އަދުގެ ޚާއްސަ

Print

މާވަޑި ޖަމީލާ

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ވާހަކަ


ކޮމަންޑޫ ޢަލީ އިބުރާހީމް


އަލިފުށީގެ ބޮޑު މާލޫދަށް މުޅި ރަށް ޒީނަތްތެރިވެފައިވަނީ އަލަތު ކައިވެންޏަކަށް އަންހެންކުއްޖަކު ޒީނަތްތެރިވެފައިވާ ފަދައިންނެވެ. ރަށުގެ ފައި އިނދޭ ފުރައިން ފެށިގެން ދުވަސްވީ މުސްކުޅިންނަށް ދާންދެން އެއްވެފައި އެތިބީ ރަށުގެ ބޮޑު މާލޫދަށް އަންނަ މީހުންނަށް މަރުޙަބާ ކިޔުމަށް ރަށުގެ އަތިރިމަތީގައެވެ.


ޒަމާނުއްސުރެ މި މައުލޫދަށް ބިލެތް އަޅައިގެން އަންނަ ޚާއްޞަ އެއްބަޔަކީ އަތޮޅަށް ނިޞްބަތްނުވާ އެކަމަކު ރަށާ އެންމެ ކައިރީގައި އޮންނަ އަވަށްޓެރި ކޮމަންޑޫގެ

ރައްޔިތުންނެވެ. ކޮމަންޑޫގެ އޮޑިދޯނިފަހަރު އަލިފުށީ ފަޅަށް ވަދެގެން އައީ ކުރު ފަލީގަޔާއި ބޮޑު ބެރުގައެވެ. ލަގިރިއާއި ތާރައިގެ ކުޅިވަރުތައް ދައްކަމުންނެވެ. ބަނޑިޔަލާއި ދިގު ދަނޑިވެސް ޖަހަމުންނެވެ. އެހެންކަމުން އަތިރިމަތީގައި އުފެދިފައިވަނީ އުފާވެރިކަމުގެ އޮއިވަރެކެވެ.


ކޮމަންޑޫން މާލޫދަށް އައި އުޅަނދުފަހަރު ފަޅަށް ވަނުމާއެކު ޖަހާ ދޯނިތައް ފަލީގައި ފެނުއަޅުވާ އެއްވާނެއްގައި ޖަހަން ފެށިއެވެ. ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. އިޝާހިތަކު ދެން ފެނިގެން ދިޔައީ ޖަހާ ދޯނިތަކުގައި މީހުން ބާލަމުންދާ މަންޒަރެވެ. ބައެއް މީހުން ކޮނޑު ކޮނޑު މަތީގައެވެ. އަނެއް ބަޔަކު އަތްމަތި މަތީގައެވެ. ކުދިވެރިން އުރާލައިގެންނެވެ. މަރުޙަބާ ކިޔުމަށް ނިކުމެފައިތިބި ޒަމާންވީ އެކުވެރި ރަޙުމަތްތެރިން ފެނުމުން އެއްބަޔަކު އަނެއް ބަޔަކާ ސަލާންގަލާންކޮށް އެއުޅޭ މަންޒަރަކީ ދެ ރަށުގެ އަޚުންނާއި އުޚުތުންގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ގާތްކަމެވެ.


މި މައުލޫދަށް ދަޢުވަތު ލިބިގެން އައި އެންމެ ޚާއްޞަ އެކަކީ ކޮމަންޑޫ މުދިންބޭގެ ޢަލިފުޅެވެ. ޢަލިފުޅަކީ މައުލޫދު ބުނުމުގައިވެސް އަރާ ހުރި މީހެކެވެ. ރީތި އަޑަކާއި މަޚުރަޖެއް ޤުދުރަތުން ލިބިފައިވާ މީހެކެވެ. މިލަދުންމަޑުލުން ފެށިގެން މާޅޮސް މަޑުލަށްވެސް މަޝްހޫރު މީހެކެވެ. ހެދިހުރި ރީތި ހަށިގަނޑެއްގެވެރި، އިސްކޮޅާ އެއްވަރުގެ ރޫފައެއް ލިބިފައިވާ ބަނިޔާދަން ޒުވާނެކެވެ. ޢަލިފުޅު ފެނުމާއެކު މަތީ ތަލީގައި ދޫނުކާތާލާ އެންމެ ޖިންސުއްލަޠީފެއްވެސް އެގޮނޑުދޮށަކު ނުވެއެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އަތުން ޢަލިފުޅަށް "އަރާފަނިތަށި" ދޭހިތްވެއެވެ. ޢަލިފުޅާ ވާހަކަ ދައްކާލާ ހީ ސަމާސާ ކޮށްލަން ބޭނުންވެއެެވެ. އެކަމަކު ތަނުގެ ގޮތުންނާއި ވަގުތުގެ ނާޒުކު ކަމުން ކޮންމެ ކުއްޖަކުވެސް އިސް ޖެހެނީއެވެ. ފަސް ޖެހެނީއެވެ.


އަލިފުޅު ފެނިފައި އެންމެ ބޮޑަށް އަސަރުކުރީ މާވަޑި ޖަމީލާއަށެވެ. ޖަމީލާއަކީ އަލިފުށީގެ ޒުވާން ޖިންސުއްލަޠީފުންގެ ތެރެއިން އެންމެ ބާރަށް ދަމާ އެއް އޮއިވަރެވެ. އަދަކު މާދަމާއަކު ކައިވެންޏަށް ފަރިވެފައި އިން މަލެކެވެ. ރަށުގެ އަނެއް ޖިންސުގެ ހިތްތަކުގެ ތެޅުމެވެ. ނަމަވެސް އެއިން އެއްވެސް ޒުވާނަކަށް "އާނބަހެއް" ލިބޭގޮތެއް ނުވެއެވެ. ރައްދުގައި ދެމުންދަނީ މުޅިންވެސް މާޔޫސީ ޖަވާބުތަކެވެ. އެމަންޖެ ހިތް ކިޔާ ކަހަލަ ޒުވާނަކު އެއޮއް ބައިބޯ އަލިފުށީގައި ނުވެއެވެ.


އަރާފަނި ދިނުމަށް އެއްވެފައިވާ ޖިންސުއްލަޠީފުންގެ ތެރެއިން ޢަލިފުޅަށް ފަނިތަށި ދިއްކޮށްލަން ކެރުނީ މާވަޑިގޭ ދޮން ޖަމީލާއަށެވެ. ޢަލިފުޅަށް ވީގޮތަކީ ޖަމީލާގެ ޖާދޫގައި ޖެހި ފަނިފޮދެއްވެސް އެތެރެހަށްޓަށް ނުދިރުނީއެވެ. ޖަމީލާއަށް ވީގޮތަކީ ޢަލިފުޅާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ހޭވެރިކަންވީ މިތާ އެއްވެފައިތިބި ލާނެތް އަންހެންކުދިންގެ ހުނުމުގެ އަޑުންނެވެ. އަލިފުޅު މިތަނުން ނިކުންނަން ބަލައިލިއިރު ނުކުމެވޭކަށްވެސްނެތެވެ. އަންހެންކުދިންތައްވަނީ ޢަލިފުޅު ވަށާލާފައެވެ. އެވަގުތު ބައެއް އަންހެން ކުދިން ހިތަށް އަރާ ފައިބަމުން ދިޔައެވެ. މަގޭ އަލަތު ފިރިއަކަށް ޢަލިފުޅު ވާނެނަމައެވެ. އަނެއް ބައެއް އަންހެން ކުދިން ހިތަށް އެރިއެވެ. މިފަދަ ފިރިހެންވަންތަ ދެވަނަ ފިރިހެނަކު ދެވަނަ ފަހަރަށް ފެންނާނެބާވައެވެ. އަހަރެންގެ ނަޞީބަށް މިޒުވާނާ ވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟


ވަށާލާފައިވާ އަންހެންކުދިންގެ ތެރެއިން ޢަލިފުޅު ދެމިގަތެވެ. މާވަޑިބޭ އެއިރު ޢަލިފުޅު ބަލާ އައިސް ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. މާވަޑިބެއާއި ޢަލިފުޅުގެ ބައްޕަ މުދިންބެއަކީ ޒަމާނުއްސުރެ ވަރަށް ބޮޑު ދެރަޙުމަތްތެރިންނެވެ. މުދިންބޭގެ 12 ގަނޑެތި ބަނދެ، ބާލާ ފެނުގައި ޖެއްސީ މާވަޑިބޭގެ އަތުންނެވެ. އެހެންކަމުން މުދިންބޭގެ ދަރިންނާ މާވަޑިބެޔާ ދެމެދުވެސް އެގުޅުން އެގޮތުގައި ދެމި އޮވެއެވެ. އަލިފުޅު ފެނުމުން މާވަޑިބޭ ވަރަށް އުފާވިއެވެ. މި މައުލޫދަށް މުދިންބޭ ނާންނައިރު ޢަލިފުޅު ފޮނުވަފާނެކަމަކަށް މާވަޑިބޭ ހިތަކަށްވެސް ނާރައެވެ. ޢަލިފުޅުގެ ފޮށި ހިފައިގެން މާވަޑިބޭ ދާތަން ބަލަން ޖަމީލާއަށް ހުރެވުނީ އުފާވެރި ފިޔަވަޅެއްގެ މަތީގައެވެ. ޖަމީލާ ހިތަށް އެރިއެވެ. އަހަރެންގެ ނަޞީބު ފެންމަތިވީތާއެވެ. ޢަލިފުޅަކީ ބައްޕަގެ މާގާތް މީހަކީތާއެވެ. އިރާދަކުރެއްވިއްޔާ މިއީ އަހަރެންގެ ފަހަރެވެ. އަހަރެންގެ އިންތިޒާރީތަކުގެ ނިމުމެވެ.


އަލިފުޅު ފެންވަރާ ރީތިވެގެން ގޭގެ ބޮޑު ފެންޑާއަށް ނިކުތްއިރު މާވަޑިބޭގެ ކައިރީގައި ގޭގެ ބޮޑު އުނދޯލީގައި މިއަދު މިރަށަށް ފޭބިތަނުން އަރާފަނި ދިން މަންޖެ އިނެއެވެ. ޢަލިފުޅުގެ ލޯ ގޮސް ހުއްޓުނީ އެމަންޖެއާ ދިމާއަށެވެ. އެވަގުތު ޖަމީލާވެސް ޢަލިފުޅަށް ބަލައިލިއެވެ. ކަޅި ޖަހާ ނުލަ ބަލަން އިނެވެ. އެންމެ ކައިރީގައި އިނީ ކާކުކަންވެސް އޭނާއަށް އިޙުސާސެއް ނުކުރެވުނެވެ. ދެމީހުން ދެމީހުންނަށް ބެލެވެމުން ދިޔައީ ލަދުވެތިކަމާއި ހިނިތުންވުމާ އެކުގައެވެ. އެ ފުން ދެލޮލުގެ ތެރެއަށް ޢަލިފުޅު ގެނބިގެން ދިޔައީ ފަތަން ނުދަންނަ މީހަކު މޫދަށް ވެއްޓުނީމާ އެވާ މިސާލުގައެވެ. ދެމީހުންގެ މަސްތީ ނަޒަރު ކެހިގެން ދިޔައީ މާަވަޑިބޭގެ އަޑުންނެވެ.


"ބަހީ! ބަހީ! އަލިފުޅާ! މީ ބޭބެގެ އިން ހަމައެކަނި ދަރިފުޅު. ޢަލިފުޅު މިކަނބުލޯއާ ބީރައްޓެހިވެގެން ނުވާނެ." ޖަމީލާއަށް އިޝާރާތްކޮށް މާވަޑިބެ އަލިފުޅަށް ޖަމީލާ ތަޢާރަފު ކޮށްދިނެއެވެ.


އަލިފުޅަށް ބުނާނެ އެއްޗެއްވެސް ދުލަކަށް ނައެވެ. ހީލުމަކުން ނިންމާލީއެވެ. އެ ހިނިތުންވުން ޖަމީލާއަށް ވަރަށް ކަމުދިޔައެވެ. އޭނާގެ ހިތުގެ އެންމެ ފުނަށް އަސަރު ކުރުވިއެވެ. އޭނާގެ ހިތުން ޢަލިފުޅަށްޓަކާ ޖާގައެއް ހުސްކުރިއެވެ. ޢަލިފުޅުގެ ލޯތްބަށްޓަކައި ހިތް އެދި ގޮވަމުންދިޔައެވެ. އެކަމަކު އޭނާއަށް އެފުރުޞަތު ލިބޭނީވެސް ކިހިނެއްހެއްޔެވެ؟ ޢަލިފުޅަކީ ކާކުކަންވެސް އޭނާއަށް ނޭނގެއެވެ. ޢަލިފުޅުގެ ހިތް އޮތްގޮތެއްވެސް ނޭނގެއެވެ. އޮޅުންފިލުވަން ހަދާނެގޮތެއްވެސް ނުވިސްނުނެވެ. އެންމެފަހުން ނިންމުނީ ލަދަކާހުރެ ތަދެއް ނުފިލާނެތީ ހިތްް އެދޭ ކަންތަކާ ކުރިމަތިލުމަށެވެ.


އޭގެ ތިންހަތަރު ދުވަސްފަހެވެ. މާލޫދުގެ އެންމެ ފަހު ދުވަހެވެ. މީހުންތައް ފުރަފުރައިން ދިއުމަށް ހަމަޖެހިފައިވާ ދުވަހެވެ. ޖަމީލާ އިންތިޒާރު ކުރަމުންދަނީ އޭނާ މީގެ ދެދުވަސްކުރިން ފޮނުވި ސިޓީގެ ޖަވާބު އަލިފުޅު ދޭނެ އިރަކަށެވެ. އަލިފުޅު ކޮޓަރިން ނުނިކުންނާތީ ޖަމީލާ ހީކޮށްގެން ހުރީ  ޢަލިފުޅު އެކަމާ ނުޤަބޫލުވީ ކަމަށެވެ. އެހެންކަމުން ޖަވާބެއްވެސް ނެތީ ކަމަށެވެ. ޖަމީލާގެ އިންތިޒާރީގެ ނިމުން އައީ އޭނާގެ ނިދާ އެނދުމަތީގައިި އޮތް ސިޓީ އުރަ ފެނިފައެވެ. ކަނޑާލުމުގެ ކުރިން ސިޓީގައި ބޮސްދިނެވެ. އޭގައި ލިޔެފައިވެއެވެ.


ޖަމީއެވެ. ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އަހަންނަށްވެސް ކަލާދެކެ ލޯބި ވެވިއްޖެއެވެ. ކަލާ އަހަރެން ދެކެ ލޯބިވާ މިންވަރުވެސް ވަޒަން ކުރެވިއްޖެއެވެ. ލޯބިވުމަކީ ކުށެއްނޫނެވެ. އެއީ އެއްވެސް މީހަކަށް ބާރު ފޯރުވޭ އެއްޗެއްނޫނެވެ. ކިތަންމެ ވަރަކަށް ހިތް އޮބިހައްޓައިގެން އުޅުނަސް ލޯބިވާ މީހަކާ ދިމާވީމާ ލޯބީގެ ޖަޒްބާތުތައް ބަންޑުން ދާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އަހަންނަކީ އެފަދަ ނަޞީބެއްގެ ވެރިއެއްނޫނެވެ. ކުރި ދެ ކައިވެނިވެސް ރޫޅިގެން ދިޔައީ އަމިއްލަ ކުށަކުންނެއްނޫނެވެ. ބޭރުފުށުން އަހަރެން ކިތަންމެ ރީއްޗަސް އަހަންނަކީ ފުރިހަމަ ފިރިހެނަކަށްނުވެއެވެ.


ޖަމީއެވެ. މިބުނި އެއްޗެއް އެނގިއްޖެ ހެއްޔެވެ؟ މިބުނީ އަހަރެމެންގެ ދިރިއުޅުމާ ގުޅުންހުރި ވާހަކައެކެވެ. އަހަރެމެން ހަޔާތެއް ފަށާއިރު ފުރިހަމަވާންޖެހޭ އުއްމީދެއްގެ ވާހަކައެވެ. ޑަކުޓަރުން އަހަންނާމެދު އެއްވެސް އުއްމީދެއްނެތެވެ. ޙަޔާތުގެ ބައިވެރިން އަހަންނާމެދު އިތުބާރެއްނެތެވެ. ޔަޤީންކަމެއްނެތެވެ. ވީއިރު ޖަމީ އަހަންނަށް އިންތިޒާރު ނުކުރާށެވެ. ތިޔަފަދަ މާތް ކުއްޖަކަށް ކެއްސެއް ދޭކަށް އަހަރެން ބޭނުމެއްނޫނެވެ. ވިސްނައިދޭން މިއުޅުނު އެއްޗެއް ވިސްނިއްޖެހެއްޔެވެ؟ އެހެންގޮތަކަށް ބުނާނަމަ ބުނާނީ އަހަންނަކީ ބައްޕައެއްގެ އުފަލުން މަޙުރޫމްވެފައިވާ މީހެކެވެ. ޢާއިލާއެއް ބިނާ ނުކުރެވޭނެ މީހެކެވެ. ހިތްހެޔޮ ކުރާށެވެ. ސަލާން ކުރާށެވެ. އެހެންނޫންނަމަ އަހަރެމެންގެ މިދާއިމީ އެކުވެރި ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުކޮށްލުމަކީ އަހަރެން ނުކުރާނެ ކަމެއްނޫނެވެ. އެހެންނޫންނަމަ އަހަރެންގެ ބައިވެރިއެއްގެ މަޤާމުގައި އިންނާނީ ހަމައެކަނި ކަލާއެވެ.

                        (ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ