މަޖުބޫރު ލޯބި (34)
ގައްދޫ މުޙަންމަދު ރަޝީދު
...... ފިރިމީހާގެ ޚިދްމަތަކީ އަޅުކަމެކެވެ. އަހަރެމެންގެ ހެޔޮ ދުޢާތައް އަބަދުވެސް ތިޔަ ދެމަފިރިންނާއި އެކުގައި ވާނެއެވެ. އަހަރެމެންގެ ކައިރީގައި ތިޔަ ދެކުދިން ތިބިނަމަ ކޮށްފަދަ ހެއްޔެވެ. އެދުވަސްވެސް އަދި ފެންނާނެއެވެ. އެހާތަނަށް މަންމަ ކެތްކޮށްގެން އިންނާނަމެވެ.]
ހުއްޓުމެއްނެތި ޖަޔާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އޭނާ ސިޓީ ކިޔަމުން ރޮމުން ގެންދިޔައެވެ.
ތިންވަނަގަނޑުގައި އޮތީ ތާނޫގެ ސިޓީއެކެވެ. މިއީ ކުޑަކޮށް މަޖާ ސިޓީއެކެވެ. ނަސޭޙަތާއިއެކު މަޖާ ވާހަކަތަކެއް ލިޔެފައިވެއެވެ. ޖަޔާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. އަދި ސިޓީކިޔަމުން ދިޔައެވެ. އެތައް ވާހަކަ ތަކަކަށްފަހު ލިޔެފައިވެއެވެ.
[ޖަޔާއެވެ. ކޮއްކޮ ޙަޔާތުގެ މައިދާނުގައި ފައިތިލަ ސާބިތު ކޮށްފީމުއެވެ. ކޮއްކޮއަކީ އިންތިހާއަށް ރީތި ކުއްޖެކެވެ. ފިރިމީހާއަކީ ހުތުރު މީހެކެވެ. މީގެ ސަބަބުން އަބަދުވެސް އޭނާ ހުންނާނީ މަތިހަށި ނެގިފައެވެ. ޔަޤީން ކުރާށެވެ. ކޮންމެ އަންހެނަކުވެސް ބޭނުންވާނީ ފިރިމީހާ ޣުލާމެއްގެ ގޮތުގައި ހުރުމަށެވެ. ޤުދްރަތީގޮތުން ޖަލާލީއަކީ ހުތުރު މީހެކެވެ. ނަތީޖާއެއްގެ ގޮތުން އޭނާ އަބަދުވެސް ކޮއްކޮގެ ޣުލާމަކަށް ހުރުމަށް މަޖުބޫރު ވާނެއެވެ. ދެކެން ހުންނާށެވެ.]
ޖަޔާ ލޯމަރާލިއެވެ. އަޖައިބެއްފަދަ ހާސްކަމެކެވެ. ގޭގެ މީހުން ވަކިވަކިން ސިޓީލިޔެފައިވެއެވެ. އެކަމަކު އެންމެންގެ އަސަރަކީވެސް އެކައްޗެކެވެ. އުފަލުން ފޮޅިފައެވެ. ކޮންމެ ލަފުޒެއްގައި ފަޚުރުވެރިކަން ފާޅުކޮށްފައިވެއެވެ. ތާނޫ ދައްތަ ޖަލާލީގެ ހުތުރު ސިފައާއި މެދުގައިވެސް އަލިއަޅުވާލާފައި ވެއެވެ. ޖަޔާގެ މޭގައި ކުށްވެރިކަމުގެ އިޙްސާސް މޯޅިއަށް ދެމެން ފަށައިފިއެވެ. ފައުޒިއްޔާ ހަމަ ޔަޤީނުންވެސް ތާނޫ ދައްތައާއި ގޭގެ އެހެންމީހުން ގާތުގައި ޖަލާލީގެ ހުތުރުކަމާއި ބެހޭގޮތުން ވާހަކަ ދައްކާނެއެވެ.
އެކަމަކު.......
ޖަޔާގެ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އޭނާގެ ނިމުމަކީ ކޮބައި ހެއްޔެވެ؟ ވިސްނަމުން ވިސްނަމުން ގޮސް އޭނާގެ ސިކުނޑިއަށް އެނބުރުން އަރަން ފަށައިފިއެވެ.
****************
ޖަލާލީ ނޫކުލައިގެ ސިޓީއުރަ ނަގައިފިއެވެ. އަދި އޭގެ ދެފުށް ބަލާލިއެވެ. ދެން މޭޒުމަތީގައި ބާއްވައިފިއެވެ. އޭނާ އިނީ މޭޒުކައިރީގައި ހުރި އެނބުރޭ ގޮނޑީގައެވެ. މޭޒަކީވެސް އެހާމެ ރޫފަ ހެޔޮ ރީތި ބިއްލޫރި މޭޒެކެވެ. މޭޒުގެ ކަނާތް ފަރާތުގައި ފޯނު ހުއްޓެވެ. ވަށިގަނޑުގައި ވައްތަރު ވައްތަރުގެ ލިޔުންތައް ހުއްޓެވެ. އަދި މޭޒުގެ ކަނާތް ފަރާތުގައި ދިހަވަރަކަށް ފައިލު އޮތެވެ. މިހެންގޮސް އޮފީސް މޭޒަކަށް ބޭނުންވާނެ ހުރިހާ ސާމާނެއް އެމޭޒުމަތީގައި ހުއްޓެވެ. ވާތް ފަރާތުގައިވެސް ފޯނެއް ހުއްޓެވެ. މޭޒުގައި ވަށައިގެން ރީތި ގޮނޑިތަކެއް އަތުރާލާފައިވެއެވެ. އޭގެ ފުރަގަހުގައި ފުޅާ ކިޑިކީ ދޮރެއް ހުއްޓެވެ. އެތެރެ ފަރާތުން އޮފްވައިޓް ފަރުދާއެއް ދަމާލާފައިވެއެވެ. މުޅި ކޮޓަރީގެ އެތެރޭ ބިތްގަނޑުތައް ހަދާފައިވަނީ ލަކުޑި ފިލައިންނެވެ. ފުރަނީޗަރުތައް ހުރީ ނޫކުލައިންނެވެ.
ކުޑަވަރެއްގެ އީރާނީ ކާޕެޓްކޮޅެއް މޭޒާއި ގޮނޑިތަކާއި ދެމެދުގައި އަޅާލާފައި އޮތެވެ.
ޖަލާލީގެ މޫނުމަތީގައި އެއްވެސް ވައްތަރެއްގެ އަސަރެއްނެތެވެ. ކާވެނީގެ ސަބަބުން ފޮނިކަމެއް ލިބުނުނަމަ ބަފާކަލޭގެ ފޮނުވި ފުރަތަމަ ސިޓީއަކީ ޝައުޤުވެރިކަމާއި އުފާވެރިކަމުގެ ސަބަބަކަށް ވީހެވެ.
އެކަމަކު.......
މިސިޓީ ކިޔުމަކުން ވާނެކަމެއްވެސް ނެތެވެ. ބަލާވެސް ނުލާ ކުދިކުދި ކޮށްލާފައި ވަށިގަނޑަށް އަޅާލިކަމުގައި ވިޔަސް ވަކި ތަފާތެއް ނުހުންނާނެއެވެ. ބައްދަލުވުމުގެ ކުރީގައި ޖަޔާގެ ގުޅުން ކެނޑިއްޖެއެވެ. ފުރަތަމަ ދުވަހު އެންމެފަހުގެ ގަޑިވެސް ޖެހިއްޖެއެވެ. ކަމުގެ ފެށުން ނިމުމުގެ ސިފައިގައި ފެނިގެން ހިގަނއްޖެއެވެ.
އެކަމަކުވެސް ހިތުގެ ސިއްރު ވަތްގަނޑުގައި ވަޅުލެވުމުގެ ކުރީގައި ސަލާމަތް ކުރެވިފައިވާ އެންމެ އުންމީދެއް އޮތެވެ.
އެކެއް.....
ދޭއް........
ތިނެއް........
އަދި ހަތަރުވަނަ ދުވަސް ނިމިގެން ދިޔައީވެސް ހަމަ އެއުންމީދުގައެވެ. ޖަޒްބާތުގެ އޮއިވަރުގައި އޮވެ ޖަޔާ އައްސޭރި ފަށުގައި ހިފާތޯއެވެ. އޭނާގެ ހުތުރު ސިފައާއިމެދު މާފުކޮށް އޭނާގެ ކައިރިއަށް އާދެވޭތޯއެވެ. ޖަޔާ ކޮށްފައިވާ ކަންތައްތަކާއި ބުނެފައިވާ ބަސްތަކާއިމެދު މަޢާފުދިނުމަށް އެއުންމީދު ޖަލާލީއަށް އެދިފައިވެއެވެ.
އަދި ޖަލާލީ އެއުންމީދު އެދިފައިވާ އެދުމާ އެއްބަސް ވެފައިވެއެވެ.
އެކަމަކު އިއްޔެ ޖަޔާގެ ޢަމަލުތައް އިމްތިޙާނު ކުރެވުނެވެ. ޖަލާލީއަކީވެސް އިންސާނެކެވެ. ކެތްކުރެވޭނީވެސް ވަކިވަރަކަށެވެ. އޭނާ ނިކަމެތި ކޮށްލެވުމުން މިދާވަރު ތަޙައްމަލު ކުރެވޭހާ ހިތްވަރެއް މިހާރަކު ނެތެވެ. އޭނާ ހިތުގައި ފޮރުވާފައިވާ އެއްކަލަ އުއްމީދުގެ ކަރުގައި ހިފައިފިއެވެ. އެވަގުތު ހިތްވެސް ކުދިކުދިވެގެން ނުދިޔައީ ހަމަ ކިރިޔާއެވެ.
މިހާތަނަށް ޖަޔާ ފުރުމުގެ ކަންތައްތަކުގައި ޖަލާލީ އުޅުނީ ހިތާދެކޮޅަށެވެ. އެހެންނަމަވެސް އިއްޔެ އޭނާގެ ޚިޔާލު ބަދަލުވެއްޖެއެވެ. ވީހާ އަވަހަކަށް މިބިރުވެރި ކިއްލާއިން ޖަޔާ ސަލާމަތް ކުރުމަށް ހިތުގެ އަޑިން ނިންމައިފިއެވެ. އަދި ޚުދް އޭނާވެސް ސަލާމަތްވުމަށް ނިންމައިފިއެވެ.
މިގޮތަށް ޢަމަލުކުރުމަށް އޭނާއަށް ޙައްޤެވެ.
އޭނާގެ ޔަޤީންކަމަށް ވަރުގަދަ ޒަލްޒަލާއެއް އައިސްފައިވެއެވެ. އަމިއްލަ ވަޠަނުގެ އަންހެން ކުދިންނާއިމެދު އޭނާގެ ޚިޔާލަކީވެސް މަޖުބޫރީ ޙާލަތު ތަންދޭ ގޮތަކަށް ޢަމަލުކުރާ ބައެއް ކަމުގައެވެ. ނަމަވެސް ކަންތައް ދިމާވީ މުޅިން އިދިކޮޅަށެވެ.
ޒުވާން ކޮންމެ ފިރިހެނަކު ފަދައިން އޭނާވެސް ކުލަ ރީތި ހުވަފެންތައް ދެކެފައިވެއެވެ. އަންބެއްގެ ތަޞައްވުރު ޤާއިމުކޮށްފައިވެއެވެ. އަމިއްލަ ހުތުރު ސިފަ އިޙްސާސް ކުރެވުމާއި އެކުގައިވެސް ރީތި އަންހެން ކުދިންނަށް ހިތްކިޔާފައިވެއެވެ. ހަމައެކަނި ރީތިކަމެއް ނޫނެވެ. އުޅުމާއި އަޚްލާޤަށްވެސް އޭނާ ބަލައެވެ.
އެތައް އިރެއްވަންދެން ޖަލާލީ މާނައެއްނެތް ނަޒަރަކުން އެސިޓީއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. ދެން ސިޓީ ނަގައިފިއެވެ...... ސިޓީއުރަ ކަނޑާލުމާއެކު އޭނާގެ ތުންފަތުގައި އެއްވެސް ކުލައެއްނެތް ހިނިތުންވުމެއް ދުވެލިއެވެ. ކާކުގެ ސިޓީއެއް ބާވައެވެ.
އެމީހަކާމެދު ގުޅުމެއްނުވާ އަދި ގުޅުންހުރި މީހެއްގެ ސިޓީއެކެވެ.
ޖަލާލީ ފުންނޭވާއެއް ދޫކޮށްލަމުން އުރައިން ސިޓީ ނެރެފިއެވެ. އަދި ގޮނޑީގައި ރަނގަޅަށް ލެނގިލިއެވެ.
އޭނާގެ ނަމުގައި އޮތް ސިޓީއެކެވެ. ލިޔެފައިވަނީ ނާޖިޔާގެ ބައްޕައެވެ.
ލޯބިން ފުރިފައިވާ ސިޓީއެކެވެ. ލޯބިވެތި ގޮތަކަށް ލިޔެފައިވާ ސިޓީއެކެވެ. ޖަލާލީގެ ހިތްމަޑުވެގެން ދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ.
އެމާތް އިންސާނާގެ ލޯބި އަބަދުގެ އަބަދަށް އޭނާއަށް ލިބޭނެނަމަ ކޮންފަދަ ހެއްޔެވެ.
އޭނާ ލިޔެފައި އޮތެވެ.
[ދަރިފުޅާ ޖަލާލީއެވެ. އަހަރެމެން މިތިބީ ދަރިފުޅާއި ދުރުގައެވެ. ވަރަށް ދުރުގައެވެ. އަހަރެމެންނަށް ދަރިފުޅު ނުވެސް ފެނެއެވެ. އެކަމަކު ހީވަނީ ހަމަ އަހަރެމެންގެ ތެރޭގައި ދަރިފުޅު އުޅޭހެންނެވެ. ބައްޕައާއި މަންމަގެ ހިތުގައި ދަރިފުޅަށްޓަކައި އުފެދިފައިވާ ލޯތްބަކީ ޙަޤީޤީ ދަރިއަކަށް ދެވޭނެ ފަދަ ލޯތްބެކެވެ.
އެހެން ތަނެއްގައި ލިޔެފައިވެއެވެ.
[ނާޖިޔާއަކީ ދުވަހަކުވެސް އަހަރެމެންގެ ލޯމަތިން ދުރަށްދިޔަ ކުއްޖެއްނޫނެވެ. އެކަމަކު މިހާރު އެއިނީ އެތައް ސަތޭކަ މޭލެއްގެ ދުރުގައެވެ. ދަރިފުޅާއެވެ. އަންހެން ކުދިންނަކީ އެހެން ބައެއްގެ މުދަލެކެވެ. އެމީހުން މައިންބަފައިން ދޫކޮށްދާން ޖެހޭނެއެވެ. އެކަމަކު ހަނދާން ކުރާށެވެ. އަންހެން ކުއްޖެއްގެ މިޤުރްބާނީއަކީ ހަމައެކަނި އެންމެ އިންސާނަކަށްޓަކައި ވެވޭ ޤުރްބާނީއެކެވެ. އަމިއްލަ ފިރިމީހާ އަށްޓަކައެވެ. އެކުއްޖަކާމެދު ހުރިހާގޮތަކުން ރައްކާތެރިވުމަކީ އަދި ޚިޔާލު ބެހެއްޓުމަކީ ފިރިމީހާގެ ފަރުޟެއްވެސް މެއެވެ.
ޖަލާލީ ދަރިފުޅާއެވެ. ނާޖިޔާގެ އުފަލާމެދު އެއްވެސް ޝައްކެއްނެތެވެ. އެކަމަކު ބުނަން ހެއްޔެވެ. ނާޖިޔާ ކަހަލަ ކުއްޖަކު ވަރަށް މަދުވާނެއެވެ. ބައްޕައެއްގެ މަޤާމުގައި ހުރެ ދަރިފުޅަށް ތަޢުރީފު ކުރަނީކީ ނޫނެވެ. ޙަޤީޤަތް ބަޔާން ކޮށްދެނީއެވެ. އޭނާ ގެންގުޅެ ބޮޑުކުރީ އިންސާފަށް ލޯބިކުރާ މާތް އަންހެނެކެވެ. މަންމައަކީ އެހެން މީހުންގެ އުފަލަށްޓަކައި ތިމާގެ ހުރިހާކަމެއް ޤުރްބާން ކޮށްލާ އަންހެނެކެވެ. މިހުރިހާ ސިފަތަކެއް ޖަޔާއަށް ވާރުތަވެފައިވެއެވެ. މިސަބަބުތަކަށްޓަކައި ނާޖިޔާއަކީ ފިސާރި ބަސްއަހާ ޚިދުމަތްތެރި ރަނގަޅު އަންހެން ކުއްޖަކަށް ވާނޭކަމުގައި އަހަރެން ޔަޤީން ކުރަމެވެ.]
ޖަލާލީ މޭޒުމަތީގައި ސިޓީ ބާއްވައިފިއެވެ. ބައްޕައެއްގެ އުފަލާއިމެދު އޭނާވެސް ހަރުއަޑުން ހީނގަތުމަށް ހީކުރިއެވެ.
އެކަމަކު އެހުނުން ކޮބައި ހެއްޔެވެ. އޭނާގެ ކަރުތެރޭގައި ބޮޑު އެތިގަނޑެއް ތާށިވެފައިވާ ކަހަލައެވެ. މޭޒުމަތީގައި ބޯޖައްސާލުމާއިއެކު ދެއަތުގެ މުލައްދަނޑިން ބޮލުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. ހަމަ މިހާރުގޮސް ޖަޔާއަށް އެސިޓީ ދެއްކުމަށް އޭނާގެ ހިތަށް އެރިއެވެ. އޭރުން ޖަޔާއަށް ކުށްވެރިވެއްޖެ ކަމުގައި ޔަޤީން ކުރެވިދާނެއެވެ. އޭނާ އެމީހުންގެ ބޮލާއި އަމާޒުކުރަން އެއުޅެނީ ކިހާވަރުގަދަ ބޮމެއްކަންވެސް އެނގިދާނެއެވެ.....
ބޮމް....... އެމީހުންގެ އުފާތަކާއި އުއްމީދުތައް ފުނޑުފުނޑު ކޮށްލާނެ ބޮމެކެވެ.
އެކުށެއްނެތް މައިން ބަފައިންނާއިމެދު ޖަލާލީގެ ހިތުގައި ރަޙުމް އުފެދިއްޖެއެވެ. ދެން ވިސްނުމުގެ މިޞްރާބު ބަދަލުކޮށްލިއެވެ. އަދި މިހުރިހާ ގެއްލުމެއްގެ ޒިންމާ އުފަލަންޖެހޭ ކުށްވެރިއަކީ ޚުދް އޭނާކަމުގައި ދެކެން ފަށައިފިއެވެ.
ހާސްކަމުގެ ވަގުތުތަކެއް ވޭތުވެގެން ހިނގައްޖެއެވެ.
އޭނާ އަނެއްކާވެސް މޭޒުމަތިން ބޯހިއްލާލިއެވެ. ސިޓީ ފަތްޖަހާފައި އުރައަށް ލުމަށްފަހު ޓްރޭގައި ބާއްވައިފިއެވެ. ނާޖިޔާގެ ބައްޕަ، ސިޓީގެ ޖަވާބު ފޮނުވުމަށް އެދިފައި އޮތެވެ.
ޖަލާލީހުރީ ޖަވާބެއް ފޮނުވޭ ކަހަލަ މޫޑެއްގައެއް ނޫނެވެ. ލިޔާނީ ކީކޭ ކިޔާފައި ހެއްޔެވެ.
ގަޑިއަށް ބަލާލުމާއިއެކު އޭނާއަށް ވަގުތުގެ އިޙްސާސް ކުރެވިއްޖެއެވެ. އެގާރަ ޖަހާއިރަށް އޭނާ ވަކީލު ގާތަށް ދާން ޖެހެއެވެ. އެގާރަ ޖެހަންހުރީ ހަމައެކަނި ވިހިމިނެޓެވެ.
ޖަލާލީ އަވަސް އަވަހަށް ވަތްގަނޑުން ދެ ފައިލު ނަގައިފިއެވެ. ބޮޑު ސިޓީއުރައެއް ފުރެންދެން އެކިއެކި ލިޔުން ހުއްޓެވެ. އެސިޓީ އުރަވެސް ބްރީފްކޭހަށް ލައިފިއެވެ. ވަކީލާއި ބައްދަލުކުރުމަށްފަހު އޭނާ ޑިވޯސް ކޮންސަލްޓެންޓާއި ބައްދަލުކުރަން ޖެހެއެވެ. އެތަނުން އެމްބަސީ އަށެވެ.
ހިނދުކޮޅަކު ހިމޭނުން އިނުމަށްފަހު އޭނާ ހުރިހާ އެއްޗެއްސަށް ނަޒަރު ހިންގާލިއެވެ. ދެން ކޯޓުނަގާފައި ގަޔަށް މަހާލިއެވެ. އަދި ފެންވަރާ ކޮޓަރިއަށް ވަދެ އިސްތަށިގަނޑު ރީތި ކޮށްލިއެވެ.
ބްރީފްކޭސް ހިފައިގެން ޖަލާލީ ކޮޓަރިން ނުކުމެއްޖެއެވެ. އެވަގުތު މިސިޒް ހެރަލްޑް އަނެއްކޮޅަށް ދަނީއެވެ. އޭނާއާއެކު ނާޖިޔާވެސް ހުއްޓެވެ. ނާޖިޔާހުރީ ޖަރީކުރި ހުދު ހެދުމެއްގައެވެ.
[މިސިޒް ހެރަލްޑެވެ!] ޖަލާލީ ގޮވާލިއެވެ.
މިސިޒް ހެރަލްޑާއެކު ނާޖިޔާވެސް އެނބުރި ބަލާލިއެވެ.
[ލައްބައެވެ......] މިސިޒް ހެރަލްޑް އޭނާގެ ކައިރިއަށް އަތުވެއްޖެއެވެ. ޖަޔާ އަނެއް ފަރާތަށް އެނބުރިއްޖެއެވެ. އެކަމަކު އެހުރިތާނގައި ހުރީއެވެ.
[އަހަރެން މެންދުރު ކާނީ ބޭރުންނެވެ. އަހަންނަށް އިންތިޒާރު ނުކުރާށެވެ.] ޖަލާލީ ބުންޏެވެ.
[ލައްބައެވެ.... އަޅުގަނޑުމެންވެސް ބޭރަށް ދަނީއެވެ.]
[އެންމެ ރަނގަޅެވެ.]
[މިއަދު އަޅުގަނޑުމެން މިދަނީ އަތިރި މައްޗަށެވެ.]
]އަވަހަށް ދާށެވެ..... އިއްތިފާޤުން ޖަޔާއަށް އެމެރިކާއަށްވެސް އާދެވިއްޖެއެވެ. ދެން ރަނގަޅުވާނީ ދިއުމުގެ ކުރީގައި ރަނގަޅަށް ތަންތަން ބަލާލުމެވެ.]
ޖަލާލީގެ އަޑުގައި ވަރުގަދަ ދިލައެއް ހުއްޓެވެ. ޖަޔާގެ ހިތް އަނދައިފިއެވެ.
[ތިޔަކަންތައް އޭނާއަށް ފުރިހަމަ ކޮށްދޭނަމެވެ....] މިސިޒް ހެރަލްޑް ބުންޏެވެ. އޭނާ އެނބުރިލާފައި ޖަޔާއަށް ބަލާލިއެވެ. ޖަޔާ ހުރީ އިސްޖަހައި ގެންނެވެ.
[ވަރަށް ރަނގަޅެވެ.] ޖަލާލީ ބުންޏެވެ.
[އޭނާގެ ބައްޕަ ފޮނުވިސިޓީ އަހަރެންގެ އޮފީސް މޭޒުމަތީގައި އޮންނާނެއެވެ. އެސިޓީ ކިޔާލަން ނާޖިޔާ ބޭނުންވާނެ ކަންނޭނގެއެވެ.]
[ބޭނުންވާނެއެވެ.]
[ހެރަލްޑް އޭނާއަށް ސިޓީ ގެނެސްދޭށެވެ.]
[ލައްބައެވެ!]
ޖަލާލީ ދުރުހިލޭ ގޮތަކަށް ނާޖިޔާއަށް ބަލާލިއެވެ. އޭނާވެސް ޖަލާލީއަށް ބަލާލިއެވެ.
ހަތަރުކަޅި ބައްދަލުވުމަކީ އެއްގޮތަކުން ބަލާއިރު މާކަ މުހިންމު ކަމެއްނޫނެވެ. އެދެމީހުން އެކަކު އަނެކަކަށް ބަލާލީ ހަމައެކަނި ދުރުހިލޭ ބައެއްގެ ގޮތުގައެވެ.
[ސިޓީ ކިޔާލަ ބަލާށެވެ.] ޖަލާލީ ޖެހިލުމެއްނެތި ބުންޏެވެ. [ޖަޔާގެ އަތުގައި ސިޓީ ބޭއްވިއަސް އެންމެ ރަނގަޅެވެ. ޖަޔާއަށް ފެންނަކަމެއް ކަމުގައި ވަންޏާ ޖަވާބުވެސް ލިޔެލާށެވެ.]
ޖަލާލީ ހަރުކަށި ގޮތަކަށް ބުންޏެވެ.
ނާޖިޔާ ހަމަ އެކައްޗެއްވެސް ނުބުނެއެވެ.
ޖަލާލީ ހިނދުކޮޅަކަށް ހުއްޓުން އަރުވާލާފައި އަނެއްކާވެސް ބުންޏެވެ. [ނާޖިޔާގެ ބައްޕަގެ ސިޓީގެ ޖަވާބު ފޮނުވުމަށް އެދިފައިވެއެވެ. އެކަމަކު މިހާރު އަހަރެން މިހިރީ ޖަވާބު ފޮނުވޭފަދަ މޫޑެއްގައެއް ނޫނެވެ. ވީމާ ނާޖިޔާއަށް ފެންނަ ވާހަކައެއް ލިޔާށެވެ. އެހެންނޫނީ ރަށަށްގޮސް އަނގަބަހުން ހުރިހާ ވާހަކައެއް ކިޔާދޭށެވެ.]
ޖަޔާގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނާ ހަރު އަޑުން ބުނަން ހިތަށް އެރިއެވެ.
]އަޅުގަނޑަކަށް ނުދެވޭނެއެވެ. އަދި ދާކަށް އަޅުގަނޑު ބޭނުމެއްވެސް ނޫނެވެ.]
އެހެން ނަމަވެސް އެލަފްޒުތައް އޭނާގެ ކަރުތެރޭގައި ތާށިވެއްޖެއެވެ. ލުއި ކަރުނައެއް ލޮލުގައި އުފެދިގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރިލައިފިއެވެ. އަދި އިނގިލީގެ ބަނޑުފުށުން ލޯކައިރި ފޮހެލިއެވެ. ހަމައެއާއިއެކު ހިނގައި ގަތުމަށް ފިޔަވަޅު ނެގިއެވެ.
(ނުނިމޭ......)
މި ލިޔުން؛ފޮނުވުން: އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
ޝާއިޢުކުރުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)