އަދުގެ ޚާއްސަ

Print

500 ދުވަސް

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ


ބިންމާ އިބްރާހީމް ވަޙީދު
 
އަހަރެއްގައި، އާންމުކޮށް އޮންނަނީ 365 ދުވަހެވެ. އޭގެ ސިއްރަކީ ކޮބައިބާ އެވެ؟ އިންސާނާގެ ހަށިގަނޑުގައި، ދެލޮލާއި، ދެކަންފަތާއި، ދެއަތާއި ދެފައި ލައްވާފައިވެ އެވެ. ދެ ހިތް ނޯންނަނީ ކީއްވެ ހެއްޔެވެ؟ މި ހުންނަނީ ކޮންމެ ކޮންމެ މީހަކަށް އެނގޭނެ ކަންތައްތަކެއް ނޫނެވެ. ބައެއް ސުވާލަށް ދޭނެ ފުރިހަމަ ޖަވާބެއް ނޯވެއެވެ. އެކަމަކު، އެ ކަމުގައި ވަރަށް ބޮޑު ޙިކުމަތެއް ލައްވާފައިވާނެކަން ކަށަވަރެވެ.
   
އޮފީހުގައި އަހަރެން ވަޒީފާ އަދާކުރާތާ އަށެއްކަ އަހަރު ވާން ކައިރިވެފައި ވަނިކޮށް، އާދަޔާޚިލާފު ދުވަހަކާ ދިމާވި އެވެ. ތެދަށް ބުނާ ނަމަ، އެ ދުވަހަކީ، އެހެން ދުވަސްތަކާ އެއްވެސް ތަފާތުކަމެއް ހުރި ދުވަހެއް ނޫނެވެ. އެއީ، ހިތްގައިމު ހޯމައެއްގެ ހެނދުނުގެ ވަގުތެވެ. އާދައިގެމަތިން، ފަތިސްނަމާދު ކޮށްލުމަށްފަހު އަހަރެން ދަނީ މޫދަށެވެ. އެ ވަގުތުކޮޅު ލިބޭ ކަސްރަތު އަހަންނަށް ވަރަށް މުހިންމެވެ. އޭގެ ސަބަބުން ސިކުނޑި ތާޒާވެ އެވެ. ދެން ގެ އަށް އައިސް، ތާޒާ މޭވާގެ ޖޫސްތައްޓެއް ބޯލައިގެން ދަނީ އޮފީހަށެވެ. އެ ދުވަހު ވެސް ކަންތައްތައް ވެގެންދިޔައީ އެ ގޮތަށެވެ. އޮފީހުގައި އަހަރެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އެއް ކަމަކީ، އޮފީހަށް އަލަށް ވަންނަން ބޭނުންވާ މުވައްޒަފުންނާ އިންޓަރވިއު ކުރުމެވެ. އާދައިގެ މަތިން، ފައިލުތައް ހިފައިގެން އަހަރެން ކެބިން އަށް ވަނީމެވެ. ފަހަރަކު ކުއްޖަކު ވެއްދުމަށް ބުނީމެވެ. އަންނަން ހަމަޖެހިފައިވަނީ ނުވަ ކުދިން ކަމުގައި ވިޔަސް، އައީ އެންމެ ކުއްޖެކެވެ. އެ ކުއްޖާ ވަނެވެ. އޭނަގެ ފައިލު ހުޅުވާލާފައި އަހަރެން އިސްއުފުލާލީމެވެ.
   
ބަލާބެލުމަށް އެއީ އެއްވެސް ޚާއްސަކަމެއް ހުރި އަންހެންކުއްޖެއް ނޫނެވެ. އެއީ އާދައިގެ ހެދުމެއް ލައިގެން، އާދައިގެ ގޮތަކަށް ފުނާއަޅައިގެން، އާދައިގެ ގޮތަށް ހިނގާލާފައި އައި، އާދައިގެ ވަރަކަށް މޭކަޕުކޮށްގެން ހުރި، އާދައިގެ ކުއްޖެކެވެ. އިށީނުމަށް އިޝާރާތްކުރުމުން އޭނަ އިށީނެވެ. އަހަރެން ވާހަކަދައްކަން ފެށީމެވެ. ނަމަކަށް އޭނަ ބުނީ އައިޝަތު ޝިޔާމާ އެވެ. ނަން ވެސް ވަރަށް އާންމެވެ. އޭނަގެ ހަމައެކަނި ތަފާތީ އޭނަގެ އުންމީދެވެ. ހުވަފެންތަކެވެ. ނުގުޑާފަދަ ވަރުގަދަ ޢަޒުމާއި ސާބިތުކަމެވެ. އޭގެ ކުރިން އަހަރެން އިންޓަރވިއު ކޮށްފައިވާ އެތައް ސަތޭކަ ކުދިންނާއި، ޝިޔާމާގެ ހުރި ތަފާތަކީ އެއީ އެވެ.
   
އެންމެ ފުރަތަމަ އޭނަޔާ ބައްދަލުވި ދުވަހަކީ ވެސް އެ ދުވަހެވެ. އޭނަ ހުރީ ކުޑަކޮށް ނުތަނަވަސްވެފަ އެވެ. ކުޑަކޮށް ހިތްއަވަސްވެފަ އެވެ. އޭނަގެ އަޑުގައި ކުޑަކުޑަ ތުރުތުރެއް ހުއްޓެވެ. ވުމާއެކު، އޭނަ ހަމަޖެހިލަން އަހަރެން ފުރުސަތުދިނީމެވެ. ރަސްމީ ވާހަކަ ނޫން އެހެން ވާހަކަތަކެއް ދެއްކީމެވެ. ސައިބުއިތޯ އަހާލީމެވެ. ކެއީ ކޯޗެއްތޯ އެހީމެވެ. އަހަރެންގެ ކެބިން މާ ފިނިތޯ އެހީމެވެ. އެއީ "އެސްޓީ ޖެއްސުމެއް" ނޫންކަން، އެ ދާއިރާގައި އުޅޭ މީހުންނަށް އެނގޭނެ އެވެ. ހެނދުނު އެންމެ ފުރަތަމަ ނާސްތާއަކަށް އޭނަ ބޮނީ ތާޒާ މޭވާގެ ޖޫސްތައްޓެކެވެ. މަންމަޔާ އެއްކޮށް، ފަތިހު އޭނަ މޫދަށްދެ އެވެ. ވަރަށް އެހެންކަހަލަ އިއްތިފާގެކެވެ. އަހަރުމެން ދެމީހުންގެ ޚިޔާލުގައި، އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ.
   
އޭނަ އަށް ވަޒީފާ ލިބުނީ، އެ މަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ހަމަވުމާއެކު، އެ ފަދަ އެހެން ވަޒީފާއެއްގައި އޭނަ އަށް ލިބިފައިވާ ތަޖުރިބާ ގިނަވީމަ އެވެ. އެކަމަކު، އޭނަ އަށް އަހަރެން ހިތްކިޔައިފި އެވެ. އެއީ ޙަޤީޤަތެވެ. ހަމައެކަނި އަހަންނަށް އެނގޭ ސިއްރެކެވެ. އޭނަޔާ ވާހަކަދައްކަން އަހަރެން ބޭނުންވެ އެވެ. އޭނަ ބައިވެރިވާ ކަންކަމުގައި އަހަރެން ވެސް ބައިވެރިވާން ބޭނުންވެ އެވެ. އޭގެ ކުރިން، ދުވަހަކު ވެސް އަހަރެންނަށް ނުކުރެވޭ ކަހަލަ އިހުސާސްތަކެއް އަހަންނަށް ކުރެވެންފެށި އެވެ. އަހަންނަކީ އޮފީހުގެ ސީނިއަރ މުވައްޒިފެކެވެ. ވުމާއެކު، އަހަރެން އައިސް ވާހަކަދެއްކުމުން އޭނަ ވާހަކަދައްކާނެ އެވެ. އެއީ އޭނަގެ ހިތުގައި ލޯތްބެއް ނުވަތަ ޝައުޤުވެރިކަމެއް އޮވެގެން ކުރާ ކަމެއް ކަމަށް ނުވެދާނެ އެވެ. ގާތް ގޮތަކަށް އޭނަ ވާހަކަދައްކަފާނެ އަނެއް ސަބަބަކީ، ސަރުކާރުން މުސާރަ ދިނަސް، އޭނަ އަށް އެ ވަޒީފާ ލިބުނީ އަހަރެންގެ ރުހުން އޭނަ އަށް ދިނީމަކަން އޭނަ އަށް އެނގުމެވެ. ލޯބީގެ އެއްވެސް ވާހަކައެއް އަހަރުމެން ނުދައްކަމެވެ. އެކަމަކު، އިންތިހާ އަށް ވާހަކަދައްކަމެވެ. އޭނަގެ ހިނިތުންވުމާއި، ހީގަންނަލެއް ސާދާކަމާއި، އިސްޖަހާލައިގެން އިނދެ ބަލައިލާ ގޮތް އަހަންނަށް ވަރަށް ކަމުދިޔަ އެވެ.
   
ރައްޓެހިންނާ އެކުގައި ސަޔަށްދާ ގަޑިތައް އަހަރެން ކެންސަލްކުރީމެވެ. ގެ އަށް ދާ ގަޑިތައް ބަދަލުކުރީމެވެ. އެންމެ ސަބަބަކަށްޓަކާ އެވެ. އޭނަޔާ ވާހަކަދައްކާލަން އިނުމުގެ ބޭނުމުގަ އެވެ. އޭނަގެ އަތުގައި ފިރުމާލަން އަހަރެންގެ ހިތްއެދެ އެވެ. ބީހިލަން ބޭނުންވެ އެވެ. ދެޖިންސްގެ ދެމީހުން ވާހަކަދައްކަން ތިބޭއިރު، އެފަދަ ކިތަންމެ އެއްޗެއް ދެމީހުންގެ ހިތަށް ވެސް އަރާނެ އެވެ. ފިނޑިކަމުން ނުވަތަ މާތްވާން އެ ވާހަކަ ނުބުނެ އުމުރަށް ހުރުން އެއީ އެހެންކަމެކެވެ. ނުވަތަ ތިމާގެ ހުރި ހަރުދަނާ އުސޫލުތަކެއްގެ ސަބަބުން، އިހުސާސްތައް ކޮންޓްރޯލް ކުރިޔަސް، ހިތަށްއަރާ އެއްޗެއް ނާރާކަމަކަށް ނުވާނެ އެވެ. އޭނަދެކެ ލޯބިވެއޭ ބުނަން އަހަރެން ބޭނުމެވެ. ހަމައެއާއެކު، އެއީ ގޯސްކަމެއްކަން ވެސް އެނގެ އެވެ. ބުނެގެންވާނެ އެއްޗެއް ނޫންކަން ވެސް އެނގެ އެވެ. އޭނަޔާ މެދު އެ ފަދަ ވިސްނުމެއް ނުގެންގުޅެން އަހަރެން ކިހާ މަސައްކަތެއް ކުރިކަން އެނގޭނީ އަހަންނަށެވެ. އެކަމަކު، އެއްވެސް ފައިދާއެއްނުކުރި އެވެ. އެއީ، ލަހުން ތަންތަނަށް ދެވޭތީ ގަޑި އަވަސްކޮށްފައި ބެހެއްޓުން ކަހަލަ ކަމެކެވެ. ގަޑި އަށް ބަލާ ކޮންމެ ފަހަރަކު، ގަޑި ހުރީ އަވަސްކޮށްފައިކަން ހިތަށްނާރުވަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ކަމެއް ނުވާނެ އެވެ.
   
އޭނަގެ ލޯބިވެރިއެއް ހުރެއެވެ. އަހަރެންގެ ވެސް ލޯބިވެރިއެއް ހުރެއެވެ. އެކަން އެނގެނީ، އަހަރުމެން ވާހަކަދައްކަން އޮފީހުގައި ތިބޭއިރު، އަހަރުމެންނަށް އަންނަ ކޯލުތަކުންނެވެ. ލޯބިވެރިއަކު ހުއްޓައި އެހެން މީހެއްދެކެ ލޯބިވެވެނީ، ލޯބިވެރިޔާގެ ކަމެއް އުނިވީމައެއް ނޫނެވެ. އަނބިމީހާ ހުއްޓައި އެހެން އަންހެނެއްދެކެ ލޯބިވުމުގައި، އަނބިމީހާގެ އުނިކަމެއް ހުރުން ލާޒިމެއް ނޫނެވެ. އަހަންނާ ދޭތެރޭގަ ޝިޔާމާގެ ހިތުގައި އޮތީ ކީކޭކަމެއް އަހަންނަކަށް ނޭނގެ އެވެ. އޭނަ ލޯބިވެއޭ ބުންޏަސް، އަހަރެންގެ ލޯބިވެރިޔާ ދޫކޮށްލުން އެއީ އަހަންނަށް ކުރެވޭނެކަމެއް ވެސް ނޫނެވެ. ޙަޤީޤަތަށް ވިސްނައިފި ނަމަ، އަހަރެންނަށް މި ކުޅެވެނީ ބޭކާރު ކުޅިވަރެކެވެ. އެހެންވިޔަސް، ބޭކާރު ކުޅިވަރުތައް ކުޅުމަކީ އެތައް ބަޔަކު ކުރާހިތްވާ ކަމެކެވެ. އޭގެ ސިއްރެއް ނޭނގެ އެވެ. އަހަރުމެން ދެމީހުންގެ ދިރިއުޅުން ވެސް ވަނީ ފެށިފަ އެވެ. އަހަރުމެންގެ ކައިވެނި ދަތުރުކުރަމުންދަނީ، އެކަކުއަނެކަކާ ދިމާލަކަށް ނޫނެވެ. ދެރަނުވާން ބޭނުންވިޔަސް، އެ ކަމާ އަހަރެން ދެރަވެއެވެ. ލޮލަށް ކަރުނަ ޖަމާވެ އެވެ. އޭނަ ސުވާލުކުރުމުން، މިހާރަކަށް އައިސް ލޯޖެއްސެނީއޭ ކިޔާފައި ދޮގެއް ހަދާލަނީ އެވެ. އެއީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. އެކަމަކު، އޭނަ، އެއްދުވަހަކު ބުނި އެއްޗަކުން އަހަރެންގެ ހިތުގައި ލާފައިވާ ލަކުނު އަނެއްކާ ތާޒާވި އެވެ.

    ''މިހާރު އަހަރެންގެ ލޯ ވެސް ވަރަށް ޖެއްސެންފަށައިފި.." އޭނަ ބުންޏެވެ.
   
އެއީ އެއް ހާސް މާނަ ނެގޭ ކަހަލަ ޖުމުލައެކެވެ. އަހަރެންގެ ހިތުގައި އޮތް އެއްޗެއް އޭނަ އަށް އެނގުނީބާ އެވެ؟ އަހަރެން ހީކޮށްގެން ހުރީ، ހިތުގައި އޮތް އެއްޗެއް ބޭރަށް ހާމަނުކުރުމުގައި އަހަރެން ވަރަށް ކުޅަދާނަ ކަމަށެވެ. އޭނަގެ ހިތުގައި ޝައްކެއް ވެސް ނުއުފެދޭ ވަރަށް އަހަންނަށް ދޮގުހެދޭ ކަމުގައި ވެސް ހީކުރީމެވެ. ދެން ހަނދާންވި އެވެ. މީހުން ބުނެއެވެ. ތިމާ އަށް ވުރެ އަނެކާ ހުޝިޔާރުވެދާނެކަމަށް އަބަދު ވެސް ވިސްނަންވާނެ އެވެ. ލޯބިވާ ވާހަކަ، ދުވަހަކު ވެސް އަހަރުމެން ނުބުނަމެވެ. އެކަމަކު، ހެއްވާ ކަމަކީ، ލޯބިވުން އެއީ ގޯހެއްކަން ދޭހަވާ ކިތަންމެ ޢިބާރާތަކުން އަހަރުމެން ވާހަކަދެއްކި ކަމެވެ. ކުށެއްނެތް، ތެދުވެރި ވަފާތެރިންނަށް ބޭވަފާތެރިވެގެން ނުވާނެ ކަމުގައި އަހަރުމެން ބުނީމެވެ. ދެމީހުން ވެސް އެ ކަމަށް އެއްބަސްވީމެވެ. އެހެންނަމަވެސް، އަހަރުމެން ލޯބިވާ ވާހަކައެއް އަހަރުމެން ނުބުނަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެއީ ދެމީހުންނަށް އެނގޭ ބޮޑު ސިއްރެވެ.
   
ލޯބިވެރިޔާއާ ކުރިން ކާވެނިކުރީ އޭނަ އެވެ. އެ ދުވަސް އައީ އެނގިހުރެއެވެ. ސިހުމެއްގެ ގޮތުގައެއް ނޫނެވެ. ދައުވަތުކާރޑު ހިފައިގެން އައިސް އަހަންނަށް ދިންއިރު، އަލަތު ކާވެންޏެއް ކުރެވޭ އަންހެނެއްގެ މޫނުމަތިން ފެންނަންޖެހޭ އުފާވެރިކަމެއް އޭނަގެ މޫނަކުން އަހަންނަކަށް ނުފެނުނެވެ. އަހަރެން ސުވާލެއް ނުއުފެދެއެވެ. ޖަވާބު އެނގޭތީ އެވެ. އަހަންނަށް ޖަވާބު އެނގޭކަން އޭނަ އަށް އިހުސާސްކުރެވޭކަން ވެސް އަހަންނަށް ވިސްނެ އެވެ. އެކަމަކު، އެ ވާހަކައެއް އަހަރުމެން ނުދައްކަމެވެ. މީހަކާ އިނުމަށްފަހު، އޭނަ  ގަސްތުކުރަނީ އޮފީހުން ކެނޑޭށެވެ. އޭނަގެ ވާންއުޅޭ ފިރިމީހާ ވަޒީފާއަދާކުރަނީ އަދި ދިރިއުޅެނީ ވެސް އޮސްޓްރޭލިޔާގަ އެވެ. އެހެންކަމުން، އެ ދުވަހަކީ، އަހަރުމެން ފެންނާނެ ފަހު ދުވަސްހެން އަހަރުމެން ދެމީހުންނަށް ވެސް ހީވި އެވެ. ވަކިވުމުގެ ކުރިން، ލޯބިވާ ވާހަކަ އަހަންނަށް ބުނެވިދާނެ އެވެ. ބޭނުމަކީ ކޮބައިހެއްޔެވެ؟ އަހަރެން ޖެހޭނީ އޭނަ ހަނދާންނައްތާލާށެވެ. މި ހުވަފެނުން ހޭލާށެވެ.
   
ކުރިން ބުނިހެން، އިންސާނާގެ ހަށިގަނޑުގައި ދެހިތެއް ނޯވެއެވެ. އެ ކަމުގައި ޙިކުމަތެއްވާނެ އެވެ. ކޮންމެ ސުވާލަކަށް ޖަވާބެއް ނުލިބޭނެ އެވެ. ކޮންމެ ގުޅުމަކަށް ނަމެއް ނުދެވޭނެ އެވެ. ކޮންމެ ސިއްރެއް ހާމައެއް ވެސް ނުމެކުރެވޭނެމެ އެވެ. ހިތުގަ ފެށި ލޯބި ހިތުގައި ކަފުންކުރީ އެވެ. ވަޒީފާއިން ވަކިވުމަށް އޭނަ ލިޔުނު ސިޓީ ދިނީ އަހަރެންގެ އަތަށެވެ. ކުޑަމިނުން، ނުދާށޭ ވެސް ބުނުމުގެ ޙައްޤެއް އަހަންނަށް ކޮބައިހެއްޔެވެ؟ ބައެއްފަހަރު، ހަޔާތުގައި އަންނަ އެންމެ ފޮނި ދުވަސްތަކަކީ އެންމެ އުފާވެރި ދުވަސްތައް ކަމުގައި ނުވެ ހިނގައިދާނެ އެވެ. އަހަންނަށް ވެސް ވީ އެހެންނެވެ. އަހަރެންގެ ދިރިއުޅުމުގައި އައި، ހިތުން ފިލުވާލަން އެންމެ އުނދަގޫ ދުވަސްތަކަކީ، އޭނަ އޮފީހަށް ވަނުމަށްފަހު، ކެނޑުމާ ދެމެދު ހިނގި 500 ދުވަހެވެ. އޭނަ އަށް ބާއްޖަވެރި ދިރިއުޅުމަކަށް އެދެމެވެ.
 -------------  
   ނިމުނީ

ހަވާލާ:

ބިންމާ އިބްރާހީމް ވަޙީދު. (2012). ދަރިވަރުންގެ 31 ކުރުވާހަކަ. މާލެ: ނޮވެލްޓީ ޕްރެސް.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ