އިޖިޕްޓޮލޮޖީގެ ބާނީ
އަޙްމަދު ސަމީރު ޢަލީ
އިޖިޕްޓޮލޮޖީގެ ބާނީ ޖާން ފްރާންސްވާ ޝެމްޕޮލިއޯން
މި ސައިޓަކީ ބަހަށް ޝައުޤް ހުރި މީހުން، މުނިފޫހިފިލުވުމާއި މައުލޫމާތު ލިބިގަންނަ ހިޔަލަކަށްވާތީ ބަސްވާރުންގެ ތެރެއިން އަރައިހުންނެވި ބޭކަލެއްގެ ކުރު ތައާރަފެއް ގެނެސްދިނުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. ހުޅަނގުގައި، އިރުމަތީ ބަސްކަމުގައި މަޝްހޫރު އެތައް ބަހެއް ފަރިތަކަމާއެކު ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ މާދަރީ ބަސްކަމުގައިވާ ފަރަންސޭސި ބަހުގެ އިތުރުން، އުމުރުން 20 އަހަރު ނުވަނީސް، ލެޓިން، ޔޫނާނީބަސް، ހީބްރޫ (ޢިބްރީ) އިތިއޯޕިޔާގެ އަމްހަރީބަސް، ސާންސްކްރިތް، އީރާން މީހުން އިސްލާންވުމާ ހިސާބަށް ބޭނުންކުރި ޕަހްލަވީ ބަސް، ހަމަ އެރަށުގެ އަވެސްޓަން ބަހާއި ފާރިސީބަސް، އަދި މިސްރުގެ ކްރިސްޓިއަނުންގެ (ޤިބްޠީ) ކޮޕްޓިކް ބަސް ވެސް ވަރަށް ރަނގަޅަށް ދެނިލައްވައެވެ.
މާދިގުވެގެން މިދިޔަ ތަޢާރަފު ޙައްޤުވަނީ ފަރަންސޭސި ވިލާތުގެ (Jean Francois Champollion)ޖާން ފްރާންސްވާ ޝެމްޕޮލިޔޯން އަށެވެ. މުޅިދުނިޔެއަށް މަޝްހޫރުވެގެންދިޔައީ ޤަދީމީ މިސްރު މީހުންގެ ހައިރޯގްލިފް ބަސް (ކުރެހުމުން) ރަމްޒުކޮށްދޭ އަކުރު އަލުން ލިޔަން ކިޔަން، އަދި ވާހަކަވެސް ދެއްކޭ ބަހެއްގެ ގޮތުގައި، ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ ބުރަ މަސައްކަތުން އަލުން މިދުނިޔެއަށް ގެނެސްދެއްވި މީހާގެ ގޮތުގައެވެ. ޤަދީމީ މިސްރު މީހުންނޭ އަޅުގަނޑުމެން މިކިޔާ ބައެއްގެ ދިރިއުޅުމާ ބެހޭ ހުރިހައި މައުލޫމާތެއް ތާރީޚުގެ ތެރެއަށް ގެއްލި، ހަމަ ޙަޤީޤަތުގައި ވެސް އެދުވަސްވަރުގެ ލިޔުންތަކަށް ހިރަފުސް އަރައި މަކުނުވާ ދެމިފައި ހުއްޓައި، އެ ލިޔުންތަކުގައި ފޮރުވިފައި ހުރި ޅެންތަކާއި، ބޭސްވެރިކަމުގެ މައުލޫމާތާއި، ހިސާބު އިލްމު، ފަލަކީ އިލްމު، ނީލްކޯރުގެ ދިޔަވަރާއި، މިހެން ގޮސް އެމީހުންގެ ދިރިއުޅުމުގެ ހަމަ ހުރިހައި ކަމެއް އަޅުގަނޑުމެނަށް އަލުން އެނގުމުގެ ފަހަތުގައިވަނީ މިދެންނެވި ޒުވާން ޝެމްޕޮލިއޯނެވެ. ޤަދީމީ ކޮންމެ ބައެއްގެ ދިރިއުޅުން ދައްކައިދޭނެ ކުޑަ ދޮރަކީ އެމީހުންގެ ބަސް ނޫންތޯއެވެ. މި ބަސް ލިޔަން ކިޔަން ދަންނަ މީހަކު ނެތި ދެ ހާސް އަހަރަށް ވެރެ ގިނަ ދުވަސް ވެފައިވަނިކޮށް، މި ދެންނެވި ކުޑަދޮރު ހުޅުވައިދެއްވައި، އަޖައިބެއްފަދަ މުއްސަނދި ތަހުޒީބަކާއި ތަމައްދުނެއްގެ ވެރި ބަޔެއްގެ ދިރިއުޅުން އަޅުގަނޑުމެނަށް ހާމަ ކޮށްދެއްވީ މި ޒުވާން ފަރަންސޭސި ސައިންޓިސްޓެވެ. ތަކުރާރުކޮށް ޒުވާނެކޭ މި ލިޔެވެނީ އޭނާއަކީ އުމުރުން ވިހި އަހަރު ނުވަނީސް ޔުނިވަރސިޓީ ފެންވަރުގައި ހައެއްކަ ބަސް ކިޔަވައިދެއްވި ބޭފުޅަކަށް ވީތީއެވެ! ކުއްލި އާލާސްކަންފުޅެއްގައި މި ދުނިޔެ ދޫކުރެއްވިއިރު އަދި 43 އަހަރެއް ނުވެއެވެ. ބައެއް މީހުންނަކީ ކުރު މުއްދަތެއްގައި ދިހަ މީހުންނަށް ނުކުރެވޭވަރުގެ ކަންތައް ކުރުމުގެ ކުޅަދާނަކަމާއި ހިތްވަރު ލިބިފައިވާ މީހުންނޫންތޯއެވެ. މީނާގެ ކުރު އުމުރުފުޅުގައި އެ ކުރެއްވި ކަންކަމަކީ، އަޅުގަނޑު ހިތުން ފަންސާހަކަށް މީހުންނަށް އެއް ޓީމެއްގެ ގޮތުގައި ނޫނީ ނުކުރެވޭވަރުގެ މަސައްކަތެވެ.
މިހާރު (Egyptology) ގެ ނަމުން މަޝްހޫރުވެފައިވާ علم المصريات އަކީ، ޤަދީމީ މިސްރުގެ ތާރީޚާއި، ބަހާއި އެ ބަހުގެ އަދަބާއި އަދި އެމީހުންގެ ދީން (ނުވަތަ ދީންތައް) މި ހުރިހައި ގޮފިތަކާ ބެހޭ ދިރާސާ ކުރުމާއި ކިޔެވުމަށް ކިޔާ ނަމެވެ. މި ދެންނެވި އިޖިޕްޓޮލޮޖީގެ ބާނީ އަކީ ޝެމްޕޮލިޔޯނެވެ. ދެހާހެއްހައި އަހަރު ވަންދެން ކިޔަން ނޭނގި ގެއްލިފައި އޮތް ބަހެއް މާދުރުން އައި ޒުވާނަކު އަލުން ދިރުވައި އެބަސް އާންމު ކުރިގޮތާއި އެކަން ދިމާވި ގޮތް ބަލައިލަމާތޯއެވެ.
އިސްކަންދަރުލް އަކްބަރު ނުވަތަ (Alexander The Great) ގެ ނަމުން ނަންދެވިފައިވާ މިސްރުގެ އިސްކަންދަރިއްޔާ އަކީ މެދުތެރޭކަނޑުގެ ދެކުނު އައްސޭރީގައި ރީތި ގުދުރަތީ ބަނދަރެއް ލިބިފައިވާ އެހައި މެ ރީތި ސަހަރެކެވެ. އިސްކަންދަރިއްޔާގެ އިރުމަތިން 45 ކިލޯމީޓަރު ދުރުގައި، ހަމަ މިދެންނެވި ކަނޑު ހިއްސާ ކުރާ މިސްރުގެ އަނެއް ކުޑަކުޑަ ސަހަރަކި މިހާރު ގިނަބަޔަކު ދަންނަ ރަށެއްވެސް ނޫނެވެ. ނަމަވެސް މިސްރުމީހުންގެ ތެރޭގައި الرشيد ގެނަމުން މުޚާޠަބުކުރެވޭ މިރަށަށް އިނގިރޭސީން ކިޔަނީ ރޮޒެއްޓާ އެވެ.
ނެޕޯލިއަން ބޮނަޕާޓް މިސްރު ހިފައިގެން (އަދި ނެޕޯލިއަންގެ ލަޝްކަރު ޙިޞާރުކޮށްގެން އިނގިރޭސީން ފާރަލަމުން ދިޔަ ދުވަސްވަރެއްގައި) 1799 ގައި އައްރަޝީދުގައި ފަރަންސޭސި ލަޝްކަރުގެ މަރުކަޒެއް ރޭނުމުގެ ގޮތުން ކުރެވެމުން ދިޔަ މަސައްކަތެއްގައި އެ ހިސާބުގައި އާންމުކޮށް ނުހުންނަ ވައްތަރުގެ ހިލަ ގަނޑެއް ފަރަންސޭސީންނަށް ފެނުނެވެ. މި ހިލައަކީ އާންމުކޮށް ރާއްޖޭގައި މި ފެންނަ މަހާނަ ގައު ވަރުގެ ހިލަގަނޑެކެވެ. ރާއްޖޭގައި މިހާރުވެސް މި ފެންނަ ކަޅުހިލަދައި ހަދާފައިހުންނަ ޒާތުގެ ކަޅުހިލައެކެވެ. މި ހިލައިގައި ތިންވައްތަރެއްގެ ތަފާތު އަކުރުން ލިޔުމެއް ކަނޑައިނަގައިފައި ހުއްޓެވެ.
މި މަޒްމޫނު މާ ދިގު ނުކޮށް ވޭތޯ އަޅުގަނޑު ބަލާނަމެވެ. ނަމަވެސް، 1798 ގައި މިސްރު ހިފަން އައި ނެޕޯލިއަންގެ 400 އެއްހައި ނައުޒޯނގު ފަހަރުގައި ބައިލައްކައެއްހައި ސިފައިން ގެނައިކަމަށްވެއެވެ. މީގެ ތެރޭގައި އެކި ފަންނުގައި އަރައިތިއްބެވި 170 އެއްހައި ސައިންޓިސްޓުން ތިއްބެވިކަމަށްވެއެވެ. ވީމާ ނެޕޯލިއަންގެ ބޭނުންފުޅަކީ ހަމައެކަނި މިސްރުގެ ބިމަށް ވެރިވެގަތުމެއްނޫނެވެ. މިދެންނެވި އިލްމި ލަޝްކަރުން ކުރި އެންމެ ފާހަގަ ކުރެވޭ އެއް މަސައްކަތަކީ މިސްރުގައިވާ ހުރިހައި އެއްޗެއް، ފަނިފަކުސާއިން ފެށިގެން ޖަމަލާއި ހަމައަށް، ވިނައިން ފެށިގެން ބިޔަ ގަސްގަހާއި، ނީލްކޯރުގެ ދެފަރާތުގެ އައްސޭރި، ފަރުބަދަ މިހެން ގޮސް މުޅި މިސްރު ދިރާސާކޮސް، ''މިސްރު ސިފަކުރުން'' ފަރަންސޭސި ބަހުން މިނަންދޭހަވާ 29 ވޮލިޔުމްގެ ފޮތްބައެއް އެކުލަވައިލުމެވެ!!
އައްރަޝީދު ކިޔާ މިދެންނެވިރަށަށް އެމީހުން ރޮޒެއްޓާ ކިޔާތީ އެރަށުން ފެނުނު (ފަހުން އެންމެ މަޝްހޫރު ހިލައެއްކަމުގައިވި) ހިލަޔަށް ދިން ނަމަކީ [ރޮޒެއްޓާ ސްޓޯން] އެވެ. އަރަބިން ކިޔަނީ ހަޖަރު ރަޝީދެވެ. މި މަޒުމޫނު އެބޭފުޅަކަށްޓަކައި އަޅުގަނޑު ޚާއްސަ މިކުރާ ޝެމްޕޮލިއޯނަށް ވަރަށް ގިނަ ކުޅަދާނަ އިލްމުވެރިން އެހީވެދިނެވެ. ނަމަވެސް ފޫހިކަމެއްނެތި ވިއްސަކަށް އަހަރުގެ ބުރަ މަސައްކަތް ކުރެއްވި ބޭފުޅަކަށްވީ ހަމަ އޭނާ އެވެ. މިސްރުގެ އައްރަޝީދުން ފެނުނު މި ހިލައިގައި ވާ ތިން ލިޔުން ލިޔެފައިވަނީ ސަލާމް ލެއްވި ޢީސާ ޢަލައިހިއްސަލާމްގެ 196 އަހަރު ކުރިން ކަމަށް ބެލެވެއެވެ. އަޅުގަނޑުމެންގެ އެވޭލާ އަކުރާއި ދިވެސް އަކުރު މާޒީވެގެން ދިޔަގޮތަށް، ޝެމްޕެލިއޯނަށް މި ހިލަ ދިރާސާކުރަން ލިބުނު އިރު އެ ހިލައިގައިވާ ގަދީމީ ހައިރޯގްލިފްސް އާއި ޑިމޯޓިކް ބަހަކީ 'މަރުވެފައިވާ' ދެބަހެވެ. ނަމަވެސް ތިންވަނަ ބަހަކީ ބަސްވާރުން ދަންނަ ޤަދީމީ ޔޫނާނީ ބަހެވެ. ދިރާސާ ކުރުމަށް ވިސްނި ވިސްނުމުގައި ތިން ބަހުންވެސް ލިޔެފައި މިހުރީ ހަމަ އެކައްޗެއްކަން އެނގިއްޖެއެވެ. ވީމާ ރަނގަޅަށް ދަންނަ ބަހުގެ އެހީގައި ނުދަންނަ ދެބަސް މަޑުމަޑުން ދަސްކުރަމުންގޮސް ޤަދީމީ ހައިރޯގްލިފްސް ބަހުގެ ފޮރުވިފައިވާ ސިއްރުތައް ދެނެގަނެވުނީއެވެ. ގާތްގަނޑަކަށް ވިހި އަހަރުގެ މަސައްކަތުންނެވެ!!!
އެދުވަސްވަރު ފަރަންސޭސީންނާއި އިނގިރޭސީންނަކީ ހަމަ އަބަދުހެން ހަނގަރާމައިގެ ހާލަތުގައި ތިބި ބައެކެވެ. މިހެން ކަންތައް އޮތުމުން، ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ފަރަންސޭސީންނަށް މި މަޝްހޫރު ހިލަ، އިނގިރޭސީންނާ ހަވާލުކުރަން މަޖްބޫރުވިއެވެ. މިސްރުގެ ގައުމީ ދާރުލް އާސާރުގައިވާ އަގު ބޮޑު އާސާރީ ތަކެތީގެ ތެރޭގައިވާ ހަމަ އެކަނި އެއްޗެއްގެ ނަކަލަކީ މިދެންނެވި ހިލައިގެ ނަމޫނާއެވެ. އިޖިޕްޓޮލޮޖީ އިލްމުގެ ދޮރުހުޅުވައިދިން ތަޅުދަނޑި ކަމުގައިވާ މި ހިލަ މިހާރު އެވަނީ މުޅި ދުނިޔެއަށް މަޝްހޫރު ބްރިޓިޝް މިޔުޒިޔަމްގައެވެ. އިންސާނިއްޔަތަށް ޓަކައި [ރައްކާކުރެވިފައެވެ] !!!!
============
(ނިމުނީ)
(ނިމުނީ)