އަދުގެ ޚާއްސަ

Print

ޖާން ޑޮމިނިކް ބޯބީގެ ލާމަސީލު ހިތްވަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި


އަޙްމަދް ސަމީރު ޢަލީ

ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގެ މަޝްހޫރު ހޮސްޕިޓަލެއްގައި، އެންމެ ބޮޑަށް އަޅާލުން ބޭނުންވާ މީހުންގެ ކޮޓަރީގައި ފަރުވާ ދެވެމުން އެދާ އެކަކީ  އުމުރުން 43 އަހަރުގެ  (Jean-Dominique Bauby)  ޖާން ޑޮމިނިކް ބޯބީއެވެ. ދެތިން ދުވަސް ކުރިން، އެއްތާކު ދެފައި ނުޖަހައި އަވަދި ނެތި އުޅުނު ލިޔުންތެރިއެކެވެ. މުޅި ދުނިޔެއަށް މަޝްހޫރު ފެޝަން  މަޖައްލާ އެލް (Elle)   ގެ އެޑިޓަރެވެ!

ހަށިގަނޑުގެ ހަމަ އެއްވެސް ގުނަވަނެއް ތަޅުވާލެވޭނެ ގޮތެއްނެތި ހޮސްޕިޓަލުގެ އެންމެ ބަލިމީހުންގެ ތެރޭގައި އޮތުން ނޫން ދެވަނަ ގޮތެއް މިއަދު އޭނާއަކަށް ނެތެވެ.! ސިކުނޑީގެ ވަޒީފާއަކީ ބުއްދި ކަމުގައިވާނަމަ، އޭނާގެ ސިކުނޑި ރަނގަޅެވެ. ވިސްނުން ހަމަ ކުރިއެކޭ އެއްފަދައިން ތޫނެވެ. ލިޔުމަކީ އޭނާއަށް، ނޭވާލުން ފަދަ މުހިންމު ކަމެކެވެ. ނަމަވެސް ގަލަމެއްގައި ހިފާކަށް އޭނާގެ އިނގިލިތައް ހަނދާނެއްނެތެވެ! ވަށައިގެން ތިބި މީހުންނާ ވާހަކަ ދައްކައި އެ މީހުންގެ ކަރުނައިން ފުރިފައިވާ ސުވާލުތަކަށް ޖަވާބެއް ދޭހިތްވި ނަމަވެސް އޭނާގެ ސިކުނޑީގައި އަތުރައިލާ ބަސްކޮޅު ދުލާހިސާބަކަށް ނުދެއެވެ!    ދެލޮލުގެ ފެނުން ކުރިޔާ ތަފާތެވެ. ނަމަވެސް ދެ ލޮލަށް ވެސް ފެނެއެވެ. ނަމަވެސް އެއްލޮލުގެ އެސްފިޔަ ނުޖެހޭތީ މިހާރު އެލޯވެސް ފަހައި ބަންދުކުރެވުނީ އެސްފިޔަ ނުޖެހުމުގެ ސަބަބުން އެލޯ ފާރުވެދާނެތީކަމުގައި ޑަކްޓަރުން ކިޔައިދީފައެވެ.

ފަރަންސޭސިވިލާތުގެ އެންމެ ހަލަބޮލި އެއް ޞަނާޢަތު ކަމަށް ބެލެވޭ ފެޝަން ދާއިރާގެ ނާރެހުގައި، އޭނާ ބަލައިލާތޯ، ފުއްޓަތްކެއް ޖަހާތޯ އެތައްބަޔަކު ބަލަބަލާ ތިބި މަޝްހޫރު އެޑިޓަރަށް މިއަދު ވަށައިގެންތިބި މީހުންނާ މުޚާތަބު ކުރެވެން އޮތް ހަމަ އެކަނި ގޮތަކީ އެއް ލޮލުގެ އެސްފިޔަ ޖަހައިލުމެވެ! މިދެންނެވި ހުރިހައި ދަތިކަމެއްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހައި މިހެން އޮވެގެން މި ހިތްވަރުގަދަ މީހާ ފޮތެއް ލިޔެ، ކިޔުންތެރިންގެ ކުރިމަތީގައި އެފޮތުގެ މަގުބޫލުކަމުން [އެންމެ ގިނައިން ވިކޭ] ފޮތްތަކުގެ ލިސްޓުގައި ހިމެނި އެތައް މަސްދުވަހަކު ލިސްޓުން ސޮއްސައިނުލައި އޮތުމަކީ ޖާން ޑޮމިނިކް ބޯބީގެ ލާމަސީލު ހިތްވަރާއި ކުޅަދާނަކަމުގެ ހެތްކެކެވެ.

އަޅުގަނޑު މި އިޝާރާތްކުރާ ފޮތަކީ  “The Diving Bell and the Butterfly” އެވެ. މިމަޝްހޫރު ފޮތް މިހާރުވަނީ ހަމަ އެ ސުރުޚީގެ ދަށުން ފިލްމަކަށްވެސް ހެދިފައެވެ. ލިޔުންތެރިޔާ މި ސުރުޚީ އިޚްތިޔާރު ކުރެއްވީ، އެންމެ  އިހުޒަމާނުގައި މީހުން ފީނަން ބޭނުންކުރީ ޑައިވިންގްބެލް ކިޔާ އެއްޗެކެވެ. މިއީ ކުޑަ ކޮޓަރިއެއްވަރުގެ (ބަންޑުން އޮންނަ ) ދަގަނޑު ތޮތްޕެއް ކަހަލަ އެއްޗެކެވެ. މި ޑައިވިންގް ބެލްގެ ތެރޭގައި ތިބޭ ފީނާ މީހުންނަށް ނޭވާ ލެވެނީ މީގައި ހައްޔަރުވެފައިވާ ވައިކޮޅުންނެވެ. މީގެ ތެރެއިން ނިކުމެއްޖެ ނަމަ ނޭވާލެވޭނެ ގޮތެއް އެޒަމާނުގައި ހޯދިފައެއް ނެތެވެ. ވީމާ ޑައިވިންގް ބެލް އެތެރޭގައި ތިބޭ ފީނާމީހުންނަކީ އޭގެތެރޭގައި ހައްޔަރުވެފައިވާ ކަހަލަ ބައެކެވެ. މިފޮތުގެ ލިޔުންތެރިޔާ އެ ސިފަކުރައްވަނީ އޭނާ، އޭނާގެ ހަށިގަނޑުގެ ތެރޭގައި ހައްޔަރުވެފައިވާގޮތެވެ. ސުރުޚީގައި އެ އިޝާރާތް ކުރައްވާ ކޮކާލަކީ އޭނާގެ ވިސްނުމާއި ޚިޔާލެވެ. އެއްވެސް ހުރަހެއްނެތި، ދަތުރުކުރުމުގެ އުފަލާއި މިނިވަންކަން ލިބިފައިވާ ކޮކާލެއްފަދަ ޚިޔާލަށެވެ!

1995 ވަނަ އަހަރު ސްޓްރޯކެއް ޖެހި، ވާގި ނެތޭމީހުންނަށް ވަރަށް މަދުންނޫނީ ދިމާނުވާ ' ހަށިގަނޑުގައި މީހާ ބަންދުވާ' ބަލި ޖެހުމުގެ ހިތާމަ، އަޅުގަނޑުމެން ﷲ ގެ ތަނަވަސް ރަހްމަތްފުޅުން ސަލާމަތުން ތިބިމީހުން ވިސްނައިގަންނާނީވެސް ކޮންގޮތަކުންބާއެވެ؟  ނިކަން އަޅެ ޚިޔާލު ކޮށްލެވޭތޯ ހިނދުކޮޅަކު ވިސްނައިލައްވާށެވެ. ތިބާގެ ވިސްނުން ރަނގަޅެވެ. ހޫނާއި ފިންޏާއި ވޭން އިހުސާސު ކުރެވެއެވެ. '' ރީނދޫ ބެޑްޝީޓެއްގެ މަތީގައި އެއްވެސް ހަރަކާތެއްނެތި އަހަރެންގެ އަތު މުލައްދަނޑި، އޮންނަކަން އަހަންނަށް ފެނެއެވެ. އެއަތުގެ އިހުސާސްވެސް ވޭމެއެވެ. އަތް އެހެން އޮންނަން ދިމާވުމުން، އަހަންނަށް ވަރަށް ބޮޑު ވޭނެއް އިހްސާސު ކުރެވެއެވެ. އަތަށް ފިނިވާ ކަމެއް، ނުވަތަ ހޫނުވާކަމެއް ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް ތަދުވާކަން އިހުސާސުވެއެވެ. '' ނިތްކުރިން ހިއްލާ ދާ ތިއްކެއް ލޮލާ ދިމާއަށް މަޑުމަޑުން ވެއްޓެމުން އަންނަކަން އެނގެއެވެ. އެކަމަކު ކުރެވެން އޮތް ހަމަ އެކަނި ކަމަކީ އެއްލޮލުގެ އެސްފިޔަ ޖަހައިލުމެވެ. މިފަދަ ދަތިހާލެއްގައި އޮވެގެން އުފާވެރި ޚިޔާލު ކޮށް،  ފޫހި ނުވެ މީހުން ކިޔާ ޒާތުގެ ފޮތެއް އެކުލަވައިލެވޭނީ ކިތައް މީހުންނަށް ބާއެވެ؟


ޖާން ޑޮމިނިކް ބޯބީ އަށް އެ ހޮސްޕިޓަލުން ހަމަ ޖައްސައިދިން (ތެރަޕިސްޓް) ފަރުވާދިނުމުގެ އެހީތެރިޔާ އާ ގުޅިގެން މުވާސަލާތު ކުރެވޭނެ ގޮތެއް ހޯދިއެވެ. އެއީ އެހީތެރިޔާ އޭބީސީޑީގެ އަކުރުތައް ތަރުތީބުން ކިޔަމުންދާއިރު، ޖާން ޑޮމިނިކް ބޯބީ ހިތުގައި އޮތް އަކުރު އެހީތެރިޔާ ކިޔުމުން އެސްފިޔަ ޖަހައިލުމެވެ. މިހެން މި ދަތިހާލުގައި މުވާސަލާތު ކުރެވެން ފެށިފަހުން ނިސްބަތުން ފަސޭހަ ގޮތްގޮތް ދެމީހުންނަށްވެސް ވިސްނި މި މަސައްކަތް ފަސޭހަވަމުން ދިޔައެވެ. އަޅުގަނޑުމެންގެ ކޮންޕިޔުޓަރުގެ ކީބޯޑުގައި އަކުރުތައް އެތުރިފައި މިހުންނަކީ އެންމެ ގިނައިން ބޭނުންކުރަން ޖެހޭ އަކުރުތައް ވަކި އިނގިލިތަކަކުން އޮބޭ ގޮތަށެވެ. މި ދެމީހުންވެސް ފަރަންސޭސި ބަހުގައި އެންމެ ގިނައިން ބޭނުންކުރާ އަކުރުތައް ދެނެގަނެ، މިހެން ތަރުތީބު ކުރުމުން ކުރު ލަފުޒެއް ލިޔަން މުޅި އޭބީސީޑީ އެއްކޮޅުން އަނެއްކޮޅަށް ނުކިޔައި ފުދެން ފަށައިފިއެވެ. މިހެން ފަހަރަކު އަކުރެއް ލިޔަމުން އޭނާ ބުނާ ގޮތުގައި، އެންމެ ފުރަތަމަ ސިކުނޑީގައި ޖުމްލައެއް އެތުރެން އޮންނަ އެންމެ ކުރު ގޮތަކަށް އަތުރައިލަނީއެވެ. ދެން އޭނާގެ އެހީތެރިޔާއަށް އިމްލާ ކިޔައިދެނީއެވެ. ޖާން ޑޮމިނިކް ބޯބީ ލިޔުއްވާ ގޮތުގައި މިގޮތަށް މަޑުމަޑުން ލަސްލަހުން ނަމަވެސް އޭނާގެ ޚިޔާލު ފާޅު ކުރެވެން ފެށިފަހުން އޭނާގެ [ޑައިވިންގް ބެލް] ތަންކޮޅެއް ޖާގަ ބޮޑު އެއްޗަކަށްވެ، ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އިޙްސާސްކުރެވި، އޭނާގެ ޚިޔާލު ކޮކާލެއްހެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުދުހޭން ފަށައިފިއެވެ! މި ހިތްވަރުގަދަ ލިޔުންތެރިޔާ ލިޔުއްވާ ގޮތުގައި އޭނާ އަށް އޮތީ ދެގޮތެކެވެ. ދިމާވި ބަދުނަސީބަށް ނަފުރަތުކޮށް މަރުވަންދެން ވިޔާނުދާ ޚިޔާލުތަކެއްގެ ތެރެއަށް ޣަރަޤުވެފައިއޮތުމާއި، ދިމާވި ކަންތައް ގަބޫލުކޮށް އެހެން އޮވެގެން ކުރެވެން އޮތް އެންމެ ރަނގަޅުކަންތައް ކުރުމުގައި ދެމިހުރުމެވެ! މި ހިތްވަރުގަދި ލިޔުންތެރިޔާ ނިޔާވީ 1977 ވަނަ އަހަރުގެ މާޗް 6 ވަނަ ދުވަހެވެ. އެއީ އޭނާ ލިޔުއްވި ފޮތުގެ ފަރަންސޭސި ބަހުގެ އެޑިޝަން ބާޒާރަށް ނެރެވި 3 ދުވަސް ވީފަހުންނެވެ.

މި މަޒުމޫނު ވިދާޅުވާ ކޮންމެ ބޭފުޅަކުވެސް އާދަވެގެން ލިޔުއްވަން ފައްޓަވަންވީއެވެ. އަޅެ ތިބާއަށް، އުޒުރެއް ދިމާވެފައި އެބައޮތްބާއެވެ؟  އޮތްނަމަ އަދި އެއްފަހަރު މި މަޒުމޫނުވިދާޅުވަންވީއެވެ!
-----------------
(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ