އަދުގެ ޚާއްސަ

Print

އަލަނިރު

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ވާހަކަ


ކޮމަންޑޫ ޢަލީ އިބުރާހީމް

ޙަބީބުގެ ޢުމުރުން އެންމެ 5 އަހަރު ނުވަނީސް އިބުރާހީމް ކައރިން ވަރިވެގެން ޚަދީޖާ އެހެން މީހަކާ އިނދެފިއެވެ. ޚަދީޖާ ވަކިވެ ދިއުމުން އިބުރާހީމުގެ ޙަޔާތަށް އައީ ވީރާނާ ދުވަސްތަކެކެވެ. ޙަބީބު ބަލަހައްޓަމުން ދިރިއުޅުމުގެ އެހެން މަސައްކަތްތަކަށް ކުރިމަތިލާނެ ވަގުތެއް ނުލިބެއެވެ. ސަބަބަކަށްވެފައިވަނީ ދޮށްޓަށްތިބި ދެބެއިންނަކީވެސް އަދި އަތްފައިނުޖެހޭ ކުދިންނަށްވާތީއެވެ. ދެވަނަ ކައިވެންޏެއް ކުރުމަށް އިބުރާހިމް ވިސްނިއެވެ. އެކަމަކު ދޮން ދަރިންތަކަކާ ޙަވާލުވާނެ އިބުރާހީމް ފުރައިގެ އެހެން އަންހެނަކު ރަށަކުން ނުވިއެވެ.

 


ޢުމުރުން ދުވަސްތައް ޙަޔާތާ ފަސްދީ ދާއިރު ޙަބީބުވެސް ބޮޑުވަމުންދެއެވެ. ޙަބީބަށް ހޭވެރިކަންވާން ފެށުމުން ދޮށްޓަށްތިބި ދެބެއިންނާ ޙަވާލުކޮށްފާ އިބުރާހީމް އާމްދަނީ ހޯދުމުގެ މަސައްކަތްތަކުގައިވެސް ޙަރަކާތްތެރިވާން ފެށިއެވެ.
ރަށު ޕްރީ އިސްކޫލު ނިންމާ ރަށު އިސްކޫލަށް ބަދަލުވުމުން ރަށުގެ މީހުން ޙަބީބު ސިފަ ކުރަމުން ދިޔައީ ލާނެތް "ހީރޯ" އެއްގެ ގޮތުގައެވެ. ޙަބީބާ ބެހޭގޮތުން ރަށު އިސްކޫލަށް ޝަކުވާއެއް ނުލިބޭ ދުވަހެއް ނުދެއެވެ. ހައްތަހާވެސް ބެލެނިވެރިންގެ ޝަކުވާތަކެވެ. އިސްކޫލުގެ ވެރިންވެސް މިކަމާ ކަންބޮޑުވާން ފެށިއެވެ. އިބުރާހީމަށް ތަކުރާރުކޮށް މިކަން އިސްކޫލުގެ އިދާރާއިން އަންގަމުން ދިޔައެވެ. އެހެނަސް އިބުރާހީމް ކުރާނީ ވަކި ކީއްހެއްޔެވެ؟ ދިރިއުޅުން ހުރިގޮތުން އޭނާއަށް ރަށުގައި ހުރެވޭކަށް ނޯވެއެވެ. އިބުރާހީމްގެ ރައްޓެހިންނަށްވެސް މިކަން ފާހަގަ ކުރެވިގެން ޙަބީބަށްޓަކާ އިބުރާހީމް އެހެން ކައިވެންޏެއް ކުރުމަށް ބުނަމުން ދިޔައެވެ.


ޙަބީބަކީ ކިޔެވުމަށް ރަނގަޅު ކުއްޖަކަށްނުވާތި ކޮންމެ ގުރޭޑެއްގައި ތަކުރާރުވަމުންގޮސް ގުރޭޑް 7ށް ބަދަލު ވެވިއްޖެއެވެ. އަހަރު ފެށުނީއްސުރެ އިސްކޫލުގެ މުދައްރިސުން ތައްޔާރުވަމުން ދިޔައީ ގުރޭޑު 8 ށް ބަދަލުވާ ކުދިންނަށް އިތުރު ގަޑިތަކުގައާއި އެނޫން ކިލާސްތައް ހަދައިގެން ކިޔަވައިދިނުމުގައެވެ. ޚާއްޞަކޮށް ޙަބީބު ކަހަލަ ކުދިން ފޭލުވިޔަ ނުދިނުމުގެ މަޤުޞަދުގައެވެ. ދަރިން މައިންބަފައިންގެ އިރުޝާދުގެ ދަށުން ފިލާވަޅުތައް މުޠާލިޢާ ކުރަމުންދާއިރު ޙަބީބުގެ އެކަހަލަ އެއްވެސް ޚިޔާލެއް ފިކުރެއްނެތެވެ. އޭނާއަށް ނަޞޭޙަތްތެރިވާ މީހުންގެ ގާތުގައި ބުނަނީ ހަމަ އެންމެ ވާހަކައެކެވެ. އަހަރެން ފޭލުވިޔަސް ދެރަވާނެ މީހަކު ނުހުންނާނެ ވާހަކައެވެ.


އިމްތިޙާނުގެ އެއްވެސް މާއްދާއަކުން ޙަބީބު ފާސްވެފައި ނެތުމުން އިބުރާހިމް ސްކޫލުގެ އިދާރާއަށް ގެނެވުނެވެ. ޙަބީބު 16 އަހަރުން މައްޗަށްގޮސްފައިވާތީ ގުރޭޑު 7 ގައި ތަކުރާރު ކުރެވެން ނެތް ވާހަކަ ވަރަށް ހިތާމަޔާއެކު ސްކޫލުގެ ވެރިޔާ ދެންނެވިއެވެ. އަދި ޙަބީބަށް މިދިމާވި ހިތާމަވެރި ދަނޑިވަޅުގައި އޭނާ އެކަނި ކުށްވެރި ނުކުރެވޭނެކަމާއި މިކަމުގައި މައިންބަފައިންގެ އިޙުމާލެއްވެސް ވާކަން ސާފުކޮށް ދެއްވިއެވެ.


ޙަބީބު އިސްކޫލުން ވަކި ކުރުމުން  ރަށުގެ ރައްޔިތުންގެ ޚަރަދުގާ ހިންގާ ޖަމްޢިއްޔާ މަސްވެރިންގެ ގުޅުމުން ހުސްވެފައިވާ ޕިޔޯންކަމުގެ މަގާމަށް ކުރިމަތިލިއެވެ. އެއްމަސް ދުވަސް ވަޒީފާގައި ހޭދަކުރިއިރު 15 ދުވަހު ގަޑި ޖެހި، 10 ވަރަކަށް ސަލާމް ބުނެފައިވެއެވެ. މިއިން އެއްވެސް ފަހަރަކު ސަލާމް ބުނަނީ ނުދެވޭވަރުގެ ޢުޒުރެއް އޮވެގެނެއްނޫނެވެ. ބަނޑެއްގައި ރިއްސާތީ، ބޮލެއްގައި ރިއްސާތީ ނުވަތަ ދަތެއްގައި ރިއްސާތީ މިކަހަލަ ކޮންމެވެސް އެހެން މީހުންނަށް ނޭނގޭ ކަހަލަ ބައްޔެއް އުޒުރަކަށް ލިޔެފައެވެ.


މިހާރު އިބުރާހީމް ހުންނަނީ ކުޑަކޮށް ހަމަޖެހިފައެވެ. އެއީ ޙަބީބަށް ވަޒީފާގަނޑެއް ލިބުނީމާ ލޯ ހުޅުވި ހެޔޮ ވިސްނުމެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. އެކަމަކު އެހެނޭ ކިޔަފައިވީ އެއްވެސް ކަމެއްނެތެވެ. މުސާރަ ލިބެން ފެށުމުން ދެން އުޅެން ފެށީ މާވިޔާނުދާ އުޅުމެކެވެ. މަހު މުސާރަ ލިބޭއިރު ސިނގިރޭޓަށް ކަނޑާ ބާކީއެއް ނޯވެއެވެ. ޖެހިގެން އައި ދުވަސްތަކުގައި އިބުރާހީމްވެސް ރަށުން ބޭރު މީހަކާ ކައިވެނި ކުރިއެވެ. މިކައިވެނިކޮށްގެން އިބްރާހިމްގެ އަންހެނުން ރަށަށް ގެނައުމުން ރަށުގެ މީހުން ކިޔައެވެ. ތިޔަ ކައިވެނި ކުރުން މާލަސްވެއްޖެއެވެ. ޙަބީބު ގެއްލި ހަލާކުވެ ދިއުމުގެ ކުރިން ތި ކައިވެނި ކުރިނަމަ ކިހާ ރަނގަޅު ހެއްޔެވެ؟


ޢާބިދާ އައުންވެގެން ދިޔައީ ޙަބީބަށް ކުރިމަތިވި ހުރަހަކަށެވެ. ގޭތެރޭގައި އޭނަ ހުންނަނީ އަބަދުވެސް ޢާބިދައާ ޖައްސާލާފައެވެ. ގޭތެރޭގައި ކޮންމެވެސް ޒުވާބެއް ފަށާފައެވެ. މިއަދުގެ ޒުވާބު ފެށުނީ ކައްކާފައިހުރި ތަކެތީގެ ރަހަ ނުބައިވި ހިސާބުންނެވެ. މިތަންވަޅު އިބުރާހީމަށް ގޭދޮަށަށް އާދެވުނީ ދެއަތް ބަރުކޮށް ހިފައިގެން އައި މަސްތަކާއެކުގައެވެ.


"ޙަބީބު! މިއަދުވެސް ޒުވާބުގަނޑު ހިލުނީދޯ! ދައްތައާ ދިމާއަށް ކީކޭ ތިޔަ ކިޔަނީ. ބައްޕައަށް ހީވަނީ ދަރިފުޅު މިގޭގައި އުޅޭހިތެއް ނެތްހެން. ދަރިފުޅު އިޞްލާޙު ކުރެވޭތޯ، ދުނިޔޭން ގެއްލުނަ ނުދީ ސަލާމަތް ކުރެވޭތޯ ހިތްވަރު ކޮށްފިން. އެކަމަކު މިހާތަނަށް އައި އިރުވެސް ދެއްކި ހުރިހާ ވާހަކައެއްވީ ބޭކާރު. ދަރިފުޅު ހިތަކަށް ނާރާ މީހަކު އެއްޗެކޭ ކިޔާ ހެންވެސް. ބައްޕައަށް ފެންނަނީ ދަރިފުޅަށް މިނޫން ވަކި ރަނގަޅު ތަނެއް އޮތީވިއްޔާ ދިއުން." އިބުރާހިމްގެ އަޑުގައިވަނީ ހިތިކަމެވެ.
"ހުއްޓާލާ! ތި ލިބުނީ އަހަރެން ހޯދަން އުޅުނު ބަސް. މަންމަ މިގޭގައި ނެތް ދުވަހު އަހަރެން ތި ބޭރުކޮށްލީ. މިއަދު އަހަރެންގެ މަންމަ އަހަރެން ކައިރީގައި ހުރިނަމަ ތިޔަހެނެއް ނުހެދީސް. މީ އެނުލަފާ ދޮން މަންމަގެ ރޭވުން." ޙަބީބު ގެއިން ނިކުތުމަށް ހިނގައިގަތެވެ.


"ނުދޭ! ދަރިފުޅާ!" ޢާބިދާ ދުވެފައިގޮސް ޙަބީބުގެ އަތުގައި ހިފެހެއްޓިއެވެ.


"ދޫކޮށްލާ! ތީ ކާކު؟ ތީ އަހަރެންގެ ހަލާކު." ޢާބިދާގެ އަތް ފޮޅުވާލާފައި ޙަބީބު ނިކުމެގެން ދިޔައެވެ. ޢާބިދާ އެކަމަ ދެރަވެގެން ރޯން ފެށިއެވެ.


ޙަބީބު ގެއިން ނިކުމެގެން ދިޔަތާ ހަފުތާއެއް ފާއިތުވެ ދިޔައީއެވެ. މިދުވަސްތަކުގައި އޭނާ އުޅެފައިވަނީ އޭނާގެ ދޮންބައްޕަގެ ގޭގައި އޭނަޔާ އެކުގައެވެ. އިބުރާހީމާއި ޢާބިދާ ގެއަށް އެނބުރި އައުމަށް އެތައް އާދޭހެއް ކުރިއިރުވެސް ޙަބީބު އޭނާގެ ގޮތް ދޫނުކުރާ މިޒާޖުގައި ހިފަހައްޓައިގެން ހުރީއެވެ. ހުކުރު ދުވަހެއްގެ މެންދުރުފަހު އިބުރާހީމް ގޭގެ ގޯތިތެރޭގައި ހުރި ކެޔޮފީނިދޮށުގައި ހުއްޓާ އަވަށްޓެރިއަކު އައިސް ދިން ޚަބަރަކުން އިބުރާހީމްގެ ބޮލަށް އެނބުރުން އެރިއެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ޙަބީބާއި އޭނާގެ ގުރޫޕު ހައްޔަރުވީއެވެ. ތަޙުޤީޤަށްޓަކާ އެމީހުން ބަލާ ޕޮލިހުންގެ ބަޔަކު އައިސް މިހާރު ފުރަން އުޅޭ ވާހަކަވެސް އެމީހަކު ބުންޏެވެ.
އިބުރާހީމް ދެލޯ ފުހެލާފައި އަތް އުފުލާލީ ރަށުގެ ބަނދަރުން ނިކުންނަމުންދާ ޕޮލސް ލޯންޗުގައި އިން އޭނާގެ ދަރިފުޅަށް އެންމެ ފަހުގެ ވަދާޢީ ސަލާމު ކުރުމަށްޓަކައެވެ. އޭނާ އެގޮތަށް އަތް އުފުލާލައިގެން އެއްވެސް ޙަރަކާތެއްނެތި ލޯންޗާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެމަންޒަރު ބަލާކަށް އޭނާއަކަށް ކުޅަދާނައެއް ނުވިއެވެ. މަޑު ގިސްލުމެއް އޭނާގެ ހަށިގަނޑުން ނިކުންނަން ފެށިއެވެ. ކުއްލިއަކަށް ގިސްލުމަށް ހުއްޓުމެއް ގެނައީ ފަހަތުން މީހަކު ކޮނޑުގައި އަތްޖައްސާލިހެން ހީވެގެންނެވެ. އިބުރާހީމް އެމީހަކުގެ މޫނަށް ބަލައިލިއެވެ. ކައިރީގައިހުރީ އޭނާގެ އެކުވެރި ޙުސައިނެވެ.


"އިބުރާހީމް! ކީއްވެ ތި ރޮނީ!" ޙުސައިން ބުންޏެވެ.


"މިރޮނީ ރޯންޖެހޭ ކަހަލަ ކަންތައްގަނޑެއް މެދުވެރިވެގެން."


"ތިޔައީ އަހަރެން ހިތުން އިބުރާހީމް ރޯންވީވަރުގެ ކަމެއްނޫން. އިހަކަށް ދުވަހެއްނޫންތަ ޙަބީބުގެ މަންމަވެސް ފުރައިގެން އެދިޔައީ. ޙަބީބަށް އެހުރިހާ ކަމެއް ދަސްވެ އެމަގުން ދާން އެނގުނީ އޭނާގެ މަންމަގެ ފުށުން. އޭނާ ދަސްކުރީ އޭނާގެ މަންމަގެ އުޅުން. ނިކަން ވިސްނާލަބަލަ! އަލަގަހަކުން ފަލާނީ ހަމަ އަލަ ނިރެއް. ކެޔޮ ނިރަކުން ފަޅާނީ ހަމަ ކެޔޮނިރެއްނޫންތަ!. ދުވަހަކުވެސް އެކައްޗަކުން އަނެކައްޗެއް ފަޅާފައި އެބައޮތްތަ؟"


އިބުރާހީމް މަޑުމަޑުން އެއްގަމާ ދިމައަށް ހިނގައިގަތެވެ. އެވަގުތު އޭނާ ހިތަށް އަރަމުން ދިޔައީ އެންމެ އެއްޗެކެވެ. ޤަބޫލު ކުރެވުނީ އެންމެ ކަމެކެވެ. މިއީ ރޯވަރުގެ ކަމެއްނޫނެވެ. މިކަންމިވީ ހަމަ ވާނެގޮތެވެ. ރަޙުމަތްތެރިޔާ އެދެއްކީ ހަމަ މުޅިން ރަނގަޅު ވާހަކަތަކެކެވެ. މުސްކުޅިން ބުނެފައި އެއޮތީ ވަރަށް ބޮޑުތެދެކެވެ. އާނއެކެވެ.އަލަގަހަކުން ފަޅާނީ އަލަ ނިރެކެވެ. ކެޔޮ ނިރެއްނޫނެވެ.
                           

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ