އަދުގެ ޚާއްސަ

Print

ލޯތްބާއި ނަފުރަތު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ފިލިޕް ޖޯން ބޭޔަރ  (Philip John Bayer)އަކީ މޮރޮކޯގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާއަކީ ކުއެކަރސްޓޭޓް ރިފައިނިންގ ކޮމްޕެނީގެ ބާނީއެވެ. އޭނާއަށް ލިބުނީ އެންމެ ފިރިހެން ދަރިއެކެވެ. މި ދަރިފުޅު މަރުވިއިރު ދަރިފުޅުގެ އަންހެން ދަރިޔަކު ހުރެއެވެ. އެއީ އެލީނާ ރިޗީ (Eleaner Ritchey) އެވެ.

އެލީނާ ރިޗީ އަކީ މުއްސަނދިވެގެން ގޮސް ފައިސާއިން އުދުހުނު މީހެކެވެ. އެހެންނަމަވެސް އޭނާ އިންސާނުންނަށް ނަފުރަތު ކުރެއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ޢުމުރު ހޭދަކޮށްލީ މީހަކާ ނުއިނދެއެވެ. އޭނާ މަރުވީ 14 އޮކްޓޯބަރ 1968 ގައެވެ. އޭރު ޢުމުރަކީ 58 އަހަރެވެ. އިންސާނުންނާ ދުރުގައި އުޅެގެން އެކަނިވެރިކަން ފިލުވަން އޭނާ ޢަޖާއިބުވާ ކަހަލަ ކަންތައްތައްކޮށް އުޅުނެވެ. މިސާލަކަށް ވަރަށް ގިނަ ޢަދަދަކަށް ފައިވާން ގަތުން އާދައަކަށް ހަދާފައި ވެއެވެ. ކޮންމެ ފައިވާނަކަށްވެސް އަރަނީ އެންމެ ފަހަރަކުއެވެ. އޭނާ މަރުވިއިރު އަތުގައި ހުރި ފައިވާނުގެ ޢަދަދު 1707 އަށް އަރާފައި ވެއެވެ. މީގެ އިތުރުން ކަރުދާސް އަޅާފޮށީގެ 1224 ފޮށި އޭނާގެ ގެއިން ފެނުނެވެ. މިނޫނަސް މިކަހަލަ އެތައް އާދައެއް އޭނާގެ ކިބައިގައި ހުރިކަމަށް ވެއެވެ.

މިބާވަތުގެ ކަންތައްތަކުގެ ތެރެއިން އެންމެ ޙައިރާންވާ ކަމަކީ ކުއްތާ ގެންގުޅުމެވެ. މަގުމަތީގައި ދުވެ އުޅޭ ވަގު ކުއްތާއެއް ހަމަ ފެނުމާއެކު ގެޔަށް ގެނެސް ފަރުވާތެރިކަމާއެކު ގެންގުޅެން ފަށައެވެ. މިހެންގޮސް އެގޭގައި 150 ކުއްތާ ހަމަވެއްޖެއެވެ. މި ފައުޖު ބޮޑުވެގެންގޮސް ގޭގައި ގެންގުޅެވޭ ވަރު ނުވެގެން އެންމެ ފުރަތަމަ 12 އޭކަރ، އޭގެ ފަހުން 180 އޭކަރުގެ ބިން ގަނެފިއެވެ. އެބިމުގައި ޚާއްޞަ އިންތިޒާމު ތަކެއްކޮށް ކުއްތާ ގެންގުޅެން ފެށިއެވެ.

އެލީނާ ރިޗީ މަރުވުމުގެ ކުރިން ވަޞިއްޔަތުނާމާއެއް ތައްޔާރު ކުރުވިއެވެ. މި ވަޞިއްޔަތުނާމާގައި ލިޔެފައިވާ ގޮތުގައި އޭނާ މަރުވުމަށްފަހު ހުރިހާ މުދަލެއް ލިބޭނީ އޭނާ ގެންގުޅުނު ކުއްތާތަކަށެވެ. މަރުވަމުންގޮސް ހުރިހާ ކުއްތާތައް މަރުވީމާ ހުރިހާ ފައިސާއެއް ލިބޭނީ އެމެރިކާގެ އަލަބާމާގައި ހުންނަ ޖަނަވާރާބެހޭ ޢިލްމު އުނގަންނައިދޭ އިސްކޫލަކަށެވެ.  އެ އިސްކޫލަކީ School of Veterinary Science   އެވެ.

އޭނާ ގެންގުޅުނު ކުއްތާތަކުގެ ތެރެއިން މިހާރު ދިރި ދުނިޔޭގައި އޮތީ އެންމެ ކުއްތާއެކެވެ. އެ ކުއްތާގެ ނަމަކީ މަސްކަޓިއަރ  (Musketeer)އެވެ. އެސޮރުގެ ޢުމުރުން 23 އަހަރު ވެއްޖެއެވެ. ބަލިކަށިކަމުންގޮސް ކިރިޔާ ހިނގެނީއެވެ. އެސޮރު ވަރަށް އަވަހަށް މަރުވެދާނެއެވެ. އެއާއެކު ވަޞިއްޔަތުނާމާގައި ބަޔާން ކުރެވިފައިވާ އިސްކޫލަށް ކުއްލިއަކަށް ބާރަ މިލިއަން ޑޮލަރު ލިބިދާނެއެވެ.

އިންސާނަކަށް އޭނާ ގަޔާވާ ކަހަލަ އިންސާނަކު ނުފެނުނުނަމަ، ގަޔާވާ ކަހަލަ ނަޒަރިއްޔާއެއް ނުވަތަ އުޞޫލެއް ފެނޭތޯ ބަލާށެވެ. އެލީނާ ރިޗީ އަށް މިފަދަ ނަޒަރިއްޔާއެއް ނުވަތަ އުޞޫލެއް ޙާޞިލު ކުރެވުނުނަމަ އިންސާނުން ދެކެ ރުޅި އައުމުގެ ބަދަލުގައި ނުހަނު ބޮޑަށް ލޯބި ވީހެވެ.
 
(ނިމުނީ)

މި ލިޔުން؛

    ފޮނުވުން:   އަލްފާޟިލް ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން:     ''                   ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ