މަޖުބޫރު ލޯބި (40)
ގައްދޫ މުޙަންމަދު ރަޝީދު
އޭނާއާމެދު ޖަލާލީ ބަލާނީ ކޮންލޮލަކުން ހެއްޔެވެ. ޖަލާލީ މިހާރު ހުރިހާ ގުޅުމެއް ކަނޑާލައިފިއެވެ. އޭނާ މިހާރު އެހުންނަނީ ހުރިހާ ލިޔުމެއް ފުރިހަމަ ވުމަށްފަހު ޖަޔާ ރަށަށް ފޮނުވާލުމުގެ އިންތިޒާރުގައެވެ.
ނާޖިޔާ ބޯހޫރާލިއެވެ. އަދި ވަރަށް ހިތްވަރާއެކު ޖަލާލީގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ދޮރުހުރީ ހުޅުވާފައެވެ. ޖަލާލީ ލޯމަރާލައިގެން ގޮނޑީގައި އޮތެވެ. އަތުގައި ރޯކޮށްފައިވާ ސިގިރޭޓެއް އޮތެވެ. އޭނާ މިދުވަސްކޮޅު ސިގިރޭޓެއްގެ ފުޅު ސިގިރޭޓެއް ބޮމުން ގެންދެއެވެ.
ނާޖިޔާއަށް ހިތްވަރު ލިބުނީ ކިހިނެއް ކަމެއްވެސް ނޭގެއެވެ. ދޮރުފަތުގައި ޓަކި ޖަހާލިއެވެ.
[ކާކު ހެއްޔެވެ؟] ޖަލާލީ އެނބުރި ލާފައި ބުންޏެވެ.
[އަސްތާ!.....]
ޖަޔާ ދޮރު ކައިރީގައި ހުއްޓާ ފެނުމާއެކު އޭނާ އަވަސް އަވަހަށް ގޮނޑިން ތެދުވެއްޖެއެވެ. ނާޖިޔާ އޭނާގެ ކޮޓަރިއާ ހަމައަށް އައުމުން ވަރަށްބޮޑަށް ޙައިރާން ވެއްޖެއެވެ. އޭނާ އެއައީ ކީކޭ ހިތަށް އަރައިގެން ބާވައެވެ. އަދި މިއައީވެސް ޤިޔާމަތެއް ޤާއިމު ކުރަމުންނެވެ. ހާދަހާ ރީއްޗެވެ. ހާދަހާ ފުރިހަމައެވެ.
[އަޅުގަނޑު ގަލަމަކާ ސިޓީލިޔާނެ ކަރުދާސް ބޭނުމެވެ.] ޖަޔާ އޭނާއާ ދިމާއަށް ބަލާލުމަކާ ނުލައި ބުންޏެވެ. މިހާ ދުވަސްވީއިރު އޭނާ ފުރިހަމަ ނަޒަރަކުން ޖަލާލީގެ މޫނަކަށް ނުބަލައެވެ. ފުރަތަމަ ދުވަހު ބިރުން މޫނު އަނބުރާލި ގޮތަށް ދެވަނަ ފަހަރަކަށް ބަލާލުމުގެ ހިތްވަރެއް ޖަޔާއަކަށް ނުލިބުނެވެ.
ޖަލާލީ މޭޒު ވަތްގަނޑުން ގަނޑުކަނޑާ ފޮތަކާ ގަލަމެއް ނަގައިފިއެވެ.
[ސިޓީއުރައެއްވެސް ބޭނުމެވެ.] ޖަޔާ ބުންޏެވެ.
[ސިޓީއުރައެކޭ ހެއްޔެވެ؟]
[ޕާކިސްތާނަށް ފޮނުވުމަށްޓަކައި ޕޯސްޓް ސިޓީއުރަ އެކެވެ.]
[ޕޯސްޓް ސިޓީއުރައެއް ނެތެވެ. ހުރީ އާދައިގެ އުރައެވެ. ސިޓީ ލިޔާށެވެ. ޕޯސްޓް ކުރެވިދާނެއެވެ.]
ޖަލާލީ ގަނޑުކަނޑާ ފޮތާ ގަލަން ޖަޔާއާ ދިމާއަށް ދިއްކޮށްލިއެވެ.
އޭނާ ދޮރު ކައިރީގައި ހުރެ އަތް ދިއްކޮށްލިއެވެ. އަދި އޭގައި ހިފައިފިއެވެ. ޖަލާލީ ހުރީ ވަރަށް ރައްކާތެރި ވެގެންނެވެ. އެކަމަކުވެސް އޭނާގެ އަތް ތުރުތުރު އަޅައިގަތެވެ.
[ޝުކުރިއްޔާއެވެ.] ނާޖިޔާ ކަރުދާހާ ގަލަން ހިފައިގެން އަތުވެއްޖެއެވެ.
އޭނާ މަންމައާ ބައްޕައަށް ސިޓީ ލިޔުނެވެ. އަދި ތާނޫ ދައްތަގެ ސިޓީ ނިއުޅާލާފައި ކުރިމަތީގައި ބޭއްވިއެވެ. އޭނާ ބޭނުންވަނީ ތަރުތީބުން ހުރިހާ ވާހަކައެއް ލިޔުމަށެވެ. މަންމައާ ބައްޕައަށް ލިޔުނު ސިޓީކިޔާފައި އެމީހުންގެ ލޭ ތާޒާވެގެން ދާނެކަން އޭނާއަށް އެނގެއެވެ. މޫނު މައްޗަށް އުފާވެރިކަން އަންނާނެއެވެ. އަދި ފަޚުރުވެރި ކަމާއެކު އެކަކު އަނެކެއްގެ މޫނަށް ބަލާނެއެވެ.
ޖަޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. މައިން ބަފައިންނަށްޓަކައި އޭނާ ޤުރްބާންވީއެވެ. އޭނާ ހަނދާން ހުންނަން ފެށީއްސުރެ ގެއަށް މިފަދަ އުފާވެރިކަމެއް ނާދެއެވެ. އަބަދުވެސް ބައްޕަ އުޅެނީ ހާސްކަމުގެ ތެރޭގައެވެ. މަންމަގެ ލޮލުން އަބަދުވެސް ފެންނަނީ ހިތާމައިގެ ހިޔަނިތަކެވެ.
އެމީހުން ޖަޔާއަށް އުފާ ދިނެވެ. ހިތް ހަލާކު ކޮށްލައިގެން ކިޔަވާދިނެވެ.
ނާޖިޔާ ތާނޫއަށް ސިޓީލިޔަން އިންދާ ދޮރުގައި މީހަކު ޓަކި ޖަހައިފިއެވެ. އެއާއެކު މޭޒުމަތީގައި ފޮތް ބާއްވާފައި ގަލަން ހިފައިގެންނާޖިޔާ ދޮރުކަރިއަށް އަތުވެއްޖެއެވެ. އަދި ކުޑަކޮށް ދޮރުފަތް ހުޅުވާލިއެވެ.
ޖަލާލީގެ އަތުގައި މޭލް ސިޓީއުރައެއް އޮތެވެ.
[މިއީ ކަރުދާސްތަކުގެ ތެރޭގައި އޮތް އެންމެ އުރައެކެވެ.] އޭނާ ނާޖިޔާއާ ދިމާއަށް ސިޓީއުރަ ދިއްކޮށްލިއެވެ.
[ޝުކުރިއްޔާއެވެ.] ނާޖިޔާ ސިޓީއުރަ އަތުލައިފިއެވެ. ޖަލާލީ ދޮރުކައިރިން ދުރަށް ހިނގައްޖެއެވެ. ހަމައެއާއެކު ނާޖިޔާ އަނެއްކާވެސް ސިޓީލިޔަން ފަށައިފިއެވެ.
***********************
ނާޖިޔާ ގަޑި ބަލާލިއެވެ.
[އަސްތާއެވެ! ބާރަ ޖަހަނީއެވެ. އަދި އަހަރެން މެންދުރަށް ކައްކަން އެބަޖެހެއެވެ.]
އޭނާ އެއްފަރާތެއްގައި މަޖައްލާ ބާއްވާލިއެވެ. އަދި ގޮނޑިން ތެދުވެއްޖެއެވެ. އޭނާ ސިޓީލިޔެ ނިންމާލާފައި މަޖައްލާ ކިޔަން އިނީއެވެ. އޭގައި އޮތް ކުރުވާހަކައެއް ކިޔާލުމުން އޭނާއަށް ވަރަށް އަސަރުކޮށްފައި ވެއެވެ. އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއަށްޓަކައި ކޮށްފައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ. ވާހަކަ ލިޔެފައިވަނީ އެހާމެ އަސަރުގަދަ ގޮތަކަށެވެ.
މުޅިން އާއުންމީދަކާ ޖޯޝަކާއެކު އޭނާ ގޮނޑިން ތެދުވެއްޖެއެވެ. ޖަލާލީއަށް ކެއުންތައްޔާރުކުރަން ކުރީގައިވެސް އޭނާ ވިސްނާފައިވެއެވެ. މިހާރު އޭނާ އެއައީ މުޅިން އެކަމަށް ތައްޔާރު ވެގެންނެވެ. ބަދިގެއަށް ވަނުމާއެކު އޭނާ ނަޒަރު ޖަލާލީގެ މައްޗަށް ހުއްޓިއްޖެއެވެ.
އޭނާ ވާތް ފަރާތުގައި ހުރި މޭޒުމަތީގައި އިށީނދެލައިގެން އިނެވެ. ކައިރީގައި ހުރި ތަށީގައި ސޭންޑްވިޗް މަސް ހުއްޓެވެ. އޭނާ ސޭންޑްވިޗް ކަމުން ގެންދިޔައެވެ. އަދި ކިރުތަށި އަނގައާ ދިމާއަށް ގެންދިއުމަށްޓަކައި އަތް ޙަރަކާތްކޮށްލި ވަގުތު ޖަޔާ އެތެރެއަށް ވަންތަން ފެނިފައި ހުއްޓުން އަރުވާލިއެވެ. އަދި އަވަސް އަވަހަށް ކޮޅަށް ތެދުވެއްޖެއެވެ.
ޖަޔާގެ ޕްރޮގްރާމް ވިއްސިވިހާލި ވެއްޖެއެވެ. އޭނާ ޖަލާލީ ދެކެ ރުޅިވެސް އަތުވެއްޖެއެވެ. ޖަލާލީ އޭނާއާ ދުރުހެލިވެގެން މިއުޅެނީ ހާދަހާ ބޮޑަކަށެވެ. އަޚްލާޤީ ގޮތުންވެސް ޖަޔާ ކާން ހަދައިދެން އިންތިޒާރުކުރަން ޖެހޭނެއެވެ. މިއަދު މިސިޒް ހެރަލްޑެއްވެސް ނެތެވެ. އަދި ޖަޔާވެސް ކާނެކަން އެނގޭނެއެވެ. ކައްކާނީވެސް ޖަޔާކަން އެނގެން ވާނެއެވެ.
[އަންނާށެވެ.] ޖަލާލީ ބުންޏެވެ.
ނާޖިޔާ އެތެރެއަށް ވަދެއްޖެއެވެ. އޭނާ ހުރީ މުޅިން ހިމޭން ވެފައެވެ.
[ސިޓީ ލިޔެނިމިއްޖެ ހެއްޔެވެ. އަހަރެން މިއުޅެނީ ބޭރަށް ދާންވެގެންނެވެ. ބޭނުމިއްޔާ ޕޯސްޓް ކޮށްދީފާނަމެވެ.]
ނާޖިޔާ އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ.
[ކެއުން ބުއިމާބެހޭ ހުރިހާ ސާމާނެއް މިގޭގައި ހުންނާނެއެވެ. މިސިޒް ހެރަލްޑް ދިއުމަށްފަހު ނާޖިޔާއަށް ވަރަށް އުނދަގޫވާނެކަން ނޭނގޭއެވެ.]
ނާޖިޔާ ރުޅިވެރިކަމާއެކު އޭނާއާ ދިމާއަށް ބަލާލިއެވެ. ޖަލާލީ ހާސްވެފައި އިނެވެ. [އަހަރެން ހަމަ މިއަދު ކޮންމެވެސް ގޮތެއް ހަމަޖައްސާނަމެވެ. މިސިޒް ހެރަލްޑް އަންނަންދެން ކޮންމެވެސް އަންހެނަކު ގެންނާނީއެވެ.]
ޖަޔާ އަނެއްކާވެސް ބަލާލިއެވެ.
[ޔަޤީން ކުރާށެވެ. އަހަރެން ވަރަށް މަސައްކަތް އެބަކުރަމެވެ. އެކަމަކު މިއުޅެނީ އަވަސް ނުކުރެވިގެންނެވެ. އިއްޔެ އަހަރެން ހީކުރީ މިހަފްތާ ނިމޭ ހިސާބުގައި ހުރިހާކަމެއް ހަމަޖެހޭނެ ކަމުގައެވެ. އެކަމަކު ކަމާބެހޭ އޮފިސަރު ޗުއްޓީގައި ހިނގައްޖެކަން މިއަދު އަހަންނަށް އެނގިއްޖެއެވެ.]
ޖަޔާ ހިނދުކޮޅަކަށް ޖަލާލީގެ މޫނަށް ބަލާލިއެވެ. ދެން އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އޭނާދެނެގަންނަން ބޭނުންވަނީ ޖަލާލީ އެބުނަނީ ތެދެއްތޯ ނުވަތަ ދައްކާ ބަހަނާއެއްތޯއެވެ. ގިނަގިނައިން ކައިރިވެ އުޅުމަށްޓަކައި ހަދަމުންގެންދާ މަކަރެއްތޯއެވެ. އެކަމަކު އެހާގިނައިރު ޖަލާލީއާ ދިމާއަށް ބަލަހައްޓައިގެން ހުރުމަކީ އޭނާއަށް ކުޅަދާނަ ކަމެއްނޫނެވެ.
ނާޖިޔާ އަނެއްކާވެސް ފުރަގަސް ދީފިއެވެ.
އަދި ޖަލާލީ ނާޖިޔާގެ ޖަޒްބާތުތަކާމެދު އެކައްޗެއްވެސް ނޭގިހުރެ އަމިއްލަ ނިކަމެތިކަން އިޙްސާސް ކުރަމުން ސޭންޑްވިޗް ތައްޓާ ކިރުތަށި ހިފައިގެން ބަދިގެން ނުކުންނަން ހިނގައި ގަތެވެ.
[މާފު ކުރާށެވެ. މިއަދު ވަރަށް ގިނަފަހަރަށް އަހަންނާ ކުރިމަތިލާން ޖަޔާއަށް ޖެހިއްޖެއެވެ.] ޖަލާލީގެ އަޑު އަސަރުން ފޯވެފައިވެއެވެ. [އަހަރެން މަސައްކަތް ކުރަނީ ނާޖިޔާގެ ކުރިމައްޗަށް ނައިސް ވޭތޯއެވެ. އެކަމަކު މިސިޒް ހެރަލްޑް ދިއުމަށްފަހު..........]
ޖަލާލީ ހިނދުކޮޅަކަށް ހުއްޓުނެވެ. އަދި ނާޖިޔާގެ ފުރަގަހުން ބަލާލިއެވެ. އަދިވެސް ނާޖިޔާހުރީ ފުރަގަސް ދީގެންނެވެ.
[އަހަރެން ހަމަ މިއަދު ކޮންމެވެސް އަންހެނަކު މިގެއަށް ގެންނާނަމެވެ. އަނެއްކޮޅުން ބަލާއިރު ނާޖިޔާ އެކަނި އިންނަން ޖެހުމުން ފޫހިވެސް ވާނެއެވެ. އިތުރު މީހަކު އަތުވެއްޖެއްޔާ ފޫހިވެސް ފިލާނެއެވެ.]
[ޝުކުރިއްޔާއެވެ.] އަޑުފަޅައިގެން ދާވަރަށް ޖަޔާ ބުންޏެވެ. އަދި ކައުންޓަރު މަތީގައިހުރި ތަވާނަގާ ބިމާ އެއްކޮށް ޖަހައިފިއެވެ. އޭނާގެ ހިތުގައިއޮތީ އެހެން ކަމެކެވެ. ކުރެވުނީ އެހެން ކަމެކެވެ.
ޖަލާލީ އަވަހަށް އެތަނުން ނުކުމެއްޖެއެވެ. އޭނާ ބިރުގެންފިއެވެ. އަދި އިތުރު ހަނގުރާމައެއް ފެށުމުގެ ކުރީގައި އޭނާ ނުކުތީއެވެ.
އަވަސް އަވަހަށް ކައިނިމިގެން ހުސްތަށި ލޮބީގައި ބަހައްޓައިފިއެވެ. އޭނާއަށް ދެވަނަ ފަހަރަށް ބަދިގެއަށް ދާކަށް ނުކެރުނެވެ.
ނާޖިޔާ އެތައް އިރެންވަންދެން ހިމޭނުން ހުއްޓެވެ. ބަދިގޭގައިވާ ހުރިހާ އެއްޗެއް ކުދިކުދިކޮށްލާފައި ބިންމައްޗަށް އަޅާލުމަށް އޭނާގެ ހިތަށް އެރިއެވެ. މިހާރު އެކައްޗެއްވެސް ކައްކާ ހިތެއްނެތެވެ. ކެއުމުގެ އުއްމީދެއްވެސް ނެތެވެ.
އެންމެފަހުން މޭޒު ކައިރީގައިހުރި ގޮނޑީގައި އޭނާ އިށީދެއްޖެއެވެ. އަދި މޭޒުގައި އުޅަބޮށި ވިއްދާލާފައި ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.
އޭނާ ހަދަންވީ ކިހިނެއް ހެއްޔެވެ.
އަމިއްލަ ގޮތްދޫކޮށްލާފައި ކުރެވުނު ކަންތައްތަކާމެދު މާފަށް އެދެންވީ ހެއްޔެވެ. ވިސްނަމުން ވިސްނަމުންގޮސް އޭނާގެ ސިކުނޑި ކަންނެތް ވެއްޖެއެވެ. އެކަމަކު އެއްވެސް ގޮތެއް ނުނިންމުނެވެ.
އެންމެ ރަނގަޅު ގޮތަކީ ޙާލަތު ދިމާކުރި ގޮތަކަށް ދަތުރުކުރުމެވެ. ވާންވީގޮތެއް ވެދާނެއެވެ.
އޭނާގެ ސިކުނޑި މަޝްވަރާދިނެވެ.
މި މަޝްވަރާއިން އޭނާއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އޭނާ ގޮޑިން ތެދުވެއްޖެއެވެ. ފްރިޖް ހުޅުވާލިއެވެ. އެއްގަމު މަހާއި ޓޮމާޓޯ އަދި އަލުވިނަގާ ކައުންޓަރު މަތީ ބަހައްޓައިފިއެވެ. މިހާރުއްސުރެ ރޭގަނޑަށް ކައްކަން ފަށަން އޭނާ ގަސްތުކޮށްފިއެވެ.
ކައްކަން ފެށުމުގެ ކުރީގައި ބަނޑުހައިކަމުގެ އިޙްސާސް އޭނާއަށް އުނދަގޫ ކުރިއެވެ. ހެނދުނު އޭނާ ކެއީ ހަމައެކަނި އެންމެ ޓޯސްޓަކާ ކުކުޅު ބިހެކެވެ.
އޭނާ އަނެއްކާވެސް ފްރިޖް ހުޅުވާލިއެވެ. އެއްވަތްގަނޑުގައި ސޭންޑްވިޗް ކެއްކިބިސް ހުއްޓެވެ. ޖަލާލީވެސް ކެއީ މިއެވެ.
ޖަޔާގެ ތުންފަތަށް މަޑު ހިނިތުންވުމެއް ވެރިވިއެވެ. މިއީ ޖަޔާއަށް އޭނާ ތައްޔާރުކުރި ކާއެއްޗެހިކަން ހަމަ ޔަޤީނެވެ. ޖަޔާ ތަށި ނަގައިފިއެވެ. އަދި ކިރުތައްޓެއް ހަދާފައި ހޫނުކުރަން އަވަނަށް ލައިފިއެވެ.
ދެން މޭޒު ކައިރީއަށް އައިސް އިށީނދެއްޖެއެވެ.
ބޭރުން ކާރު އިސްޓާޓު ކުރިއަޑު އިވިއްޖެއެވެ. ޖަލާލީ ބޭރަށް ދަނީއެވެ. ޖަޔާ ތެދުވެފައި ހުޅަނގު ފަރާތު ކުޑަދޮރުން ތިރިއަށް ބަލާލިއެވެ. ޖަލާލީ ކާރު އިސްޓާޓު ކުރަނީއެވެ.
ނާޖިޔާއަށް ސިޓީގެ މަތިން ހަނދާން ވެއްޖެއެވެ. މިއަދު ޕޯސްޓް ކުރެވިއްޖެއްޔާ ވަރަށް ރަނގަޅެވެ.
ނާޖިޔާ މިޚިޔާލުގައި ބަދިގެން ނުކުމެއްޖެއެވެ. ދުވެފައި ކޮޓަރިއަށް އަތުވެއްޖެއެވެ. އަދި ސިޓީ ހިފައިގެން ކޮރިޑޯއަށް އަތުވެއްޖެއެވެ.
ބޭރު ދޮރުން ޖަޔާ ސިކުތުމާއެކު ޖަލާލީ ކާރުގައި އެދިމާއަށް އަތުވެއްޖެއެވެ.
ޖަޔާގެ އަތުގައި އޮތް ސިޓީއުރަ ފެނުމުން އޭނާ އަތް ދިއްކޮށްލިއެވެ. ހަމައެއާއެކު ޖަޔާ ކުރިއަށް ޖެހިލިއެވެ.
[ގެންނާށެވެ. އަހަރެން ޕޯސްޓް ކޮށްދީފާނަމެވެ.] ޖަލާލީ ލޯގަނޑުން ނަޒަރު ސީދާ ކޮށްލަމުން ބުންޏެވެ.
[އަޅުގަނޑު.....] ޖަޔާ އެއްޗެކޭ ބުނަން އުޅެނެވެ.
[އިތުބާރު ކުރާށެވެ. ސިޓީ ޕޯސްޓް ކޮށްދޭނަމެވެ. އަހަރެން ސިޓީ ކިޔާފާނެކަމުގައި ހީކުރަނީ ހެއްޔެވެ.] ޖަލާލީ މަލާމާތުގެ ހިނިތުންވުން މަތަކުރަމުން ބުންޏެވެ.
ޖަޔާ ހިއްސު ކެނޑިފައިވާ ގޮތަކަށް އައިސް ޖަލާލީއާ ދިމާއަށް ސިޓީ ދިއްކޮށްލިއެވެ.
ޖަލާލީ ސިޓީ އަތުލާފައި ކުރިމަތީގައި ބާއްވައިފިއެވެ. އަދި ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.
[މިސިޓީގައިވާ އެއްޗެއް ދެނެގަންނަން އަހަރެން ބޭނުމެވެ. އެކަމަކު އަހަންނަށް އިތުބާރު ކުރާށެވެ. ސިޓީއެއް ނުކަނޑާނަމެވެ.]
ޖަލާލީ އެކައްޗެއް ނުވިސްނި އިނދެ އޭނާއާ ދިމާއަށް ބަލާލިއެވެ. އޭރު ޖަޔާހުރީ ފުރަގަސް ދީގެންނެވެ.
ޖަލާލީ ހިމޭން އަޑަކުން އަނެއްކާވެސް ބުންޏެވެ. [މިއީ ނާޖިޔާއާ ނާޖިޔާގެ ޢާއިލީ މައްސަލައެކެވެ. އަހަރެން މިކަމަކާ ނުބެހޭނަމެވެ.....] އޭނާ މިހެން ބުނެފައި ކާރުގައި ބޭރަށް ނުކުމެއްޖެއެވެ.
ޖަޔާ އެނބުރި ބަލާލިއެވެ.
ޖަލާލީގެ ވާހަކައިގައި އޭނާއަށް މަލާމާތް ރައްދުވާކަން އިޙްސާސް ކުރެވުނެވެ. އެހެންކަމުން ރުޅިއައިސް ފުފިފައި ގެއަށް ވަދެއްޖެއެވެ. އަނެއްކާވެސް އޭނާގެ ސިކުނޑި އެނބުރިގަތެވެ.
[ދެން ހަދަންވީ ކިހިނެއް ހެއްޔެވެ؟]
މިސުވާލު ސިކުނޑީގެ ވަށައިގެން ބުރުޖަހަން ފަށައިފިއެވެ.
ދެން އަނެއްކާވެސް ބަދިގެއަށް އަތުވެއްޖެއެވެ.
އަދި އޭނާގެ ވިސްނުމާ ސިކުނޑީގެ ނަސޭޙަތްތައްއެއްކޮށްގެން މިހާރުގެ ޙާލަތާ ބެހޭގޮތުން ވިސްނަން ފަށައިފިއެވެ. ކެއުމުގެ ތެރޭގައި އޭނާ ގޮތެއް ނިންމައިފިއެވެ. އޭނާ މިހުރިހާ ކަމަކަށް ކެތްކުރާނީއެވެ. އަދި ޖަލާލީގެ ހިތުގައި އޭނާއާމެދު އުފެދިފައިވާ ރުޅިވެރިކަމާ ނުރުހުން ތެރިކަން ފިލުވާލުމަށް މަސައްކަތް ކުރާނީއެވެ. ޚިދުމަތް ކޮށްދީގެންނެވެ. ލޯތްބާ މަޑުމައިތިރިކަން ދައްކައިގެންނެވެ.
އެކަމަކު އޭނާއަކީ ރުޅިގަދަ އަންހެން ކުއްޖެކެވެ.
އޭނާއަށް ކެތްތެރިކަމުގެ މުޒާހަރާ ކުރެވިދާނެ ހެއްޔެވެ.
ދެން އަނެއްކާވެސް އެއްކަލަ ނިންމުން ކުރިމަތި ވެއްޖެއެވެ.. [ވާންވީގޮތެއް ވެދާނެއެވެ. ދެކެން ހުންނާނީއެވެ.]
އަދި........
(ނުނިމޭ...)
މި ލިޔުން؛ފޮނުވުން: އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
ޝާއިޢުކުރުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)