އަދުގެ ޚާއްސަ

Print

ހިނިތުންވެލާށެ.....

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ދިރާސާ


ކޮމަންޑޫ ޢަލީ އިބުރާހީމް


ހިނިތުންވުމުގެ ސިފައަކީ މާތް ﷲ އިންސާނާއަށް ދެއްވި ސިފަތަކުގެ ތެރެއިން މާތް ސިފައެކެވެ. ހިތްހެޔޮކަމުގެ ޢަލާމާތެކެވެ. އޯގާވެރިކަމާއި އަޅާލުން ދައްކުވައިދޭ ކަމެކެވެ. އަނެއް އިންސާނާގެ ނަފުސާނީ ދުޅަހެޔޮކަމަށް ތިމާއަށް ދެވޭ ފަރުވާއެއްވެސްމެއެވެ.އެހެން ޢިބާރާތަކުން ދަންނަވާނަމަ އެއީ ބުރަ މަސައްކަތެއް ނުވަތަ ބޮޑު ހޭދައެއް ނުކޮށް އަނެކާއަށްދެވޭ އަގު ނުކުރެވޭފަދަ އަގު މާތްވި ހަދިޔާއެކެވެ. ވީއިރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އަގަކާ ނުލައި ލިބިލައްވާފައިވާ މިހަދިޔާ އެންމެ ފައިދާހުރި ގޮތުގައި

ބޭނުން ނުކުރަންވީ ސަބަބެއްނެތެވެ.


"ހިނިތުންވުން" ދިރާސާ ކުރައްވާ ފަރާތްތަކުން ހާމަކުރައްވާގޮތުގައި "ރީތި ސާފު ހިނިތުންވުން" އިންސާނީ ޠަބީޢަތުގައިވާގޮތުން ތިމާއަށް ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަން އެހެން މީހުންނަށް ވާރުތަ ކުރެއެވެ. ތިމާގެ ފަރާތުން އެހެން މީހަކަށް ހިނިތުންވުމެއްދީފިނަމަ އެމީހާ އެހިނިތުންވުން އެހެން މީހަކަށް ނަގުލް ކުރެއެވެ. އެހެންކަމުން ތިބާގެ އެންމެ ހިނިތުންވުމަކުން އެތައް ބަޔަކަށް އެހިނިތުންވުން ނަގުލުވެގެންދެއެވެ. މިކަންކަމުން އެނގިގެންދަނީ ހިނިތުންވުމުގެ މާނަ ވަރަށް ފުންކަމެވެ.


ހިނިތުންވުމަކީ ގިނަ މާނަތަކެއް އެކުލެވޭ ޢަޖާއިބެއްފަދަ އިޝާރާތަކަށްވެސްވެއެވެ. އިޝާރާތެއްގެ ގޮތުގައި މިކަން ބެލެވޭއިރު، މިއީ ލަދުވެތިކަމާއި ސީރިއަސްކަމާއި ހިތްހެޔޮކަންވެސް ދައްކުވައިދޭ އިޝާެރާތެއްކަމަށްވެސް ބެލެވެއެވެ. ހިނިތުންވުމުގެ ސިއްރާބެހޭގޮތުން މަސްހޫރު ސައެންސްވެރިޔަކު ކުރެއްވި ދިރާސާއަކަށްފަހު ބުނެފައިވަނީ ހިނިތުންވުމާއެކު މީހުންނާ ބައްދަލުކޮށް، އަބަދުވެސް ހިނިތުންވެފައި ތިބޭ މީހުންނަށް ރަނގަޅު ރަޙުމަތްތެރިން ލިބުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އަދި އެފަދަ މީހުންނާއެކު އުޅެން ފަސޭހަވާނެ ކަމަށެވެ. ހަމަމިއާއެކު މިފަދަ މީހުންގެ ކިބައިގައި މައްސަލަތައް މަދުވާނެކަމަށްވެސް ދިރާސާތަކުން ދައްކުވައިދެއެވެ.


ހިނިތުންވުމުގެ ވާހަކަ ދައްކާ ހަމައެކަނި ބަޔަކީ ސައެންސްވެރިންނެއްނޫނެވެ. ހިނިތުންވުމުގެ ޙަޤީޤަތާއި ހިނިތުންވުމުގެ އަސަރު ތިމާއަށާއި އަނެކުންނަށް ކުރާގޮތާއި މިންވަރާމެދު މަޝްހޫރު ނަފުސާނީ ޢިލްމުވެރިންވެސް ވަރަށް ގިނަ ދިރާސާތައް ކުރައްވާފައިވެއެވެ. އެފަދަ ބައެއް ދިރާސާތަކުން ހާމަވާގޮތުގައި ދުނިޔޭގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް އެމީހަކަށް ޚާއްޞަ، އަނެކާއާ ތަފާތު ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވިފައިވާ އެތަކެއް ސިއްރުތަކެއްވެއެވެ.


ކޮންމެ އިންސާނަކަށްވެސް ޚާއްޞަ ހިނިތުންވުމެއް ލިބިފައިވާ ފަދައިން ހިނިތުންވުމުގެ އެތައް ބާވަތްތަކަކާއި ވައްތަރުތަކެއްވާކަންވެސް ސައިކޮލޮޖިސްޓުން ނުވަތަ ނަފުސާނީ ޢިލްމުވެރިން ބަޔާންކުރައްވައެވެ. އޭގެތެރޭގައި ތެދުވެރި ހިނިތުންވުމާއި އެކުވެރި ހިނިތުންވުން ހުންނަ ފަދައިން ރުޅިވެރި ހިނިތުންވުމާއި ގޯސް ހިނިތުންވމާއި ވިހަ ހިނިތުންވުން ހުންނަކަމަށް ފަހުގެ ދިރާސާތަކުން ހާމަވެއެވެ.


ހިނިތުންވުމުގައި ޞިއްޚީ އެތައް ފައިދާތަކެއް އެކުލެވޭއިރު ތިމާއަށާއި އަނެކައަށް މާއްދީގޮތުންވެސް ނުހަނު ބޮޑެތި ފައިދާތަކެއް ކުރެއެވެ. ހިނިތުންވުމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ގެނުވައި އަރާމު ލިއްބައިދެއެވެ. ހަމައެއާއެކު އޭގެ ހެޔޮ އަސަރު މުޅި ހަށިގަނޑަށް ފެތުރިގެންދެއެވެ. މީގެ އިތުރުން ހިތުގެ ހިނގުމާއި ލޭނާރުތައް އިންތިޒާމްކޮށްދެއެވެ. F.M.R.I ސްކޭންތަކުން ދައްކާގޮތުގައި އެކި ކަހަލަ އެކި ބާވަތްތަކުގެ ހިނިތުންވުމުން ސިކުނޑިއަށް ކުރާ އަސަރު ވަރަށް ބޮޑަށް ތަފާތުވެގެންދެއެވެ. އަދި ހަމަމިއާއެކު ސިކުނޑީގައި ލޭ ދައުރުކުރާގޮތަށް ތަފާތު ގެނުވާކަމަށްވެސް ބައެއް ދިރާސާތައް ބުނެއެވެ.
ޢިލްމީ ހޯދުންތަކުން އެނގޭގޮތުގައި އިންސާނާއަށް ބޭނުންވާ ހިނިތުންވުމުގެެ އިޙުސާސަކީ ބައެއްފަހަރު ކެއުން ބުއިމާ އެއްދަރަޖައެއްގައި ބޭނުންޖެހޭ ކަމެކެވެ. ހިތުގެ ބަލިތަކަށް ބޭނުންވާ ފަރުވާތަކުގެ ބޮޑުބައެއް އުފާވެރި ހިނިތުންވުމުގެ އިޙުސާސުން ލިބިދޭކަމަށް ސާބިތުވެފައިވެއެވެ. ހިނިތުންވެލާގޮތުގެ ސަބަބުން އަނެކާގެ ފުށުން ބޭނުންވާ އެތައް މަޢުލޫމާތެއް ފަސޭހަކަމާއެކު ހޯދައި ގަނެވޭކަމަށްވެސް ފަހުގެ ދިރާސާތަކުން ދައްކައެވެ. ޑަކުޓަރު އިބުރާހީމްލްފިޤީ ކިޔާ ބޭފުޅަކު ވިދާޅުވިގޮތުގައި ހިނިތުންވުމަކީ އެކެއްގެ މޫނުން އަނެކެއްގެ މޫނަށް "ވާރުތަވާ" ކަމެކެވެ.


ހިނިތުންވުމަކީ އިސްލާމްދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. މާތް ނަބިއްޔާ އިރުޝާދު ދެއްވާގޮތުގައި ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަޤާތެކެވެ. އަދި މިބަސްފުޅަށް ޢަމަލީ ސިފަ ގެނެސްފި ކޮންމެ މީހަކަށްމެ ހިނިތުންވުމަކީ ޚުދު ތިމާގެ އަމިއްލަ ނަފުސަށްވެސް  ކުރެވޭ ޞަދަޤާތެއްކަން ޔަޤީނެވެ. ވީއިރު، ހުރިހައި އެންމެންނަކީވެސް މި މަތިވެރި ހަދިޔާއިން ޞަދަޤާތްކުރާ ބަޔަކަށްވަމާ ހިނގާށެވެ.


ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ހިނިތުންވުމުގެ ބޮޑެތި ކެންޕޭންތައް ހިންގާފައިވާއިރު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައިވެސް "ސްމައިލިންގ ކެންޕޭން" ނަމުގައި އެތައް ޙަރަކާތްތަކެއް ހިންގާފައިވެއެވެ. އޮފީސް ކުންފުނިތަކުން ފެށިގެންގޮސް ރިސޯޓްތަކުގައާއި ސްކޫލު ފެންވަރުގައިވެސް މިޙަރަކާތްތައް ދަނީ މިހާރުވެސް ކުރިއަށެވެ. ބޭނުމަކީ ހިނިތުންވެރި ދިވެހި މޫނުތަކެއް ހަމައެކަނި އިތުރުކޮށްލުމެއްނޫނެވެ. އަބަދުވެސް ޙަޤީޤީ ހިނިތުންވާ ބައެއް ކަމުގައި ދިވެހިން ހެދުމެވެ. އެހިނިތުންވުމުގެ އަލީގައި ކުރިއަށް ދިއުމެވެ. ބޭރު މީހުން ރާއްޖެ ސިފަކުރަނީވެސް ހިނިތުންވާ ބައެއް އުޅޭ ތަނެއްގެ ގޮތުގައެވެ. ވީއިރު އަޅުގަނޑުމެންނަށް ލިބިފައިވާ މި މަތިވެރި ހަދިޔާއިން ޒީނަތްތެރިވުމަކީ ލިބޭ ހާސް ނިޢުމަތެކެވެ. ހިނިތުންވާށެވެ. ހިނިތުންވެލާށެވެ. އަގަކާނުލާ ލިބިފައިމިވާ ޚަޒާނާ އެންމެންނަށް ބަހާށެވެ. އޭގެ އެންމެ ރިވެތި ގޮތުގައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ