އަދުގެ ޚާއްސަ

Print

ދިވެހި ފިލްމު ފުއްޓަރު- ދިވެހިވަންތަކަމުގެ މިސާލެއް

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ މުނިފޫހި


ކޮމަންޑޫ އަލީ އިބުރާހީމް


1970ގެ އަހަރުތަކުގައި ރަށްފުށުގެ ރަށެއްގެ ދިރިއުޅުންހުރިގޮތާ ގުޅުވާލައިގެން ފުއްޓަރު އުފައްދާފައިވަނީ، ޒުވާނުންގެ ޙަޔާތުގައި ލޯބި އުފެދި، ތަރައްޤީވެ، ބަދަލުވެ އަދި ބައެއް ފަހަރު ޙަސަދައާއި ތުހުމަތާއި އަމިއްލަ އެދުން އޭގެ މައްޗަށް ވެރިވާއިރު ޙަޤީޤީ ވިސްނުންތެރި، ކެތްތެރި ލޯބިވެރިން އެމީހުންގެ ޙަޔާތުގެ އަޑިގުޑަންތަކާ ކުރިމަތިލާގޮތާއި ކައިވެނީގެ ހުރި މާތް ވަރުގަދަ ގުޅުމާއި އެކަކު އަނެކަކަށް އެހީތެރިވެ ބައިވެރިވެގެން ދިރިއުޅުން އާރާސްތު ކުރަންޖެހޭ ކަމުގެ މުހިއްމު ފިލާވަޅުން ޢިބުރަތް ދިނުމަށްޓަކައެވެ.

 


ފުއްޓަރަކީ އިންސާނީ ހުރިހައި އިޙުސާސްތަކާ ކުޅެލެވޭފަދަ 2ގަޑިއެއްހާއިރުގެ ދިވެހިވަންތަ ދިވެހި ފިލްމެކެވެ. ފުއްޓަރުގެ މަންޒަރުތަކުން ދައްކައިދެނީ އަސަރާއި ޖިޝްމާނީ އެދުންތަކުން ފުރިފައިވާ ފިރިހެނެއްގެ ބާރުގަދަ ޖާދޫގައި އަންހެނަކު ޖެހޭތަނެވެ.


މިފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ އަށެއްކަ މީހުންގެ ޙަރަކާތެވެ. ނަމަވެސް ވިއްސަކަށް މީހުން މިފިލްމުން ފެނިގެންދެއެވެ. ޢާއްމުގޮތެއްގައި މި ފިލްމުގައި ބޭނުންކޮށްފައިހުރީ ކަނޑިއްކާއި ކުރު ހެދުން ބުރިއާއި ދިވެހި ލިބާހާއި އަދި މުންޑާއި ޓީޝާރޓެވެ. މިފިލްމުގައި ދިރިއުޅުން ދައްކުވައިދެނީ ފަން ޖިފުޓިއެއްގެ ތެރޭގައެވެ. ހިފާ ގެންގުޅެން ބޭނުންކުރާ ކަންވާރުތަކުގެ ތެރޭގައި 1970 ގެ އަހަރުތަކުގައި ބޭނުންކުރަމުން އައި އެއްޗެހި ހިމެނެއެވެ. އަދި މިފިލްމުގައި މިހާރުގެ ފިލްމުތަކާ ޚިލާފަށް ލަވަތައްވެސް ހުރީ ފަސް މަންޒަރު މިޔުޒިކަށް ފައްތާފައެވެ. ނަށާ ހަރަކާތްކުރާ ލަވަތައް ނެތަކަން ފާހަގަ ކުރެވެއެވެ. އަދި މިފިލްމުގައި ދައްކުވައިދެނީ 1970ގެ އަހަރުތަކުގައި މަސްވެރިކަންކޮށް އުޅޭގޮތާއި ވަޑާންކުރާގޮތެވެ.


މިއީ މާޕާގެ އެހީގައި ވާރޖީ ސްޓޫޑިއޯއާއި ކުލަބު "ހުޅެވިން" އުފައްދާފައިވާ ފިލްމެކެވެ. މިފިލްމުގެ ވާހަކަ ލިޔުއްވާ ޑައިރެކްޓް ކުރައްވާފައިވަނީ މުޅި ރާއްޖެއަށް މަޝްހޫރު ކުޅަދާނަ ފޮޓޯގްރާފަރ ޢަލީ ނަޖީބުގެ ދަރިކަނބަލުން އާމިނަތު ނަޖީބެވެ.

މިފިލްމުން ދައްކުވައިދެނީ ދެވައްތަރެއްގެ ދެ ލޯތްބެކެވެ. އަދި މައިންބަފައިން ޒަވާޖީ ޙަޔާތް ހޭދަކުރާގޮތުން ދަރީންނަށް ކުރާ ނަފުސާނީ އަސަރުތަކާއި އަދި ރުޅި އިސްކުރުމުން ނުކުމެދާނެ ހިތި ނަތީޖާއެވެ. ޢާއްމު ދިރިއުޅުމުން ފެންނަމުންދާ އިންސާނީ އިޙުސާސްތަކާއި ރަޙުމަތްތެރިކަމާއި ލޯބީގެ ގުޅުންތަކާއި އަދިވެސް އެތައްކަމެއް ފުއްޓަރުން ފެނިގެންދެއެވެ.


މިފިލްމުގައި ކަތްދައާއި ދަލޭކައަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެމީހުންނެވެ. ކަތްދައަކީ ބައްޕައާއި މަންމަގެ ހަމަނުޖެހޭ ދިރިއުޅުމުން ވަކިވާންޖެހޭ މީހެކެވެ. ދަލޭކައަކީ ހަމައެކަނި މަންމައެއް ބަލާ ބޮޑުކުރާ ކުއްޖެކެވެ. ދަލޭކަ ލޯބިވާ ބައްޕަވަނީ ނިޔައުވެފައެވެ. މި ދެމީހުންވެސް ދެމީހަކާ ލޯބީގެގޮތުން ގުޅެއެވެ. ކަތްދައަށް މުޙައްމަދުގެ ޖާދޫގައި ޖެހެވި އަދިވެސް ބޮޑަށް އެލޯބި ތަރައްޤީ ކުރުމަށްޓަކައި ކައިވެނީގެގޮތުން ގުޅެއެވެ. ނަމަވެސް ކައިވެނިވުމަށްފަހު މުޙައްމަދު މުޅިން ބަދަލުވެއެވެ. އަދި ކިރިޔާ ކަމެއްވާއިރަށް އަތް އިސްކޮށް ކަތްދަގެ ގައިގައި ތަޅާ އަނިޔާކޮށް އެއްޗެހި ކިޔާ ހަދަން ފަށައެވެ. މިގޮތުން ޖެހުނު މައްސަލައެއްގައި އެއްދުވަހަކު މުޙައްމަދު ގާތަށް ރުޅި އައިސްގެންގޮސް ކަތްދަ ހިފަހައްޓާ ބަހައްޓާފައި ކަތްދަގެ އިސްތަށިގަނޑު ބުރިކޮށްލި މަންޒަރަކީ މިފިލްމު ބަލާ ކޮންމެ މީހެއްގެ ލޮލުން ހިތި ކަރުނަ އޮހޮރިގެންދާނެ މަންޒަރެކެވެ. ނަމަވެސް ކަތްދައަކީ ވަރަށް ހިތްވަރުގަދަ އަންހެނެކެވެ. މުޙައްމަދުގެ އަނިޔާތަކަށް ކެތްނުކުރެވިގެން އެތައް ފަހަރެއްގެ މަތިން ކަތްދަ، މުޙައްމަދުގެ ކިބައިން މިނިވަންވުމަށް އެދެއެވެ. ނަމަވެސް މުޙައްމަދަށް ކަތްދައާ ނުލައި ނޫޅެވޭނެކަމަށް ބުނެ އަދި ތިއުޅެނީ ޢުމަރާ ރައްޓެހިވެގެންނޭ ކިޔާފައި މިނިވަންކޮށެއް ނުދެއެވެ.


އެއްރެއަކު ދަންވަރު މުޙައްމަދު ރުޅިގަދަވެގެން ކަތްދަ ގެއިން ބޭރަށްލައެވެ. މިކަމުގެ ސަބަބުން ކަތްދަ އެދަންވަރު ދާނެ ވަކި ތަނެއް ނެތިގެން ދަނިކޮށް އަނެއްކާ އެނުލަފާ މުޙައްމަދު އައިސް ކަތްދަގެ ފަހަތުން އަޅުވާލައެވެ. ކަތްދައަށް ދެވުނީ ރަށުގެ ފުއްޓަރާ ދިމާއަށެވެ. އެތަނަށްގޮސް މުޙައްމަދު ކަތްދައަށް އަނިޔާކޮށް ފުއްޓަރުގެ ގާތަކުމަތީ ކަތްދަ ދަމާ ބޮޑެތި ބިޔަ ރާޅުތަކުގެ ތެރެއަށް ކަތްދަ ދޫކޮށްލަން އުޅުމުގެ ތެރޭގައި ކަތްދަގެ ފުރާނަދެއެވެ. މިކަމާ ބިރުން މުޙައްމަދު ހަދާނެގޮތެއް ނެތިގެން އެންމެފަހުން ކަތްދަގެ ފުރާނަނެތް މަސްގަނޑު ދަމާފައި ގެނެސް ހޭޅިފަށުގައި މީހުން ޢާއްމުކޮށް ނޫޅޭ ތަނެއްގައި ވަޅުލައެވެ. މުޙައްމަދު ހިތުން މިހިނގާދިޔަ އެއްވެސް ޙާދިސާއެއް މީހަކަށް ނޭނގެއެވެ. ނަމަވެސް މިހުރިހައި ކަމެއްވެސް ކަތްދަގެ އެންމެ ގާތް އެކުވެރި ދަލޭކައަށް ފެނެއެވެ. މި މަންޒަރު ފެނިގެން ދަލޭކަ ބިރުންގޮސް ހަޅޭއްލަވައި ގަންނަން މަސައްކަތްކޮށްކޮށް ދަލޭކަ އަނގައިން އެއްވެސް އަޑެއް ނުނިކުތެވެ. އަދި އަނގަޔަކުން ބަހެއްވެސް ނުބުނެވުނެވެ. ނަމަވެސް ދަލޭކައަށް މިހުރިހައި ކަމެއްވެސް ފެނުނެވެ. ދަލޭކަ ބިރުން ތުރުތުރުއެޅިއެވެ. ނަމަވެސް އެރަށު މީހުންނަކަށް މިއިން އެއްވެސްކަމެއް ރޭކާ ނުލައެވެ. ރަށުގެ މީހުން އެންމެފަހުން ހީކުރީ ދަލޭކަ މޮޔަވީ ކަމަށެވެ. އެހެން ހީކޮށް ރަށުގެ ކުދި ބޮޑު އެންމެން ދަލޭކައަށް ގޯނާ ކުރެއެވެ. ނަމަވެސް ދަލޭކަ މަންމަ ޤަބޫލު ކުރާ ގޮތުގައި ދަލޭކައަކީ މޮޔަ ކުއްޖެއްނޫނެވެ. އޭނާއަކީ ހޭޖެހޭ ކުއްޖެކެވެ. ކޮންމެވެސް ކަމެއްގެ ސަބަބުން ދަލޭކައަށް ވާހަކަ ނުދެއްކެނީއެވެ.


އެއްދުވަހަކު ދަލޭކަގެ ލޯބިވެރިޔާ، ދަލޭކަ ގޮވައިގެންގޮސް އެކަހެރި ތަނެއްގައި ލޯބީގެ ތަފާތު ވާހަކަ ދައްކަމުންގޮސް ބޭސްކުރަން މާލެދާ ވާހަކައާއި ކުރީގެ ފަސްމަގުގެ ތަފާތު އެކިއެކި ވާހަކަތައް ދައްކަން ތިއްބާ ދަލޭކައަށް ނިދެއެވެ. އެވަގުތު ދަލޭކައަށް ފެންނަނީ ކަތްދަގެ ފިރި މުޙައްމަދު އައިސް ދަލޭކަ ގޮނޑުދޮށުގައި ތެލި ދޮންނަން އިންދާ އަނގަމަތީގައި ފޮތިގަނޑެއް އަޅާފައި ދަލޭކަގެ ނުޤަބޫލުގައި ދަލޭކައާ ބެހެން އުޅޭ މަންޒަރެވެ. ނަމަވެސް މުޙައްމަދަށް ކާމިޔާބުނުވުމުން ދަލޭކަ ގެންގޮސް ކަނޑުގެ ބިޔަ ރާޅުތަކާ ޙަވާލު ކޮށްފައި މުޙައްމަދު އެތަނުންދެއެވެ. ނަމަވެސް ދަލޭކަގެ ލޯބިވެރިޔާ އިއްތިފާޤުން ދަލޭކަ ސަލާމަތް ކުރެއެވެ. އަދި ދަލޭކަ ގޭގައި ނިދާފައި އޮއްވާ މުޙައްމަދުގޮސް ދަލޭކައާ ބެހެން އުޅޭ މަންޒަރުވެސް ފެނެއެވެ. އަދި ކަތްދައަށް ހެދި ގޮތްތައް ފެންނަން ފެށުމުން ކުއްލިއަކަށް ދަލޭކައަށް ބިރުންގޮސް ހަޅޭއްލަވައިގެންފާ ހޭލެވުނުއިރު ދަލޭކަ އަޑުވެސް ރަނގަޅުވެއެވެ. ވާހަކަވެސް ދެއްކެއެވެ. ދެން ދަލޭކަގެ ލޯބިވެރިޔާ ޢުމަރަށް ހުރިހައި ވާހަކައެއް ކިޔައިދެއެވެ. މުޙައްމަދު ކަތްދައާ ދޭތެރޭ ޢަމަލުކުރިގޮތްތައް ޢުމަރަށް ކިޔައިދިނުމުން ޢުމަރުގޮސް ރަށުގެ ރައްޔިތުންނަށް  އެވާހަކަ ކިޔައިދެއެވެ. އަދި ރަށުގެ ރައްޔިތުންގޮސް ކަތްދަ ވަޅުލާފައި އޮތްތަން ކޮނެއެވެ. ކަތްދަ ފެނުމުން މުޙައްމަދު މަސައްކަތްކުރީ ފިލާށެވެ. ނަމަވެސް ރައްޔިތުންގޮސް މުޙައްމަދު އަތުލައި ގަނެއެވެ. ފިލްމު ނިމިފައިވަނީ މި މަންޒަރާ ހަމައިންނެވެ.
ކުރީގެ ދިރިއުޅުން ދެކިލާ ފަރާތްތަކަށް މިއީ ބައްލަވާލައްވަން ވަރަށް އެކަށީގެންވާ ދިވެހިވަންތަކަމުގެ ދެވަނައެއްނުވާފަދަ ލާމަސީލު ފިލްމެކެވެ.
                             ނިމުނީ

ހަމަމިގަލަމުން

އިދާރާ

ވާހަކަ