޑް އޮފް ޗާރޓިލޯން އަކީ ޞަލާޙުއްދީނުލް އައްޔޫބީގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތުގެ ޢިއްފަތްތެރިކަން ފޭރިގަނެ، ނުހަނު އަނިޔާވެރި ގޮތެއްގައި އެކަމަނާ ޝަހީދު ކޮށްލި ނުބައި ޝައިޠާނެވެ. ނަމަވެސް އޭނާގެ އަނބިކަމަނާގެ ކިބައިން ބަދަލު ހިއްޕެވުމުގެ އެއްވެސް ޢަމަލެއް ޞަލާޙުއްދީން ނުހިންގަވައެވެ.

ޝަހަރުން ނިކުތް ކްރިސްޓިއަނުންގެ ތެރެއިން އެތައް ބަޔަކަށް މަގުމަތީން، ޞަލީބީ ހަނގުރާމަވެރިންގެ ޖަމާޢަތްތައް ޙަމަލާ ދީ، އެމީހުންގެ އަތުގައި ހުރި ތަކެތި ފޭރި ހަދާފައި ވެއެވެ. މިކަން ހިނގާ ކަން ޞަލާޙުއްދީނަށް އެނގިވަޑައިގަތުމުން، ކްރިސްޓިއަން ޢާއްމުންގެ ޖަމާޢަތްތަކުގެ ރައްކާތެރިކަމަށް ޓަކައި މުސްލިމް ސިފައިންގެ ޔުނިޓްތައް ވެސް އެމީހުންނާ އެކު ފޮނުއްވަމުން ގެންދެވިއެވެ. ހަމަ އެފަދައިން، މިޞުރުގެ އިސްކަންދަރިއްޔާ ފަދަ ޝަހަރުތަކުން، ކްރިސްޓިއަން ޢާއްމުން އެނބުރި ޔޫރަޕަށް ފޮނުވުމުގެ އިންތިޒާމުތައް ކޮށް، އެކަމަށް ޓަކައި އެތައް ޚަރަދުތަކެއް ވެސް ކުރީ މުސްލިމުންނެވެ. މިސާލެއްގެ ގޮތުން، އިސްކަންދަރިއްޔާއިން އިޓަލީގެ ޕީސާއަށް ކްރިސްޓިއަން ޢާއްމުން ގެންދިޔުމަށް ޕީސާގެ ވިޔަފާރިވެރި ނާފަހަރުތަކުގެ މީހުން އިންކާރު ކުރުމުން، އެ ނާފަހަރުތަކަށް އެ މީހުންނާ ނުލައި ފުރުމުގެ ހުއްދަ ދޭން ވެސް މުސްލިމުން ހުރަސް އެޅިއެވެ. އެގޮތުން މަޖުބޫރުކޮށްގެން އެތައް ބަޔަކު އިޓަލީ އަށް ފުރުވައިލި އިރު، އެބައިމީހުން ރައްކާތެރިކަމާ އެކު އެނބުރި ވަޒަނަށް ދިޔަ ކަމުގެ ޔަޤީންކަން މުސްލިމުންނަށް ލިބޭނޭ ގޮތުގެ އިންތިޒާމުތައް ވެސް ހަމަޖެއްސިއެވެ. މި ވާހަކަތައްވެސް ސްޓޭންލީ ލޭންޕޯލް އޭނާގެ ފޮތުގައި ބަޔާން ކުރައްވާފައި ވެއެވެ.

ޔޫރަޕުން އައިސް ތިބި ކްރިސްޓިއަނުން އެނބުރި އެމީހުންގެ ވަޒަނަށް ދިޔުމުގެ ކަންތައް މި ދެންނެވި ފަދަ ފުރިހަމަ ގޮތުގައި ހަމަޖެއްސެވުމަށް ފަހު، ޤުދުސްގެ އަހުލުވެރި ކްރިސްޓިއަނުންނާ މެދުގައި ވެސް ޞަލާޙުއްދީން ކަންތައް ކުރެއްވީ އެހައި އޯގާވެރި ކޮށެވެ. އެމީހުންގެ ތެރެއިން ޖިޒީ ނުދެއްކޭ ފަދަ އެންމެންނަށް ޖިޒީ ނުދައްކައި، ރައްޔިތުންގެ ގޮތުގައި އަމަންއަމާންކަމާއި މިނިވަންކަމާއެކު ޤުދުސްގައި އުޅުމުގެ ހުއްދަ ދެއްވިއެވެ. ޖިޒީ ދެއްކުމުގެ ޤާބިލިއްޔަތުކަން ލިބިގެންވާ މީހުން، މުސްލިމުން ޒަކާތް ދައްކާ ފަދައިން ޖިޒީ ދެއްކުމުގެ އިންތިޒާމު ކުރެއްވިއެވެ. އެބައިމީހުންގެ ފައްޅިތަކުގެ ހުރިހާ ކަމެއް އެމީހުންގެ ފަރާތުން ހަމަޖެއްސެވުން ބައިޒެންޓައިން ކްރިސްޓިއަން ދައުލަތުގެ ފަރާތުން ފޮނުއްވި ބޮޑު ފާދިރީއާ ޙަވާލު ކުރެއްވިއެވެ.

ޤުދުސްގައި ހުންނަ ކްރިސްޓިއަނުންގެ އެންމެ މުޤައްދަސް ފައްޅި ކަމަށް ވާ ޗާރޗް އޮފް ދަ ހޯލީ ސެޕަލްކަރ، ނުވަތަ މުޤައްދަސް މަޤުބަރާގެ ފައްޅި ތަޅައިލުމުގެ ޚިޔާލު އެ ދަނޑިވަޅުގައި އުފެދުނެވެ. އެއީ ކްރިސްޓިއަނުން އަލްޤުދުސްއަށް އައިސް، ހަނގުރާމަ ހިނގައި އިތުރު ފިތުނަތަކެއް ހިނގުމުގެ ސަބަބަކަށް އެތަން ވެދާނެތީއެވެ. ނަމަވެސް މުސްލިމް ޢިލްމުވެރީންނާއި ލީޑަރުންގެ ގިނަ ބޭފުޅުން ވިދާޅުވީ ފައްޅި ނެތަސް ކްރިސްޓިއަނުން ޝަހަރަށް ޒިޔާރަތްކުރަން ބޭނުންވާނޭ ކަމަށާއި، ފައްޅި ތަޅައިލުމަކީ އިސްލާމީ އުޞޫލުތަކާ ޚިލާފު، ޤަބޫލު ނުކުރެވޭނޭ ޢަމަލެއް ކަމަށެވެ. އަދި ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ސުންނަތަށް ބައްލަވައި، އެކަލޭގެފާނު ވެސް ފައްޅިއަށް އެއްވެސް އިހާނެތިކަމެއް ނުކުރައްވާ ކަން ފާހަގަ ކުރެވުނެވެ. އެ ހިސާބުން ޞަލާޙުއްދީން މައްސަލަ ނިންމަވައި، ޗާރޗަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވަތަ ނުޤުޞާނެއް ލިބޭނޭ ޢަމަލެއް ކުރުން މަނާ ކުރެއްވިއެވެ. އަދި ކްރިސްޓިއަނުން އެތަނުގެ ބޭނުން ކުރުމާ ދެކޮޅަށް އެއްވެސް ކަމެއް ކުރުން ވެސް މަނާ ކުރެއްވިއެވެ. އަދި ކީއްތޯއެވެ! އެ ފައްޅީގެ ކަންތައްތައް ތިމަން މަނިކުފާނާ ޙަވާލުކޮށްދެއްވާށޭ ވިދާޅުވެ، ބިޒެންޓިން ކްރިސްޓިއަން ރަސްގެފާނު ހުށަހެޅުއްވި ހުށަހެޅުއްވުން ޞަލާޙުއްދީން ޤަބޫލުފުޅު ކުރެއްވިއެވެ.

މި ދެންނެވީ އަލްޤުދުސް ފަތަޙަ ކުރެއްވުމުގައި ޞަލާޙުއްދީން ޢަމަލުފުޅު ކުރެއްވި އޯގާވެރި، އިންސާނީވަންތަ ގޮތުގެ ޚުލާސާ ބަޔާނެކެވެ. މި ވާހަކަ އޭނާގެ ފޮތުގައި ގެންނެވުމަށް ފަހު ސްޓޭންލީ ލޭން ޕޯލް ލިޔުއްވާފައި ވެއެވެ. "އަލްޤުދުސް ހިއްޕެވުމުގައި ޢަމަލުފުޅު ކުރެއްވި ރިވެތި ގޮތަކީ، އަޅުގަނޑުމެންނަށް ޞަލާޙުއްދީނުލް އައްޔޫބީ އާ ބެހޭ ގޮތުން އެނގޭ ހަމައެކަނި ކަންތައް ކަމުގައި ވީ ނަމަވެސް، ހަމައެކަނި އެ ޙާދިސާއަކީ އެމަނިކުފާނަކީ އެ މަނިކުފާނު އެ ޒަމާނެއްގައި އުޅުއްވި ޒަމާން، ނުވަތަ މުޅި އިންސާނީ ތާރީޚު ވެސް ދެކެފައި ވާ އެންމެ އޯގާވެރި، އެންމެ ހިތްޕުޅު ހެޔޮ ފާތިޙް ކަން ސާބިތުކުރަން ފުދޭ ފަދަ ޙާދިސާއެކެވެ."

ކޮންމެއަކަސް، ޞަލާޙުއްދީން ޞަލީބީންނާ މެދުގައި ޢަމަލުފުޅު ކުރެއްވި ގޮތަކީ، ޞަލީބީން އެއިރުވެސް، އަދި މިހާރުވެސް މުސްލިމުންނާ މެދު ޢަމަލުކުރާ ގޮތާ މުޅީން ތަފާތު ގޮތެކެވެ. އެމަނިކުފާނު ކްރިސްޓިއަނުންނަށް ދެއްކެވި ފަދަ އޯގާވެރިކަމެއް މިއަދުވެސް ހުޅަނގުގެ ކްރިސްޓިއަނުން މުސްލިމުންނަކަށް ނުދައްކައެވެ. އިންސާނީ ޙައްޤުތަކޭ ކިޔައިގެން އެމީހުން ކުރާ މުނާފިޤު ދަޢުވާތަކާ އެކުގައި ވެސް، އިންސާނީވަންތަކަމުގައި އެބައިމީހުން ޞަލާޙުއްދީނުގެ ފައިންޕުޅު ދޮއްވަން ވެސް އެކަށީގެންވާ ވަރެއް ނުވެއެވެ. ހަމައެއާއެކު، ޞަލާޙުއްދީނުގެ ހެޔޮފުޅުކަމުގެ ސަބަބުން ޔޫރަޕުގެ ކްރިސްޓިއަން ލީޑަރުންގެ ހިތްތަކުގައި ޙަސަދަވެރިކަން އިތުރުވިއެވެ. މުސްލިމުންނާ ކަނޑިއާ ގުޅުވައިގެން، އަދި އިސްލާމް ދީން ބަދުނާމު ކުރުމަށް ޓަކައި އިތުރު ދޮގު ވާހަކަތައް ފެތުރުމުގެ އެއް ސަބަބަކީ ވެސް މިއެވެ. އާދެ، ތިމާއަށް ވުރެ ތިމާގެ ދުޝްމަނާގެ އަޚްލާޤާއި ޝަޚްޞިއްޔަތު މާ މަތިވެރި ކަން އިޙްސާސް ކުރެވުމުން، ހިތުގައި އުފެދޭ ވިހަ ޙަސަދައެވެ، މި ޙަޤީޤަތާ މެދު، ކަރެން އާރމްސްޓްރޯންގް، އެ ކަމަނާގެ ފޮތް "ޖެރޫސަލަމް: ވަން ސިޓީ، ތްރީ ފެއިތްސް" ގައި ލިޔުއްވައެވެ. "ހުޅަނގުގެ ކްރިސްޓިއަން ލީޑަރުންގެ ހިތްތަކަށް، މުސްލިމް ވެރީން ޞަލީބީންނަށް ވުރެ ކްރިސްޓިއަން ދީނުގެ ތަޢުލީމާ ވެސް މާ ގާތް ކަމުގެ އިޙްސާސް ހެރުނީ އުނދަގޫ ކުރަނިވި ކަށްޓެއްގެ ބީދައިންނެވެ."

މި ލިޔުން؛

    ފޮނުވުން:   އަލްއުސްތާޛު އަޙުމަދު މާޖިދު
(ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން: ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ