އަދުގެ ޚާއްސަ

Print

ގޯޅިތެރެ

ޝާޢިއުކުރީ ޙަސަން ރިޟާ، ތ.މަޑިފުށި . ހިމެނޭބަޔަކީ ވާހަކަ

 

ދަތުރު އައިފަހުން އެކި މީހުން އެތިބީ އެކިތަންތަނުގައި ޖެހިފައެވެ. ބައެއްމީހުން "ޖޯޑު" ހަމަކޮށްލައިގެންނެވެ. އަނެއް ބަޔަކު ރައްޓެހިންނާއި އެކުގައެވެ. އަހަރެންވެސް ޔާމީނާއި އެކު ކޮންމެވެސް ވާހަކައެއްގައި މަޑުކޮށްލީމެވެ. ދެމީހުން އެކަހެރިކަމުން ދައްކަމުން އައީ ދެމީހުންގެވެސް އަމިއްލަ ވާހަކައެވެ. އުކަމުން އައީ ޙަޔާތުގެ ބައެއް ޞަފްޙާތަކެވެ. "ދެން ކިޔައިދީބަލަ ކިޔަވަން އުޅުނު ދުވަސްވަރުގެ ވާހަކައެއް. ރަށުން ބޭރުގައި އުޅުނު އިރު ވަރަށް ކަންތައް އޮންނާނެ ނޫންތަ؟" ޔާމިންގެ މި ސުވާލުން އަހަރެންގެ ހިތް އެނބުރުނީ އެންމެ ދިމާއަކަށެވެ. ދެގޮތެއްނުވެ، ކޫރުމެއް އެޅިފައިނުވާ "އެ ވާހަކަ" އާއި ދިމާއަށެވެ.

 

ޔާމިންގެ ސުވާލުން ބޭނުންވަނީ އަހަރެން އުޅުނު ޙާލު ބަޔާންކުރުން ނޫންކަން އަހަންނަށް އެނގުނެވެ. އެހެންނެއްކަމަކު އޭނާވެސް ބޭނުންވަނީ ހެދެމުންއައި ޒުވާން އުމުރުގެ ކޮންމެވެސް ލޯބީގެ ޞަފްޙާއެއް ހިއްސާކޮށްލުންކަން އަހަންނަށް ވިސްނުނެވެ. އެއީ މީގެ 15 ވަރަކަށް އަހަރުކުރިއެވެ. ރަށުން ގްރޭޑް 7 ނިންމީ އެންމެ ރަނގަޅު ދަރިވަރުގެ ގޮތުގައެވެ. މުދައްރިސުންނާއި ސްކޫލުގެ އިސްވެރިންގެ އިތުރުން މައިބަފައިން އުފަލުން ރޮއްވާލުމަށްފަހުގައެވެ. އެދުވަހު މަންމަމެންނަށް ލިބުނު ހިއްވަރުން އަހަރެން ކިޔަވަން ފޮނުވީ ކައިރީގައި އޯލެވެލް އިމްތިޙާން ހެދެންއޮތް ކުޑަހުވަދުއަށެވެ. މަންމަމެންގެ އަތްމަތި ތަނަވަސް ނުވުމާއި، އަހަރެންގެ އިތުރުން 5 ކޮއްކޮއިން ބަލަންޖެހުމާއި ބައްޕައަށް ބުރަމަސައްކަތް ނުކުރެވުމުގެ ސަބަބުން މާލެފަދަ ތަނަވަސް ހިސާބަކަށް ދިޔުމުގެ ފުރުޞަތު އަހަންނަކަށް ނުލިބުނެވެ. ކުޑަހުވަދޫގައިވެސް ހުންނަންޖެހުނީ ކާފަގެ ރައްޓެއްސެއްގެ ދަރިއަކު ގާތުގައެވެ. އަހަންނަށް މުޚާތަބު ކުރެވުނީ "ދޮންތަ" ގެ ނަމުންނެވެ.

 

"އެ މަންޖެއަށް ކިޔަނީ ލީނާޒް". އަހަރެން ޖެހިލުމެއްނެތި "އެ ވާހަކަ" ފެށީމެވެ. އަހަންނަށް ލިނާޒް ފެންނަންފެށީ ކުޑަހުވަދުއަށް ދިޔަތާ 2 ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެރަށަށް ދިޔަ ފުރަތަމަ ދުވަސްކޮޅު މާގިނައިން ގެއިން ބޭރަށް ނުދާތީ ދަންނަ ކުދިން ވަރަށް މަދެވެ. ނަމަވެސް އަހަންނާއެކު 7 ނިމައިގެން އެ ރަށަށް ކިޔަވަން އައި އިތުރު ދެތިން ކުއްޖަކު އިސްކޫލުގެ މާޙައުލުން ފެނުމުން އުފާވެއެވެ. އަދި ވާހަކަ ދައްކާ ސާމާސާކޮށް ހަދަމެވެ. ފުރަތަމަ 2 ހަފްތާއެއްހާ ދުވަހު އިސްކޫލަށް ގޮސް އައިސް އުޅުނީ ދޮންތަގެ ތޮލްހަތާއި އެކުގައެވެ. އެއީ ރަށުތެރެއަށް ފަރިތަވެލުމަށެވެ. ނަމަވެސް ތޮލްޙަތަކީ އެހާ އަޚްލާޤް ރަނގަޅު ކުއްޖަކަށް ނުވާތީ އަހަންނަށް އޭނާ ކަމަކު ނުދިޔައެވެ. އޭނާއާއި ވަކިން އިސްކޫލަށް ހިންގަންފެށީ އޭގެކުރިން އިސްކޫލަށް ނުވެސް ހިނގާ މަގަކުންނެވެ.

އަހަންނަށް ލީނާޒް ފެންނަންފެށީ އެހިސާބުންނެވެ. އިންޓަވަލް ގަޑި އާއި އިސްކޫލު ނިމޭގަޑީގައި ދެމީހުން އެއްމަގަކުން ހިނގަން ފެށުމުން ދެކެފަރިތަވެއްޖެއެވެ. ނަމަވެސް އަދި އަނގައިން ނުބުނަމެވެ. ލީނާޒްވެސް ހަމަ އެފަދައެވެ. އަންހެންކުދިން ޚިޔާލާއި އޭރު ތަންކޮޅެއް ދުރުކަމުން އެކަމަކަށް ހިތެއް ބުރަނުވެއެވެ. ކޮންމެއަކަށް އަހަރެއްހާދުވަސް ކިޔެވުމަށް ފަހު އަހަރެން ބޮޑު ޗުއްޓީއަށް ރަށަށް އައީ ޢާއިލާއާއި ރައްޓެހިންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ބޮޑު ޗުއްޓީގައި ރަށުގައި ހުއްޓާ ދޮންތަގެ ކޯލަކަށް ރަށު ބޫތަށް މީހަކު ދަޢުވަތު ދިނެވެ. އެ ފޯނުކޯލުގެ މައިގަނޑު ވާހަކައަކީ އަހަންނަށް ޕްރިފެކްޓް ބޯޑުން ޖާގަ ލިބުނު ވާހަކައެވެ.

ޖެހިގެން އައި އަހަރު ފެށުމާއިއެކު ބޭއްވި ޕްރިފެކްޓް ބޯޑުގެ ބައްދަލުވުމުގައި އަހަންނަށް ލީނާޒް ފެނުނެވެ. އަދި އަހަންރެން ފަދައިން ލީނާޒަކީވެސް ޕްރިފެކްޓް ބޯޑުގެ މެންބަރެއްކަން އަހަންނަށް އެނގިއްޖެއެވެ. މިހާ ހިސާބުން ކުރީ އަހަރާއި ޚިލާފަށް އިސްކޫލުގެ ކަންކަމުގައި އުޅެންޖެހުން އިތުރުވެއްޖެއެވެ. ޕްރިފެކްޓް ބައްދަލުވުންތަކުގައި އަހަންނަށް ލީނާޒް ފެނުން އިތުރުވެއްޖެއެވެ. ދެމީހުންގެ ނަން އެކަކު އަނެކަކަށް އެނގި ދަސްވާންފެށީ މިހިސާބުންނެވެ. ކަންދިމާކުރިގޮތުން ލީނާޒް އުޅެނީ އަހަރެން އުޅުނުގެއާއި އިންވެގެން ހުރި ގޯޅީގެ އަނެއްފަރާތުގައި ހުރި ގެއެއްގައެވެ. ދެމީހުން އެއްގްރޭޑެއްގައި ކިޔެވަންޖެހުމާއި ބައްދަލުވުންތަކަށް އެއްވަގުތެއްގައި ދާންޖެހުމަކީ ދެމީހުން ދިމާވުމަށް އެޅުނު އިތުރު ފާލަމެވެ.

"ލީނާޒް ކިހިނެއްތަ؟" އެއީ އަހަރެން އޭނައާއި ވާހަކަ ދައްކަންފެށި ފުރަތަމަ ދުވަހެވެ. އެއީ އިސްކޫޅު ނިންމާފައި ގެއަށް އައި ދުވަހެކެވެ. ބޮޑުމަގު ދޫކޮށް ގޯޅި ތެރެއަށް އެޅުމާއި އެކު ދެމީހުން މިނިވަން ވީވަރުން އަހަރެން އޭނައަށް ގޮވާލީއެވެ. ޖަވާބުގައި ރަނގަޅު ކަމަށް ބުންޏެވެ. އަހަރެންގެ ނަން އޭނާއަށް އެނގުމާއި، އަހަންނަކީ ބުރުނީ ކުއްޖެއްކަން އެނގޭތީ އޭނާ އަހަންނަށް ސުވާލެއް ނުކުރިއެވެ. ނަމަވެސް އޭނާގެ ހިނިތުންވުމާއި މޫނުމަތީގެ އުފާވެރި ކުލަވަރުން އަހަންނާއި ވާހަކަދައްކަން ބޭނުންވާކަން އަހަންނަށް ހާމަވިއެވެ. އަދި އަހަރެންގެ ހިތް މަޑުމަޑުން އެ ލޯބި ޒުވާނާއަށް ގޮވަންފެށިއެވެ. އެ ލޯބީގެ ބަގީޗާއަށް ވަނުމަށް ކެތްމަދުވިއެވެ. އެހެނެއްކަމަކު އެވާހަކަ ހިއްސާކުރަން އަދި އަވަސްކަން އަހަންނަށް ވިސްނުނެވެ.

"މި ބުކްލެޓްގައި ހުރި ޖަވާބުތައް ރަނގަޅުތޯ ބަލާލަ ދީފާނަންތަ؟" އިސްކޫލު ނިންމާފައި އައި ދުވަހެއްގައި އެއްކަލަ ގޯޅިތެރެއަށް އެޅުމާއިއެކު ލީނާޒް އޭނާގެ ހިސާބު ސުވާލުކަރުދާސްތައް އޮތް ބޫކްލެޓް އަހަންނަށް ދިއްކޮށްލިއެވެ. "މިތާ؟ މިގަޑީގަ؟ ކިހިނެއް ބަލާނީ؟" އަހަރެންގެ ސުވާލުތައް ލީނާޒްގެ ރޭވުމާއި އެއްގޮތްވުމުން ގެއަށް ގޮސް ބާލާލާފައި ގެންނާށޭ ބުނެ ގޭތެރެއަށް ވަދެއްޖެއެވެ. އަހަރެންގެ ހިތް އަވަސްވެގަތީ އެލޯބި ޒުވާނާގެ ލިޔުން ދެކިލުމަށެވެ. އޭނާގެ ފެންވަރު ވަޒަންކޮށްލުމަށެވެ. ނަމަވެސް އެންމެ ފުރަތަމަ އަހަންނަށް ލިބުނީ އެފުރުޞަތެއް ނޫނެވެ. ބުކްލެޓް ހުޅުވާލުމާއިއެކު އަހަރެންގެ ފައިމައްޗަށް ވެއްޓުނީ ދެފަހަރަކަށް ފައްޖަހާލާފައިއޮތް މަޑު ދަނބުކުލައިގެ ގަނޑެކެވެ.

ހުޅުވާ ބަލާލިއިރު އެ ގަނޑުގެ ވައަތްފަރާތުން މަތީ ކަނުގައި ލިޔެފައިއޮތީ "I Love You" މިހެންނެވެ. ތިން ލަފްޒުގެ މި ޢިބާރާތްކޮޅު ކިތަންމެ ކުޑަނަމަވެސް މިއީ ކިހާބޮޑު ވާހަކައެއް ހެއްޔެވެ؟ ތީރީހަކަށް ފޮޅުވަތުގެ ދިގު މި ސިޓީއިން އަހަރެންދެކެ ލީނާޒް ލޯބިވާކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ނުސީދާ ގޮތަކަށް ނޫނެވެ. އަހަރެން ފެނުނު ފުރަތަމަ ދުވަހުންފެށިގެން ހިތްކިޔާކަމާއި، އަބަދުވެސް އަހަރެން ދެކެންބޭނުންކަމާއި، ލޯބިވާ ވާހަކަ ބުނަން ބޭނުންވެގެންއުޅޭތާ ދުވަސްތަކެއް ވެއްޖެކަން ފަދަ ވާހަކަތަކުން އަހަރެންގެ ހުވަފެން ޙަޤީގަތަކަށް ވާންއުޅޭކަން އެނގިއްޖެއެވެ. އަދި މިހުރިހާ ވާހަކައެއް ގެނެސްފައިއޮތީ އިނގިރޭސިބަހުން ކަމުން އޭނާގެ ފެންވަރުވެސް ވަޒަންކޮށްލެވިއްޖެއެވެ. ސިޓީގެ ނިމުމާއި ގާތުން ހިސާބެއްގައި އަހަރެންގެ ޖަވާބަކަށް ބޭނުންވެ ހުރިކަމަށް އޭނާ ލިޔެފައިއޮތެވެ. ސިޓީގެ އެންމެ ފަހަތުގައި ލިޔެފައި އޮތީ "Your Loving Lee" މިހެންނެވެ.

އަހަރެންގެ ޖަވާބުވެސް ހަމަ އެއްގޮތެވެ. ލީނާޒްގެ ކޮންމެ އިޙްސާސެއްގައި އަހަރެން ބައިވެރިވާކަމަށާއި، ލީނާޒް ފަދައިން އަހަރެންގެ ލޯބިވެސް ލީނާޒާއި އެކުގައިވާކަން ހާމަކޮށް ޖަވާބު ލިޔުނީމެވެ. ހަމަ އޭނާގެ ލިޔުމާއި އެއްގޮތަށް އިނގިރޭސިބަހުންނެވެ. އެއަށްފަހު އެއްކަލަ ބުކްލެޓް ތެރެއަށް ލުމަށްފަހު އަނެއްދުވަހު އިސްކޫލަށް ދިޔަ މަގުމަތިން ޖަވާބު ރައްދުކުރީމެވެ. އެދުވަހުން ފެށީގެން ދެމީހުންގެ ދެމެދުގައި ދެކެވެންފެށީ ލޯބީގެ ވާހަކަތަކެވެ. ނަމަވެސް އެހެން އެއްވެސް މީހަކަށް ނޭނގޭގޮތަށް ސިއްރުންނެވެ. އެދުވަސްވަރަކީ މޮބައިލް ފޯން ޢާއްމު ދުވަސްވަރަކަށް ނުވުމުން ގިނަ ވާހަކަތައް ޙިއްސާކުރި ސިޓީއިންނެވެ. އެކަކު އަނެކަކަށް ސިޓީ ރައްދުކުރަނީ ފުރަތަމަވެސް އެކަން ފެށުނު ގޮތަށެވެ.  

ލޯބީގެ ވާހަކަތައް އޭގެ އިންތިޙާއަށް ދިޔުމަށްފަހު ދެމީހުން ބައްދަލުކޮށްލުމަށް ބޭނުންވެއްޖެއެވެ. އިއްތިފާޤަކުންނެވެ. ދެމީހުންގެ ހުށައެޅުންވެސް ވަރަށް ޕޮސިޓިވްއެވެ. ދެވަނަ ޓާރމުގެ ޓެސްޓް ކައިރިވެފައިވާ ދުވަސްވަރެކެވެ. ލީނާޒް އަހަންނަށް ދަޢުވަތު ދިނީ ރޭގަނޑު 11 ޖަހާއިރު ގޯޅިތެރެއަށް ނުކުތުމަށެވެ. އަހަންނަށް އިންތިޒާރު ކުރެވުނުލެއް ބޮޑުކަމުން އިރުއިރުކޮޅުން ބޯދިއްކޮށް ބަލައި ލެވެއެވެ. ހައެއްކަ ފަހަރު ބަލައިލިފަހުން އަހަންނަށް ލީނާޒް ފެނުނެވެ. މަގުމައްޗަށް ނުފެންނަގޮތަށް ދޮރާށި ތެރޭގައި ކޮޅަށް ހުއްޓައެވެ. ކޮންމެވެސްވަރަކަށް ވިއްސާރައިގެ އަސަރުކުރި ދުވަހެއްކަމުން އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އަހަރެން މަޑުމަޑުންގޮސް އެ ދޮރާށި ތެރެއަށް ނިވާވީމެވެ. އެއަށް ދެމީހުންގެ ހިތުގައިވާ ޖަޒުބާތުތައް އެކަކު އަނެކަކަށް ކިޔައި ދިނީމެވެ. އަދި ލޯބީގެ އަރާމައި ލައްޒަތުގައި ގަޑިއެއްހާއިރު ހޭދަކޮށްލީމެވެ.

ކޮންމެއަކަށް މިކަންވެސް ޝެޑިއުލްކުރެވިގެން ކުރާކަމެއްކަމުގައި ނުވިޔަސް އާދަވެއްޖެއެވެ. ހަފްތާއަކު ދެތިން ރެއަކު ކަހަލަ ގޮތަކަށެވެ. ދަޢުވަތު ދިނުމާއި ޤަބޫލުކުރުން އޮންނަނީ އެއްކަލަ ގޯޅި ތެރެއިންނެވެ. މިގޮތަށް ބައްދަލުވާ ކޮންމެ ރެއަކީވެސް ދެމީހުންގެ އިޙްސާސްތައް ކިޔައިދީ، ކުރިމަގަށް ކުރާ އުއްމީދު ޙިއްސާ ކުރާ ރޭތަކަށް ވެއްޖެއެވެ. އަދި އެތައް ހުވަޔަކާއި ވަޢުދެއް މި ބައްދަލުވުންތަކުގައި ގެތިގެން ދިޔައެވެ. އޭގެތެރެއިން އެއް ވަޢުދު އަދިވެސް އަހަރެންގެ ސިނކުނޑީގައި ބިންވަޅުނެގިފައި އެބައޮތެވެ. އެއީ ލީނާޒްގެ މިބަސްކޮޅެވެ. "ތިބާ އާއި ނީނދެވިއްޖެނަމަ ދުވަހަކުވެސް މީހަކާއި ނީންނާނަން".

ދުވަސްތައް މިގޮތަށް ވޭތުވަމުންގޮސް އަހަރު ނިމުމަކާއި ކައިރިވެއްޖެއެވެ. އެހެން ނަމަވެސް އަހަރެމެން ދެ މީހުންގެ ދެމެދުގައިވާ ގުޅުން ހެއްދެވިފަރާތްނޫން އެހެން އެއްވެސް މީހަކަށް ނޭނގޭނެކަން އަހަންނަށް ޔަޤީނެވެ. ނަމަވެސް ފަހަކަށް އައިސް އިސްކޫލުން ނިމިގެން އައިސް ގޯޅިތެރެއިން ދެމީހުން ބައްދަލުވާތަން ފެނުން ގިނަވުމާއި، އޭނުނަސް ބައެއް ކަންތައްތަކުގެ ސަބަބުންލީނާޒްގެ މަންމަމެންނަށް ޝައްކުވެގެން އެސުވާލުކުރިކަމަށް ލީނާޒް އަހަންނަށް އެންގިއެވެ. އަދި އަހަންނަކީ ރަށުންބޭރު ކުއްޖެއްކަމުން މަންމަމެން އެހާ ހިތްހަމަ ނުޖެހޭކަން ލީނާޒް ބުންޏެވެ. އެކަމަކުވެސް ދެ މީހުންގެ ގުޅުމަށް ކުޑަވެސް ހީނަރުކަމެއް ނުގެންނަމެވެ. ގުޅުން ކުރިޔަށްވުރެ ގަދަވިކަން އަހަންނަށް ފާހަގަކުރެވުނެވެ.

އެއްރެއެއްގެ ދަންވުމާއި ގާތްވެފައި އޮތްވަގުތެވެ. ތޮލްހަތު ރަށުގައި ނެތް ދުވަސްވަރެއްކަމުން ކޮޓަރީގައި އޮންނަނީ އަހަރެން އެކަންޏެވެ. އެރެއަކީ ވިއްސާރައިގެ އަސަރު ކޮންމެވެސް ވަރަކަށް ކުރި ރެއެއްކަމުން ހުރިހާ ގޮތަކުންވެސް މިނިވަންކަން ވަރަށްބޮޑެވެ. ލީނާޒާއި ބައްދަލުވާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އަހަންނަށް ބޭރަށް ނުކުމެވުނެވެ. ލީނާޒްމެން ގޭގެ ދޮރާށި ފެންނަ ހިސާބުގައި ހުއްޓާ ކުއްލިއަކަށް އަހަންނަށް ފެނުނީ މީހަކު ހުއްޓިގެން ހުރިތަނެވެ. އެކަށީގެންވާ އަލިކަމެއް ނެތަސް އަހަންނަށް ލީނާޒެއް ނޯޅޭނެތާއެވެ. ކުރީ ރޭތަކާއި އެއްގޮތަށް އެރޭވެސް ދެމީހުން ބައްދަލުވެއްޖެއެވެ. ނަމަވެސް އެތާނގައި ތިއްބާ ކުއްލިއަކަށް ވައިގަދަވެސް ވިއްސާރަ ވެއްޖެއެވެ. ދެމީހުންވެސް ބޭނުންވީ އަދި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އެހެންކަމުން އަހަރެން ލީނާޒް ގޮވައިގެން ވަރަށް ސިއްރުން އަހަރެން އުޅޭ ކޮޓަރިއަށް ދިޔައީމެވެ. އެހިސާބުން ދެމީހުން އެކަހެރިކަން މާބޮޑަށް މިނިވަންވީތާއެވެ. އޭގެ ކުރިން ނުލިބޭ އުފާތަކެއް އެރޭގެ އެވަގުތުކޮޅުގައި ލިބިއްޖެއެވެ. އަދި ދެމީހުން އެކުގައި އެ ކޮޓަރީގައި ތިއްބާ ނިދިއްޖެއެވެ.

އަހަންނަށް ހޭލެވުނީ ލީނާޒް އަހަރެން ގައިގައި ކޮއްޓާލުމުންނެވެ. އޭރު ގާތްގަނޑަކަށް 2 ގަޑިއިރު ފަސްވެއްޖެއެވެ. އަހަރެންވެސް އަވަސް އަވަހަށް ލީނާޒް ގެއަށް ފޮނުވާލުމަށް އޭނާއާއިއެކު ބޭރަށް ނުކުތީމެވެ. އަހަރެން އުޅޭ ގޭގެ ދޮރާށިން ބޭރަށް ބޯ ދިއްކޮށްލުމަށްފަހު ކުއްލިއަކަށް ލީނާޒް އެތެރެއަށް ދެމިގަތެވެ. އަހަންނަށް ހުރެވުނީ ތަންކޮޅެއް ހަފަތުގައެވެ. އަދި އަހަރެންގައިގައި ބައްދާލުމަށްފަހު "މަންމަމެން އެބަ އާދޭ" ބުންޏެވެ. ތެދެކެވެ. ލީނާޒް ގޭގައި ނެތުމުން އެމީހުން އޭނާ ހޯދަން ނުކުތީއެވެ. ކުރިން އެމީހުންނަށް ކުރެވިފައިހުރި ޝައްކެއްގެ ސަބަބުން އަހަރެން އުޅޭ ގެއަށް އަންނަން އެމީހުންނަށް މަޖުބޫރުވީއެވެ. "ހަމަ މިހާރު ގެއަށް ހިންގާ" ހަރުކަށި ޢިބާރާތުން ލީނާޒް މަންމަ އޭނާއަށް އަމުރުކުރިއެވެ. އަހަންނަށް ހީވީ އަހަރެންގެ މުށުތެރޭގައި ތޮތް ޖަވާހިރެއް މީހަކު ޖަހައިގަތްހެނެވެ. އެއީ އަހަރެންގެ އަތުން ލީނާޒް ދޫވެގެން ދިޔަ ވަގުތެވެ.

އޭގެފަހުން އަހަންނަށް ލީނާޒާއި ބައްދަލުކޮށްލާނެ ވަގުތެއް ނުލިބުނެވެ. ވާހަކަ ދައްކާލާނެ ފުރުޞަތެއްވެސް ނުލިބުނެވެ. އެކަމަކު މިއަދު އެކަންވަނީ ހިނދިގެން ގޮސްފައެވެ. ދެމީހުންނަކީ ވެސް ކައިވެނިކޮށް ދަރިން ލިބި އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ  ދެ މީހުންނެވެ. އެކަމަކު އަހަރެންގެ ޙަޔާތުން ފަހަތަށް އެއްލޭ ކޮންމެ ޞަފްޙާއެއްގައި ލީނާޒްގެ ނަން ލިޔެވޭނެކަން ޔަޤީނެވެ. ކުއްލިއަކަށް އަހަންނާއި ޔާމިން ސިއްސައިގެން ދިޔައީ މަސް ބާނަން ދިޔަ ވޭލަރު އައިސް ގޮނޑުދޮށަށް ބީއްސާލުމުންނެވެ.

ނިމުނީ -

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ