އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ކަނޑި (15)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަލްއުސްތާޛު އަޙްމަދު މާޖިދު

ހުޅަނގު ޔޫރަޕުގެ ބައިމަދު ޖަމާޢަތްތަކާ ދެކޮޅަށް ކުރެވުނު ޞަލީބީ ހަނގުރާމަ


ކުރީގެ ޞަފުޙާއެއްގައި ވެސް ދެންނެވިފައި ވާނޭ ފަދައިން، ޞަލީބީ ހަނގުރާމައަކީ ހަމައެކަނި މުސްލިމުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައެއް ނޫނެވެ. އެ ހަނގުރާމައަކީ ކްރިސްޓިއަން ރޯމަން ކެތަލިކް ބޮޑު ފައްޅީގެ ޢަޤީދާތަކާ ޤަބޫލު ނުވި އެތައް ބަޔަކާ ދެކޮޅަށް ކުރެވުނު ސިލްސިލާ ހަނގުރާމައެކެވެ. މީލާދީން 1095 އިން ފެށިގެން 1290 އިގެ ތެރެއާ ހަމަޔަށް މުސްލިމުންނާ ދެކޮޅަށް ފޮނުވުނު ޞަލީބީ ލަޝްކަރުތަކަކީ މީގެ ތެރެއިން އެންމެ ބޮޑު ބައެވެ. އެންމެ މުހިއްމު، އަދި އެންމެ މަޝްހޫރު ބައެވެ. ނަމަވެސް ޔޫރަޕުގެ އެކި ސަރަހައްދުތަކުގައި އުޅުނު ކްރިސްޓިއަން ނޫން، އަދި ބޮޑު ފައްޅީގެ ޢަޤީދާތަކާ ޚިލާފު ވިސްނުންތައް ގެންގުޅުނު މީހުންނާ ދެކޮޅަށް ވެސް ޞަލީބީ ލަޝްކަރުތައް ފޮނުވިފައި ވެއެވެ. އެ ލަޝްކަރުތަކަށް ވެސް ޞަލީބީ ލަޝްކަރުތަކޭ ކިޔެނީ އެމީހުންނަކީ ވެސް މުސްލިމުންނާ ދެކޮޅަށް ފޮނުވުނު ޞަލީބީންނެކޭ އެއްފަދައިން، ބޮޑު ފައްޅީގެ ބަރަކާތާއެކު، ޞަލީބު ޖެހި ހެދުން ލައިގެން، ޞަލީބު ހިފައިގެން، ޞަލީބުގެ ދަށުގައި ނިކުތް ލަޝްކަރުތަކަކަށް ވާތީއެވެ. އަދި ކްރިސްޓިއަން ރޯމަން ކެތަލިކް ބޮޑު ފައްޅީގެ ލަޝްކަރުތަކަކަށް ވާތީއެވެ.
މި ބާބުގައި އެ ބައެއްގެ ވާހަކަ އިސްވެ ދެންނެވުނު ޓިޔުޓޯނިކް ބަހާދަރުންނަކީ ވެސް ޞަލީބީންނެވެ. އުތުރު އިރުމަތީ ޔޫރަޕުގައި ކްރިސްޓިއަން ދީން ފަތުރަން އެމީހުން ކުރި ހަނގުރާމަތަކަކީ ވެސް ޞަލީބީ ހަނގުރާމަތަކެކެވެ. އެ ހަނގުރާމަތައް ހިނގި ދުވަސްވަރު ހުޅަނގު ޔޫރަޕުގެ ސަރަޙައްދަށް ވެސް ޞަލީބީންގެ ވަރުގަދަ ދެ ލަޝްކަރެއް ފޮނުވުނެވެ. "އެލްބިޖެންސިއަން ކްރުސޭޑްސް" ގެ ނަމުން މަޝްހޫރުވެފައިވާ ހަނގުރާމައާއި، "ވޯލްޑެންސިއަން ކްރުސޭޑްސް" ގެ ނަމުން މަޝްހޫރުވެފައިވާ ހަނގުރާމައަކީ މިއެވެ.

އެލްބިޖެންސިއަން ޞަލީބީ ހަނގުރާމަ ފެއްޓެވީ މީލާދީން 1208 ވަނަ އަހަރު، ރޯމަން ކެތަލިކް ބޮޑު ފައްޅީގެ ޕޯޕުންގެ ދިގު ސިލްސިލާގައި، އެންމެ މަޝްހޫރު އެއް ބޭފުޅެއް ކަމަށް ވާ ޕޯޕް އިނޮސެންޓް ތިންވަނައެވެ. އޭގެ ތިންސަތޭކަ ވަރަކަށް އަހަރު ފަހުން، ވޯލްޑެންސިއަން ޞަލީބީ ހަނގުރާމަ ފެއްޓެވީ ޕޯޕް އިނޮސެންޓް އަށްވަނައެވެ. މި ދެ ހަނގުރާމައަކީ މުސްލިމުންނާ ދެކޮޅަށް ހިންގުނު ޞަލީބީ ހަނގުރާމަތަކަށް ވުރެ ކުރު މުއްދަތަކުން ނިންމާލެވުނު ދެ ހަނގުރާމައެވެ. އޭގެ އެންމެ މުހިއްމު ސަބަބަކީ އެ ދެ ހަނގުރާމައިގެ މުޡްލިމުން ކަމުގައި ވެގެން ދިޔަ އެލްބިޖެންސިއަނުންނާއި ވޯލްޑެންސިއަނުންނަކީ ވެސް ކްރިސްޓިއަން ކަނޑެއްގެ ތެރޭގައި އެކަނިމާއެކަނި ތިބި ބަޔަކަށް ވާތީ، އެބައިމީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމަ ފަސޭހައިން ކްރިސްޓިއަނުންނަށް ކާމިޔާބު ކުރެވުމެވެ. އެގޮތުން، އެލްބިޖެންސިއަނުންނާ ދެކޮޅަށް 1208 ވަނަ އަހަރު ފެށުނު ހަނގުރާމަ، 1229 ވަނަ އަހަރު ނިންމައިލެވުނެވެ. އެއީ އަލްބިޖެންސިއަނުން މުޅީން ކަހަލަ ގޮތަކަށް މަރައި ހުސްކޮށްލައިގެންނެވެ. އެބައިމީހުންގެ ފޮތްތައް އަންދައި ހަލާކު ކޮށްގެންނެވެ. ވޯލްޑެންސިއަނުންނާ ދެކޮޅަށް ހިންގުނު ޞަލީބީ ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެން ދިޔައެވެ. އެ ހަނގުރާމަ ނިމުނު އިރު އެމީހުންގެ ތެރެއިން ވެސް ބާކީ ތިބީ ފިލައިގެން އެކި ތަންތަނުގައި އުޅުނު ކުޑަކުޑަ ޖަމާޢަތްތަކެވެ.

އިންކުއިޒިޝަން


މި ހަނގުރާމަތަކުގެ ތެރޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ޙަރަކާތަކީ "އިންކުއިޒިޝަން" ގެ ޙަރަކާތެވެ. ޢަރަބި ބަހުން "މަޙާކިމުއް ތަފްތައިޝް" ގެ ނަން ދެވިފައިވާ މި ޙަރަކާތަކީ ރޯމަން ކެތަލިކް ބޮޑު ފައްޅިން ފެށި ޙަރަކާތެކެވެ. މި ޙަރަކާތް ރަސްމީ ސިފައެއްގައި އުފެދުނީ މީލާދީން 1231 ވަނަ އަހަރުގެ ތެރޭގައެވެ. ޕޯޕް ގްރެގަރީ ނުވަވަނައިގެ ދުވަސްވަރުގައެވެ. މި ޙަރަކާތަކީ ބޮޑު ފައްޅީން ސީދާ ކަނޑައަޅާ ފާދިރީންގެ ޖަމާޢަތެއް އިސްވެ ތިބެ، ފައްޅީގެ ހަނގުރާމަވެރީންގެ ޖަމާޢަތެއްގެ އެހީތެރިކަމާއެކު، ކްރިސްޓިއަން ދީނުގެ ޢަޤީދާތަކާ ޚިލާފު ވިސްނުންތައް ގެންގުޅޭ، އަދި އެފަދަ ޢަމަލުތައް ކުރާ މީހުންނާ ދެކޮޅަށް ފާޑެއްގެ ޝަރީއަތެއް ހިންގާ ކޯޓެއް ކަހަލަ ޙަރަކާތެކެވެ.

އިންކުއިޒިޝަން ކޯޓުގައި ކުށްވެރިވެ، ބޮޑު ފައްޅީގެ ޢަޤީދާއާ ޚިލާފަށް އުޅޭ ނުވަތަ ވިސްނާ ކަމަށް ސާބިތުވެއްޖެ ކޮންމެ މީހަކީ ހުޅަނގުގެ ބަހަކުން ދަންނަވާ ނަމަ "ހެރެޓިކް" އެކެވެ. ދީނުން ބޭރުވެއްޖެ މީހެކެވެ. އެފަދަ މީހުންގެ މުދާ ފޭރެވެއެވެ. ރަށުން ފައްސައި ބޭރު ކުރެވެއެވެ. ދިރިތިއްބައި އަންދައިލެވެއެވެ. ޖަލުގައި ބަންދުކޮށްގެން އެކި ބާވަތްބާވަތުގެ ވޭންދެނިވި އަނިޔާތައް ކުރެވެއެވެ. މި ހުރިހާ ކަމެއް ކުރެވެނީ ބޮޑު ފައްޅީގެ ފާދިރީންގެ ޙާޒިރުގައެވެ. އިންކުއިޒިޝަންގެ ޖަލުތަކުގައި އިންސާނުންނަށް ނުކަތާފަދަ އަނިޔާތައް މީހުންނަށް ދެވޭ އިރު، ދެ ފަރާތުގައި އެމީހުންނާ ސުވާލުކުރަން ތިބެނީ ކެތަލިކް ފާދިރީންނެވެ. ޝަހެޒާދާއިންނާއި ބޮޑެތި އަމީރުންނާ ދެކޮޅަށް ވެސް އަމުރު އިއްވައި، ޙުކުމް ކުރުމުގެ ބާރު ލިބިގެންވި އިންކުއިޒިޝަން އޮފިސަރުންނަކީ އެއިރު ޔޫރަޕުގައި އެ ބަޔަކު ދެކެ ޢާއްމުން އެންމެ ބިރުގަތް އެއް ޖަމާޢަތެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ކަނޑިން ސަލާމަތްވުމަށް އެންމެން އެއް ދުލަކުން ދުޢާކުރި ބައެކެވެ.

އިންކުއިޒިޝަންގެ ރަސްމީ ކޯޓުތަކުގެ ރަހަ ފުރަތަމަ ދުށް ބަޔަކީ އެލްބިޖެންސިއަނުންނާއި ވޯލްޑެންސިއަނުންނެވެ. އެބައިމީހުންގެ ތެރެއިން އެތައް ހާސް ބަޔަކު މި ކޯޓުތަކަށް ހާޒިރު ކުރެވުނެވެ. އެތައް ހާސް ބަޔަކު އިންކުއިޒިޝަންގެ ޖަލުތަކަށް ލެވި، އެތައް އަނިޔާއެއް އެމީހުންނަށް ދެވުނެވެ. އެމީހުން ކްރިސްޓިއަން ދީނާ ޚިލާފުވި ކަމަށް އިޢުތިރާފު ކުރުވުމަށް ޓަކައި ދެވޭ އަނިޔާތަކަކީ މިގޮތުން ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވޭ އަނިޔާތަކެކެވެ. އަނިޔާކުރުމުގެ ސަގާފަތް އިންކުއިޒިޝަންގެ ތެރޭގައި އަބަދުވެސް އޮތެވެ. ނަމަވެސް ވޭންދެނިވި ޢަޒާބު ދެއްކުމުގެ ކަންތައް ޢާއްމުވެގެން ދިޔައީ މީލާދީން 1252 ވަނަ އަހަރު، އެއިރުގެ ޕޯޕް އިނޮސެންޓް ހަތަރުވަނަ، ޚާއްސަ އަމުރުފުޅަކުން އެކަން ކުރަން އެންގެވުމުންނެވެ.

އަލްބިޖެންސިއަނުންނާއި ވޯލްޑެންސިއަނުންނަށް ފަހު، ކެތަލިކް ބޮޑު ފައްޅީގެ އިންކުއިޒިޝަންގެ ހިތިކަމާއި ހޫނުކަން ތަޙައްމަލުކުރަން ޖެހުނު ބަޔަކީ ސްޕޭނުގެ މުސްލިމުންނާއި ޔަހޫދީންނެވެ. ނަމަވެސް އެބައި އެހެން ބާބަކަށް ފަސްކޮށްލާފައި، މި ހިސާބުން އެލްބިޖެންސިއަނުންނާއި ވޯލްޑެންސިއަނުންނާ ދެކޮޅަށް ކުރެވުނު ޞަލީބީ ހަނގުރާމައިގެ ތަފްޞީލުތަކަށް ޖެހިލާނަމެވެ.

އެލްބިޖެންސިއަން ޞަލީބީ ހަނގުރާމަ


އިސްވެދެންނެވިފައި ވާނޭ ފަދައިން، އެލްބިޖެންސިއަން ޞަލީބީ ހަނގުރާމަ ފެއްޓެވީ މީލާދީން 1208 ވަނަ އަހަރު، އެއިރު ރޯމުގެ ބޮޑު ފައްޅީގެ ބޮޑު ތަޚުތުގައި ރެދަލިކުރައްވަމުން ގެންދެވި ޕޯޕް އިނޮސެންޓް ތިންވަނައެވެ. މި ހަނގުރާމަ ވިއްސަކަށް އަހަރު ވަންދެން ދެމިގެން ދިޔައެވެ. އެލްބިޖެންސިއަނުން ނެއްތައިލެވުނީ މީލާދީން 1231 ހާތާނގައެވެ.

އެލްބިޖެންސިއަނުންނަކީ ޙަޤީޤަތުގައި ޕޯލިޝިއަން ކެތާރީންނެވެ. އެބައިމީހުންނަށް އެލްބިޖެންސިއަނުންނޭ ކިޔެނީ އެބައިމީހުންގެ ޙަރަކާތްތަކާއި ޖަމާޢަތުގެ މަރުކަޒު އެ ޝަހަރެއްގައި ޤާއިމުވި އެލްބިޜޫއާ ޝަހަރަށް ނިސްބަތްކޮށެވެ. އެ ޝަހަރު އޮންނަނީ މިހާރުގެ ފަރަންސޭސި ވިލާތުގެ ދެކުނުގެ ސަރަޙައްދުގައެވެ. އެއިރު ކިޔާ ގޮތުން ނަމަ ޓުލޫޒާއި، ލެންގިޑޮކް ސަރަޙައްދުގައެވެ. އެލްބިޖެންސިއަނުންނަކީ ޢީސާގެފާނުގެ އިލާހުވަންތަކަމަށް އިންކާރު ކުރި ކްރިސްޓިއަނުންގެ ބައެކެވެ. އެބައިމީހުން ފައްޅީގެ އިރުޝާދުތަކާ ޚިލާފަށް ސްޕޭނުގެ އިސްލާމީ ޙަޟާރަތުގެ އާދަކާދަތައް ދަސްކުރިއެވެ. ޢަރަބި ބަހާއި ގްރީކު ބަހާއި ހިބްރޫ ބަސް ދަސްކުރިއެވެ. ޢިލްމީ ބަޙުޘްތަކާއި ފޮތްތެރިކަމުގެ ސަގާފަތެއް އުފައްދަން ފެށިއެވެ. ޞުލްޙައާއި ލޯތްބާ އެކު ދިރިއުޅުމުގެ ސަގާފަތެއް އުފައްދަން ފެށިއެވެ. އެހެންކަމުން ރޯމަން ކެތަލިކް ބޮޑު ފައްޅީން ދުށީ އެބައިމީހުންނަކީ "ހެރެޓިކުން" ކަމުގައެވެ. އާދެ، ދީނުން ބޭރުވެ ފުރެދިގެން ދިޔަ މީހުންތަކެއްގެ ގޮތުގައެވެ. ރޯމަން ކެތަލިކް ފައްޅީގެ ފަރާތުން އެމީހުންނަށް ނަސޭހަތް ދިނުމަށް ޓަކައި ޚާއްސަ މަންދޫބުން ފޮނުވިއެވެ. ނަމަވެސް އެލްބިޖެންސިއަނުން ފައްޅީގެ ވާހަކަތަކަކަށް ކަންފަތެއް ނުދިނެވެ. މިފަދަ ޙާލަތެއްގައި ކަންތައް އޮއްވައި، އެލްބިޖެންސިއަނުން އުޅުނު ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދިޔަ ކެތަލިކް ފައްޅީގެ އިސް މަންދޫބު ސިއްރިޔާތުގައި ޕީޓަރ މަރާލެވުނެވެ.
 
އެއިރުވެސް، އަދި މިހާރުވެސް އެނގޭ ގޮތުގައި ޕީޓަރ މަރާލީ އެއިރު އެ ސަރަޙައްދުގެ އެންމެ ވަރުގަދަ އަމީރެއްގެ ގޮތުގައި ހުންނެވި ކައުންޓް ރޭމަންޑް އޮފް ޓުލޫޒް އެވެ. އޭނާއަކީ ކެތަލިކް ފައްޅީގެ ޢަޤީދާއަށް ތަބާވެވަޑައިގެންނެވި ބޭފުޅެކެވެ. އަލްބިޖެންސިއަން ޖަމާޢަތުގެ ބޭފުޅެއް ނޫނެވެ. އޭނާ ޕީޓަރ މަރާލީ ވެސް ސިޔާސީ ސަބަބުތަކަކަށް ޓަކައެވެ. ކެތަލިކް ބޮޑު ފައްޅީން ކައުންޓް ރޭމަންޑަށް އަދަބު ދީ، އޭނާ އެކްސްކޮމިޔުކޭޓް (މާނައަކީ ފައްޅީން އެ މީހަކާ ގުޅުން ކަނޑައިލުމެވެ) ވެސް ކުރިއެވެ. އެހެންކަމުން، ޕީޓަރގެ މަރުގެ އަދަބު އެލްބިޖެންސިއަނުންނަށް ލިބޭކަށް ނުޖެހެއެވެ.

ނަމަވެސް ކެތަލިކް ފައްޅީން އެ ހާދިސާ ބޭނުންކުރީ އެލްބިޖެންސިއަނުންނާ ދެކޮޅަށް ހަނގުރާމަވެރި ލަޝްކަރެއް ފޮނުވުމަށް ޓަކައި ލިބުނު ފުރުސަތަކަށެވެ. އެހެންކަމުން ޕޯޕް އިނޮސެންޓް ތިންވަނަ، ޞަލީބީ ހަނގުރާމައިގެ އިޢުލާން ކުރެއްވިއެވެ. އެއީ މީލާދީން 1208 ވަނަ އަހަރެވެ. އެއާއެކު ފައްޅީގެ ދިދައިގެ ދަށުގައި، ޞަލީބީ ކްރިސްޓިއަން ހަނގުރާމަވެރީންގެ ތިރީހަކަށް ހާސް ނައިޓުން ނުވަތަ ބަހާދަރުންނާއި، އިތުރު އެތައްހާސް ފައިމަގުގައި ހަނގުރާމަކުރާ ސިފައިން ޖަމާވިއެވެ. މި ލަޝްކަރު އެލްބިޖެންސިއަނުންނާ ދެކޮޅަށް ދަތުރު ފެށީ ކްރިސްޓިއަނުންގެ މަޝްހޫރު ހަނގުރާމަވެރިޔާ ސައިމަން ޑި މޮންޓްފޯރޓްގެ ވެރިކަމުގެ ދަށުގައެވެ. ކްރިސްޓިއަން ކަނޑި ހިފައިގެން ހަނގުރާމައިގެ މައިދާނަކަށް ނިކުތް އެންމެ ގަދަފަދަ، އެންމެ އަނިޔާވެރި އަދި އެންމެ ރަޙުމު ކުޑަ ކޮމާންޑަރުންގެ ތެރޭގައި އޭނާ ހިމެނެނީ އެންމެ ކުރީ ސަފުގައެވެ. އޭނާގެ ލަޝްކަރު ޓުލޫޒާއި ލެންގެޑޮކްގެ ފަރުބަދަތަކާއި ވާދީތަކަށް ފެއިބުމާ އެކު ކްރިސްޓިއަން ފައްޅީގެ ސިފައިން ހިންގަން ފެށީ އެބައިމީހުންގެ ބޯމަތީގައި ހިނގަހިނގައި ހުރި ވިލާތައް ވެސް ކަރުނަ އަޅައި ރޯން ޖެހޭ ފަދަ ނުބައި އަނިޔާތަކެވެ. ރޭޕްކުރުމާއި ފޭރުމާއި މެރުމާއި އެންދުމުގެ ސިލްސިލާއެއް އެލްބިޖެންސިއަނުންނާ ދެކޮޅަށް ހިންގުނެވެ. މި އަނިޔާވެރިކަމުގެ ތެރޭގައި ކިރުބޯ ޅަދަރީންނަށް ވެސް އަމާންކަމެއް ސަލާމަތެއް ނުލިބުނެވެ. ކްރިސްޓިއަން ކަނޑީގެ އަނިޔާވެރިކަމުން އެ މަޢުޞޫމުންނަކަށް ވެސް ހިޔާވަހިކަމެއް ނުލިބުނެވެ. މި ގޮތުގައި ކްރިސްޓިއަން ފައްޅީގެ ސިފައިން އެލްބިޖެންސިއަނުންގެ ސަރަޙައްދުތަކުގައި ލޭގެ ކޯރުތައް ހިންގާލިއެވެ.

އެލްބިޖެންސިއަނުންނާ ދެކޮޅަށް ހިނގުނު ޞަލީބީ ޖަރީމާތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ޙާދިސާއަކީ ބެޒިއަރސްގެ ޤަތުލުޢާއްމުގެ ގޮތުގައި ފާހަގަކުރެވޭ ޖަރީމާއެވެ. މި ޙާދިސާއާ ބެހޭގޮތުން، ކްރިސްޓިއަން ދީނުން ތައުބާވެވަޑައިގެން އިސްލާމްވެވަޑައިގެންނެވި އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ އަޙްމަދު ތޮމްސަނާއި، އިންޑިޔާގެ މުސްލިމެއް ކަމަށް ވާ މުޙައްމަދު ޢަޠާއުއްރަޙްމާން ލިޔުއްވާފައިވާ "ފޯރ ކްރައިސްޓްސް ސޭކް" މި ފޮތުގެ 122 ވަނަ ޞަފުޙާގައި ވެއެވެ.

"ޞަލީބީ ކްރިސްޓިއަނުންގެ ލަޝްކަރާއެކު ބެޒިއަރސްގެ ބޮޑު ފާދިރީ ރެޖިނޯލްޑް އޮފް ބެޒިއަރސް ހުންނެވިއެވެ. ޞަލީބީންގެ ލަޝްކަރަށް ބެޒިއަރސްއާ ހަމަޔަށް އައުދެވުމުން، ރެޖިނޯލްޑް ލަޝްކަރުގައި ހުންނެވި ޕޯޕްގެ ޚާއްސަ މަންދޫބުގެ އަތްޕުޅުން ޚާއްސަ ފަތްކޮޅެއް ހޯއްދެވިއެވެ. އެ ފަތްކޮޅަކީ ޝަހަރުގައި ތިބި އަލްބިޖެންސިއަން ފުރެދުންތެރީންނަކީ ކޮބައިކަން ހާމަ ކުރުމުގެ އަގެއްގެ ގޮތުން މުޅި ޝަހަރަށް އަމާންކަން ލިބިދޭނެ ކަމުގެ ޔަޤީންކަމުގެ ފަތްކޮޅެކެވެ. އެއަށްފަހު ރެޖިނޯލްޑް ޝަހަރަށް ވެދެވަޑައިގެން، ޝަހަރުގެ ކަމުވޮށިގެންވާ މީހުން އެއްކުރެއްވިއެވެ. އޭނާގެ އަތްޕުޅުގައި ޝަހަރުގެ އަލްބިޖެންސިއަނުންގެ ލިސްޓެއްވެސް އޮތެވެ. އޭނާ ޝަހަރުގެ އަހުލުވެރީންގެ ކިބައިން އެދިވަޑައިގަތީ އެލްބިޖެންސިއަނުން އޭނާއާ ޙަވާލު ކޮށްދެއްވުމަށެވެ. ނަމަވެސް ޝަހަރުގެ އަހުލުވެރީން އެކަމަށް އިންކާރު ކުރިއެވެ. އެހެނީ ލިސްޓުގައި އެބައެއްގެ ނަންތައް ހުރި އެލްބިޖެންސިއަނުންނަކީ އެ ޝަހަރުގެ ޢާއިލާތަކުގެ މެމްބަރުންނެވެ. ކޮންމެވެސް ޢާއިލާއެއްގެ ދަރިއެއް، ނުވަތަ ކޮންމެވެސް ބައެއްގެ އަޚެއް، ނުވަތަ ކޮންމެވެސް ބައެއްގެ އުޚުތެއް، ނުވަތަ ކޮންމެވެސް ބައެއްގެ ބައްޕައެއް، ނުވަތަ ކޮންމެވެސް ބައެއްގެ މަންމައެއް ފަދަ މީހެކެވެ. އަނެއްކާ، ޞަލީބީން އައުމުގެ ކުރީން އެލްބިޖެންސިއަނުން ގެންދިޔައީ ނުހަނު ޞުލްޙަވެރި ގޮތެއްގައި ޝަހަރުގައި ދިރިއުޅެމުންނެވެ. އެހެންކަމުން ތިމާމެންގެ ޢާއިލާތަކުގެ މެންބަރުން، ތިމާމެންގެ އަމިއްލަ ލޭ އަނިޔާވެރިކަމުގެ ޙައްދެއް ނެތް ފަދަ އުޑިއެއްގެ ތެރެއަށް ދޫކޮށްލަން ޝަހަރުގެ އަހުލުވެރީން ބޭނުން ނުވީއެވެ."

ދެން ކަންތައް ވެގެން ދިޔަ ގޮތާ މެދު އެޗް. ސީ. ލީ، އޭނާގެ "އަ ހިސްޓްރީ އޮފް ދި އިންކުއިޒިޝަން" މި ފޮތުގެ 154 ވަނަ ޞަފުޙާގައި ލިޔުއްވާފައި ވެއެވެ. "ކާރތޭރިއަން އެލްބިޖެންސިއަނުންނާއި ޝަހަރުގެ ކެތަލިކުން ގުޅިފައި ތިބީ ޢާއިލީ ތިމާގެކަމާއި، އެއް ޝަހަރެއްގެ އަހުލުވެރިކަމުގެ ވަރުގަދަ ގުޅުމުންނެވެ. އެހެންކަމުން އެމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޚިޔާނާތްތެރި ވާކަށް ނުރުހުނެވެ. މި ޖަވާބު ލިބުމުން ޞަލީބީ ލަޝްކަރުގައި ހުންނެވި، ރޯމުގެ ބޮޑު ޕޯޕުގެ މަންދޫބު ފާދިރީ ކޯފާވިލެއް ބޮޑުކަމުން އޭނާ މުޅި ޝަހަރުގެ އަހުލުވެރީން ކަނޑިއާއި އަލިފާނުން ސުންނާފަތި ކުރައްވާނެ ކަމަށް ވިދާޅުވެ ބޮޑު ހުވައިން ހުވައި ކުރެއްވިއެވެ. އެއަށްފަހު، ބޮޑު ފާދިރީގެ ހުވާ ޞަލީބީ ސިފައިން ތެދު ކުރިއެވެ. ޔޫރަޕްގެ ތާރީޚު އޭގެ ކުރީން ދެކެފައި ނުވާ ވަރުގަދަ އަނިޔާވެރި ޤަތުލުޢާއްމެއް ހިންގައިގެންނެވެ. ޅަފަތުން ފެށިގެން ލޯބޯކޮށިވުމުގެ ޢުމުރާ ދެމެދުގެ އެންމެ ފުރާނައެއް ވެސް ސަލާމަތެއް ނުވިއެވެ. ބުނެވޭ ގޮތުގައި ޝަހަރުގެ މޭރީ މެގްޑެލީން ފައްޅިއަށް ޖަމާވި ހަތްހާސް މީހުން ކަތިލެވުނީ އެ ފައްޅީގެ ތެރޭގައެވެ. ކަތިލެވުނު މީހުންގެ ޖުމުލަ ޢަދަދަކީ، ފައްޅީގެ ވެރީން ވިދާޅުވާ ގޮތުގައި ވިހިހާހެވެ."

ބެޒިއަރސްގައި ޞަލީބީންގެ ކަނޑިތަކުން މަރައިލެވުނީ ވިއްސަކަށް ހާސް މީހުން ކަމަށް ފައްޅީގެ ވެރީން ވިދާޅުވިޔަސް، އެއީ ރަނގަޅު ޢަދަދެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަޙްމަދު ތޮމްސަން ލިޔުއްވާ ގޮތުގައި "އެއިރު ބެޒިއަރސްގެ އާބާދީއަކީ މަދުވެގެން ލައްކައެކެވެ. އެހެންކަމުން، މަރާލެވުނު މީހުންގެ  އެއަށްވުރެ މާ ބޮޑުތަން ގިނަވާނެކަމަށް ބެލެވެއެވެ."

ކުރިންވެސް ދެންނެވިފައި ވާނޭ ފަދައިން، ޝަހަރުގެ ކެތަލިކް ޢާއްމުން އެބައިމީހުންގެ ޢާއިލާތަކަށް ނިސްބަތްވާ އެލްބިޖެންސިއަނުން ޞަލީބީންނާ ޙަވާލުކުރަން ދެކޮޅު ހެދިއެވެ. އެހެންކަމުން ޞަލީބީން ހިންގި ޤަތުލުޢާއްމުގައި ކެތަލިކުންނެއް، އެހެން ބައެއް ވައްކެއް ނުކުރެއެވެ. މި ޙާދިސާގެ ތެރޭގައި ކްރިސްޓިއަން ކެތަލިކުން ވެސް މަރާލައްވަނީތޯއޭ ކޮންމެވެސް މީހަކު ޕޯޕްގެ މަންދޫބަކަށް ހުންނެވި ބޮޑު ފާދިރީ އާރނޯޑްގެ އަރިއަހުގައި ސުވާލު ކުރިއެވެ. އޭގެ ޖަވާބުގައި އޭނާ ވިދާޅުވީ "ހުރިހާ އެންމެން މަރާލާ، ކަލާނގެ ދެނެވޮޑިގެންވާނެ އޭގެ ތެރެއިން ރަނގަޅު މީހުންނާއި ނުބައި މީހުން" މިހެންނެވެ. (އެޗް. ސީ. ލީ، އަ ހިސްޓްރީ އޮފް ދި އިންކުއިޒިޝަން"، ޞަފުޙާ 154)
މި ނުބައި ޤަތުލުޢާއްމުގެ ތަފްޞީލުތައް ވެސް ޔޫރަޕުގެ މުއައްރިޚުން ވަނީ ޢާއްމުކޮށް ފޮރުވައިފައެވެ. ތާރީޚު ފޮތްތަކުގައި މި ޙާދިސާގެ ވާހަކަ ބަޔާން ކުރާ ނަމަ ޢާއްމުކޮށް ހަދާ ގޮތަކީ އެކެއް ނުވަތަ ދެތިންހަތަރު ޖުމުލައަކުން "ޤަތުލުޢާއްމެއް ހިނގިޔޭ" ބުނެފައި ނިންމައިލުމެވެ. މިފަދަ އެހެއް ޤަތުލުޢާއްމުތައް ވެސް އެލްބިޖެންސިއަނުންނާ ދެކޮޅަށް ހިންގިފައި ވެއެވެ. އެބައިމީހުންގެ ތެރެއިން އެތައް ހާސް ބަޔަކު އިންކުއިޒިޝަންގެ ޖަލުތަކުގައި ބައިތިއްބައިގެން އެތައް އަނިޔާއެއް ދެވިފައި ވެއެވެ. އެތައް ހާސް ބަޔަކު ދިރިތިއްބައި އަލިފާނަށް ލައި އަންދާލެވިފައި ވެއެވެ. އެތައް ހާސް އަންހެނުން ރޭޕްކޮށް ނިކަމެތި ކުރެވިފައި ވެއެވެ. މި ޤަތުލުޢާއްމުތަކާއި ޖަރީމާތަކަށް ފަހު އަލްބިޖެންސިއަނުންގެ މުޖުތަމަޢު މާޒީގެ ތެރޭގައި ފޮރުވައިލެވުނެވެ. އެބައިމީހުންގެ ފޮތްތައް ވެސް ގާތްގަނޑަކަށް މުޅީންހެން އަންދައިލެވުނެވެ.

އަނިޔާވެރިކަމުގެ މި ކަޅު ސިލްސިލާގެ ޚާތިމާއެއް ކަމުގައި ފައްޅީން ހެދީ އެލްބިޖެންސިއަނުންގެ ތާރީޚު އޮޅުވައިލުމެވެ. އެބައިމީހުންނަކީ ނުބައި ބައެއް ކަމުގެ ވިސްނުން ފަތުރައި ޢާއްމު ކުރުމެވެ. އެބައިމީހުންނާ ދެކޮޅަށް ދޮގު ވާހަކަތައް ތާރީޚުގައި ލިޔުމެވެ. މިއީ ހަމަ މުސްލިމުންނާ މެދުވެސް ކްރިސްޓިއަން ހުޅަނގުގެ އަޚްލާޤު ޢާއްމު ގޮތެއްގައި ހުންނަ ގޮތެވެ. އެއިރުވެސް، އަދި މިހާރުވެސް މެއެވެ. މިއީ އިނގިރޭސި ބަހުން ކިޔާ ގޮތުން "ވިކްޓިމް ޑީމަނައިޒް" ކޮށްގެން ތިމާމެންގެ ރަނގަޅުކަން ސާބިތުކުރުމުގެ އަޚްލާޤެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ، ތިމާގެ އަނިޔާވެރިކަން ލިބޭ މީހާއަކީ ނުބައި ޝައިޠާނަކަށް ހަދައިގެން، ޓެރަރިސްޓަކަށް ހަދައިގެން، ތިމާގެ އަނިޔާއަކީ އިންސާފު ކަމުގައި ދައްކަން މަސައްކަތް ކުރުމުގެ އަޚްލާޤެވެ. މި ކަމާ ބެހޭ ގޮތުން އެފް. ސީ. ކޮނީބިއަރ، އޭނާ ލިޔުއްވި "ދަ ކީ އޮފް ޓްރުތް" މި ފޮތުގެ 10 ވަނަ ޞަފުޙާގައި ލިޔުއްވާފައި ވެއެވެ. "(އަޅުގަނޑު މި ލިޔާ ފަދަ) ސަތޭކަ ފޮތް ލިޔެގެން މެނުވީ ޔޫރަޕުގެ ކެތާރީންނާ (އެލްބިޖެންސިއަނުންނަކީ ވެސް ކެތާރީންނެވެ) ދެކޮޅަށް ރޯމުގެ ބޮޑު ފައްޅީން ހިންގި އަނިޔާތަކާއި ޖަރީމާތަކުގެ ދިގު ވާހަކަ އެއްކޮށެއް ކިޔައެއްނުދެވޭނެއެވެ."

ވޯލްޑެންސިއަން ޞަލީބީ ހަނގުރާމަ

ވޯލްޑެންސިއަނުންނާ ދެކޮޅަށް ކުރެވުނު ޞަލީބީ ހަނގުރާމަ އިޢުލާން ކުރެއްވީ މީލާދީން 1487 ވަނަ އަހަރު، އެއިރު ރޯމުގެ ބޮޑު ފައްޅީގެ ތަޚުތުގައި ރެދަލިކުރައްވަމުން ގެންދެވި ޕޯޕް އިނޮސެންޓް އަށްވަނަ އެވެ.

ވޯލްޑެންސިއަނުންނަކީ ވެސް ބޮޑު ފައްޅިއާ ދެކޮޅަށް ތެދުވި ކްރިސްޓިއަން ދީނުގެ ތެރޭގައި ހިމެނޭ ޖަމާޢަތެކެވެ. މި ޖަމާޢަތުގެ ބާނީއަކީ ފަރަންސޭސި ސައުދާގަރެއް ކަމަށްވާ ޕީޓަރ ވޯލްޑޯއެވެ. އޭނާއަކީ ފަރަންސޭސި ވިލާތުގެ ލިޔޯނެވެ ކިޔުނު ޝަހަރުގެ އަހުލުވެރިއެކެވެ. އޭނާ ދުނިޔޭގައި އުޅުނީ މީލާދީން 12 ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. ވޯލްޑޯގެ ފިކުރަށް ތަބާ ވީ މީހުންނަށް "ލިޔޯންގެ ފަޤީރުން" މި ނަމުން ނަން ދެވިފައި ވެއެވެ. އެބައިމީހުންނަކީ ފަޤީރުކަމުގައި ދުނިޔޭގައި އުޅުމަށް ހުވައެއް ކޮށްގެން، އެ ހުވާގެ މަތީގައި ދެމިތިބޭ ބައެކެވެ. ދުނިޔެ އަޅައިފައި، އަޅުކަމާއިގެން ހުސްވެ ތިބޭ ބައެކެވެ. އެބައިމީހުންގެ ފިކުރަށް ކެތާރީ އަލްބިޖެންސިއަނުންގެ ފިކުރަށް ލިބުނު ތަރުޙީބަށް ވުރެ ވެސް ބޮޑު ތަރުޙީބެއް ލިބުނެވެ. ނަމަވެސް ކެތަލިކް ފައްޅީން ގެންދިޔައީ އެންމެ ފުރަތަމަ ދުވަހުއްސުރެވެސް އެމީހުންނާ ދެކޮޅަށް ޢާއްމުންނަށް ނަސޭހަތް ދެމުންނެވެ. އެގޮތުން، ލިޔޯންގެ ބޮޑު ފާދިރީ ވެސް ވޯލްޑޯގެ ފިކުރުތައް ފެތުރުން މަނާކުރުމުގެ އަމުރުފުޅު ނެރުއްވިއެވެ. ނަމަވެސް އޭނާގެ އަމުރުފުޅަކުން އެކަމެއް ނުހުއްޓުވުނެވެ. އެންމެ ފަހުން، ވެޓިކަންގެ ބޮޑު ޕޯޕްގެ އަމުރުފުޅަށް ޞަލީބީ ވަރުގަދަ ލަޝްކަރެއް ވޯލްޑެންސިއަނުންނާ ދެކޮޅަށް ވެސް އައެވެ. އަދި އެލްބިޖެންސިއަނުންނާ ދެކޮޅަށް ހިންގި ފަދަ އަނިޔާވެރި ޤަތުލުޢާއްމުތަކަކާއެކު ވޯލްޑެންސިއަނުންގެ ޖަމާޢަތްތައް ވެސް ރޫޅާލިއެވެ. އެތައް ޤަރުނެއް ވަންދެން އެބައިމީހުން ރޯމުގެ ބޮޑު ފައްޅީގެ ކަނޑީގެ ތޫނުކަން ދެކެމުން ދިޔައެވެ. ފައްޅީގެ ސިފައިންގެ އަތްތަކުން އަނިޔާގެ އެތައް ރަހައެއް ލިބިގަތެވެ. ކްރިސްޓިއަނުންގެ ރަޙުމުކުޑަކަމުގެ އުޑީގައި ވޭނާއި ހޫނާއި ކަރުނައިގެ ދިގު ޒަމާނެއް ވެއަތުކުރިއެވެ.

ވޯލްޑެންސިއަނުންނާ ދެކޮޅަށް ހިންގުނު އެތައް ޤަތުލުޢާއްމެއްގެ ތެރޭގައި، "މެރިންޑޯލްގެ ޤަތުލުޢާއްމު" ގެ ނަމުން މަޝްހޫރުވެފައިވާ ޤަތުލުޢާއްމު ހިމެނެއެވެ. މި ޤަތުލުޢާއްމު ހިންގުނީ ފަރަންސޭސި ރަސްގެފާނު ފްރާންސިސް އެއްވަނައިގެ ވެރިކަމުގެ ދަށުގައި، މީލާދީން 1545 ވަނަ އަހަރުގައެވެ.

ކްރިސްޓިއަން ލަޝްކަރުތައް ފްރާންސިސްގެ ވެރިކަމުގައި، ފާދިރީންގެ ޖަމާޢަތްތަކާ އެކު މެރިންޑޯލާއި ކެބްރިއަރީޒްގެ ސަރަޙައްދަށް އަރައި، އެ ސަރަޙައްދުގެ ފަންސަވީހަކަށް އަވަށް މުޅީން ސުންނާފަތިކޮށްލިއެވެ. މަރުވީ މީހުންގެ ޢަދަދާ މެދު ޚިލާފުތައް ހުރެއެވެ. ފައްޅިއަށް ހަމްދަރުދީ ވާ މީހުން ޢަދަދު ކިޔަނީ ސަތޭކަތަކަކުންނެވެ. އެހެން މީހުން ޢަދަދު ކިޔަނީ އެތައް ހާހަކުންނެވެ. މި ޤަތުލުޢާއްމުގެ ތެރޭގައި ވެސް ޢުމުރަކަށް، ޖިންސަކަށް ބެލުމެއް ނެތި މީސްތަކުން ކަތިލެވިފައި ވެއެވެ. އަންހެނުން ރޭޕްކުރެވިފައި ވެއެވެ. މި ޤަތުލުޢާއްމު ނިމުމުން، ރޯމްގެ ބޮޑު ޕޯޕް ޕޯލް ތިންވަނަ އެކަމާ ނުހަނު އުފާފުޅު ކުރައްވައި، ޞަލީބީ ލަޝްކަރުގެ އިސް އަމީރު ޖީން މެއިނަރ ޑި އޮޕީޑީއަށް އަމްބަރާތޫރީ ޢިއްޒަތާއި ޝަރަފު ދެއްވިއެވެ.
-----------------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ