އަދުގެ ޚާއްސަ

Print

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެނަމަ (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


ލިޔުއްވީ: ހެލަން ކެލަރ (1933)

ތަރުޖަމާ: އަޙްމަދު ސަމީރު ޢަލީ


ނޯޓު: {ހެލަން ކެލަރ (27 ޖޫން 1880 ން 1 ޖޫން 1968އަށް)  ވެގެން ދިޔައީ މުޅި ދުނިޔޭގައިވެސް އެންމެ ފުރަތަމަ ބީއޭ ޑިގްރީ ހާސިލުކުރި މަންމަން، ލޯ ފަން މީހާކަމުގައެވެ. ލޯ ފަންވެ ބީރުވީ އުމުރުން އެންމެ ދޮޅު އަހަރުގައި މެނިންޖައިޓިސް ކަމަށް ބެލެވޭ، ވަރުގަދަ ހުމެއްޖެހިފައެވެ. މަޝްހޫރުވީ ލިޔުންތެރިއެއްގެ ގޮތުންނާއި، ސިޔާސީ ހަރަކާތްތެރި( އެކްޓިވިސްޓް)އެއްގެ ގޮތުންނާއި ނުކުޅެދޭމީހުންނާއި އަންހެނުންގެ ހައްގު ހޯދައިދިނުމާއި ހޭލުންތެރިކުރުމުގެ ގޮތުން ތަގުރީރުކުރެއްވި މުގައްރިރާއެއްގެ ގޮތުންނެވެ. ވަރަށް ގިނަ ދަތުރުކުރައްވައި، ވަޑައިގެންނެވި ތަންތަނާ ބެހޭގޮތުން ލިޔުއްވިއެވެ. ހެލަން ކެލަރގެ ވާހަކަ ދެކެވޭ ކޮންމެ ހިނދުކޮޅެއްގައި، ހެލަން ކެލަރގެ މުދައްރިސާގެ ވާހަކަ ދެކެވެން ޖެހޭނެއެވެ. އެހައި ޅަފަތުގައި ދެލޯ ފަންވެ ބީރުވުމުގެ ސަބަބުން މަންމަންވެ، މުޖުތަމައުން އެކަހެރިވެ ރުޅިގަދަވެ އަނދިރިކަންމަތީގައި ވަރަށް ބިކަހާލުގައި އުޅުނު ތުއްތު ހެލަން ކެލަރ، މީހުންގެ ތެރެއަށް ނެރުއްވައި ތައުލީމުގެ ބިންގާ އަޅުއްވައިދެއްވި ބޭފުޅަކީ، ލާމަސިލު މުދައްރިސާ އޭން ސުލިވާން  Anne Sullivan އެވެ.) } - މުތަރުޖިމު -

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެނަމަ

ހެލަން ކެލަރ (1933)

އަޅުގަނޑުމެން ކިޔާ ވާހަކަތަކުގައި، އެ ވާހަކަ ތަކުގައި ކޮންމެވެސް މީހަކަށް ދުނިޔޭގައި އުޅެން އެއް އަހަރު ނުވަތަ ބައެއްފަހަރު، އެއް މަސް ދުވަސް ނުވަތަ މަދު ވަގުތު ކޮޅެއް އެކަނި ލިބިފައިވާ ވާހަކަތައް ކިޔަމުއެވެ. އަޅުގަނޑުމެން އެންމެ ޝައުގުވެރިވަނީ އެމީހާ އެ މަދު ވަގުތުކޮޅުގެ ބޭނުން ހިފާނެ ގޮތެއް ދެނެގަތުމުގައެވެ. އަޅުގަނޑު މި ލިޔަނީ ޖަލުގައި ބަންދު ކުރެވި މިނިވަންކަން ނެތް މީހުންގެ ވާހަކައެއް ނޫނެވެ. އެމީހަކު ކުރަން ބޭނުން ކަމެއް ކުރުމުގެ މިނިވަންކަން އޮވެމެ، އެކަމަކު ބައްޔެއްގެ ސަބަބުން ނުވަތަ އެހެން ކަމެއްގެ ސަބަބުން ވަގުތު ކުޑަތަންވަމުން އަންނަ މީހުންގެ ވާހަކައެވެ.

މިކަހަލަ ވާހަކަ ކިޔާފައި ހިތަށް އަރާ ސުވާލަކީ، އަޅުގަނޑުމެން ވެސް ދުނިޔޭގައި ތިބޭނީ ކަނޑައެޅިގެން ވަކި މުއްދަތެއްގައިކަން އެނގިއްޖެނަމަ، ބަލައިލާ ހިތްވާނީ ކޮންތަނެއްބާއެވެ؟ ބައްދަލުކޮށްލާ ހިތްވާނީ ކާކާ ބާއެވެ؟ ފުރުސަތު އޮތީ އެންމެ ފޮތެއް ކިޔައިލަން ނަމަ ކިޔައިލާނީ ކޮންފޮތެއްބާއެވެ؟ ލޯބިވާ އަތްނބެއް، ދަރިއެއް، ނުވަތަ ފިރިއެއް ގާތު އެންމެ ފަހު ބަހެއްގެ ގޮތުގައި ބުނާނީ ކީކޭ ބާއެވެ؟

ބައެއް ފަހަރު އަޅުގަނޑު ހިތަށް އަރައެވެ. ކޮންމެ ދުވަހަކު ވެސް، އެއީ އަޅުގަނޑުމެންގެ އެންމެ ފަހު ދުވަސް ކަމުގައި ދެކިގެން ދުނިޔޭގައި އުޅުމަކީ ހަމަ ޚިޔާރު ކުރަން ރަނގަޅު އުސޫލެކެވެ. އެއީ މިކަހަލަ އުސޫލެއްގެ ސަބަބުން  ދިރިއުޅުމުގެ ނާޒުކު ކަމާއި މުހިންމުކަން، މިއީ ކޮންފަދަ ނިޢުމަތެއްކަން އަޅުގަނޑުމެނަށް ވިސްނާލަން ފަސޭހަވާނެތީއެވެ.  މިދުނިޔޭގައި އުޅޭނެގޮތަކަށް އުޅެން، ތިމަންނާގެ ކުރިމަތީގައި އެތައް ދުވަހެއް، އެތައް މަހެއް އެތައް އަހަރުތަކަކަށް ދެމިގެންދާނެ ކަމަށް ހީވާ މީހުން އެއްވެސް ކަމަކަށް ފުން ޚިޔާލެއް ވިސްނުމެއް ނުގެންގުޅެއެވެ. ނަމަވެސް މިއަދަކީ ތިމަންނާގެ ފަހުދުވަސް ކަމަށް ހިތަށް އަރާ މީހުންގެ ދިރިއުޅުމުގައި މަޑުމައިތިރި ކަމާއި ހިތްތިރިކަން ފެންނާނެއެވެ.

ތެދެކެވެ.  ބާކީ އޮތް ހިނދުކޮޅު މަޖަލާއި އުފަލުގައި ބޭޚޯޝްވެގެން ވަގުތު ބޭކާރު ކޮށްލާނެ މަދު ބަޔަކުވެސް އުޅޭނެއެވެ. ނަމަވެސް ގިނަމީހުންގެ ކިބައިން ފެންނާނީ ހިތްހެޔޮކަމާއި ރިވެތި ސިފަތަކެވެ.

އަޅުގަނޑުމެން ކިޔާ ވާހަކަތަކުގައި ގިނަ ފަހަރަށް ދިމާވާ ގޮތަކީ މަރުވުމުގެ ކުޑަ ހިނދުކޮޅެއް ކުރިން އަޅުގަނޑުމެންގެ ބަތަލު ސަލާމަތްވުމެވެ. ނަމަވެސް އެފަދަ ނުރައްކަލެއް ދިމާވެ، ސަލާމަތްވުމުން ގިނަމީހުންގެ ހިތްތަކަށް އާދަޔާ ޚިލާފު މަޑުމައިތިރިކަމެއް ވެރިވެއެވެ. ދިރި ހުރުމުގެ އަގު ވަޒަންކުރެވި އިންސާނުންނަށާއި ދިރޭ ތަކެއްޗަށް އެމީހުންގެ ހިތުގައި ވަރަށް ޚާއްސަ ގަދަރެއް ދެވެއެވެ. މި ލޯތްބާއި އިހްތިރާމު އެމީހުންގެ ބަސްމަގުންނާއި ކުރާ ކޮންމެ ކަމަކުން ފާޅުވެއެވެ.

އަޅުގަނޑުމެންގެ ގިނަމީހުން ދިރިއުޅެމުން މިދަނީ މި ދިރިއުޅުމާ މެދު ފުންކޮށް ނުވިސްނައި، މިއީ ހަމަ އެއްވެސް ކަމަކާނުލައި އަޅުގަނޑުމެނަށް ޙައްޤު އެއްޗެއްކަމަށް ގަބޫލުކޮށްގެންނެވެ. އަޅުގަނޑުމެން ޝުކުރުވެރިވާންވި ކަމެއް، ނިޢުމަތްތަކުން ފުރިގެންމިވާ ދުނިޔޭގައި އުޅެމުންދާއިރު އަޅުގަނޑުމެންގެ ހައްގުތަކަކާއި ވާޖިބުތަކެއް ވެސް އެކުލެވޭކަމެއް ހަމަ ކުޑަކޮށް ވެސް ވިސްނައެއް ނުލައެވެ. އަޅުގަނޑުމެން އެންމެން ކޮންމެވެސް ދުވަހަކުން މަރުވާނެކަން ގަބޫލުކުރެއެވެ. ނަމަވެސް ހީވެފައި އޮންނަނީ ނުވަތަ ގަބޫލުކުރަން ބޭނުންވަނީ އެއީ މާ ދުރުގައި އޮންނަ ދުވަހެއްކަމުގައެވެ. އަޅުގަނޑުމެން އެންމެ ފުރިހަމަ ސިއްހަތުގައި ތިބޭދުވަސްވަރު، މަރަކީ ހިތަށް ނުވެސް ގެނެވޭ ތަޞައްވުރެކެވެ.

އަޅުގަނޑުމެނަށް މާތް ﷲ ދެއްވާފައިވާ ފަސް ހިއްސުގެ ނިޢުމަތަކީ ވެސް ގިނަމީހުން، މިދެންނެވިކަހަލަ ކަންނެތްކަމެއް މަތީ ތިބެގެން ބަލައިގަނެގެން އުޅޭ ކޮންފަދަ އަގުބޮޑު ފަސް ނިޢުމަތްތޯއެވެ؟ އިވުމުގެ ނިޢުމަތް ފުރިހަމައަށް ވަޒަން ކުރަނީ އެ ނިޢުމަތުން މަހުރޫމުވެފައިތިބި ބީރު މީހުންނެވެ.  ފެނުމުގެ  އުފަލާއި ނިޢުމަތް ވެސް ހަމަ މިފަދައެވެ.    އެތައް ފުންމިނަކަށް ދެމިގެންދާ މި އަޖައިބެއްފަދަ ނިޢުމަތުގެ ފޮނި މީރުކަން ވެސް ފުރިހަމަ އަށް އަގު ވަޒަން ކުރަނީ ލޯފަން މީހުން ނުވަތަ ލޯއަނދިރިވާ ފަހުން އެ ނިޢުމަތުން މަހުރޫމުވުމުންނެވެ. ހުރިހައި ނިޠުމަތެއް ފުރިހަމަ އަށް ލިބި، އެތަނުން އެއް ހިއްސުން މަހުރޫމުވުމުގެ ކުރިން އެއީ ކޮންފަދަ އަގުބޮޑު އިލާހީ ހަދިޔާއެއްކަން އަޅުގަނޑުމެން ދެނެގަންނަން އެބަޖެހެއެވެ. ހިއްސެއް ބީވެގެން ދިޔުމުގެ ކުރިން ޝުކުރުވެރިވާން ދަސްކުރަންއެބަ ޖެހެއެވެ. އެއީ ކޮންމެ ނިއުމަތެއްގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފުމެވެ. ގިނަމީހުންގެ އާދައަކީ ކޮންމެ ހިއްސަކުން ލިބޭ އިހުސާސްތައް ފަނޑު ދުންފިނީގެ ތެރެއިން ފޭދިގެން އަންނަ އެއްޗެއް ލިބިގަންނަ ކަހަލަ ގޮތަކަށް ލިބިގަތުމެވެ. އެކަމާ މެދު ވިސްނައި ފުރިހަމައަށް ހޭލައި ފުންކޮށް ވިސްނައި އުޅޭތަން ފެންނަނީ މާ މަދުންނެވެ! މިއީ ހަމަ، ބަލިވުމުގެ ކުރިން ފުރިހަމަ ސިއްހަތުގެ ނިޢުމަތް ވެސް ބައެއް މީހުންނަށް ވަޒަން ނުކުރެވުން ކަހަލަ ކަމެކެވެ.

އަޅުގަނޑު ވަރަށް ގިނައިން ހިތަށް އަރައެވެ. ބޮޑުވެ ފުރާވަރަށް އަރާ ފަހުން ކޮންމެ އިންސާނަކު ވެސް ކުޑަ ދުވަސްކޮޅަކަށް ލޯ އަނދިރިވެ ބީރުވާނަމަ، ދެން އެމީހަކަށް ފުރިހަމައަށް މި ދެ ނިއުމަތަކީ ކޮންފަދަ އިލާހީ ހަދިޔާއެއްކަން އުފަލުން ގަބޫލުކުރެވޭނެއެވެ. އޭނާ އަށް އިހުސާސު ކުރެވުނު ކަނު އަނދިރިކަމުގެ ސަބަބުން އަލީގެ ނިމުމެއްނެތް މަންޒަރުތަކުގެ ފުރިހަމަކަން ވިސްނި އެކަމާ އުފާކުރާނެއެވެ. ކުޑަ ދުވަސްކޮޅަކަށް ބީރުވިނަމަ އެ ހަމަހިމޭން އެކަނިވެރިކަމުގެ ސަބަބުން ކިތަންމެ ކުޑަ އަޑެއް އިވުނަސް އެ އަޑުގެ މިޔުޒިކުން އޭނާއަށް ތަސައްލީ ލިބި އުފާކުރާނެއެވެ!

އަޅުގަނޑަކީ އަޅުގަނޑުގެ ރަހުމަތްތެރިންގެ ތެރެއިން ހުރިހައި ހިއްސުތަކެއް ސަލާމަތުން ލިބިފައި ތިބި މީހުންނާ ކުޑަކޮށް ޖަދަލުކޮށް އެމީހުންނަށް ފެންނަ ތަކެއްޗާއި އިވޭ އަޑުތައް ފުރިހަމައަށް، އަޅުގަނޑަށް ކިޔައިދޭން ބުނާ މީހަކަށް ވާތީ މިހާރު ދެން އެމީހުންގެ ޖަވާބު ތަކަށް ހޭނިއްޖެއެވެ. އެހެންނަމަ ވެސް އަޅުގަނޑުގެ ރަހުމަތްތެރިންގެ ތެރެއިން ދެލޯ ސަލާމަތުން ހުރި މީހުންނަށް [ފެންނަލެއް] މަދުކަން، ދެ ކަންފަތް ސަލާމަތުން ހުރި މީހުންނަށް ހަމަ އެއްގޮތަކަށް ވެސް ނީވޭ އަޑުތައް ގިނަކަމުން އަންތަރީސްވެއެވެ! ރަށްފުށުގެ ހިތްގައިމު މަގެއްގައި ތިރީހަކަށް މިނެޓު ހިނގާފައި އަންނަ މީހެއްގެ ގާތުން، ފެނުނީ ކޮންއެއްޗެއްތޯ، އިވުނީ ކޮން އަޑު ތަކެއްތޯ އަޅުގަނޑު އަހައިފި ނަމަ އާންމުކޮށް ލިބޭ ޖަވާބަކީ [ވަކި ޚާއްސަ ކަމެއް ފާހަގަ ނުކުރެވޭ]ކަމުގައެވެ.

އަޅުގަނޑު ހިތަށް އަރައެވެ. އެއީ ކިހިނެއް ވާނެ ކަމެއްބާއެވެ؟ ގަސްގަހާގެހިން ފުރިފައިވާ ސަރަހައްދެއްގައި އެކި ކުލަކުލައިގެ މާމެލާމެއްޔާއި، އެކިވަރުގެ ދޫނި ސޫފާސޫފިތައް ކޮޅުކޮޅަށް ދުވެ އުދުހި ހަދާއިރު، ގުދުރަތީ ކުރެހުމެއްފަދަ ހިސާބެއްގައި ބައިގަޑި އިރު ހިނގާފައި އަންނަ މީހަކަށް، ހިތުގައި ނޯޓު ކޮށްލާނެ ޚިޔާލެއް، މަންޒަރެއް، އަޑެއް ހަމަ ދިމާނުވަނީބާއެވެ؟

އަޅުގަނޑަކީ ލޯފަންމީހަކީމެވެ. ނަމަވެސް އަޅުގަނޑު ހައިރާންވާވަރުގެ އެތައް ސަތޭކަ ކަމެއް ހަމަ އެކަނި ތަކެތީގައި އަތްލައިގެން އަޅުގަނޑަށް އިހުސާސުވެއެވެ. ގަހެއްގެ ފަތެއްގެ ނިޔަނެތި  ކުދިކުދި ނާރުތަކާއި ފަތެއްގައި އެކުލެވޭ ކުދި ތުނޑުތައް ދެފަރާތަށް އެއްވަރަށް، އެއްފަރާތަކަށްވެސް އައިބުނުވާގޮތަށް ބެހިލާފައިއެވާ ގޮތަކީ އަޅުގަނޑު އުފަލުން ބަލައިގަންނަ ކަންކަމެވެ. ފިތުރޯނު ފަދަ ރާޅު އެއްޗެއް އަޅުގަނޑުގެ އަތުގައި ޖެހިއްޖެ ނަމަ އޭގައިވާ ކެންޑުން ތަކާއި އުފުލިފައިވާ ކުދި ކުދި ތޫނު ކަށިފަދަ ތަންކޮޅުކޮޅުވެސް ރަނގަޅަށް ދަސްކުރަމެވެ. މަޑުމަޑުން އިނގިލީގެ ކުރި ޖައްސަމުން ދަސްކުރަނީއެވެ.

ތޮށި އޮމާން ލަކުޑިވެސް ހަމަ މިގޮތަށް ދެނެގަންނަމެވެ. ރަބީޢު މޫސުމުގައި އަޅުގަނޑު ގަސްގަހުގެ ކުރީގައި އަތް ޖައްސާލަނީ ވަރަށް މަޑުމަޑުންނެވެ. ފޮޅެން ތައްޔާރުވެފައިވާ މަލެއްގެ އިޝާރާތެއް ފެނޭތޯއެވެ. ދިގު  ފިނިމޫސުމެއް ނިދީގައި ހޭދަކުރުމަށް ފަހު ގަސް [ހޭލައިފިތޯ] ބަލައިލަނީ މިހެންނެވެ. ނުފޮޅޭ މަލެއްގައި އަޅުގަނޑުގެ އިނގިލިތައް ޖެހިއްޖެނަމަ އަޅުގަނޑަށް އިހުސާސް ވަނީ މަޑު މަޑު މަޚުމާ ފޮތިކޮޅެއްގައި ބީހިލުން ކަހަލަ ގޮތެކެވެ. މަޑުމަޑުން، ފޮޅެންމުން ނިޔުޅެމުން ދާނެ ފިޔަތައް މިހާރު ލެއްޕިފައި ހުރިނަމަވެސް ފިޔަތަކުގެ ފެށޭ ކައިރިފަށްތައް އަޅުގަށްނޑަށް ދެނެގަނެވެއެވެ.

މިހެން އުޅުމުގެ ތެރޭގައި ގަހުގައި ދޫންޏެއް އިނދެގެން ގޮވާނަމަ ގަހުންލާފައި ތިރިއަށް އަންނަ  އެ ދޫނި ގޮވާގޮވުމުގެ ކުދި ކުދި ރާޅުބައިނިތައް (އަޑު ދަތުރުކުރަން ބޭނުންކުރާ ސައުންޑް ވޭވް) އަޅުގަނޑުގެ އިނގިލިތަކުން ދެނެގަނެވެއެވެ. މިކަހަލަ ވަގުތުކޮޅަކީ އަޅުގަނޑަށް ލިބޭ ކޮންކަހަލަ ނާދިރު ފުރުސަތުތޯއެވެ.  ދޫނީގެ ގޮވުން އަޅުގަނޑަށް، އަޑުގެ ރާޅުބައިނިތަކެއްގެ ސިފައިގައި އިހުސާސުވުމަކީ ކޮންފަދަ ބޮޑު ނިޢުމަތެއްތޯއެވެ؟

ކޯރެއްގެ ފެންގަނޑު މަތިން ތިރިޔަށް، ތިރީގައިވާ ވާދީތަކަށް ތާޒާކަމާއި އާރޯކަން ގެނެސްދޭން އެ ކުރާ ދަތުރުގައި އަޅުގަނޑު ބައިވެރިވަނީ އަޅުގަނޑަށް ގެއްލިފައިވާ ދެ ހިއްސުގެ ބަދަލުގައި އަޅުގަނޑަށް ލިބިފައިވާ ތޫނު އިހުސާސުގެ އެހީގައެވެ. ކޯރުގެ ފެންގަނޑުތެރެއަށް އަތްލައި އިނގިލިތަކުން އަތްފުނާ އަޅާގޮތަށް ހަދައިލުމުން ފެނުގެ ފިނިހޫނިމިނާއި ތާޒާކަން، ފެންގަނޑުގެ ބާރުކަން އިހުސާސްވެއެވެ. ރަބީޢު މޫސުން އައުމުން ބިންމަތީގައި ސާލެއްހެން ފެތުރެމުންދާ ތާޒާ ވިނައިގައި އިނގިލިތައް ޖައްްސާލައި އަތްފުނާ އަޅައިލުމުން އެލިބޭ އިހުސާސަކީ އަޅުގަނޑަށް ވަރަށް ފުން އިހުސާސެއް ކުރުވާކަމެކެވެ. ފާރިސް ކަރައިގެ މޮޅު ދޫލައެއްގެ މަޑު ފަށުވި ރޮދިތަކުގައި އަޅުގަނޑުގެ އިނގިލިތައް މަޑުމަޑުން ބީހިލުމަށްވުރެ ތާޒާ ވިނައިގައި އެ އެކުލެވޭ ދިރުމާއި އެހުންނަ ގުދުރަތީވަހާއި ކޮންމެ ވިނަކޮޅެއްގައި އެހިމެނޭ ޚާއްސަ ސިފަތަކަކީ ވިނައިގައި އަތްޖައްސައިލުމުން އަޅުގަނޑަށް ލިބޭ ތަފާތު ފުން އިހުސާސު ތަކެވެ. އަގުބޮޑު ދޫލައަކަށްވުރެ ގުދުރަތީވިނަ އަޅުގަނޑަށް މާގިނަ ވާހަކަތައް ކިޔައިދެއެވެ.!! ބަދަލުވަމުން ދައުރު ވަމުން އަންނަ ތަފާތު މޫސުންތައް އަޅުގަނޑު ދެނެގަންނަނީ އަޅުގަނޑަށް ލިބިފައިވާ ތިން ހިއްސުންނެވެ!
---------------
(ނުނިމޭ)

އިދާރާ

ވާހަކަ